ތާރީޚަށްޓަކައި، ދޯނި ހެރޮވުން

ހުވަދޫ ބަހުރުވައިގައި "ހެރޮވުން" ކިޔަނީ ކަނޑުދަތުރުކުރާ އުޅަނދެއްގެ ތެރެއަށް ދިޔައަރުވައި ކަނޑުތެރެއަށް ނުވަތަ ވިލުތެރެއަށް ވަކިވަރަކަށް ފެއްތުމަށެވެ.

ދޯނި ހެރޮވުމުގެ ބޭނުމަކީ ހުވަދުއަތޮޅުގެ ރިޔާ ދޯނިފަހަރުގައި މަހަށްދިޔަ ދުވަސްވަރު ދޯނި މަހަށްނުބައިވެ މަސްނުބާނާތީ ދެން އެހެންގޮތެއް ނެތިގެން މަސްފަންޑިތައެއް ހެދުމަށެވެ. އިންޖީނު ދޯންޏަކަށް މިފަންޑިތަ ހަދާނަމަ "ހެރޮވައި" ނިމެންދެން ދޯނީގެއިންޖީނު ނަގަންޖެހޭނެތީ ދޯނިފަހަރުގައި އިންޖީނު އެޅިފަހުން މިފަންޑިތަ ހަދައި ނުއުޅެއެވެ.

ދޯނިހެރޮވުން ކުރިއަށްގެންދަނީ އެކަމަށް ވަރަށްބޮޑަށް ތައްޔާރުވެގެންނެވެ. ދޯނީގެ މަޅުތަކާއި ކުނބާއި ވާވެލާވެއްޔާއި އެހެނިހެން އާލާތްތައް އެއްގަމަށް ބާލާނެއެވެ. ގެންދާނީ ދިޔަހިއްކާފައިތަކާއި ފައްޔާއި ދެތިންރިތާއި، ނަގިއްޔަކާއި ދަޅިޔަކާއި ވަލަކާއި ދެތިން ރޮދާއި މިފަދަ މަދު އާލާތެވެ.

ދޯނި ހެރޮވަންދާއިރު ދިހަބާރަވަރަކަށް ކާށި ލިޔެގެން ގެންދާނެއެވެ. މިތަކެއްޗާއެކު ދޯނީގެ މައިފަންޑިތަވެރިޔާ ދާނެއެވެ. އަދި ދޯނި އުނގުޅައި ސާފުކުރުމަށް ބޭނުންކުރާ ބޯމާޑެ(ބޮނބިން ހަދާފައިހުންނަ ބުރުސް)ތައް ގެންދާނެއެވެ.

ގއ. ވިލިނގިލީ މަސްދޯންޏެއް ކަމުގައިވާ އަޅުގަނޑުމެންގެ "ބޮޑެލިބޮވާ" މަސްދޯނި ރިޔަލުގައިދުއްވި ދުވަސްވަރު މަސްނުބާނައި ގިނަދުވަސްވެ މަހަށްނުބައިވެގެން ގޮތްހުސްވެގެން ހެރޮވަންދިޔަ ދުވަހެއްގައި ދޯނީގެ ކެޔޮޅުމީހާ އަޅުގަނޑު ގެންދިޔައެވެ. އެދުވަހު ދޯނި ހެރޮވަންދިޔައީ ދޮރެގައްލާ(ވިލިނގިލި ކުރިމަތިން އެތެރެވަރީގައި އޮންނަ އެންދަމާހަލެއް)ގެ ނިވަލަށެވެ. ފަލިޖަހާފައިގޮސް ފައްޔާއި ރިތްތައް ބޮނޑިއަކަށް ބަދެފައި އޮޔާނުދާނޭހެން ނަގިލި ލާފައި ބޭއްވީއެވެ. ކާށިތައްވެސް ދިޔަހިއްކާފަޔެއްގެ ތެރެޔަށް ލާފައި ރިތްތަކާއެކު ބަހައްޓައިފިއެވެ.

ދެންފެށީ ދޯނި ހެރޮވުމަށެވެ. ދޯނީގެވާހިތައް ނައްޓައި މިތަކެތިވެސް ދިޔަހިއްކާ ފަޔަކަށް އަޅައިފިއެވެ. ދެން ދޯންޏަށް ދިޔަ އަރަމުންދިޔަވަރަކަށް ދޯނީގެއެތެރެ އުނގުޅައި ސާފުކުރަން ފަށައިފިއެވެ. އަޅުގަނޑުވެސް މިމަސައްކަތުގައި ބައިވެރިވީމެވެ. ދިޔައަރައި އަޑިޔަށްދިއުމުން ދޯނި ބަންޑުންޖަހާލުމަށްފަހު ބޭރު ބަނޑުފިލާވެސް ވަރަށްރަނގަޅަށް އުނގުޅައި ސާފުކުރިއެވެ.

މިގޮތަށް އުނގުޅާއިރު ދޯނީގެ ދެކޮޅުން ދެއަރިމަތި ދެރިޔަނެއްހައި ދިގުމިނަށް ވަވަތުން ފެށިގެން ނުވަވަނަ މަޑުލާ ހަމަޔަށް ވަރަށް ފަރުވާތެރިކަމާއެކު އުނގުޅައި ބަލާނެއެވެ. އެއީ ދޯންޏަށް ކަންވެރިކަމެއް ހަދައި ދަނގަޑު ޖަހާފައި ހުރިތޯ ބެލުމަށެވެ. މިގޮތަށް ބަލާއިރު ދަގަނޑު ނުފެނިއްޖެނަމަ ދޯނި އެހެލުމަށްފަހު އޮޑަލުން މަށައިގެންވެސް ބަލާނެއެވެ. ދަގަނޑުޖަހާފައި ހުއްޓާ ފެނިއްޖެނަމަ އެއެއްޗެއް ލުއްސާލައި ދޯނި ރައްކައުތެރިކަމުގެ ފަންޑިތަ ހަދާނެއެވެ.

ދޯނި ރަނގަޅަށް ސާފުކޮށް ނިމިގެން ދެތިންފަހަރަކު ރޯލު ކޮށްލުމަށްފަހު ބަންޑުން ބާއްވައި ފަށަނުގައި ކާށިޖަހަން ފަށައިފިއެވެ. މިގޮތުން ފަށަނުގެ ތިން ހިސާބެއްގައި އާދެ، ދެކޮޅު ދެމަހަރާއި މެދުމަހަރުގައި ތިން ކާށި ޖެއްސެވެ. ކޮންމެ ކާއްޓެއްވެސް ޖަހައި ފަޅާލީ މުޅި ފަށަނުގައި ނިއުޅުންކޮށް ވަށައި ބުރެއް ހަމަ ކޮށްފައެވެ. ކޮންމެ ކާއްޓެއް ޖަހައި ފަޅާލުމަށްފަހު ފަންޑިތަވެރިޔާ ޤިބުލަޔަށް ހުރެ ބަންގިދިނެވެ.

ފަށަނުގެ ކާށިޖަހައި ނިމުނީމާ ދޯނި އުއްޑުން ޖަހައި ތެދުކުރުމަށްފަހު ވާހިތައް ޖަހައި ދިޔަހިއްކަން ފަށައިފިއެވެ. މިއީ ވަރަށް ފޯރީގައި ކުރި އަޅުގަނޑަށް ވަރަށްމަޖާ ކަމަކަށް ވިއެވެ. ދޯނިތެރޭގައި ފަސޭހައިން އުޅެވޭވަރު ވުމާއެކު ދޯނީގެ އެތެރޭގައި ކާށިޖަހަން ފަންޑިތަވެރިޔާ ފަށައިފިއެވެ. ކޮޅުފަސްކޮޅާއި ދިރުނބާކޮޅާއި މަސްވަތާއި އެންވަތާއި މިކަހަލަ ތަންތަނުގައި އެއްކާއްޓަށް ވުރެ ގިނައިން ޖެއްސެވެ. ކޮންމެ ކާއްޓެއް ޖަހައި ފަޅާލުމަށްފަހު ބަންގިދިނެވެ. ދެން ފަންޑިތަވެރިޔާ ދޯނީގެ މަސްވަތުގައި އިނދެގެން ކިޔަވައި ދުޢާކުރަން ފަށައިފިއެވެ.

އަޅުގަނޑުމެން ކުދިންގެ ކަމަކީ ކާށި ކެއުމެވެ. މިކަމަށް އަޅުގަނޑުމެންދިޔައީ ވަޅޯމަސް ވެސް ހިފައިގެން ތައްޔާރުވެގެންނެވެ. ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންވެސް ކާއްޓާއި މަހާއި ކައި ހެދިއެވެ. އަޅުގަނޑުމެން ދިޔައީ ބޯފެންވެސް ހިފައިގެންނެވެ. އަޅުގަނޑަށް މިދުވަސްވީ ވަރަށް މަޖާ ތަޖުރިބާއެއް ލިބުނު ދުވަހަކަށެވެ.

ފަންޑިތައިގެ ކަންކަން ނިމުނީމައި ފަލިޖަހާފައި މަޑުމަޑުން ރަށަށް ގޮސް ދޯނި އެހެލައިފިއެވެ. އޭރުގައި ރަށުގައި ތިބި ދޯނީގެ ފަޅުވެރިންހުރީ އޮޑިވަޅު ތައްޔާރުކޮށް ކަނދުއަޅައި ތައްޔާރު ކޮށްގެންނެވެ.

            ----------------------------

 މުޞަންނިފު:

ޢަދުނާނު ޙަލީމު

21 މޭ 2021މ.

 

ފޮޓޯ:

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮޓޮގްރާފަރ، 1980 ވަނަ އަހަރު ނަގާފައިވާ ގއ. ވިލިނގިލީ ފަޅުގައިހުރި ބައެއް މަސްދޯނިތަކާއި އެހެނިހެން އުޅަނދުތަކެއް.

ބައެއް ބަސްބަހުގެ ތަފްޞީލު:

ކާށިލިޔުން: ކާށި ލިޔުމަކީ ކާށި ވަރަށް ރީތިކޮށް މެށުމަށްފަހު ފަންޑިތަވެރިޔާ ފަންޑިތައިގެ ހަމަޔަށް ލިޔާ ލިއުން.

ވާހި: ދޯނީގެ ބަނޑުފިލާގައި އެންދިރުވަން ދިޔަ އެރުވުމަށް ތޮރުފާފައި ހުންނަލޯވަޅު.

ދަޅި: ވަލެއްޖަހާފައި ފަރަށް އެއްލާ ދިގުކޮށް އޮންނަ ފުނޑާދައިގެ ފޯލިހެން އޮންނަ ގަލެއް.

އޮޑާ: ކިއްސަރުވަޑާމުގައި މަށަން ގެންގުޅޭ ދަގަނޑު ތިލައެއްލައި ލަކުޑި މުށެއް ޖަހާފައި އޮންނަ އާލާތެއް.

މަހަރު: ފަށަނުގެ ދެކޮޅުމައްޔަލާ ގުޅޭ ތަން އަދި ފަށަނުން ދޯނީގެ މެދު.

ވާހިނެއްޓުން ނުވަތަ ޖެހުން: ވާހި ބެއްދުމަށް ބޮނބިން ނުވަތަ ނައިލޯނުގެ ބާވަތަކުން ހަދާފައި ހުންނަ އުނގުރި ނެއްޓުން ނުވަތަ ޖެހުން.

ބޯމާޑެ: ބޮނބިއަރިއެއް ދެބުރިއަށް ބުރިކޮށްގެން އަތަށް ހެޔޮވަރަކަށް ހަދާފައި އޮންނަ ބުރުހެއް.

ނިއުޅުން: ކާށި، އަތުން ހިފަހައްޓައިގެން އެއްޗެއް ކިޔަމުން ތަންތަނުގައި ޖަހަމުން ދިއުން.

ކާށިޖެހުން: ނިއުޅުމުގެ ބުރު ނިމުމުން ޤިބުލައަށް ހުރެ އެއްޗެއް ކިޔައި އަތުން ކާށި ކުޑަކޮށް މައްޗަށް އެއްލައި ހައެއްކަ ފަހަރު ހިފުމަށްފަހު ބާރަށް ޖަހައި ކާށި ފަޅާލުން.

ދަގަނޑުޖެހުން: ދޯނީގެ ވަކި ހިސާބަކަށް ސިހުރު ހަދައި މަޑުލުގެ މެދުތެރެއަށް ބޭރަށް ނުފެންނަ ގޮތަށް ތިނޯހެއް ނުވަތަ ދަގަނޑު ކައްޓެއްކަހަލަ އެއްޗެއް ޖެހުން.

ބޮޑެލިބޮވާ: މިއީ ވިލިނގިލީގެ މިދޯންޏަށް ޢާއްމުކޮށް ކިޔައި އުޅުނު ވަނަމެއް. ނަމަވެސް މިދޯނީގެ ނަމަކީ މަހަގައްލާ ބޮޑެލިބޮވާ ކިޔުނީ މިދޯނި ބަންނަމުން ދިޔައިރު ނާރިނގު ވައްތަރެއްގެ ބޮޑު ލުނބޯފަނި ކޮންމެ ދުވަހަކުވެސް ވަޑިންނަށް ދޭތީ.  މި ބޮޑުލުނބޯ ގަހަކީ 1967 ވަނަ އަހަރު ގދ. ތިނަދޫމީހުން އަތުލި "ވަދޫރާ" ކިޔުނު ޔޮޓުން ލިބުނު ލުނބޯތަކުން ވިލިނގިއްޔަށް އަޅުގަނޑުގެ މަންމައަށް ލިބުނު ލުނބޮއެއްގެ އޮށުން ވިލިނގިލީ ނަސްރީނުމާގޭ ބަދިގޭ ވަޅުދޮށުގައި ހެއްދި ގަހަކުން ހުސްނުވެ ލިބުނު މޭވާއެއް.

މަހަގައްލާ: ކޫއްޑޫއާ ދިމާއަށް އޮންނަ އެންދަމާފަރަކަށް ކިޔާ ނަމެއް.