މުޙައްމަދު އަމީނުގެ ވެރިކަން ނިމުނުއިރު ރާއްޖެތެރޭގެ ޙާލަތު

  

އަލްއަމީރު މުޙައްމަދު އަމީންގެ ޖުމްހޫރިއްޔާ ބަދަލުކުރިދުވަހު، އަންނަބީލު މަލިމް މުޙައްމަދުދީދީ ހުންނެވީ ހައްދުންމަތީގައެވެ. އަމީނުގެ ވެރިކަމުގެ ވުޒާރަތުއްދާޚިލިއްޔާއިން ފޮނުއްވި ފޮނުއްވުމަކާއި ގުޅިގެންނެވެ.

މުޙައްމަދު އަމީނުގެވެރިކަމަށް ނިމުންގެނައި އިންޤިލާބަށް އަހަރުފުރުމާއި ގުޅިގެން "ސަރުކާރުގެ ޚަބަރު"ގެ ޙަޤީޤީ މިނިވަންދުވަހުގެ ޚާއްޞަނަމްބަރު ގެ ނަމުގައި 124 ޞަފްޙާގެ މަޖައްލާއެއް ނެރުއްވިއެވެ. ތިރީގައިމިވަނީ، އެމަޖައްލާގައިވާ ލިއުމަކުން ނަގާފައިވާ ލިއުންކޮޅެކެވެ. ލިއުއްވާފައިވަނީ މަލިމް މުޙައްމަދު ދީދީ އެވެ. ލިއުމުގެ ސުރުޚީއަކަށް އަޅުއްވާފައިވަނީ، ލ. އަތޮޅުގެ "ރަށްވެހިކަމެވެ." މިލިއުމުގައިވަނީ، ސަރުކާރުން ފޮނުއްވީމާ، އޭނާ ވަޑައިގެން ހުންނެވި އަތޮޅުގައި ކަންހުރިގޮތެވެ. ރައްޔިތުންގެހާލެވެ. އެފަކީރުން އުޅުނު ނިކަމެތިއުޅުމެވެ. ދެލޮލުން ކަމެއްދެކޭމީހާ، އޭނާ ދުށްގޮތް އެހެންމީހުނަށް ކިޔައިދިނުމަށް ލިޔެފައިހުންނަ ލިޔުމަށްވުރެ ކަމެއްގެ ހޯދަން އިތުރަށްބަލަން އޮންނާނީ ކޮންއެއްޗެއްތޯއެވެ.

މަލިން މުޙައްމަދު ދީދީ ލިއުއްވާފައިވެއެވެ:

ރާއްޖޭގެރައްޔިތުން ރާއްޖެއަށް ގެންނެވި އިންޤިލާބެއްގެ ނަތީޖާއެއްގެގޮތުން ލިބެމުންދާ ނިޢުމަތްތަކުގެ މައްޗަށް މިންނެތްފަށުން ޝުކުރުއަދާކުރަމެވެ.

އާދެ! މިބޮޑުބަދަލު ރާއްޖެއަށް އައިއިރު ކަންދިމާވިގޮތުން، އަޅުގަނޑަކާއި ރަނގަޅަކަށް ދިމައެއްނުވިއެވެ. މިހެނީ އެވަގުތު އަޅުގަނޑުހުރީ ވުޒާރަތުއްދާޚިލިއްޔާގެ އެންގެވުމަކަށް ގޮސް ލ.އަތޮޅުގެ ވެރިކަންކުރާ ހިތަދޫގައެވެ. އެއިރު އެއަތޮޅުގައި ރަށްވެހިކަމުގެ ކަންތައްހުރީ، ވަރަށްމަތީ ދަރަޖައަކަށް ހިނގަހިނގައެވެ. ޒަމާނުއްސުރެ މީހުން އުޅެމުންއައި ބައެއްރަށްރަށްވަނީ، ފަޅުވެ ވީރާނާވެފައެވެ. މީހާގެ މަސްވަޅުލީ ލޮބުވެތިވަޒަނާއި މައިންބަފައިންގެ ކިބައިން ވާރުތަވީ ގެދޮރާއި ދަނޑުފަގުދޫކޮށް އަނެއްބައެއްގެ ރަށަށް ނަގުލުވީ މީސްތަކުންތިބީ، ވަރަށްވެސް ހިތްދަތިހާލެއްގައެވެ. ގެދޮރުހުރީ، މަހަށްދާމީހުންގެ ބަނޑަހަ ފަދައިންނެވެ. ރާނާ ޓިނުޖެހިގޭގޭގެ ބަދަލުގައިހުރީ، ބިމަށް މުޑިޖަހައި އަޅާފައިހުރި ގޭގެއެވެ. ހިނައި ތާހިރުވެ ކައްކައި ކައިބޮއިއުޅެން ފެންނަގާވަޅުތައް ހުރީ، ބޮނބިއަޅާން ކޮނެފައިހުންނަ އޮޅުތަކެއްފަދައިންނެވެ. ގޭގެދޮރުން ނުކުމެގެން ހިނގަންޖެހެނީ، ކަނޑާ ތިރިކޮށްފައިހުރި އެތަކެއް ރުއްގުޅި ގިރާކޮށްފައެވެ. މެދުގޯތިތައްވަނީ، އަޑިގުޑަންވެ ވާވެފައެވެ. ހިނގަންޖެހެނީ ކެނޑި ރުއްތަކުގެ ބުޑުތައްމަތިންނެވެ.

މިކަންކަން މިހެންހުރިނަމަވެސް، ޒީނަތްތެރިކަން ވަރަށްބޮޑެވެ. ކޮންމެރަށެއްގެވެސް އެންމެ ވާބޯ އަދި ކާބޯތަކެތި ގިނަތަނުން ބޯޅަދަނޑާއި އަދި ބަށިކޯޓުވަނީ ހަދާފައެވެ. ހިތަދޫގެ ބޯޅަދަނޑުގެވަށައި 673 ރިޔަން ހުއްޓެވެ. އެއީވެސް ކުރީގައި ރުކާއި ބަނބުކެޔޮގަހުން ފުރިފައިވާ ތަނެކެވެ. މިތަނުން ދެހިންނަ ގެއްލިފައި ވެއެވެ. ވަރަށްބޮޑެތި މިސްކިތްތަކާއި، އެހެނިހެން ބިނާތައްވެސްވަނީ، މަހާނަގަލުން ނަމަވެސް ރާނަން ފެށިފައެވެ.

މަގުތަކުގެ ފާރުތައްވެސްވަނީ، ހިސާބަކަށް ރޭނިފައެވެ. ކޮންމެރަށެއްގެ ގޮނޑުދޮށުގައިވެސް ދިގު ފާލަމެއްއޮތެވެ. ނަމަވެސް ގެދޮރުނެތް ކިތަންމެބަޔަކު ތިބޫއެވެ. ދެފުރާޅުޖައްސައި އޭގެދަށުގައި އުޅޭބަޔަކުވެސް ތިއްބެވެ. އަދި އަރިއަށްހުރި ފުރާޅުގަނޑެއްގެ ދަށުގައިއުޅޭ ވަރަށްބަލިކަށި އަންހެނަކުވެސް ފެނުނެވެ. ރޯދަމަހުގެ ހައުރުކެއުމުގެ ހުއްދަލިބެނީ ދެރުއް ވައްޓައި، ދެބަނބުކެޔޮގަސް ކެނޑުމުން ކަމަށާ، ޅަދަރިމައި އަންހެނުން ކޮއި (ކުޑަދަރިފުޅު) ގޮވައިގެން ފުއްޓަރަށްގޮސް ފަންގަނޑެއްގައި ދަރިފުޅު ބާއްވާފައި ރުއްގުޅި ބުރިކޮށް އުވަވަޅު ޖެހުމުގެ މަސައްކަތް ރެއިގަނޑު ކުރާކަމުގައި ޚަބަރުލިބުނެވެ. ހަމައެފަދައިން ޢިޝާނަމާދުކުރި މިސްކިތް ފަތިސްނަމާދަށް އައިއިރު ނެތްކަމުގައިވެސް ބުނެއެވެ. މީހުންގެ މުރާލިކަން ވަރަށްވެސްބޮޑެވެ. ކުދީން ވިހާފައިތިބި އަންހެނުން އުވަގަށައި، ގާތަޅައި، ރާނާހަދައެވެ. މަހަކަށް ފަރަކަށް ދިއުމެއްނެތެވެ. މަދްރަސާތައް ވަރަށްކުރިއަށް ހިނގައެވެ. ސިފައިންގެ ކަސްރަތު ވަރަށްފުރިހަމައަށް އަދާކުރެއެވެ. ޠާލިބާއިންގެ ލަވަކިއުމާއި ބެރުޖެހުމީ އެއްމާއްދާއެވެ. ރޭގަނޑުގައި މިބައިމީހުންގެ އެންދެރުސަވާ އޮވެއެވެ.

ރަކިހިނި ހުނުމުގައި ކުރިޔަށްދެވުނު ޠާލިބާއަކީ، އިނާމު ޙައްޤުވެރިއެކެވެ. މަދްރަސާގެ ނާޒިރާއިން، ނާޒިރާއި ކަންކަމުގައި މަޝްވަރާކޮށް އުޅެނީ، ރޭގަނޑު ދޭއްޖެހުމުގެ ފަހުގައެވެ. ދަނޑިމަސް ހިފައިގެންދާ މީހުނާއި މިތަނާދިމާވުމުން ކުށްވެރިވެސްވެއެވެ. ރަށްރަށަށް ލަފާއިރުގައްޔާ ފުރާއިރުގައި ގާޑްއޮފް އޮނަރގެ ބަދަލުގައި ތިބެނީ، މަދްރަސާގެ ދެގޮފީގެ ދަރިވަރުންނެވެ. އަތުގައިހިފާ ސަލާމްކުރުމަށް ކުރިޔަށް ނުކުންނަނީ، އަންހެންކުދީންނެވެ. ކުދީންނޭ ދެންނެވިއަކަސް އެއީ ސައުދަ އަހަރާއި ވިހި އަހަރާއި ދެމެދުގެ ހިމަ ހޯއްދުމުގެ ޅަމަސް ޖަހައިފައި ތިބި ފުރާވަރުގެ އަންހެނުންނެވެ. މިބައިމީހުން ތިބެނީ ފާސްކުރިހެދުން އަޅައި އިސްރާފުގެމަގުން ފުށްޖަހައި ޒީނަތްވެ މަލުއަތަރުން ވަސް ދުއްވައިގެންނެވެ. މިބައިމީހުން ކަޑަހިނި ހީއުޅުމާއި އަދި ބައެއް ހަރަކާތްތަކުން އެޒަމާނުގެ މާލޭގެބައެއް އޮފީސް ހަނދާންކޮށްދެއެވެ. ދިހަރޯދަ ޢީދުގެތެރޭގައި ކުޅިވަރު ވަރަށްބޮޑެވެ. ޕިންގ ޕޮންގ - ފުޓްބޯޅަ - ބަށި - އަދި މިނޫންވެސް ވަރަށްގިނަ ކުޅިވަރުތަކުގެ މުބާރާތް އޮތެވެ. އަދި ދަރީންލިބިފައިވާ އަންހެނުންގެމައްޗަށް އެކުލެވިފައިވާ ދުވުމުގެ ރޭހެއްވެސް އޮތެވެ. އަދި ރޭގަނޑުގައި ނާޗަރަންގީ ވަރަށްފުރިހަމަގޮތުގައި އޮވެއެވެ. އަތޮޅުގެތެރެއިން އަންހެނުންނާއި ފިރިހެނުންއައިސް ހިތަދޫވަނީ ފުރިފައެވެ. އިހުގައި ރަށްފުށުގެ ބޮޑުމައުލޫދު ކިޔާއިރެކޭ އެއްފަދައެވެ.

އާދެ! މިގޮތުގައި އުފަލުގައިތިބި ބަޔަކުވެސް ތިބޫއެވެ. ނަމަވެސް އަނެއްބަޔަކުތިބީ، ހިތާމައިން ފުރިއަރައި، އަދަބު ބޮޑުކަމުގެމައްޗަށް ބިރުވެތިވެ ހާސްވެފައެވެ. ކަމަކާއިމެދު ތުހުމަތުވެއްޖެ މީހާގެ ޙުކުމަކީ އިޢުތިރާފުވަންދެން ތަޢުޒީރުކުރުމެވެ. ޖަލުގެއަށް ދެވިއްޖެމީހާގެ ކާނާއަކީ، އިރަކު - ފުރައްދެއޮޑިއަށް ނުގުނާވަރުގެ ކާށީގެކިބައެކެވެ. ގޭގައި ބަންދުވެފައިތިބި މީހުނާއި، ރަށުގައި ބަންދުވެފައިތިބި މީހުނާއި، މާލެދިއުން މަނާވެފައިތިބި މީހުންތައް މަދެއްނޫނެވެ. އެއްވެސްމީހެއްގެ މިލްކެއްނެތެވެ. ވިޔަފާރީގައި މިނިވަންކަމެއް ނެތެވެ. ރޯނުގެއަކަށް ހަކުރުގެއަގަށް ލިބުނު މަތިވެރިކަމެއްނެތެވެ.

ހުރިހައި އެއްޗެއްމެ ޖަމްޢިއްޔާއަށް ވިއްކުންވަނީ މަޖުބޫރުވެފައެވެ. އެއްވެސް ރަށަކަށް އެރަށެއްގެ ކާޑުގެތަކެއްޗެއް ނުގެނެވެއެވެ. ޖަމްޢިއްޔާއަށް ގެނައިމާ ޖެހެނީ ބޮޑުއަގުގައި ގަންނާށެވެ. ވިޔަފާރީގެ ކަންތައް ވަރަށްބޮޑެވެ. ޖަމްޢިއްޔާގެ ފައިސާ ނުހަނުގިނައެވެ. މަސައްކަތް ވަރަށްވެސްބޮޑެވެ. ފިހާރައިގާ ފޭރާމާއި އެހެން މުދައު ނުހަނު ގިނައެވެ. ނަމަވެސް ގަންނަންލިބެނީ ބޮޑުއަގުގައެވެ. މިނޫންގޮތެއްގައި ލިބެނީ ވަރަށްމަދު ބަޔަކަށެވެ. އަޅުއަންހެނާގެ އައުރައަށްވާހިސާބުވެސް ނިވާނުވާ އަންހެނުންވެސް ތިބޫއެވެ. ހަމައެފަދައިން ފަތާ ހެދުމުގެ ޖަނގިޔާއިން ނިވާވާވަރަށްވުރެ އިތުރަށް ނިވާނުވާ ފިރިހެނުންނާއި ބައްދަލުވިއެވެ. ދަތިހާލުގައި ތިބި ނިކަމެތިން، އަޅުގަނޑާއި ބައްދަލުކުރަނީ، މީހުންގެ އަނބީން ވަގުފިރިންނާއި ބައްދަލުކުރާފަދަ ދަތިގޮތެއްގައެވެ. އަނގައިން ބުނެ ވާހަކަދައްކަނީ، ދެކޮޅުހޯދައި ބަލާފައި ވަރަށްބިރުން ތިބެގެންނެވެ. ޒިކުރުކިއުމާއި ޒިޔާރަތުގައި ދުންބުރުވުން މަނައެވެ.

މަޣުރިބުނަމާދުގެ ވަގުތުގައި ފުޓްބޯޅަ ކުޅުމާއި ބަންގީގެ އަޑަށްވުރެ އަޑުގަދަކޮށް ހަޅޭލަވައި ބޯޅަކުޅުމީ އާދައެކެވެ. އަދި މިނޫންވެސް ބަޔާން ނުކުރެވޭފަދަ ރޮނގުރޮނގުން ރަށްވެހިކަން، ދަނީ ކުރެވެމުންނެވެ. ކަންމިހެން ހުރުމުގެ ސަބަބުން އެނިކަމެތީންނަށް ޖެހިފައިވާ އާފަތްތަކުގެމައްޗަށް ހިތާމަކޮށް، އެމީހުންގެމައްޗަށް ހަމްދަރުދީވެ، އެކަމާއި އެހީއެއްވެވޭނޭ ގޮތަކާއިމެދު ވަރަށް ފިކުރުބޮޑުވެ ހިތްދަތިވެފައި މިޚިޔާލު ބޮޑުވެގެން، ބައެއް ރޭރޭ ނިދިވެސް މުޅީން ނެތިދެއެވެ. ނަމަވެސް ވަގުތުނާންނާތީ ހުރީމެވެ.

އާދެ! ފިނދަނަވެސް ލޮނުގަނޑު ބޯން ތުންޖެހީ، ދިޔަވަރުހިކެން ޖެހި އިރާއި ދިމާކޮށެވެ. މިކަންތައް ފެނުމުން ގިނަގިނައިން ހަނދާންވަނީ ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުންގެ ޙަދީސްފުޅެކެވެ. އެއީ، ވެރިކަން ކާފިރުކަމާއިއެކުވެސް ދެމިއޮވެދާނެއެވެ. އެކަމަކު އަނިޔާވެރިކަމާއިއެކު ދެމިނުހުންނާނެއެވެ. މި މާނަ އެކުލެވިގެންވާ ހަދީސްފުޅެވެ.

        -------------------------

"ދިވެހިޑައިޖެސްޓް – 40 ވަނަ ޢަދަދުން ނަގާފައި