ޣިޔާސުއްދީން ރަދުން ހޯއްދަވައި ދެއްވި، މިނިވަންކަމުގެ ހަދިޔާ


ޤައުމެއްގެ ޙަޔާތުގައި އެޤައުމެއްގެ އެންމެ މަތީ ވަލީ އާ ޙަވާލުވެހުންނަވާ ކޮންމެ ވެރިއަކީވެސް ޙަޤީޤަތުގައި އެ ޤައުމެއްގެ ރައްޔިތުންނަށް ޚިދުމަތްކުރަންޖެހޭ ޚާދިމެކެވެ. މަތިވެރި ރަސްދަރިކޮޅަކުން ވިރާސީ ރަސްކަމެއްގެ ތަޚުތުގައި ވެޑުވޭ ރަސްކަލަކަސް، ޢާންމު ރައްޔިތުންގެ ވޯޓުން ހޮވިގެން ޤައުމުގެ ސިންގާސަނާގައި ވެޑުވޭ ރައީސަކަސް މިކަން އޮތީ މިމަގަށެވެ. އެހެންނަމަވެސް، ތާރީޚުގެ ފަތްފުށްތަކުން ފެންނަގޮތުގައި އެއިރެއްގައި ހުންނަވާ ވެރިއަކު "މޫނުބައްލަވަން ގެންގުޅުއްވާ ލޯކޮޅުން ބައްލަވާއިރު ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި" އެވެރިއަކަށް އެވެރިއަކު ފެނިވަޑައިގެން ޚިދުމަތްކުރެއްވި ވެރީންކަމުގައި ބެލެވޭ ވެރީންގެ ލިސްޓަކީ އެހައިދިގު ލިސްޓެއްނޫނޭ ދަންނަވަންޖެހެއެވެ. މިލިސްޓުގައި ފާހަގަކޮށްލެވޭ ޚިދުމަތްތެރީންގެ ވާހަކަ ތާރީޚުގައި ލިޔެވިފައި ހުންނަނީ ތާރީޚު ލިޔާމީހުންނާއި ވެރިކަމުގެފަރާތުން ބޭނުން މިންވަރަކަށް ބޭނުންވާ ކުލައެއް ޖައްސައިގެންނެވެ. އެހެންކަމުން މިދެންނެވި ލިސްޓްގައިހިމެނޭ ބޭފުޅުންގެ ޚިދުމަތްތަކުގެ މައުލޫމާތު ފަހުތިބީންނާއި ހަމައަށް އައިސްފައި ހުއްޓަތީ ފެންނަނީ ވަރަށް ފެންފެންކޮށެވެ.

އަޅުގަނޑު ލިޔާންފަށައިގެން މިއުޅޭ ސިލްސިލާގައި އަލިއަޅުވައިލެވޭތޯ މިބަލައިލަނީ ދިވެހިޤައުމު ދެމިއޮތްހައިހިނދަކު، އެދަރިއެއްގެ ޤައުމީ ޚިދުމަތްތަކަށްޓަކައި ދިވެހިޖައްވުގައި ވިހުރޭ ދިވެހި ދިދަ ކުރުނީސްކުރާނެ ޚިދުމަތްތަކަކަށެވެ. އެޚިދުމަތްތަކަށްޓައި ދިވެހިބަސް ޝުކުރުވެރިވޭވެ އޮންނާނެ ބަޠަލެއްގެ ޚިދުމަތްތަކަކަށެވެ. އެޚިދުމަތްތަކަށްޓަކައި ދިވެހިބިން ހެކިވޭވެ އޮންނާނެ ބަޠަލެއްގެ ޚިދުމަތްތަކަކަށެވެ.

އާދޭހެވެ. އައްސުލްޠާން މުޙައްމަދު ޣިޔާސުއްދީން ސިރީ ކުލަރަންމަނި ކީރިތިމަހާރަދުން ނުވަތަ ހާޖީ ބަންޑާރައިންގެ ޚިދުމަތްތަކަކީ ދިވެހިތާރީޚުގައި ވަރަށް ކުލަގަދަކޮށް ފެވިފައިވާ ލާމަސީލު ޚިދުމަތްތަކެކެވެ. އެޚިދުމަތްތަކަކީ އޭގެ ފޮނިމީރުކަން މިއަދާ ހަމައަށްވެސް ލިބެންހުރި ޚިދުމަތްތަކެކެވެ.

ހިޖުރައިން 1182 ވަނަ އަހަރުގެ ރަމަޟާންމަހުގެ 11 ވީ ހޮނިހިރުވިލޭރޭ ރޯދަފުޅު ވީއްލަވަން އިންނަވަނިކޮށް ހާޖީބަންޑާރައިންގެ ކަންފަތްޕުޅަށް އެރުވި ޚަބަރަކީ ދިވެހީންގެ ލެޔަށް ދަހިވެތިވެފައިވާ ހޮޅިން (މަލާބާރީން)ގެ ގުރާބުތަކެއް ރާއްޖެ ހިފަން އަންނަ ޚަބަރެވެ. އޭގެ ތިން ދުވަސްކުރިން އެ ރަދުންގެ ދަރިކަނބަލެއް އަވަހާރަވެފައިވާތީ އެކަމާ މޮޅިފުޅުން އިންނަވަނިކޮށް ލިބިވަޑައިގަތް މިޚަބަރުން ޣިޔާސުއްދީން ރަދުންގެ ޢަޒުމްފުޅެއް ނުގުޑައެވެ.


ހޮޅިންނާ ދެކޮޅަށް ހަނގުރާމަކުރެއްވުމަށް ކަމަރު ބަންނަވައިގެން ޣިޔާސުއްދީން ރަދުން ކޮއިލުތެރޭގައި އިންނެވީއަކީ ނޫނެވެ. ކޮމާންޑަރ އިން ޗީފްގެ ހައިސިއްޔަތުން ހަމައެކަނި ޙިކުމަތު ޢަމަލީއާއެކު ޢަމުރު މަޢުރޫފު ނެރުއްވެވީއެކަންޏެއްވެސް ނޫނެވެ. މާލެ ދިފާޢީ ގޮތުން ތައްޔާރުކުރައްވައި، ޢަލިރަސްގެފާނާއި އުތީމު މަހާރަދުންނާއި އިސްކަންދަރު ރަސްގެފާނާއި ބޮޑުކިލެގެފާނާއި ދޮންބަންޑާރައިން ފަދަ އަބުޠާލުން ފަދައިން ޢަމަލީ މައިދާނުގައިވެސް ޙަރަކާތްތެރިވެވަޑައިގެންނެވީއެވެ. ނަމޫނާ މިސާލުން މަގުދައްކަވަމުން މިކަން ދަސްފުޅުކޮށްދެއްވުމަށް އެރަދުންގެ އިބްރާހިމްއޭ ކިޔުނު ދަރިކަލުންވެސް ހަނގުރާމައިގެ މައިދާނަށް ނެރުއްވިއެވެ. މިއިބްރާހިމް އަވަހާރަވީ ޣިޔާސުއްދީން ރަދުންގެ ޙައްޖުދަތުރުފުޅުގައި އަރިހުގައި ޙައްޖަށް ވަޑައިގެން އުޅުއްވަނިކޮށެވެ. (ފަހުން ޙަސަން ނޫރައްދީންގެ ރަސްކަމުގައި ޣިޔާސުއްދީން ރަދުންގެ ޢަބުދުﷲ އޭ ކިޔުނު ދަރިކަލުންނަށް ފާމުލަދޭރިކަން ދެއްވުމުން ނަންފުޅެއްކަމުގައި ހަމަޖެއްސެވީ އިބްރާހިމް ފާމުލަދޭރިކިލެގެފާނުކަމަށެވެ.)

ނަސީމާ މުޙައްމަދު (ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން، 2009މ: ސ.218) ބަޔާންކުރައްވާ ގޮތުގައި "މިހަނގުރާމަ ފެށިގެން ހިނގަމުން ދިޔަ ދުވަސްތަކުގެތެރޭގައި ރަދުން މަސައްކަތްޕުޅު ކުރެއްވީ ލަސްކަރީންގެ މީހެއް ފަދައިންނެވެ. ފީސާ ބައްދަވައިގެން ހުންނަވައި، ބަޑިއަށް ބޭސްލައްވައި ތައްޔާރުކުރައްވައި، ކަނޑި، ފިސްތޯލަ، ލޮންސި ތައްޔާރުކުރެއްވުމުގެ މަސައްކަތްޕުޅުގައި އުޅުއްވިއެވެ. އަދި ހަނގުރާމައިގެ ކަންތައްތައް ހިންގަންވީ ގޮތްވެސް ވިދާޅުވެދެއްވަނީ ރަދުންނެވެ.
ހޮޅިންގެ ހަނގުރާމަވެރި ގުރާބަށް މާލެއާ ހަމައަށް އާދެވުނުއިރު މާލެ އޮތީ ޣިޔާސުއްދީން ރަދުންގެ ރޭއްވެވުންތެރިކަމާއެކު ތައްޔާރީ ޙާލަތަށް ގެނެވިފައެވެ. ކޯއްޓޭތައް ވަރުގަދަ ކުރައްވައި ދިފާޢީގޮތުން ރަނގަޅަށް ތައްޔާރުކޮށްފައެވެ. މިހަނގުރާމަ ހިނގައިދިޔަގޮތް ދިވެހިތާރީޚުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ގޮތަށެވެ.

"ދެން މިރަދުންގެ ރަސްކަމުން ދެވަނަ އަހަރު ކަންނަންނޫރު ޢަލީ ރާޖާ ހަނގުރާމަ ހަދައިފާ ހަ ނަވާއި ނުވަ އޮޑިޔާއި ފޮނުއްވީމާއި ޛުލްޤަޢްދު މަހު އަށާވީސް ދުވަހު އައިސް ދޫނިދުވާއި ވިހަމަނާ ފުއްޓާއި ދޭތެރެޔަށް ނަގިލި ލިއޭ. ދެން ހުޅުލެޔަށާއު ފުނަދުވަށާއި ދެރަށަށް މީހުން ފޭބިޔޭ، ފައިބައިފާ ފުނަދުވަށް ފޭބި މީހުން އެރަށަށް ބަޑި ބާލައިގެން ބަޑިޖަހާން ފަށައިފިޔޭ..ދެން މާލެއިންވެސް ބަޑިޖަހާން ފެށިޔޭ.. މާލޭގެ އައުބުރުޒުން ޖެހި ބަޑިޔަކު އުންޑައިން ޖެހި އެމީހުންގެ މީހަކު މަރުވިޔޭ..އެމީހާ ހުޅުލޭގައި ވަޅުލައިފޫއެވެ. އެމީހާގެ މަހާނަ މިހާތަނަށް އަންނާންދެންވެސް ޢިމާރާތް ވެގެން ވެޔޭ.. ދެން މަލާބާރީން އެހަނގުރާމައިގައި އުންޑަ އަޅައިފައި މާލެޔަށް ފައްސަތޭކަ ނުވަދިހަ ހަތް (597) ބަޑި ޖެހިޔޭ. އެމީހުން ޖެހި ބަޑީގެ އުންޑަޔަކުން ދެއަންހެނުންގައިގައި ނޫނީ ނުޖެހެޔޭ. އޭތެރެއިން އެއް އަންހެނަކު އުރުގައި ޅަކުއްޖަކު އިނޭ.. އެކުއްޖާވެސް މަރުވިޔޭ..މާލޭން އެމީހުނާއިދިމާޔަށް ދުއިސައްތަ ސާޅީސް ފަސް ބަޑި ޖެހިޔޭ.. އެމީހުން އެ ޖެހިހާ ބަޑީގެ އުންޑަތަކުން މާތްރަސްކަލާގެ ދިވެހީން ސަލާމަތް ކުރެއްވޫއެވެ. އިހަށް މަރުވިޔޭ އެބުނި މީހާ ނޫނީ އެމީހުންގެ ތެރެއިންވެސް މީހަކު މަރުވިކަމެއް އެގިޔެއް ނެތޭ..ދެން އެޔަށްފަހު އެމީހުން ފުރައިގެން ކަންނަންނޫރަށް ހިގެއްޖެޔޭ.."

ޙާޖީ ބަންޑާރައިންގެ ހަނގުރާމައިން ދިވެހީންނަށް ލިބުނީ ވަރަށް މަތިވެރި ނަޞްރެކެވެ. މިހަނގުރާމައިން ބަލިވެގެން ހޮޅީން ފުރަފުރައިގެން ދާންފެށުމުން ޣިޔާސުއްދީން ރަދުން ނިންމެވި އެންމެ ވަރުގަދަ ނިންމެވުމަކީ އެ ހޮޅީންގެ ފަހަތުން ހަނގުރާމަވެރި އުޅަނދުތަކެއް ފޮނުއްވައި، އެމީހުން އެނބުރި އައުމުގެ ހުރިހައި ހިތްވަރެއްވެސް އަބަދުގެ އަބަދަށް ކަފުންކުރެއްވީއެވެ. އާދޭހެވެ. އެތައް ޒަމާނެއް ވަންދެން ކަންނަންނޫރު ޢަލީ ރާޖާގެ ފަރާތުން ދިވެހިންނަށް ކުރަމުން ދިޔަ ދުއްތުރާތަކާއި އަނިޔާތައް ނިމިގެން ދިޔައީ އެވެ.
މަޝްހޫރު ތާރީޚު ލިޔުންތެރިޔާ އަލްމަރްޙޫމް އަހުމަދު ޝަފީޤު އާ ޙަވާލާ ދެއްވައި ނަސީމާ މުޙައްމަދު (ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން، 2009މ: ސ.214) ބަޔާންކުރައްވާފައިވާ ގޮތުގައި ޣިޔާސުއްދީން ރަދުންގެ ރަސްކަމުގައި އާކޯއްޓޭ މަތިގޭގެ ދެބުރި ޢިމާރާތް ހައްދަވައި، ގަނޑުވަރުގެ"ތޮޅޭފާރު" ލައްވައި ބަޑިޔަށް އާނގު ކަނޑުއްވައި ދިފާޢީ ގޮތުން ވަރުގަދަ ކުރެއްވިއެވެ. ތޮޅޭފާރަކީ ގަނޑުވަރުގެ މައިފާރުގެ އެތެރެއިން އެފާރުގައި ޖައްސައިގެން ރާނާފައިވާ ތިރި ފާރެކެވެ. އެފާރުމަތީގައި ތިބޭއިރު، މެޔާއި ހަމައަށް ބޭރުފާރު މަތިން ފެންނަން ހުންނާނެއެވެ. އުސްފާރުގެ ތަންތަންކޮޅުގައި ނިވާފަތް ގައު ޖަހައިފައި، އަދި ބޭރުފާރުގެ ތިރިން ބަޑިދޮރު ކަނޑައިފައި ހުންނާނެއެވެ. 

ޣިޔާސުއްދީން ރަދުން ބިނާކުރެއްވި އައުކޯއްޓޭ ރޫޅައިލެއްވުމަށް ފެއްޓުނީ 1968 ވަނަ އަހަރުގެ މެއި 11 ގައެވެ. ދިވެހި ޤައުމީ ދިފާޢީ ބާރުގެ ނިޝާނުގެ ތެރޭގައިވާ އައްޑަނައިގާ ޖަހާފައިވާ ކޯއްޓޭ ރަމްޒުކޮށްދެނީ ދިފާޢީ އައްޑަނައެއްގެ ގޮތުގައި އެތައް ޒަމާނެއްވަންދެން ހުރި މިކޯއްޓޭއެވެ. ސިފައިންގެ މައިމަރުކަޒަށް ވަންނައިރު އެންމެ ފުރަތަމަ ފެންނަން އެހުންނަނީވެސް މިކޯއްޓޭގެ ރަމްޒެކެވެ. ދިވެހިސިފައިންގެ ކޮނޑުގައި ހަރުކުރެވިފައިވާ ސާރވިސް ބެޖްތަކުގައިވެސް އެ ރަމްޒުކުރަނީ ހަމަ މިކޯއްޓޭއެވެ.

ތާރީޚުގެ ޞަފްހާތަކުން އެނގޭ ގޮތުގައި ޙާޖީބަންޑާރައިންގެ ހަނގުރާމައަށްފަހަކުން ދިވެހިރާއްޖެ އޮތްކޮޅަށް ބޯ ލާކަށެއްވެސް އުތުރުކަރައިގެ ހޮޅިންނަކަށް ނުކެރުނެވެ. އަދި ކީއްތޯއެވެ. 1887 ވަނަ އަހަރުގައި އިނގިރޭސީންގެ ހިމާޔަތުގެ އުނގަށް ވައްޓައިލުމަށް ކުޅަ އެގްރީމެންޓްގައި ސޮއި ކުރުވުމަށް ބިރުދެއްކުމުގެ ގޮތުން މާލެޔާ ދިމާލަށް ބޮޑުބަޑިތައް އަނބުރާލި މަނަވަރަށް ނޫނީ ބޭރުގެ ބާރަކުން ރާއްޖޭގެ ވެރިކަމުގެ ކިއްލާއަށް ހަތިޔާރެއް އަމާޒުވެސް ކޮށްލެވިފައެއް ނުވެއެވެ. އެ އިނގިރޭސީންގެ ޙިމާޔަތުގެ އުނގުން ދިވެހިންނަށް މިނިވަންކަން ހޯއްދަވައިދެއްވި ބަޠަލަކީ ވެސް ޙާޖީ ބަންޑާރައިންގެ ހޫނު ލޭފޮދު ހިނގަހިނގައި ހުންނެވި އެ ރަދުންގެ ދަރިކޮޅުން ވަޑައިގެންނެވި ސުމުއްވުލްއަމީރު އިބްރާހިމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނެވެ. އާއިލީ ވަނަވަރުތައް ލިޔުއްވުމުގައި މަޝްހޫރު ތިނަދޫ ޢަބުދުﷲ ޙިލްމީ ބަޔާންކުރައްވާފައިވަނީ އެއީ އައްސުލްޠާނު މުޙައްމަދު ޣިޔާސުއްދީންގެ ދަރިކަލުން އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ ކަރައްޔެ ގަނޑުވަރު ޙަސަންދީދީގެ ޙުސައިންދީދީގެ މަރިޔަމްދީދީގެ މޫސާދީދީގެ އައިޝާދީދީގެ ދަރިކަލުން އިބްރާހިމް ނާޞިރު ކަމުގައެވެ.
ދިވެހީން މިނިވަންކަމުގެ އުފާ ޙާޞިލުކުރަމުންދާއިރު ޣިޔާސުއްދީން ރަދުން ނުވަތަ ޙާޖީ ބަންޑާރައިން ނުވަތަ ޝަހީދުކުޅަ ބަންޑާރައިންގެ ޒިކުރާ އައުކުރާންޖެހެއެވެ. އެ ރަދުންގެ ދެމިހުންނަނިވި ހަދިޔާތަކުގެތެރެއިން އެންމެ މަތިވެރި ހަދިޔާ ހަނދާނަށް ގެންނާންޖެހެއެވެ. އާދޭހެވެ. އައްސުލްޠާން މުޙައްމަދު ޣިޔާސުއްދީން ރަދުންގެ މި ޚިދުމަތަކީ އެޚިދުމަތަކަށްޓަކައި ދިވެހިޖައްވުގައި ވިހުރޭ ދިވެހި ދިދަ ތާއަބަދު ކުރުނީސްކުރާނެ ޚިދުމަތެކެވެ.

އަނިޔާވެރިގޮތެއްގައި ޝަހީދުކުޅަ އެ ބަންޑާރައިންގެ ފާފަ ފުއްސަވައި، އެރަދުންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްދެއްވާށިއެވެ. އާމީން.
                   ----------------------
ލިޔުއްވީ: ޠާހާ އަބޫބަކުރު، ލ.ގަން  
ތާރީޚް: 26 ޖުލައި 2020މ.

ފޮޓޯ: އާކޯއްޓޭ (ފޮޓޯގެ މިލްކުވެރިކަން ޙައްޤުވެރިފަރާތައް. ފޮޓޯ ނެގީ މާކޮއްރާހުން)
މަޢުލޫމާތުގެ މަސްދަރުތައް:
ނަސީމާ މުޙައްމަދު، 2009މ، ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން
ޢަބުދުﷲ ޙިލްމީ (ޖަނަވަރީގެ، ގދ. ތިނަދޫ)، ލިޔުއްވާފައިވާ ދަރިކޮޅުގެ ވަނަވަރުތައް
ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، 1981މ. ދިވެހިތާރީޚް