އައްޑުއަތޮޅު ހުޅުދޫ އާބާދުވުންއިހުގެ ހުޅުދޫ އޮތްތަން

ހުޅުދޫއަކީ އައްޑު އަތޮޅުގެ އެންމެ އިރުމަތީ ދުނީގެ އެންމެ ދެކުނު ކޮޅުގައިވާރަށެވެ. އެރަށް އޮތީ މީދޫގެ ދެކުނު ކޮޅުގައެވެ. ނަމަވެސް ބޯދާ ޒަމާނުގައި އެރަށް އޮތީ މިހާރު އޮތްތާކު ނޫނެވެ. އޭރު ހުޅުދޫ އޮތީ މީދޫގެ ހުޅަނގު ދެކުނުގައި އޮތް ކުޑަ ރަށެއްގެ ގޮތުގައެވެ. ބޯދާ ޒަމާނުން ފެށިގެން ތަވާތިރު ގޮތުގައި މިވާހަކަ މިގޮތަށް ދެކެވެމުން އައިސްފައިވެއެވެ.

ބުނެވޭ ގޮތުގައި ގަދަފަދަވެގެންވީ ވިއްސާރައެއްގައި ހުޅުދޫ ގިރައިގެން ދިޔައީއެވެ. މި ވިއްސާރައިގެ ސަބަބުން ރަށުގެ މާހައުލަށާއި ރަށުގެ ތިމާވެއްޓަށް ބޮޑެތި ބަދަލުތަކެއް އައިސް މީދޫގެ އިރު އުތުރު ފަރާތާއި ހުޅަނގު އުތުރު ފަރާތުގައި ތިބި ކުދި ރަށްތައްވެސް ގިރައިގެން ދިޔައީއެވެ. މީދޫގެ ހުޅަނގު ދެކުނުގައްޔާއި އިރުދެކުނުގައި ހުޅުދޫ ނޫނަސް އެހެނިހެން ކުދިކުދި ރަށްރަށް ހުއްޓެވެ. މި ރަށްތަކަށް ވެސް ގިރުމާއި ވޮޑުން ފަދަ ހާދިސާތަކާއި ކުރިމަތިވިއެވެ. މިރަށްރަށް ގުޅުނީ މީދޫ އާއެވެ.

ހުޅުދޫގެ އުތުރުކޮޅުން އުފެދުނު މުއްޔެއް އުތުރަށް ވޮޑެމުން ބޮޑުވަމުން ގޮސް ގުޅުނީ މީދޫގެ ހުޅަގަށް އޮތް މުއްޔަކާއެވެ. މި ދެމުލި ގުޅުނު ހިސާބަކީ މަގިމިސްކިތް ހުރި ސަރަހައްދުން މަގިމިސްކިތަށްވުރެ ދެކުނެވެ. މަގި މިސްކިތް ހުރިތާގައި މިހާރު ހުރީ މަސްޖިދުލް ވަހުދާ އެވެ.

ރަށުގެ މާހައުލަށް އައި ބޮޑެތި ބަދަލު ތަކުގެ ސަބަބުން ރަށުގެ އެކި ދިމަދިމާލުން ރަށް ގިރަމުން ދިޔަ ވެލި އޮޔާއެކު ގޮސް އެޅެންފެށީ މީދޫގެ ހުޅަނގު ފަޅުމައްޗަށާއި ވިލަށެވެ. މީގެ އިތުރުން މީދޫ ހެރަތެރޭގެ ރަށްރަށް ގިރަމުން ބުރިވަމުން ގުޅެމުން ދިޔަ ތަނުގެ ވެލިވެސް އެޅުނީ މީދޫގެ ހުޅަނގު ފަޅަށާއި ވިލަށެވެ. ހުޅުދޫގެ ހުޅަނގު ދެކުނު މުލިން ފެށުނު ތުނޑި ބޮޑުވަމުންގޮސް ހުޅުދޫ ބަނދަރު ބެދޭގޮތްވެ ރަށުގެ ގޮނޑުދޮށް ފަހުން އޮތީ ރަށުގެ އެއްގަމުގައެވެ. އަދި ހުޅުދޫ ބަނޑުދޮށުގައި އޮތް ފިޅިހެރަ ހުޅުދޫ އާއި ގުޅިގެން ދިޔައެވެ. އަދި ހުޅުދޫ ދެކުނުން އޮތް މާފިށިވެސް ހުޅުދޫއާ ގުޅިއްޖެއެވެ.

ޒަމާންތަކަށް ފަހު މަސްދޯނި ފަހަރު ވަދެ ނިކުތުމަށް ފަސޭހައަކަށް ފިޅިހެރަ އާއި ހުޅުދޫ އަލުން ބުރި ކޮށްލެވުނެވެ. ހެރަތެރެ ރިސޯޓް ހެދުމަށްފަހު މާފިށި ހުޅުދު އާއި ގުޅާލެވުނެވެ. މި ގުޅާލުމުގެ ސަބުން ހެރަތެރޭގެ މޫދު ނުސާފު ވުމުގެ މައްސަލަ ކުރުމަތިވުމުން ދެން އަލުން ބުރިކޮށްލެވުނީ ގެރަދޫ ހިސާބުންނެވެ.

މީދޫގެ ދެކުނު ފަރާތުގައި އޮތް ތުނޑިއަށް ހުޅުދޫ މީހުން ފޭބުން

ކުރީގައި ލިޔެވުނު ފަދައިން ހުޅުދޫ ވަރަށް ބޮޑަށް ގިރައިގެން ދިއުމުގެ ސަބަބުން އެރަށުގައި އުޅުނު މީހުންނަށް ދަތިވެ އެ މީހުން މީދޫގެ ދެކުނު ފަރާތުގައި އޮތް ތުނޑިއަކަށް ފޭބިއެވެ. މި ތުނޑިއަށް ފޭބީ މީދޫ މީހުންގެ އިޒުނައާއެކުގައެވެ. އެއީ މީދޫ މީހުން އިސްލާމް ވުމުގެ ކުރީގެ ދުވަސްވަރެކެވެ. ކެހެޅާއާއި ބެހެޅާ ވާހަކައިގައިވާ ގޮތުން ހުޅުދޫ އޭ ކިއުނު ކުޑަރަށުގައި ކޮންމެވެސް ވަރަކަށް މީހުން އުޅުނެވެ.

އެންމެ ފުރަތަމަ ހުޅުދޫ ގައި އުޅުނު މީހުންނަކީ ގަސްހުރި ބޮޑު ރަށް މީދޫގައި އުޅުނު މީހުންނާއި އާއިލީގޮތުން ތިމާގެ ބައެކެވެ. އޭގެފަހުން އެރަށުގައި ވަޒަންވެރިވީ ވިލިގިލި ، މުލިކެޑެ ފަޅުކޮށްފައި ދިޔަބަޔަކާއި ހުވަދޫން ދިޔަ ބައެކެވެ. މީގެ އިތުރުން މީދޫގެ ހަރުދަނާ ބަޔަކު އެރަށުގައި ވަޒަންވެރިވިއެވެ. މީދޫން ވަޒަނަވެރިވި މީހުންނާއި ހުވަދޫން ދިޔަ މީހުންގެ އާއިލާތައް މިހާރުވެސް އެނގެން އެބައޮތެވެ. ހުވަދުން ދިޔަ މީހުންގެ ތެރެއިން ރަތަފަންދޫ ރަތްކަލިދިޔެގެ ދަރިކޮޅާއި މީދޫގެ ދަރިކޮޅުތައް މިހާރުވެސް ފާހަގަވެ އެނގެން އެބައޮތެވެ. އެކިރަށްރަށުގެ މީހުން ހުޅުދޫގައި ވަޒަންވެރިވުމުގެ ސަބަބުން އެމީހުން ވާހަކަދައްކައި އުޅޭ ރާގާއި ބަހުރުވަ މީދޫ މީހުންނާ ތަފާތުވިއެވެ.

ހުޅުދޫ އާބާދުވުމާއި ގުޅޭގޮތުން މީދޫގެ ތާރީޚުން އެނގޭ ބައެއް މައުލޫމާތުތަކާއި މަޝްހޫރު ތާރީޚީ ލިޔުންތެރިޔާ މުހައްމަދު އިބްރާހިމް ލުތުފީ ލިއުއްވާފައިވާ ގޮތުގޮތުން އެންމެ ފުރަތަމަ ހުޅުދޫ އާބާދު ކޮށް އެރަށުގައި ދިރި އުޅެންފެށީ މީދޫ މީހުންކަން އެނގެއެވެ.

ހުޅުދޫގައި ފުރަތަމަ ބިނާކުރެވުނު ގެތައް

މީލާދީން 1475 ވަނައަހަރު ތެރޭގައި މީދޫގެ ދެތިން އާއިލާއެއް ރަށުގެެ ދެކުނު ސަރަހައްދަށް ގޮވާން ކުރުމަށްޓަކައި ދިޔައެވެ. އެއީ ހަނދި ހަސަން ރަސްގެފާނުގެ ދަރިކަލުން އައްސުލްތާނު މުހައްމަދު ސިރީބަވަނަ އަބާރަނަ މަހާރަދުންގެ ރަސްކަމުގެ ދުވަސްވަރެވެ.

މީދޫގެ ދެކުނު ސަރަހައްދަށް ދިޔަ މީހުންގެ ވެރިޔަކީ މީދޫ ކުޑަރަނަހަމާދި ތަކުރެވެ. ކުޑަރަނަހަމާދި ތަކުރު އެސަރަހައްދަށް ދިއުމަށް މަގެއް ހެދިއެވެ. ގަސް ކަނޑައި އެސަރަހައްދުގައި އަލިފާން ރޯކޮށް ކުނިއަންދައި ސާފުކުރިއެވެ. އޭރު އެސަރަހައްދުގައި ހުރީ ބޮޑެތި ކަށިކެޔޮ ގަސްތަކާއި އެހެނިހެން ބާވަތް ބާވަތުގެ ގަސްތަކެވެ. އެއީ ބިޔަ ގަސްތައް ހެދިފައިވާ ބޮޑު ޖަންގައްޔެއް އޮތްތަނެކެވެ.

ކުޑަރަނަހަމާދި ތަކުރަކީ މީދޫ ހާނައިގެ ދޮން މުހައްމަދު، ކެއުޅާރާއި ކައިވެނި ކޮށްގެން ލިބުނު ބޮޑުރަނަހަމާދި ތަކުރުގެ ދަރިއެކެވެ. އެސަރަހައްދުގައި އެންމެ ފުރަތަމަ ގެއެއް އަޅައިގެން ދިރިއުޅެންފެށި މީހަކީ މި ކުޑަރަނަހަމާދި ތަކުރެވެ. މީނާގެ ދަނޑުބިމުގެ ދެކުނު ފަރާތުގައި މިސްކިތެއް ބިނާކުރިއެވެ. އެމިސްކިތުގެ ދެކުނުގައި ގެއެއް ވެސް ބިނާކުރިއެވެ. ދަނޑު އޮތް ސަރަހައްދުގެ ނަމަކީ ބޮޑުކެއޮވާތި އެވެ. އެހެންކަމުން އޭނާގެ ގެއަށް ކިއުނު ނަމަކީ ބޮޑުކެއުވާތެ ގެދަރެވެ. މިގެއަށް ހުޅުދޫގެ އޭވެސް ކިޔައި އުޅުނެވެ.

ކުޑަރަނަހަމާދި ތަކުރު ބިނާކުރި މިސްކިތަށް ކިއުނު ނަމެއް މިހާރު އެނގޭކަށް ނެތެވެ. އެ މިސްކިތް ހުރިތާނގައި މިހާރު ހުރީ ފަހުން ފަނޑިޔާރުތަކުރުފާނުގެ ދޮންމަނިކު ބިނާކުރެއްވި ޓަކިޔާ މިސްކިތެވެ. ބޮޑުކެއުވާތެ ގެދަރަކީ އެންމެ ފުރަތަމަ ހުޅުދޫގައި އިމާރާތް ކުރެވުނު ގެއެވެ. އެއަށްފަހު އެސަރަހައްދުގައި މީހުން ވަޒަންވެރިވާން ފެށިއެވެ.

ޒަމާންތަކަށްފަހު ގެދަރު ވީރާނާވެފައިވަނިކޮށް އަލުން އެގެ އިމާރާތްކުރެއްވީ އަލްގާޒީ ހުސައިން ގުތުބުއްދީނުގެ ދަރިކަލުން އަލްވަޒީރުލް ކަބީރު މުހައްމަދު ބޮޑުފުތް ތަކުރުފާނުއެވެ. މި ތަކުރުފާނު ކައިވެނި ބެއްލެވީ އަލީ ފަޑިޔަތްތަކުރުފާނުގެ ސިއްތީފާނާއެވެ. މިއީ މަޝްހޫރު ހުޅުދޫ ސިއްތީފާނެވެ. އަލީ ފަޑިޔަތްތަކުރުފާނުގެ ބައްޕައަކީ ކެއުޅާރު ވަތަބަނޑޭރި ތަކުރުގެ ޔޫސުފު (ކަޅުފަޑިޔަތްތަކުރުފާނު) އެވެ.

މުހައްމަދު ބޮޑުފުތް ތަކުރުފާނު، ސިއްތީފާނާއި ކައިވެނިބައްލަވައިގެން ދިރިއުޅުއްވީ ހުޅުދޫގައެވެ. މި ދެމަފިރިން ދިރިއުޅުމަށްޓަކައި އަލުން ގެދަރު ބިނާ ކުރިއެވެ. ބޮޑުފުތްތަކުރުފާނާއި ހުޅުދޫ ސިއްތީފާނާއި ދެކަނބަލުންގެ ދަރީންނަކީ ހުޅުދޫގޭ ހައްވާފާނާއި ހުޅުދޫގޭ އާމިނާފާނާއި އައްނާއިބު ހަސަން ތަކުރުފާނު (ގަމުނާއިބު ތަކުރުފާނު) އާއި ބޮޑުދޮން ހުސެންތަކުރުފާނު އެވެ.

ހުޅުދޫގޭ އާމިނާފާނު ކައިވެނިބެއްލެވީ ގަމު މުހައްމަދު ތަކުރުފާނާއެވެ. އޭނާއަކީ ހުޅުދޫގޭ އާމިނާފާނުގެ މަންމައާ ދެބެއިންގެ ދެދަރި ބޭކަލެކެވެ. މި މުހައްމަދު ތަކުރުފާނަކީ ކެއުޅާރު ވަތަބަނޑޭރި ތަކުރުގެ ޔޫސުފު (ކަޅުފަޑިޔަތްތަކުރުފާނު) ގެ އިބްރާހިމްތަކުރުގެ ދަރިއެކެވެ. މަންމައަކީ މާވައުރަންދިބީފާނުގެ އާއިޝާފާނެވެ. މި އާއިޝާފާނުގެ ބައްޕައަކީ ބޮޑުފަނޑިޔާރު ތަކުރުފާނުގެ އިބްރާހިމް ނާއިބު ފަޑިޔަތްތަކުރުފާނެވެ. މި ފަޑިޔަތްތަކުރުފާނު ވަޒަންވެރިވެ ދިރިއުޅުއްވީ އައްޑުއަތޮޅު ގަމުގައެވެ. އެހެންކަމުން އެދަރިކޮޅުގެ ގިނަ މީހުން ތިބީ ގަމުގައެވެ. އެމީހުންގެ އާއިލީ ގެއަކީ ގަމު ގެދަރު އެވެ.

ގަމު މުހައްމަދު ތަކުރުފާނާއި ހުޅުދޫގޭ އާމިނާފާނު ކައިވެނިކޮށްގެން ހުޅުދޫގައި ދިރިއުޅުނު ގެއަށް ކިއުނީ ވެސް ގެދަރު އެވެ. މިއީ ހުޅުދޫ ގެދަރުގެ ފެށުންކަމަށް ބެލެވެއެވެ. މި ދެމަފިރީންނަށް ލިބުނީ ހުޅުދޫ ގެދަރު އާއިޝާމަނިކެ އާއި ގެދަރު ހައްވާ މަނިކެއާއި ގެދަރު ފާތިމާ މަނިކެ އެވެ. އަދި މިއީ ގެދަރުގެ ފުރަތަމަ ޖެނެރޭޝަން އެވެ.

ހުޅުދޫ އަތިރެގެ އަކީ މީދޫ ދޯނބޮރާގެ އިބްރާހިމް ކަލޭގެ އާއި މީދޫ ކެއުޅާރު ހަނދެއިގިރި ތަކުރުގެ ހައްވާބީގެ ދޮންބީގެ ސިއްތީބީ ކައިވެނި ބައްލަވައިގެން އެޅުއްވި ގެއެކެވެ. އަތިރަގޭގެ ދަރިކޮޅު ފެށިފައިވަނީ ދޯބޮރާގެ އިބްރާހިމް ކަލޭގެއާ ހިސާބުންނެވެ. މިދެމަފިރިންނަށް ލިބުނީ މުހުއްމާ ތަކުރެވެ. މިތަކުރުގެ ދަރީންނަކީ އަތިރަގޭ ހުސެންކަލޭގެ އާއި އަތިރަގޭ އެދުރު ކަލޭގެ އެވެ. މިދެމީހުންގެ ތެރެއިން އަތިރަގޭ އެދުރުކަލޭގެ އަށް ލިބުނީ އަތިރަގޭ ޚަތީބުކަލޭގެ އެވެ. މީނާ އަށް އަތިރަގޭ އެދުރު ޚަތީބުކަލޭގެއޭ ވެސް ކިޔައެވެ. މީނާގެ ނަމަކީ ހަސަން ތަކުރުފާނު އެވެ.

ހުޅުދޫ އެޅެގެދަރަކީ މުހައްމަދު ބޮޑުފުއްތަކުރުފާނުގެ އިބްރާހިމް ނާއިބު ތަކުރުފާނު ބިނާ ކުރެއްވި ގެއެކެވެ. އެޅެގެދަރު ބިނާ ކުރެއްވީ ފުކޮޅުމަގުގައެވެ. އިބްރާހިމް ނާއިބު ތަކުރުފާނު ، އަލްއައްލާމާ އަހުމަދު ޝިހާބުއްދީނުގެ ދި ކުދުރަނިއަ އާއި ކައިވެނިބައްލަވައިގެން ލިބުނު ފާތުމާފާނުގެ އިބްރާހިމް ތަކުރުފާނުގެ އެޅެގެދަރިގޭ ހުސެން ތަކުރުފާނު ކައިވެނި ބެއްލެވީ ދޮންދިޔަގެ ކަނބުލޭގެފާނާއެވެ. މި ދެމީހުންގެ ދަރިންނަކީ ދޮން ދިޔަގެ ހަސަންތަކުރުފާނާއި ދޮންދިޔަގެ ހައްވާފާނާއި ދޮންދިޔަގެ ފާތިމާފާނެވެ. މިއީ ދޮންދިޔަގެ ދަރިކޮޅުގެ ފެށުމެވެ. ފަހުން މިދެންނެވި އެޅެގެދަރިގޭ ހުސެންތަކުރުފާނުގެ ބައްޕަ ފަރާތު ބޮޑުދައިތައެއް ކަމުގައިވާ އެޅެގެދަރިގޭ ހައްވާފާނުގެ ޙަސަންތަކުރުފާނުގެ މަރިޔަމްފާނު (މީދޫ ކުންނިއަރު މަރިޔަމްފާނު) ގަމު މިސްކިތް މަގިގޭ ޚަތީބު މަނިކާއާ ކައިވެނިބައްލަވައިގެން ދިރިއުޅުނީ ވެސް ހުޅުދޫ އެޅެގެދަރިގޭގައެވެ. މި ދެމަފިރީންނަށް ލިބުނީ އެޅެގެދަރި ފާތިމާފާނާއި އެޅެގެދަރި ހައްވާފާނެވެ. ހައްވާފާނު ކައިވެނި ބެއްލެވީ ދޮންދިޔަގެ މޫސާ ތައްކާނާއެވެ. މިހާރުގެ އެޅެގެދަރިގެއަށް ނިސްބަތްވާ ފަރާތްތަކަކީ މި ފަރާތްތަކުގެ ދަރިކޮޅެވެ.

ދަލިކާބީގެ އަކީ މީދޫ މުހުއްމާކުރުގޭ މޫސާ މަނިކާގެ ޒުލޭޚާބީ (ދަލިކާބީ) އާއި ރާގޭ މޫސާކަލޭގެފާނާއި އެޅުއްވި ގެއެކެވެ.

ކަތީމަނިކާގެ އަކީ ޒުލޭޚާބީ (ދަލިކާބީ) އާއި ކޯގަނޑި އިބްރާހިމް ކަލޭގެ އެޅުއްވި ގެއެކެވެ. މިދެމީހުންނަށް ލިބުނީ ކޯގަޑި ދިއްކަތީމަނިކާ އާއި ކުޑަ ޚަތީބު މަނިކާ އާއި ކޯގަނޑި އަހުމަދު ކަލޭގެފާނެއެވެ. ހައްވާބީ އާއި މަރިޔަމްބީ އާއި، ފާތިމާބީ އާއި އާމިނާ ބީ އެވެ. މި ދަލިކާބީ އަކީ މީދޫ މުހުއްމާކުރުގޭ މޫސާ މަނިކާ އާއި ވައްލިއަރި އާއިމިނާބީ އާއި ކައިވެނި ބައްލަވައިގެން ލިބުނު ދަރިއެކެވެ.
ކައިދަގެ އަކީ މީދޫ އުމަރުތަކުރުގެ ހަސަންމަނިކާގެ އައިސާބީ އާއި އަބޮކޮރާގެ ކައިދާގެ ދޮން މޫސާކަލޭގެ އާއި ދެކަބަލުން އެޅުއްވިގެއެކެވެ. މި ދެމީހުންގެ ދަރީންނަކީ ބޮޑު ހާޖީ އާއި ކުޑަ ހާޖީ އާއި ހަސަންތަކުރާއި ހުސެންތަކުރެވެ. ހުސެން ތަކުރުގެ ދަރިކޮޅު އޮތީ މީދޫގައެވެ. މިއީ ކައިދަގެ ދަރިކޮޅުގެ ފެށުމެވެ.

އަލަދަޑިގެ އާއި އެޅެހިށިގެއަކީ ތަންކޮޅެއް ފަހުގެ ގެތައް ކަމުގައިވާތީ އެގޭގެ ތާރީޚާއި ބެހޭގޮތުން މާދިގުކޮށް ލިޔުމުގެ ބޭނުމެއް ނެތެވެ. އެގޭގޭގެ ފެށުމަކީވެސް މީދޫގެ އާއިލާތަކެވެ.

ހުޅުދޫ ވަކި ރަށެއްގެ ގޮތުގައި ހަމަޖެހުން

ޒަމާން ތަކަށްފަހު މީދޫގެ ދެކުނު ކޮޅުގައި އުޅޭ މީހުންގެ އަދަދު އިތުރުވަމުން އައިސް ހުކުރު ހަމަވާ ހިސާބަށް މީހުން އިތުރުވިއިރުވެސް ހުޅުދޫ މީހުން ހުކުރަށް ދާންޖެހެނީ މީދޫ މާ މިސްކިތަށެވެ. އެމީހުންނަށް މިކަން އުނދަގޫ ވެގެން ގެދަރު މުހައްމަދު ޚަތީބު ތަކުރުފާނު މިވާހަކަ އައްސުލްތާން އިބްރާހިމް އިސްކަންދަރު ސިރީކުލަ ރަންމީބަކައްތިރި ބަވަނަ މަހާރަދުން (23 އޮކްޓޯބަރ 1648 އިން 28 ފެބްރުއަރީ 1687) އަށް ދެންނެވިއެވެ. މި ދެންނެވުމާއި ގުޅިގެން އެ ސަރަހައްދުގައި މިސްކިތެއް ބިނާކޮށްދެއްވައި ހުކުރުކުރުމުގެ އިޒުނަ ދެއްވިއެވެ. މި އިޒުނައާއެކު މީދޫ މާ މިސްކިތް މަރާމާތުކޮށް ދެއްވައި އެމިސްކިތް ހުރި ސަރަހައްދުގައި އިތުރު ކުޑަ ދެ މިސްކިތެއް ބިނާކުރުމުގެ އިޒުނަ ވެސް ރަދުން ދެއްވިއެވެ. މި މުހައްމަދު ކަތީބު ތަކުރުފާނުގެ ބައްޕައަކީ ހުސައިން ފަނޑިޔާރު ތަކުރުފާނެވެ. އެއީ ހިޖުރައިން 1070 (މީލާދީން 1660) ވަނައަހަރެވެ.

ހުޅުދު އާއި މީދޫ ވަކިވުން

ރަށުގެ ދެކުނުކޮޅުގައްޔާއި އުތުރު ކޮޅުގައި މީހުން އުޅެމުން އައިސް ދެ ރަށެއްގެ ގޮތުގައި ހަމަޖެހި މީދޫއާއި ހުޅުދުއަކަށް ވެއްޖެއެވެ. މިގޮތުގައި ޒަމާންތަކެއް ފާއިތުވެ ދިޔުމަށްފަހު މީދޫ ކެއުޅާރު މުހައްމަދު ހަނދެއިގިރި ތަކުރު (އެދުވަސްވަރު ރާއްޖޭގެ ދާޚިލީ ވަޒީރު) މި ދެރަށުގެ އިން ކަނޑައަޅުއްވައިި އެއިން ފާހަގަ ކުރުމުގެ ގޮތުން ކާނެއް ކޮނުމުގެ އަމުރުދެއްވިއެވެ. މިއަމުރާއެކު ރައްޔިތުން ނިކުމެ ކާނު ކޮނެ ރަށުގެ ހުޅަގުފަރާތު ގޮނޑުދޮށަށް ފޫވައްޓައިލިއެވެ. އެކާނުގެ ދެކުނު ފަޅިއަކީ ހުޅުދޫ ކަމަށާއި އުތުރު ފަޅިއަކީ މީދޫ ކަމުގައި ހަމަޖެއްސެވިއެވެ. މި ގޮތަށް ހަމަޖެއްސެވީ ރަށުގެ ދެފަރާތުގެ މީހުންގެ ލަފައާއެކުގައެވެ. ހަނދެއިގިރި ތަކުރު ކާނު ކޮންނެވުމުގެ އަމުރުދެއްވި އިރު ކާނުގެ ދެފަރާތުގައި ދެބައި މީހުންގެ ރުއްގަސް ހުއްޓެވެ. މިކާނުގެ ހުރަސްކޮށް އެއްފަރާތުން އަނެއްފަރާތަށް ދެވެން އޮންނަ ގޮތަކީ ކާނުގެ މަތީގައި އަޅާފައިވާ ރުއްފަޅި ތަކުގެ މަތީންނެވެ. ބައެއް ދުވަސްތަކުގައި މިކާނުގެ މަތީގައި އަޅާފައިވާ ރުއްފަޅި ނަގާފައި ހުރެއެވެ. މިގޮތަށް ހުރެއްޖެނަމަ އެއްރަށުން އަރަށް މީހުން ގޮސް ނޫޅެއެވެ. އިނގިރޭސިން ގަމުން ފޭބުމުގެ ދުވަސްތަކެއް ކުރިން މިކާނުގެ ރަނގަޅު ފެންވަރަކަށް އެމީހުން ހަދައިދިނެވެ. އެއަށްފަހު ކާނުގެ މަތީން އެއްރަށުން އަނެއްރަށަށް ފަސޭހަކަމާއެކު ދެވެއެވެ.

މި ކާނުގެ އުތުރުން މީދޫ ފަޅީގައި ކާނާއި ޖެހިގެން އެންމެ ފުރަތަމަ ގެއެއް އެޅީ ހުޅުދޫ އަބްދުލްބާރީ އާއި ހުޅުދޫ ކުޑަބާރީ އެވެ. ހުޅަނގުފަރާތުގައި ހުރީ އަބްދުލް ބާރީގެއެވެ. އިރުމަތީގައި ހުރީ ކުޑަ ބާރީގެ އެވެ. އެއަށްފަހު މީދޫގެ ސަރަހައްދުން ހުޅުދޫ މީހުންނަށް ގޯތި ދެވުނެވެ. އެގޯތިތައް ދޫކުރީ މީދޫ އޮފީހުންނެވެ. ނަމަވެސް އެ ގޯތިތައް ރެޖިސްޓަރީ ކުރެވުނީ ހުޅުދޫ އޮފީހުގައެވެ.

މުޙައްމަދު އަމީން ދީދީގެ ރައީސްކަމުގައި މީލާދީން 1953ގައި ދިވެހި ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި އާދަމް ނަސީރު މަނިކު ސަރުކާރުގެ ދަތުރެއްގައި އައްޑުއަތޮޅަށް ވަޑައިގަތެވެ. އެދަތުރަކީ ދައުލަތުގެ ފަރާތުން އައްޑުއަތޮޅުގައި ހަމަޖައްސަން ވެފައިހުރި ކަންތައްތަކެއް ހަމަޖެއްސެވުމަށްޓަކައި ވަޑައިގަތް ދަތުރެކެވެ. މިދަތުރުގައި އާދަމް ނަސީރު ހުޅުދޫ މީދޫ އަށް ވަޑައިގަތެވެ. އޭނާ ހުޅުދޫ މީދޫ އަށް ވަޑައިގަތީ އަތޮޅުވެރިޔާ ކުއްޅަވައް ޢަލިދީދީ ވެސް ގޮވައިގެންނެވެ. މިދަތުރުގައި ހުޅުދޫ މީދޫގެ ސަރަޙައްދުގައި ކާނުގެ އިރުމަތީ ކޮޅުން ފެށިގެން އިރަށް މަގެއް ކޮށައި ރަށުގެ އިރުމަތީފަރާތު ގޮނޑުދޮށަށް ފޫވައްޓައިލައި ރަސްމީގޮތުން ދެރަށުގެ ސަރަހައްދު ވަކިކޮށް ދެއްވިއެވެ.

އިބުރާހިމް ނާސިރުގެ ރައީސްކަމުގައި 1969ގައި ހުޅުދޫ އާއި މީދޫ އެއްރަށެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. މިކަމުގެ ނަތީޖާ އަކަށްވީ ދެރަށުގެ މަސްލަހަތު ގެއްލި ބޮޑެތި ހަމަނުޖެހުންތަކާއި ލޭ އޮހޮރުވުން ތަކެއް ފެށިގެން ދިއުމެވެ. މީގެ އިތުރަށް ރައްޔިތުންގެ އެތައްބައެއްގެ ގެދޮރު ތަޅައި ސުންނާފަތިކޮށް ގިނަ ގޭގޭގެ ފާރުތަކާއި ގެތައް ވައްޓައިލެވުނެވެ. މި ގަޑުބަޑުގެ ތެރޭގައި މީދޫގެ ބައެއް މީހުންނަށް ބޮޑެތި ގެއްލުންތަކެއްވިއެވެ. އަނެއްބަޔަކު ރަށުން އަރުވާލެވުނެވެ.

މީދޫއާއި ހުޅުދޫގެ މަސަލަހަތު ގެއްލުމުން 1975 ގައި ދެރަށް އަލުން ވަކިކުރެއްވިއެވެ. ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން އަތޮޅުވެރިޔާ އަށް ފޮނުއްވި ޚާއްސަ މެސެޖަކުން އެންގެވީ ޒަމާނުއްސުރެ ހުޅުދޫ އާއި މީދޫގެ ސަރަހައްދު ހަމަޖެހިފައި އޮތްގޮތުގެ މަތީން ހަމަޖައްސަވައިފިކަމުގައެވެ. މިދެރަށް ވަކިކުރެވުނުކަން އޭރުގެ އަތޮޅުވެރިޔާ މޫސާ ޢަލި ދީދީ މެދުވެރިކޮށް ހުޅުދޫ މީދޫގެ ވެރީންނަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުން އެންގެވިއެވެ. މިދެރަށް އަލުން ވަކިކުރުމުގެ ބާރަކަށްވީ މީދޫ ކަތީބު އަބްދުﷲނާފިޒެވެ. އޭރު ހުޅުދޫ ކަތީބަކީ އަލީ އަބްދުﷲ މަނިކުފާނެވެ.

ނިންމައިލުން

މިހާރު އައްޑުއަތޮޅަކީ ސިޓީއެކެވެ. އަތޮޅެއް ނޫނެވެ. އެހެންވީމާ ރަށްރަށެއް ނެތެވެ. ހުރީ އަވަށްތަކެކެވެ. އެގޮތުން ހުޅުދޫއަކީ އަވަށެކެވެ. މީދޫއަކީވެސް އަވަށެކެވެ. މިދެއަވަށް އެއްކޮށްލައިގެން ކިޔަނީ ހުޅުމީދޫއެވެ.
                       ----------------
ލިޔުއްވީ: "މީދޫޓީމް"