ސިޙުރު ފޮތެއްގެ ނުރައްކާ













ކުވޭތުގެ ރައްޔިތެއް ކަމަށްވާ ޚާލިދު އިބްރާހީމް ކިޔާދިނެވެ.
އަޅުގަނޑުގެ އުމުރުން 13 އަހަރުއްސުރެ، ޖިންނީންނާ ބެހޭ ގޮތުން ސުވާލުކުރަމެވެ. ޖިންނީން އުޅޭގޮތް ދެނެގަތުމަށް ޝައުޤުވެރިވަމެވެ. އެއްފަހަރަކު، އާއިލީ ދަތުރެއްގައި އެހެން އަރަބި ގައުމަކަށް ދިޔައީމެވެ. އެގައުމުގެ ބޯދާ ފޮތް ވިއްކާ ތާކުން އިހުގެ ޖިންނި ސިޙުރު ފޮތެއް ދުށީމެވެ. ޖިންނީންނާ މެދު އުފެދިފައިވާ ޝައުޤުވެރިކަމެއްގެ ބޮޑުކަމުން އެ ފޮތް ގަތީމެވެ.... އެނބުރި ރަށަށް އައިއިރު ސިއްރިޔާތުގައި އެ ފޮތް ގެނައީމެވެ. ގޭ މީހަކަށް ނުދައްކައި، ސިއްރިޔާތުގައި އެފޮތް ކިޔަމެވެ. އެފޮތުގައިވާ ސިހުރު ހާހޫރައިގެ ކުރެހުންތަކާއި އަކަތަކާއި އެފަދަ އެއްޗިއްސަށް ބަލާފައި، އަދި އޭގައިވާ އެއްޗެހި ކިޔާފައި އެއީ ހެއްވާ އެއްޗެއް ކަމަށް ހީކޮށް، ހީނހަދަމެވެ. 


އަޅުގަނޑު މިކަން ކުރަމުން ގެންދާތާ ކުޑަދުވަސްކޮޅެއް ވީތަނާ، އަޅުގަނޑުގެ އަންހެން ކޮއްކޮއަކަށް އާދަޔާ ޚިލާފު ގޮތެއް ވާން ފަށައިފި އެވެ. އަޅުގަނޑުމެންގެ ތެރޭގައި ހުރެފައި އޭނާ ރޮއިގެންފައި ބުނެ އެވެ. "ގޭ ދޮރުމަތީގައި އެހެރަ މީހާ ކުރާ ކަމެއް ބަލައިބަލާށެވެ! އޭނާ ވައްތަރު ޖައްސައި މަށަށް ބިރުދައްކަނީ އެވެ." މިހެންބުނެފައި ކުރިޔަށްވުރެ ބާރަށް ރޮއި ހޭރިގަނެ އެވެ. ދެން އަޅުގަނޑުމެން ގޮސް ބަލާއިރު، ދޮރު ކައިރިން އެއްވެސް އެއްޗެއް ނުފެނެ އެވެ.

އެއްރެއަކު އަޅުގަނޑުގެ އަންހެން ކޮއްކޮ ރޮމުން ރޮމުން އައިސް ބުނެފި އެވެ. "ފޯނު ހިނގަނީ އެވެ. އޭތި ބިންމަތީގައި ހިނގާތަނެއް ނުފެނޭހެއްޔެވެ؟" ދެން ބިރުން ގޮސް އޭނާ މަންމަގެ އުނގުތެރަށް ވެއްޓިގެންފި އެވެ. މިބާވަތުގެ އެކިއެކި ކަންތައް ކޮއްކޮއަށް ދިމާވެ، އޭނާއަށް ބޮޑުވަރުވާން ފެށުމުން ޑަކުޓަރަށް ދެއްކުނެވެ. ޑަކުޓަރު، ކޮއްކޮ ފޮނުވީ ނަފުސާނީ ފަރުވާދޭ ބަޔަށެވެ. އެތާނގައި ކޮއްކޮއަށް އެތައް ދުވަހެއް ވަންދެން ނަފުސާނީ ފަރުވާދެވުނެވެ. ނަމަވެސް އެއްވެސް ލުޔެއް ނުލިބުނެވެ.

ދެން ޝަރުޢީ ރުޤުޔާ (ރުޤާ) ހައްދަވާ ޝައިޚެއްގެ ގާތަށް ކޮއްކޮ ގެންދެވުނެވެ. ގަލްފުގައި ޝަރުޢީ ރުޤާ ހައްދަވާ ޝައިޚުންނަށް މުޠައްވަޢުންނޭ ކިޔެ އެވެ. މުޠައްވަޢު، ކޮއްކޮއަށް ޝަރުޢީ ރުޤާގެ އެތައް ފަރުވާއެއް ދެއްވި އެވެ. ނަމަވެސް ލުޔެއް ނުލިބުނެވެ. ތިންރޭ ތިންދުވާ ވަންދެން ފަރުދިނުމަށްފަހު ގެއަށް އައީމު އެވެ. އޭރު ކޮއްކޮ ވަނީ ވަރަށް ބޮޑަށް ވަރުބަލިވެ ޙާލުދެރަވެފަ އެވެ.އެއަށްފަހު، ކޮއްކޮގެ ބަލި ހާލަކީ، ދާއިމީ ކަމަކަށް ވެއްޖެ އެވެ.

އަޅުގަނޑު އެއްކަލަ ސިހުރު ފޮތް ސިއްރިޔާތުގައި ކިޔަމުން ގެންދިޔައީމެވެ. ޖިންނީންގެ ދުނިޔެއާއި އެމީހުން އުޅޭނޫޅޭގޮތް ދެނެގަތުމުގެ ޝައުޤުވެރިކަމުގަ އެވެ. އެފޮތުގައިވާ ޖިންނި ގެންނަ ސިހުރުތައް ވެސް ކިޔައި ހެދީމެވެ. އެއަށްފަހު އޭގައިވާ ގޮތަށް ކަމެއް ކޮށްގެން ޖިންނިއެއް ގެންނާނަމޭ ހިތަށް އެރި އެވެ. ދެން އޭގައިވާ ސިހުރެއްގައި ބުނެދީފައިވާ ގޮތަށް ކަންތައް ކުރީމެވެ. ޖިންނި ގެނައުމުގެ އެންމެ ބޮޑު ޝަރުޠެއް ކަމަށް އޮތީ ނުތާހިރުވެ ނަޖިސްވުމެވެ. އެކަން ކުރަން ވަރަށް ޖެހިލުންވި އެވެ. ނަމަވެސް ޝައިޠާނާގެ ވަސްވާހަށް ހެއްލި އެންމެފަހުން އެކަން ވެސް ކުރީމެވެ.

އެއްރެއަކު، ބަދިގޭގައި ފިހެފައިހުރި ރޮށިތަކަކުން ރޮށްޓެއް ނަގައިގެން އައިސް، ސިޙުރު ފޮތުގައި އެއަށް ހަދަން ބުނެދީފައިވާ ގޮތް ހެދުމަށްފަހު، އެހިފައިގެން ފާޚާނާއަށް ވަނީމެވެ. އެހިނދު ކަންތައްވީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. ކުއްލިއަކަށް ބޮޑު ހިލަގަނޑެއް ފާޚާނާ ތެރެއަށް ވެއްޓުނެވެ. އެމަންޒަރު ފެނުމުން ވަރަށް ބޮޑަށް ބިރުގަތެވެ. އޭތި ވެއްޓުމާއެކު އަޅުގަނޑުގެ ހަށިގަނޑު ދުޅަވާން ފަށައިފި އެވެ. ސިފަކުރަން ނޭނގޭ ފަދަ ދަރަޖައަކަށް ދުޅަވުމުން، ވަރަށް ބިރުންހުރެ، ރޮށި ހިފައިގެން ފާޚާނާއިން ނުކުމެއްޖައީމެވެ. އޭރު އަޅުގަނޑުގެ ހަށިގަނޑު ތުރުތުރުއަޅަ އެވެ. ފާފައެއް ކުރެވުނީތީ ވަރަށް ބޮޑަށް ދެރަވެސްވި އެވެ. އެ ހާދިސާގެ ބިރުވެރިކަން ފިލައިގެން ނުގޮސް، އެތައް ދުވަހެއް ވަންދެން ހިތުގައި ހަރުލާފައިވި އެވެ.

އެ ހާދިސާ ހިނގި ރެއަށްފަހު، ކޮންމެވެސް ބަޔަކު އަބަދުވެސް އަޅުގަނޑަށް ފާރަލަމުން ގެންދާ ކަމުގެ އިޙުސާސްކުރެވެން ފެށި އެވެ. ބިރުވެރި ހުވަފެންތައް ވެސް ފެންނަން ފެށި އެވެ. ދަންވަރު ޓީވީ ބަލަން ތިބޭއިރު، އެހެން މީހުނަށް ނީވޭ އަޑެއް ވެސް އިވެން ފެށި އެވެ. އެއީ ކުޑަކުއްޖަކު ރޯ އަޑެވެ. އެ އަޑު އިވެނީ ސިޑި ދަށުންނެވެ. އެ އަޑު އިވޭ ތަނަށް ގޮސް ބަލާއިރު އެތާކުން ކުއްޖެއް ނުފެނެ އެވެ. ދެން އަޅުގަނޑު ޓީވީ ބަލަން އައިސް އިށީނުމުން އަނެއްކާ ވެސް އެ ކުއްޖާ ރޯއަޑު އިވެން ފަށަ އެވެ. މައްސަލައަކީ އެހެން މީހަކަށް އެ އަޑު ނީވޭ ކަމެވެ.

އަޅުގަނޑު އެކަނި އިންނައިރު، ކުރިމަތިން ލާފައި ފިނި ވައިރޯޅިއެއް ފަދައިން މީހަކު ހުރަސްކުރާހެން ވެސް ހީވާން ފެށި އެވެ. އެއާއެކު، މީހަކު މާނޭވާލާއަޑު އިވެ އެވެ. ބައެއް ފަހަރު ގުގުރިދަމާ އަޑު އިވެ އެވެ. މިކަން ކުރިމަތިވެއްޖެނަމަ، އަޅުގަނޑު އަވަސް އަވަހަށް މީހުން ތިބި ތާކަށް ދަމެވެ.

އެއްރެއަކު އަޅުގަނޑުމެންގެ އާއިލާގެ ހުރިހާ ކުދިން ޓީވީ ބަލަން ތިއްބާ، ގޭގެ މައިދޮރުގެ އަތްގަނޑު ދެފަރާތަށް އެނބުރެން ފަށައިފި އެވެ. އަޅުގަނޑުމެން ހީކުރީ ކޮންމެވެސް މީހަކު ގެއަށް ވަންނަން އުޅެނީ ކަމަށެވެ. އަޅުގަނޑުމެން ގޮސް ދޮރުހުޅުވި އިރު އެއްވެސް މީހެއް ނެތެވެ. ދެން އަޅުގަނޑުމެން ގަތް ބިރުން ފެންޑާ ދޫކޮށް، ކޮޓަރިތަކަށްވަދެ ދޮރުތަޅުލީމު އެވެ.... އެއަށްފަހު އެހެން ރޭތަކުގައި ވެސް ހަމަ އެގޮތަށް މައިދޮރުގެ އަތްގަނޑު އެނބުރޭތަން ފެނެ އެވެ. އެއްރެއަކު އަޅުގަނޑުމެންނާއެކު، އަޅުގަނޑުމެންގެ ބައްޕަ ފެންޑާގައި އިންނަވަނިކޮށް ވެސް އަތްގަނޑު އެނބުރުނެވެ. ބައްޕަ ބުނުއްވީ، ވައިބާރުކަމުން ވާ ކަމެއް ކަމަށެވެ. ބައްޕަ އެހެން ބުނުއްވީ އަޅުގަނޑުމެން ބިރުގެންފާނެތީ، ހިތްހަމަޖެއްސެވުމަށްޓަކައިކަން އަޅުގަނޑުމެންނަށް އެނގެ އެވެ. ކިތަންމެ ވައިބާރުވިޔަސް ދޮރުފަތުގެ އަތްގަނޑެއް ނޭނބުރޭނެކަން އަޅުގަނޑުމެންނަށް އެނގެ އެވެ.

ފިނި މޫސުމުގެ ރެއެއްގައި އަޅުގަނޑުމެންގެ ގޯތިތެރޭގައިވާ ކަދުރު ރުކެއްގެ ފަހަތުން އަތެއް ފެނުނެވެ. އެއީ ދޮންދޮން އަތެކެވެ. އުޅަނބޮއްޓާ ހަމައަށް ފެނެ އެވެ. އަތުގައި ރަނުގެ ގަހަނާ އަޅާފައިވާކަން އެނގެ އެވެ. އެއީ އަންހެނެއްގެ އަތެއް ކަމެއް ނުވަތަ ފިރިހެނެއްގެ އަތެއް ކަމެއް ނޭނގެ އެވެ. ދެން އަޅުގަނޑު ގޮވާލާފައި ބުނީމެވެ. "ކަދުރު ރުކުގެ ނިވަލުގައި ހުރި މީހާ މަށަށް އެބަފެނެ އެވެ. ފިލައިގެން ނުހުރެ ނުކުންނާށެވެ!" އަޅުގަނޑު މިހެން ބުނުމުން އެ އަތް އެސާހިތަކު ނިވާވެއްޖެ އެވެ. ދެން ގޮސް ބެލިއިރު، ކަދުރު ރުއް ކައިރީގައި އެއްވެސް މީހެއް ނެތެވެ.

އޭގެ ދެ ދުވަހެއް ފަހުން، އެއްރެއަކު އަޅުގަނޑުގެ ކޮއްކޮއަށް ކޮންމެވެސް ކަމަކު ގޮވީމެވެ. އޭނާ އަޅުގަނޑުގެ ކުރިމަތިން ލާފައި ގޮސް ވަނީ ކޮޓަރިއަކަށެވެ. ދެން އޭނާގެ ފަހަތުން ގޮސް އެ ކޮޓަރިއަށް ވަދެ ބެލީމެވެ. އެ ކޮޓަރި ތެރެއިން އޭނާއެއް ނުފެނުނެވެ. މިވާހަކަ ކޮއްކޮގެ ގާތުގައި ބުނުމުން އެއީ އޭނާ ނޫންކަން ކަށަވަރުކޮށްދިނެވެ.

ޖެހިގެން އައި ދުވަހުގެ ރޭ އަޅުގަނޑުގެ އަންހެން ކޮއްކޮއަކާއި ފިރިހެން ކޮއްކޮއަކު އެކޮޓަރިއަށް ވަންނަނިކޮށް ދުށީމެވެ. ދެން އެ ދެ ކުދިންގެ ފަހަތުން ގޮސް އަޅުގަނޑު ބެލިއިރު، އެކޮޓަރީގައި އެކަކު ވެސް ނޫޅެ އެވެ. ހެނދުނު އަޅުގަނޑު ބޭރަށް ނުކުތްއިރު، ދޫނިތަކެއް ގޭދޮށަށް އައިސް ތިއްބާ ފެނުނެވެ. އެ ދޫނިތަކަށް ކާންދޭނަމޭ ހިތައި ރޮށްޓެއް ކުދިކުދި ކޮށްފައި އަޅުގަނޑު އެއަށް ދޭން އުޅުނީމެވެ. އެހިނދު އެ ދޫނިތައް ޖެހިލުމެއްނެތި އަޅުގަނޑުގެ ކައިރިއަށް އައިސް އަޅުގަނޑުގެ އަތުން ރޮށިކޮޅުކޮޅުތައް ކައިހެދި އެވެ. އެއީ ކުރިން ދުވަހަކުވެސް ވީ ކަމެއް ނޫނެވެ.

އެއްރެއަކު ދަންވަރު އަޅުގަނޑުމެންގެ ގޭ ހުރިހާ ކުދިން މަޖާކުރަން ފެންޑާގައި ތިއްބާ ގޭދޮށުގައިވާ ގަހަކަށް އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. ހީވަނީ އެއެއްޗެއް ވެއްޓުނުލެއް ބާރުކަމުން ގަހުގެ ގޮފިތައް ވެސް ބިންދައިގެން ދިޔަ ހެންނެވެ. ދެން އެއެއްޗެއް ބިންމައްޗަށް ވެއްޓުނުހެން ވެސް ހީވި އެވެ. އެއާއެކު ގެއަށް ވެސް ގުޑުންއެރި އެވެ. އޭރު އަޅުގަނޑުމެން ތިބީ ވައިވައްދަން ވެގެން ދޮރު ހުޅުވައިގެންނެވެ. ކުއްލިއަކަށް ބޭރުން އައި އާދަޔާޚިލާފު ވައިރޯޅިއެއް ގޭތެރެއަށް ވަދެގެން ދިޔަހެން ހީވި އެވެ. މިކަންތައްތަކަކީ، ގެއިން ވައްކަންކުރަން އައި ވަގަކު ކުރި ކަންތައްތަކެއް ކަމަށް ހީކޮށް، ބޭރު ހޯދައި ބެލިއިރު އެއްވެސް މީހެއްގެ ހިލަމެއް ނުފެނުނެވެ. ދެން ގޭގައިވާ ހުރިހާ ދޮރުތަކެއް ތަޅުލައި ބަންދުކުރުމަށްފަހު، ނިދާކޮޓަރިތަކަށްވަދެ ނިދަން އޮށޯތީމު އެވެ. އިރުކޮޅަކުން އާދަޔާ ޚިލާފު އަޑުތަކެއް އިވެން ފެށި އެވެ. މީހަކު ހިނގާއަޑު އިވެ އެވެ. މީހަކު އެއްޗެހިތަކެއް އެފުށްމިފުށަށް ޖަހައި ހަދާ އަޑު ވެސް އިވެ އެވެ.... އެތައް ރެއަކު މިކަންތައް ތަކުރާރުކޮށް ހިނގި އެވެ.

ނަންގަނެވިދިޔަ އާދަޔާ ޚިލާފު ކަންތައްތަކަކީ، އަޅުގަނޑު ފޮރުވައިގެން ގެންގުޅޭ ސިޙުރު ފޮތުގެ ސަބަބުން ހިނގާ ކަމެއް ކަމަށް އެންމެ ފަހުން އަޅުގަނޑުގެ ހިތަށްއެރި އެވެ. އެހެނީ، އެފޮތް ގެނައުމުގެ ކުރިން ދުވަހަކުވެސް އެފަދަ ކަމެއް ނުހިނގަ އެވެ. އެފޮތް އަޅުގަނޑު ރައްކާކޮށްފައިވަނީ، އަޅުގަނޑުގެ ހެދުންތައް ބަހައްޓާ އަލަމާރި ތެރޭގަ އެވެ. ދެން އެފޮތް ގެއިން ބޭރަށް ނެރެ، ރަނގަޅަށް އަންދައި އަޅިޔަށް ހަދާލީމެވެ. އޭގެފަހުން ދުވަހަކުވެސް، ޖިންނި ޝައިޠާނުންގެ ފުށުން އަޅުގަނޑުމެންނަކަށް އެއްވެސް އުނދަގުލެއް ނުފޯރަ އެވެ. އަޅުގަނޑުގެ އަންހެންކޮއްކޮގެ ބަލިވެސް ވީނުވީ ގޮތެއް ނޭނގި ފަސޭހަވެއްޖެ އެވެ. ގޭތެރޭގައިވާ ނާމާންކަން ފިލައި، ގޭތެރެއާއި ގޯތިތެރެ ވެސް އަމާންތަނަކަށް ވެއްޖެ އެވެ.
               -----------------

ކިއުންތެރިންގެ ޚިޔާލު:

މިހާދިސާއާމެދު ކަމާލު ޣައްޒާލު ބުނުއްވާފައިވެ އެވެ.
މި ހާދިސާގެ އަހުލުވެރިންނަށް ދިމާވި ކަންތައްތަކަކީ ސިޙުރު ފޮތަކުން ދިމާވި ކަންތައްތަކެއްތޯ އެވެ؟ ނުވަތަ ސިޙުރު ފޮތް ގެންގުޅުނު ކުއްޖާގެ ހިތުގައި އޭނާއަށް ބޮޑު ކުށެއް ކުރެވޭކަމުގެ ޝުޢޫރު އުފެނުމުގެ ސަބަބުން ވީ ކަމެއް ނޫންތޯ އެވެ؟ އެއީ ގަސްދަކާ ނުލައި، އޭނާގެ ކިބައިން އެގޭ އެންމެނަށް ޖެހުނު ހިސްޓީރިއާއެއް ނޫންބާވަ އެވެ؟

މިހާދިސާއާމެދު އުންމު މަޙޫމޫދު ބުނުއްވާފައިވެ އެވެ.
ޖިންނި ސިޙުރު ފޮތް ގެންގުޅުނު ކުއްޖާ، އެ ސިޙުރު ފޮތް ކިޔާއިރު، އޭނާއަށް އެ ހެދެނީ ޖިންނި ހާޒިރުކުރާ ސިޙުރެވެ. މިހެންވެ، އޭނާ އެފޮތް ކިޔަމުން ގެންދިޔަހައި ދުވަހަކު އޭނާގެ ގެއަށް، އޭނާގެ ކައިރިއަށް ޖިންނިތައް އަންނަނީ ކަމަށް ބެލެވެ އެވެ. އޭނާ އެފޮތް އަންދާލުމުން ޖިންނިތަކާ އޭނާއާ ގުޅުން ކެނޑުނީ އެވެ.
               -----------------

މުޞަންނިފު: އަލްއުސްތާޛު ޚާލިދު އިބްރާހީމް (ކުވޭތުގެ ރައްޔިތެއް)
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން