އާދަނުގެ މިލްކުވެރިކަން ސާބިތުކުރުން


އާދަނުގެ މިލްކުވެރިކަން ސާބިތުކުރުމަށްޓަކައި ރަށުތެރޭގައި މެގަފޯނުން ގޮވަމުންދާ އިޢުލާނެއްގެ އަޑުއިވިފައި އެދުވަހު އެތައްބަޔަކު ޙައިރާންވެ މަގުމައްޗަށް ނުކުތެވެ. ގޮވަމުންދަނީ: 

"އާދަނު އަލަށްޖެހި ދަތްޕިލައާއި، އޭނާ ގެންގުޅޭ އެންމެހައި މުންޑާއި، ސަތާރަ ސޯރުފޮތިކޮޅާއި، ރަތްކުލައިގެ ދެ ހަރުވާޅާއި، މިދިޔަ ޖެނުއަރީ މަހު ކެއި އެންމެހައި ކާތަކެއްޗާއި، ބުއި ފެނާއި، އެތަކެތި ބޭރުވިނަމަ ބޭރުވި ފާޚާނާއާއި، އެފާޚާނާގެ ނަރުދަމާއާއި، އާދަނުގެ ގޭގެ ވަޅާއި، އެވަޅުގެ ދާންޏާއި، އެދާނިން ނެގި ފެނާއި، އަދި އެގޭ ބަދިގޭގެ އެންމެހައި ސާމާނުގެ މިލްކުވެރިކަމާ މެދު ދަޢުވާކުރާ އެއްވެސް ފަރާތެއްވާނަމަ ހަތްދުވަހުގެތެރޭ އެކަން އަންގަންޖެހޭ ފަރާތަށް އެންގުމަށެވެ."  

މިއިޢުލާނެއްގެ އަޑުއިވުނުނަމަ އިވުނުހާ ބަޔަކު އެދުވަހު މަގުމައްޗަށް ނުކުތީ ދިވެހިރާއްޖޭގެ މީސްތަކުންނަށް ޢާއްމުކޮށް އެނގިގެން ރާއްޖޭގައި އިންސާނީ އަޅުންނާއި ޖާރިޔާއިން ގެންގުޅުނީ މާކުރީގެ ޒަމާނެއްގައި ކަމަށް ވެފައި، މިހާރު އަނެއްކާ އިންސާނެއްގެ މިލްކުވެރިއެއް ހޯދުމަށް އުޅެގަތުމުންނެވެ.

އެދުވަހު އެރަށުގެ މަގުމައްޗަށް ނުކުތް މުސްކުޅިފުރައިގެ އަންހެނަކު މިކަމާ ކަންބޮޑުވެ ގޭގެ ދޮރޯށިކައިރީ ހުއްޓައި އެމަގުންދިޔަ މީހެއްގެގާތުން އަހައިލިއެވެ. 

"ތާޅަފިލިން އެގޮވަނީ ކީކޭހެއްޔެވެ. އެއީ އަހަރެމެންގެ އައިމިނަމެންގެ އާދަނުގެ ވާހަކަހެއްޔެވެ. އޭނާއަކީ މީހެއްގެ އަޅެއްހެއްޔެވެ؟"

އެމީހާ ޖަވާބުދިނެވެ. 

"ދައިތަ ތިއުޅެނީ މިރާއްޖޭގައިނޫން ދޮތައެވެ. ބަލަ! މިރާއްޖެއަށް ޑިމޮކްރަސީ ގެނައިއިރު އެއެތީގެ ތެރޭ ޑަޒަންޑަޒަނުގެ އަޅުންނާއި ޖާރިޔާއިން ތިއްބެއް ނޫންހެއްޔެވެ. އެގޮވަނީ ދައިތަމެންގެ އައިމިނަމެންގެ އާދަނުގެ ވާހަކަކަމަށް ވަންޏާ އެއާދަނަކީ ވެސް އެއްކަލަ މިބުނި އެތީގެތެރޭ އަޅަކަށްވެދާނެ ތޯއްޗެކެވެ. މަށެއް ނުދެނެހުރީމެވެ."

މިދުވަހު އާދަނުގެ އަނބި ސަންޕާފުޅަށް މި އިޢުލާނުގެ އަޑުއިވުމާއެކު ވިލާތު ކުކުޅެއްހެން ފުންމައިގެން ގޮސް އާދަނުގެ ކުރިމައްޗަށްޖެހިފައި ބުންޏެވެ.

"އެ ގޮވާއެއްޗެއް އެބަ އަޑުއިވޭހެއްޔެވެ. ތިޔަހަރަ ދެ ކަންފަތުން އެއަޑު އަހައި ބަލާށެވެ. އާދަނު ދުނިޔެއަށް އުފަންވީފަހުން މީހާގެ އެތެރެހަށްޓަށް ލެވުނު އެންމެހައި ކާތަކެތީގެ އަގުވެސް ދައްކަންޖެހުނީއެވެ. މީހާގެ ހަށިގަނޑުގެ މިލްކުވެރި ފަރާތަކީވެސް ކޮބައިތޯ ބަލާހިސާބަށް ދިޔައީއެވެ. އެހެންވާނެ ނޫންހެއްޔެވެ. މީހާ ތިޔަހަރަ ދަނީ ދުވާލަކު ޕާޓީއަކަށް ސޮއިކުރަމުންނެވެ. އެއްދުވަހާ ދެ ޕާޓީއަށްވެސް ސޮއިކުރަނީއެވެ. މިގޭދޮރުން އެތެރެވާ ކޮންމެ ފޯމެއްގައި އެބަ ސޮއިކުރެއެވެ. އެއިން ކޮންމެ ޕާޓީއެއްގައި އުޅެން ޖެހެއެވެ. އެމީހުން ބާއްވާ އެއްވުންތަކަށް ދާން ޖެހެއެވެ. ނުދިޔައިއްޔާ އެމީހުން އިލެކުޝަނުގެ ބޮޑުމީހާ ގާތު އެޝަކުވާ އެބަ ކުރެއެވެ. ވިސްނައިބަލާށެވެ. ތިޔައީ އިންސާނުން އުޅެންވާ ވައްތަރެއް ހެއްޔެވެ. އާދަނުމެން ދުނިޔެއަށް އައީ ހިތަކަށް ދުނިޔެ ތަޅައި ތިރިއަރުވާލައިފައި އެނބުރި ދާންހެއްޔެވެ. ސޮއިކުރާ ކޮންމެޕާޓީ ފޯމަކަށް ލިބޭ ފައިސާއަކީ ޙަލާލުވާނެ އެއްޗެއްހެއްޔެވެ. މާދަމާވެސް މަރުވެދާނެއެވެ. ތިޔަވައްތަރަށް ނުއުޅެ އިޞްލާޙުވެ ބަލާށެވެ."

ޙައްވަ ދިޔުމުން އާދަނުގެ ހިތަށްއެރިއެވެ. 

"އެވެސް ދޮގެއްނޫނެވެ. ކުޑަ ލާރިކޮޅަކަށް މި ވިއްކައިލެވެނީ މަގޭ ނަފުސެވެ. އެކަން އެނގޭ ބަޔަކުވެސް ތިބޭނެތާއެވެ. އެކަމަކު އެމީހުންނަށްވެސް އެނގެންޖެހޭ އެއްޗެއް އޮންނާނެއެވެ. ގޯނިގޯނީގެ ވަޢުދު ހިފައިގެން ރައްޔިތުންގެ ގާތަށް ތިމާމެން މިއަންނަ ބޭނުމާ މެދުގައެވެ. މިއަންނަނީ ރައްޔިތުންނަށް ހެޔޮ އެދިގެން ރައްޔިތުންނަށް ރަނގަޅަކަށްތޯ، ނޫނީ ތިމާމެންގެ އަމިއްލަ ބޭނުމާއި އަމިއްލަ ފައިދާއަށްޓަކައި ތިމާމެންނަށް ރަނގަޅަކަށްތޯއެވެ. 

ޕާޓީހަދަނީ ނިކަމެތި ރައްޔިތުންގެ ބައިތުލްމާލުން ތިމާމެންނަށް ލިބޭނޭ ލާރިއާއި، ތިމާމެން ބައިވެރިވާ ސަރުކާރަކުން ތިމާމެންނަށް ލިބޭނޭ ސުލޮޓާއި، ފުލެޓާއި، މަޤާމާއި، ކަން ފަސޭހަކަމާއި، އަތް ފަސޭހަކަމާއި، މިކަންކަމުގެ ބޭނުމުގައިތޯ މިއީ އެބަޔަކުވެސް ދަންނަންޖެހޭ ކަމެކެވެ. މިކަން ދަންނަން ޖެހެނީ އަހަރެމެން އެކަންޏެއްނޫނެވެ. ދެފަރާތުންވެސް މިކަން ދަންނަން ޖެހެއެވެ. އެގޮތަށް ދަންނަނަމަ އިންސާނުންގެ މިލްކުވެރިކަމުގެ އިޢުލާނެއް އެގޮތަކަށް ގޮވާކަށް ނުޖެހޭނެއެވެ. އެފަދަ އިޢުލާނެއް ނުގޮވިނަމަވެސް އިންސާނުންގެ މިލްކުވެރި ފަރާތަކީ ކޮބައިކަން ތިޔަ ޕާޓީ ހަދާ މީހުންނާއި އަހަރެމެންނަށްވެސް އެނގޭނެއެވެ."

                           ------------------

ލިޔުއްވީ: ޢަބްދުﷲ ޙަސަން ހުޅުދުމައިގެ

07 ފެބްރުއަރީ 2013މ.