ޤަބުރުގެ މަތީގައި ބިނާކޮށްފައިވާ މިސްކިތުގައި ނަމާދުކުރުމުގެ ޙުކުމް

















ސުވާލު:
މީގެ ކުރިން ތިޔަބޭކަލުން ވަނީ، ޤަބުރުގެ މަތީގައި ބިނާކޮށްފައިވާ މިސްކިތެއްގެ ތެރޭގައި އެ ޤަބުރު ފެންނަން ނެތްކަމަށްވަނީނަމަ، އެ މިސްކިތުގައި ނަމާދުކުރުމަކީ ހުއްދަ ކަމެއް ކަމަށް ފަތުވާ ދެއްވާފަ އެވެ. އަޅުގަނޑުގެ ސުވާލަކީ، އެތެރޭގައި މަހާނަ ހަދާފައިވާ މިސްކިތުގައި ނަމާދުކުރުމަކީ ހުއްދަކަމެއް ނޫން ކަމަށް ބުނާ، އިބްނު ބާޒާއި، (ސަޢޫދީ ޢަރަބިއްޔާގެ) އައްލަޖުނަތުއްދާއިމާ (ފަތުވާ ކޮމިޓީ) ގެ ފަތުވާތަކާމެދު ތިޔަބޭކަލުން ވިދާޅުވަނީ ކީކޭތޯ އެވެ؟ މިސްކިތު ތެރޭގައި ފެންނަން ހުންނަ ޤަބުރާއި، ފެންނަން ނުހުންނަ ޤަބުރުގެ ޙުކުމުގައި ތަފާތެއް ވޭތޯ އެވެ؟ ނަމާދުކުރުން ހުއްދަވާނެ ކަމަށާއި، ނަމާދުކުރުން ހުއްދަ ނުވާނެ ކަމަށް ބުނެފައިވާ ފަތުވާތަކުގެ ސަބަބުން ވަނީ، މިކަމާމެދު ވަރަށް ބޮޑަށް ޖަދަލުކުރެވެން ފަށާފަ އެވެ. މިކަމާމެދު އަވަހަށް ގޮތެއް ނިންމަންޖެހިފައިވާތީ، އަވަހަށް ޖަވާބު ދެއްވުން އެދެމެވެ.

ޖަވާބު:
މާތް ﷲ ގެ ޙަޟުރަތަށް ޙަމްދު ހުށްޓެވެ. އެކަލާނގެ ރަސޫލާއަށް ޞަލަވާތާއި ސަލާމް ލައްވާށި އެވެ! މި ޞަލަވާތާއި ސަލާމުގައި އިތުރުއެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަމެވެ. އެއަށްފަހު ދަންނަވަމެވެ.

ޢިލްމުވެރިންގެ ފަތުވާއާ ފުށުއަރާކަމަށް ތިބާ ވިދާޅުވެފައިވާ އަޅުގަނޑުމެންގެ ފަތުވާގެ ނަންބަރު ވިދާޅުވެދެއްވިނަމަ، އޭގައިވާ ތިބާއަށް އޮޅުންއަރާ ކަންތައް ސާފުކޮށްދެވުނީހެވެ. އަބަދުވެސް އަޅުގަނޑުމެން ފަތުވާދެމުން ގެންދަނީ، އެހާރާއި މިހާރުގެ މުޢުތަބަރު ޢިލްމުވެރިން ފަތުވާދެއްވާފައިވާ ގޮތަށެވެ. ޚާއްޞަކޮށް ޤަބުރު މަތީގައި މިސްކިތް ބިނާކުރުމުގެ ޚުޠޫރަތްތެރި މައްސަލާގައި އަޅުގަނޑުމެން ޢަމަލުކޮށްފައި ވާނީ އެގޮތަށެވެ. ޤަބުރު މަތީގައި މިސްކިތް ބިނާކުރުމުގެ ސަބަބުން، މީސްތަކުން ވަނީ، ޝިރުކުރުމުގެ ސުންޕާ ވަބާގައި ޖެހިފަ އެވެ. އަދި އެކަމުގެ ނޭދެވޭ އަސަރު ވަނީ އިސްލާމީ ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިފަ އެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ފަތުވާތަކުގައި ވާނީ، ޤަބުރު މަތީ މިސްކިތް ބިނާކުރުމުގެ ބޮޑު ފާފަ ނުކުރުމަށް ޚަބަރުދާރުކޮށް، އެކަމުގެ ޚުޠޫރަތްތެރިކަން ބަޔާންކޮށްފަ އެވެ.

ޤަބުރުތަކުގެ މަތީގައި، މިސްކިތް ބިނާކުރުން ނަހީކުރެއްވުމުގެ ޙިކުމަތަކީ، ޝިރުކުކުރުމުގެ މަގު ނުވަތަ ޛަރީޢަތް ބަންދުކުރުމެވެ. އެހެންކަމުން، ޝިރުކުކުރުމުގެ މަގު ފަހިވެއްޖެނަމަ، އެކަން ކުރުން މަނާވާނެ އެވެ. ޤަބުރެއްގެ ނުވަތަ މައްޔިތެއްގެ ތަސްވީރު ނުވަތަ ބުދު ހުރިކަމަށް ވަނީނަމަ، އެތާނގައި މިސްކިތް ބިނާކުރުން ހުއްދައެއް ނުވާނެ އެވެ. އެހެނީ އެ ޙާލަތުގައި، ޝިރުކުކުރުމުގެ މަގު (ނުވަތަ ޛަރީޢަތް) އެވަނީ ތަނަވަސްވެފަ އެވެ.

މިސްކިތެއް ބިނާކޮށް ނިމޭ ފަހުން، އެ މިސްކިތް ބިނާކޮށްފައިވަނީ، ޤަބުރުގެ މަތީގައި ކަމަށް ބަޔަކު ދަޢުވާކުރާ ހިނދު، އެ ޤަބުރުތައް ފެންނަން ނެތްކަމަށްވަނީނަމަ، އެ މިސްކިތުގައި ނަމާދުކުރުން މަނާކުރުމުގެ މާނައެއް ނެތެވެ. މަހާނައެއް ނުވަތަ ޒިޔާރަތެއް ނުވަތަ ވަޅުލާފައިވާ މީހާގެ ޞޫރައެއް ހަދާފައި ނުވާތީ އެވެ.

ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ ވެސް ވަނީ މިމޭރުމުން ޖަވާބުދެއްވާފަ އެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެ އެވެ.

"މިސްކިތެއްގެ ތެރޭގައި މައްޔިތަކު ވަޅުލުމަކީ، ހުއްދަ ކަމެއް ނޫނެވެ. ވަޅުލުމުގެ ކުރިން މިސްކިތް ބިނާކޮށްފައިވާނަމަ، އެއް ގޮތަކީ، މަހާނަ ހެދުމެއް ނެތި، ފަސްގަނޑު އެއްވަރުކުރުމެވެ. އަނެއް ގޮތަކީ، ވަޅުލިތާ ގިނަ ދުވަސް ނުވާކަމަށްވަނީނަމަ، ކޮނެގެން ގެންގޮސް އެހެން ތަނެއްގައި ވަޅުލުމެވެ. މިސްކިތް ބިނާކުރީ، މައްޔިތާ ވަޅުލައި މަހާނަ ހެދި ފަހުން ކަމަށްވަނީނަމަ، އެއް ގޮތަކީ، އެތަނުން މިސްކިތް ނެގުމެވެ. އަނެއް ގޮތަކީ، އެތާނގައި ޤަބުރުގެ ޞޫރައެއް (މަހާނައެއް ނުވަތަ ޤަބުރު ތަމްސީލުކުރާ އެއްޗެއް) ވާނަމަ އޭތި ނެގުމެވެ."

ތިޔަފަރާތުން ހުށަހަޅުއްވާފައިވާ ސުވާލުގައި ވިދާޅުވެފައިވާ "ޤަބުރު ފެންނަން ނެތްކަމަށްވަނީނަމަ" އެވެ، އޮތް ޢިބާރާތުގެ މާނައަކީ، "މަހާނައެއް ނުވަތަ ޤަބުރު ތަމްސީލުކުރާ އެއްޗެއް ނެތުން" ކަމަށްބެލެވެ އެވެ. ޞައްޙަ ޙަދީޘްފުޅުގައި ވާރިދުވެފައިވަނީ، ކީރިތި މާތް ނަބިއްޔާ، މަސްޖިދުއްނަބަވީ ބިނާކުރެއްވުމުގެ މަސައްކަތްޕުޅު ފެށްޓެވިއިރު، އެ ބިމުގައި މުޝްރިކުންގެ ޤަބުރުތަކެއް ވާކަމަށާއި، އެތަން ކޮނެ އެ ޤަބުރުތައް އެތަނުން ނެގުނު ކަމަށެވެ.

މިކަން ބަޔާންކޮށްދެއްވަމުން، އަލްޢައްލާމާ އަލްއަލްބާނީ (ރަޙިމަހު ﷲ) ވިދާޅުވެފައި ވެ އެވެ.

"ޤަބުރު އޮތް ތަން ފާޅުކޮށް ފެންނަން ނެތްކަމަށް ވަނީނަމަ، ޤަބުރު އޮތުމުގެ މައްޗަށް އެއްވެސް ފާސިދުކަމެއް ބިނާވެފައި ނުވާނެ ކަމީ، ސާފުކޮށް ބަޔާންވެގެންވާ ކަމެކެވެ. އެންމެނަށް ވެސް އެނގޭނެ ފަދައިން، ބުދަށް އަޅުކަންކުރުމާއި، ޝިރުކުރުމުގެ ކަންތައްތައް ހިނގަމުންދަނީ، ފާޅުކޮށް ފެންނަން ހުންނަ ޤަބުރުތަކުގެ (މަހާނަތަކާއި ޒިޔާރަތް ފަދަ ތަންތަނުގެ) ކައިރީގަ އެވެ. އަދި މީހަކު ވަޅުލުމެއްނެތި އޮޅުވާލުމުގެ ގޮތުން ހަދާފައިވާ އެފަދަ ތަންތަނުގެ ކައިރީގަ އެވެ. ނެތި ފަނާވެ އިންދިރާސްވެފައިވާ ޤަބުރުތަކުގެ ކައިރީގައެއް ނޫނެވެ. ޙިކުމަތްތެރި ގޮތަކީ، ޤަބުރުގެ މި ދެ ބާވަތް (ޝިރުކު ކުރެވޭ ޤަބުރާއި، ޝިރުކު ނުކުރެވޭ ޤަބުރު) ތަފާތުކުރުމެވެ. އިސްލާމީ ޝަރީޢަތް ވެސް ގެނެސްދެއްވާފައި ވަނީ މިގޮތެވެ." (އެބަހީ: ނަހީކުރައްވާފައިވަނީ، ޝިރުކު ކުރެވޭ ޤަބުރު މަތީގައި ބިނާކޮށްފައިވާ މިސްކިތުގައި ނަމާދުކުރުމެވެ. ޝިރުކު ނުކުރެވޭ ޤަބުރު މަތީގައި ބިނާކޮށްފައިވާ މިސްކިތުގައި ނަމާދުކުރުމަކީ ހުއްދަ ކަމެކެވެ.)

والله أعلم.

ނޯޓް:
މަތީގައި އެވަނީ، އިސްލާމްވެބްގެ ނަންބަރު 111368 ފަތުވާގެ ތަރުޖަމާއެކެވެ. އިސްލާމްވެބްގައި މި ފަތުވާ ޝާއިޢުކޮށްފައިވަނީ، 10 ޝަޢުބާން 1429 (13 އޯގަސްޓް 2008) ވީ ބުދަ ދުވަހު އެވެ. މި ފަތުވާ ތަޞްނީފުކޮށްފައިވަނީ، "މިސްކިތާއި، ނަމާދުކުރާ ތަންތަނުގެ ޙުކުމްތައް" (أحكام المساجد ومواضع الصلاة) އެވެ، ކިޔާ ބައިގަ އެވެ.
                    --------------------

ތަރުޖަމާ: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން