އަހުލުލް ޙައްލި ވަލް ޢަޤުދި، ނުވަތަ ރައްޔިތުންގެ މަޖިލިސް














ކޮންމެ ކަމެއްގައި ދީނީ ޢިލްމުވެރިންގެ ރައުޔު ހޯދައިގެން، އެ ރައުޔާ އެއްގޮތަށް ޢަމަލުކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެނީ، ދީނީ ޢިލްމުވެރިންނަށް އެނގިވަޑައިނުގަންނަވާނެ ކިތަންމެ ދާއިރާތަކެއް ވެ އެވެ.

"އަހުލުލް ޙައްލި ވަލް ޢަޤުދި" (أهل الحل والعقد) އަކީ، ބާވައިލައްވާފައިވާ މުޞްޠަލަޙެއް ނޫނެވެ. ޠާހިރު ސުންނަތުގައި ވެސް އެ މުޞްޠަލަޙެއް ނެތެވެ. އެއީ މުސްލިމުން އަމިއްލައަށް އުފައްދާފައިވާ މުޞްޠަލަޙެކެވެ. ޒަމާނާއެކު އެއަށް ވަނީ، ޝަރުޢީ ދަލީލެއްގެ ބާރު ލިބިފަ އެވެ. އެ މުސްޠަލަޙު ގިނައިން ބޭނުންކުރެވެނީ، ޝަރުޢީ ސިޔާސަތުގެ ދާއިރާގަ އެވެ. ޚާއްޞަކޮށް، މުސްލިމުންގެ ވެރިޔަކު ޢައްޔަންކުރުމުގެ ބާބުގަ އެވެ." އަހުލުލް ޙައްލި ވަލް ޢަޤުދި" (أهل الحل والعقد) އަކީ، މުސްލިމުންގެ ވެރިޔަކު ޢައްޔަންކުރުމަށް ބޭނުންކުރެވުނު ގޮތްތަކުގެ ތެރެއިން ގޮތެކެވެ. ވެރިޔަކު ޢައްޔަންކުރާނެ އެނޫން ގޮތްތައް ވެސް އިސްލާމީ ޝަރީޢަތުގައި ވެ އެވެ.

"
އަހުލުލް ޙައްލި ވަލް ޢަޤުދި" (أهل الحل والعقد) އަކީ، ބާރުތަކެއް ލިބިގެންވާ މަޖިލީހެކެވެ. ގައުމު ހިންގާނެ ގޮތްތައް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ އެ މަޖިލީހަށެވެ. ޤައުމުގެ އެންމެ އިސް ވެރިޔާ ގެ މައްޗަށް ބަސްކިއުމުގެ ބާރު ވެސް އެ މަޖިލީހަށް ލިބިގެންވެ އެވެ. އޭނާ ވެރިކަމަށް އިސްކުރުމާއި، އޭނާގެ ދަށުގައިވާ އިސް މަޤާމުތަކަށް މީހުން ޢައްޔަން ކުރުމުގައި ވެސް އެ މަޖިލީހުގެ ދައުރު ވަރަށް ބޮޑެވެ. އެހެންކަމުން، "އަހުލުލް ޙައްލި ވަލް ޢަޤުދި" (أهل الحل والعقد) އަށް ލިބިގެންވާ ބާރުތައް ސާފުކޮށް އެނގޭނެހެން ބަޔާންކޮށްފައި އޮންނަންޖެހެ އެވެ.

އިސްލާމީ ފިޤުހުވެރިންނާއި ޢިލްމުވެރިން ވަނީ، "އަހުލުލް ޙައްލި ވަލް ޢަޤުދި" (أهل الحل والعقد) އަކީ ކޮބައިކަން ބަޔާންކޮށްދެއްވުމަށް މަސައްކަތްތަކެއް ކުރައްވާފަ އެވެ. ޢިލްމުވެރިން ވަނީ، އެ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުޠުތަކެއް ވެސް ކަނޑައަޅުއްވާފަ އެވެ. އެއީ، އެ މަޖިލީހަށް ކުފޫ ހަމަވެގެންނުވާ މީހަކު، އެމަޖިލީހުގެ ގޮނޑިއަކަށް އިސްކުރުން މަނާކުރުމަށްޓަކަ އެވެ. އެގޮތުން ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ތިން ޝަރުޠެއް މާވަރުދީ (الماوردي) ބަޔާންކުރައްވާފައިވެ އެވެ. "އަޙުކާމު ސުލްޠާނިއްޔާ" (الأحكام السلطانية) ގައި އޭނާ ބަޔާންކުރައްވާފައިވާ، އެ ތިން ޝަރުޠަކީ:

1. ޢިލްމުވެރިއެއް ކަމުގައިވުން.
2. ޢަދުލުވެރިއެއް ކަމުގައިވުން.
3. ޚިޔާލު ތަނަވަސް، ޙިކުމަތްތެރިއެއް ކަމުގައިވުން.

މި ތިން ޝަރުޠުގެ ތެރެއިން ފުރަތަމަ ޝަރުޠުގައިވާ "ޢިލްމުވެރިއެއް ކަމުގައިވުމުގެ" މާނައަކީ، ދީނީ ޢިލްމުވެރިއެއް ކަމުގައި ވުމެއް ނޫނެވެ. އެ މަޖިލީހުގައި ދީނުގެ ކަންތައް ރަނގަޅަށް ދެނެވަޑައިގަންނަވާ އެންމެ ޢިލްމުވެރިއަކު އިންނެވިޔަސް ފުދޭނެ އެވެ. އެ މަޖިލީހުގެ ކޮންމެ މެމްބަރަކީ ދީނީ ޢިލްމުވެރިއެއް ކަމުގައި ވާކަށެއް ނުޖެހެ އެވެ. ފުރަތަމަ ޝަރުޠުގައިވާ ޢިލްމުގެ މާނައަކީ، ދީނީ ޢިލްމާއި، ސިޔާސީ ޢިލްމާއި، ދުންޔަވީ އެހެނިހެން ޢިލްމުތަކާއި، ގައުމުގެ ޙާލަތު ރަނގަޅަށް ދަތުމެވެ. އެހެންކަމުން، އެ މަޖިލީހުގައި އިޤުތިޞާދީ ޢިލްމުވެރިންނާއި، ޢަސްކަރީ މާހިރުންނާއި، ސައިންސްގެ އަހުލުވެރިންނާއި، ޚާރިޖީ ސިޔާސަތުގެ ތަޖުރިބާކާރުންނާއި، އުންމަތްތަކުގެ ސަގާފަތުތައް ދަންނަ ތައުލީމުޔާފުތާއިން ވެސް ހިމެނެން ޖެހެ އެވެ. އަދި މިނޫނަސް، ޒަމާނާއި ޙާލަތު ނިޔާކުރާ ގޮތެއްގެ މަތިން އެ މަޖިލީހުގެ ގޮނޑިތަކަށް ކޮންމެހެން ބޭނުންވާ ޢިލްމާއި ތަޖުރިބާއާއި ހުނަރުގެ އަހުލުވެރިން ވެސް އިސްކުރެވިދާނެ އެވެ.

"
އަހުލުލް ޙައްލި ވަލް ޢަޤުދި" (أهل الحل والعقد) މަޖިލީހުގެ މެމްބަރުން ޢައްޔަންކުރަން ޖެހެނީ، އެމީހުންގެ ދީންވެރިކަމަށް ބަލައިގެނެއް ނޫނެވެ. އަދި އެމީހުން ވެސް މަޤާމުތަކަށް މީހުން އިސްކުރަން ޖެހެނީ، އިސްކުރެވޭ މީހާގެ ދީންވެރިކަމަށް ބަލައިގެނެއް ނޫނެވެ. މިކަމުގެ މިސާލެއްގެ ގޮތުން އަބޫބަކުރުގެފާނު ފުދެ އެވެ. އަޞްޙާބު ބޭކަލުން އެކަލޭގެފާނު ޚަލީފާކަމަށް އިސްކުރެއްވީ، ފަހަރެއްގައިވެސް އެކަލޭގެފާނުގެ ދީންވެރިކަމަށް ބައްލަވާފައެއް ނޫނެވެ. އެކަމަކު، ޢަރަބިކަރައިގެ ވަންހަތަކާއި، ދަރިކޮޅުތަކާއި، ރަށްތަކާއި، އެރަށްތަކުގެ އަހުލުވެރިންގެ ޙާލަތު އެންމެ ބޮޑަށް ދެނެވަޑައިގަންނަވަނީ އެކަލޭގެފާނު ކަމަށްވާތީ އެވެ. މުރުތައްދުވީ މީހުންނާ ހަނގުރާމަކުރެއްވުމަށް އެކަލޭގެފާނު ފަސްޖެހިވަޑައިނުގަތީ ވެސް އެމީހުންގެ ޙާލަތު އެކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީ އެވެ. އެކަލޭގެފާނު އެކަމާ ކުރިމަތިފުޅުލެއްވިއިރު، ޢުމަރުގެފާނު ވެސް ހުންނެވީ އެކަމާ ކުރިމަތިފުޅު ލެއްވުމަށް ޖެހިލުންވެވަޑައިގެންފަ އެވެ.

"
އަހުލުލް ޙައްލި ވަލް ޢަޤުދި" (أهل الحل والعقد) މަޖިލީހުގެ ގޮނޑިތަކަށް މީހުން ޢައްޔަންކުރުމަކީ، ދީނީ ކަމެއް ނޫނެވެ. އެކަމަކު އެއީ ސިޔާސީ ކަމެކެވެ. އެކަމުގެ ބޭނުމަކީ، ގައުމުގެ ކަންތައްތައް ބަލަހައްޓާނެ ހައިބަތުހުރި ވަރުގަދަ މަޖިލީހެއް އުފެއްދުމެވެ.

"
ފަތުޙުލްބާރީ" (فتح الباري) ގައި އަލްޙާފިޡު އިބްނު ޙަޖަރު (الحافظ ابن حجر) ވިދާޅުވެފައިވެ އެވެ.

"
ރަށްތަކަށް ވެރިން އިސްކުރެއްވުމުގައި ޢުމަރުގެފާނު ޢަމަލުކުރެއްވި ގޮތް އެކަލޭގެފާނުގެ ސިޔަރަތުން އެނގެނެ އެބައޮތެވެ. ވެރިން އިޚުތިޔާރުކުރައްވާއިރު، ދީނީ ގޮތުން އެންމެ މޮޅު ބޭކަލަކު އިޚުތިޔާރުކުރެއްވުމަކަށް އެކަލޭގެފާނު އިސްކަމެއް ނުދެއްވަ އެވެ. އެކަމަކު އެކަލޭގެފާނު އިޚުތިޔާރުކުރައްވާފައިވަނީ، ދީނާ ޚިލާފު ކަންތައް ނުކުރައްވާ، ސިޔާސީ ކަންތައްތައް މޮޅަށް ދެނެވަޑައިގަންނަވާ ބޭކަލުންނެވެ. އެހެންކަމުން، މުޢާވިޔަތުގެފާނު (معاوية) އާއި، މުޣީރަތުގެފާނު (المغيرة بن شعبة) އާއި، ޢަމްރުގެފާނު (عمرو بن العاص) ފަދަ ބޭކަލުން، އިސްލާމީ ދައުލަތުގެ ދަށުގައިވާ ގައުމުތަކަށް އިސްކުރެއްވި އެވެ. އޭރު، އެބޭކަލުންނަށްވުރެ ދީނީ ޢިލްމުގައި ފުންނާބު އުސް ކިތަންމެ ބޭކަލަކު އުޅުއްވި އެވެ. އެފަދަ ބޭބޭކަލުންގެ ތެރޭގައި ޝާމުކަރައިގައި ހުންނެވި އަބުއްދަރުދާއުގެފާނު (أبو الدرداء) އާއި، ކޫފާގައި ހުންނެވި އިބްނުމަސްޢޫދުގެފާނު (ابن مسعود) ހިމެނިވަޑައިގަންނަވަ އެވެ.

މިފަދަ ކަންތައްތަކަށް ނަޒަރުހިންގައި ބަލާއިރު، "އަހުލުލް ޙައްލި ވަލް ޢަޤުދި" (أهل الحل والعقد) މަޖިލީހަކީ، ހަމައެކަނި ދީނީ ޢިލްމުވެރިންގެ މުށުތެރޭގައި ބޭއްވޭނެ މަޖިލީހެއް ނޫންކަން އެނގެ އެވެ. އަދި ދީނީ ޢިލްމުވެރިއަކަށް ވެވަޑައިގެންފި ކޮންމެ ބޭފުޅަކު އެމަޖިލީހުގެ މެމްބަރަކަށް ހަދަން ނުޖެހޭނެ ކަން ވެސް އެނގެ އެވެ. އެކަމަކު އެމަޖިލީހުގެ ގޮނޑިތަކުގައި ތިއްބަވަންވާނީ، ޢިލްމުވެރިންނާއި، ޢާލިމުންނާއި، އިންޖިނޭރުންނާއި، ޑަކުޓަރުންނާއި، ނޫސްވެރިންނާއި، މާހިރުންނާއި، ކަމުވޮށިވެގެންވާ މީހުންނާއި، ހުނަރުވެރިންނެވެ.

ޢުމަރުގެފާނު، "އަހުލުލް ޙައްލި ވަލް ޢަޤުދި" (أهل الحل والعقد) މަޖިލީހަށް ޢައްޔަންކުރެއްވީ، އަޞްޙާބު ބޭކަލުންގެ ތެރޭގައި ތިއްބެވީ ކަމުވޮށިވެގެންވާ ބޭކަލުންކޮޅެކެވެ. އެ ޒަމާނަކީ އިސްލާމްދީނުގެ އެންމެ އުޖާލާ ޒަމާންކަމަށް ވުމާއެކު ވެސް، އޭގެތެރެއިން ގިނަ ބޭކަލުންނަކީ، ދީނީ ޢިލްމުވެރިންނެއް ނޫނެވެ. އެކަމަކު ގިނަ ބޭކަލުންނަކީ، ދުންޔަވީ ކަންތައްތައް ދެނެވަޑައިގަންނަވާ މާހިރުންނެވެ. އޭރު އިބްނު ޢައްބާސްގެފާނު (عبدالله بن العباس) ވެސް ހުންނެވި އެވެ. އެކަލޭގެފާނަކީ، ތަފުސީރު ޢިލްމުގައި "ކީރިތި ޤުރުއާނުގެ ތަރުޖަމާނެވެ." އަދި ޙަބްރުލްއުއްމާ (حبر الأمة) ގެ ލަޤަބު ދެވިފައިވާ މި އުންމަތުގެ އެންމެ ބޮޑު ދީނީ ޢިލްމުވެރިޔާ ވެސްމެ އެވެ. ހަމައެފަދައިން، އިބްނު ޢުމަރުގެފާނު (عبدالله بن عمر) އާއި، އަބޫހުރައިރަތުގެފާނު (أبو هريرة) އާއި، ޢަމްރުގެފާނު (عمرو بن العاص) ފަދަ ކިތަންމެ ބޭކަލަކު އުޅުއްވި އެވެ. ނަމަވެސް އެއިން ބޭކަލަކު، "އަހުލުލް ޙައްލި ވަލް ޢަޤުދި" (أهل الحل والعقد) މަޖިލީހުގައި ހިމެނިވަޑައެއް ނުގަންނަވަ އެވެ. އެމަޖިލީހަށް އިސްކުރެއްވުނު ބޭކަލުންގެ ތެރޭގައި، ޠަލްޙަތުގެފާނު (طلحة) އާއި، ޒުބައިރުގެފާނު (الزبير) ހިމެނިވަޑައިގެންނެވި އެވެ. އެ ދެ ބޭކަލުންނަކު ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައެއްނުގަނެ އެވެ. އެ ދެ ބޭކަލުން ހިމެނިވަޑައިގަންނަވަނީ، ދުންޔަވީ ކަންތައްތައް މޮޅަށް ދަންނަ، ހިންގުންތެރި، ސިޔާސީ މުޙަންނިކުންގެ ތެރޭގަ އެވެ. މިއިން އެނގޭ އެއްޗަކީ، "އަހުލުލް ޙައްލި ވަލް ޢަޤުދި" (أهل الحل والعقد) މަޖިލީހުގެ ގޮނޑިތަކަށް މެމްބަރުން ހޮވަންޖެހޭނީ، ދީނީ ޢިލްމުވެރިންގެ ތެރެއިން ނޫންކަމެވެ.

ނަންގަނެވިދިޔައީ، އިސްލާމީ އުންމަތުގެ ފިޤުހުވެރިން ބަޔާންކުރައްވާފައިވާ ގޮތެވެ. ނަމަވެސް، "އަހުލުލް ޙައްލި ވަލް ޢަޤުދި" (أهل الحل والعقد)، ވަރަށް ހަނި ގޮތަކަށް ވެސް މާނަކުރެވެ އެވެ. އެގޮތަށް މާނަކުރެވިފައިވަނީ އުޞޫލުލްފިޤުހު ގެ ފޮތްތަކުގަ އެވެ. އުޞޫލީންގެ ގާތުގައި "އަހުލުލް ޙައްލި ވަލް ޢަޤުދި" (أهل الحل والعقد) ގައި ހިމެނިވަޑައިގަންނަވަނީ، ދީނީ ޢިލްމުވެރިންގެ ތެރެއިން އެބޭކަލުންގެ އިޖުމާޢަކީ، ޝަރުޢީ ޙުއްޖަތެއްކަމަށް ބެލެވޭ ދީނީ ޢިލްމުވެރިންނެވެ. ނަމަވެސް ފިޤުހާއި، ޝަރުޢީ ސިޔާސަތާއި، ތާރީޚު ފޮތްފޮތުގައި، "އަހުލުލް ޙައްލި ވަލް ޢަޤުދި" (أهل الحل والعقد) މާނަކުރެވިފައިވަނީ، އިސްވެ ނަންގަނެވިދިޔަ ފަދައިންނެވެ. ފުންނާބުއުސް އުޞޫލީ އިމާމު ފަޚުރުއްރާޒީ (الإمام الأصولي الكبير الفخر الرازي) ވަނީ، މީހުންގެ ސަމާލުކަމަށް މިކަން ގެނެސްދެއްވާފަ އެވެ.

މި މޭރުމުން، މިވާހަކަތައް މި ދައްކަނީ ފަހަރެއްގައިވެސް ދީނީ ޢިލްމުވެރިންގެ ގަދަރު ކުޑަކޮށްލުމުގެ މަގުސަދަކު ނޫނެވެ. އެކަމަކު، މިވާހަކަތައް މިދައްކަނީ އެހެން ދެ ބޭނުމެއްގަ އެވެ.

އެއް ބޭނުމަކީ، ގިނަބަޔަކަށް ނުބައިކޮށް އޮޅުންފިލާފައިވާ މަފުހޫމެއް ރަނގަޅުކޮށްދިނުމެވެ.

އަނެއް ބޭނުމަކީ، ޢިލްމާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ކޮންމެ ފަރުދަކުމެ، އޭނާއާ މުނާސިބުވެގެންވާ މަޤާމަށް ވާޞިލުކުރުމެވެ. ކަމަކަށް އެކަށީގެންވާ މީހަކު މަޤާމަކުން ދުރުކޮށް، އެ މަޤާމަށް ނަމެއްގައި މީހަކު ލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ކޮންމެ ޢިލްމެއްގެ އަހުލުވެރިންނަށް އެބަޔަކާ މުނާސިބުވެގެންވާ ދާއިރާތަކެއް ވެ އެވެ. އެއިން އެއްވެސް ދާއިރާއެއްގެ ބަޔަކަށް، އަނެއް ދާއިރާއެއްގެ ބަޔަކާ ގުޅުން ކަނޑާލައިގެނެއް ނޫޅެވޭނެ އެވެ. އަދި އެއްވެސް ޙާލެއްގައި ގައުމެއްގެ މުފައްކިރުންނާއި، ލިއުންތެރިންނާއި، ތަޢުލީމުޔާފުތާއިން އެއްފަރާތްކޮށްފައި، އެމީހުންގެ ތެރެއިން ބަޔަކު ބައިވެރިނުކޮށް، އެ ޤައުމެއްގެ ގައުމީ ބޮޑެތި ކަންތައްތަކެއް ނިންމައިގެނެއް ނުވާނެ އެވެ. ބޮޑެތި ކަންތައްތައް ނިންމާ، "އަހުލުލް ޙައްލި ވަލް ޢަޤުދި" (أهل الحل والعقد) މަޖިލީހުގެ ގޮނޑިތަކުގައި އެމީހުން ވެސް ތިބެންޖެހޭނެ އެވެ.

ކުރިމަތިވާ ކޮންމެ ކަމެއްގައި ދީނީ ޢިލްމުވެރިންގެ ރައުޔު ހޯދައިގެން، އެ ރައުޔާ އެއްގޮތަށް ޢަމަލުކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެނީ، ދީނީ ޢިލްމުވެރިންނަށް އެނގިވަޑައިނުގަންނަވާނެ ކިތަންމެ ދާއިރާތަކެއް ވެ އެވެ. އެ ދާއިރާތަކުގެ ކަންތަކާމެދު ގޮތެއް ނިންމަވަން އެނގިވަޑައިގަންނަވާނީ، އެ ދާއިރާތަކުގެ ޢާލިމުންނާއި މާހިރުންނާއި ހުނަރުވެރިންނަށެވެ. ޢިލްމަކީ ހަމައެކަނި ދީނީ ޢިލްމެއް ނޫނެވެ. އިޖުތިމާޢީ ޢިލްމާއި، ނަފުސާނީ ޢިލްމަކީ ވެސް ޢިލްމެވެ. ގިނަދުވަހު މަތީ މަޤާމުތައް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅުންނާއި، ޚާރިޖީ ސިޔާސަތުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި، ތަފާތު ދާއިރާތަކުން ގިނަގުނަ މަޢުރިފާ ހޯއްދަވައިގެން ތިއްބެވި ތަޢުލީމުޔާފުތާއިންނަކީ، ދީނީ ޢިލްމުވެރިންނަށްވުރެ މުހިންމުކަން ކުޑަ ބަޔެއް ނޫނެވެ. ދީނީ ޢިލްމުވެރިންނަށް އެނގިވަޑައިނުގަންނަވާނެ ކިތަންމެ ކަންތައްތަކެއް، މިނަންގަތް ދާއިރާތަކުގެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެވެ.

ލިޔެވިދިޔައީ، ސަޢޫދީ ޢަރަބިއްޔާގެ ދަންނަބޭކަލެއް ކަމަށްވާ ފަޟީލަތުއްޝައިޚު ޢާދިލު ކަލްބާނީ (فضيلة الشيخ عادل الكلباني) ލިއުއްވާފައިވާ މަޒުމޫނެއްގެ ދޭހަ ތަރުޖަމާއެކެވެ. އެ މަޒުމޫނުގައި އޭނާ ވިދާޅުވެފައިވާ "އަހުލުލް ޙައްލި ވަލް ޢަޤުދި" (أهل الحل والعقد) އަކީ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހެވެ.
               -----------------------

ދޭހަ ތަރުޖަމާ: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން