މައްޔިތާގެ މައްޗަށް ސާޅީސް ދުވަސް ފާހަގަކުރުންސުވާލު:

މީހަކު މަރުވުމަށްފަހު ސާޅީސް ދުވަސް ފުރުމުން ވަރަށް ގިނައިން ކީރިތި ޤުރުއާން ކިޔަވައި އެ މައްޔިތާ އަށް ސާޅީސް ފުރުން ފާހަގަކުރުމަކީ މެދުތެރޭ ޔޫރަޕްގެ ޤައުމުތަކާއި މިޞްރުގައި މީހުން ކުރާ ކަމެކެވެ. އެކަން ކުރާ ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި، ސާޅީސް ދުވަސް ވަންދެން މައްޔިތާގެ ފުރާނަ ބިންމަތީގައި ދިރިއުޅެ އެވެ. މިކަމާބެހޭ ގޮތުން ވިދާޅުވަނީ ކީކޭތޯ އެވެ؟

ޖަވާބު:

މައްޔިތާގެ މައްޗަށް ކީރިތި ޤުރުއާން ކިޔެވުމާއި، އަދި ކީރިތި ޤުރުއާން ކިޔަވައި އޭގެ ޘަވާބު މައްޔިތާއަށް ހަދިޔާކުރުމަކީ، އިސްލާމްދީނުގެ ޝަރުޢީ ދަލީލުތައް އިޤުރާރުވެފައިވާ ކަމެކެވެ. އަދި އެކަމަކީ، ހަތަރު މަޒުހަބުގެ ފިޤުހުވެރިން އިއްތިފާޤުވެވަޑައިގެންފައިވާ ކަމެކެވެ. "އައްތަޛުކިރާ" އެވެ، ކިއުނު ފޮތުގައި އަލްއިމާމުލް ޤުރުޠުބީ ވިދާޅުވެފައިވަނީ، ކީރިތި ޤުރުއާން ކިޔަވައި މައްޔިތާއަށް ހަދިޔާކުރުމަކީ، ދިރިހުރި މީހަކު މައްޔިތަކަށް ދޭނެ އެންމެ އަގުހުރި ހަދިޔާ ކަމަށެވެ. 


މައްޔިތާއަށް ހަދިޔާކުރުމަށްޓަކައި ކޮންމެ ވަގުތަކުވެސް ކީރިތި ޤުރުއާން ކިޔެވިދާނެ އެވެ. އަދި ވަކި ދުވަހެއް ކަނޑައަޅައި އެދުވަހު ކީރިތި ޤުރުއާން ކިޔަވައި މައްޔިތާއަށް ހަދިޔާކުރެވިދާނެ އެވެ. މި ދެ ގޮތަށް މިކަން ކުރުން މަނާކުރާ ދަލީލެއް، އިސްލާމީ ޝަރުޢުގައި ނެތެވެ. އިސްލާމީ ޝަރުޢުގައި މަނާކުރައްވާފައިވަނީ، އެ ދުވަހަކީ، ހިތާމަތައް އާކުރާ ތަޢުޒިޔާގެ ދުވަހެއް ކަމުގައި ހެދުމާއި، ތަޢުޒިޔާގެ ދުވަހުގައި ކުރާ ކަންތައްތައް އެ ދުވަހު ކުރުމެވެ. ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނަހީކުރައްވާފައިވަނީ، ތަޢުޒިޔާގެ މުއްދަތު ތިންދުވަހަށްވުރެ އިތުރު ނުކުރުމަށެވެ. އެއީ، އެއަށްފަހު ހިތާމަތައް އާކުރުން އެއްކިބާކުރެއްވުމަށްޓަކަ އެވެ.


މީހަކު މަރުވުމަށްފަހު، ސާޅީސް ދުވަސް ވަންދެން އޭނާގެ ފުރާނަ ބިންމަތީގައި ވާނެ ކަމީ، ޣައިބިއްޔަ ކަމެކެވެ. ވާރިދުވެފައިވަނީ، މައްޔިތާގެ މައްޗަށް ސާޅީސް ދުވަހު ހެނދުނު ބިން ރޯނެ ކަމަށެވެ. ސާޅީސް ދުވަސް ވަންދެން މައްޔިތާގެ ފުރާނަ ބިންމަތީގައި ވާނެކަން ސާބިތުވާ ޞައްޙަ ދަލީލެއް ވާރިދުވެފައެއް ނުވެ އެވެ. 
والله أعلم.
                 --------------------

ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން