ތިންސަތޭކަ ސާޅީސް ތިނެއްގެ މުޢުޖިޒާތް

ކީރިތި ޤުރުއާނުގައި 343 (ތިންސަތޭކަ ސާޅީސް ތިނެއް) ގެ މުޢުޖިޒާތް ލައްވާފައިވާ ގޮތާމެދު ފިކުރު ހިންގައިލުމުން އެތައް ޙަޤީޤަތްތަކެއް ހާމަވެގެންދެ އެވެ! އެންމެ ފުރަތަމަ ކަމަކީ، އެ ޢަދަދު އުފެދިފައިވާ ގޮތެވެ. އެ ޢަދަދާ ހަތަކާ ގުޅިފައިވާ ގޮތެވެ. ކިއުބެއް ނުވަތަ ކޮޑިއެއް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަމާތޯ އެވެ.

އެ ކޮޑީގެ ކޮންމެ ފަރާތެއްގެ ދިގުމިނަކީ 7 އެވެ. ޚިޔާލުކޮށްލަން ފަސޭހަކޮށްލުމަށްޓަކައި، އެއީ 7 ސެންޓިމީޓަރ ކަމުގައި ބަލަމާތޯ އެވެ. އަޅުގަނޑުމެން އެ ކޮޑި ނުވަތަ އެ ކިއުބު، ސެންޓިމީޓަރަކުން ސެންޓިމީޓަރަކުން ކީހައިގެން އެއިން ކުދިކުދި ކޮޑިތަކެއް އުފައްދައިފިނަމަ، ފުޅާމިނާއި، ދިގުމިނާއި، އުސްމިނުގައި ސެންޓިމީޓަރެއް ހުންނަވަރުގެ 343 އެތިކޮޅު އެއިން އުފެދޭނެ އެވެ! އެހެން ޢިބާރާތަކުން ބުނާނަމަ، 343 އަކީ، 7 އޭގެ އަމިއްލަ ނަފުސުގައި ތިން ފަހަރު ގުނަކުރީމާ ލިބޭނެ ނަތީޖާ އެވެ. (7×7×7=343) އެހެންވީމާ، 343 އަކީ، ހަތެއްގެ "ކޮޑި ޢަދަދު" ކަމަށް ބުނެވިދާނެ އެވެ.

ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި 343 ގެ ސިއްރުތައް ލައްވާފައި ވެ އެވެ. އޭގެ މައްޗަށް ނަޒަރު ހިންގައިލާއިރު ބުއްދީގެ އަހުލުވެރިންގެ ހިތްތަކަށް މޭރުންވާ އެތައް ޙަޤީޤަތްތަކެއް ވެ އެވެ. އެއިން އެއް ޙަޤީޤަތަކީ، ކީރިތި ޤުރުއާނާ އެއްފަދަވެގެންވާ ފޮތެއް، ސައިންސާއި ޓެކްނޮލޮޖީގެ ވާގިވެރިކަމާއެކު ވެސް ނުއުފެއްދޭނެ ކަމެވެ. މިކަމަށް ސައިންސާއި ޓެކްނޮލޮޖީގެ އަރުތަތައް އަރާއަރާފޯދިގެން ނުވާ އެއްސަބަބަކީ، 343 އިން "ސިއްކަ ޖައްސަވާފައިވާ" ވަޙީބަސްފުޅުތައް ކީރިތި ޤުރުއާނުގައި ލައްވާފައި ވާ ކަމެވެ. އިސްވެ ބަޔާންކުރެވުނު ފަދައިން 343 އަކީ، 7 ގެ ކޮޑި ޢަދަދެވެ. 7 އަކީ، މުޅި މި ކައުނާއި، މުޅި މި ކާއިނާތުގައި ވެސް މާތް ﷲ ލައްވާފައިވާ ވަރަށް މުހިންމު ޢަދަދެކެވެ.

343
އިން ސިއްކަޖައްސަވާފައިވާ ވަޙީބަސްފުޅުތަކުގެ މިސާލެއްގެ ގޮތުން، އައްޠާރިޤު ސޫރަތުގެ 13 ވަނަ އާޔަތް ފުދެ އެވެ. އެ އާޔަތުގައި އެ ޢަދަދުން ސިއްކަ ޖައްސަވާފައިވާ ގޮތުގެ މައްޗަށް ނަޒަރު ހިންގައިލަމާތޯ އެވެ.

(إِنَّهُ لَقَوْلٌ فَصْلٌ) އައްޠާރިޤު: 13
މާނައީ، "ހަމަކަށަވަރުން، އެ ޤުރުއާނަކީ، ޙައްޤާއި، ބާޠިލު ވަކިކުރާ ތެދު ބަސްފުޅެއްކަން ކަށަވަރެވެ."
މި އާޔަތުގެ ފުރަތަމަ ކަލިމަފުޅު (إِنَّهُ) ގައި ވަނީ 3 އަކުރެވެ. ދެވަނަ ކަލިމަފުޅު (لَقَوْلٌ) ގައި ވަނީ، 4 އަކުރެވެ. ތިންވަނަ ކަލިމަފުޅު (فَصْلٌ) ގައި ވަނީ، 3 އަކުރެވެ. މި ޢަދަދުތައް ތަރުތީބުން އަތުރާލީމާ ލިބޭ ނަތީޖާއަކީ، 343 އެވެ. އިސްވެ ބަޔާންކުރެވުނު ފަދައިން 343 އަކީ، 7 އާއި، 7 އާއި، 7 އާ ގުނަކުރީމާ ލިބޭ ނަތީޖާ އެވެ. އެއީ، 7 ގެ ކޮޑި ޢަދަދެވެ. އެ ކޮޑީގެ ދިގުމިނަކީ ވެސް 7 އެވެ. ފުޅާމިނަކީ ވެސް 7 އެވެ. އުސްމިނަކީ ވެސް 7 އެވެ.

އަދި އެހެން ވަޙީބަސްފުޅަކަށް ނަޒަރުހިންގައިލަމާތޯ އެވެ.
(وَعْدَ اللَّهِ حَقًّا)
މާނައީ، "ﷲ ގެ ޙައްޤު ވަޢުދުފުޅެވެ."

މާތް ﷲ ގެ ކަލާމްފުޅުގެ ތިން އާޔަތެއްގައި، މި ވަޙީބަސްފުޅު ތަކުރާރުވެފައި ވެ އެވެ. އެއީ، އައްނިސާ ސޫރަތުގެ 122 ވަނަ އާޔަތާއި، ޔޫނުސު ސޫރަތުގެ 4 ވަނަ އާޔަތާއި، ލުޤުމާން ސޫރަތުގެ 9 ވަނަ އާޔަތެވެ. މި ތިން އާޔަތުގައި ވެސް، މި ވަޙީބަސްފުޅު، ވާރިދުވެފައި ވަނީ، ސުވަރުގޭގެ އަހުލުވެރިންގެ ވާހަކައިގަ އެވެ. މާތް ﷲ ގެ ވަޢުދުފުޅުގެ ތެދުކަން، މިކަމުން ވެސް ކަށަވަރުވެގެންދެ އެވެ. އަދި މި ވަޙީބަސްފުޅުގެ މައްޗަށް، ޢަދަދުގެ އަލީގައި ނަޒަރުހިންގައިލުމުން ވެސް ހާމަވެގެންދަނީ އިތުރު ޔަޤީންކަމާއި ކަށަވަރުކަމެވެ.

(وَعْدَ اللَّهِ حَقًّا)
މި ވަޙީބަސްފުޅުގެ ފުރަތަމަ ކަލިމަފުޅު (وَعْدَ) ގައިވަނީ، 3 އަކުރެވެ. ދެވަނަ ކަލިމަފުޅު (اللَّهِ) ގައި ވަނީ، 4 އަކުރެވެ. ތިންވަނަ ކަލިމަފުޅު (حَقًّا) ގައި ވަނީ، 3 އަކުރެވެ. މި ޢަދަދުތައް ތަރުތީބުން އަތުރާލީމާ ލިބޭ ނަތީޖާއަކީ، 343 އެވެ. އިސްވެ ބަޔާންކުރެވުނު ފަދައިން 343 އަކީ، 7 ގެ ކޮޑިޢަދަދެވެ.

އަޅުގަނޑުމެންގެ ޔަޤީންކަމަށް އިތުރު އާރޯކަން ލިއްބައިދޭނެ ސުވާލެއް މި މަޤާމުގައި ކޮށްލެވިދާނެ އެވެ. 7 ގެ ކޮޑި ޢަދަދުގެ ތެރޭގައި، މިފަދަ ވަޙީބަސްފުޅުތައް ލައްވާފައިވަނީ ކީއްވެގެންތޯ އެވެ؟ މިއީ ވެސް، ކީރިތި ޤުރުއާނުގެ މަތިވެރިކަމާ، އަދި އެއީ މާތް ﷲ ގެ ކަލާމްފުޅުކަން، މުއުމިނުންނަށާއި، ބުއްދީގެ އަހުލުވެރިންނަށް ކަށަވަރުކޮށްދޭނެ "ބާމީމްބާއެއް" ކަމުގައި ލެއްވުންކަން، މި ސުވާލުގެ ޖަވާބަކަށް ފުދެ އެވެ. މިފަދަ ބާމީމްބާތައް ވެފައިވަނީ، ބުއްދިކުރާ ޣައިރު މުސްލިމުންނަށް ވެސް ކީރިތި ޤުރުއާނުގެ ހިދާޔަތާއި ތެދުމަގު ފެނިގެންދާ މަގުތަކެއް ކަމުގަ އެވެ. (ހިސާބު ޢިލްމުގައި "ބމބ" އަކީ، ބައިވެރިވާ މަތީ ބަހާ އެވެ.)

7
ގެ ކޮޑި ޢަދަދުން ސިއްކަ ޖައްސަވާފައިވަނީ، ހަމައެކަނި އާޔަތްތަކެއް ނޫނެވެ. އާޔަތްތަކުގެ އިތުރުން ބައެއް ސޫރަތްތަކުގައި ވެސް ވަނީ އެއިން ސިއްކަ ޖައްސަވާފަ އެވެ. އެފަދަ ސޫރަތެއްގެ މިސާލަކީ، އަލްކަހުފު ސޫރަތެވެ. އެއީ، ކާފިރުންގެ އަތްދަށުން ސަލާމަތްވެ، މާތް ﷲ ގެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަށް ޢަޒުމުކަނޑައެޅި ޒުވާނުންގެ ޖަމާޢަތެއްގެ ވާހަކަ ނަންގަނެވިފައިވާ މަތިވެރި ސޫރަތެވެ. ތިން ސަތޭކަ އެތައް އަހަރެއް ވަންދެން ހޮހަޅެއްގެ ތެރޭގައި ނިދާފައި ތިބި ކަހުފު ބާގައިގެ މީހުންނަކީ އެ ޒުވާނުންނެވެ. "އަލްކަހުފު" އަކީ، ޢަރަބި ބަހުން ހޮހަޅަށް ކިޔާ ނަމެވެ.

އަލްކަހުފު ސޫރަތުގައި ނަންގަނެވިފައިވާ ޢަދަދުތައް އެއްކޮށްލާއިރު ލިބޭ ނަތީޖާއަކީ، 343 އެވެ. މީގެ ތަފުޞީލު ތިރީގައި މިވަނީ އެވެ.
އަލްކަހުފު ސޫރަތުގެ 22 ވަނަ އާޔަތުގައި، 6 ޢަދަދު ނަންގަނެވިފައި ވެ އެވެ. އެއީ، 3 އާއި، 4 އާއި، 5 އާއި، 6 އާއި، 7 އާއި، 8 އެވެ.
އެ ސޫރަތުގެ 25 ވަނަ އާޔަތުގައި، 2 ޢަދަދު ނަންގަނެވިފައި ވެ އެވެ. އެއީ، 300 އާއި 9 އެވެ.
އެ ސޫރަތުގެ 110 ވަނަ އާޔަތުގައި، 1 ޢަދަދު ނަންގަނެވިފައިވެ އެވެ. އެއީ، 1 އެވެ.
މި ޢަދަދުތައް އެއްކުރުމުން ލިބޭ ނަތީޖާ ތިރީގައި މިވަނީ އެވެ.
3+4+5+6+7+8+300+9+1=343

އިސްވެ ބަޔާންވެދިޔަ ފަދައިން 343 އަކީ، ހަތެއް ހަތަކާ ތިން ފަހަރު ގުނަކުރުމުން ލިބޭ ހަތެއްގެ ކޮޑި ޢަދަދެވެ. މި ބަޔާންކުރެވުނު ޙަޤީޤަތްތަކުން އެނގޭ އެއްޗަކީ، އަލްކަހުފު ސޫރަތުގައި ބަޔާންކުރައްވާފައިވާ ޢަދަދުތައް ވެސް، ހަތެއްގެ ކޮޑި ޢަދަދުގެ ތެރޭގައި ލައްވާފައި ވާ ކަމެވެ. ހަތެއްގެ ކޮޑިއަކަށް ބައްޓަންކުރައްވާފައިވާ ޤުދުސީ މަލާފަތެއްގެ ތެރެއަށް މި ޢަދަދުތައް ލައްވައި، އެ މަލާފަތުގައި 343 އިން ސިއްކަ ޖައްސަވާފައިވާ ފަދަ އެވެ!

ނަންގަނެވިދިޔައީ، ކީރިތި ޤުރުއާނުގައިވާ، ތިންސަތޭކަ ސާޅީސް ތިނެއްގެ މުޢުޖިޒާތްތަކުގެ މާސިންގާ ބިޔަ ކަނޑުން ކުޑަކުޑަ ތިއްކެއްގެ މިންވަރެވެ. އެ މާތް ފޮތުގެ އެއް އާޔަތް، އަނެއް އާޔަތާ ގުޅުވާލައިގެން ދިރާސާކުރަމުން ދާއިރު ވެސް، 343 ގެ އެތައް މުޢުޖިޒާތްތަކެއް ހާމަވަމުންދެ އެވެ.
              -------------------

މުޞަންނިފު: އަލްމުހަންދިސް އަލްއުސްތާޛު ޢަބްދުއްދާއިމް އަލްކަޙީލް
ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން