ރައީސް ނާޞިރުގެ ބިސްތާނައިގައި އިސްކަންދަރު ރަސްގެފާނަށް ނިސްބަތްވާ ސިއްކައެއް


ރައީސް އަލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވެ، މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުގައި އެ ކިލެގެފާނު ފަސްދާނުލައްވައި އެ ތާނގައި ހައްދަވާފައިވާ ބިސްތާނައިގެ ބޭރުގައި އިސްކަންދަރު ރަސްގެފާނަށް ނިސްބަތްކުރެވޭ ސިއްކައެއް އެ ހުރީ ކީއްވެތޯ ހިތަށް އަރަ އެވެ.

މިހެންދެންނެވީ އިސްކަންދަރު ރަސްގެފާނަށް ނިސްބަތްކުރެވޭ ސިއްކައެއް އެހެން ބޭފުޅެއްގެ ޒިޔާރަތެއްގައި ނުވަތަ ބިސްތާނައެއްގައި ހުރުމަކީ ވެގެންވާނެ ކަމެއްނޫން ކަމަށް ދެކިގެންނޫނެވެ. އަދި މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުގައި ހުރި އިސްކަންދަރު ރަސްގެފާނުގެ ދަރިކަލުން ސުލްޠާން މުޙައްމަދުގެ ޒިޔާރަތުގައި ވެސް ނުވަތަ މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުގައި ހުރި އެހެން އެއްވެސް ޒިޔާރަތެއްގައި ވެސް އެ ސިއްކަ ނެތުމަކުން ނޫނެވެ. މީގެ އިތުރަށް އިސްކަންދަރު ރަސްގެފާނާއި ރައީސް އަލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނާއި ދެ ބޭފުޅުންގެ ވަކިވަކި ބުރަދަނަށް ބަލާފައި ވެސް ނޫނެވެ. ދެންނެވި އެއްޗެއް ދަންނަވާފައި އެ ވަނީ ރައީސް އަލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ބިސްތާނައިގައި އިސްކަންދަރު ރަސްގެފާނަށް ނިސްބަތްކުރެވޭ ސިއްކައެއް ޖައްސަވާފައި އެ ވަނީ އެ ބިސްތާނަ ހެއްދެވި ބޭފުޅުންނަށް ނޫނީ ހެއްދުވި ބޭފުޅުންނަށް އެ ކުރެއްވޭކަމެއް ރަނގަޅަށް އެނގިވަޑައިގެންތޯ ނޫނީ ނޫންތޯ ހިތަށް އަރާތީ އެވެ. 


އިސްކަންދަރު ރަސްގެފާނަށް ނިސްބަތްކުރެވޭ ސިއްކަތަކެއް މާލޭ ހުކުރުމިސްކިތާއި މުންނާރާއި އަދި އެ ރަދުންގެ ޒިޔާރަތުން ފެނެ އެވެ. މީގެތެރެއިން މުންނާރާއި އެ ރަދުންގެ ޒިޔާރަތުން ފެންނަނީ އެއްގޮތް ސިއްކައެކެވެ. ރައީސް އަލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ބިސްތާނައިގައި ޖައްސަވާފައިވަނީ މި ސިއްކަ އެވެ. ހުކުރުމިސްކިތުގައި ހުރި އިސްކަންދަރު ރަސްގެފާނަށް ނިސްބަތްކުރެވޭ ސިއްކަތަކުގައި ތަފާތު ކުރެހުންތަކެއް ހުރެ އެވެ. 


މި ފޮޓޯގައި މަތީގައި އެވަނީ މާލޭ ހުކުރުމިސްކިތުގެ މުންނާރުގައިވާ އިސްކަންދަރު ރަސްގެފާނަށް ނިސްބަތްވާ ސިއްކަ އެވެ. ތިރީގައިވަނީ އިސްކަންދަރު ރަސްގެފާނުގެ ޒިޔާރަތުގައިވާ އެ ރަދުންނަށް ނިސްބަތްވާ ސިއްކަ އެވެ. އެއްގޮތް ދެ ސިއްކަ އެވެ.

މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުގައި އެންމެފަހުން ފަސްދާނުލައްވާފައިވަނީ 29 އޮކްޓޫބަރ 1961މ. ގައި އެއިރުގެ ވަޒީރުލް އައުގާފު ޝައިޚް އިބްރާހީމް ރުޝްދީ އަވަހާރަވުމުން އެ މަނިކުފާނުކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ. އެއީ މުހިއްމު ދެ ކަމަކުން ފާހަގަކުރެވޭ ތާރީޚީ ޖަނާޒާއެކެވެ. ފުރަތަމަ ކަމަކީ ޝައިޚު އިބްރާހީމް ރުޝްދީގެ ސަންދޯއްޕުޅު އޭނާ ހުންނެވި ގެއިން ނެރެއްވުމުގައި އޭރުގެ ރަސްގެފާނު މުޙައްމަދު ފަރީދާއި ބޮޑުވަޒީރު އިބްރާހީމް ނާޞިރާއި އަދި ވަޒީރުން ޢަމަލީގޮތުން ބައިވެރިވެ ވަޑައިގަތްކަމެވެ. ދެވަނަ ކަމަކީ އެންމެފަހުން ހަވަރަށް ބެރުޖަހާފައިވަނީ ޝައިޚު އިބްރާހީމް ރުޝްދީ ޖަނާޒާއާއި ގުޅިގެންކަމެވެ. އޭގެ އަނެއްދުވަހުގެ ހެނދުނު 7 ޖެހިއިރު އެވެ.

މީގެތެރެއިން ފުރަތަމަ ކަމަކީ ދުނިޔެ ދެމިއޮތްހާ ދުވަހަކު އަލުން އިޢާދަނުވާނޭ ކަމެކެވެ. ސަބަބަކީ އެ ރަސްގެފާނާއި އެ ބޮޑުވަޒީރާއި އެ ވަޒީރުން ދުނިޔޭގައި ނެތުމުގެ އިތުރަށް ޝައިޚު ރުޝްދީގެ ޖަނާޒާއެއް ވެސް ދެން ބޭއްވެން ނެތުމެވެ.

އަނެއްކަމުގެ އެއްބައި ދިވެހިދައުލަތުން ބޭނުންފުޅުވެއްޖެނަމަ އިޢާދަވެދާނެ އެވެ. އެއީ އަލުން "ހަވަރު" އުފެއްދުމާއި ހަވަރަށް ބެރުޖެހުމެވެ. ބޭފުޅަކު އަވަހާރަވުމުން ހަވަރަށް ބެރު ޖަހާނީ އެވެ. މިއީ ކުރެވިދާނެ ކަމެކެވެ. މީގެތެރެއިން ވެސް އިޢާދަނުވާނޭ ބަޔަކީ ހަވަރަށް ބެރުޖަހާކަށް އަވަހާރަވާނޭ އެ ޝައިޚު ރުޝްދީއެއް މިހާރު ދުނިޔޭގައި ނެތުމެވެ. އެ މަނިކުފާނު އަވަހާރަވީތާ ބައި ގަރުނަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.

22 ނޮވެމްބަރ 2008މ. ގައި އަލްއަމީރު އިބްރާހީމް ނާޞިރު އަވަހާރަވެ މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުގައި އެ ކިލެގެފާނު ފަސްދާނުލެއްވުމާއި ހަމައަށް ޝައިޚް އިބްރާހީމް ރުޝްދީގެ ފަހުން ދުނިޔެދޫކުރެއްވި އެއްވެސް ނަފުސެއް އެ ގަބުރުސްތާނުގައި ވަޅުލިކަމެއް އެނގޭކަށް ނެތެވެ. މި ދެންނެވި ދެ ތާރީޚުގެ ދެ މެދުގައި ރާއްޖޭގެ އެންމެމަތީ ވެރިކަންކުރެއްވި ދެ ބޭފުޅަކު ވެސް މާލޭގައި އަވަހާރަވެފައިވެ އެވެ. އެއީ ސުލްޠާން މުޙައްމަދު ފަރީދާއި ސުލްޠާން ޙަސަން ނޫރައްދީން (2) އެވެ. މި ބޭފުޅުން ފަސްދާނުލެއްވީ ގަލޮޅު ގަބުރުސްތާނުގަ އެވެ.

ނިންމާލަމުން ވެސް ދަންނަވަމެވެ. އިސްކަންދަރު ރަސްގެފާނަށް ނިސްބަތްކުރެވޭ ސިއްކައެއް ރައީސް އަލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ބިސްތާނައިގައި ޖައްސަވާފައި އެ ވަނީ އެ ކަން ކުރެއްވި ބޭފުޅުންނަށް ނޫނީ ކުރުއްވި ބޭފުޅުންނަށް އެ ކުރެއްވޭކަމެއް ރަނގަޅަށް އެނގިވަޑައިގެންތޯ ނޫނީ ނޫންތޯ ހިތަށް އަރަ އެވެ. އެނގިވަޑައިގެންނަމަ ދަންނަވާނޭއެއްޗެއް އަދި ނޭނގެ އެވެ. ނޫންނަމަ ދަންނަވާނޭ އެއްޗެއް އެބަ އޮތެވެ. 
                 ---------------------

ޢަބުދުﷲ ޙިލްމީ
17 މޭ 2016މ.