ބޭރުފުށުން ދައްކާ ދީންވެރިކަމުގެ ޙަޤީޤަތް















އެއީ ޙައިރާންކުރުވަނިވި، ޙަޤީޤަތެކެވެ. މިއަށްވުރެ ސާފު ބަހުން ބުނާނަމަ އެއީ، ފަސޭހައިން ޤަބޫލުކުރަން ދަތި މުޑިއެރުމެކެވެ. އިސްލާމީ ޤައުމެއްގެ މުސްލިމުންގެ ދީންވެރިކަން 100 އިންސައްތަ އަށް ވާޞިލުވާއިރު، އަދި އެ ޤައުމުގެ މުސްލިމު އަންހެނުންގެ 80 އިންސައްތަ ބުރުގާ އަޅާއިރު، ޙާލަތު އޮތީ ކިހިނަކުންތޯ އެވެ؟ އެކި ބާވަތުގެ ޖަރީމާތައް އެ ޤައުމުގައި ވަނީ، ޤަބޫލުކުރަން ދަތި ދަރަޖައަކަށް އިތުރުވެފަ އެވެ. އެ ޤައުމާ ބެހޭ ގޮތުން ކުރެވިފައިވާ ދިރާސާއަކުން އެނގުނު ގޮތުގައި، ކޮންމެ ދެ މިނެޓަކު، އެޤައުމުގައި ޖަރީމާއެއް ހިނގަ އެވެ. މި ޙަޤީޤަތުގެ ކުރިމަތީގައި އުފެދޭ ސުވާލަކީ، ދީންވެރިވި ވަރަކަށް ނުބައިކަންތައްތައް ކުރުން އިތުރުވަނީތޯ އެވެ؟

މުޢުތަބަރު ދީނީ ޢިލްމުވެރިންނާއި، ނަފުސާނީ ޢިލްމުވެރިން ކަށަވަރުކޮށްދެއްވާ ފަދައިން، ބޭރުފުށުގެ ދީންވެރިކަމެއްގެ އޮއިވަރެއް ހިނގަމުންދާ ކަމަށް ބެލެވެ އެވެ. ދީންވެރިކަމުގެ ޢަލާމާތްތައް ބޭރުފުށުން ފާޅުވިވަރަކަށް، ނުބައިކަންތައްތައް އިތުރުވަމުންދަނީ އެހެންވެގެންނެވެ.

މިކަމާ ބެހޭގޮތުން އައްރާޔާ ދުވަހު ނޫހުގެ ފަރާތުން އެކިއެކި ޢިލްމުވެރިންނާ ވާހަކަ ދައްކާލުމުން އެ ބޭފުޅުން ވިދާޅުވި ބަސްފުޅުތައް ތިރީގައި މިވަނީ އެވެ.

ޑރ. އާމިނަތު ނަޞީރަކީ، ޖާމިޢަތުލް އަޒުހަރުގެ، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ކުރީގެ ޑީން އެވެ. އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި، ކުރިމަތިވެގެން މިއުޅެނީ، ދީނީ ވާހަކަތައް ދެއްކުމަށް ކުފޫ ހަމަނުވާ، ޝޭޚުންގެ ސަބަބުން އުފެދިގެން އުޅޭ މައްސަލަތަކެކެވެ. އެމީހުން ދީނީ ވާހަކަތައް ދައްކައި ތަޤުރީރުކުރާއިރު، މީހުންނަށް ބިރުދައްކައި، އެމީހުން ބުނާ ގޮތް ގަބޫލުކުރުމަށް ބާރުއަޅައި، ޕްރެޝަރުކުރެ އެވެ. މިކަމުގެ ސަބަބުން، ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ނޭދެވޭ އަސަރު ކުރެ އެވެ. އެ ޝޭޚުންގެ ވާހަކައިން އެކުދިންނަށް ދަސްވަނީ، ބޭރުފުށުން ދައްކާލެވޭ ދީންވެރިކަމުގެ ދަޅަތަކެކެވެ. އިސްލާމީ އަޚުލާޤާއި ރިވެތި ސުލޫކު އެކުދިންނަކަށް ދަހެއްނުވެ އެވެ. ދީނުގެ ގޮތުގައި އެކުދިންނަށް އެނގެމުން މިދަނީ ތުނބުޅި ދިގުކުރުމާއި ބުރުގާ އެޅުމާއި ޖުއްބާލުމާއި މޫނު ބުރުގާ އެޅުމެވެ. މިކަންތައްތަކަށްވުރެ މާބޮޑަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ އެހެން ކަންތައްތަކެއް ވެ އެވެ. އެއިން ބައެއް ކަންތަކަކީ، ދިރިއުޅުމުގައި ކުރިމަތިވާ އެކިއެކި މައްސަލަތައް ޙައްލުކުރުމަށްޓަކައި ހޭލުންތެރި ބަޔަކަށް ވުމެވެ. މަކާރިމުލް އަޚުލާޤު ނުވަތަ އަޚުލާޤީ ރިވެތި ސިފަތައް ލިބިގަތުމެވެ. އަދި ކެއިންބުއިމާއި، ހެދުންލުމާއި ޢާއްމު ދިރިއުޅުމުގައި ވަކިފަރާތަކަށް ޖެހި ހައްދުފަހަނަޅައި ނުގޮސް މެދުމިން އިޚުތިޔާރުކުރުމެވެ.
ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެ އެވެ. (إِنَّمَا بُعِثْتُ لأُتَمِّمَ مَكَارِمَ الأَخْلاَقِ) ރިވާކުރެއްވީ: އަލްބައިހަޤީ
މާނައީ، "ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވުނީ، މަކާރިމުލް އަޚުލާޤް ފުރިހަމަކުރެއްވުމަށްޓަކަ އެވެ."

ޑރ. އާމިނަތު ނަޞީރު ވިދާޅުވި އެވެ. ޢަރަބި އިސްލާމީ މުޖުތަމަޢުތަކުގައި، ބޭރުފުށުގެ ދީންވެރިކަމެއް ފެތުރުމުގެ ސަބަބުން، އެ މުޖުތަމަޢުތައް ވަނީ، ވަރަށް ނުރައްކާތެރި ފައްތަރަކަށް ވާޞިލުވެފަ އެވެ. މިހާރު އެމުޖުތަމަޢުތައް ވެފައިވަނީ، ހަރުކަށިވުމާއި ހައްދުފަހަނަޅައިދިއުން ގޮވާންކުރުމަށް ފަސްގަނޑު ޖެހިފައިވާ ދަނޑުބިންތަކެއް ކަމަށެވެ.

އަދިވެސް އޭނާ ވިދާޅުވި އެވެ. އެހެންވީމާ، ބުރުގާ ނާޅާ ޖިންސްލަޠީފުންނަކީ، ދީނެއް ނެތް ބަޔެއް ކަމަށް ބުނަމުން މިގެންދާ އޮއިވަރާމެދު އަޅުގަނޑުމެން އަލުން ނަޒަރުހިންގައި ވިސްނާލަން އެބަޖެހެ އެވެ. އެ އޮއިވަރުގެ ތެރެއިން އިވެމުންދާ އެފަދަ ބަސްތަކަކީ، ޞައްޙަ ބަސްތަކެއް ނޫނެވެ. ހަރުކަށި ފަރާތްތަކުން ގޮވާލަމުން އެދާ ފަދައިން ކަންތައް ކުރުމަށް، ދީނުގައި އަންގަވާފައެއް ނެތެވެ. އިންސާނާ އާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވަނީ، ޚާއްޞަ ގުޅުމެކެވެ. އެ ގުޅުމުގެ އިންތަކާއި ބައްޓަމަކީ، އަޅުގަނޑުމެންގެ ތެރެއިން މީހަކަށް ކަނޑައެޅޭނެ އެއްޗެއް ނޫނެވެ. އީމާންކަން ވާނީ ހިތުގަ އެވެ. އެކަމަށް ހެކިވާނީ މީހާގެ ޢަމަލުތަކެވެ.

ޑރ. މުޙައްމަދު ރައުފަތު ޢުޘްމާނަކީ، ޖާމިޢަތުލް އަޒުހަރުގެ ކުއްލިއްޔަތުއް ޝަރީޢާ ވަލްޤާނޫނުގެ ކުރީގެ ޑީނެވެ. އޭނާ ވެސް ވަނީ، ނަންގަނެވިދިޔަ ރައުޔަށް ތާއީދުކުރައްވާފަ އެވެ. އޭނާ ވިދާޅުވަނީ، ދީންވެރިކަމަކީ، ހަމައެކަނި ބޭރުފުށުން ފާޅުކުރާ ދީންވެރިކަމެއް ކަމުގައި ވެގެން ދިޔައީ، ހަރުކަށި ދީނީ ތަޤުރީރުތަކުގެ ސަބަބުންނެވެ. އެގޮތަށް ދީންވެރިވެގެން އުޅޭ މީހުން ގިނަވި ވަރަކަށް، މަގުފުރެދޭ މީހުން ގިނަވާނެ އެވެ. އަދި ވައްކަމާއި، ރޭޕުކުރުމާއި، ރިޝްވަތުހިފުމާއި، ވިޔަފާރީގައި މަކަރުހެދުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުން ވެސް ފެތުރޭނެ އެވެ.

އަދިވެސް އޭނާ ވިދާޅުވި އެވެ. ޙަޤީޤީ ދީންވެރިކަން ބިނާވެފައިވާނީ، މާތް ﷲ އަށް ތަޤުވާވެރިވުމުގެ މައްޗަށެވެ. އަދި އެކަލާނގެ އަށް ކިޔަމަންތެރިވެ، އެކަލާނގެ ދެކެ ލޯބިވެ، އެކަލާނގެއަށް އީމާންވުން ހިތުގައި ޤަރާރުވުމުގެ މައްޗަށެވެ. ހިތުގައި ޙަޤީޤީ އިމާންކަން އާރާސްތުވެއްޖެނަމަ، ތުނބުޅި ބަހައްޓާ މީހުންނާއި ތުނބުޅި ބާލާ މީހުން، ދީންވެރިކަމުގައި ވާނީ ހަމަހަމަވެގެންނެވެ.

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެ އެވެ. (الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ) ރިވާކުރެއްވީ: އަލްބުޚާރީ އާއި މުސްލިމު މާނައީ، "(ރަނގަޅު) މުސްލިމަކީ، އޭނާގެ ދުލާއި އަތުގެ ނުބައިކަމުން (އެހެން) މުސްލިމުން ސަލާމަތްވެގެންވާ މީހާ އެވެ."

އިތުރު އެކަލޭގެފާނުގެ އެހެން ޙަދީޘްފުޅެއްގައި ވެ އެވެ. (لاَ يَدْخُلُ الْجَنَّةَ مَنْ لاَ يَأْمَنُ جَارُهُ بَوَائِقَهُ) ރިވާކުރެއްވީ: މުސްލިމު
މާނައީ، "އެމީހެއްގެ އަވަށްޓެރިއާއަށް ދުއްތުރާތައް ކުރުމުން އެއްކިބާނުވާ މީހާ ސުވަރުގެ ނުވަންނާނެ އެވެ."

މިބަސްފުޅުގެ ދޭހައަކީ، ތިމާއާއެކުގައި ދިރިއުޅޭ އަވަށްޓެރިންނަށް ގެއްލުން ދިނުމަށްޓަކައި ނުބައި ރޭވުންތައް ރޭވުމާއި، އެމީހުންނަށް އަނިޔާކޮށް އުޅުމުން ދުރުހެލިވެގެން ނުވާ މީހާ އަށް، ސުވަރުގެ ވަނުމުގެ ނިޢުމަތް ނުލިބޭނެ އެވެ.

ޑރ. މުޙައްމަދު ފުއާދު ޝާކިރަކީ، ޢައިން ޝަމްސު ޔުނިވަރސިޓީގެ ޤިސްމުއް ދިރާސާތިލް އިސްލާމިއްޔާ ގެ ރައީސެވެ. އޭނާ ވިދާޅުވަނީ، ދީނީ ކަންތައްތަކާމެދު މުޖުތަމަޢުގައި ގިނަގުނަ ޖަދަލުތައް އެބަ ކުރެވެ އެވެ. ނަމަވެސް އެއިން ޙަޤީޤީ އިޞްލާޙެއް މުޖުތަމަޢަކަށް ނާދެ އެވެ. މިއިން އެނގޭ އެއްޗަކީ، ދީނީ ވާހަކަތައް ދައްކާ މީހުންގެ ބަސްމަގުގައި މައްސަލައެއް ވާކަމެވެ. އަދި އެމީހުން މުޖުތަމަޢަށް ފޯރުކޮށްދޭ މެސެޖުތަކުގައި ވެސް މައްސަލައެއް ވާކަމެވެ.

އޭނާ ވިދާޅުވަނީ، ބަޔަކު މީހުން ޙަރާމް ކަންތަކާއި ޙަލާލު ކަންތައްތަކުގެ ވާހަކަ ދެއްކުމަކީ، އެބަޔަކު ދީންވެރި ބަޔަކު ކަމުގައި ހަދައިދީފާނެ ކަމެއް ނޫން ކަމަށެވެ. އެ ވާހަކަތައް ދައްކައި އުޅުމަކީ، ހަމައެކަނި ބޭރުފުށުން ދައްކާލާ ދަޅައެއް ކަމުގައި ވެދާނެ އެވެ. އެހެންވެއްޖެނަމަ، އެއީ ޙަޤީޤީ ދީންވެރިކަމެއް ކަމުގައި ނުވާނެ އެވެ.

ޑރ. ޙަނާން ސާލިމަކީ، ޢައިން ޝަމްސު ޔުނިވަރސިޓީގެ ސިޔާސީ އިޖުތިމާޢީ ޢިލްމުގެ ޕްރޮފެސަރެކެވެ. އޭނާ ވިދާޅުވަނީ، މުޖުތަމަޢުގެ އަފުރާދުން ބޭރުފުށުން ދީންވެރިކަން ދައްކާލައިގެން އުޅުމަކީ، މުޖުތަމަޢުގެ ބިނާގައި ރެނދުއަޅައި ބައިބައިވެފައިވާ ކަމުގެ ޢަލާމާތެއް ކަމަށެވެ.

ބޭރުފުށުން ދީންވެރިކަން ދައްކާލައިގެން އުޅުމަކީ، މީހާގެ ޝަޚުޞިއްޔަތު ގަޑުބަޑުވާ ކަމެއް ކަމުގެ އިންޒާރު، ޑރ. ޙަނާން ދެއްވަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި، އެފަދަ މީހަކު އުޅެން ޖެހޭނީ، އެމީހަކު ދިރިއުޅޭ ވެށްޓާ އަރާރުން ވުމެއްގެ ތެރޭގަ އެވެ. މީހުންގެ ކުރިމަތީގައި އޭނާ ބޭރުފުށުން ދީންވެރިކަން ދައްކައިގެން އުޅޭނެ އެވެ. ނަމަވެސް އެހެން މީހުންނަށް ނުފެންނަ ތަނުގައި އޭނާ ގިނަގުނަ ކުށްތައް ކުރާނެ އެވެ. ޙަރާމް ކަންތަކާއި ބޮޑެތި ފާފަތަކަށް ވެސް އަރައިގަންނާނެ އެވެ. އެހެންކަމުން އޭނާގެ ނަފުސު ވާނީ ގަޑުބަޑުވެފައިވާ އަރާރުމެއްގެ ތެރޭގަ އެވެ.

ޑރ. ހާޝިމު ބަޙުރީ އަކީ، ޖާމިޢަތުލް އަޒުހަރުގެ ނަފުސާނީ ޢިލްމުގެ ޕްރޮފެސަރެކެވެ. ބޭރުފުށުން ދީންވެރިކަން ދެއްކުން ޢާއްމުވެގެން ދިއުމުގެ އެތައް ސަބަބުތަކެއް އޭނާ ވިދާޅުވެދެއްވި އެވެ. އެއިން ބައެއް ސަބަބުތަކަކީ:
1. އިސްލާމްދީން ރަނގަޅަށް ނޭނގޭ ޙާލުގައި ތިބެ، ދީނީ ވާހަކަތައް ދައްކައި، ދީނަށް ގޮވާލާ ހަރުކަށި މީހުން ގިނަވުން.
2. އަދި އެފަދަ މީހުން، ތަޢައްޞުބުން ފުރިފައިވާ ހަރުކަށި ސަލަފީ އޮއިވަރުގައި ޖެހުން.
3. މުޖުތަމަޢުގެ އަފުރާދުންނަށް ލިބޭ އާމުދަނީ މަދުވުމާއި ވަޒީފާ ނުލިބުމާއި ޖަރީމާތައް ގިނަވުން.
4. ޖަރީމާތައް ހިންގާ މީހުން، ތުނބުޅިއާއި ބުރުގާގެ ނިވަލުގައި ފޮރުވެން މަސައްކަތްކުރުން.

ޑރ. ހާޝިމު ވިދާޅުވަނީ، ޖަރީމާތައް ހިންގާ ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި، ތުނބުޅި ބެހެއްޓުމުން ނުވަތަ ބުރުގާ އެޅުމުން، މާތް ﷲ އެމީހުން ކުރާ ކުށްތައް ޢަފޫކުރައްވައި، އެމީހުންގެ މައްޗަކަށް ކޯފާއެއް ނުލައްވާނެ އެވެ.

ބޭރުފުށުން ދީންވެރިކަން ދެއްކުމުގެ ތެރެއަށް މުޖުތަމަޢު ގެނބެމުންދާ ކަމަށްވަނީނަމަ، އާ ޒާތެއްގެ ޖާހިލުކަމެއް މުޖުތަމަޢަށް ވެރިވެދާނެ ކަމުގެ އިންޒާރު ވެސް ޑރ. ހާޝިމު ދެއްވަ އެވެ.
               -----------------------

ތަރުޖަމާ:
އަލްއުސްތާޛާ ހިންދު އުސާމާ
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން