އޮޓެ ކުދެ ރުކަކު މަޓަހަ އޮތެ ކައުއްޓެކެ














އެ ކިލެގެފާނު ކުރެއްވި ދިރާސާއިން އެނގުނު ގޮތުގައި، ދިވެހިން ވާހަކަދައްކާ އެންމެ ރީތި، އެންމެ ފަށުވި، އަދި އެންމެ ޝާޢިރީ ބަހުރުވައަކީ އައްޑޫ ބަހުރުވަ އެވެ.

ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ، ދިވެހި ބަހަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޝަޚުޞިއްޔަތެކެވެ. އެކިލެގެފާނު ދިވެހި ބަހަށް ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން އާންމުކޮށް އަޑުނީވޭ ކަމެއްގެ ވާހަކަ އަޑުއެހީމެވެ. އެއީ، ދިވެހިން ވާހަކަ ދައްކާ، އެންމެ ރީތި ބަހުރުވައަކީ ކޮބައިތޯ ބެއްލެވުމަށްޓަކައި އެކިލެގެފާނު ކުރެއްވި މަސައްކަތްޕުޅުގެ ވާހަކަ އެވެ. އެ ވާހަކަ އަޅުގަނޑަށް ކިޔައިދެއްވީ، ހުވަދު އަތޮޅުގެ ކަމުވޮށިވެގެންވާ ހަރުބޭކަލެކެވެ. އޭނާއަކީ، ގއ. މާމެންދޫ ފިނިފެންމާގޭ އަލްމަރްޙޫމް ޙަސަންކަލޭގެފާނު އެވެ. މާތް ﷲ އެ މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި އެވެ. އާމީން!

މަރްޙޫމު ޙަސަންކަލޭގެފާނު ކިޔައިދެއްވި ވާހަކަ ބުނާ ގޮތުގައި، ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، ސާފު ދިވެހި ބަހުން، މައްދިވެހި ޢިބާރާތެއް ލިއުއްވައި، އެ ޢިބާރާތް، ދިވެހިން ވާހަކަ ދައްކާ ހުރިހައި ބަހުރުވައަކަށް ތަރުޖަމާކުރެއްވި އެވެ. އެ ޢިބާރާތަކީ، "އޮށް ކުޑަ ރުކެއްގެ މަށާފައި އޮތް ކާށްޓެއް" އެވެ. 

ނަންގަނެވި ދިޔަ ޢިބާރާތް، މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، ދިވެހިންގެ ހުރިހައި ބަހުރުވައަކަށް ތަރުޖަމާކުރައްވައި، އެ ތަރުޖަމާތައް ދިރާސާކުރެއްވީ ހަމަތަކެއްގެ މަތިންނެވެ. އެކަން ކުރެއްވީ ފަހަރެއްގައިވެސް "ރާމާމަކުނަށް އޭގެ ދަރި ދޮންފުތުވާ" ބީދައިންނެއް ނޫނެވެ. އެކިލެގެފާނު ކުރެއްވި ދިރާސާއިން އެނގުނު ގޮތުގައި، ދިވެހިން ވާހަކަދައްކާ އެންމެ ރީތި، އެންމެ ލަޠީފީ، އަދި އެންމެ ޝާޢިރީ ބަހުރުވައަކީ އައްޑޫ ބަހުރުވަ އެވެ.

އަޅުގަނޑަށް ވާހަކަ ކިޔައިދެއްވި މަރްޙޫމު ޙަސަންކަލޭގެފާނު ބުނުއްވި ގޮތުގައި، އެ ޢިބާރާތުގެ އައްޑޫ ތަރުޖަމާއަކީ، (އަޅުގަނޑުގެ ހަނދާން ކުށްކަމުގައި ނުވާނަމަ) "އޮށް ކުދު ރުކަކި މަށަފައި އޮއް ކައިށައް" އެވެ. އެ ޢިބާރާތުގެ ހުވަދޫ ތަރުޖަމާއަކީ، "އޮޓެ ކުދެ ރުކަކު މަޓަހަ އޮތެ ކައުއްޓެކެ" އެވެ.

މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، ކަނޑައެޅުއްވި ކަމަށް ބުނެވޭ ޢިބާރާތުގެ ދިވެހިވަންތަކަމާމެދަކު ޝައްކެއް ނުކުރަމެވެ. އެ ޢިބާރާތުގައިވާ ދިވެހި ރުކަކީ ދިވެހިންގެ އެންމެ ދިވެހިވަންތަކަން ގަދަ އެއް ރަމްޒެވެ. އަދި ކާށި މެށުމަކީ ވެސް އެހައިމެ ދިވެހިވަންތަކަން ގަދަ މަސައްކަތެކެވެ. ނަމަވެސް އެ ޢިބާރާތަކީ އޭރު ބޭނުންކުރެވުނު ރަސްމީ ދިވެހި ބަހުން ލިޔެވުނު ޢިބާރާތެއް ކަމާމެދު ހިސާބަކަށް ޝައްކުކުރަމެވެ. ސަބަބަކީ، އެޢިބާރާތުގެ ހުވަދޫ ވަންތަކަން ގަދަ ކަމެވެ. ދިވެހިންގެ ރަސްމީ ބަހަށްވުރެ ބޮޑަށް އެ ޢިބާރާތް ހުވަދޫ ބަހާ ދޯޅުކަން ބޮޑުކަމެވެ.

މިފަދަ ކަންތަކަށް ބަލާއިރު، މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، ކަނޑައެޅުއްވި ޢިބާރާތަކީ، ހުވަދޫ ބަހުން އެކިލެގެފާނު ކަނޑައެޅުއްވި ޢިބާރާތެއް ކަމަށް ބެލެވެ އެވެ. އެހެނީ، އެކިލެގެފާނަކީ، ހުވަދޫ ބަސް މޮޅަށް ދެނެވަޑައިގަންނަވާ "އެދުރެއް" ކަމުގެ ކިތަންމެ ހެއްކެއް ވެސް ފެނިފައިވެ އެވެ. އެއިން އެއް ހެތްކަކީ، "ހަވަރު ތިނަދޫ" (ނުވަތަ ހަވަރެ ތެނަދޫ) އަށް އެކިލެގެފާނު ވަޑައިގެންނެވި ހާދިސާ އެވެ. ރޭގަނޑެއްގައި އެރަށަށް ވަޑައިގެން އެރަށު އާންމުންގެ އެތައް ބަޔަކާ، ހުވަދޫ މީހެއްގެ ގޮތުގައި ހުވަދޫ ބަހުން އެކިލެގެފާނު ވާހަކަދެއްކެވި ހާދިސާއަކީ މަޝްހޫރު ހާދިސާއެކެވެ. 

އެހެންވީމާ، ބޮޑަށް ބުރަވެވެނީ، ދިވެހިން ވާހަކަދައްކާ އެންމެ ރީތި ބަހުރުވަ ހޯއްދެވުމަށްޓަކައި އެކިލެގެފާނު ކަނޑައެޅުއްވި ޢިބާރާތް ކަނޑައެޅުއްވީ ހުވަދޫ ބަހުން ކަމަށެވެ. އެ ޢިބާރާތަކީ، އިސްވެ ނަންގަނެވިދިޔަ ފަދައިން، "އޮޓެ ކުދެ ރުކަކު މަޓަހަ އޮތެ ކައުއްޓެކެ" އެވެ.
              -------------------

މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން