ތަހުޒީބާއި ތަރައްޤީގެ ހަރުފަތުގައި މުސްލިމުން - 2

ޢިމާރާތްތަކުގެ ޒަޚުރަފާގެ ބާވަތްތައް ކުރަހާފައިވަނީ، ހަމައެކަނި ފަރުގާލާއި ފަތިގަނޑުން ނޫންކަމަށް ހުޅަނގުގެ ޢާލިމުން ވެސް މިހާރު ޤަބޫލުކުރައްވަ އެވެ. އާދޭހެވެ. އެއީ މުސްލިމުންގެ މެދުގައި ހިސާބު ޢިލްމާއި ޖިއޮމެޓްރީ ކުރިއަރާފައިވާ މިންވަރު ވެސް އަންގައިދޭ އެއްޗެކެވެ.
 

މިއީ، އަލްމަސްޖިދުއްނަބަވީ ކުރިން ހުރި ގޮތް ދައްކައިދޭ މޮޑެލްއެކެވެ. މައިދޮރުކޮޅު ކައިރީގައިވާ ފުރާޅުކޮޅަކީ، ގެދޮރު ނެތް މުހާޖިރިއްޔަ ބޭކަލުން ތިއްބެވި ތަނުގެ ފުރާޅުކޮޅެވެ. ވާތްފަރާތުން ފެންނަ ކޮޓަރިކޮޅުތަކަކީ، ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައހި ވަސައްލަމަގެ އަނބިއަނބިކަނބަލުންގެ ކޮޓަރިކޮޅުތަކެވެ.

ޔުނިވަރސިޓީ ތަޢުލީމު

ޔުނިވަރސިޓީ ނުވަތަ ޖާމިޢާ އަކީ، އިސްލާމީ ޙަޟާރަތުގެ އެންމެ މުހިންމު އެއް އުފެއްދުމެވެ. އިސްލާމީ ތާރީޚުގެ ކުރީކޮޅުގައި ވަނީ، މިސްކިތްތަކާއި މަދުރަސާތައް ފަދަ ތަޢުލީމީ މުއައްސަސާތައް އުފެދިފަ އެވެ. އެތަންތާނގައި ކީރިތި ޤުރުއާނާއި، ފިޤުހާއި، ޙަދީޘް ފަދަ ދީނީ ޢިލްމުތައް ކިޔަވާދެމުން ގެންދިޔަ އެވެ. އެހެނަސް އިސްލާމީ ދައުލަތް ތަރައްޤީވެ ފުޅާވެގެންދިއުމާއެކު، ރަސްމީ ސިފައެއްގައި ތަޢުލީމުދޭނެ މުއައްސަސާތަކަށް ބޭނުންވި އެވެ. އެގޮތުން އުފެދުނު ރަސްމީ މަދްރަސާތައް، ފަހުން ޖާމިޢާތަކަށް ބަދަލުވެގެންދިޔަ އެވެ. ދީނީ ޢިލްމާއި ދުންޔަވީ ޢުލޫމު ކިޔަވާދޭ މުއައްސަސާތަކެއްގެ ގޮތުގަ އެވެ.

ގިނިސް ވަރލްޑް ރެކޯޑް ފޮތް ބުނާ ގޮތުގައި، އިސްލާމީ ދުނިޔޭގައި އުފެދުނު އެންމެ ފުރަތަމަ ޔުނިވަރސިޓީ އުފެދިފައިވަނީ، މަޣުރިބުކަރައިގެ ފާސް ސަހަރުގައި، ހިޖުރީ ސަނަތުން 245 ވަނަ އަހަރުގަ އެވެ. އެއީ މީލާދީ ސަނަތުން 859 ވަނަ އަހަރެވެ. އެ ޔުނިވަރސިޓީގެ ނަމަކީ، ޖާމިޢަތުލް ޤަރަވިއްޔީން (جامعة القرويين) އެވެ. މި އަދާ ހަމައަށް ވެސް އެ ޖާމިޢާ ހިނގަމުން އެބަދެ އެވެ. ގިނިސް ވަރލްޑް ރެކޯޑް ގެ މިންގަނޑުން ބަލާއިރު، އެއީ، ދުނިޔޭގައިވާ އެންމެ ދުވަސްވީ ޔުނިވަރސިޓީ އެވެ.

އެހެނަސް އެއަށްވުރެ މާކުރިން އުފެދިފައިވާ ޔުނިވަރސިޓީއެއް ވެސް ވެ އެވެ. އެއީ، ޖާމިޢަތުއްޒައިތޫނާ (جامعة الزيتونة) އެވެ. އެ ޔުނިވަރސިޓީ އުފެދިފައިވަނީ، ހިޖުރީ ސަނަތުން 120 ވަނަ އަހަރު (މީލާދީ ސަނަތުން 737 ވަނަ އަހަރު) ގަ އެވެ. އެ ޔުނިވަރސިޓީ ވަނީ މިހާރުގެ ތޫނިސް ސަހަރުގަ އެވެ. މުއައްރިޚު ޙަސަން ޙުސްނީ ބަޔާންކުރައްވާފައިވަނީ، ކީރިތި ޤުރުއާނާއި، ޙަދީޘާއި، މާލިކީ މަޒުހަބުގެ ފިޤުހާއި، އަދަބިއްޔާތާއި، ޢުލޫމު، އެ ޔުނިވަރސިޓީގައި ކިޔަވާދެވުނު ކަމަށެވެ.

އިސްލާމީ ޔުނިވަރސިޓީތަކުގެ ތެރެއިން އެންމެ ބޮޑު ޝުހުރަތެއް ލިބިފައިވަނީ، ޖާމިޢަތުލްއަޒުހަރު (جامعة الأزهر) އަށެވެ. ޖާމިޢަތުލްއަޒުހަރުގެ ބިންގާ އެޅުނީ، 24 ޖުމާދަލްއޫލާ 359 ހ. (970 މ.) ގަ އެވެ. މިޞްރުގެ ސަރުކާރުން އެތަން އިފުތިތާޙުކުރެއްވުމުގެ ގޮތުން، ޚަލީފާ އަލްމުޢިއްޒު ލިދީނިއްލާހި (المعز لدين الله الفاطمي) އެތާނގައި ކުރެއްވި ފުރަތަމަ ހުކުރު ނަމާދަކީ، ހިޖުރައިން 361 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ހުކުރު ނަމާދެވެ. އެއީ މީލާދީ ސަނަތުން 972 ވަނަ އަހަރެވެ. އެހެންކަމުން، ޖާމިޢަތުލްއަޒުހަރު ވެފައި ވަނީ، އިސްލާމީ ދުނިޔޭގައި އިފުތިތާޙު ކުރެވުނު ތިންވަނަ ޔުނިވަރސިޓީ ކަމަށެވެ.

މިހާރު ޔުނިވަރސިޓީތަކުން ދޭ ބެޗެލަރސް ޑިގްރީ (Bachelor's degree) އަކީ ވެސް އިސްލާމީ ޙަޟާރަތުގެ އުފެއްދުމެކެވެ. އޭގެ އަޞްލަކީ، بحق الرواية (ބިޙައްޤިއްރިވާޔާ) އެވެ. އެހެނީ، ލެޓިންބަހުގެ Baccalaureatus ގެ އަޞްލަކީ، ޢަރަބި ބަހުގެ بحق الرواية އެވެ. މީލާދީ ސަނަތުން 1147 ވަނަ އަހަރުގެ "ބިޙައްޤިއްރިވާޔާ" ސަނަދެއް މިހާރުވެސް ކެމްބްރިޖް ޔުނިވަރސިޓީގައި ރައްކާކުރެވިފައިވާ ކަމަށް ބައެއް އިސްލާމީ މަޞްދަރުތަކުގައި ވެ އެވެ. ޔޫރަޕުގެ ބައްރުގައި އެ ސަނަދު ދޭން ފަށާފައިވަނީ، މީލާދީ ސަނަތުން 1221 ވަނަ އަހަރުގަ އެވެ.
ހިސާބު ޢިލްމު

ހިޖުރީ ސަނަތުން 164 ވަނަ އަހަރު މުސްލިމު ހިސާބުޢިލްމުވެރިޔާ އަލްޚުވާރިޒުމީ (781 މ. – 847 މ.)، އަލްޖަބްރާ އުފެއްދެވި ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އޭނާއަށްފަހު، ޢުމަރު ޚައްޔާމު (1048 މ. – 1131 މ.) ފަދަ މުސްލިމު ޢާލިމުން އެ ޢިލްމު އިތުރަށް ތަރައްޤީކުރެއްވި އެވެ. މުސްލިމު ޢިލްމުވެރިން އަލްޖަބްރާ އުފައްދަވައި، އެ ތަރައްޤީކުރެއްވީ ކަލްކިއުލޭޓަރާއި ކޮމްޕިއުޓަރު ނެތް ޒަމާނެއްގައި ކަން ފާހަގަކޮށްލަންޖެހެ އެވެ! (ނުނިމޭ)
                ----------------

މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން