އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން – 16










ދޮރޮބައިގެދަރު ފެހެލާނޑާ (މިޞްރު ރަސްގެފާނުގެ ފުތް މަނިކުފާނު)

ދޮރޮބައިގެދަރު ފެހެލާނޑާއަކީ އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ކާފައެވެ. މި ބެއިކަލަކު ފުވައްމުލަކަށް ލެއްގީ އެވެ.  ކައިވެނި ބައްލަވައިގަތީ ދޮއްތޮޑަފި އެދުރު ތަކުރުފާނުގެ އެދުރު ދޮންތަކުރުފާނުގެ އެދުރު އަލި ތަކުރުފާނުގެ ސަންފާބީފާނުގެ އެދުރު އިސްމާއީލް ތަކުރުފާނުގެ ފާތިމާބީފާނު (ދޮރޮބައިގެދަރު ބީފާނު) އާއެވެ. މިއީ މިސްރުގެ ބެއިކަލެކެވެ. 

މިބެއިކަލަކު ފުވައްމުލަކަށް ލެއްގި ގޮތާއި އޭގެ ފަހުން ކަންތައްވީ ގޮތާއި މެދު އަލްމަރުހޫމް ސިއްކަގޭ އަބްދުލްމަޖީދު ސަލީމު (ސިއްކަގޭ ދޮންމަނިކުފާނު) އާއި މަޝްހޫރު ތާރީޚު އިލްމުވެރިޔާ އަލްއުސްތާޒު މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވާފައިވާ ލިޔުންތަކުގެ މައްޗަށް ބުރަވެ މިސްރުގެ އެޒަމާނުގެ ތާރީޚު ދިރާސާކުރުމުން ވަރަށް މުހިއްމު ތާރީޚީ ހަގީގަތެއް ހާމަވެގެންދެއެވެ.

ދޮންމަނިކުފާނުގެ ލިޔުން

އިބުނުއްސުލްތާނުލް މިސްރީ ނުވަތަ މޮލަކު ދޮރޮބައިގެދަރު ފެހެލާނޑާ އަކީ މިސްރުގެ ބާޝާއެއްގެ ނުވަތަ ރަސްކަލެއްގެ ދަރިކަލެކެވެ. އެމަނިކުފާނުގެ އުމުރުފުޅުން ފަންސަވީހަކަށް އަހަރުގެ ތެރޭގައި ދުނިޔެ ބެއްލެވުމަށް ދަތުރެއް ކުރެއްވިއެވެ. ރާއްޖެތަކަށް ދަތުރުކުރައްވަމުން ޖިއްދާއިން އިރުމައްޗަށް ދަތުރުކުރެއްވިއެވެ. އެމަނިކުފާނު ދަތުރު ކުރެއްވި ނައު އައްޑޫ ކަނޑު ހުރަސްކުރަމުން އަންނަނިކޮށް ވަރަށް ނުރައްކާތެރި ތޫފާނެއްގައި ޖެހި ނައު އަރަގުވީއެވެ. އެއީ ރޭގަނޑެއްގެ ފަތިސްވަގުތެކެވެ. ނައު އަރަގުވީ މުލަކާއި ވަރަށް ކާރިއަށެވެ.

އެމަނިކުފާނު ސަލާމަތް ކުރެއްވުމަށް އިރާދަކުރެއްވި ހިނދު އައްޑޫ ކަނޑު ތެރޭން ބެހިގެންދިޔަ ބޮޑު ފެހި ގަނޑެއްގެ ތެރެއަށް އެމަނިކުފާނަށް ވެއްނެވުނެވެ. ދެން އެމަނިކުފާނާއިގެން އެފެހިގަނޑު ދަތުރު ކޮށްފައި ގޮސް އިރު އެރިތަނާ ފުވައްމުލަކުގެ ރަސްގެފަންނު ގޮނޑު ދޮށަށް  (މުހައްމަދު އިބްރާހިމް ލުތުފީ ވިދާޅުވާ ގޮތުން މާދަޑު  އަންހެނުންގެ ފަންނު)  ލެއްގީއެވެ. ކަންދިމާވި ގޮތުން މޮލަކު ދޮރޮބައިގެދަރު އަންހެންކުއްޖަކު އަލަ ކެއްކުމަށްޓަކައި މޫދު ލޮނު ނަގަން އެވަގުތު އެދިމާލުން އަތިރި މައްޗަށް ފޭބިއެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ ފެހިގަނޑެއް ނުވަތަ ރަށުބަހުރުވައިން ފެހެލާނޑާއެއްގެ ތެރޭގައި އޮތް އިންސާނެކެވެ. ދެން ދުވެފައި ގެއަށްގޮސް މި ވާހަކަ ބުނުމުން ގޭގެ އެންމެން އުނދޯއްޔެއް ހިފައިގެން އައިސް އެމަނިކުފާނު އުނދޯލީގައި ބާއްވައިގެން ދޮރޮބައިގެދަރަށް ގެންގޮސް ފަރުވާ ކުރަނިކޮށް ފުރާނަ ސަލާމަތް ކުރެވުނެވެ. ދެން އެމީހުން ބޭސް ފަރުވާ ކުރުމުން ތިން ދުވަހެއްގެ ތެރޭގައި އެމަނިކުފާނަށް މުޅިން ފަސޭހަފުޅު ވެއްޖެއެވެ.

އެމަނިކުފާނުގެ ފަރީއްކޮޅުގެ ހުރިހާ ކަންކަމެއް އެންމެ ފުރަތަމަ އެމަނިކުފާނު ދުށް އަންހެން ކުއްޖާ އަދާކުރަމުން ގެންދެއެވެ. މިގޮތުގައި ކުޑަދުވަސްކޮޅެއްވީއިރު އެމަނިކުފާނާއި އެ އަންހެން ކުއްޖާ ލޯބީގެ ޗޭނަކުން ގުޅި ލާމެހިއްޖެއެވެ. ކައިވެނިވެސް ކުރައްވައިފިއެވެ. އެމަނިކުފާނަށް މުލަކު މީހުން ކިޔައި އުޅުނީ މުލަކު ދޮރޮބައިގެދަރު ފެހެލާނޑާއެވެ. މާނައަކީ ފެހިގަނޑެވެ. އެނަން ދެވުނީ ފެހިގަނޑެއްގެ ތެރޭގައި ލެއްގުމުގެ ސަބަބުންނެވެ.

މުހައްމަދު އިބްރާހިމް ލުތުފީގެ ލިޔުން

މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވާފައިވާ ގޮތުގައި މުލަކު ހުކުރު މިސްކިތު ތެރޭގައި ހުރި ފެހެލާނޑާގެ މަހާނަ ގަލުގައި ލިޔެވިފައި ވަނީ މުހައްމަދު އިބުނު އައްސުލްތާނުލް މިސްރީ މިހެންނެވެ. ތާރީޚު ލިޔެފައިވާ ހިސާބާއި ކުރީގައި ލިޔެފައިވާ ބަޔާއި ވަނީ ކިޔަންނޭގޭ ވަރަށް ހަލާކުވެފައެވެ.
ލުތުފީ ނަކަލު ކުރައްވައިފައި އޮތް އިރު ވެސް އަދި ސިއްކަގޭ ދޮންމަނިކުފާނުގެ ލިޔުމުގައިވެސް އޮތީ އެއީ މިސްރުގެ ރަސްދަރިކަލެއް ކަމުގައެވެ. އަދި މިއަދާއި ހަމައަށް ދޫދޫމަތިން ކިޔެމުން އަންނަނީވެސް އެއީ މިސްރު ރަސްގެފާނުގެ ފުތް މަނިކުފާނެއް ކަމުގައެވެ.

މިޞްރުގެ މަމްލޫކީ ސުލްޠާނުން

މިހިސާބުން އެ ޒަމާނުގެ މިސްރުގެ ތާރީޚަށް ޖެހިލަމާ ހިންގަވާށެވެ. ދޮރޮބައިގެދަރު ފެހެލާނޑާ ނުވަތަ މުހައްމަދު އިބްނުއް ސުލްތާން އަލްމިސްރީއަކީ އަލްގާޒީ މުހައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ކާފައެވެ. ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 1563 ގައެވެ. އެހެންކަމުން ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ކާފަ ދުނިޔޭގައި އުޅުއްވާނީ މީލާދީން 1400 ގެ އަހަރުތަކުގެ ފަހުކޮޅު ނުވަތަ މީލާދީން 1500 ގެ އަހަރުތަކުގެ ކުރީކޮޅުގައި ކަން އޮޅުމެއްނެތި އެނގެއެވެ.

ދޮރޮބައިގެދަރު ފެހެލާނޑާގެ މަހާނަ ގަލުން އެނގޭ ގޮތުގައި އެމަނިކުފާނަކީ މިސްރު ރަސްގެފާނުގެ ފުތް މަނިކުފާނެވެ. މިސްރުގެ ސުލްތާނެއްގެ ދަރިކަލެކެވެ. މިސްރުގެ ތާރީޚަށް ބަލާއިރު މިސްރުގައި ސުލްތާނުން ތިއްބެވީ މީލާދީން 1517 ވަނަ އަހަރާ ހަމަޔަށް އޮތް މަމްލޫކީ ސުލްތާނިއްޔަތު ނިމޭންދެނެވެ.

މަމްލޫކީންގެ ވެރިކަން ނިމުނީ ތުރުކީގައި އޮތް އުސްމާނީންގެ ވެރިކަމުގެ ފަރާތުން ތުރުކީގެ އައްސުލްތާނު އަލްއާޒީ ސަލީމް އަލްއައްވަލުގެ ވެރިކަމުގައި މީލާދީން 1516 ވަނަ އަހަރާއި 1517 ވަނަ އަހަރާ ދެމެދު މަމްލޫކީންނާއި އުސްމާނީންނާ ދެމެދު ބަދަލު ކުރެވުނު ހަމަލާތަކަށް ފަހު މީލާދީން 1517 ވަނަ އަހަރުއެވެ. އެހެންކަމުން މީލާދީން 1517 ވަނަ އަހަރުން ފެށިގެން މިސްރުގައި އޮތީ ތުރުކީގެ އުސްމާނީންގެ ވެރިކަމެވެ.

އުސްމާނީންގެ ވެރިކަމުގައި މިސްރުގައި ތިއްބެވި ވެރީންނަކަށް ސުލްތާނު މި ލަގަބު ބޭނުން ކޮށްފައެއް ނުވެއެވެ. އުސްމާނީންގެ ވެރިކަމުގައި އެ ދައުލަތުގެ ފަރާތުން މިސްރުގައި ތިއްބެވި ވެރީންނަށް ކިޔަނީ ޕާޝާ ނުވަތަ ބާޝާއެވެ. މި ގޮތުން އެންމެ ފުރަތަމައަށް މިސްރުގައި ހުންނެވި އުސްމާނީ ވެރިކަމުގެ ޕާޝާއަކީ ޔޫނުސް ޕާޝާއެވެ. މީނާ މިސްރުގެ ވެރިކަމުގައި ހުންނެވީ 1517 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 1517 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމަޔަށެވެ. ގާތްގަނޑަކަށް ހަތް މަހާއި ދުވަސްކޮޅަކުއެވެ. މީގެ ފަހުން އަލުން މިސްރުގައި ސުލްތާނު މި ނަމުގައި ވެރިކަން ކޮށްފައި ވަނީ 1914 ވަނަ އަހަރުން ފެށިގެންނެވެ. އެއީ މިސްރާއި ސޫދާނުގެ ސުލްތާނުގެ ގޮތުގައެވެ. މި ގޮތުން ފުރަތަމަ ސުލްތާނަކީ އައްސުލްތާނު ހުސައިން ކާމިލުއެވެ.

މަމްލޫކީންގެ ވެރިކަން މިސްރުގައި ފެށުނީ މީލާދީން 1250 ވަނަ އަހަރުއެވެ. މަމްލޫކީންގެ ވެރިކަން ނިމުމަކަށް އައީ މީލާދީން 1517 ވަނަ އަހަރުއެވެ. ތާރީޚު އިލްމުވެރީން މިސްރުގައި އޮތް މަމްލޫކީންގެ ވެރިކަން ބައްސަވައިފައި ވަނީ ދެ ދައުރަކަށެވެ. މީގެ ތެރެއިން ފުރަތަމަ ދައުރަކީ މީލާދީން 1250 އިން ފެށިގެން 1382 ވަނަ އަހަރާ ހަމަޔަށް އޮތް ބަހްރީ މަމްލޫކީ ވެރިކަމުގެ ދައުރެވެ. ދެވަނަ ދައުރަކީ 1382 ވަނަ އަހަރުން ފެށިގެން 1517 ވަނަ އަހަރާ ހަމަޔަށް އޮތް ބުރްޖީ މަމްލޫކީ ވެރިކަމުގެ ދައުރެވެ. އެހެންކަމުން ދޮރޮބައިގެދަރު ފެހެލާނޑާ މުހައްމަދުގެ ބައްޕާފުޅު ވާނީ 1517 އާ ހަމަޔަށް މިސްރުގައި ވެރިކަން ކުރި ބުރްޖީ މަމްލޫކީންގެ ސުލްތާނަކަށެވެ. އެހެންކަމުން ބުރްޖީ މަމްލޫކީންގެ ސުލްތާނުން ވެރިކަން ކުރެއްވި މުއްދަތުތަކަށް ތަފްސީލީ ގޮތެއްގައި ބަލައިލުން މުހިންމެވެ.

ބުރްޖީ މަމްލޫކީންގެ ފުރަތަމަ ސުލްތާނަކީ އައްސުލްތާނު އައްޒާހިރު ސައިފުއްދީން ބަރްގޫގުއެވެ. މި ރަސްގެފާނު ދެފަހަރެއްގެ މަތީން ރަސްކަން ކުރެއްވިއެވެ. ފުރަތަމަ ފަހަރު 1382 އިން 1389 އަށެވެ. މި ރަސްގެފާނު ދެވަނަ ފަހަރަށް ރަސްކަން ކުރެއްވީ ސުލްތާނު އައްސާލިހް އަލްމުޒައްފަރު އަލްމަންސޫރު ސަލާހުއްދީން އަލްހާޖީ އައްސާނީއަށް ފަހު 1390 އިން 1399 އަށެވެ. އޭގެ ފަހުން 1399 އިން 1405 އަށް ހުންނެވީ ސުލްތާނު އައްނާސިރު ނާސިރުއްދީން ފަރަޖްއެވެ. މިއީ މީނާގެ ފުރަތަމަ ދައުރެވެ. މީގެ ފަހުން ސުލްތާނު އަލްމަންސޫރު އިއްޒުއްދީން އަބްދުލްއަޒީޒަށް ފަހު ދެވަނަ ފަހަރަށް ރަސްކަމަށް ވަޑައިގެން 1405 އިން 1412 އާ ހަމަޔަށް ސުލްތާނު އައްނާސިރު ނާސިރުއްދީން ފަރަޖް ރަސްކަން ކުރެއްވިއެވެ. މިއަށް ފަހު ވެރިކަމަށް ވަޑައިގަތީ ސުލްތާނު އަލްއާދިލް އަލްމުސްތައީން ބިﷲ އެވެ. މީނާ ވެރިކަން ކުރެއްވީ 1412 ވަނަ އަހަރުއެވެ. މީނާއަށް ފަހު ރަސްކަމަށް ވަޑައިގަތީ ސުލްތާނު އަލްމުއައްޔަދު ސައިފުއްދީން ތަތާރުއެވެ. މީނާ ވެރިކަން ކުރެއްވީ 1412 އިން 1421 އަށެވެ.

ސުލްތާނު ސައިފުއްދީން ތަތާރުއަށް ފަހު ދެން ރަސްކަމަށް ވަޑައިގަތީ ސުލްތާނު އަލްމުޒައްފަރު އަހްމަދުއެވެ. އެއީ 1421 ގައެވެ. ވަރަށް ކުޑަ ދުވަސްކޮޅެއްގެ ރަސްކަމަކަށް ފަހު ހަމަ މިއަހަރު ސުލްތާނު އައްޒާހިރު ސައިފުއްދީން ތަތާރު ދެވަނަ ރަސްކަމަށް ވަޑައިގަތެވެ. މި ރަސްގެފާނު ވެސް ކުޑަ ދުވަސްކޮޅަކު ރަސްކަން ކުރެއްވުމަށް ފަހު ހަމަ މި އަހަރު ސުލްތާނު އައްސާލިހު ނާސިރުއްދީން މުހައްމަދު ރަސްކަމަށް ވަޑައިގަތެވެ. މީނާ ރަސްކަމުގައި ދެމި ހުންނެވީ 1422 ވަނަ އަހަރާ ހަމަޔަށެވެ.

ސުލްތާނު ނާސިރުއްދީން މުހައްމަދަށް ފަހު ދެން ރަސްކަމަށް ވަޑައިގަތީ ސުލްތާން އަލްއަޝްރަފް ސައިފުއްދީން ބަރުުސްބޭ (ބަރްސްބާއި)އެވެ. އެއީ 1422 އިން 1437 އަށެވެ. އޭގެ ފަހުން 1437 އިން 1438 އަށް ހުންނެވީ ސުލްތާނު އަލްއަޒީޒު ޖަމާލުއްދީން ޔޫސުފެވެ. އެއަށްފަހު 1438 އިން 1453 އަށް ހުންނެވީ ސުލްތާނު އައްޒާހިރު ސައިފުއްދީން ޖަގްމަގްއެވެ. މީގެ ފަހުން 1453 ގައި ދެން ރަސްކަން ކުރެއްވީ ސުލްތާނު އަލްމަންސޫރު ފަހްރުއްދީން އުސްމާންއެވެ.

ސުލްތާނު ފަޚުރުއްދީން އުސްމާނަށް ފަހު ދެން ރަސްކަމަށް ވަޑައިގަތީ ސުލްތާނު އަލްއަޝްރަފް ސައިފުއްދީން އީނާލްއެވެ. އެއީ 1453 އިން 1461 އަށެވެ. 1461 ގައި ދެން ރަސްކަން ކުރެއްވީ ސުލްތާނު އަލްމުއައްޔަދު ޝިހާބުއްދީން އަހްމަދެވެ. އެއަށް ފަހު 1461 އިން 1467 އަށް ހުންނެވީ ސުލްތާނު އައްޒާހިރު ސައިފުއްދީން ހުޝްގަދަމްއެވެ. އެއަށް ފަހު 1467 ގައި ސުލްތާނު އައްޒާހިރު ސައިފުއްދީން ބިލްބޭ (ބިލްބާއި) ހުންނެވުމަށް ފަހު 1467 އިން 1468 އަށް ހުންނެވީ ސުލްތާނު އައްޒާހިރު ތައިމޫރު ބުޣާއެވެ.

ސުލްތާނު ތައިމޫރަށް ފަހު ދެން ރަސްކަމަށް ވަޑައިގަތީ ސުލްތާނު އަލްއަޝްރަފް ސައިފުއްދީން ގާއިތުބޭ (ގާއިތުބާއި) އެވެ. މިއީ މީލާދީން 1468 އިން 1496 އަށެވެ. މިއީ ބުރުޖީ މަމްލޫކީ ސުލްތާނުންގެ ތެރެއިން އެންމެ ގިނަ ދުވަހު ރަސްކަން ކުރެއްވި ރަސްގެފާނެވެ. މި ރަސްގެފާނަށް ފަހު ވަޑައިގަތީ ދަރިކަލުން ސުލްތާނު އަންނާސިރު މުހައްމަދުއެވެ. މީނާ ދެ ފަހަރު ރަސްކަމަށް އިސްވެ ވަޑައިގަތެވެ. ފުރަތަމަ ފަހަރު 1496 އިން 1497 އަށެވެ. އެއަށް ފަހު 1497 ގައި ސުލްތާނު އައްޒާހިރު ގާންސޫހު އަލްބުރްޖީ ވެރިކަމަށް ވަޑައިގަތެވެ. މި ރަސްގެފާނަށް ފަހު އަލުން ސުލްތާނު އަންނާސިރު މުހައްމަދު ބިން ސައިފުއްދީން ރަސްކަމަށް ވަޑައިގަތެވެ. މިފަހަރު 1497 އިން 1498 އަށް ރަސްކަން ކުރެއްވިއެވެ.

ސުލްތާނު އަންނާސިރު މުހައްމަދަށް ފަހު ދެން ރަސްކަމަށް ވަޑައިގަތީ ސުލްތާނު އައްޒާހިރު ގާންސޫހު އަލްއަޝްރަފީއެވެ. އެއީ 1498 އިން 1500 އަށެވެ. އެއަށް ފަހު 1500 އިން 1501 އަށް ހުންނެވީ ސުލްތާނު އަލްއަޝްރަފް ޖަންބަލާތެވެ. ދެން 1501 ގައި ސުލްތާނު އަލްއާދިލް ސައިފުއްދީން ތޫމާން ބޭ (ބާއި) އެއްވަނަ ރަސްކަން ކުރެއްވުމަށް ފަހު ދެން ވަޑައިގަތީ ސުލްތާނު އަލްއަޝްރަފް ގާންސޫހު އަލްޣައުރީއެވެ. އެއީ 1501 އިން 1516 އަށެވެ. މި ރަސްގެފާނަށް ފަހު 1516 އިން 1517 އަށް ހުންނެވީ ސުލްތާން އަލްއަޝްރަފް ތޫމާން ބޭ (ބާއި) ދެވަނައެވެ. މިއީ މިސްރުގެ މަމްލޫކީ ސުލްތާނިއްޔަތުގެ އެންމެ ފަހުގެ ސުލްތާނެވެ.

ސުލްޠާނު އަލްއަޝްރަފް ސައިފުއްދީން ގާއިތުބޭ

މަތީގައި ނަންގަނެވުނު މަމްލޫކީ ސުލްތާނުންގެ ތެރެއިން ތާރީޚީ ގޮތުން ދޮރޮބައިގެދަރު ފެހެލާނޑާއާ ދުވަސްވަރު ދިމާވާ ގޮތުން މުހައްމަދު ކިޔާ ބޭފުޅުން ތިއްބެވީ ސުލްތާނު އަލްއަޝްރަފް ސައިފުއްދީން (1468 އިން 1496 އަށް) މި ރަސްގެފާނުގެއެވެ. ސައިފުއްދީނަކީ އަސްލު މިސްރުގެ ބޭފުޅެއް ނޫނެވެ. އުފަންވެވަޑައިގަތީ ޝީރުކާސިއާއަށެވެ. އެއީ މިހާރުގެ އުތުރު ކުކާސަސްގެ ޖުމްހޫރިއްޔާއެއް ކަމުގައިވާ އަދީގިއާއެވެ. މިއީ ރަޝިޔާއަށް ނިސްބަތްވާ އެގައުމުގެ ދެކުނު ބިތުގެ ސަރަހައްދެކެވެ.  އަސްމަތީގައި ވަރަށް ކުޅަދާނަ ޒުވާނަކަށް ވުމާއި ދުނިދަނޑީގެ ހަނގުރާމައަށް ވަރަށް ކުޅަދާނަ ބޭފުޅަކަށްވާތީ ކޮންމެވެސް ބައެއްގެ ބާރު އެޅުމުގެ މަތިން ސައިފުއްދީނު ވަޑައިގަތީ މިސްރުގެ ގާހިރާއަށެވެ. އެތަނުގައި މަމްލޫކީންގެ ލަޝްކަރުގައި ހިމެނިވަޑައިގެން ވަރަށް އަވަސްކަމާއެކު ކުރިއެރުން ހޯއްދަވައި ރަސްކަމުގެ ކޮއިލާއި ހަމައަށް ވަޑައިގެންނެވިއެވެ. އެހެންވުމުގެ މައިގަޑު ސަބަބަކަށްވީ ސައިފުއްދީނަކީ ޝާމުކަރައިގެ ދިމިޝްގުގެ ކުރީގެ ރަސްގެފާނު އަދި ހައްރާނުގެ އަމީރު އަލްއަޝްރަފު މޫސާ އަބުލްފަތުހު މުޒައްފަރުއްދީނުގެ ދަރިކޮޅުން ވަޑައިގެން ހުންނެވި ބޭފުޅެއްކަން މިސްރުގެ އޭރުގެ މަމްލޫކީ ސުލްތާނަށް އެނގިވަޑައިގަތުމެވެ.

އަލްއަޝުރަފު މުޒައްފަރުއްދީނަކީ ސުލްތާނު އަލްއާދިލު (އެއްވަނަ) ސައިފުއްދީނު އަބޫބަކުރު އަހުމަދު އިބުނު ނަޖުމުއްދީން އަލްއައްޔޫބުގެ ދަރިކަލެކެވެ. ސުލްތާނު އަލްއާދިލު ސައިފުއްދީނު އެއްވަނައަކީ އައްޔޫބީ ދަރިކޮޅުން މިސްރާއި ޝާމުކަރައިގެ ރަސްކަން ކުރެއްވި ކުރުދީ ނަސްލުގެ ބޭފުޅެކެވެ. އަދި މިއީ މަޝްހޫރު އިސްލާމީ ފާތިހު ސަލާހުއްދީން އަލްއައްޔޫބީގެ އެއްބަފައި ކޮއްކޯފުޅެވެ. އެހެންކަމުން ސުލްތާނު އަލްއަޝްރަފް ސައިފުއްދީން ގާއިތުބޭ ވެފައި މިވަނީ އައްޔޫބީ ޚާންދާނަށް ވެސް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ކަމުގައެވެ.

ސުލްތާން އަލްއަޝްރަފު ސައިފުއްދީނަކީ މަމްލޫކީ ސުލްތާނުންގެ ތެރެއިން އެންމެ ގިނަ ދުވަހު ރަސްކަން ކުރެއްވުމުގެ އިތުރަށް މިސްރުގެ ގާހިރާ އާއި އިސްކަންދަރިއްޔާ އަދި ޝާމުކަރައިގެ ދިމިޝްގާއި ހަލަބު އަދި ގުދުސާއި ހިޖާޒުކަރައިގެ މައްކާ އާއި މަދީނާގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގެވި ބޭފުޅެކެވެ. ވިޔަފާރީގެ ގޮތުން މިސްރު އާ އުސްމިނަކަށް ގެންދެވި ކުޅަދާނަ ވިސްނުންތެރިއެކެވެ. މިކަންކަމުގެ އިތުރަށް އަސްކަރީގޮތުން ޖުމްލަ ސޯޅަ ކެމްޕޭނެއް އޭޝިއާ އާއި އެފްރިކާގައި ހިންގެވިއެވެ.  މީލާދީން 1472 ވަނަ އަހަރު މިރަސްގެފާނު ހައްޖަށް ވަޑައިގެންފައި މަދީނާއަށް ކުރެއްވި ޒިޔާރަތުގައި މަދީނާގެ ރައްޔިތުންގެ ފަގީރުކަން ދެކެވަޑައިގެންފައި މަދީނާގެ އިގްތިސާދީ ހާލަތު ރަގަޅު ކުރެއްވުމަށް ކުރެއްވި ޚައިރާތަކީ މަދީނާގެ ތާރީޚުގައި ކުލަގަދަ އަކުރުން ލިޔެވިފައިވާ ވާހަކައެކެވެ. މިރަސްގެފާނުގެ ދީލަތިކަމާއި ޒާހިދުކަމުގެ ވާހަކައަކީ މުޅި ހިޖާޒުކަރައިގައި މަޝްހޫރު ވާހަކައެކެވެ.

ސުލްތާނު އަލްއަޝްރަފް ސައިފުއްދީންގެ ތިން ފިރިހެން ބޭފުޅުން ތިއްބެވިއެވެ. އެއީ 1482 ގައި އުފަންވެ ވަޑައިގަތް ސުލްތާނު އަންނާސިރު މުހައްމަދު އާއި 1484 ގައި އުފަންވެވަޑައިގަތް އަލްއަޒީޒު މުހައްމަދު އާއި 1487 ގައި އުފަންވެ ވަޑައިގަތް އައްސާލިހު މުހައްމަދެވެ. މި ތިން ބޭފުޅުންގެ ތެރެއިން ސުލްތާނު އަންނާސިރު މުހައްމަދު ރަސްކަން ކުރެއްވި ވާހަކަ އިސްވެ ހިގާއްޖެއެވެ. ދެން ތިއްބެވި ދެ ދަރިކަލުންގެ ތެރެއިން އައްސާލިހު މުހައްމަދު ވަނީ މީލާދީން 1501 އިން 1516 އަށް ރަސްކަން ކުރެއްވި ސުލްތާނު އަލްއަޝްރަފް ގާންސޫހު އަލްޣައުރީގެ ލަޝްކަރުގައި ލަޝްކަރީއެއްގެ ގޮތުގައި އަދި މުގައްދިމެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ.

އިންޑިޔާގެ އައްސޭރީގައި މަމްލޫކީން ކުރި ހަނގުރާމަ

މި ދުވަސްވަރުގެ ތެރޭގައި އިންޑިޔާގެ ހުޅަނގު ބިތުގައި ޖާގަ ޖަހައިގެން ތިބި ޕޯޗުގީޒުންގެ ސަބަބުން އިޓަލީގެ ވެނިސްގެ ނައު ފަހަރަށާއި އަރަބީންގެ ނައުފަހަރަށް ދިޔައީ ތުރާތައް ފޯރަމުންނެވެ. ހަމައެހެންމެ އިންޑިޔާގެ ކާލީކޯޓުގައި ހުންނެވި ރާޖާއަށް ވެސް ޕޯޗުގީޒުންގެ ދުއްތުރާތައް ދިޔައީ ފޯރަމުންނެވެ. ޕޯޗުގީޒުންގެ ކަންތައް ނިންމައިލެވޭ ވަރުގެ ބާރަކަށް އެންމެ ކައިރިންވެސް ފެންނަނީ މިސްރުގެ މަމްލޫކީ ސުލްތާނު ކަމުގައިވާތީ ކާލީކޯޓުންނާއި ވެނިހުން ގާހިރާއަށް މަންދޫބުން ފޮނުވައިގެން ޕޯޗުގީޒުންނާއި ދެކޮޅަށް ވަރުގަދަ އަރުމާދެއް ތައްޔާރުކޮށް ހަނގުރާމަ ކޮށްދިނުމަށް އާދޭސްކޮށްފިއެވެ.

މަމްލޫކީންނަކީ ކަނޑުގެ ހަނގުރާމައިގައި ފާހަގަކުރެވޭ ބައެއް ނޫނެވެ. އަދި މާބޮޑު އަރުމާދެއް ގެންގުޅޭ ބައެއްވެސް ނޫނެވެ. އެހެންކަމުން އަރުމާދުގައި ހިމެނޭ ނައުފަހަރު ބަންނާން ލަކުޑި ދޭމަތިންނާއި ޚަރަދުގެ ބޮޑުބައެއްގައި ހިފައި ޕޯޗުގީޒުން ބަލިކުރީމާ އިންޑިޔާ ކަނޑުގެ ވިޔަފާރީގެ ނަފާއިން ބައެއް މަމްލޫކީންނަށް ދިނުން ޝަރުތުކޮށް ސުލްތާނު އަލްއަޝްރަފް ގާންސޫހު އަލްޣައުރީ މިކަމަށް އެއްބަސްވެވަޑައިގެންފިއެވެ. އަރުމާދު ބަންނާން ލަކުޑި ފޮނުވީ ކަޅު ކަނޑުގެ އައްސޭރީގައިވާ ތަންތަނުން ގަސް ކަނޑައިގެން ވެނިހުގެ ސަރުކާރުންނެވެ. އަރުމާދުގެ ނައުފަހަރު ބަނީ މިސްރުގެ ސުއޭޒްގެ ބަނދަރުގައެވެ.

އަރުމާދު ތައްޔާރުކޮށް ނިމުނީމާ ދެހާހެއްހައި މީހުންގެ މައްޗަށް އެކުލެވޭ ލަޝްކަރަކާއި އެކު މި އަރުމާދު އިންޑިޔާ ކަނޑަށް މިސްރާބު ޖެހީ މީލާދީން 1507 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ލަޝްކަރުގެ ހަނގުރާމައިގެ ކޮމާންޑަރަކީ އާމިރު ހުސައިން އަލްކުރުދީ ކިޔާ ފަހުލަވާނެކެވެ. އޭނާއާއެކު މިސްރުގެ ޝާހީ އާއިލާގެ ބައެއް ޒުވާނުންވެސް މިލަޝްކަރާއިއެކު ވަޑައިގަތެވެ. އޭގެ ތެރެއިން އެއްބޭފުޅަކީ އައްސާލިހު މުހައްމަދު ބިން އައްސުލްތާނު އަލްއަޝްރަފް ސައިފުއްދީނެވެ. އިންޑިޔާ ކަނޑުގައި މި އަރުމާދަށް ވީއެއްޗެއް ވުމަށްފަހު މި ދެންނެވި އައްސާލިހު މުހައްމަދަށް ވީގޮތް މިސްރުގެ ތާރީޚުން ފެންނާކަށް ނެތެވެ. މިސްރުގެ ތާރީޚު ލިޔާ ބައެއް މީހުން ލިޔެފައިވަނީ މި މުހައްމަދު ކަނޑަށް އަރަގުވީ ކަމަށް ވެދާނެ ކަމަށެވެ. ނުވަތަ ޕޯޗުގީޒުންގެ އަތުން ޝަހީދުވީ ކަމަށް ވެސް ވެދާނެ ކަމަށެވެ.

މަމްލޫކީންގެ އަރުމާދު ސުއޭޒުން ނުކުމެގެން ހިޖާޒު ކަރައިގެ ޖިއްދާގެ ބަނދަރުގައި ލައްކަ ގިނަ ދުވަހު ތިބުމަށްފަހު އެތަނުން ފުރައިގެން އިންޑިޔާގެ ހުޅަނގު ބިތަށް ފޯރީ 1508 ގެ ތެރޭގައެވެ. އިންޑިޔާގެ މިހާރުގެ މަހާރަޝްތުރާ ސްޓޭޓުގެ ޗައުލް އަކީ އޭރު ޕޯޗުގީޒުންގެ އެންމެ މުހިއްމު މަރުކަޒެވެ. އެތަނަށް ގޮސް ހައެއްކަ ދުވަހުގެ ހަނގުރާމައަށްފަހު މަމްލޫކީންނަށް ކާމިޔާބު ލިބިއްޖެއެވެ. މިއީ އިންޑިޔާ ކަނޑުގައި ޕޯޗުގީޒުންގެ ހަމައެކަނި ބަލިވުމެވެ.

މަމްލޫކީންގެ މިކާމިޔާބީއަށް ފަހު ކޮމާންޑަރު ހުސައިން އަލްކުރުދީ އާއި ދެންވެސް އަރުމާދުގައި ތިބި ބޮޑުންގެ ހިތްތަކުން ހަނގުރާމައިގައި ދެމިތިބުމުގެ އެދުން ކުޑަވެ އިންޑިޔާގެ ހުޅަނގު ބިތުގެ ރަށްރަށުގައި އަރާމުގައި ދެމިތިބުން މުހިއްމުވެއްޖެއެވެ. ދަނޑިވަޅަކަށް ބަލަބަލައި ތިބި ޕޯޗުގީޒުންނަށް މި މަންޒަރު ފެނުމުން ވަރަށް ބޮޑު އަރުމާދަކާއިއެކު އަލުން އައިސް ދާދިފަސޭހަކަމާއެކު މަމްލޫކީންގެ ލަޝްކަރުގެ މައްޗަށް ގަދަވެގެންފިއެވެ. އެތައް ބަޔަކު މަރައި އަނެއްބަޔަކު ކަނޑުމަގުން ފަހައިގޮސް ނައުފަހަރު ފައްތައި ވަރަށް މަދު އުޅަނދެއް ނޫނީ ސަލާމަތްވެގެން ދިޔަނުދީ ހިފަހައްޓައިފިއެވެ.

މިތަނުން ބައެއް ނައުފަހަރު ރާއްޖެއާ ހަމައަށް އައިކަން ސާބިތުވެއެވެ. އަދި ބައެއް ނައުފަހަރު ރާއްޖެއާ ވަރަށް ގާތުންވެސް ފައްތައިލެވުނުކަން ތާރީޚުން އޮޅުން ފިލައެވެ. އެދުވަސްވަރު ދިވެހިރާއްޖެއަށް އަރަބި ނައުފަހަރު ތަންކޮޅެއް ގިނައިން އައިކަން ދިވެހި ތާރީޚުންވެސް އޮޅުން ފިލައެވެ. އެހެންވީމާ ޗައުލުންނާއި މިހާރުގެ ޔުނިއަން ޓެރިޓަރީއެއް ކަމަށްވާ ދަމަން އެންޑް ދީވުން ޕޯޗުގީޒުންގެ ކިބައިން ސަލާމަތްވުމަށް ނުކުތް ނައުފަހަރުން ނަވެއްގައި އައްސާލިހު މުހައްމަދު ބިން އައްސުލްތާނު އަލްއަޝްރަފް ސައިފުއްދީނު ހުންނަވައި އެ ނައު ފައްތައިލީމާ ކަނޑުގައި އޮންނަވައިގެން ފުވައްމުލަކަށް ލެއްގުމަކީ ނުހަނު ކައިރި ކަމެކެވެ. އައްޑޫ ފުވައްމުލަކުގައި ޒަމާނުއްސުރެ އެކިޔާ ގޮތަށް މިސްރު ރަސްގެފާނުގެ ފުތް މަނިކުފާނު މި ބަސް މިގޮތަށް ބޭނުން ކުރެވެން ފެށީ އައްސާލިހު މުހައްމަދު ބިން އައްސުލްތާނު އަލްއަޝްރަފް ސައިފުއްދީނު ފުވައްމުލަކަށް ލެއްގުމަށް ފަހުގައި ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވެއެވެ.

ފާހަގަކޮށްލެވޭ އެހެން ނުގުތާއެއް

ދިވެހި ތާރީޚުގައި "ދީން" މިގޮތަށް ލަގަބު ނަން ދެވިފައިވާ ފުރަތަމަ ރަސްކަލަކީ ސުލްތާން ޖަލާލުއްދީން އުމަރުވީރެވެ. މިއީ ބަންގާޅަށް ނިސްބަތްވާ ސަލާހުއްދީން އަލްބަންޖާލީގެ ދަރިކަލެކެވެ. ދެން މިލަގަބު ނަން ފެންނަނީ މިރަދުންގެ ފަނޑިޔާރު އަލްގާޒީ އިސްމާއިލް ޝަރަފުއްދީނުގެ ނަމުންނެވެ. ދެން މިނަން ދެވުނު ބޭފުޅަކީ އުމަރުވީރު ރަސްގެފާނުގެ ދަރިކަލުން އަހުމަދު ޝިހާބުއްދީނެވެ. އެއަށް ފަހު ހިލާލީ ދަރިކޮޅުން ސުލްތާނު ނާސިރުއްދީނާއި ސައްޔިދު ޝަމްސުއްދީނެވެ. އެހެންނަމަވެސް އުތީމު ދަރިކޮޅުން ރަސްކަމަށް ވަޑައިގަތް ކަޅުތުއްކަލާ ނުވަތަ ސުލްތާނު މުހައްމަދު އިމާދުއްދީނު އެއްވަނަ އާއި އޭނާގެ ފަނޑިޔާރު މުހައްމަދު ޝަމްސުއްދީނުގެ ކުރިން މިއީ އާއްމު ނަމެއް ނޫނެވެ. މުހައްމަދު އިމާދުއްދީނު ބޮޑު ރަސްގެފާނަށް ފަހު ދިވެހިރާއްޖޭގެ ރަސްރަސްކަލުންނާއި ފަނޑިޔާރުންގެ ލަގަބު ނަމެއްގެ ގޮތުގައި "ދީން" ހިމެނޭ ނަންތައް އާއްމު ވެއްޖެއެވެ. އަދި ބޮޑު ރަސްގެފާނުގެ ދަރިކަލުންނަށް މިސްރާއި ގުޅުން ހުރި ނަމެއް ކަމުގައިވާ އިސްކަންދަރު ކިޔާފައިވާކަން ފާހަގަ ކުރެވެއެވެ. މިއީ އަލަށް ފެށުނު ކަމެކެވެ.

މަމްލޫކީ ސުލްތާނުންގެ ނަމުގެ ފަހަތަށް ދީން ކިޔުމަކީ އާއްމު ކަމެއްކަމުގައިވާތީ ރާއްޖޭގައިވެސް މިނަމާއި މިސްރާއި ގުޅުން ހުރި މިފަދަ ލަގަބު ނަންތައް އާއްމުވީ ފެހެލާނޑާގެ ކާފަ ދަރިކަލުން މުހައްމަދު ޝަމްސުއްދީނަށް ފަހުގައި ކަމަށް ވުމަކީ މަމްލޫކީންގެ ސަގާފަތެއް މަމްލޫކީ އަމީރެއްގެ ފަރާތުން އައި އައުމެއްކަމަށް ގަބޫލު ކުރެވެއެވެ. (ނުނިމޭ)
                       -------------------

ލިޔުއްވީ: ޢިމާދު، މުޖުތަބާ
15 ޖެނުއަރީ 2016މ.