ޤާދިޔާނީން القَادِيَانِيَّة











ތަޢާރުފު

ޤާދިޔާނީންނަށް "އަޙުމަދީން" ނެވެ، ވެސް ކިޔަ އެވެ. އެއީ، މީލާދީ ސަނަތުން 19 ވަނަ ޤަރުނުގެ ފަހުކޮޅުގައި އުފެދުނު ފިރުޤާއެކެވެ. އެ ފިރުޤާ އުފެދުނީ، އިންޑިއާގެ ޕަންޖާބުގެ "ޤާދިޔާން" ނަމަކަށް ކިއުނު ރަށުގަ އެވެ. މިހާރު ދުނިޔޭގައިވާ ޤާދިޔާނީންގެ ޢަދަދު، ދުއިސައްތަ މިލިއަނަށް އަރާކަމަށް ބުނެވެ އެވެ.


މުއައްސިސް

ޤާދިޔާނީ ފިރުޤާގެ މުއައްސިސަކީ، މިރުޒާ ޣުލާމު އަޙުމަދު (ميرزا غلام أحمد) އެވެ. އޭނާއަކީ، އިންޑިއާގެ ޕަންޖާބުގެ ޤާދިޔާނުގެ ރައްޔިތެކެވެ. އޭނާ އުފެއްދި ޖަމާޢަތަށް ޤާދިޔާނީންނެވެ، ކިޔަނީ އެރަށަށް ނިސްބަތްކޮށެވެ. އަދި، އެމީހުންނަށް އަޙުމަދީންނެވެ، ކިޔަނީ އޭނާއަށް ނިސްބަތްކޮށެވެ. އޭނާ ބުނި ގޮތުގައި، އޭނާއަކީ، މަހުދީގެފާނެވެ. އަދި އޭނާގެ ޒަމާނުގައި އިސްލާމްދީން އާކުރާނެ މުޖައްދިދެވެ. އޭނާ ޤާދިޔާނީ މަޒުހަބުގެ އަސާސްތައް އެކަށައެޅީ، 1889 ވަނަ އަހަރު އެވެ. އޭނާ މަރުވުމަށްފަހު، ޤާދިޔާނީން ދެބަޔަކަށް ބެހިގެން ދިޔަ އެވެ.
 
މިރުޒާ ޣުލާމަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިކުރެއްވީ، އައްޝައިޚު އަބުލްވަފާ ޘަނާއު ﷲ (الشيخ أبو الوفاء ثناء الله) އެވެ. އޭނާއަކީ، އިންޑިއާގެ ޢިލްމުވެރިއެކެވެ. އޭނާއާއި މިރުޒާ ޣުލާމާ ދެމެދުގައި ބޭއްވުނު ޑިބޭޓެއްގައި މުބާހަލާ ކުރެއްވި އެވެ. އެ މުބާހަލާގައި އައްޝައިޚު އަބުލްވަފާ ވިދާޅުވީ، އޭނާއާއި މިރުޒާ އާ ދެމީހުންކުރެ ތެދުވެރިޔާ ދުނިޔޭގައި ހުއްޓައި، ދޮގުވެރިޔާ މަރުވުމަށެވެ. އެއަށްފަހު މާގިނަ ދުވަސްތަކެއް ނުވަނީސް މިރުޒާ ޣުލާމު 1908 ވަނަ އަހަރު ނިޔާވެއްޖެ އެވެ. އޭނާ ދުނިޔެއަށް އައީ، 1835 ވަނަ އަހަރު އެވެ.



ބައެއް ޢަޤީދާތައް

ޤާދިޔާނީން، މާތް ﷲ އަށާއި، އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި، ރަސޫލުބޭކަލުންނަށާއި، މަލާއިކަތުންނަށާއި، މަޙުޝަރަތްދުވަހަށާއި، ހިސާބުބައްލަވާނެ ކަމަށް އީމާންވެ އެވެ. އަދި އިސްލާމްކަމުގެ ހުރިހާ ރުކުނެއް ވެސް ގަބޫލުކުރެ އެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި، އެއިން ރުކުނެއް ބަދަލުކޮށްފި މީހަކީ، އިސްލާމް ދީނުން ބޭރުވެއްޖެ މީހެކެވެ.

ޤާދިޔާނީ މަޒުހަބުގެ ދެ ޖަމާޢަތުން އެއް ޖަމާޢަތުގެ މީހުން ގަބޫލުކުރާ ގޮތުގައި، މިރުޒާ ޣުލާމަކީ، ނަބީބޭކަލެކެވެ. އަނެއް ޖަމާޢަތުގެ މީހުން އެކަން ގަބޫލެއް ނުކުރެ އެވެ.

ޤާދިޔާނީން ގަބޫލުކުރާ ގޮތުގައި، މިރުޒާ ޣުލާމަކީ، މަހުދީގެފާނެވެ. އަދި އޭނާއަކީ، ފަހުޒަމާނުގައި މާތް ﷲ ފޮނުއްވާނެ މަސީޙު (ޢީސާގެފާނު) ވެސްމެ އެވެ. އޭނާ އައީ، އިސްލާމްދީން އާކުރުމަށްޓަކަ އެވެ.

ޤާދިޔާނީން ގަބޫލުކުރާ ގޮތުގައި، ހަތިޔާރު އަޅައިގެން ޖިހާދުކުރަން ނިކުމެ، ހަނގުރާމަކުރުމަކީ، ހަމައެކަނި ދުޝްމަނުންނާ ދެކޮޅަށް ކުރަންޖެހޭ ކަމެކެވެ. އެގޮތުން ކުރިމަތިލާންޖެހޭނީ ހަމައެކަނި މުސްލިމުންނާ ހަނގުރާމަކުރާ ބަޔަކާ އެވެ. މުސްލިމުންނާއެކު ޞުލްޙަވެރިކަން ޤާއިމުކޮށްގެން އުޅޭ ބަޔަކާ ދެކޮޅަށް ހަނގުރާމަކުރުމެއް ނެތެވެ.

ޤާދިޔާނީން ގަބޫލުކުރާ ގޮތުގައި، މާތްވެގެންވާ އިސްލާމްދީނުގައި ވަނީ ދީނީ މިނިވަންކަން ދެއްވާފަ އެވެ. އެމީހަކު އުޅެން ބޭނުން ދީނަކަށް ދީން ބަދަލުކުރުމަކީ މުސްލިމުންނަށް ކީރިތި ޤުރުއާނުގައި ދެއްވާފައިވާ ޙައްޤެކެވެ. އެހެންކަމުން، މުރުތައްދުވާ މީހަކު ޤަތުލެއް ނުކުރެވޭނެ އެވެ.

ޤާދިޔާނީން ގަބޫލުކުރާ ގޮތުގައި، ސަލާމްލެއްވި ޢީސާގެފާނު، ޞަލީބަށް އެރުވުނެވެ. ނަމަވެސް ޞަލީބުގައި އެކަލޭގެފާނު އަވަހާރަކޮށެއް ނުލެވެ އެވެ. ޞަލީބުން ނެގުމަށްފަހު، އެތައް ދުވަހެއް ވަންދެން އެކަލޭގެފާނު ދުނިޔޭގައި އާދައިގެ ދިރިއުޅުމެއް ދިރިއުޅުއްވި އެވެ. އެއަށްފަހު އެކަލޭގެފާނު އަވަހާރަވީ ޠަބީޢީ ގޮތެއްގަ އެވެ.

ޤާދިޔާނީން ގަބޫލުކުރާ ގޮތުގައި، މަސީޙު އާއި މަހުދީ އަކީ، މިރުޒާ ޣުލާމުގެ ސިފަތަކުގެ ތެރެއިން ދެ ސިފައެކެވެ.

ޤާދިޔާނީން ގަބޫލުކުރާ ގޮތުގައި، "ޚާތަމުއްނަބިއްޔީން" (خَاتَم النَّبِيِّينَ) ގެ މާނައަކީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެންމެ ފަހުގެ ނަބިއްޔާ ކަމުގައި ވެވަޑައިގަތުމެއް ނޫނެވެ. އެކަމަކު، އޭގެ މާނައަކީ، އެންމެ މޮޅުއިތުރު، އެންމެ މާތް ނަބިއްޔާ ކަމުގައި އިތުރުއެކަލޭގެފާނު ވެވަޑައިގެންނެވުމެވެ.


ސުންނަތްޖަމާޢަތުގެ ނަޒަރު

ސުންނަތްޖަމާޢަތުގެ މީހުން ގަބޫލުކުރާ ގޮތުގައި، ޤާދިޔާނީންނަކީ، އިސްލާމްދީނުން ބޭރުވެ، މަގުފުރެދިފައިވާ ބަޔެކެވެ. ތިރީގައި މިވަނީ، އެމީހުންނާ ބެހޭ ގޮތުން ސުންނަތްޖަމާޢަތުގެ މުސްލިމުން ދެކޭ ގޮތުގެ ޚުލާޞާއެކެވެ.

ޖިހާދުކުރުމާއި، ދީނީ މިނިވަންކަމާ ބެހޭ ގޮތުން، ޤާދީޔާނީ މަޒުހަބުގައިވާ ޢަޤީދާއަކީ، އިނގިރޭސި މުސްތަޢުމިރުންނާ ހަނގުރާމަކުރުން މަނާކުރުމަށްޓަކައި އުފައްދާފައިވާ ދެ ޢަޤީދާއެކެވެ.

1974 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުގައިވަނީ، ޤާދިޔާނީންގެ ޙަރަކާތް މަނާކޮށްފަ އެވެ. ސުންނީންނާއި ޝީޢީންގެ ގިނަ ފިޤުހުވެރިން ދެކޭ ގޮތުގައި، ޤާދިޔާނީންނަކީ، އިސްލާމްދީނުން ބޭރުވެފައިވާ ޖަމާޢަތެކެވެ. އަދި އެ މީހުންނަކީ، އިންޑިއާގައި އިނގިރޭސީންގެ އިސްތިޢުމާރު އޮތްއިރު، މުސްލިމުން ދީނުގެ ނަމުގައި ޖިހާދުކުރުމާ ދުރުކުރުމަށްޓަކައި އެ އިސްތިޢުމާރީ ބާރުތަކުން އުފެއްދި ބަޔެކެވެ.

ޤާދިޔާނީންގެ އިސް މީހެއް ކަމަށްވާ، މިރުޒާ ނާޞިރު އަޙުމަދާއެކު 30 ގަޑިއިރު ވަންދެން ޕާކިސްތާނުގެ ރައްޔިތުންގެ މަޖިލިހުން ވަނީ، ޙަޤީޤަތް ހޯދުމަށްޓަކައި ޑިސްކަސްކޮށްފަ އެވެ. އެއަށްފަހު އެމަޖިލީހުން ނެރުނު ޤަރާރުގައިވަނީ، ޤާދިޔާނީންނަކީ މުސްލިމުން ނޫން ކަމަށެވެ.

1974 ވަނަ އަހަރު، މުސްލިމް ވަރލްޑް ލީގް (رابطة العالم الإسلامي) އިން ވަނީ، ޤާދިޔާނީންނާމެދު ގޮތެއް ނިންމުމަށްޓަކައި، މައްކާގައި މަހާސިންތާއެއް ބާއްވާފަ އެވެ. އެ މަހާސިންތާގައި، ދުނިޔޭގެ ކަންކޮޅުތަކުގައިވާ އިސްލާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން ވެސް ބައިވެރިވި އެވެ. އެ މަހާސިންތާގައި ބަހުސްކުރުމަށްފަހު، ނިންމާފައިވަނީ، ޤާދިޔާނީންނަކީ، މުސްލިމުންގެ ތެރެއިންވާ ބަޔެއް ނޫންކަމަށެވެ. އެހެންކަމުން، މުސްލިމުންގެ ޤަބުރުސްތާންތަކުގައި އެއިން މީހަކު ވަޅުނުލުމަށް ވެސް އެ މަހާސިންތާއިން އިޢުލާންކުރި އެވެ.

އިސްލާމީ ދުނިޔޭގެ ބޮޑެތި ފިޤުހީ މުއައްސަސާތަކުން ބުނެފައިވަނީ، ޤާދިޔާނީންނަކީ މުސްލިމުން ނޫން ކަމަށެވެ. އެފަދަ މުއައްސަސާތަކުގެ ތެރޭގައި، އިސްލާމިކް ސަމިޓްގެ މަޖުމަޢުލް ފިޤުހިލް އިސްލާމީ އާއި، ސަޢޫދީ ޢަރަބިއްޔާގެ ބޮޑެތި ޢިލްމުވެރިންގެ މަޖިލީހާއި، މިޞްރާއި، ޝާމުކަރައާއި، މަޣުރިބުކަރައާއި، އިންޑިއާގެ ޢިލްމުވެރިންގެ މަޖިލިސްތައް ހިމެނެ އެވެ.
          -------------------------

ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން