ގައުމުގެ ސަލާމަތީ ބާރުތަކަށް ފުރައްސާރަކުރުން
















ގައުމުގެ ސަލާމަތީ ބާރުތަކަށް ފުރައްސާރަކުރާ އެގައުމަކަށް ނިސްބަތްވާ މީހާއަށް އެކުރެވެނީ އޭނާ އަމިއްލައަށް އޭނާއަށް ފުރައްސާރައެވެ. އެއިން އެނގެނީ ތިމާ އެގައުމަކަށް ނިސްބަތްވާ ގައުމުގެ ދީނާއި ގައުމިއްޔަތާއި އަމަންއަމާންކަމާއި ޞުލްޙަ މަސަލަސްކަމަށް ތިމާ ލޯބިނުކުރާ ކަމެވެ.  

އެހެނީ ތިމާގެ ދީނާއި ތިމާގެ ގައުމާއި ތިމާއާއި އަދި ތިމާގެ އަނބިދަރިންނަށް ވެސް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ފޯރުވައިދިނުމުގެ އެންމެ އިސް ރޯލެއް އަދާކުރަނީ އެގައުމެއްގައި ތިމާ ދިރިއުޅޭ ގައުމުގެ ސަލާމަތީ ބާރުތަކެވެ. އެބާރުތައް ނެތްނަމަ ތިމާ ހިތަށްއެރި ކޮންމެ ވާހަކައެއް ދައްކަން ތިމާގެ އަނގަ ހުޅުވާތަނުން ނުލަފާމީހަކު އައިސް ތިމާގެ އަނގައިގެ ތެރޭ އޮންނަ ކުޑަދޫ ދަމައިގަންނާކަށްވެސް ފަހަކަށް ނުޖެހޭނެއެވެ. މިއީ ތިމާ ދަންނަންޖެހޭ ކަމެކެވެ. ތިމާ އެގައުމެއްގައި އުޅޭއިރު އެގައުމެއްގައި ސަލާމަތީބާރުތައް ނުވާނަމަ ތިމާ ގެއިން ބޭރަށް ގޮސްފައި އެނބުރި ގެއަށް އަންނައިރު ގޭގައި ތިބި މީހުންނާއި މުދާކޮޅު ސަލާމަތުން ހުންނާނެކަމުގެ ކަށަވަރުކަމެއްވެސް ނޯންނާނެއެވެ. ގައިބާރުހުރި ކޮންމެވެސް މީހަކު އެންމެން ބަލަބަލައި ތިއްބައި ގޭގައި ހުރި މުދާކޮޅުވެސް ގެންގޮސްފާނެއެވެ.

ގައުމެއްގެ ސަލާމަތީ ބާރުގައި ހިމެނޭ މީހަކު ނުވަތަ ބަޔަކު ދެކެ ތިމާ ހިތްހަމަނުޖެހިފައި ވިޔަސް އެހިތްހަމަނުޖެހުން ބޮޑު ރުޅިވެރިކަމެއްގެ ސިފައިގައި ތާއަބަދު މުޅި ސަލާމަތީ ބާރަށް ރައްދުކުރުމުން އެނގޭ އެއްޗަކީ ތިމާގެ ބުއްދި ތިމާއާއި އެކަހެރިވެއްޖެކަމެވެ. މިއީ ބުއްދި ސަލާމަތުން ހުރި ތަޞައްރަފު ފުދޭ މީހަކު ކުރާކަހަލަ ކަމެއްނޫނެވެ. މިކަމުން އެނގޭ އެއްޗަކީ ތިމާއަކީ ސިކުނޑީގެ އުނިކަމެއްހުރި މީހެއްކަން ދަނެގެން އަވަހަށް ފަރުވާ ހޯދަންވެއްޖެ ކަމެވެ.

ބުއްދި ސަލާމަތުން ހުރި ތަޞައްރަފު ފުދޭ މީހަކު އިންސާނަކު ކުރިކަމަކާއި ގުޅިގެން މުޅި އިންސާނިއްޔަށް ފުރައްސާރައެއް ނުކުރާނެއެވެ. އިބްރާހީމް ކިޔާ މީހަކު ކުރި ކުރިކަމަކާއި ގުޅިގެން އިބްރާހީމް ކިޔާ އެންމެންނަށް ފުރައްސާރައެއް ނުކުރާނެއެވެ.

ޢިލްމުވެރިން ވިދާޅުވަނީ ގައުމުގެ މުޅި ސަލާމަތީ ބާރު ދެކެ ރުޅިއައިސް އެބައިމީހުންނަށް މުގުރަނިވި ފާޑުކިޔައި އާޑަ ފުރައްސާރަ ކުރުމުގައި ދެމިތިބޭ ދެވައްތަރެއްގެ ބަޔަކުވެއެވެ. އެއްބަޔަކީ އެބަޔަކު ބޭނުންވާހާ ކަމެއް ބޭނުންވާހާ ގޮތަކަށް ބޭނުންވާހާ އިރަކު، ސަލާމަތީ ބާރުތަކުގެ ސަބަބުން ނުކުރެވިގެން އެކަމާއި ރުޅިބޮޑުވެ ބުއްދި ތަޣައްޔަރުވެ ޢަޞްބީ ބައްޔެއް ޖެހިފައިވާ ބަޔެކެވެ. އަނެއްބަޔަކީ ނުބައިކުރެއްވި ބޮޑު ވައްކަމެއްގެ ތެރެއިން ނޫނީ ޙައްގުނޫން ނާޖާއިޒު ކަންތައްގަނޑެއްގެ ތެރެއިން ބޮޑު ފައިދާގަނޑެއް ނަގައިގެން އޭގެ ދުނިޔަވީ ފަސޭހާއި އަރާމާއި ލައްޒަތުގައި އުޅެނިކޮށް ސަލާމަތީ ބާރުތަކުގެ ސަބަބުން އެކަން ބީވެ، ޙައްގާއި އިންޞާފު ގާއިމުކުރުމުން ބުއްދި ފާސިދުވެފައިވާ މުޖުރިމުންގެ ބަޔެއް ކަމަށެވެ. މިބަޔަކު މަސައްކަތްކުރާނީ އެކި ގޮތްގޮތުން އެކި ވަސީލަތްތައް މެދުވެރިކޮށް ސަލާމަތީ ބާރުތަކުގެ އަގުވައްޓައިލައި އެބާރުތަކުގެ ދޯދިޔާކަން ޢާއްމުންގެ ހިތްތަކަށް ވައްދައިދެވޭތޯއެވެ. މިބަޔަކީ އަމިއްލައެދުމާއި ދުނިޔޭގެ ދަހިވެތިކަމުގައި ހައްދު ފަހަނަޅާފައިވާ ބަޔެކެވެ.

ކޮންމެއަކަސް ގައުމުގެ ސަލާމަތީ ބާރުތަކަށް ތާއަބަދު ފުރައްސާރަކުރާ އެގައުމަކަށް ނިސްބަތްވާ މީހުންނަކީ ގައުމުގެ ދީނާއި ގައުމިއްޔަތާއި އަމަންއަމާންކަމާއި ޞުލްޙަ މަސަލަސްކަމަށް ލޯބިނުކުރާ ބަޔެކެވެ.
         -----------------------

ޢަބުދުﷲ ޙިލްމީ
23 އޮކްޓޫބަރ 2014މ.