ހުޅުވާރުލޫގެ ރީތި އަންހެނުން












އިހުޒަމާނުގައި ހުވަދުއަތޮޅު ހުޅުވާރުލަކީ މީހުންއުޅުނު ރަށެކެވެ. ފަހުން އެރަށް ފަޅުވީއެވެ. އެޒަމާނުގައި އެރަށުގެ އެންމެ ޚާއްޞަ ކަމަކީ އެރަށުގެ އަންހެނުން ރީތިކަމެވެ. އޭރު އެރަށުގައި އުޅުނު އަންހެނުންނަކީ އާދަޔާއިޚިލާފު ރީތި ބައެކެވެ. އަދި މިކަމުގެ ސަބަބުން އެރަށްވަނީ މުޅި އަތޮޅުގައި މަޝްހޫރުވެފައެވެ. އެދުވަސްވަރު އެރަށުގެ ވެރިޔަކަށްހުރީ ހުޅުވާރުލުކަލޭފާނު ކިޔާ މީހެކެވެ. އަދި މީނާގެ ވެރިކަމުގައި އެރަށުގައި ގުންބުޑިއާ އޭ ކިޔުނު މީހަކުވެސް އުޅުނެވެ. މިއީ މާބޮޑު މުއްސަންޖެކެވެ. މިދެމީހުންވެސް އެރަށުގައި އުޅުމާއެކު އެރަށުގެ ރައްޔިތުން ވަރަށް ސުލްޙަވެރިކަމާއެކު އެތައް ދުވަހެއްވަންދެން އެރަށުގައި ދިރިއުޅުމުން ދިޔައެވެ.

 ދެން ކުއްލިއަކަށް ފެނުނީ ހުޅުވާރުލުކަލޭފާނާއި ގުންބުޑިއާ އާ ދެމީހުން ކޮންމެވެސް މައްސަލައެއްގައި ދެބަސްވީތަނެވެ. ހުޅުވާރުލުކަލޭފާނާއި ގުންބުޑިއާ ދެބަސްވުން މައްޗަށް ދަމުންގޮސް ރަށުގެ ރައްޔިތުންނަށްވެސް އެކަމުގެ އުނދަގޫ ފޯރާހިސާބަށް ހިގައްޖެއެވެ. އެހެނީ އެކަކީ އެރަށުގެ ވެރިމީހާއަށްވެފައި އަނެކަކީ ރަށުގެ އެންމެ މުއްސަދި މީހާއަށްވީމާ އެދެމީހުން ކުރާކަންތައް އެންމެހާ ރައްޔިތުންނާ ހަމައަށް އަސަރު ފޯރަނީއެވެ.

މިދެމީހުންގެ ދެބަސްވުން ވަރަށް މައްޗަށް ގޮސްފައިވަނިކޮށް އެރަށުގެމީހުންނަށް އިތުރުކަމެއް ޖެހިއްޖެއެވެ. އެއީ އެރަށަށް ފުރޭތައެއް އަރަންފެށުމެވެ. ފުރޭތަ އަރާތީ ބިރުން އެރަށުމީހުންނަށް ރޭގަނޑަކު ހަމަނިންޖެއް ނުލިބެއެވެ. އަދި ފުރޭތަ އަރަންފެށުމާއެކު ރަށުތެރެއިން މީހުން މަރުވާންވެސް ފަށައިފިއެވެ. މިދެކަންތަކާހުރެ ރަށުގެ ރައްޔިތުންވަނީ ހާސްވެފައެވެ. ހަދާނެގޮތް ހުސްވެފައެވެ. މިފަދަ ދަތިހާލުގައި ހުޅުވާރުލުގެ މީހުން އުޅެމުން އަންނަނިކޮށް އެރަށުގެ އަންހެނުން ރީތިކަމުގެ މައްސަލަ އަނެއްކާ މާބޮޑުވެއްޖެއެވެ. ރަށުގެ އަންހެނުން ރީތިކަމުން އަތޮޅުގެ އެހެން ރަށްރަށުގެ ފޯރާ މީހުން އައިސް އެރަށުގެ އަންހެނުންނާ އިނދެގެން މާގިނައިން ގެންދާގޮތް ވާންފަށައިފިއެވެ.

މިހެން މިކަންތައްހިނގާތީ އެރަށުގެ ފިރިހެނުންނަކީ ކޮންމެހެން ފާހަގަކުރެވޭ ވަރުގެ ރީތިބަޔަކަށްވެސް ނުވުމާއެކު އެރަށުގެ ފިރިހެނަކާ އިންނާނެ ކުއްޖަކުވެސް އެރަށުން ނުވާންފަށައިފިއެވެ. ބޭރު ރަށްރަށުގެމީހުންނާ އިނދެގެން އެރަށުން އަންހެންކުދިން ބޭރަށް ދިއުން ގިނަވެގެންގޮސް އެރަށުން އަންހެންކުދިން ހުސްވާ ހިސާބަށް އެންމެފަހުން ކަންތައް ހިނގައްޖެއެވެ. ދެން މިކަމާމެދު އެރަށުގެ ފިރިހެނުން އެކި ދޭދޭމީހުން ވާހަކަދައްކަމުންގޮސް އެންމެފަހުން ރައްޔިތު ހުރިހާ ފިރިހެނުން އެއްވެ ހަދާނެގޮތަކާމެދު މަޝްވަރާކޮށްފިއެވެ. އެންމެންނަށްވެސް ފެނުނީ ދެން އެރަށުގައި އުޅެވޭނެގޮތެއް ހަމަ ނެތްކަމަށެވެ. ރަށްދޫކޮށްލާފައި ދިއުންނޫންގޮތެއް ނެތެވެ. މިގޮތަށް އެންމެން އެއްބަސްވުމަށްފަހު ރަށުގައި ތިބި ހުރިހާ ފިރިހެނުން އޭރުތިބި މަދު އަންހެންކޮޅާއިއެކު ފުރައިގެން އަތޮޅުގެ އެކިއެކި ރަށްރަށަށް ދިޔައެވެ. އެދުވަހުން ފެށިގެން ހުޅުވާރުލަކީ ފަޅުރަށެކެވެ.
           ------------------------------------
"ކުރީގެ ހުވަދުއަތޮޅު" ފޮތުން ނަގާފައި