ގައުމީ ދަނޑުން ގައުމީ ރޫޙު



















ގައުމީ ދަނޑުން އަބަދުވެސް ގައުމީ ރޫޙު ފެންނާނެއެވެ. އެއީ ދިރޭ ބާރެކެވެ. ގިނަފަހަރަށް މިކަން ޢާއްމުކޮށް ފެންނަފަށަށް ތިލަވެގެން ދާނީ ބޭނުންވާ ޙާލަތުގައެވެ. ބޭނުންވެއްޖެ ހިނދެއްގައެވެ. މިއީ އެންމެހައި މަޚުލޫގުންގެ އެންމެހައި ގިންތީގައިވެސް މިކަން ހިނގާ ގޮތެވެ. މިއީ ދުނިޔެވީ ސުންނަތެވެ. މިއީ ބަދަލުވުމެއް އަދި ނެތުމެއް ނެތް އިލާހީ ނިޔާއެވެ.

ލިޔުމުގެ ސުރުޚީގައި އެވާ ގައުމީ ދަނޑަކީ ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަދަނޑެއް ނޫނެވެ. ނުވަތަ މާލޭ ގަލޮޅު ފުޓްބޯޅަ ދަނޑެއް ނޫނެވެ. ލިޔުމުގެ ސުރުޚީގައި އެވަނީ ގައުމީ ކަންކަމާއި ގުޅިގެން އެތަނެއްގެ އަޣުލަބިއްޔަތު އެކަމެއް ޙިއްޞާކުރާ ކަންކަމެވެ. ނުވަތަ އެކަމެއް ކުރާ ތަންތަނެވެ.

ތެދެކެވެ. ކައިރި މާޟީއެއްގައި ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުން ދިވެހި ގައުމީރޫޙު ވަރަށްބޮޑަށް ފެނިފައިވެއެވެ. އަދި މިހާތަނަށް ނުފެންނަހާ ވަރުގަދަ ގޮތެއްގައެވެ. މިދެންނެވިގޮތުން ގައުމީ ފުޓްބޯޅަ ދަނޑުން ދިވެހި ގައުމީރޫޙު ފެނިފައިވަނީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމް ކުޅުނު ވަގުތުގައި އެކަންޏެއްނޫނެވެ. އަދި ކީއްތޯއެވެ. ދިވެހި ގައުމީ ފުޓްބޯޅަޓީމް ކުޅުނު ވަގުތު ފިޔަވައި ފަލަސްޠީނުގެ ގައުމީ ފުޓްބޯޅަޓީމް ކުޅުނު އިރުވެސް ފެނިފައިވަނީ ދިވެހި ގައުމީރޫހެވެ. ދިވެހި ގައުމީރޫޙަކީ އިސްލާމީ ރޫހެވެ. އަޚުވަންތަ ރޫޙެވެ. އެއްބައިވަންތަ ރޫހެވެ. ބޭނުންވާ ޙާލަތުގައި ބޭނުންވެއްޖެ ހިނދެއްގައި ފެންނަ ގައުމީރޫހެވެ.

ދިވެހި ގައުމީ ފުޓްބޯޅަޓީމާއި ފަލަސްޠީނުގެ ގައުމީ ފުޓްބޯޅަޓީމް ކުޅުނު ވާދަވެރި މެޗުގައި ދިވެހިން ތަރުޙީބު ދީފައިވަނީ ދިވެހިންގެ ވަޠަނީ ޓީމަށެވެ. އަމިއްލަ ޓީމަށެވެ. މިއީ މިކަން ވާންޖެހޭ ގޮތެވެ. އެހެންނަމަވެސް އެހެން ޓީމްތަކާއި ދިވެހި ގައުމީ ފުޓްބޯޅަޓީމް ކުޅުނު މެޗުތަކަށް ވުރެ މި މެޗުގައި ދިވެހިންގެ ތަރުޙީބުގެ އަތްތިލަބަޑިއާއި ބެރުދުންމާރި ތާޅަފިލީގެ އަޑު ތަންކޮޅެއް ލާހިކުވެ މަސަލަސްވެފައި އެ ހުރީ ފަލަސްޠީނާއި ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކާއި އަދި އެ ތަނާ މެދު ދިވެހި އަޣުލަބިއްޔަތުގައި އުފެދިފައިވާ ހަމްދަރުދީއާއި ލޯތްބެއްގެ ބޮޑުކަމުންނެވެ. އެހެނީ ދިވެހި ގައުމީރޫޙު އުފެދިފައިވަނީ އިސްލާމީ ގިއުގަނޑުގެ ތެރެއިންނެވެ. ދުވަހަކުވެސް މިކަން ބަދަލު ނުވާނެއެވެ. އެއީ ކުރެވޭނޭ ކަމެއް ނޫނެވެ. ދިވެހި ގައުމީދަނޑުން ދިވެހި ގައުމީރޫޙު ފަނޑުކޮށް ނައްތައި ނުލެވޭނެއެވެ.

ހަނދުމަފުޅުކުރެއްވުން ހުއްޓެވެ. ދިވެހި ގައުމީ ދަނޑުން ދިވެހި ގައުމީރޫޙު ފަނޑުކޮށް ނައްތައިލުމަށް ހީކުރުމަށް ވުރެ ބޮޑު މޮޔަކަމެއް ނުކުރެވޭނެއެވެ. މިހެންމެ ދިވެހި ގައުމީ ދަނޑުން ދިވެހި ގައުމީރޫޙު ބައިބައިކޮށް ނައްތައިލެވޭތޯ އުޅުމަށް ވުރެ ބޭކާރު ކަމެއްވެސް ނުކުރެވޭނެއެވެ. އެފަދަ ކަންކަން ކުރުމަށްޓަކައި ކުރާ ތަދުބީރުތަކާއި ޕްލޭންތަކާއި ކައްކާ ޚިޔާލީ ފޮލާތައް ދާނީ ވިއްސި ވިހާލިވެ ކުދިކުދިވެ ވައިގެތެރެއަށް ބުރައިގެންނެވެ. ދިވެހި ގައުމު ދެމިއޮތްހައި ހިނދެއްގައި ދިވެހިންގެ ލޭ އެބައިމީހުންގެ ހަށިގަނޑުގައި ހިނގާހައި ވަގުތެއްގައި ދިވެހި ގައުމީރޫޙު އޭގެ ގޮތުގައި އޭގެ ޒާތުގައި އޭގެ ސިފައިގައި އަބަދުވެސް ދިރި ހުންނާނެއެވެ.
              --------------------

ޢަބުދުﷲ ޙިލްމީ
31 މޭ 2014މ.