ދެން އެބަޔަށް ދިއުމަށްޓަކައި ހައިބަތުހުރި މުސްކުޅިޔާ ހިނގައިގަތެވެ.
އެއީ ރޭލުގެ އެންމެ ފަހު ބަޔެވެ. އޭނާ އެބަޔަށް ދިޔައިރު އެބައިގައި ތިބީ ޢާއިލާތަކެވެ.
ހުރިހައި ގޮނޑިތަކެއް ވަނީ ފުރިފައެވެ. އިށީންނާނެ އެއްވެސް ތަނެއް ނެތެވެ. އެހެންނަމަވެސް،
އޭނާ އެބައިގައި ތިބި މީހުންނަށް ސަލާމްގޮވާލިއެވެ.
އެހިނދު، އެތަނުގައި ތިބި ޢާއިލާއެއްގެ ބަޔަކު، ސަލާމް ބަލައިގަނެ
އޭނާއަށް މަރްޙަބާ ކިޔައި، ވަރަށް ބޮޑަށް ކަމޭހިތިއެވެ. އޭނާ އެމީހުންނާއެކު އިށީނަސް
އެންމެރަނގަޅުތޯ އެހުމުގެ ކުރިން، އެ ޢާއިލާއިން އޭނާއަށް ޖާގަ ދިނެވެ. އެ ޢާއިލާގައި
ތިބީ، ދެމަފިރިންގެ އިތުރުން ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ.
އެކުދިންގެ މަންމައާއި ބައްޕަގެ އިޝާރަތަކަށް، ފިރިހެން ދެކުދިން
އެއް ގޮނޑިއަކަށް ދިޔައެވެ. އަދި އަންހެން ދެކުދިން އަނެއް ގޮނޑިއަކަށް ދިޔައެވެ. މިގޮތުގެ
މަތިން، ހައިބަތުހުރި މުސްކުޅިޔާ އިށީނުމަށް ވަރަށް ބޮޑު ޖާގައެއް އެ ޢާއިލާއިން އޭނާއަށް
ތައްޔާރުކޮށް، އެތަނުގައި އިށީނުމަށް އޭނާގެ ގާތުން އެދުނެވެ.
ދެން، މާތް ﷲ އަށް ޙަމްދުކުރުމަށްފަހު އޭނާ، އެތަނުގައި އިށީނދެއްޖެއެވެ. އޭރު އޭނާވަނީ، ރޭލުގެ ތެރޭގައި އިށީންނާނެ ތަނެއް ހޯދުމަށްޓަކައި ހިނގައި ހިނގައި ވަރުބަލިވެފައެވެ. އާދަކާދައިގެ މަތިން، ރޭލު ދަތުރުކޮށްފައި ދާއިރު، ހުއްޓަން ޖެހޭ ތަންތަނަށް ހުއްޓައި، ކުރަންޖެހޭ ކަންތައްތައް ކުރަމުން ގެންދެއެވެ. އެގޮތުގެ މަތިން، ފުރަތަމަ ރޭލު ހުއްޓި ތަނުން، ކާބޯތަކެތި ވިއްކާ ބަޔަކު އެޔަށް އެރިއެވެ. މުސްކުޅިޔާ އެމީހުންނަށް ގޮވައި ގެނެސް، އެމީހުންގެ އަތުގައިވާ އެންމެ މީރު ކާބޯތަކެތި، ރޭލުގެ އެބައިގައިވާ އެންމެނަށް ގަނެދިނެވެ. މި މަންޒަރު ފެނިފައި، ރޭލުގެ އެހެން ބައިތަކުގައި ތިބި މީހުން ހިތާމަކުރިއެވެ. ހައިބަތުހުރި މުސްކުޅިޔާ، އެމީހުންނާއެކުގައި އިށީންނަށް ދިއުމުން، އޭނާއަށް ޖާގަ ދެވުނު ނަމައޭ އެބައިމީހުންގެ ހިތްތަކަށް އެރިއެވެ.
ދެން، މާތް ﷲ އަށް ޙަމްދުކުރުމަށްފަހު އޭނާ، އެތަނުގައި އިށީނދެއްޖެއެވެ. އޭރު އޭނާވަނީ، ރޭލުގެ ތެރޭގައި އިށީންނާނެ ތަނެއް ހޯދުމަށްޓަކައި ހިނގައި ހިނގައި ވަރުބަލިވެފައެވެ. އާދަކާދައިގެ މަތިން، ރޭލު ދަތުރުކޮށްފައި ދާއިރު، ހުއްޓަން ޖެހޭ ތަންތަނަށް ހުއްޓައި، ކުރަންޖެހޭ ކަންތައްތައް ކުރަމުން ގެންދެއެވެ. އެގޮތުގެ މަތިން، ފުރަތަމަ ރޭލު ހުއްޓި ތަނުން، ކާބޯތަކެތި ވިއްކާ ބަޔަކު އެޔަށް އެރިއެވެ. މުސްކުޅިޔާ އެމީހުންނަށް ގޮވައި ގެނެސް، އެމީހުންގެ އަތުގައިވާ އެންމެ މީރު ކާބޯތަކެތި، ރޭލުގެ އެބައިގައިވާ އެންމެނަށް ގަނެދިނެވެ. މި މަންޒަރު ފެނިފައި، ރޭލުގެ އެހެން ބައިތަކުގައި ތިބި މީހުން ހިތާމަކުރިއެވެ. ހައިބަތުހުރި މުސްކުޅިޔާ، އެމީހުންނާއެކުގައި އިށީންނަށް ދިއުމުން، އޭނާއަށް ޖާގަ ދެވުނު ނަމައޭ އެބައިމީހުންގެ ހިތްތަކަށް އެރިއެވެ.
އެތަނުން ފުރައިގެން ރޭލުގެ ދަތުރުކުރަމުން ގޮސް ދެން މަޑުކުރި
ތަނުން، އެއަށް އެރީ ހެދުން ވިއްކާ ބަޔެކެވެ. ހައިބަތުހުރި މުސްކުޅިޔާ އެމީހުންނަށް
ގޮވައި ގެނެސް، އެމީހުންގެ އަތުގައިވާ އެންމެ ރީތި، އެންމެ މޮޅު ހެދުންތައް، ރޭލުގެ
އެބައިގައިވާ އެންމެނަށް ގަނެދިނެވެ. މި މަންޒަރު ފެނިފައި، ރޭލުގެ އެހެން ބައިތަކުގައި
ތިބި މީހުން ހިތާމަކުރިއެވެ. ހައިބަތުހުރި މުސްކުޅިޔާ، އެމީހުންނާ އެކުގައި އިށީންނަށް
ދިއުމުން، އޭނާއަށް ޖާގަ ދެވުނު ނަމައޭ އެބައިމީހުންގެ ހިތްތަކަށް އެރިއެވެ.
އެތަނުން ފުރައިގެން ރޭލުގެ ދަތުރުކުރަމުން ގޮސް ދެން މަޑުކުރި
ތަނުން، އެޔަށް އެރީ މީރުވަސްދުވާ ތަކެތި ވިއްކާ ބަޔެކެވެ. ހައިބަތުހުރި މުސްކުޅިޔާ
އެމީހުންނަށް ގޮވައި ގެނެސް، އެމީހުންގެ އަތުގައިވާ އެންމެ މީރުވަސްދުވާ ސެންޓާއި އެންމެ
މޮޅު އަތަރުތައް، ރޭލުގެ އެބައިގައިވާ އެންމެނަށް ގަނެދިނެވެ. މި މަންޒަރު ފެނިފައި،
ރޭލުގެ އެހެން ބައިތަކުގައި ތިބި މީހުން ހިތާމަކުރިއެވެ. ހައިބަތުހުރި މުސްކުޅިޔާ،
އެމީހުންނާ އެކުގައި އިށީންނަށް ދިއުމުން، އޭނާއަށް ޖާގަ ދެވުނު ނަމައޭ އެބައިމީހުންގެ
ހިތްތަކަށް އެރިއެވެ.
އެތަނުން ފުރައިގެން ރޭލުގެ ދަތުރުކުރަމުން ގޮސް ދެން މަޑުކުރި
ތަނުން، އެއަށް އެރީ މާމެލާމެލި ވިއްކާ ބަޔެކެވެ. ހައިބަތުހުރި މުސްކުޅިޔާ އެމީހުންނަށް
ގޮވައި ގެނެސް، އެމީހުންގެ އަތުގައިވާ އެންމެ ރީތި ކުލަކުލައިގެ މާތަކާއި، އެންމެ މީރުވަސް
ދުވާ މާތައް، ރޭލުގެ އެބައިގައިވާ އެންމެނަށް ގަނެދިނެވެ. މި މަންޒަރު ފެނިފައި، ރޭލުގެ
އެހެން ބައިތަކުގައި ތިބި މީހުން ހިތާމަކުރިއެވެ. ހައިބަތުހުރި މުސްކުޅިޔާ، އެމީހުންނާ
އެކުގައި އިށީންނަށް ދިއުމުން، އޭނާއަށް ޖާގަ ދެވުނު ނަމައޭ އެބައިމީހުންގެ ހިތްތަކަށް
އެރިއެވެ.
އެތަނުން ފުރައިގެން ރޭލުގެ ދަތުރުކުރަމުން ގޮސް ދެން މަޑުކުރި
ތަނުން، އެޔަށް އެރީ ފޮތް ވިއްކާ ބަޔެކެވެ. ހައިބަތުހުރި މުސްކުޅިޔާ އެމީހުންނަށް ގޮވައި
ގެނެސް، އެމީހުންގެ އަތުގައިވާ އެންމެ ރަނގަޅު، އެންމެ ޢިލްމީ ފޮތްތައް، ރޭލުގެ އެބައިގައިވާ
އެންމެނަށް ގަނެދިނެވެ. އެ ފޮތްތަކުގެ ތެރޭގައި "އިސްލާމްދީނަކީ މެދުމިނުގެ ދީނެވެ."
މިނަން ކިޔުނު ފޮތާއި، "އިސްލާމްދީނަކީ، ރަޙުމަތުގެ ދީނެވެ." މިނަން ކިޔުނު
ފޮތް ހިމެނެއެވެ. އޭގެ އިތުރުން އެބައިގައި ތިބި ކުޑަކުދިންނާއި ޒުވާނުންނަށް، އެތައް
ފޮތްތަކަކާއި، އެތައް ނޫސް މަޖައްލާތަކެއް އޭނާ ގަނެދިނެވެ.
ޒުވާން އަންހެން ކުދިން ނެގީ، އެންމެ ފަހުގެ އިސްލާމީ ފެޝަންތަކާ
ބެހޭ މަޖައްލާތަކާއި، އިސްލާމީ އުންމަތުގައި އަންހެނުންގެ ދައުރަކީ ކޮބައިކަން ބުނެދޭ
ފޮތްތަކެވެ.
ޒުވާން ފިރިހެން ކުދިން ނެގީ، އެންމެ ފަހުގެ ޓެކްނޯލޮޖީއާ ބެހޭ
މަޖައްލާތަކާއި، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ފޮތްތަކެވެ.
އިސްލާމީ އުންމަތް ބައިބައިކޮށް ހަލާކުރަމުންދާ ހަރުކަށި ޚިޔާލުތަކާ
ދެކޮޅަށް ލިޔެފައިވާ ފޮތްތައް ނެގި މީހުން ވެސް މަދެއް ނޫނެވެ. އަދި ޖިހާދު ކުރުމަކީ
ހަތިޔާރު އަޅައިގެން މީސްތަކުންނާ ހަނގުރާމަ ކުރުން ނޫންކަމާއި، ދިރިއުޅުމަށްޓަކައި
ގަދައަޅައި ކުރާ ކޮންމެ މަސައްކަތެއް ހެޔޮގޮތުގައި ކުރުމަކީ، ޖިހާދުކުރުންކަން ބުނެދޭ
ފޮތްތައް ނެގި މީހުން ވެސް މަދެއް ނޫނެވެ.
ކޮންމެއަކަސް އެހުރިހައި އެއްޗެއްގެ އަގު ދެއްކީ، އެ ހައިބަތުހުރި
މުސްކުޅިޔާއެވެ. އެތަކެތީގެ އަގަށްވާ ހުރިހައި ފައިސާއެއް ދިނީ އޭނާގެ އަމިއްލަ ޖީބުންނެވެ.
މި މަންޒަރު ފެނިފައި، ރޭލުގެ އެހެން ބައިތަކުގައި ތިބި މީހުން ހިތާމަކުރިއެވެ. ހައިބަތުހުރި
މުސްކުޅިޔާ، އެމީހުންނާއެކުގައި އިށީންނަށް ދިއުމުން، އޭނާއަށް ޖާގަ ދެވުނު ނަމައޭ
އެބައިމީހުންގެ ހިތްތަކަށް އެރިއެވެ.
ދިގު ދަތުރަކަށްފަހު، ރޭލު ދާންވީ ރަށަށް ވާޞިލުވެއްޖެއެވެ.
އެހިނދު ރޭލުގައި ތިބި އެންމެން ޙައިރާންވިއެވެ. މުޅި ރަށް ޒީނަތްތެރި ކޮށްފައިވާލެއް
ރީތިކަމުންނެވެ. އަދި މުޅި ރަށުގައި ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާލެއް ވެސް ފުރިހަމަ
ކަމުންނެވެ. ރޭލު މަޑުކޮށްލުމުން، ފުލުހުންގެ މަތީ ދަރަޖައިގެ ބޭކަލަކު، ރޭލަށް އަރައި
އެމީހަކު އިން ތަނެއްގައި މަޑުމަޑުން އިނުމަށް އެންގެވިއެވެ. އަދި ދަތުރުވެރިންނަށް
ރޭލުން ފޭބުމުގެ ހުއްދަ ދެވޭނީ، ރަސްގެފާނުގެ ޚާއްޞަ މެހުމާނު ފައިބައިވަޑައިގެންނެވުމުން
ކަން ވެސް އެންގެވިއެވެ.
ރަސްގެފާނުގެ ޚާއްޞަ މެހުމާނަކީ، އެއްކަލަ ހައިބަތުހުރި މުސްކުޅިޔާ
ކަމުގައި މެނުވީ ނުވެއެވެ. ރަސްމީ ޢިއްޒަތުގައި، ރަސްގެފާނުގެ ފަރާތްޕުޅުން އޭނާ ބަލާ
އަޔެވެ. އެހިނދު، އޭނާ ފައިބާނީ، އޭނާއަށް މަރުޙަބާ ކިޔައި، އޭނާއަށް ޖާގަ ދިން ޢާއިލާގެ
އަފުރާދުންނާ އެކުގައި ކަމަށް އޭނާ ބުންޏެވެ. އަދި އޭނާއަށް ދޭ ޢިއްޒަތާއި ޤަދަރު،
އެ ޢާއިލާގެ އެންމެނަށް ދިނުމަށް ވެސް އޭނާ އެދުނެވެ.
ދެން ރަސްގެފާނު އެގޮތް ޤަބޫލުފުޅުކުރައްވައި، ހައިބަތު ހުރި
މުސްކުޅިޔާއާ އެކުގައި، އެޢާއިލާގެ އަފުރާދުން، ރަސްމީ ޢިއްޒަތުގައި، ރޭލުން ރަސްގެފާނުގެ
ގަނޑުވަރަށް ގެންދެވިއެވެ. އެ ޢާއިލާގެ އަފުރާދުން ރަސްގެފާނުގެ ގަނޑުވަރަށް ދިއުމުން،
ގިނަގުނަ ހަދިޔާއާއި އަގުބޮޑު ތަކެތި އެމީހުންނަށް ދެއްވިއެވެ. އަދި ގަނޑުވަރުގެ އަގުމާތްވެގެންވީ
އެތައް ކޮޓަރިއެއް އެމީހުންނަށް ދެއްވައި، އެތަންތަނުގައި އެބައިމީހުން ތިބޭނެހައި
ދުވަހަކު ތިބުމަށް އެންގެވިއެވެ. އެ ގަނޑުވަރުގައިވާ ރީތި ބަގީޗާތަކާއި ފެންއާރުތަކާއި
ހިތްފަސޭހަ ތަންތަނަށް ގޮސްއުޅުން ވެސް، އެބައިމީހުންނަށް ހުއްދަކުރެއްވިއެވެ.
ހައިބަތުހުރި މުސްކުޅިޔާއަށް ޖާގަދީ، އޭނާއަށް ކަމޭހިތި ޢާއިލާގެ
އަފުރާދުންނަށް، ރަސްގެފާނުގެ ގަނޑުވަރުން ލިބުނު އަގުބޮޑު ހަދިޔާތަކާއި ނިޢުމަތްތަކުގެ
ޚަބަރު ލިބުމުން، ރޭލުގައި ދަތުރުކުރި އެހެން މީހުން، ކުރިޔަށްވުރެ މާބޮޑަށް ދެރަވެ،
ރޮއި ހިތާމަކުރިއެވެ. އެއީ، އެބައިމީހުންގެ ޙަޔާތުގައި ކުރި އެންމެ ބޮޑު ހިތާމަ ކަމަށްވިއެވެ.
ނަމަވެސް، އޭރު ވަނީ ވަގުތު ފާއިތުވެގެން ގޮސްފައެވެ. ފުރުޞަތު މުޅީން ގެއްލިފައެވެ.
އެއީ ހިތާމައަކުން އެއްވެސް ފައިދާއެއް ކުރާނެ ވަގުތެއް ކަމުގައި ނުވިއެވެ.
<><><>
ވާހަކަ މިހިސާބަށް ނިމުނީއެވެ. ނަމަވެސް، މި ރީތި ވާހަކަ ކިޔުމަށްފަހު،
އަޅުގަނޑުމެން ކޮށްލަންޖެހޭ ސުއާލެއް އެބައޮތެވެ.
މިވާހަކައިގައި ނަންގަނެވުނު ހައިބަތުހުރި މުސްކުޅިޔާއަކީ ކާކުތޯއެވެ؟
މިވާހަކަ ފެށިއިރު، މިއީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ
މީހަކަށް ވެސް ވަރަށް މުހިންމު ވާހަކައެއް ކަމުގައި ދެންނެވީ، އެކަން އެހެން ވާންޖެހޭ
ސަބަބުތަކެއް ވާތީއެވެ.
މިވާހަކައިގެ މަފުހޫމާއި މަޤުޞަދު ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފި
ކަމަށް އުންމީދުކުރަމެވެ.
ހައިބަތުހުރި މުސްކުޅިޔާއަކީ، ދީން ކަމުގައި މެނުވީ ނުވެއެވެ.
އަބަދުވެސް އިބްލީސް މަސައްކަތްކުރަމުން ގެންދަނީ، އަޅުގަނޑުމެން
މަގުފުރެއްދުމަށްޓަކައެވެ. އަޅުގަނޑުމެން ދީނާ ދުރުކުރުމަށްޓަކައެވެ. ދީނުގެ އެއްވެސް
ފައިދާއެއް ނެތްކަމަށް، އިބްލީސް އަޅުގަނޑުމެންނަށް ވަސްވާސް ދީފިނަމަ، އެވަސްވާހަށް
އަޅުގަނޑުމެންނަކު ނުހެއްލޭނެއެވެ. އެހެންވެ، އިބްލީސް މަސައްކަތްކުރަނީ، ކޮންމެވެސް
އެހެން ކަމެއްގައި އަޅުގަނޑުމެން މަޝްޣޫލުކުރުވައިގެން، އަދި އަޅުގަނޑުމެންގެ ހިތްތަކުގައި
ބަހަނާއެއް އުފައްދައިގެން، ދީނާ ދުރަށް ގެންދިއުމަށެވެ.
ކުޅެން ތިބި ކުޑަކުދީންނެވެ.
އެކުދީން ދީންދެކެ ލޯބިވެއެވެ. ނަމަވެސް އެކުދީންނަށް ދީނުގެ
ކަންތައްތައް އޮޅުން ފިލާނީ، ތަންކޮޅެއް ބޮޑުވެ ތަޞައްރަފު ފުދުނީމައިތާއެވެ. މިހާރު
އެކުދިންނަށް ދީން އޮޅުންފިލުވާ ނުދިނަސް އެންމެ ރަނގަޅުވާނެއެވެ. މިއީ، އިބްލީހުގެ
ވަސްވާހެވެ.
ސާނަވީ މަރްޙަލާގައި ކިޔަވަމުންދާ ދަރިވަރުންނެވެ.
އެކުދީން ދީންދެކެ ލޯބިވެއެވެ. ނަމަވެސް މިހާރު އެކުދީން އެއުޅެނީ
އިމްތިޙާނުތަކަށް ފިލާވަޅު ދަސްކުރުމުގައި މަޝްޣޫލުވެގެންތާއެވެ. މަދުރަސީ ދައުރު ނިމުމަށްފަހު
އެކުދީން ދީންވެރިވާނެއެވެ. މިއީ، އިބްލީހުގެ ވަސްވާހެވެ.
ޒަވާޖީ ޙަޔާތް ފަށާ ދެމަފިރިންނެވެ.
އެ ދެމަފިރިން ދީންދެކެ ލޯބިވެއެވެ. ނަމަވެސް އެދެމަފިރިންގެ
ހިތަށް އަރައެވެ. މިއީ އަހަރެމެންގެ ޒުވާން ޢުމުރުތާއެވެ. ޢުމުރުގައި އަދި ލައްކަ ދުވަސް
އެބައޮތެވެ. އެހެންވީމާ، ދީންވެރިވާނީ އަދި ތަންކޮޅެއް ފަހުންނެވެ. މިއީ، އިބްލީހުގެ
ވަސްވާހެވެ.
ޢުމުރުން ދެބައިވަމުންދާ މީހުންނެވެ.
އެމީހުން މިހާރު އެއުޅެނީ އެކިއެކި މަޝްރޫޢުތައް ފަށައިގެންނެވެ.
ކާމިޔާބު ދިރިއުޅުމެއް ހޯދުމުގެ އުންމީދުގައެވެ. އެމީހުންނަކީ، ދީންދެކެ ލޯބިވާ، އަދި
ދީންވެރިވުމަށް ޝައުޤުވެރިވާ ބަޔެކެވެ. ނަމަވެސް އެމީހުންގެ ހިތަށް އަރައެވެ. މިހާރު
މިއުޅެނީ ވަރަށް އަވަދިނެތިއެވެ. މިކުރާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއްނެރެ، މުއްސަނދި
ވެވޭތޯއެވެ. މި އުންމީދު ޙާޞިލުވުމުން ދީނާމެދު ވަރަށް ބޮޑަށް ފަރުވާތެރިވާނަމުއެވެ.
ޙަޔާތުގެ ބާކީ އޮތް ބައި، ދީންވެރި ކަމާއެކު ހޭދަކުރާނަމުއެވެ. މިއީ، އިބްލީހުގެ ވަސްވާހެވެ.
ނަންގަނެވިދިޔަ ވިސްނުންތަކުގައި، ޙަޔާތުގެ ދުވަސްތައް ހޭދަކުރަމުންދާއިރު،
މާދަމާ އަންނާނެ ކަމެއް އެކަކަށް ވެސް ނޭނގެއެވެ. ނުވަތަ މާދަމާ އަންނައިރު، ތިމާ ވާނީ
ކަށްވަޅުގައި ނޫންކަމެއް ވެސް ނޭނގެއެވެ.
ބަހަނާ ދެއްކުމަކީ، ދިރިއުޅުމުގެ ހުރިހައި ކަމެއްގައި އަޅުގަނޑުމެންނަށް
ޖެހިފައިވާ ބައްޔެކެވެ. "މިއަދު ކުރަންވީ ކަންތައްތައް މާދަމައަށް ފަސްނުކުރާށޭ"
ބުނާ ހަރުބަސް އަޅުގަނޑުމެން ޤަބޫލުކުރަމުއެވެ. އަޅުގަނޑުމެން ހިތުގެ އަޑިން އެ ޙިކުމަތްތެރި
ބަސް ޤަބޫލުކުރިނަމަވެސް، ޢަމަލީ ގޮތުން އެ ޙިކުމަތް ތަންފީޒެއް ނުކުރަމުއެވެ. މުސްތަޤުބަލް
ބިނާކުރުމުގައި ނާކާމިޔާބާ ކުރިމަތިލާން ޖެހެނީ މިކަމުގެ ސަބުންނެވެ. އަދި އާޚިރަތުގެ
ކާމިޔާބާއި ނަސީބު ލިބުމުން މަޙުރޫމުވަނީ ވެސް މިކަމުގެ ސަބުންނެވެ.
ޢުމުރުގެ ދުވަސްތައް މާޒީވަމުންދާއިރު، އަޅުގަނޑުމެން ބުނަމުން
މިގެންދަނީ، ކުރާނަމެވެ. މާދަމާ ކުރާނަމެވެ. ނުވަތަ މިވެނި ކަމެއް ކޮށް ނިމުނީމާ، އެވެނި
ކަމެއް ކުރާނަމެވެ. މިއީ، އިބްލީހުގެ ވަސްވާހެވެ.
<><><>
މި ވާހަކަތަކަށްފަހު، އައްތަކާޘުރު ސޫރަތަށް ނަޒަރު ހިންގާލުން
ހުއްޓެވެ. އެ ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
أَلْهَاكُمُ التَّكَاثُرُ
(މުދަލާއި ދަރިން)
ގިނަކަމަށް، އެކަކު އަނެކަކަށް ފަޚުރުވެރިވެ އުޅުން، ތިޔަބައިމީހުން (ﷲ ގެ މަތިން ހަނދުމަނެއްތައި)
މަޝްޣޫލުކޮށްފިއެވެ.
حَتَّى زُرْتُمُ الْمَقَابِرَ
ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާންދެނެވެ.
(އެބަހީ: މަރުވެއްޖައުމަށް ދާންދެނެވެ.)
كَلاَّ سَوْفَ تَعْلَمُونَ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް
އެނގޭނެތެވެ.
ثُمَّ كَلاَّ سَوْفَ تَعْلَمُونَ
ދެންވެސް ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް
އެނގޭނެތެވެ.
كَلاَّ لَوْ تَعْلَمُونَ عِلْمَ الْيَقِينِ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ޔަޤީންކަމުގެ އެނގުމަކުން
ތިޔަބައިމީހުންނަށް އެނގޭނެ ނަމައެވެ.
لَتَرَوُنَّ الْجَحِيمَ
ހަމަކަށަވަރުން، ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ.
ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ
ދެން ހަމަ ޔަޤީންކަމުގެ ދުށުމުން، ތިޔަބައިމީހުން އެ ނަރަކަ
ދެކޭނެކަން ކަށަވަރެވެ.
ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ
ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް
ލިބުނު) ނިޢުމަތާމެދު ތިޔަބައިމީހުންނާ ސުއާލުކުރައްވާނެކަން ކަށަވަރެވެ.
-------------------------------------
ތަރުޖަމާ: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން
މަޞްދަރު: موسوعة الإعجاز العلمي في القرآن والسنة