އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު

އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ބޭފުޅުންކަމަށްވާ އަލްޙާފިޡާ ބޮޑުފާތުމާބީފާނާއި، އަލްޢައްލާމާ އަޙްމަދު ޝިހާބުއްދީނާއި، އަލްޤާޟީ ޙުސައިން ޤުޠުބުއްދީނާއި، އިބްރާހިމް ނާއިބް ފަޑިޔަތް ތަކުރުފާނާއި، އަދި އަލްޙާއްޖު ޢަލީތުއްކަލާއާއި މިސައިޓުގެ މެނޭޖްމަންޓާއި އޮތް ޢާއިލީގުޅުމުގެ އިތުރަށް މި ލިޔުއްވުމަކީ އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނާއި ބެހޭ ގިނަ މަޢުލޫމާތްތަކެއްވެސް ހާމަކޮށްދެއްވައިފައިވާ ލިޔުއްވުމަކަށްވާތީ މިލިޔުން މިސައިޓުގައި ޝާއިޢުކުރުމުގެ މަގު ތަނަވަސްކޮށްދެއްވިކަމަށްޓަކައި މީދޫ ޢަންބަރީވިލާ އަލްފާޟިލް އަޙުމަދު ނާޞިހުއަށް ޝުކުރު ދަންނަވަމެވެ.

ތަޢާރަފް:


އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނަކީ ދިވެހިރާއްޖޭގައި ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ބޮޑު ފަނޑިޔާރުގެ ލަޤަބު ލިބިވަޑައިގެންނެވި ހަމައެކަނި ފަނޑިޔާރެވެ. މި ފަނޑިޔާރުގެ ދަރިކޮޅުގެ ޢިލްމު ވެރިކަން އެތައް ޖީލުތަކަކަށް ދެމިގެން އައިސްފައިވެއެވެ. ބައެއް ލިޔުންތެރީން މިތަކުރުފާނަށް ފަނޑިޔާރުންގެ ބައްޕަގެ ނަންވެސް ދީފައިވެއެވެ. މިތަކުރުފާނުގެ ދަރިކޮޅުގެ ޢިލްމުވެރިކަން މީގެހަތަރު ސަތޭކަ ވަރަކަށް އަހަރު ކުރިން ފެށިގެން މިއަދާ ހަމައަށް ދެމިގެން އައިސްފައިވެއެވެ. ދިވެހި ތާރީޚްގައި އެންމެ ފުރަތަމަ ޝަމްސުއްދީންގެ ލަޤަބު ލިބިވަޑައިގެންނެވި ބޭފުޅަކީ ވެސް އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު މުޙައްމަދު ޝަމްސުއްދީނުލް ކަބީރުއެވެ. މިއަށް ފަހުން ޝަމްސުއްދީންގެ ނަމުގައި އެހެން ފަނޑިޔާރަކަށާއި ތިން ރަސްކަލަކަށް މި ނަން ކިޔާފައިވެއެވެ. އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު ދުނިޔޭގެ އަލިކަން ދެކެ ވަޑައިގަތީ މީލާދީން ސޯޅަވަނަ ޤަރުނުގައި އައްޑު އަތޮޅު މީދޫ ގައެވެ.

ޢާއިލާ


އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ބައްޕައަކީ މުޙައްމަދު އިބްނުއް ސުލްޠާނުލް މިޞްރީގެ ދަރިކަލުން ޙަސަން ނާއިބު ތަކުރުފާނެވެ. މަންމަ އަކީ މީދޫ ކޯގަންނު މެދު ޒިޔާރަތުގައި ފަސްދާނު ލެވިފައިވާ ޔޫސުފް ނާއިބުގެ ޔަހުޔާ ނާއިބުގެ ދޮން ޚަދީޖާ، ހާނައިގެ ދޮންސީދި ކަލޭގެ ހަތަރުގޭ ދޮން ޢަލިކަލޭގެއާއި ކައިވެނި ބައްލަވައިގެން ލިބުނު މަހުމޫދު ނާއިބުގެ ދޮން ބުބޫގެ ދޮންފާތުމާގެ ކެއުޅާރާގެދި ދިޔަރެހިގެދަރު ސަންފާބީ އެވެ. ބޮޑު ފަނޑިޔާރުގެ ކާފަ މުޙައްމަދު އިބުނުއްސުލްޠާނުލް މިޞްރީ އަކީ މިޞްރުގެ ޕާޝާއެއްގެ ދަރިކަލެކެވެ. ބުނެވޭގޮތުގައި އެމަނިކުފާނުންގެ ޢުމުރުފުޅުން ފަންސަވީހަކަށް އަހަރު ތެރޭގައި ދުނިޔެ ބެއްލެވުމަށް ކުރެއްވި ދަތުރުފުޅެއްގައި ޖިއްދާއިން އިރުމައްޗަށް ވަޑައިގަންނަވަނިކޮށް ނާކޮޅު ނުރައްކައުތެރި ޠޫފާނެއްގައި ޖެހި ޣަރަޤު ވީއެވެ. މި ޙާދިސާ ހިނގީ ފުވައްމުލަކާއި ވަރަށް ކާރީގައެވެ. މިމަނިކުފާނު ކަނޑުގައި ވަނިކޮށް ބެހެމުންދިޔަ ވިނަގަނޑެއްގައި އެލިވަޑައިގެން އޮންނަވަނިކޮށް ފުވައްމުލަކު މާދަޑު އަންހެނުންގެ ފަންނަށް ލެއްގީއެވެ.

އެމަނިކުފާނު ފުވައްމުލަކު މާދަޑު އަންހެނުންގެ ފަންނަށް ލައްގާފައިވަނިކޮށް އެންމެ ފުރަތަމަ ފެނުނީ ފުވައްމުލަކު ދޮރުބައިގެ ދަރު ކަނބަލަކަށެވެ. އެކަމަނާ އަތިރި މައްޗަށް ފޭބިއިރު ފިރިހެނަކު ގޮނޑު ދޮށުގައި ލައްގާފައިވަނިކޮށް ފެނިގެން އެކަމަނާ ގެއަށް ގޮސް އެޚަބަރު ދިނެވެ. އެމީހުން އަވަސް އަވަހަށް އަތިރި މައްޗަށް ގޮސް ލައްގާފައިވާ މީހާނަގައިގެން އުނދޯއްޔަކަށް ލައިގެން އެމީހުންގެ ގެއަށް ދިޔައިރުވެސް އެމަނިކުފާނުވަނީ ހޭނެތިފައެވެ. މިބައި މީހުން ފަރުވާ ދެމުން ދަނިކޮށް އެމީހާ ހޭފުޅު ލެއްވިއެވެ. އްގާފައިވަނިކޮށް އެންމެ ފުރަތަމަ ފެނުނު އަންހެން ކަމަނާއާ އެމަނިކުފާނު ކައިވެނި ބައްލަވައިގަތެވެ. މިކަމަނާއާ އެމަނިކުފާނު ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި ދަރިކަލަކީ އަލްފަޤީޙް ޙަސަން ނާއިބު ތަކުރުފާނެވެ. މިކަންތައް ހިގީ މީލާދީން ފަނަރަ ވަނަ ޤަރުނު ތެރޭގައެވެ. މުޙައްމަދު އިބުނުއްސުލްޠާނުލް މިޞްރީގެ މަހާނަ ފުވައްމުލަކުގައި މިހާރުވެސް އެނގެން އެބަހުއްޓެވެ. ޙަސަން ނާއިބު ތަކުރުފާނު ފުރަތަމަ ތަޢުލީމު ޙާޞިލް ކުރެއްވީ އޭނާގެ ބައްޕަ މުޙައްމަދުލް މިޞްރީގެ އަރިހުންނެވެ. އެމަނިކުފާނުންގެ ބައްޕަ އަވަހާރަވުމުން ތަޢުލީމު ޙާޞިލް ކުރެއްވުމަށް ވަޑައިގަތީ އެމަނިކުފާނުގެ މަންމަ ފަރާތުގެ ޢާއިލާގެ ބޭފުޅުންގެ ރަށް ކަމުގައިވާ އައްޑު އަތޮޅު މީދޫ އަށެވެ. އެރަށުން އެމަނިކުފާނު ތަޢުލީމް ޙާޞިލް ކުރެއްވުމަށްފަހު އެރަށުގެ އަންހެން ކަނބަލަކާއި ކައިވެނި ބެއްލެވިއެވެ. އެ ކަނބަލަކީ ކެއުޅާރާގެދި ދިޔަރެހިގެދަރު ސަންފާބީއެވެ. މިއީ އެރަށު މެދުޒިޔާރަރުގައި ފަސްދާނު ލެވިފައިވާ ޔޫސުފް ނާއިބް ކަލޭގެ ފާނުގެ ދަރިކޮޅުގެ ޤަދަރުވެރި ކަނބަލެކެވެ. ޙަސަން ނާއިބު ތަކުރުފާނު ދިޔަރެހިގެދަރު ސަންފާބީއާ ކައިވެނި ބައްލަވައިގެން ލިބުނީ ތިން ބޭފުޅުންނެވެ. އެއީ މުޙައްމަދު ޝަމްސުއްދީނުލް ކަބީރާއި ސިއްތީފާނާއި ކުޑައިބީ އެވެ.

ތަޢުލީމް ޙާޞިލް ކުރެއްވުން

މުޙައްމަދު ޝަމްސުއްދީނުލް ކަބީރު ކިޔަވައި ވިދާޅުވީ އޭނާގެ ޢިލްމުވެރި ބައްޕަ، އަލް ޙިބުރުލް ފަޚާމާ ޙަސަން ނާއިބު ތަކުރުފާނުގެ އަރިހުންނެވެ. އެއަށްފަހު ހުވަދު އަތޮޅު ވާދޫ އަށް ވަޑައިގެން އަލްއައްލާމާ މުޙައްމަދު ޖަމާލުއްދީން ދަންނަ ކަލޭގެފާނު އަރިހުން ޢިލްމު އުނގެނިވަޑައިގަތެވެ.

ކައިވެނި ތަކާއި ބޭފުޅުން

އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު ކައިވެނި ބެއްލެވީ މީދޫގެ ޤަދަރުވެރި ޢާއިލާއެއް ކަމުގައިވާ ޔޫސުފް ނާއިބުގެ ދަރިކޮޅުގެ އަންހެން ބޭފުޅަކާއެވެ. އެކަމަނާއަކީ ޢިލްމުވެރިކަމަށް އަރާ ހުންނެވި މަޝްހޫރު ކަމަނާ އެކެވެ. މިއީ ޔޫސުފް ނާއިބުގެ ދަރިކޮޅުގެ ކަޅިހާރި ދޮން ޙަސަން ޚަޠީބުގެ ފުތް ކަޅިހާރި ދޮންސީދިކަލޭގެ ދި ބޮޑު ދޮން ދަލިކާ ކާލެގެ އެވެ. މިކާލެގެ ކަބީރު އާއި ކައިވެނި ބެއްލެވި އިރުވެސް މި ކަމަނާގެ ތިން ބޭފުޅުން ތިއްބެވިއެވެ. އެއީ ދޮންބުއި ނާއިބު (އެޅެބެޅެލިއެ ނާއިބު) ކަލޭގެފާނާއި ދޮން ޢީސާ ނާއިބު ކަލޭގެ ފާނާއި ދޮން ކަދީދާ ބޫ އެވެ. މިތިން ބޭފުޅުންގެ ގެ ބައްޕައަކީ ކަޅިހާރު ދޮން ސިއްތިއަގެ ފުތް ދޮން އަދެއްލަ ޚަޠީބު އެވެ. މި ދޮން އަދެއްލަ ޚަޠީބު އަވަހާރަވުމުން މިކަމަނާ ހުވަފަތް ވެފައި ވަނިކޮށް ޝަމްސުއްދީނުލް ކަބީރު މިކަމަނާ އާއި ކައިވެނި ބެއްލެވީއެވެ.

މި ދޮން ކަދީދާބޫ އާއި ކަބީރު ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތީ ހަތަރު ބޭފުޅުންނެވެ. އެއީ އައްނާއިބު އިބްރާހިމް ފަޑިއްތަކުރުފާނާއި އައްޝައިޚް އަލްއައްލާމާ ބޮޑު އަޙުމަދު ނާއިބް ތަކުރުފާނާއި އަލް ހާފިޒާ ބޮޑުފާޠިމާ ފާނާއި އަލްޢައްލާމާ ޙުސައިން ފަނޑިޔާރު ތަކުރުފާނެވެ. ދޮން ކަދީދާބޫ އަވަހާރަވުމުން ކަބީރު ދެވަނަ ކައިވެންޏެއްވެސް ކުރެއްވިއެވެ. ............................ ލިބިވަޑައިގަތް ދަރިކަލަކީ އަލްހާއްޖު ޢަލީ ތުއްކަލާއެވެ. މިއީ ދެއްވަދޫ ރަސްގެފާނު އައްސުލްޠާން މުޙައްމަދުގެ ބައްޕާފުޅެވެ.

ޢިލްމުގެ ސަނަދު

ވާދޫ ދަންނަކަލޭގެފާނުގެ ޢިލްމުވެރިކަމުގެ ސަނަދު ނުވަތަ ސިލްސިލާ މިހާރާ ހަމައަށް ދެމިގެން އައިސްފައިވަނީ މުޙައްމަދު ޝަމްސުއްދީނުލް ކަބީރު ނުވަތަ ބޮޑު ފަނޑިޔާރު ތަކުރުފާނު ވާރުތަ ކުރެއްވި ޢިލްމީ ސިލްސިލާއިންނެވެ. މިސިލްސިލާ މައިގަނޑު ގޮތެއްގައި ދެމިގެން އައިސްފައިވާނި ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ސީދާ ދަރިކޮޅުންނާއި އެދަރިކޮޅުގެ ބޭފުޅުންގެ އަރިހުން ޢިލްމު ހޯއްދެވި ޢިލްމުވެރީންގެ ވާރުތައިންނެވެ.

ފަނޑިޔާރު ތަކުރުފާނުގެ ހުރިހާ ބޭފުޅުންނަކީ އެދުވަސްވަރު ރާއްޖޭގައި ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރީންނެވެ. ބޮޑުފަނޑިޔާރު ތަކުރުފާނު ފަނޑިޔާރުކަން ކުރެއްވި ދުވަސްވަރު އޭނާގެ ޢިލްމުވެރި ތިން ދަރިކަލުން މާލޭގައި ވެސް ތަޢުލީމު ހާސިލް ކުރެއްވިއެވެ. މި ޢިލްމީ ދަރިކޮޅަށް ބަލާއިރު ދިވެހިރާއްޖޭގައި މިދަރިކޮޅުން އެތަކެއް ބޭފުޅުން ވަނީ ފަނޑިޔާރުކަން ކުރައްވާފައެވެ.

ފަނޑިޔާރުކަމުން ވަކި ކުރެއްވުން

ޝަމްސުއްދީނުލް ކަބީރު ފަނޑިޔާރުކަންކުރެއްވީ އައްޞުލްޠާން ޙުސެން ފާމުލަދެރި ކިލެގެފާނާއި އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (ހިޖްރައިން 1017 އިން 1058) ގެ ރަސްކަމުގެ ދުވަސް ވަރުއެވެ. މިތަކުރުފާނު ފަނޑިޔާރުކަމުން ވަކި ކުރެވުނީ އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީންގެ ރަސްކަމުގައެވެ. މިކަމާއި ބެހޭގޮތުން ދިވެހި ތާރީޚް ގައި ލިޔެވި ބަޔާންވެގެންވެއެވެ. އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީނަކީ ކޯފާ ގަދަ ރަސްކަލެކެވެ. ފަނޑިޔާރު ކަމުގައި ހުންނެވި އައްޑޫ މީދޫ މުޙައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ކަލޭގެފާނު، އެއްދުވަހަކު ކިޔުއްވި ޚުޠުބާ އެއްގައި ރަސްގެފާނަށް ދުޢާ ކުރެއްވުމުގައި އެއްމެ ކަލިމައެއް ތަޣައްޔަރު ކުރެއްވި ކަމަށްޓަކައި ކޯފާވެގެން އޭނާގެ ތިން ދަރިކަލުންނާއިއެކު އޭނާގެ ރަށަށް (އައްޑު އަތޮޅު މީދޫއަށް) އަރުވާ ލެއްވޫއެވެ. އެތިން ދަރިކަލުންނީ ވެސް ޢިލްމަށް ވަރަށް ބޮޑު މީހުންނެވެ.

ބުނެވޭގޮތުގައި ބޮޑު ފަނޑިޔާރު ތަކުރުފާނު ހުކުރު ޚުޠުބާގައި ރަސްގެފާނަށް ތަޢުރީފު ކުރެއްވުމުގައި މަލިކުލް ބައްރު ވަލް ބަހުރު (އެއްގަމާއި ކަނޑުގެ ވެރި ރަސްގެފާނު) ވިދާޅުނުވެ، ވިދާޅުވީ މަލިކުލް ބައްރު (އެއްގަމުގެ ވެރި ރަސްގެފާނު) މިހެންނެވެ. މި ސަބަބާއި ހުރެ ރަސްގެފާނު ކޯފާވީއެވެ. މިތަކުރުފާނު ދިވެހިރާއްޖޭގެ ފަނޑިޔާރުކަން 39އަހަރު ކުރެއްވިއެވެ.

އަވަހާރަވުން


ބޮޑުފަނޑިޔާރު ތަކުރުފާނު އަވަހާރަވީ އޭނާގެ އުފަން ރަށް ކަމުގައިވާ އައްޑޫ މީދޫގައެވެ. އެރަށުގައި އޭނާގެ މަގްބަރާ އެބަހުއްޓެވެ. 
    ------------------------            

ލިޔުއްވީ: "އުނިސާރު"
http://www.meedhoo.com/?p=923
10/10/2012


                       
.