ލ.އަތޮޅު މީހެއްކަން
އެނގުމުން ސަމާސާއަށް ހަދާފައިނަމަވެސް ބައްދަލުވާ ވަރަށް ގިނަމީހުން މުޚާޠަބުކުރާ
ޖުމްލައެކެވެ. "ލ.އަތޮޅު މީހުންނަކީ ހައްދުން މަތީގައި (ހައްދު ފަހަނަޅާފައި ނުވަތަ
ހައްދުން ނެއްޓިފައި) ތިބޭ ބައެކެވެ." ލ.އަތޮޅުގައި ނުރައްކާތެރި ހާދިސާއެއް،
ވައްކަމެއް ނުވަތަ މާރާމާރީއެއްފަދަ ކަމެއް ހިނގައިގިނަމަ އެޚަބަރަކާއި ގުޅިގެންވެސް
ވަރަށް ގިނަ ފަހަރު މިމޭރުމުން ބުނެއުޅެތެވެ. ދުލަކު ނުހިފެހެއްޓޭނެތާއެވެ. ނަމަވެސް
ކަން އޮތްގޮތް ސާފުވޭތޯ މަސައްކަތްކުރުމަކީ ނެތްކަމެއް ނޫންކަމަށް ދެކެމެވެ.
ހައްދުންމައްޗަކީ
ވަރަށް ޤަދީމީ ތާރީޚެއް ލިބިފައިވާ އަތޮޅެކެވެ. މިކަމުގެ ހެކިތަކަކީ ހައްދުންމަތީގެ
އެކި ރަށްރަށުގައި ފެންނާންހުރި ބުދުދީނުގެ އާޘާރުތަކެވެ. އަދި މިއަތޮޅުގެ މިސްކިތްތަކުން
ފެނުނު ލޯމާފާނުތަކެވެ.މިހާރު ފެންނާން އޮތް 4 ލޯމާފާނުގެ ތެރެއިން 3 ލޯމާފާނަކީ ހައްދުންމަތީގެ
ރަށްރަށުން ފެނުނު ލޯމާފާނެވެ. އެއީ ގަމު ލޯމާފާނު (1194/1195މ.)، އިސްދޫ ލޯމާފާނު
(1195/1196މ.)، އަދި ދަނބިދޫ ލޯމާފާނު (1196/1197މ.)އެވެ. ރަސްރަސްކަލުންގެ ރަސްމީ ފަތްކޮޅުތަކެއްގެ ގޮތުގައި
ލޯފޮތިތަކެއްގައި ލިޔެފައިވާ ލޯމާފާނުތަކަކީ މިހާރު ފެންނާންހުރި ދިވެހި ލިޔުންތަކުގެތެރެއިން
އެންމެ އިތުބާރުކުރެވޭ އެންމެ ގިނަ ދުވަސްވީ ލިޔުންތައް ކަމުގައި ދިވެހި މުއައްރިޚް
ނަސީމާ މުޙައްމަދު ކަލޭފާނު ލިޔުއްވައެވެ
1153މ. ވަނަ އަހަރު ރާއްޖޭގެ ރަދުން އިސްލާމްވެވަޑައިގަތުމާއެކު ރާއްޖޭގެ ދީނަކީއިސްލާމްދީންކަމަށް
ހަމަޖައްސަވައި ފަތްތޫރަ ހިންގަވާފައިވީނަމަވެސް ރާއްޖެތެރޭގެ ދަތުރުފަތުރުގެ ދަތިކަމާއެކު
ހުރިހާ ރަށްރަށަށް އެދީނުގެ އަލިކަން ފެތުރުއްވުމުގެ މަސައްކަތްކުރެވިފައިވަނީ އެތައް
އަހަރަކުންނެވެ.އެގޮތުން ސްރީ ގަޑަނާދީއްތަ މަހާރަދުންގެ ރަސްކަމުގައި ލިޔެވިފައިވާ
އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނުން އެނގޭ ގޮތުގައި ރާއްޖޭގެ ރަދުން އިސްލާމްވެވަޑައިގަތްތާ
42 އަހަރުފަހުން އިސްދޫ އިސްލާމްކުރެވުނީ 1195މ. ގައެވެ. ދަނބިދޫ އިސްލާމްކުރެވުނީ އޭގެ އެއް އަހަރު ފަހުން 1196މ.
ގައެވެ.
އިސްދޫ ލޯމާފާނުގައި
ހައްދުންމަތީގެ ނަމަކަށް ދީފައިވަނީ "ސަތު ދުވު" (SATU DUVU) އެވެ. އިސްދޫ ލޯމާފާނުގައިވަނީ ހައްދުއްމަތީ އިސްދޫ ގެ ވާހަކައެވެ. އެރަށުގެ ވޭރާއި
އެވޭރާ ގުޅޭ ތަންތަން މުގުރައި ބުދުތައް އުފުރައި، ވޭރު ހުރި ތަނުގައި ހުކުރު މިސްކިތް
ބިނާކުރެވުނު ވާހަކަ އާއި، ވޭރަށް ހުރި ދަރުމަތައް ހުކުރު މިސްކިތަށް ބޯގަކުރެވުނު
ވާހަކަ އާއި، ރުހުމުގައިއިސްލާމްވި މީހުންނާއި، އިސްލާމް ނުވި މީހުންނާއި، އިސްހާމުދުރުއާއި
އޭނާގެ އެހީތެރިންނާއި މެދު، ކަންތައް ކުރެވުނު ގޮތާއި، އިސްދޫގެ ރައްޔިތުން، އަލުން
ބައިބަޔަށް ނުވަތަ ޢާއިލާތަކަށް ބެހިވާހަކަ އެވެ.
ދަނބިދޫ ލޯމާފާނުގެ
10 ވަނަ ލޯފޮތީގެ ދެވަނަ ފުށުގެ 5 ވަނަ ފޮޅުވަތުގައިވަނީ " ސަތުދުވުމައްތެ ކަލައިދުވު
ތިބި ދަބުދުވެން މާރުއްދަ" އެވެ. މިޖުމްލައިގެ މާނައަކީ "ހައްދުންމަތީ ކަލައިދޫގައި
އޮންނަ ދަނބިދޫ ރައްޔިތުންގެ މާރުއްދަނޑު" އެވެ. އަޅުގަނޑަށް ފެނިފައިވާ ލިޔުންތަކުގެ
ތެރެއިން ލ.އަތޮޅުގެ ނަން ލިޔެވިފައިވާ އެންމެ ކުރީގެ ލިޔުމަކީ މިއެވެ. ދަނބިދޫ ލޯމާފާނު
ލިޔެފައިވަނީ ހިޖުރީ ސަނަތުންބަލާނަމަ 593 ގައެވެ. މީލާދީ ސަނަތުން ބަލާނަމަ މިއަހަރު
ދިމާވާ ދުވަސްވަރަކީ 1196 ވަނަ އަހަރުގެ ނޮވެމްބަރ 24 އިން 1197 ވަނަ އަހަރުގެ ނޮވެމްބަރ
12 ވަނަ ދުވަހާއި ދެމެދުގެ ދުވަސްވަރެކެވެ. މިލޯމާފާނުގައި ބަޔާންކުރެވިފައިވަނީ ސްރީ
ގަޑަނާދީއްތަ ރަދުންގެ ރަސްކަމުގެ ހަތަރުވަނަ އަހަރުތެރޭގައި އެރަދުންގެ އަމުރުފުޅަށް
ދަނބިދޫގައި ހުރި ބުދުދީނުގެ ވޭރުނައްތާލައްވާ، ބުދުތައް މުގުރުއްވައި، އެރަށުގައި
ތިބި ކާފަރުން އިސްލާމްކުރައްވައި އެރަށުގައި މިސްކިތެއް ބިނާކުރައްވައި އެމިސްކިތުގެ
އިންތިޒާމްތައް ހަމަޖެއްސެވުމަށް ކުރެއްވެވި ކަންތައްތަކުގެ ވާހަކަތަކެވެ.
މަތީގައި ދެންނެވުނު
ދެލޯމާފާނުގައިވާގޮތުން ހައްދުންމަތީގެ އެންމެ ޤަދީމީ ނަމަކީ، "ސަތުދުވު"
ނުވަތަ "ސަތުދުވުމައްތެ" އެވެ.ސަތުދުވު މިލަފްޒަކީ އެވޭލާ ދިވެހިބަހުގެ ފެށުން
އެބަހަކުން އައިސްފައިވާ ސާންސްކްރިތު ލަފުޒެއްކަމާއި މާނައަކީ "ހަތް ރަށް"
ކަމަށް ބަހަވީ ޢިލްމުވެރިން ވިދާޅުވެއެވެ. ސާންސްކްރިތު ބަހުން "ސަތު" އަކީ
ހަތެއް ނުވަތަ ތެދު އެވެ. އަދި "ދުވު" އަކީ ރަށް ނުވަތަ ޖަޒީރާ އެވެ. ޖުމްލަ
މާނައަކީ "ހަތް ރަށް" އެވެ. އަދި "ސަތުދުވުމައްތެ" މިލަފްޒްގެ
މާނައަކީ "ހަތްރަށުގެ މައްޗަށް ބިނާވެގެންވާ (އަތޮޅު) އެވެ.ދިވެހި މުއައްރިޚް
އަލްއުސްތާޒް މުޙައްމަދު އިބްރާހިމް ލުޠުފީ ލިޔުއްވާގޮތުގައި "މިއަތޮޅުގެ ނަންވެސް
އައިސްފައި އޮތީ އެއަތޮޅުގައި "ދޫ" (ރަށް) ކިޔާ 7 ރަށަށްވުރެ ގިނަރަށް އޮތުމުންނެވެ."
އެގޮތުން "ސައްދުވު މަޑުލު" އަކީ ވެސް މިއަތޮޅަށް ނިސްބަތްކުރެވޭ ނަމެއްކަމަށް
ލުޠުފީ ލިއުއްވައެވެ.
މީލާދީން1343/1344
ވަނަ އަހަރު ރާއްޖެ ދުރުވި މަޝްހޫރު އިސްލާމީ ސައްޔާޙް އިބުނުބަޠޫޠާ ހައްދުންމަތީގެ
ނަމެއްކަމުގައި ލިޔުއްވާފައިވަނީ "ހަލިދުންމަތި" އެވެ.
ހައްދުންމަތި މިނަން
އައިސްފައިވަނީ "ޚައްތުންމަތި" މިނަން ބަދަލުވެގެން ކަމަށް ބުނާތީ އަހަމެވެ.
އެއީ ދުނިޔޭގެ ދެބައިހަމަ ކުރާ ޚިޔާލީ ރޮނގޭކިޔޭ ޚައްޠުއިސްތިވާ ނުވަތަ އީކުއޭޓަރގެ
މަތީގައި މިއަތޮޅު އޮންނާތީއެވެ. މިހާރުގެ ޗާރޓްތަކުގައި ޚައްޠުއިސްތިވާ ނުވަތަ އީކުއޭޓަރފާހަގަކުރެވިފައިވަނީ
ހުވަދު އަތޮޅާއި ފުވައްމުލަކާއި ދެމެދުގައި ނަމަވެސް 1750މ. ވަނަ އަހަރުގައި ޕޯޗްގީޒްމީހުން
ބޭނުންކުރި ޗާރޓެއްގައި ހައްދުންމައްޗާއި ހުވަދުއަތޮޅާއި ދެމެދުގައި އީކްއޭޓަރފާހަގަކޮށްފައިވާކަން
ފާހަގަކުރަމެވެ. މިދެންނެވި ޗާރޓްގައި ހައްދުންމަތި ފާހަގަކޮށްފައިވަނީ "އަދައޮމަޓިސް" (Adoumatis) ކަމުގައެވެ. ދުނިޔޭގެ ދެބައިހަމަ ދިވެހިރާއްޖެއިން ހުރަސްކުރަނީ
ހުވަދުއަތޮޅާއި ފުވައްމުލަކާއި ދެމެދުން ހުވަދު އަތޮޅުން 10.5 މޭލުދެކުނުންނެވެ.
1602ޖުލައި 02 ވަނަ ދުވަހުގެ ރޭ ބ.އަތޮޅު ގޮއިދޫ ފަރަށް އުރުނު ފަރަންސޭސި ނަވެއްކަމަށްވާ
"ކޯބިން" އިން ރާއްޖެ ދުރުވި މަޝްހޫރު ލިޔުންތެރިޔާ ފްރޭންކޯއި ޕިރާޑް ދިވެހިރާއްޖޭގެ
އަތޮޅުތަކުގެ ނަންތައް ޕޯޗްގީޒްގެ ލިޔުންތެރިއަކު ލިޔެފައިވާ ގޮތްކަމަށް ބަޔާންކުރައްވާ
ލިޔުއްވާފައިވާ ލިޔުމުގައި ހައްދުންމަތީގެ ނަމަކަށް އޮތީ "ހަދައޮމަޓީ" އެވެ.
ތާރީޚީ ލިޔުންތައް
ލިޔުއްވި މުއައްރިޚް އަލްމަރްޙޫމް އަލްއުސްތާޒް މުޙައްމަދު އިބްރާހިމް ލުޠުފީ ލިޔުއްވަނީ
"ރާއްޖޭގެ އަތޮޅުތަކުގެ ނަން ނެގިފައި އޮތީ އެއަތޮޅެއްގައި އޮންނަ ފާހަގަކުރެވޭ
ރަށެއްގެ ނަމާއި ގުޅުވައިގެންނެވެ." އެގޮތުން ލ.އަތޮޅަށް "އިހައްދުންމަތި"ކިޔާފައިވަނީ
ލުޠުފީ ދެކެވަޑައިގަންނަވާ ގޮތުގައި، އިސްދޫގެ އިރުމަތީ ތޮށީގައި އޮތް "އިހައްދޫ"
ކިޔާ ރަށަށް ނިސްބަތްކޮށެވެ. ގިރައިގެން ގޮސްފައިވާ މިދެންނެވި ރަށުގެ އާނުގަނޑު އަދިވެސް
އެބައޮތެވެ.
"އިހަށްދުންމަތި" ކިޔާފައިވާ އަނެއް ސަބަބެއްކަމަށް ލުޠުފީ ލިޔުއްވަނީ
"ބޭރުން އައި ކޮންމެވެސް ބަޔަކަށް އެއަތޮޅުން އެންމެކުރިން ފެނުނީ އެއަތޮޅު ކަމަށްވާތީއެވެ".
("އިހަށް" : ކުރިން ނުވަތަ ފުރަތަމަ "ދުށް":ފެނުނު "މަތި": ބައި )
ބުނެވޭ ގޮތުގައި
ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވުމަށްފަހު، ރާއްޖޭގެ ކޮންމެ އަތޮޅަކަށް
ބޮޑުތަކުރުފާނު ފަތްކޮޅެއް ފޮނުއްވިއެވެ.މިފަތްކޮޅު ހައްދުންމަތީގެ އިސްކޮށްތިބި ވެރިން
ކިޔުމަށްފަހު ބުނި ކަމަށްވަނީ "އަހަރުމެންނަކީ މަލަކަށް ފަތަކަށް ޢީމާންވާ ބަޔެއް
ނޫނެވެ. އަހަރެމެންނާއި ވާހަކަ ދައްކަންޏާޖެހޭނީ ކުރިމައްޗަށް އައިސް ވާހަކަ ދައްކާށެވެ."
މިވާހަކަ އައްސަވާފައި "ހައްދުންމަތީ މީހުންނަކީ ހައްދުން މައްޗަށް ގޮސްފައިވާ
ބަޔެކޭ" ތަކުރުފާނު ވިދާޅުވިކަމަށްވެއެވެ. ނަމަވެސް ދޫދޫމަތިން ދެކެވޭ މިބާވަތުގެ
ގިނަ ރިވާޔަތްތަކޭ އެއްފަދައިން މިއީވެސްތާރީޚީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ވާހަކައެއްކަމަށް
ބެލެވެންނެތްކަން ފާހަގަކުރަމެވެ.
ހައްދުންމަތީގެ
އިސްދޫ، ދަނބިދޫ، މުންޑޫ، ގަން، ގާދޫ އަދި ހިތަދޫ މިރަށްރަށަކީ ބުދުދީނުގެ ބޮޑެތި ވޭރުތައް
ހުރި ރަށްރަށެވެ. ފޮނަދު އާއި ކައްދު އާއި ވަޑިނޮޅާއިމުންޏަފުށީގައި ހުރި ތަންތަން
ވީރާނާވެ ހިނގައްޖެއެވެ. ކޮންމެއަކަސް އެނގިފާޅުވާން އޮތް ހަޤީޤަތަކީ މިއަތޮޅަކީ ދިވެހިން
އިސްލާމްދީން ޤަބޫލުކުރުމުގެ ކުރީގައި ބުދުދީނުގެ މަރުކަޒީ ސަރަޙައްދަކަށް ވާކަމެވެ.
މަސްވެރިންނާއި ދަނޑުވެރިންގެ މައްޗަށް ފައްޅިތަކާއި ހާމުދުރުންގެ ނުފޫޒާއި އާރާއިބާރު
ފުރިހަމައަށް ހިނގަމުންދިޔަ އަތޮޅެއްކަމެވެ. ރާއްޖޭންއެންމެފަހުން އިސްލާމްވީ މިއަތޮޅުގެ
ރަށްތަކުގެ އަހުލުވެރިންކަމަށްވީ ސަބަބުތައް މިދެންނެވުނީއެވެ. މިއަތޮޅުގެ ރައްޔިތުންނަކީ
ހައްދުން މަތީގައި އުޅޭ ނުވަތަ ހައްދުން ނައްޓާފައިވާ ނުވަތަ ހައްދު ފަހަނައަޅާފައިވާރައްޔިތެއްގެ
ގޮތުގައި އެއްވެސް ތާރީޚީ ސަފްޙާއެއްގައި ސިފަ ކުރެވިފައިވަނިކޮށް ފެނިފައިނުވެއެވެ.
މަތީގައި ދެންނެވުނު
ކަންކަމަށް ބަލާއިރު، ރާއްޖެ އިސްލާމްވީއިރުވެސް ހައްދުންމައްޗަށް ކިޔެމުން އައި ނަން
"ސަތުދުވު" ނުވަތަ "ސަތުދުވުމައްތެ" މިވަނީ ސީނު ހާއަށް ހާ ސީނަށް
ބަދަލުވަމުންދިޔަ އޮއިވަރުތެރޭގައިއައިބަދަލުތައް ފިޔަވައި މާބޮޑު ބަދަލެއްނެތި އެގޮތުގައެވެ.
މަޢުލޫމާތު:
1- ޢިބުނު ބަޠޫޠާ ދިވެހިރާއްޖޭގައި، އަލްއުސްތާޛް މުޙައްމަދު އިބްރާހިމް ލުޠުފީ
2- ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު، އަލްއުސްތާޛް މުޙައްމަދު އިބްރާހިމް ލުޠުފީ
3- ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ، މުޙައްމަދު އިސްމާޢީލް ދީދީ
4- ދަނބިދޫ ލޯމާފާނު، ނަސީމާ މުޙައްމަދު، ދިވެހިބަހާއިތާރީޚަށް
ޚިދުމަތްކުރާ ޤައުމީމަރުކަޒު
5- އަލްފާޟިލާ ނަސީމާ މުޙައްމަދު
6- އިޔާޒް ޖާދުﷲ ނަސީމް
------------------------------------------
ލިޔުއްވީ: ޠާހާ
އަބޫބަކުރު، ލ. ގަން