މަޑަވެލީގެ ރަށްވެހިކަން - ހަތަރުވަނަބައި













ހިރިގަލު މިސްކިތަށްވުރެއް ފަނަރަ ވަރަކަށް ފޫޓު އިރުމަތީގައި، އެ މިސްކިތް ބެހެއްޓީ 1925މ. ވަނަ އަހަރުހާ ތާނގަ އެވެ. އޭގެފަހުން ފައިފަލަބަލީގެ މީހުންނަށް ޚާއްޞަކޮށްގެން ބަރާސިލު އަށުގައި މިހާރުގެ ރޯޝަނީގޭ ގޯއްޗާ އިންވެގެން ދެކުނަށް މިސްކިތެއް ބެހެއްޓީ 1949މ. ވަނަ އަހަރު އެވެ. އެއީ ބަރާސިލު މިސްކިތެވެ. އަތިރިމަތީގައި ހުންނަ "ތިރިމިސްކިތް" ހުޅުވީ، ޙައްޖް 9، 1374ހ. (ޖުލައި 28، 1955މ.) ބުރާސްފަތި ދުވަހު އެވެ. 


ރަށްވެހިގޭގެ ކޮޓަރިއެއްގައި ހިންގަމުންދިޔަ މަޑަވެލީ އޮފީސް ޒަމާނީ އޮފީހަކަށް ބަދަލުވީ، އަލަށް ޢިމާރާތްކުރި ރަށުއޮފީހުގައި އެ މަސައްކަތްކުރަން ފެށުމާ ގުޅިގެން ނެވެ. އެ އޮފީހުގެ ބިންގާ އަޅުއްވައި ދެއްވީ، މާރޗް 8، 1983މ. ގައި އަލްއުސްތާޒް ޢަބްދުﷲ ޙަމީދެވެ. އެ އޮފީސް ހުޅުވައިދެއްވީ، ޑިސެމްބަރ 1، 1984މ. ގައި އަތޮޅުވެރިޔާ އަޙުމަދު ރަޝީދެވެ. މިހާރުބޭނުންކުރާ ރަށުއޮފީސް (ކައުސިލު އިދާރާ) ގެ ބިންގާ އަޅުއްވައި ދެއްވީ، އޭޕްރީލް 15، 1996މ. ގައި ފިޝަރީޒް މިނިސްޓަރ އަލްފާޟިލް ޙަސަން ޞާބިރެވެ. ހުޅުވައި ދެއްވީ، އޭޕްރީލް 7، 1998މ. ގައި ޢަބްދުﷲ ޙަމީދެވެ. 

މަޑަވެލީގެ ވަޒަންވެރިކަމާ ގުޅޭގޮތުން އަލްއުސްތާޒް މުހަންމަދު އިބްރާހީމް ލުޠުފީ ވިދާޅުވެފައިވަނީ، ކާނޑެއްދޫ ފަޅުކޮށްފައި ފޭބި މީހުން އެރަށުގައި ވަޒަންވެރިވެފައިވާކަމަށް ލާފާކުރެވޭ ކަމަށެވެ. ނަމަވެސް ކާނޑެއްދުވަށް ނިސްބަތްވާބަޔަކު އެރަށުން ފާހަގަނުކުރެވެ އެވެ. މަޑަވެލީ ޝޭޑީވިލާ ހައްވާ ޔޫސުފުގެ (1975މ. ވަނަ އަހަރު، ޢުމުރުން 80 އަހަރު) ބުނެފައިވަނީ، އެރަށަށް ހިޖްރަކުރި ދެވަނަ ޢާއިލާގެ މީހުންނަކީ، ފަރުބިތުން (މަޑަވެލިން ފެށިގެން ވާދުވާ ދެމެދު) އައި ބައެކެވެ. މިހައްވާދިޔަ ބައްޕަޔަކީ، މޫސާ މާލިމީގެ އިސްމާޢީލު ކަލޭގެ އަލިފުތުގެ ޢީސަގެ ޔޫސުފުކަމަށްވާތީ، މޫސާ މާލިމީ އުފަންވެފައިވަނީ 1820މ. ހާތަނުގައި ކަމަށް ބެލެވެއެވެ. އެތައް ގޮތަކުން އެނގިކަށަވަރުވެފައިވަނީ، މޫސާ މާލިމީމެން އެންމެ ފަހުން އުޅުނީ ކެރަމިންތާގައި ކަމަށެވެ. 

މަޑަވެލި ގާރޑްނިންގގޭ ޢަބްދުﷲ މުޙަންމަދު ބުނުއްވަނީ، އެންމެ ފުރަތަކަ އެރަށަށް މީހުން އައީ ދަށްބިތުން ކަމަށެވެ. (ދަށްބިތޭ ކިޔަނީ، ގައްދޫން ފެށިގެން ކޮލަމާފުއްޓާ ދެމެދުގައި ހިމެނޭ ސަރަޙައްދަށެވެ.) ޒޫރިޔާގޭ ޢަލީ އިބްރާހީމު ބުނުއްވަނީ، ދޮންނެއި ޢާއިލާ ހަތްބެއިން އެންމެ ފަހުން އުޅުނީ، ކޮންނޮންޓާގައެވެ. އަދި އެރަށު ހިރުދުމާގޭ ޚަދީޖާ (ދޮންކައިދާ) ބުނުއްވަނީ ވެސް ލިޔެވިދިޔަ ގޮތަށެވެ.

ރަށުގެވެއްޓަށް ބަލައި ރަށްގިރުމުގެ މިންވަރު އަންދާޒާރާއިރު 1960މ. ގެ އަހަރުތައް ނިމުނުއިރު އެރަށުގެ ހުޅަނގު ދެކުނުގައި އާނުގަނޑެއްކަމަށްވާ "ފޮޅާނެ ގަލެއްހުއްޓާ" އެވެ، ކިޔާ އާނުގަނޑާއި، ރަށުގެ ހޭޅިފަށާދެމެދު ހުންނާނީ ގާތްގަނޑަކަށް ތިރީހަކަށް ފޫޓެވެ. ނަމަވެސް މިހާރު (2010މ.) އެބަޔާ ހޭޅިފަށާދެމެދުގެ ދުރުމިނަކީ، ގާތްގަނޑަކަށް އައްޑިހަ ވަރަކަށް ފޫޓެވެ. ހުޅަނގުފަރާތު އަޑިގުޑާ މަގުގެ (އިރުފެންނަގޭގެ މަގު) އަތިރިން ފަންސާހަކަށް ފޫޓު ގިރާފައިވާކަމަށް ބެލެވެއެވެ. އަދި ހުޅިދޮއްވީމަގުގެ، (ރަތްވިލާމަގު) އަތިރިން ވެސް ހަމަ އެވަރަށް ގިރާފައިވެއެވެ. އެ މަގުގެ ހުޅަނގުފަރާތު މައި ތޮށީގައި ފުޅާ ކެންޑުމެއް އޮވެއެވެ.

(އެތަނުގެ ނަމަކީ، "ބަޑެބެއްޔާ ހެރު ދަނގާ" އެވެ.) ކަނުކޮޑުން (ރަށުގެ ހުޅަނގު އުތުރު) ސަތޭކަވަރަކަށް ފޫޓު ގިރާފައިވާއިރު އިރުއުތުރުގައި ކުރިން އޮތް (ބޮޑު) ކުޅީގެ އުތުރުން ސަތޭކަ ވަރަށް ފޫޓުގެ ބޮޑު ބިމެއް، ކުރިން އޮތްކަމަށް ވިއަސް މިހާރު އެބައިވަނީ، މުޅިން ގިރައިގެންގޮސް ކުޅި ވެސް ހަލާކު ވެފައެވެ. މި ކުޅީގެ އިރުދެކުނަށް ހަނި އަދި ތިލަ ކެންޑުމެއް އޮވެއެވެ. އެބައި އޮންނަނީ، ކަނޑުފެންނަގޭގެ އުތުރުން 200 ވަރަކަށް ފޫޓު އުތުރުން އަދި 50 ފޫޓު އިރުމަތީގައެވެ.

ފޮއިދިޔައިގައި އެބައި އިތުރަށް ފުޅާވެ ކުޅީގެތެރެއަށް ލޮނުގަނޑު ދެމިގެންދާތީ އެދުވަސްވަރު ރައްޔިތުން ނިކުމެ އެތަން ޙިމާޔަތްކުރެއެވެ. "ކުޅި" ޙިމާޔަތްކުރުމުގެ މަސައްކަތް އެންމެފަހުން ކޮށްފައިވަނީ 1971މ. ހާ ތަނުގައެވެ. އެދުވަސް ރަށުގެ ކަތީބަކީ، ސީނާޒް ޢަބްދުލް ހާދީ އެވެ. ރޯޝަނީގޭގެ އިރުމަތީގައި ސަތޭކައެންހާ ފޫޓު އިރުމަތިން ފެށިގެން އިރުމައްޗަށް 150 ވަރަކަށް ފޫޓުގެ ފުޅާ ގޮންޏެއް އޮތެވެ. އުތުރުކޮޅުން ބެދިފައި އޮންނާތީ، އެތަނަކީ، މަސްހިފަން ބޭނުންކުރާ ތަނެކެވެ. އެ ގޮނީގެ އިރުމަތީގައި 300 ވަރަކަށް ފޫޓު ދިގު އަދި 50 ފޫޓު ފުޅާމިނުގެ ހިކިފަސް (އަކިރި) ބިމެއް ކުރިން އޮތެވެ. މިހާރުގެ މަޑަވެލީ އިސްކޫލުގެ ހުޅަނގު އިމަކީ، ކުރިން ގޮނޑޮދޮށެވެ. ވީނަސްގޭ އިރުމަތީ އިމަކީ ވެސް ގޮނޑޮދޮށެވެ. އޯކަމްގޭގެ އިރުދެކުނުގައި ކުޑަވަރެއްގެ ކުޅިއެއް އޮތެވެ. އެތަނުގެ ނަމަކީ "ކައޮޑާ ކުޅިއާ" އެވެ. އެގޮތަށް ކިޔަނީ، އެތަނުން ކާޅު ފެންބޯތީ އެވެ. "ހައި" ފާޑުގެ ވިނައެއް އެތަނުގައި އޭރު (1980މ.) ހެދެއެވެ. 

ކޯރަކީ، 150 ވަރަކަށް ފޫޓު ބޮޑުމިނުގެ އާނގައަކުން ދެކުނަށް ދިއްރާސްވެފައި އޮންނަ އަދި 600 ވަރަކަށް ފޫޓު އުތުރަށް ބޮޑު ސިންގާ ގޮންޏެއް އޮންނަ ތަނަކަށްވާތީ ފެންދަވްރުވަނީ ވަރަށް ކުޑަކޮށެވެ. އެއީ ވަރަށް ޗަސް ބިމެކެވެ. އެހެންވެ (ޚާއްޞަކޮށް އިރުވައި މޫސުމުގައި) ރަށުގެ އާބުހަވާ އޮންނަނީ ވަރަށްބޮޑަށް ތަޣައްޔަރުވެފަ އެވެ. ކޯރުން ދުވާ ނުބައި ވަސް ރަށުގެ ވަރަށް ބޮޑުބަޔަކަށް ފެތުރިފައި އެވެ އެވެ. އެކަމުގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތައް (ޚާއްޞަކޮށް ކުޑަކުދިންނަށް ޖެހޭލެއް) ވަރަށް ގިނަ އެވެ. ކޯރުގެ ހުޅަނގު އަތުފަށުގައި ހުންނަ ގެތަކުގެ މީހުންނަށް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް އުނގަދޫ ފޯރަ އެވެ. އެދުވަސްވަރު އަތުފަށުގައި ހުންނަ ބައެއް ގެތަކަކީ (1) މިސްކިތްދޮށުގެ (2) ސިންކޯނާ (3) ދިހަރޭގެ (4) އަޅިވިލާގެ (5) ރޭލައިޓް (6) ނާދީގެ އެވެ. މިހާރު ރިވަރ ސައިޑް ގެ އެހުރި ބިމުގައި ހެދިފައި އޮންނަނީ ކުރެދި ގަހެވެ. ކުދެއްޖަކީ ފީވެ ނެތިފަނާވުމަށް ވަރަށް ގިނަ އަހަރުތަކެއް ހޭދަވާ އެއްޗެއްކަމަށްވާތީ، އެ ބިމުގައި ވަޅުލެވިފައިވާ ކުރެދިގަހުގެ ބުޑުތަކުގެ ސަބަބުން އެ ބިމުގެ ފެން އަދި ވެސް ވަރަށް ގޯހެވެ. މޫދުވިނަ ވަރަށް ގިނަ އެ ކޯރުގައި ވެހިމަސް ދިރިއުޅުނުކަމަށް ވިއަސް، ކޯރުގެ އަނތުފަށުގައި ރަސްކަންކުރަނީ، އެކި ސައިޒުގެ ކުކުންޏެވެ.

އާދެ! މަޑަވެލީގެ ކުޅިއަކީ ވެސް ރަށުގެ ވަރަށްބޮޑު ބައެކެވެ. އެތަނުގައި، ފޫއެނބުރި ޒާތުގެ ސޫތްޕެއް ދިރިއުޅޭތީ، ހުސަފަޔާ އެތަނަށް ފޭބުމަކީ، ވަރަށްނުރައްކާތެރި ކަމެކެވެ. ކުޅީގެ އިރުމަތީ ފަރާޓު އަނތުފަށުގައި އޭރު ހުންނަނީ، ބަނަފުސާގެ، ބަރާސިލުގެ، ދެން ތަންކޮޅެއް އެއްގަމުގައި ކަނޑުފެންނަގެ އާއި ރޯޝަނީގެ އެވެ. ދެކުނުފަރާތުގައި ފުލޫމިއާގެ އާއި ރަންކޮކާގެ އެވެ. ބަރާސިލު މީހުން އޭރު ފެންވަރަން ބޭނުންކުރަނީ، ރަންކޮކާގޭ ގެ ވަޅެވެ. ކޯރުގެ ހުޅަނަގު ފަރާތު އަނތުފަށުގައި ހުންނަނީ އާގެ އެވެ. އެ ގޭގެ އުތުރަށް އޮންނަ ހިކިފަސް ބިމަކީ ބޮޑެތި ކަކުނި ވަރަށްގިނަ ބިމެކެވެ. އެރަށުގައި އިސްކޫލެއް ޢިމާރާތްކުރަން (1986މ. ވަނަ އަހަރު) ވަޑައިގެންނެވި އަލްއުސްތާޒް މުޙައްމަދު އިބްރާހިމް ލުޠުފީ އަށް (ރަށުގެ އެހެންތަނަކުން އެދުވަސްވަރު ބިމެއް ލިބެއް ނެތުމުގެ ސަބަބުން) މިދެންނެވި ބިންދެއްކުމުން އެބިން އޭނާ ޤަބޫލު ނުކުރެއްވި އެވެ. މިހެނީ އެ ބިމާއި ޖެހިގެން އުތުރަށް ގޮންޏެއް ލެވިފައި ދެން އޮންނަނީ އެ ކުޅީގެ ބައެއް ކަމަށް ވާތީ އެވެ. އެބައި ރަށުގެ ދިގުމަގު ފަހަނަޅައި 150 ހަކަށް ފޫޓް ހުޅަގަށް ގޮސްފައި އޮވެ އެވެ. އަނެއްކާވެސް އެ ކުޅީގެ އުތުރަށް އޮންނަނީ، އިރުމައްޗަށް އެކުޅި ވަސާލެވިފައި އޮންނަނީ 100 ވަރަކަށް ފޫޓުގެ (އަކިރި) ބިމެކެވެ. އެބިމަކީ، 1920މ. ކުރިން އާކުރުބޭގެ ހެދި ކުޅި އޮތް ބިމެވެ. މޫސުމީ ގެއްލުންތަކުގެ ސަބަބުން ކުޅިގެ އުތުރުބައި މިހާރު އޮންނީ މުޅިން އެހެން ބުރުސޫރައަކަށް ބަދަލުވެފަ އެވެ. (އާކުރުބޭ ކުޅީގެ ތަފްޞީލް މީހުންގެ ތައާރަފުގެ ބައިގައި ގެނެސްދެވޭތޯ ބަލަނަމަވެ.) ކޮންމެއަކަސް ކުރިން ލިޔުނު ކޯރާއި، މި ކުޅީގެ ސަބަބުން ރަށުގެ ހިކިފަސްބިމުން ވަރަށް ބޮޑު ބައެއް ބިންހިއްކުމުގެ ކުރިން އޮންނަނީ، ގެއްލިފައެވެ.


މީލާދީން 1980މ. ގެ އަހަރުތައް ފެށުނުއިރު ދިގުމަގުގެ އުތުރަށް ހުންނަ ގެއަކީ، މާޒީގެ އެވެ. އެ މަގުގެ ހުޅަނގަށް އެންމެ އުތުރަށް ހުންނަ ގެއަކީ، ރީގަލް ގެ އެވެ. ހުޅަނގު ފަރާތުގައި އުތުރުން ދެކުނަށް ހުންނަ ބައެއް ގެތަކަކީ، (1) މެނާގެ (2) ވިނަރެސް (3) ވާރޭވިލާ (4) އެވްރެޑީ (5) ކަޝްމީރުގެ (6) ވާދީގެ (7) ވެލީ (8) ފޯރވިންޑްސް (9) އިރުފެންނަގެ (10) ރާސްޕަރީ (11) ވައިމަތީގެ އެވެ. ދެކުނުގައި (12) ވަލުގެ (13) ދިލްކަޝްވިލާ (14) ޖަސްޓްވާރޑް (15) ދޭލިޔާގެ (16) ނިވައިދޮށުގެ (17) ލަކްސްލިން އެވެ. އިރުމައްޗަށް، ކޯރުގެ ހުޅަގަށް ދެން އޮންނަނީ ހުންބިމެކެވެ. އެތަނަށް ކިޔާ ނަމަކީ، މިސްކިތްދިހަރެ އެވެ. ދެން ކޯރުގެ އިރުމަތީގައި (ހުއްޓޭދިހަރޭގައި) ހުންނަނީ (18ކަތުރުހުސައިނުގެ ގެ) (19) އޯކަމް (20ކަތެރެއާކުރާގެ ގެ) (21 ރަށުއޮފީސް (22) ޝީޒަން (23) ގަހާ (24) ބަރާސިލު މިސްކިތް (25) ރޯޝަނީގެ އެވެ. އޭރުވެސް ލޫނާގެ އާއި އޭސިއާ ގެ އާއި ހުވަނދުމާގެ އެހުރި ބިމަކީ ވަރަށް ޗަސް ބިމެކެވެ. އޭރު ރިޒްލާގެ ނުހުރެ އެވެ. (ނުނިމޭ)
                                                                    ----------------------