އަޅުގަނޑު
އެރަށަށް ދިޔަ ދުވަހަކީ ވަރަށްވައިމަޑު އަދި މޫސުންވެސް ރަނގަޅު ދުވަހެކެވެ.
ނަމަވެސް ކޮންމެ މިނިޓަކުން ނުވަތަ ދޮޅުމިނިޓަކުން އެފަރަށް ރާޅެއް ނަގައެވެ.
ވުމާއެކު، އެނޫން މޫސުމުގައިވެސް އެފަރަށް ބޮޑެތި އަރާނެކަމަށްވެސް
ޤަބޫލުކުރެވެއެވެ.
އާދެ! ދެވަނަ
ފަހަރަށް އަޅުގަނޑު ގުޅިއަށް ދިޔައީ، އޭޕްރީލް 18، 2012މ. (ބުދަ) ދުވަހު އެވެ.
އެކުގައި ދިޔައީ ގުރައިދޫ ބޮކަރުމާގޭ / ޢަލީ މުޙައްމަދު އާއި، އެރަށު ޕާމްޝޭޑް /
މުޙައްމަދު ފިރާޤް އެވެ. ފުރަތަމަ ދިޔައީ ހ.ހިކަރީ / އަޙުމަދު އާދަމު ހަދާފައިވާ
ސްލިވޭ އަށެވެ. ލަފާކުރެވޭގޮތުގައި، އެތަން ޤާއިމުކުރީ 1980މ. ގެ އަހަރު ތަކުގެ
ކުރީކޮޅުގައެވެ. މިވަގުތު އެތަނުގެ މަސައްކަތުގައި އިސްކޮށް ހުރިމީހާ ބުނީ، އެތަން
ހިންގަން މިހާރު އިސްކޮށް ޙަރަކާތްތެރިވަނީ، އަޙުމަދު އާދަމުގެ ދަރިފުޅު މިސްބާޙް
ކަމަށެވެ. އެއީ ވަރަށް ޚިދުމަތްތެރި މަސައްކަތެވެ. އަދި ހަމަ އެހާމެބޮޑު،
އިންވެސްޓްމަންޓެކެވެ. އެތަނުން އެއްފަހަރާ ޚިދުމަތްދެވޭނީ ކިތައް އުޅަނދަށްކަމެއް
ނުބަލަމެވެ. ލަފާކުރެވޭގޮތުގައި، މަދުވެގެން 20 ނުވަތަ 25 ވަރަކަށް އުޅަނދަށް
"އެއްފަހަރާ" ޚިދުމަތްދެވޭވަރަށް އެތަން ވަނީ، ތަރައްޤީ ކޮށްފައެވެ.
އެދުވަހު ބޯޓްޔާޑް (ސްލިޕްވޭ) އަށް ދިޔައިރު، މިމަހު 13 ވަނަ ދުވަހު އެރަށުގެ
އުތުރުފަރާތު ފަރަށް އަރާފައިވާ "ސަފާރީ އުޅަނދެއް" ފެންނަން އޮތެވެ.
އޭގެކުރިންވެސް އެރަށުގެ އުތުރުފަރާތު ކަންޑުތެރެއަށް އުޅަނދެއް ބަންޑުން ޖެހުމުގެ
ސަބަބުން 7 މީހުންގެ ފުރާނަވަނީ، ގެއްލިފައެވެ. އެމީހުންގެތެރޭގައި ގ.ޕެންޒީމާގެ
ޝާކިރުގެ ދެކަނބަލުންވެސް ހިމެނެއެވެ. ހިތާމަވެރި، އެހާދިސާ ހިނގާފައިވަނީ 1991މ. ގެ އަހަރު ކުރީކޮޅުގައެވެ.
ޝާކިރުމެންގެ އެދަތުރުގެ ބައިވެރީންގެތެރެއިން ފަތާފައި އައި ދެމީހުންގެ ތެރެއިން
ސަލާމަތްވެވުނީ އެކަކަށެވެ. އަނެއްމީހާ އޮޔާގޮސް ގެއްލުނީއެވެ. އެކަނޑާމެދު ތަފާތު
ޚިޔާލުގައި ހުރެއެވެ.
އާދެ! ދެން
އަޅުގަނޑު ލިޔާނީ "މިފަހަރުކުރިދަތުރުގެ" ހިތާމަވެރި ހާދިސާގެ ވާހަކަ
އެވެ. ހިތާމަވެރި އެ ޙާދިސާގެ ބައިވެރީންގެ ތެރެއިން އެރަށުގައި (މިހާރު
ދުނިޔޭގައި) ތިބީ ދެމީހުން ނެވެ. އެގޮތުން އެންމެ ފުރަތަމަ އަޅުގަނޑު ބައްދަލުކުރީ
ގުޅީ ޗާންދަނީހައުސް އިބްރާހީމް އަބޫބަކު އާއި އެވެ. (އައިޑީ ކާޑު، ޖަނަވަރީ 1،
1925މ.) އޭނާގެ ކާފައަކީ އަރިއަތޮޅު މަހިބަދޫ މީހެކެވެ. ބައްޕަ އަބޫބަކުރު އާއި،
މަންމަ (މަހިބަދޫ) އައިސާފުޅު ދިރިއުޅުނީ ގުޅީ ގަ އެވެ. އޭނާ ކުޑައިރު ގުޅީގެ
އާބާދީ އަކީ، ގާތްގަނޑަކަށް 900 ވަރަކަށް މީހުން ނެވެ. ނަމަވެސް ބައެއް މީހުން
މާލެއަށް ބަދަލުބާތީ، ރަށުގެ އާބާދީ އިތުރުވަމުން ނުދެ އެވެ. އިބްރާހިމް
އަބޫބަކުރި އާއި ފާއިޒާ އާއި ދެމަފިރީންނަށް 8 ކުދީންނާއި، އަދި އެހެން ބަޑަކަށް 1
ކުއްޖަކު ލިބިފައިވެ އެވެ. އިބްރާހިމް އަބޫބަކުރު ބުނީ، ގުޅީގެ ބޮޑުކަތީބުކަމާއި 3
ރަށުގެ (ގުޅި، މާފުށި، ގުރައިދޫ) ނާއިބުކަން އެންމެފުރަތަމަ ކުރެއްވީ ދޮންހަސަން
ފުޅެވެ. އޭގެފަހުން ކަތީބުކަން ކުރެއްވީ ޢަބްދުލްޤާދިރު އާއި، ތުއްތު މަނިކު އެވެ.
ކުޑަކަތީބުކަން ކުރެއްވި އަޙުމަދު މަނިކު މިހާރު ހުންނެވީ ޑިރެކްޓަރުގެ މަޤާމުގަ
އެވެ.
އާދެ! ޢުމުރުން
ދުވަސްވެފައިވުމާއެކު، ބަލިކޮށް އުޅުއްވާ އަދި ހަނދާނުގައި ކޮށިކަމެއްހުރި
އިބްރާހިމް އަބޫބަކުރަކީ، ބޮޑުހުރަޔަށް ދިޔަ ދުވަހު އެ ދޯނީގެ ހުންގާނުގައި ހުރި
މީހާ އެވެ. އޭރު ޢުމުން 30 ހަކަށް އަހަރު ވެދާނެކަމަށް އޭނާ ބުނެއެވެ. މާފުއްޓާއި،
ގުރައިދުވަށް ދަތުރުކުރަނިކޮށް ވިއްސާރަވުމުގެ ސަބަބުން، ބޮޑުހުރާގައި
މަޑުކުރުމަށްފަހު (ދަތުރު ކުރިއަށް ނުގެންގޮސް) އެނބުރި ގުޅިއަށް ދާން ދަތުރު
ކުރަމުން ގޮސް (މަނިއަފަރުގެ ވަރަށް ކައިރީން ދަތުރު ކުރަނިކޮށް) ދޯނީގެ
ދެކުނުފަރާތުން (ބަނޑުރިޔާ ދަށުން، ފަރުމައްޗަށް) ނެގި ރާޅަކާ އެކު، ދޯނި
ބަންޑުންވީއެވެ. އޭރު ރިޔާހުރީ ދެކުނު ފަރާތުގައެވެ. ދަތުރުކުރީ، ފަރުން
ނެއްޓޭވަރަށް އިރަށް ގޮސް ގުޅީގެ ދެކުނުފަރާތު (މަނިއަފަރުގެ އުތުރުފަރާތު)
ކަނޑުއޮޅިއަށް ހުޅަނގަށް ދާން ރިޔާ ފޮރޮޅާލާށެވެ. އެވަގުތު ގުޅި އާއި،
މަނިއަފަރާއި ދެމެދުގެ ކަނޑު އޮޅިން ދަތުރުކުރި މާފުށީ މަސްދޯނި ދަތުރުކުރީ،
އެފަރުގެ އިރުމަތިން ފަރުހުރަސްކޮށް ދެކުނަށް ދީލާލުމަށެވެ. ދެ ދޯނީގެ ރިޔާ އިނީ
ވެސް ދެކުނު ފަރާތަށެވެ. ދަތުރުކުރީ، އެއްމިސްރާބަކަށް ފަރުގެ ދެފަރާތުން
އިރަށެވެ. އެއީ ވަރަށް ވިއްސާރަ އަދި ބޯކޮށް ވާރޭވެހުނު ދުވަހެއް ކަމަށް ވާތީ،
މާފުށީ ދޯނީގެ މީހުން ތިބީ ބޮލުގައި ފަންގި އަޅައިގެން ކަމަށްވެސް ވެދާނެއެވެ.
އެހެންކަމަށް ވާނަމަ، ނުފެނުންވެސް އެކަށީގެންވެ އެވެ. (އަޅުގަނޑުގެ ރައްޓެހި
އިބްރާހިމު ކިޔާ މީހަކުވެސް އެދުވަހު އެދޯނީން ދިޔައެވެ.)
ގުޅީ
މޫންލައިޓްވިލާ / ޝަރީފާ ޢިސާ އަކީ އެދުވަހު އެ ދޯނީންދިޔަ މީހެކެވެ. އޭނާގެ ފޮޓޯ
ނަގަން އެއްބަސްވިއަސް، ފޮޓޯ ހާމަކުރާކަން އެނާ ބޭނުމެއް ނޫނެވެ. އަދި އެ ޙާދިސާ
ކިޔާދޭކަށް ވެސް ބޭނުމެއް ނޫނެވެ. ނަމަވެސް އަޅުގަނޑާއެކު ދިޔަ އޭނަގެ ރައްޓެހި
ޢަލީ މުޙައްމަދުގެ އެދުމުގެމަތިން އެވާހަކަ ކިޔާދިނީ ވަރަށް އަސަރާއެކު އެވެ. މި
ފަރިހި އަޅުގަނޑު ކޮޕީކުރީ ވެސް އޭނަގެ ފޯނުން ނަކަލުކޮށްގެންނެވެ. އޭރު އޭނަގެ
ޢުމުރުން ގާތްގަނޑަކަށް 14 ވަރަކަށް އަހަރެއެވެ.
އެދުވަހަކީ،
ރަބީޢުލްއައްވަލް މަހެއްގެ 15 ވަނަ ދުވަހެވެ. 20 މީހުންނާއެކު އެދަތުރުކުރި އެދުވަހަކީ
ވަރަށް ވިއްސާރަ ދުވަހަކަށްވާތީ، ބޮޑުހުރާގައި ޖައްސާފައި، އެނބުރި ގުޅިއަށް ދާން
ފުރި އިރު އެއްކުއްޖަކު "ދަރުހޮވަށް" އެ ރަށުގައި މަޑުކުރީއެވެ. ރަށަށް
އަންނަނިކޮށް މަނިއަފަރަށް ބަނޑުންޖެހުމުގެ ސަބަބުން ބަނޑަށް 4 މަހުގެ
އަންހެނަކާއި، ދޮޅުއަހަރުގެ އަންހެން ކުއްޖަކާއި، އަދި އަންހެނަކު މަރުވެ، އިތުރު
އަންހެނަކު ނުފެނި ގެއްލުނީ އެވެ. ފެނުނު 3 މީހުން ވަޅުލީ ގުޅީ ގެ ޤަބްރުސްތާނުގަ
އެވެ. އެއީ ހިތާމަވެރި ޙާދިސާއެކެވެ. ހަނދާނުން ނުފޮހެވޭނެ ޙާދިސާ އެކެވެ. ދޯނި
ބަންޑުންވީ މަނިއަފަރުގެ ކައިރިއަށެވެ. ނަމަވެސް ރަށުން މީހުން އައިސް
މަރުވިމީހުންނާއި، މަރުނުވާ މީހުންނާއި، ދޯނި ސަލާމަށްކުރީ ޅޮހިކަނޑުތެރެއިންނެވެ.
މަރުވީ
ވިއްސައިގެން ދިޔަ މީހުން ނެވެ. ބައެއް މީހުން ފަރުމައްޗަށް އެރީ އެވެ. ބައެއް
މީހުން ކަނޑު ހުރަސްކޮށް ފަތާފައިގޮސް ގުޅިއަށް ވެސް އެރި އެވެ. އެނޫން މީހުން ސަލާމަތްވީ
ދޯނީގެ އެހީގަ އެވެ. މަރުވި މީހުން އެއްކޮށް ވަލަކުން ބަނދެ އަދި ބައެއް މީހުން
ސަލާމަތްކުރީ ގުޅީ ދޮންއަލިބެ އެވެ. އެނޫން އެހެން މީހަކު އެގޮތަށް
މަސައްކަތްކުރިނަމަ މަރުވި މީހުންގެ ޢަދަދުވެސް މަދުވާނެއެވެ. މަރުވި
ކުޑަކުއްޖާއަކީ މާލޭ މާބްލް ތުއްތު އެވެ، ކިޔާ މީހެއްގެ ކުއްޖެކެވެ. އެކުއްޖާ
އަތްދަނޑިމަތީގައި ބާއްވައިގެން މީހަކު ހުރީ ފަރުމަތީގައެވެ. ނަމަވެސް އޭނާގެ
އަންހެނުން ސަލާމަތްވިއެވެ. ތުއްތު އޮތީ ދޯނީގެ އެހީގައެވެ. އޭނާއަކީ،
ޙަރަކާތްކުރެވޭވަރަށްވުރެ މާ ފަލަ މީހެކެވެ.
ފާތުމާ މަނިކެއެވެ، ކިޔާ މާލޭ އަންހެނަކު ރާޅުފެނުމުން "އަސްތާއޭ" ބުނެ
މޫނުގައި ދެއަތް އެޅިގޮތަށް، އޭނާ (މަރުވެގެން) ހިނެވިއިރުވެސް ދެއަތް އޮތީ
މޫނުގައި އެޅިގޮތަށެވެ.
ޝަރީފާ ޢިސާ
ބުނީ އެދޯނީންދިޔަމީހުންގެތެރެއިން "މިވަގުތު" އޭނާ ހަނދާންހުރި
މީހުންނަކީ ގުޅީ ބީޗްވިލާ / ޒަހުރިއްޔާ ފުޅާއި، ނައިޓްސްޓާރ / ދޮންއަލިބެ އާއި،
ތުއްތު މަނިކު އެވެ. މިމީސްމީހުން ވެސް މަރުވެއްޖެ އެވެ. (ފަނޑިޔާރު ގެއަށް
ގެންދިޔައީ ދޯނީން ދިޔަ ކުޑަކަމަނާ އެކަންޏެވެ.) މާފުށީ ދޯނީގައި ތިބި 5
މީހުންގެތެރެއިން ހަނދާންހުރީ އިބްރާހިމް މަނިކާއި، އާދަމް މަނިކާއި އަދި
ޅޮހީކުޑަތުއްތުގެ ނަމެވެ. ދޯނި ބަންޑުންވީ ވާހަކަ ގުޅީ މީހުންނަށް އެންގީ
ބޮޑުހުރާގައި މަޑުކުރި އަންހެންކުއްޖާގެ މަންމަ އެވެ. ވިއްސާރަ ދުވަހަކަށްވާތީ،
ދޯންޏަށް ވީ ގޮތެއް ބަލަން އޭނާ އަތިރިމަށްޗަށް ގޮސްހުއްޓާ ދޯނި ބަންޑުންވުމުން
އެޚަބަރު ރަށުގެ މީހުންނަށް އެންގީއެވެ. އޭރު އޭނަގެދަރިދުޅު ނާންނަކަމެއް
އޭނާއަކަށް ނޭނގޭއެވެ. އެޙާދިސާ ހިނގާފައިވަނީ، ރަބީޢުލްއައްވަލް 15، 1374ހ. (ނޮވެމްބަރ 10، 1954މ. އެވެ؟) (ނިމުނީ)
------------------------------------
ލިޔުއްވީ: ޢަލީ
ނަޞީރު ޒޫރިޔާގެ/މަޑަވެލި
3 ފެބްރުއަރީ
2013