ވާރުލޫ ދިހެރޭގޭ ދަރިކޮޅާއި ގުޅޭ ބައެއް މަޢުލޫމާތު


މިއީ ހުވަދުއަތޮޅު "ހަނޑަހާ" ކިޔާ ރަށުގައި ދިރިއުޅުނު މީހުން އެރަށުގެ އާބާދީ މަދުވުމުން އެރަށްދޫކޮށް އެއަތޮޅުގެ އެހެން ރަށްރަށަށް ދިޔައިރު ވާރުލޫއަށް ދިޔަ ޢާއިލާއެއްގެ ފަރާތުން އުފެދުނު ދަރިކޮޅެކެވެ. އެދުވަސްވަރު ވާރުލޫ(ހުޅުވާރުލޫ)ގައި މީހުން ދިރިއުޅެއެވެ.

ހަނޑަހާއިން ވާރުލޫއަށް ދިޔަ އެއްޢާއިލާއަކީ އެރަށު ތިރުގޭ ޢާއިލާއެވެ. މިޢާއިލާގެ އިސް މީހަކީ ޢަލިމަނިކު(ޢަލިމަނިކާ) އެވެ. ނަމަވެސް ވާރުލޫއަށް ފުރުމުގެކުރިން ހަމަ އެދުވަހު ހަނޑަހާގައި ކުއްލިގޮތަކަށް ޢަލިމަނިކު ނިޔައުވެއްޖެއެވެ. އެއަށްފަހު ޢަލިމަނިކުގެ ޖަނާޒާގެ ކަންތައް ނިންމައި އެޢާއިލާގައި ދެންތިބި ބަޔަކު ވާރުލޫއަށް ދިޔައީއެވެ. އެމީހުންގެ މުދަލާއި އޮޑިދޯނިފަހަރާ އެކުގައެވެ. މިމީހުންނަށް ވާރުލޫއިން ގޯތި ލިބުނީ ރަށުގެ އަތިރިމައްޗާއި ކައިރިންކަމަށް ވާތީ އެގޯތީގައި އެޅި ގެޔަށް "ދިހެރޭގެ" ކިޔަނީއެވެ. ހުވަދުއަތޮޅުގެ ބައެއް ރަށްރަށުގައިވެސް އަތިރިމައްޗާއި ގާތުގައި ހުންނަ ބައެއް ގޭގެޔަށް "ދިހެރޭގެ" ކިޔާފައިވެއެވެ.

ޢަލިމަނިކު ނިޔައުވިއިރު އޭނާގެ އަނބި ބޮޑުޙައްވާ އިނީ، ދަރިއަކަށް މާބަނޑުވެއެވެ. ދުވަސްފުރައި ވިހެއި މިދަރިފުޅުގެ ނަމަކަށްްކީ މުޙައްމަދު މަނިކު(މުޙައްމަދު މަނިކާ) އެވެ. އޭރު މުޙައްމަދު މަނިކުގެ ދޮށްޓަށް ދެއަންހެނުން ތިއްބެވެ. އެއީ ޙައްވާމަނިކެއާއި ފާޠިމާމަނިކެއެވެ. މިއެންމެންގެ ދަރިކޮޅުވެސް އުފެދިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މުޙައްމަދުމަނިކު ބޮޑުވެ ކައިވެނިކުރީ، ހުޅުވާރުލޫގެ "މެދުރަޓުގޭ" ކަނބަލަކާއެވެ. މިކައިވެންޏަށް، ދޮން ޢަލިމަނިކާއި، ޙައްވާ މަނިކެއާއި، ފާޠިމާ މަނިކެ ލިބުނެވެ.  

ދޮން ޢަލިމަނިކު ފުރަތަމަ ކައިވެނިކުރެއްވީ، ހުޅުވާރުލޫގެ ކަނބަލަކާއެވެ. މިކައިވެންޏަށް، ޢާއިޝާ މަނިކެއާއި ޙަސަން މަނިކު ލިބިފައިވެއެވެ. ހުވަދުއަތޮޅު ދެކުނުބުރީގެ ފުރަތަމަ އަތޮޅުވެރިޔާ އފ. މަރުޙޫމު ޙުސައިން މަނިކުގެ މައިފުށުގެ ޢާއިލާ ފެށިފައިވަނީ މަތީގައިވާ ޢާއިޝާ މަނިކެ އާއި ގުޅިގެންނެވެ.

ހުވަދުއަތޮޅުގެ ގިނަ ރަށްރަށުގެ ކުރީގެ ބައެއް ޢާއިލާތަކުގެ މަޢުލޫމާތު މިހާރު ލިބެންނެތް ގޮތަށް، ވާރުލޫ ދިހެރޭގޭ ޢާއިލީ ގޮފިތަކުގެ މަޢުލޫމާތުވެސް ވަނީ ލިބޭނޭގޮތެއް ނުވެފައެވެ.

ދޮން ޢަލިމަނިކު ދެވަނައަށް ކައިވެނިކުރެއްވީ ފުވައްމުލަކުގެ "ބަނޑިޔައި" ދަރިކޮޅުގެ ކަނބަލަކާއެވެ. މީނާ ފަހުން މަޝްހޫރުވެފައިވަނީ ޙައްވާ ކަނބުލޭގެފާނުގެ ނަމުންނެވެ. މިކައިވެނި ކުރެއްވީ ވާރުލޫ ފަޅުވުމުގެ ކުރިންނެވެ. ދޮން ޢަލިމަނިކުގެ ފުވައްމުލަކުގެ އަނބިކަނބަލުންނަށް "ކަނބުލޭގެފާނު"ގެ ދަރަޖަ ނުވަތަ މަޖިލީހަށް އެރުވުމުގެ ދަރަޖަ ދެއްވީ އެ ދެމަފިރިކަނބަލުންގެ ކައިވެންޏަށްފަހު ދޮން ޢަލިމަނިކުގެ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމަށްޓަކައެވެ. އޭނާގެ އަނބިކަނބަލުންނަށް އެ ދަރަޖަ ދެއްވީ ސުލްޠާން މުޙައްމަދު ޢިމާދުއްދީން(4) މުސްކުޅި ބަންޑާރައިން އެކަމަށް ބޭނުންފުޅުވެގެންނެވެ.

މިކައިވެންޏަށްފަހު އެދެކަނބަލުން ދިރިއުޅުއްވުމަށް ފުވައްމުލަކުގައި އެޅުއްވި ގެޔަށް ކިޔަނީ "ދިހެރޭމަގު" އެވެ. މި ދެމަފިރިންނަށް ލިބިވަޑައިގަތީ، ދޮންމަނިކާ ނުވަތަ މުޙައްމަދު މަނިކު، (ފަހުން މުޙައްމަދު ހިރިހަމައިދި ކަލޭގެފާނު) ފާޠިމާ މަނިކެ،  ޢާއިޝާ މަނިކެ،  އަދި މަރިޔަމް މަނިކެ މި 4 ބޭފުޅުންނެވެ.

ދޮން ޢަލިމަނިކުއަކީ ލޮލުގެ ދިވެހިބޭހަށް ވަރަށްމޮޅު ބޭކަލެކެވެ. މުޅި ރާއްޖެއަށްވެސް އޭނާ މަޝްހޫރު ވެފައިވެއެވެ. ފުވައްމުލަކުގައި ހުންނެވި ޣާޒީ މުޙައްމަދު ޣިޔާޘުއްދީންގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނާއި، މުސްކުޅި ބަންޑާރައިންގެ ދަރިކަލުން އަލްއަމީރު ޙަސަން ޢިއްޒުއްދީން ނުވަތަ މާންދޫގޭ ލޯފަން މަނިއްޕުޅުއަށް ދޮން ޢަލިމަނިކު ބޭސްފަރުވާ ކުރެއްވިކަމާއި އޭގެ ސަބަުން ދޮން ޢަލިމަނިކަށް އެބޭފުޅުން ދެއްވި "އިނާމު ތަސްރީފު"ގެ ވާހަކަ، އެކި ލިޔުންތަކުންވެސް ފެންނަށް ހުރުމުން އެބައި ދޫކޮށްލީއެވެ.

ވާރުލޫ ދިހެރޭގޭ ދަރިކޮޅަކީ، އެދުވަސްވަރުގެ ތަޢުލީމީ، އަދި ތަނަވަސްކަން ހުރި ބަޔެކެވެ. ދިވެހިބޭސްކުރުމަށް މުޅި ރާއްޖެއިންވެސް ނަންހުރި ބަޔެކެވެ. ވާރޫގެ ގިނަ އަންހެނުންނެކޭ އެއްގޮތަށް މިދަރިކޮޅުގެ ގިނަ އަންހެނުންވެސް  ރީތިކަމަށް މަޝްހޫރުވެފައިވެއެވެ.

             --------------

ޢަބްދުﷲ ޙިލްމީ

08 މޭ 2024މ.

 

މަޢުލޫމާތުގެ ޙިއްޞާ:

އފ. އަޙުމަދު ސަޢީދު ފޫޅޫމާގެ/ ގައްދޫ

މަރުޙޫމު ޢަލިދީދީ ވިދުވަރުގެ/ ފުވައްމުލައް (ކުރީގެ މަޢުލޫމާތު)