ފޯޅަވަހީ ބޭރަށް، ހިނގާށެ އައްޔާ ދާން

 

ދިވެހި ރާއްޖޭގެ މަސްދޯނި ތަކުގައި އިންޖީނު އަޅައި މަސްވެރިކަން ކުރަން ފެށި ދުވަސްވަރު، އެކަން ކުރަން ބޭނުންނުވި އޮޑިވެރި ބަޔަކު ތިއްބެވެ. އޭގެ ސަބަބުތަކެއް ވެސް ބަޔަކު ދެއްކިއެވެ. އެންމެބޮޑަށް ދެއްކި ސަބަބަކީ، މަސްއައިނާއި ދޯނި ކައިރިކުރުމާ އެކު އިންޖީނުގެ އަޑުގަދަވުމުން މަސްއައިނު އަޑިޔަށް ގޮސްފާނެ ކަމާއި، މަސް ނުބޭނޭ ދުވަހަކު އިންޖީނަށް އަޅާނެ ތެޔޮ ގަތުމަށް ބޭނުންވާ ފައިސާ ނުހުންނާނެ ކަމެވެ.

އެހެންވެ އެބަޔެއްގެ ދޯނިފަހަރު ދުއްވަން ބޭނުންވީ ރިޔަލުގައެވެ. ވައި ނުޖެހޭނަމަ ފަލި ޖަހާފައެވެ.

މިހެން އުޅެނިކޮށް ފެންނަން ފެށީ އިންޖީނު އެޅި ދޯނިތައް ގިނައިން މަސްބާނާ ތަނެވެ. އަދި އެދޯނިތައް މަސްއައިނު ތެރަށް ވަނަސް މަސްއައިނު އަޑިޔަށް ނުދާ ތަނެވެ. އަދި މަސްވެރިކަމުން އެދޯނިތަކުން ލިބޭ ފައިސާގެ ގިނަކަމެވެ. މަސް ނުބޭނޭ ދުވަހެއް އަޔަސް އަނެއް ދުވަހު މަހަށް ދިޔުމަށް އިންޖީނަށް އަޅަން ޖެހޭ ތެޔޮ ގަނެވޭނޭ ފައިސާ ވެސް ލިބިފައި ހުންނަ ކަމެވެ.

މިކަމާ އެކު ރިޔާނެގި ދޯނިފަހަރުގެ ފަޅުވެރިންގެ ތެރޭ އެހެން ވާހަކައެއް ވެސް ދެކެވެން ފެށިއެވެ. އެމީހުން ބުނަނީ ރިޔާނެގި ދޯނިތަކުން މަސް ބާނަމުން ދަނިކޮށް، އިންޖީނު އެޅި ދޯނިފަހަރު އެތަނަށް އައިސް ގިނަ އެންތައް އުކައި އޭގެ ކައިރިއަށް މަސް އައިނު ގެންގޮސް ބާރަށް ދުއްވާލަނީ ކަމަށެވެ. އެއިން ދޯންޏެއްގެ ފަހަތުގައި ހިފަހައްޓާނުލެވޭ ކަމަށެވެ. އަދި ބައެއް ދޯނިފަހަރު ދުއްވާލަނީ ސީދާ ވައިކޮޅަށް (ވައި ޖެހޭ މިޞްރާބަށް) ކަމަށެވެ. ދެން ހެދޭނޭ ގޮތެއް ކުރެވޭނޭ ކަމެއް ނޯވެޔެވެ.

ރާއްޖޭގެ އެންމެ ޒަމާންވީ ސިނާއަތު ކަމަށްވާ މަސްވެރިކަމުގައި ބޭނުންކުރާ އޮޑިދޯނިފަހަރަށް، ޒަމާނީ ބޮޑެތި ބަދަލުތައް އަންނަން ފެށީ މީގެ 49 އަހަރުކުރިން 1974ގައި މަސްދޯނިފަހަރުގައި އިންޖީނުއެޅި ފަހުން...

ފޮޓޯ:

މީގެ 50 އަހަރުކުރިން 1970ގެ މަސްދޯނިފަހަރު އަދި ފުރަތަމަ އިންޖީނުއެޅި ދޯންޏާއި، ފުރަތަމަ ދެއިންޖީނުއެޅި ދޯނި...

މަޢުލޫމާތު:

އފ. މުޙައްމަދު ޝާޠިރު

(ގަލެހިރި ވައިބަރު އޮޅިން ނަގާފައި)

މިކަން ފެންނަމުން ދިޔުމުން ރިޔާނެގި ދޯނިތަކުގެ ފަޅުވެރިން ބޭނުންވީ، ރިޔާ ދޯނި ދޫކޮށްލައި އިންޖީނު އެޅި ދޯނިން މަހަށް ދާށެވެ. މިގޮތަށް ގިނަ ބަޔަކު ދޯނިތަކުން ފޭބުމުން އެއިން ދޯންޏަކަށް މަހަށް ފުރޭނޭ އެއްވެސް ގޮތެއް ނެތި ރަށުގެ ފަޅުގައި ނުވަތަ އެއްގަމަށް އެހިލާފައި ދޯނިތައް ހުންނަށް ޖެހިއްޖެއެވެ. މިތަން ދުށް ކިތަންމެ ބަޔަކު މިރާއްޖޭގައި އަދި ވެސް އެބަ ތިއްބެވެ.

އޭރު އެތަން އަޅުގަނޑަށް ވެސް ފެންނަމުން ދިޔުމުން، އެވާހަކަ ގިނަބަޔަކު ޝައުގުވެރިވާ ކޮންމެވެސް ގޮތަކަށް ހާމަކޮށް ދެވޭތޯ ބެލީމެވެ. އެގޮތަށް ކުރެވުނު ކަމަކީ ޅެމެއްގެ (ލަވަޔެއްގެ) ތެރެއިން އެކަން ސިފަކޮށް ދިނުމަށް އުޅުމެވެ. އެކަމަކު އަޅުގަނޑަކީ، ޝާޢިރެއް ނޫނީމެވެ. ކަމެއް ކުރަން ގަދައަޅައި އުޅެފިއްޔާ، އެކަމުގައި ކޮންމެ ވެސް ވަރެއް ވާނެޔޭ، މީހުން ބުނާތީ ކުރެވުނު ކަމެކެވެ. ދެމުނު ހާސަރެކެވެ. 1976 ގައެވެ.

++++++

"އާނ ކިޔައި އުޅުނު ހިތްވަރު ނެތިއްޖޭ ފިލާ

        ބާ ހިޔާގަނޑު ތެރޭ ދޯނި ވާތީ ކިލާ

                އާރިޔާ ހޯދި މޮޔަ ހީވެޔޭ ހިތް މިލާ

                    ލާރިޔާ ދޭ ބިލާ ފެނި އެކަކު ނުވި ހިލާ

++++++

މި ހާސަރު އަޅުގަނޑަށް ދެމުނީ، އެދުވަސްވަރުގެ އެންމެ މަޝްހޫރު ދެ ލަވަޔެއް ކަމަށްވާ، ލަތާ މަންގޭޝްކަރު ކިޔާފައިވާ "އުންކި ޕަހެލީ ނަޒަރް ކިޔާ އަސަރް ކަރް ގައީ" އަދި، ރަފީޢު ޞާޙަބް ކިޔާފައިވާ "ކަރް ޗަލޭ ހަމް ފިދާ ޖާނޮ ތަން ސާތިއޯ" މި ދެ ރާގަށް ވެސް ކިޔޭ ގޮތަށެވެ.

https://www.youtube.com/watch?v=ajLYo1lcKv4

https://www.youtube.com/watch?v=pHIQN98Q2Pg

 

ދިވެހި ރާއްޖޭގެ އޭރުގެ ޙާލަތާއި ބޭނުންތެރި ކަމަށް އެކަށޭނަ ގޮތަކަށް މިކަމެއް ވުމުން، ވަރަށް ގިނަ ބަޔެއްގެ ޝައުވެރިކަން އެޔަށް ލިބުނެވެ. ބައެއް ރަށްރަށުގެ މިޔުޒިކް ބޭންޑް ތަކުން ވެސް އޭގެ ބޭނުން ކުރަން ފެށީމާ، ގިނަބަޔަކު އެ ހާސަރެއްގެ އަޑުއަހަން އެތާކަށް ދާން ވެސް ފެށިއެވެ.

އަދި ދިވެހި ބަހުގެ ފުންނާބު އުސް އަދީބު އަދި މޮޅު ޝާޢިރު ޢަބްދުﷲ ޞާދިގުގެ އަރިހަށް، މި ހާސަރު ފޯރައި، ހަވީރު ނޫހުގެ ހަވީރު ކުރުމުގެ ތެރޭ ވެސް މީގެ ވާހަކަފުޅު ދައްކަވައިފި އެވެ. ނަމަވެސް މި ހާސަރެއް ދެމީ ކާކު ކަމެއް އޭރު އެނގިވަޑައިގެންފައި ނެތެވެ.

https://www.galehiri.com/2012/04/blog-post.html

 

ރިޔާނެގި ދޯނިތަކަށް މަހަށް ނުފުރި، އިންޖީނު އެޅި ދޯނިތައް ގިނައިން މަސް ބާނަމުން ދިޔައެވެ. ބާނާ މަސްތައް ހޯކޯމާރޫ، އަދި މަރުބޭނީގެ މަސްގަންނަ ބޯޓްތަކަށް ކިރައިލީމާ ހާހުން ހާހުން ވަގުތުން ފައިސާ ލިބެއެވެ. އަދި އެބޯޓްތަކަށް މަސް ކިރުވާ ދޯނިތަކަށް ރާމޭ (ނޫޑްލްސް) އާއި ކޯލާ ދަޅާއި އެކިޒާތުގެ މީރު ޖޫހާއި ބައެއް ކަހަލަ ހަދިޔާ ބަދިޔާ ވެސް އެބޯޓްތަކުން ދެމުން ގެންދިޔައެވެ. އަދި އެދޯނިފަހަރުގެ އިންޖީނަށް ދިމާވާ ކުދިކުދި މައްސަލަ ވެސް ޙައްލުކޮށް ދެއެވެ.

 

އެއްދުވަހަކު، ހުވަދޫ ތިނަދޫ މަގަކުން ހިނގާފައި ދަނިކޮށް އެރަށު ޓޫލެޓް އަލިބެޔާއި، އަޅުގަނޑާއި ދިމާވެއްޖެއެވެ. އޭރު އަލިބެޔަކީ އަލަށް އިންޖީނު އަޅައި، ގިނައިން މަސް ބާނަމުންދާ "މީނާޒު" ދޯނީގެ ކެޔޮޅެވެ. އެއީ، ތިނަދޫ މޫސުމް، މުޙައްމަދު ސަލީމު ދުއްވާ ދޯންޏެކެވެ.

ޓޫލެޓް އަލިބެޔަކީ، އަޅުގަނޑުގެ ބައްޕަގެ މަންމައާއި ތިމާގެ ވެސް މީހެކެވެ. ތިނަދޫގެ އެންމެމޮޅު ކެޔޮޅެކެވެ. އެހާ މަޖާ ވެސް ވާނެޔެވެ. ރިޔަލު ދޯނިފަހަރުގައި އޭނާގެ ކެޔޮޅު ކަމުގައި މަސްވެރިކަން ކުރި އިރު ވެސް ވަރަށް މަޝްހޫރެވެ. އަދި މިހާރު މާބޮޑަށް މަޝްހޫރެވެ.

އަލިބެޔަށް އަޅުގަނޑު ފެނި ގޮވާލައި ކައިރިއަށް ދިމުން އޭނާގެ މަޖާ ރާގުގައި ބުންޏެވެ.

"އޭތް! ކަލޯ އަނެއްކާ އަލިބެޔޭ ކިޔައިގެން ލަވަޔެއް ނުހަދައްޗެވެ."

އަޅުގަނޑު ބުނީމެވެ.

"އަލިބެޔޭ، ނޫނީ ޢަލީ، ކިޔައިގެން އެކަހަލަ ކަމެއް ނުކުރާނަމެވެ."

މިހެން ބުނީމާ، ހެމުން ހެމުން އަލިބެ ހިނގައްޖެއެވެ.

އަލިބެ އަޅުގަނޑާއި މިވާހަކަ ދެއްކިއިރު އަޅުގަނޑާއި އެކީ ރައްޓެއްސެއް ވެސް ހުއްޓެވެ. އޭނާ ބުންޏެވެ.

“މިވީ ގޮތުން އަލިބެ މަޖާ ކުރުވަން ކަމެއް ކުރަން ވާނެއެވެ."

 

އެދުވަހުގެ ރޭ އަލިބެ މަޖާ ކުރުވުމަށް ހާސަރެއް ދަމައިފީމެވެ. އައްޔާ އާއި ފޯޅަވެއްސޭ ކިޔައިގެންނެވެ. އޭގައި އަލިބެ އެދުނު ގޮތަށް އަލިބެޔޭ ނޫނީ ޢަލީ ކިޔާފައި ނޯންނާނެއެވެ. މިއެއްޗެއް ދެމީ، ބޮލީވުޑް ފިލްމު، އާސްރާ 1966ގެ "މޭރޭ ސޫނޭ ޖީވަން ކާ އާސްރާ ހޭ ތޫ" ގެ ރާގުގައެވެ. 1976 ގައެވެ.

https://www.youtube.com/watch?v=lITr7TIPXEs

 

ރާއްޖެއަށް ވެސް މަޝްހޫރު ވެގެން ދިޔަ ލަވަކިޔުންތެރިޔާ ތިނަދޫ ސްޓާރލިންގ މަރިޔަމް ޙިލްމީ (މަރިޔަމް ދީދީ) އޭރު މި ޅެން (ލަވަ) ހިތު ދަހެވެ. ވަރަށް ރީއްޗަށް، ރަނގަޅަށް ކިޔައެވެ. އެކަމަކު، މިއެއްޗެއް ހެދި މީހާގެ ހަނދާނަށް މިހާރު އައީ، މީގައި ފޯޅުވައްސޭ ކިޔައިގެން އޮންނަ ތަންކޮޅެކެވެ. އެތަންކޮޅު ވެސް އައީ އެ ވައްސެއްގެ އަޑު އެކި ދިމަ ދިމާލުން މާގަދަވީމާ ކަން ނޭނގެއެވެ.

މަރިޔަމް ޙިލްމީގެ ހަނދާނުގައި މިހާރު ހުރީ މިޅެމުގެ މައިގަނޑާއި ފުރަތަމަ ކަޑިއެވެ. އެހެން ބަޔެއް އަދި ހަނދާން ނުވެޔެވެ. ނަމަވެސް މިޅެން އޭނާވަނީ ބައެއް ބޭބޭފުޅުން ރިކޯޑް ކުރެއްވުމަށް ކިޔައިދީފައެވެ. އޭގެ ތެރޭ ތިނަދޫއަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި ދިވެހިރާއްޖޭގެ އަޑުގެ ވެރިޔެއް ކަމަށްވާ އފ. ބަދުރުއްނަޞީރު، ވެސް މިޅެން މަރިޔަމް ޙިލްމީ ލައްވައި ކިޔުއްވައި ރިކޯޑް ކުރެއްވިއެވެ.

އެޅެމުން މަރިޔަމް ޙިލްމީ، މިއަދު ހަނދާންވި ބައި ތިރީގައި އެވަނީއެވެ. މީގެ އިތުރު ބަޔެއް އޭނާ ހަނދާން ވެއްޖެނަމަ އެބައި ފަހުން ވެސް މީގެ ތެރެއަށް އިތުރުކޮށްލެވި ދާނެއެވެ.

++++++

"ރާމޭ ދޭނޭ ބޯޓުން ލިބޭނެ ކޯލާ ޖޫސް

                    ފޯޅަވަހީ ބޭރަށް ހިނގާށެ އައްޔާ ދާން

އައްޔާ އެހެރީ ދޯންޏެކޭ،

      ފައްޔާއި ރިޔަލުގެ ދޯންޏެކޭ

               މަސްކޮޅު އަވަހަށް އަތުލަން ދުއްވާ

                                 މެކުހަށް ޖަހާލަމާ(2)

ރާމޭ ދޭނޭ ބޯޓުން ..................

                   ---------------------

ޢަބްދުﷲ ޙިލްމީ

30 އޭޕްރީލް 2023މ.