އުތުރު އަވަށު ނިކަގަސް ހޮޅުއަށީގެ ރޯދަ ކުރުކުރުން - އެކެއް


ނިކަގަސް ހޮޅުއަށީގައި ރޯދަ ކުރުކުރުން އޮންނަނީ ޢަޞްރު ނަމާދުގެ ފަހުންނެވެ. އެތާނގައި މިފަހަރު ރޯދަ ކުރުކުރަން ހަމަޖައްސާފައިވާ ގޮތަކީ ހިނގާފައިވާ ކޮންމެވެސް ކަމެއް ކިޔައިދިނުމެވެ. އަދި އެކަމަކީ ކިޔައިދޭ މީހާ ނޫން އެހެން މީހަކަށް ނުވަތަ ބަޔަކަށް ވިޔަސް އެނގިފައިވާ ކަމަކަށްވާން ޖެހެއެވެ.

ހޮޅުއަށްޓަށް މިއަދު ދިޔަ މީހުން އެކި ވާހަކަ ކިޔައިދެމުން ދެޔެވެ. މިހުރިހާ ވާހަކައެއް އަޑުއަހަން ކަޅުބޭގެ ދޮންތުއްތު (ކަޅޭ ދޮންތު) އިނުމަށްފަހު ބުންޏެވެ.

"މަގޭ ގާތް ބޭކަލަކު 22 އޯގަސްޓު 2014 ގައި ނިޔައުވެފައި ވެއްޖެއެވެ. މިބޭކަލަކީ ދިވެހިރާއްޖޭގައި ހިނގި ގިނަ ކަންކަމެއްގެ މަޢުލޫމާތު ލިބިލައްވައިގެން ހުންނެވި ޙިކުމަތްތެރި، މާނަފުން ބަސްބަސް ބޭނުންކުރައްވާ ސަމާސާ މިޒާޖެއްގެ ވެސް ބޭކަލެކެވެ. އެއްދުވަހަކު މި ބޭކަލަކު ދިވެހިރާއްޖޭގެ ވަރަށް މަޝްހޫރު ބޭފުޅެއްގެ ނަސަބުގެ ވަނަވަރެއް ލިޔެފައިވާ ކަރުދާހެއް ދައްކަވާފައި ބުނުއްވިއެވެ.

މިއީ ދިވެހިރާއްޖޭގެ ތާރީޚާއި ރާއްޖޭގެ މަތި ފަޑީގައި ހިނގި ކަންކަމާއި އަދި ރާއްޖޭގެ މަތީ ދަރަޖައިގެ ދަރިކޮޅުތަކުގެ ވަނަވަރު ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާ ޢިލްމީ މޮޅު ބޭފުޅަކު، އެބޭފުޅެއްގެ ޢާއިލީ ވަނަވަރު ލިޔުއްވާފައިވާ ކަރުދާހެކެވެ. ލިޔެފައިވަނީ އެބޭފުޅަކު އަމިއްލަފުޅަށް އަމިއްލަފުޅު ލިޔުއްވުމަކުން ނޫނެވެ. އެބޭފުޅަކު ވިދާޅުވިގޮތަށް އަރިހުގައި އިން އެހެން މީހަކު ލިޔުނީއެވެ.

މިކަރުދާހެއްގައި އެބޭފުޅެއްގެ ޢާއިލީ ވަނަވަރު ވިދާޅުވެދެއްވި ހިސާބަކުން ފެށިގެން ލިޔަމުން ގޮސް އެބޭފުޅަކާއި ހަމަޔަށް އައިރު އޭގެ ތެރެއިން އަންނަން ޖެހޭ އެއްބޭފުޅެއްގެ ނަންފުޅު ނެތެވެ. މިނަންފުޅު ނެތީ ވިދާޅުވި ގޮތަށް ލިޔުނު މީހާއަށް ނުލިޔެވުނީ ކަމަށް ވެދާނެއެވެ. ނަމަވެސް އެބޭފުޅެއްގެ މިވަނަވަރު ވިދާޅުވެ ދެއްވާފައިވަނީ "ފުށިފެން ފަރަށް" ނަސަބީ އޮޑި ނުއުރޭހާ ދުރު ދުރުންކަން އެބަ އެނގެއެވެ. މިގޮތަށް އެފަދަ ބައެއް ނަސަބީ އޮޑި ދަތުރު ކުރުމަކީ އާކަމެއް ވެސް ނޫނެވެ. ކުރިއްސުރެ އެފަދަ ދަތުރުތައް ކުރި ވެސް ގޮތެވެ. އެއީ އެނޫން މިޞްރާބަކުން ދަތުރު ކުރާނަމަ "ފުށިފެން ފަރަށް" އޮޑި އުރި ބަނޑުފިލާ ފޫގޮސް ދިޔަވެ އޮޑިގަނޑު ރޫޅިދާނެތީއެވެ."

މިހިސާބުން ދޮންތުގެ ވާހަކަ މެދުކަނޑުވާލައި އެހެން މީހަކު ސުވާލު ކުރިއެވެ.

"ފުށިފެން ފަރަށް އޮޑި އުރުމަކީ ކޮބައިހެއްޔެވެ. އެފަރު އޮންނަނީ ކޮންތާކުހެއްޔެވެ."

އެމީހަކު އެގޮތަށް އެހުމުން ދޮންތު ބުންޏެވެ.

"ކަލޭމެންނަށް އަޑު އިވޭނީ ސިޔާސީ ޕޯޑިޔަމްތަކުގައި ދައްކާ ވާހަކަ އެކަންޏެވެ. އެޔަށް އަރާ މީހަކަށް އޮޅިގެން ވެސް އެއްޗެއް ބުނެވިއްޖެނަމަ އެ އެއްޗެކެވެ. ބަލަ! މިރާއްޖޭގައި ކުރީގައި ލިޔެ ޗާޕުކޮށް ކުތުބުޚާނާއާއި ފޮތް ފިހާރަތަކުގައި އެހުންނަ ފޮތްފޮތް ބަލައިލީމާ ވެސް ފުށިފެން ފަރަކީ ކޮބައި ކަމާއި ބޮޑެތި ބޮޑެތި ބޭފުޅުންގެ ނަސަބީ އޮޑި އެފަރާއި ގާތްވެގެން ނުވާނޭ ކަމާއި ބައެއް އޮޑިފަހަރު ގާތްވެފައި ވެސް ނުވާކަން އެނގޭނެއެވެ."

ދޮންތު މިހެން ބުނީމާ، ދޮންތޫއޭ ތިޔަށްވުރެ ތިލަ ކުރާށޭ، ކަނޑު އަޑިން ނުގެންދާށޭ، މީ ރޯދަމަހޭ، އެހެން މީހަކު ގޮވާލީމާ ދޮންތު ކިޔައިފިއެވެ.

"މިބުނި ވާހަކަތައް އެނގޭ ބަޔަށް އެއްގޮތަކަށް ވެސް ފުނެއް ނޫނެވެ. ހަމަ ވަރަށް ތިލައެވެ. ކުރުކޮށް ބުނާނަމަ މިބުނީ ކުރީގެ ބައެއް ބޭބޭފުޅުން އެ ބޭފުޅުންނާއި ކޮޅުމަޑުލު ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީންގެ އިބްރާހީމް އިސްކަންދަރުގެ ދަރިކޮޅާއި ޢާއިލީ އެއްވެސް ގުޅުމެއް އޮތްކަން އަންގަން ބޭނުންނުވާ ވާހަކައެވެ. އޭގެ އެންމެބޮޑު ސަބަބަކީ ދިވެހިރަސްކަމުގެ ބޭނުމުގައި އިބްރާހީމް އިސްކަންދަރުގެ މުޙައްމަދު ޣިޔާޘުއްދީނުގެ ހަށިކޮޅަށް ޖިސްމާނީ ބޮޑެތި އަނިޔާކޮށް ޝަހީދުކުރުމަށްފަހު އެ ހެދި ގޮތެއްގެ ވާހަކަ އަލުންބަލުން މީސްތަކުންގެ ވިސްނުމަށް އަޔަ ނުދިނުމެވެ. އެވާހަކަ ދެއްކިޔަ ނުދިނުމެވެ. ދިވެހިންގެ ދީނާއި ދިވެހިންގެ ގައުމަށް މުޙައްމަދު ޣިޔާޘުއްދީން ކޮށްދެއްވި އަގުހުރި ޚިދުމަތާއި ކުރެއްވި މަތިވެރި ޖިހާދުގެ މައްޗަށް މާލެއަތޮޅު ރަށެއްގެ ވަކި ބަޔެއްގެ ގޯތި ތެރެއިން ކަޅުވެލި ގެންގޮސް އަޅައިލުމެވެ.

އަހަރެން ބުނި އެއްޗެއް ކުރުކޮށް ތިލަކޮށް މި ބުނީއެވެ. މީގައި ދޮގެއް ހަދާފައި ނުވާނެއެވެ. މިބުނި އެއްޗެއްގެ ތެދަކީ މި ދިވެހިރާއްޖޭގައި ބޯކޮޅު މައްޗަށް ހުރި އާދަމުގެ ދަރިއަކު ހޯދަން އުޅެފިއްޔާ އެނގޭނެ އެއްޗެކެވެ. އެކަމާއި އުޅެން ބޭނުންވާ ބަޔަކު ތިބިނަމަ އެ ބަޔަކަށް އެނގުން ދަތިވާނީ ފުށި ފެންފަރޭ، އަހަރެން އެ ބުނި ބުނުމެވެ. އެއީ ނިޔައުވެފައިވާ މަގޭ ގާތް އެ ބޭކަލަކު ބުނުއްވި ގޮތެވެ. ފުށިފެން ފަރޭ ބުނުއްވާފައި ވަނީ މަޢުނަވީ ސަމާސާ ގޮތެއްގައެވެ. ރަމްޒީ މުރާދަޔަކީ އަރިއަތޮޅު ފެންފުއްޓޭ މަށަށް ހީވެޔެވެ. އެއީ އިބްރާހީމް އިސްކަންދަރުގެ މާމާފުޅު ކަނބާ މަރިޔަމްގެ ބައްޕާފުޅު އަލްވަޒީރު ޙަސަން ޙާޖީގެ ރަށެވެ. ކަނބާ މަރިޔަމްއަކީ ދިވެހި ތަޚުތުގައި އެކި ދުވަސްވަރު ތިއްބެވި ހަތަރު ރަސްކަލެއްގެ އަނބިކަނބަލެކެވެ. މަހާ ރެހެންދިއެކެވެ. ދީނީ އަދި ގައުމީ ޚިދުމަތުގައި ވެސް ގެތެމުންދާ ޢާއިލީ ޗޭނެއްގެ ރަން ބޮޅެކެވެ.

މަގޭ މިއަދުގެ ވާހަކަ މިހިސާބަށް ކުރުކޮށްލީއެވެ. ދިރި ދުނިޔޭގައި ލަހައްޓަވައިފިއްޔާ ދެން އެހެން ދުވަހަކުންނެވެ.

السلام عليكم ورحمة الله وبركاته

                -----------------

ޢަބްދުﷲ ޙަސަން، ހުޅުދުމައިގެ

28 މާރިޗު 2023މ.