ދުނިޔޭގައި ކަންކަން ހިނގާ
ދެ ގޮތެއް އޮވެ އެވެ. އެއްގޮތަކީ އެ ކަމެއް އެ ގޮތަށް
ހިނގުމުގައި ދުނިޔޭގައި ލެއްވި
މަޚުލޫގުން އަދާކުރާ އެއްވެސް ދައުރެއް ނެތި ގުދުރަތުން ހިންގަވާ
ކަންކަމެވެ. އަނެއްގޮތަކީ އެ ކަމެއް އެ ގޮތަށް ހިނގުމުގައި ދުނިޔޭގައި ލެއްވި މަޚުލޫގުން
އަދާކުރާ ދައުރެއް އޮވެގެން ހިނގާ ކަންކަމެވެ.
މި ލިޔުމުގައި
ބަލާލެވިފައި ވަނީ ދުނިޔޭގައި ލެއްވި މަޚުލޫގުން އަދާކުރާ ދައުރެއް އޮވެގެން ހިނގާ ކަމަކަށެވެ.
އެއީ މާލޭގައި ހުންނަ ކަޅުވަކަރު މިސްކިތޭ ކިޔުނު ބިނާ އެއް ތަނެއްގައި ހަރުލައި ނުހުރެ
އަނެއް ތަނަށް ގެންދާ ކަމަށެވެ. މި ބިނާ ހެދި މީހުންނަށް އެ ކަން ކުރެވިފައިވަނީ ވެސް ބިނާ
ރޫޅައިލައިގެން ގެންދެވޭ ގޮތަށެވެ. ބިނާކުރާ ޢާއްމު އުޞޫލުން ބަލާއިރު ގިނަ ބިނާތަކަކީ
އެއް ތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް ހުންނަ ތަންތަނެއް ނޫނެވެ. ނަމަވެސް
ކަޅުވަކަރު މިސްކިތޭ ކިޔުނު ބިނާ އެއް ތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް ހުރެ
އެ ކަން ކުރެވުމަކީ އޭގައި ފޮރުވިފައިވާ ގުދުރަތުގެ ޙިކުމަތެއް އޮތުން އެކަށީގެންވާ
ކަމެކެވެ.
ވިސްނެވުން
އެދެވިގެންވެ އެވެ. ކަޅުވަކަރު މިސްކިތޭ ކިޔުނު ބިނާ އެއް ތަނުން އަނެއް ތަނަށް
ގެންދާ ކޮންމެ ފަހަރަކު މީސްތަކުން އެ ވާހަކަ ދައްކާނެ އެވެ. އަދި އެއީ ކާކު ކޮން ތާކު
ކޮން އިރަކު ކޮން ގޮތަކަށް ކީއްވެ ކުރި ކަމެއްތޯ ވެސް ވާހަކަ ދައްކާނެ އެވެ.
ބުނާ މީހުން
ބުނާނެތެވެ. އެއް ތަނުން އަނެއް ތަނަށް ގެންދާ މިސްކިތެއްގެ ނަމުގައިވާ އެ ބިނާގެ
ފެށުން އޮތީ ފާފަވެރި ބޮޑުވެގެންވާ ނުބަޔެއްގެ ތެރޭގަ އެވެ. އެއީ މަތިވެރި ﷲ ސުބްޙާނަހޫ
ވަތަޢާލާގެ ޙަޟްރަތަށް މީސްތަކުން ޢިބާދާތު ކުރުމަށް އޮންނަ ހެޔޮވެގެންވާ މަގުން
ބިނާކުރި މިސްކިތެއް ނޫނެވެ. އެހެނީ އެއީ ނުބައި ނުލަފާ ކަމާއި ޖައްބާރު ކަމާއި އެކު މީހަކު ޝަހީދު ކުރުމަށްފަހު އެ މީހާގެ ގޯތި ގެދޮރާއި މުދައުތައް ފޭރި އެ ބިމުގައި
އެ ތަކެތިން ހެދި ތަނެކެވެ.
ޙައްޖުގެ ދަތުރުފުޅަށް ފަހު
ޣާޒީ މުޙައްމަދު ޣިޔާސުއްދީން ރަދުން ރާއްޖެއަށް ވަޑައިގަތުމުން ދިވެހި ރަސްކަމުގެ
ބޭނުމުގައި އެ ރަދުން ޝަހީދު ކުޅައުމުގައި އިސްވެ ހުރި ގާތިލަކީ ހުރާގޭ މުޙައްމަދު މަނިކުފާނެވެ.
މި ކަލޭގެއަކީ ދީނުގެ ކަންކަން އޮންނަ ނޯންނަ ގޮތެއް ނުދަންނަ ޖާހިލެކެވެ. ނޫންނަމަ މީހަކު
ޝަހީދު ކުރުމަށްފަހު އެ މީހާގެ ގޯތިގެދޮރާއި މުދައުތައް ފޭރި އެ ބިމުގައި އެ ތަކެތިން މިސްކިތެއް
ހެދުމަށް ތިމަންނާ ވަނީ ނަދުރެއް ބުނެފަޔޭ ކިޔައި އެ ކަމެއް ނުކުރީހެވެ.
"ތާރީޚު އިސްލާމި ދީބާ
މަޙަލް" ގައި ލިޔެފައިވެ އެވެ.
ދެން މި ރަސްގެފާނު (އައްސުލްޠާނު
މުޙައްމަދު ޝަމްސުއްދީނު2، ނުވަތަ ހުރާގޭ މުޙައްމަދު
މަނިކުފާނު) އައްސުލްޠާނު މުޙައްމަދު ޣިޔާޘުއްދީނު އިސްކަންދަރުގެ ގަނޑުވަރު (އެއީ
ބޮޑުގަނޑުވަރުގެ ދެކުނުގައިވާ ގަނޑުވަރެވެ.)
ތަޅައި މުގުރައިލުމަށް އަމުރު ކުރައްވައިފިއެވެ. (އެމީހުން އެ ގަނޑުވަރުގައިވާ
މޭވާއާއި ހިފައިގެންގުޅޭ ކަންވާރާއި ގަހަނާ ނެގިއެވެ.) އަދި އެ ބޭބޭފުޅުންގެ މައްޗަށް ވަޤުފުވެފައި
ހުރި ގެތަކާއި މާލޭގައިހުރި އެ ބޭބޭފުޅުންގެ މިލްކުގައިވާ ތަކެތި މި ރަސްގެފާނު ނަންގަވައި ހެއްދެވިއެވެ. އަދި އެ
ރަސްގެފާނު (އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީނު) ހިމެނިވަޑައިގަތީ ކުރީގެ ރަސްކަލުންގެ ގަނޑުވަރު މުގުރުއްވައި އަދި ތަފާތު
ޢިލްމުތަކުގެ ފޮތްތައް ޢިލްމު އުނގެނޭ ކުދީންގެއަތުން (އަނިޔާވެރިކަމުން) އަތުލައްވައި
މާލޭގައި ތިބި އެ ރަސްގެފާނުގެ އެކުވެރިން ނޫން މީހުން ޢިލްމު އުނގެނުން
މަނާކުރެއްވި ފުރަތަމަ ރަސްގެފާނު ކަމުގައެވެ.
މާތް ރަސްކަލާނގެ
ރުއްސުންލެއްވި ސަޢީދު ބުނު ޒައިދުގެ އަރިހުން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު
ވިދާޅުވި އެވެ. ކީރިތި ރަސޫލާ ހަދީޘް ކުރައްވަނިކޮށް ތިމަން އެހީމުއެވެ.
”އަނިޔާވެރިކަމުން ބިމުން ތަންކޮޅެއް ވެސް އަތުލައިގެންފި މީހެއްގެ ކަރުގައި ހަތް ބިން އަޅުއްވާ ހުއްޓެވެ.“
މާތް ރަސްކަލާނގެ
ރުއްސުންލެއްވި އިބުނު މަސްޢޫދުގެ އަރިހުން ރިވާ ވެގެންވެއެވެ. ތިމަން ދެންނެވީމެވެ. އޭ اللهގެ ރަސޫލާއެވެ. އެންމެ އަނިޔާވެރިކަން ބޮޑު އަނިޔާއަކީ
ކޮބައިތޯއެވެ؟
ޙަދީޘް ކުރެއްވިއެވެ. "އިސްލާމަކު
އޭނާގެ އަޚާގެ ޙައްޤުން އުނިކުރާ ބަމައެއްހައި ބިންފޮތްޗެކެވެ. މީހެއްގެ
ބިމުންނަގާ ހިލަކޮޅަކަށްވެސް
ބިމުގެ ފުންމިނަށް ޤިޔާމަތް ދުވަހުން އެ މީހަކު ކަސްތޮޅު އަޅުއްވާ ހުއްޓެވެ.
ބިމުގެ ފުންމިން، ބިންހެއްދެވި الله މެނުވީ ދެނެވޮޑިގެނެއް ނުވެއެވެ."
ދެން ފަހެ އައްސުލްޠާނު
މުޙައްމަދު ޝަމްސުއްދީނު(ހުރާގޭ މުޙައްމަދު މަނިކުފާނު) ވިދާޅުވިއެވެ.
ދެކޮޅުވެރިކަން ހިނގި ރޭ އަހުރެން ނަދުރެއް ބުނީމެވެ. އެއީ މާތް ރަސްކަލާނގެ
އަހުރެންނަށް ރަސްކަން މިލްކުކޮށް ދެއްވައިފިއްޔާ އައްސުލްޠާނު މުޙައްމަދު
ޣިޔާޘުއްދީން (އިސްކަންދަރު)ގެ ގަނޑުވަރު ތަޅައިލައި އެ ތާނގައި އަހުރެން މިސްކިތެއް ބިނާ ކުރާ ހުށީމެވެ.
ދެންފަހެ މި ބަޔާންވެދިޔަ
ނަދުރުގެ މައްޗަށް ތަޅައިލެވުނު ގަނޑުވަރު ހުރި ތާނގައި މިސްކިތެއް ބިނާ
ކުރައްވައި އެ މިސްކިތަށް
ކަޅުވަކަރު މިސްކިތޭ ކިޔައި ނަން ދެއްވައިފިއެވެ. މި ކަން ހިނގީ އައްސުލްޠާނުލް
ޣާޒީ ޙަސަން ޢިއްޒުއްދީނުގެ ދަރިކަލުން އައްސުލްޠާނު ޙަސަން ނޫރައްދީނުގެ ރަސްކަމުގައެވެ. އިރާދަކުރެއްވިއްޔާ މީނާގެ
ވާހަކަފަހުން އެބަ އާދެއެވެ. ފިގުހު ފޮތް ފޮތުގައި ނަންގަނެވިގެންވެއެވެ.
އުރެދުމަކަށް ވާކަމެއްގައި ނަދުރުބުނުން ސައްޙައެއް ނުވާނެއެވެ. އެއީ، މުސްލިމުގައި ބަޔާން ވެގެންވާ މި ޙަދީޘަށްޓަކައެވެ.
لَا نَذْرَ فِيْ مَعْصِيَةِ اللهِ )މާތް
ރަސްކަލާނގެއަށް އުރެދުމަކަށް ވާ ކަމެއްގައި ނަދުރު ބުނުމެއް ނެތެވެ.)
އަލްއިމާމުލް ޣަޒާލީ (މާތް
ރަސްކަނލާގެ އެކަލޭގެފާނަށް ރަޙުމަތް ލައްވާށިއެވެ.) އެ ކަލޭގެފާނުގެ ”އިޙްޔާއު
ޢުލޫމުއްދީނި“ އޭ ކިޔުނު
ފޮތުގައި ވިދާޅުވެފައިވެއެވެ. ޣަޞްބުން ފޭރިގެންފައިވާ ބިމެއްގައި ނުވަތަ އެހެން
މިސްކިތަކުން ފޭރިގަނެގެން ހޯދި ލަކުޑިން ނޫންނަމަ މީހެއްގެ މިލްކުގައިވާ އެއްޗަކުން ފޭރިގަނެގެން މިސްކިތެއް
އަޅައިފިނަމަ، އެ މިސްކިތަކަށް ވަނުން އެއްގޮތަކަށް ވެސް ހުއްދައެއް ނުވާ ހުއްޓެވެ. ހުކުރު ނަމާދަށް ކަމުގައި
ވިޔަސް ވަރިހަމައެވެ. އިމާމު މީހާ ނަމާދުކުރަން ހުރެއްޖެނަމަ އިމާމުގެ ފަހަތުގައި ނަމާދު ކުރާ ހުށި ކަމެވެ. އެ ކަމަކު މިސްކިތުގެ
ބޭރުގައި ހުންނަ ހުށިކަމެވެ. އެހެނީ ޣަޞްބުން ފޭރިފައިވާ ބިމެއްގައި ނަމާދުކުރުމުގެ ފަރުޟުކަން ކެނޑިދާތީ އެވެ. ނަމަވެސް
އިޤްތިދާ ވެއްޖެނަމަ އެ ނަމާދު ކަމުދާނެ އެވެ. ޣަޞްބުން ފޭރިގެންފައިވާ ބިމެއްގައި ހުއްޓިހުރެ އެބިމުގެ ވެރިޔަކު ނޭނގޭ ބިމެއްނަމަ
ތަޤުވާވެރި ގޮތަކީ އެހެން މިސްކިތަކަށް ދިއުމެވެ. އެހެން މިސްކިތެއް ނުފެނުނުނަމަ ހުކުރު ނަމާދު ކުރުމާ ޖަމާޢަތުގައި
ނަމާދުކުރުން ދޫކޮށްނުލާހުށި ކަމެވެ. މިއީ ދިގު މައްސަލައެކެވެ. މިތާނގައި ކުރުކޮށް ބަޔާންކުރީއެވެ. މި ނަންގަނެވި ދިޔަ ވަރަށްވުރެ
އިތުރަށް ބެލުމަށް އެދޭ މީހަކު، އަލްޣަޒާލީގެ ފޮތް އިޙްޔާއު ޢުލޫމުއްދީނި ބަލާ ހުށިކަމެވެ. މާތް ރަސްކަލާނގެ އެކަލޭގެފާނަށް
ރަޙުމަތް ލައްވާށިއެވެ. އާމީން."
އެއް ތަނުން އަނެއް ތަނަށް
ގެންދާ މިސްކިތެއްގެ ނަމުގައިވާ އެ ބިނާގެ ފެށުން އޮތީ ފާފަވެރި ބޮޑުވެގެންވާ ނުބަޔެއްގެ
ތެރޭގަ އެވެ. އެއީ މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް މީސްތަކުން
ޢިބާދާތު ކުރުމަށް އޮންނަ ހެޔޮވެގެންވާ މަގުން ބިނާކުރި މިސްކިތެއް ނޫނެވެ. އެހެނީ އެއީ
ނުބައި ނުލަފާ ކަމާއި ޖައްބާރު ކަމާއި އެކު މީހަކު ޝަހީދުކުރުމަށް ފަހު އެ މީހާގެ
ގޯތި ގެދޮރާއި މުދައުތައް ފޭރި އެ ބިމުގައި އެ ތަކެތިން ހެދި ތަނެކެވެ.
-------------------------
ޢަބްދުﷲ ޙިލްމީ
17 ނޮވެމްބަރު 2020މ.