އާދަނު
މާލެދިޔަ ބޯޓު ފުރުމުގެކުރިން މާލެ ފުރަބަންދުކުރީމާ ރަށަށް ދެވޭނޭގޮތެއް ނެތި
ދުވަސްތަކެއްވެފައި އެނބުރި ރަށަށްދެވުނީ ރޯދަމަހުގެ ފުރަތަމަ ފޮއިދުވަސް
ފަހަނައެޅި ފަހުންނެވެ. އެރަށަކީ ކޮންމެއަހަރެއްގެ ރޯދަމަހުގައިވެސް މުނިފޫހިފިލުވަން އެކި ކަންކަން މިހާތަނަށްވެސް ބާއްވަމުން ގެންދިޔަ ރަށެކެވެ. ޚާއްޞަކޮށް ދެކުނުއަވަށު
ހޮޅުއަށީގައި އޮންނަ މިކުޅިވަރުތަކުގައި އެންމެފޯރިނަގާ އެކަކީ އާދަނެވެ. ވާހަކަކިޔުމާއި
ރާޒުވާކުޅުމާއި ތިންހަމަކުޅުމާއި ތާސްކުޅުމާއި މިކަހަލަ އެކިކަންކަން
ފިރިހެންވެރިން ކުރާއިރު ހޮޅުއައްޓާއި ކައިރި ހިސާބުން ގަސްތަކުގެ ހިޔަލުގައި އޮށްވަޅުކުޅެން ބައެއް އަންހެންވެރިން ތިބެއެވެ.
ނަމަވެސް
މިއަހަރުގެ ރޯދަމަހުގައި އެއްވެސްކުޅިވަރެއް ނެތި އެހޮޅުއަށިވެސް ވަނީ
ފަޅުވެފައެވެ. މިހެންވެފައިވަނީ މިހާތަނަށްވެސް އެތާނގައި ކުޅެމުންދިޔަ
ކުޅިވަރުތަކަކީ ގައިކައިރިކޮށް ތިބެ ކުޅެމުން ގެންދިޔަ ކުޅިވަރުތަކަށްވެފައި
މިފަހަރު ގައިދުރުކޮށް ތިބެގެންނޫނީ އެފަދަ ކުޅިވަރެއްވެސް ކުޅެވެން ނެތީމައެވެ. އޭގެ
އެންމެބޮޑު ސަބަބަކީ މިހާރު މުޅިދުނިޔެއަށް ފެތުރިގެންއުޅޭ ކޮރޯނާ ބަލިމަޑުކަމެވެ.
އާދަނު
ރަށަށްދިޔަ ދުވަހުގެ އަނެއްދުވަހު މެންދުރުނަމާދުގެ ފަހުން އޭނާގެރައްޓެހި އަދި
ހޮޅުއަށީގެ ކުޅިވަރުތަކުގައިވެސް ބައިވެރިވަމުން ދިޔަ ބައެއް މީހުންނަށް
ފޯނުންގުޅާލައި މުނިފޫހިފިލުވަން މިފަހަރު ކުރެވިދާނެ ކަމަކާމެދު ވާހަކަދެކެވި
އެއްބަސްވެވުނީ މިފަހަރު ހޮޅުއައްޓަށް ނުގޮސް ހޮޅުއަށީގެ ކުޅިވަރެއްގެގޮތުގައި ފޯނު
މެދުވެރިކޮށް އެކަމަށް ބޭނުންވާ ބައެއްގެތެރޭ ސުވާލު މުބާރާތެއް ބޭއްވުމަށެވެ.
އަދި މިގޮތުން ކުރާ ސުވާލާއި އެއަށްދޭ ޖަވާބުތައް ހޮޅުއަށިކައިރީ ހުންނަ މޫސާމަނިކުގެ
އަދަރާދަގޭ ގޯތިތެރޭ ހުންނަ އަޑުގަދަކުރާ މެދުވެރިކޮށް
އެހިސާބުގަނޑަށް އިވޭގޮތް ހެދުމަށާއި އަދި މިމުބާރާތުގެ ސުވާލުތައް ހުށަހަޅާމީހަކަށް އާދަނު
ހަމަޖެއްސުމަށެވެ.
ސުވާލުމުބާރާތުގެ
ފުރަތަމަ ދުވަސްކަމަށްވާ 10ރަމަޟާން އާދީއްތަދުވަހުގެ ޢަޞުރުގެފަހުން ހޮޅުއަށި
ފެންނަ ހިސާބުގެ އަރިއަރިމަތިން މަދު މީސްކޮޅެއް ފެންނަންތިބި ނަމަވެސް އެބަޔަކުތިބީ މިހާރު ހަމަޖެހިފައިވާ ގައިދުރުކޮށް ތިބުމުގެ އުޞޫލަށްވުރެވެސް ދުރުކޮށެވެ. ހީވާގޮތުން
އެބަޔަކުތިބީ އަދަރާދަގޭ އަޑުގަދަކުރާއިން ފޮނުވާއެއްޗެއް އަޑުއަހާށެވެ.
މިހެންތިއްބައި ގަޑިން 4ގަޑި ބައިވުމާއެކު ކޮންމެވެސް މީހެއްގެފޯނުން ހަޔެއްފަހަރު
ރިންގުވުމާއި ފޯނު ނެގިހެން ހީވުމާއި އޭގެފަހުން ވާހަކަދައްކަން ފެށިއަޑު
އަދަރާދަގޭ އަޑުގަދަކުރާއިން އިވެންފެށިއެވެ.
ފޯނުން: وعليكم السلام ورحمة الله وبركاته – މީ ކަނީރުމާގޭ ރުގިއްޔާ.
އާދަނު: ހޮޅުއަށީގައި
ބާއްވަމުން ގެންދިޔަ ރޯދަކުރުކުރުމުގެ ކަންކަން ކޮރޯނާގެ ސަބަބުން މިހާރު
ބޭއްވެންނެތީމާ ހަމަޖެހިފައިވަނީ މިއަހަރު ފޯނުމެދުވެރިކޮށް ސުވާލުމުބާރާތެއް
ބޭއްވުމަށް. މިކަން ކުރިޔަށްދާނެގޮތް ލިޔެފައިވާ ކަރުދާސްތައް މިހާރުވާނީ މިރަށުގެ
ގޭގެއަށް ފޯރުކޮށްދެވިފައި. އަނެއްކާ ތިޔަގެއަށް މިކަރުދާސް ލިބުނުތޯ؟
ރުގިއްޔާ: ޅަވަރުގެސޮރަކު މިގޭ ގޯތިތެރެއަށް ވަދެގެން ގެއާއި ހަމަޔަށްއައިސް ގޭގެ ބޮޑުދޮރުގެ
ދޮރުފަތުގެދަށުން ގޭތެރެއަށްވެއްދި ފާޑެއްގެ ކަރުދާސްގަނޑެއް މިގޭ ކުދިވެރިން
ނަގައިގެންއުޅުނު ވާހަކަ ދައިތަބުނި. އެޔެއް އަޅުގަނޑެއް ނުދެކެން.
އާދަނު:
ތިޔަވާނީ އެކަރުދާހަށް. އެކަމަކުވެސް މިމުބާރާތް ކުރިޔަށްދާނެގޮތް މިހާރުވާނީ ސާފުވެފައިކަމަށް ހީކުރަން. މިގޮތުން މިއަދު ފޯނުން ގުޅާލެވޭ ކޮންމެ ބޭފުޅަކާވެސް ކުރާނީ 4
ސުވާލު. ކޮންމެ ސުވާލެއްގެ ޖަވާބުދެއްވުމަށް ހަމަޖެހިފައިވަނީ 15 ސިކުންތު.
ކުރިޔަށްދާނަން އިނގޭތޯ؟
ފުރަތަމަ ސުވާލު:
ދިވެހިރާއްޖެ އޮންނަނީ އިންޑިއާ ކަނޑުގައިހޭ، ނުވަތަ ބަޙުރު ހިންދުގައިހޭ؟
ޖަވާބު: އިންޑިއާ
ކަނޑުގައި.
(ޖަވާބު
ރަނގަޅު)
ދެވަނަ ސުވާލު:
ތުއްފާށަނާގެ މެޔަށް ކަނބާ އައިސާ ޚަންޖަރު ގޯޅާލެއްވުމުން އެކަލޭގެ ވެއްޓުނީ މަރުވެގެންހޭ، ނުވަތަ ވެއްޓިފައި އޮއްވާ މަރުވީހޭ؟
ޖަވާބު:
ވެއްޓިފައި އޮއްވާ މަރުވީ.
(ޖަވާބު
ރަނގަޅު)
ޖަވާބު: ތީގެތެރޭ ގާފަރު ސްކޫލު ހުންނަރަށެއް ނުހިމެނޭ.
(ޖަވާބު ރަނގަޅު)
(ޖަވާބު ރަނގަޅު)
ހަތަރުވަނަ ސުވާލު:
ޕޯޗްގީޒުން ދިވެހިރާއްޖޭގެ ވެރިކަންކުރި ދުވަސްވަރު ބާރަށުގައި އުޅުނު ވިޔަޒޯރުގެ
ތުނބުޅިބާލަން ގެންގުޅުނީ އޭނާގެ އަމިއްލަ ކުރަފަތެއްހޭ، ނުވަތަ ޕޯޗްގީޒު ދައުލަތުގެ ނިޝާންޖެހި ކަތިވަޅިއެއްހޭ؟
ޖަވާބު: އޭނާގެ
އަމިއްލަ ކުރަފަތެއް
(ޖަވާބު
ރަނގަޅު)
މިހާ ހިސާބުން
ރުގިއްޔާއާއި ކުރަންޖެހޭ 4 ސުވާލާއި އޭގެ ޖަވާބުތައް ނިމި ދެން ސުވާލުކުރަން ފެށުނީ
މިރިހިމާގޭ މޫސާ ޖަމާލާއި އެވެ.
ފުރަތަމަ
ސުވާލު: އަނދިރިއަނދިރިން ކުޑައިރު ލައިގެން އުޅުނީ
ހަރުވާޅުހޭ، ނުވަތަ އަނދެގެން އުޅުނީ މުންޑުހޭ،
ޖަވާބު: އަނދިރިއަނދިރިން
ކުޑައިރު ދުވާލު އަންދަވަނީ އޭނާގެ ދޮންބަފާ ގާފަރު ކަޅުއުނބުށޭމު ބޭނުންކޮށްފައި
ހުންނަ ބަރުމާޕީސް ބައު މުންޑެވެ. ރޭގަނޑު ނިންދަވަނީ އޭނާގެ އަމާ ކާންޒީކަމަނާގެ
ކަޅު ކަނޑިއްކެއް އަންދަވާފައެވެ.
(ޖަވާބު
ރަނގަޅު)
ދެވަނަ ސުވާލު:
ދިވެހިރާއްޖެ އިސްލާމުވުމުގެކުރިން މާލެއަށް އެރިކަމަށް ބުނާ ރަންނަމާރި
އަތުލައިގަނެ އެސޮރު ބަންދުކުރީ:
(ހ) ތޯލާ
ފުޅިއެއްގައިހޭ،
(ށ) ގެރިކިރު
ހުސްކުރި ދަޅެއްގައިހޭ؟
(ނ) 2500
ލިޓަރުގެ ކަޅުހަމެއްގައިހޭ؟
ޖަވާބު: 2500
ލިޓަރުގެ ކަޅުހަމެއްގައި.
(ޖަވާބު
ނުބައި. ރަންނަމާރި ބަންދުކުރީ ރޯނުން ބަނދެފައި 1 ތޯލާ (12 ގްރާމް) ފުޅިއެއްގައި.)
ތިންވަނަ
ސުވާލު: މީލާދީ 1819 ވަނަ އަހަރުގެ ޖޫންމަހުގައި ދިވެހިރާއްޖޭގައި
ތިބީ އައިމިނަ ކިޔާ ކިތައް އަންހެނުންހޭ؟
ޖަވާބު: ޖޫންމަސް
ފެށުނުއިރު ތިބީ އައިމިނަ ކިޔާ 50 އަންހެނުން. އެކަމަކު އެމަސް ނިމުނުއިރު ތިބީ 40
އަންހެނުން. އެއީ އެމަހުގެ މެދުތެރޭ ހުންއައިސްފައި އެކަކު މަރުވީމާ.
(ޖަވާބު
ނުބައި. 50 އިން 1 އުނިވީމާ ދެން އޮންނަނީ 40 ކަމަށްވާނަމަ ސަލާމަތެއް ނެތެއްނު؟ އެވަނީ ކިހިނެއް؟ މިއީ ދުނިޔޭގެ ކޮންތަނެއްގައި ބޭނުންކުރާ ހިސާބުގެ ވައްތަރެއްތަ؟ މުޅިން ނުބައި މަރުގޯސް. ސަކަރާތް ސަކަރާތް.)
ހަތަރުވަނަ
ސުވާލު: ދިވެހި ރަސްކަމުގެ ބޭނުމުގައި އެއްބަފާ ކޮއްކޮއާއި ދެފިރިން
ގަތުލުކުޅަކަމަށް ބުނެވޭ އަންހެނަކީ ..............................
(މިހާ ހިސާބުން
ކަރަންޓުގެ މައްސަލައެއް ދިމާވެ މުޅިރަށުން ކަރަންޓުކެނޑިފައި ދެން ކަރަންޓުލިބުނީ 5 ގަޑި ބަޔާއި ކައިރިވަނިކޮށެވެ. ކަރަންޓުލިބުމުން މޫސާ ޖަމާލާއި ކުރަންއުޅުނު
4 ވަނަ ސުވާލު ފުރިހަމަކުރުމަށް އޭނާއާއި ގުޅަން އުޅެއުޅެ ނުގުޅުނީމާ ދެން ގުޅަންއުޅުނީ އެދުވަހުގެ އެންމެފަހު ބައިވެރިޔާ ކަނބުރުގޭ ކުޑަތުއްތުއާ އެވެ. މީނާ
މަޝްހޫރުވެފައި ވަނީ ހުއްތޭބޭގެ ނަމުންނެވެ. ކުރީގައި ކުދިންނަށް ކިޔަވައިދެއްވައި
އުޅުއްވި ބޭކަލެކެވެ. ނަމަވެސް ހުއްތޭބެއާއިވެސް ގުޅޭގޮތެއްނުވީމާ އެދުވަހުގެ
ސުވާލާއި ޖަވާބުގެ ކަންތައް ނިންމާލީއެވެ.)
އެދުވަހުގެ
ރޭގަނޑު 9.30
މާލޭގައިހުރި ރައްޓެއްސަކާއި އާދަނު ފޯނުންގުޅައިގެން އުޅެނިކޮށް ހުއްތޭބޭ އޭނާއާއި ގުޅާކަން އެނގުނީމާ ރައްޓެހިމީހާއަށް އެކަން އަންގާލައި އެފޯނު ކަނޑާލައި ހުއްތޭބޭގެ ފޯނާއި ގުޅާލިއެވެ.
އާދަނު: السلام عليكم - ހުއްތޭބެ ކިހިނެއްތޯ؟
ހުއްތޭބެ: وعليكم السلام ورحمة الله وبركاته - ٱلْحَمْدُ لِلَّٰهِ
- ހުއްތޭބެ
ހަމަ ރަނގަޅު. ކުދިވެރިންވެސް އެކަހަލަގޮތެއް. ހުއްތޭބެ މިގުޅާލީ އާދަނުމެން
ކުދިން މުނިފޫހިފިލުވަން ތިޔަކުރާ ކަންކަމަށް ހިތްވަރުދީ އެކަންކުރިޔަށް
ގެންދިޔުމުގައި ހުއްތޭބެއަށް ފެންނަ ރަނގަޅުގޮތެއްގެ ވާހަކަވެސް ބުނެލަންކަމަށް.
އާދަނު: ޝުކުރިއްޔާ.
ހުއްތޭބޭ. މިކަހަލަ ކޮންމެ ކަމެއްގައިވެސް ހުއްތޭބެއާ ވާފިރުބެއާ ހުސެންބެމެންގެ
އެހީތެރިކަމާ މަގުދެއްކުން އަޅުގަނޑުމެން އަބަދުވެސް ބޭނުންވާނެ އިނގޭތޯ!
ހުއްތޭބެ: މިރޭ
ވާހަކަދައްކާލާނީ އާދަނުމެން މިހާރު ފަށައިގެންއުޅޭ ސުވާލު މުބާރާތާއި ދޭތެރޭ.
ޢާއްމުކޮށް ހަމަ ހުރިހާ އެންމެންގެ މެދުގައި ބާއްވާ މިކަހަލަ މުބާރާތެއްގެ ސުވާލާއި
ޚާއްޞަކޮށް އޭގެ ރަނގަޅު ޖަވާބު ވާންޖެހޭނީ ބިނާކުރަނިވި ބޭނުންތެރި އަދި ފައިދާކުރަނިވި
އެއްޗަކަށް. އަދި އެނގިފައިއޮތުން އެންމެނަށްވެސް ބޭނުންތެރި އެއްޗަކަށް.
މިސާލަކަށް މިއަދު ކަނީރުމާގޭ ރުގިއްޔާއާއި އާދަނު ކުރި އެއްސުވާލަކީ ގާފަރު
ސްކޫލު ހުންނަނީ ނައިފަރުގައިހޭ ނުވަތަ ދަރަވަންދޫގައިހޭ. މިއީ އެހާ ބޭނުންތެރި
ސުވާލަކަށްނުވޭ. އެއީ ގާފަރު ސްކޫލު ހުންނާނީ އެނަމާއި އެއްގޮތަށް ގާފަރުގައިކަން
އެނގޭނެ. އަދި އެހެންނޫނަސް އެވެނި ސްކޫލެއް ހުންނަނީ މިވެނި ތަނެއްގައިކަން
ސުވާލުކުރެވޭ މީހާއަށް އެނގުމުގެ އެއްވެސް ބޭނުމެއްނެތް ސްކޫލެއްނަމަ އެސުވާލުގެ
ބޭނުމެއްވެސް ނޯންނާނެ. މިސާލަކަށް ޖަލާލުއްދީން ސްކޫލު ހުންނަތަނެއް އެންމެންނަށް
އެނގެންނުޖެހޭ. އެނގުމުގެ ބޭނުމެއްވެސް ނޯންނާނެ. އެއީ އެންމެންނަކީ އެސްކޫލުގެ
ބޭނުމެއް ހިފަންޖެހޭ ބަޔަކަށްނުވާތީ.
(މިހިސާބުން ހުއްތޭބެ
ކަރުކެހިލައިފައި)
މިސާލަކަށް
އަލްއަމީރު ޙަސަން ފަރީދު ދީދީ އަވަހާރަވީ ދުވަހަކާއި، ކާށިދޫކަނޑުގެ
ފުންމިނާއި، ކޮޅުމަޑުލާއި
މާލެއާއި ދޭތެރޭގައި ހުރި ދުރުމިނަކާއި، މާލޭ ހުކުރުމިސްކިތުގެ ދެކުނުދޮރޯށި ނެގި ދުވަހަކާއި، ބުންބާމީހުން މާލޭގައި ނަމާދުކުރި މިސްކިތަށް މިހާރުކިޔާ ނަމަކާއި، މިނޫނަސް
މިޒާތުގެ ކަންކަމަކީ އެންމެނަށް ކޮންމެހެން އެނގެންޖެހޭ ކަންކަމެއްނޫނެވެ.
އެނގުމުގެ މާބޮޑު ބޭނުމެއްވެސް ހުރި ކަންކަމެއްނޫނެވެ. އެހެނެއްނޫނެވެ. ސާފުތާހިރުވުމާއި، ހަށިގަނޑަށް ފައިދާކުރަނިވި ކާނާއާއި، ހަށިގަނޑަށް ގެއްލުންދެނިވި ކަންކަމާއި، ބަލިބަލިން ސަލާމަތްވެތިބުމަށް ކުރެވިދާނެ ކަންކަމާއި، މަގުމަތީގެ އަދަބުތަކާއި، މީސްތަކުންނަށް
އަޅާލައި ބޭނުންޖެހިފައިވާ މީސްމީހުންނަށް ވެދެވެންއޮތް އެހީތެރިކަމެއް ދެވިދާނެ ގޮތްތަކާއި، މިހިރަ މިހިރަ ކަންކަމަކީ ހަމަ އެންމެނަށްވެސް ބޭނުންތެރި
ކަންކަމަށްވާތީ އެކަހަލަ ކަންކަމަށް ބިނާކޮށް ސުވާލުތައް ހުށަހެޅުމަކީ
ރަނގަޅުކަމަކަށްވާނެ ކަމަށް ހުއްތޭބެއަށް ފެންނާތީ މިވާހަކަބުނެލީ.
އާދަނު: ވަރަށް
ރަނގަޅު މަޢުލޫމާތުކޮޅެއް ތިޔަ ދެއްވީ. ބޮޑަށްވާގޮތަކީ ބައެއް އެހެން
ތަންތަނުންވެސް ރޯދަކުރުކުރަން ކުރާ ބައެއް ސުވާލުތަކަކީ އެންމެނަށް އޭގެ ޖަވާބެއް
ކޮންމެހެން އެނގެންވެސް ނުޖެހޭ ސުވާލުތަކަށްވެފައި ކޮންމެވެސް ހެއްވާގޮތަކަށް
ބައެއް ސުވާލުތައް ހުންނާތީ އަޅުގަނޑުމެންނަށްވެސް އެކަހަލަ ގޮތަކަށް ސުވާލުތައް
ބައްޓަންކުރެވެނީ. އިރާދަކުރެއްވިއްޔާ ދެން އެހެންނުވާނެ. ހުއްތޭބެ، ވާފިރުބެ، ހުސެންބެމެންގެ ޚިޔާލާއި މަޝްވަރާހޯދާނަން. ވަރަށްބޮޑަށް ޝުކުރިއްޔާ.
ހުއްތޭބެ:
މަރުޙަބާ.
---------------------
ލިޔުއްވީ: މީމުނޫނު
06/05/2020