ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ހުކުރު ކުރެއްވި ފުރަތަމަ ދުވަސް


"އެހެން ދުވަހެކޭ ވެސް އެއްގޮތަށް ހުކުރަށް ދާން ނަލަހެދިގެން ނިކުތީމެވެ. މުންނާރާއި ހަމަވި އިރު އެތާ ހުންނެވި ބޭކަލަކު ބުނުއްވީ މަޑު ކުރައްވާށެވެ. އޭރު މެދުޒިޔާރަތުގެ އިރުމަތީކަނާ ހިސާބުގައި ވެސް ވަރަށް ގިނަ ބަޔަކު ތިއްބާ ފެނިއްޖެ އެވެ. ދެން ހަމަ ދެކޮޅަށް ވެސް ހަމަ ވަނީ ގިނަ އެވެ.

ހުކުރު  މިސްކިތު އުތުރު ދޮރާށިން ވަންނަން އައި މީހުން ވެސް ތިބީ ބަންދު ވެފަ އެވެ. މީހުން މަޑުމަޑުން ބުނަނީ މި އަދު މީ ރައީސް ހުކުރު ކުރައްވާ ދުވަހެވެ. އިރުކޮޅަކުން މުލީއާގޭން މި އޮއް ނިކުމެވަޑައިގަތީ މުޙަންމަދު އަމީނު، މާބޮޑު ޖުއްބާއެއް ތުރުކުރައްވައިގެންނެވެ. ފަހަތްޕުޅުގައި ހުންނެވީ ޢަބްދުﷲ ފަހުމީ ދީދީ އެވެ. އޭރު ހުންނެވީ ޝައިޚުލް އިސްލާމްކަމުގެ ޢިއްޒަތް ވެސް ލިބިވަޑައިގެންފަ އެވެ. ސީދާ ވަޑައިގަތީ މެދުޒިޔާރަތާ ދިމާ އަށެވެ. ޝައިޚުލްއިސްލާމް ޢަބްދުﷲ ޖަލާލުއްދީނު ފާތިޙާ ވިދާޅުވެއްޖެ އެވެ. ދެން ވަޑައިގަތީ ހުކުރު މިސްކިތަށެވެ. ހަމަ ސީދާ މިހުރާބު ގެއަށެވެ. އެންމެންނަށް ވެސް ހުއްދަ ލިބިގެން އަރާ މިސްކިތް ފުރާލައިފި އެވެ.

ވާގޮތް ބަލާހިތުން މިހުރާބުގޭ ދޮރުކައިރީގައި އިށީނދެއްޖައީމެވެ. މާ އަވަހަށް ފޮށާ އޮޅައިލައިފި އެވެ. މި ކަންކުރީ މާ މުދިން ކަލޭފާނެވެ. އަމީން ދީދީ އިމާމަކަށް މެންބަރަށް އަރާވަޑައިގެންފި އެވެ. ހުކުރު ބަންގި ގޮވައިފި އެވެ. ދެން ފެށްޓެވީ ލިޔެފައި އޮތް ކަރުދާސް ގަނޑަކުން ޚުޠުބާ ވިދާޅުވާށެވެ. އެއީ ފުރަތަމަ ހުކުރު ޙަދީޘް ނުކީ ދުވަހެވެ. ވަރަށް ރީތި ޚުޠުބާއެއް ވިދާޅުވެއްޖެ އެވެ. އެ ދުވަސްވަރުގެ ގޮތުން އަރަބިންނާއި ދިވެހިންނެވެ. ވަރަށް ވެސް ރީއްޗެވެ.  ދެ ޚުޠުބާ ދޭތެރޭގައި މުއާލާތް ނުކެނޑޭ ގޮތަށް، މަޑު ޖައްސަވާ ލައްވާފައި ފަހު ޚުޠުބާ ފަށްޓަވައިފި އެވެ. ފަހު ޚުޠުބާގައި އޮންނަ ތާނިޔާ ވިދާޅެއް ނުވެ އެވެ. ވަރަށް ރީއްޗަށް ޚުޠުބާ ނިންމަވައިފައި ގަމަތް ދިނީމާ، އިމާމުވެ ހުކުރު ނަމާދު ކުރައްވައިފި އެވެ. ވިދާޅުވީ قل هو الله އާއި، ފަހު ރަކުޢަތުގައި   إناأعطينا އެވެ. ހަމަ ސަލާން ދެއްވުމާ އެކީ ފައިބައިވަޑައިގަތީ އެވެ. ވަރަށް ކުރުކޮށް ޞަލަވާތް ވިދާޅުވި އެވެ.

އިމާމަކަށް ވަނީ ޢަބްދުﷲ ޖަލާލުއްދީނެވެ. އަމީންދީދީގެ މޮޅުކަމާއި ނަސްލީ އިމްތިޔާޒަށް ކަމޭ ހިތްތަވާ ވަރު ވަރަށް ވެސް ބޮޑެވެ. އެންމެ ބޮޑު ކަމަކީ އެމަނިކުފާނު އަރާވަޑައިނުގަންނަވަނީސް އެއް ވެސް މީހަކު މިސްކިތަށް އެރިޔަ ނުދެއްވުމެވެ. އަޑު މަޚުރަޖު ވަރަށް ރީއްޗެވެ.

ކޮންމެއަކަސް ބޮޑެތި ދުވަސް ދުވަހާ ބައްދަލުވި އެވެ. ބޮޑުވިއްސާރަ ދުވަހެވެ. މޮޓަރުބޯޓު ގަޑުބަޑު ފެށުނު ދުވަހެވެ. ބޮޑު ބުރާސްފަތި ދުވަހެވެ. އަމީން ދީދީ ރައީސުލްޖުމްހޫރިއްޔާކަމަށް އިސްކުރެއްވި ދުވަހަކީ، 1953 ޖަނަވަރީ 01 ވަނަ ދުވަހެވެ. ހުކުރު ކުރައްވާނީ މި އާ ވަރަށް ގާތް ދުވަހެއްގައި  ކަމަށް ލަފާކުރެވެ އެވެ."
        ----------------------------------
މަޢުލޫމާތު: އަލްމަރުޙޫމް ޢަބުދުލްޙަކީމް ޙުސައިންމަނިކުގެ ލިޔުއްވުމަކުން