މުޙައްމަދު އަމީނުގެ ތަޢުލީމީ ޙަޔާތްޕުޅު - ނުދެއްކި ހުރި ވާހަކަ

މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ތަޢުލީމީ ޙަޔާތްޕުޅާ ބެހޭ ގޮތުން އަޅުގަނޑުވާނީ ތަޙުޤީޤީ އަދި ތަޙުލީލީ މަޒުމޫނެއް ފަތްތޫރައިގައި ލިޔެފައެވެ. އެއީ ފަތްތޫރައިގެ 354 ވަނަ އަދަދުގައެވެ (ސެޕްޓެމްބަރ 2008). މި މަޒުމޫނުގައި ފާހަގަކުރަން މި އުޅެނީ އެ މަޒުމޫނުގައި ފާހަގަނުކުރެވިވާ ވާހަކައެވެ. ނުދެއްކި ހުރި ވާހަކައެވެ.

މުޙައްމަދު އަމީންގެ ތަޢުލީމީ ޙަޔާތްޕުޅާބެހޭ ގޮތުން ލިބެން އޮތް ހަމައެކަނި މަޞްދަރަކީ (ސޯރސް) އެމަނިކުފާނުގެ ބައޮގްރަފީއެވެ. އެމަނިކުފާނު ލިޔުއްވި އޮޓޯބައޮގްރަފީއެވެ. ޙަޤީޤަތުގައި މީހެއްގެ ޙަޔާތާބެހޭ ގޮތުން ބަލަން އޮންނަ އެންމެ އިތުބާރު ހުރި މަޞްދަރަކީ އެ މީހެއްގެ ލިޔުމެވެ. ދެން އެ މީހަކު ކިޔެވި ތަނަކުން ލިބެން އޮތް އެ މީހެއްގެ ތަޢުލީމާ ބެހޭ ރެކޯޑެވެ. މުޙައްމަދު އަމީނުގެ ތަޢުލީމާބެހޭ ރެކޯޑް ޢަލީގަޅު މުސްލިމް ޔުނިވަރސިޓީން ހޯދަން އުޅެ އެކަންވަނީ ނުވެފައެވެ. އެމަނިކުފާނު އެ ޔުނިވަރުސިޓީން ނެންގެވި ސެޓްފިކެޓެއް އަދި އެމަނިކުފާނު ގެންގުޅުއްވި އެއްވެސް ލިޔެކިޔުމެއް - ދަރިކަނބަލުން ވިދާޅުވާ ގޮތުގައި - ވަރަށް ކުރީއްސުރެ އަތިރީގެއަކު ނެތެވެ. މުޙައްމަދު އަމީން ލިޔުއްވި އޮޓޯބައޮގްރަފީ –އަޅުގަޑުގެ ހަދާންތައް -  މިއީ އެ މަނިކުފާނު ސަރުކާރުގެ ޚަބަރުގައި ލިޔުއްވި މަޒުމޫނުތަކެކެވެ. ފަހުން ފޮތަކަށް ޗާޕުކުރެއްވީއެވެ. ފޮތް ޗާޕުކުރެއްވި އަހަރު އެނގޭކަށް ނެތެވެ. މަޒުމޫނުތައް – ނުވަތަ ފޮތް - ނިންމަވާފައިވަނީ ހިޖުރައިން 1371 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 25 ވަނަ ދުވަހު ކަން ފޮތުން އެނގެއެވެ. އެހެންކަމުން ފޮތް ލިޔުއްވައިފައިވަނީ އަލީގަޅުން ތަޢުލީމު ޙާޞިލުކުރައްވައިގެން ވަޑައިގެންނެވިތާ 23 އަކަށް އަހަރު ފަހުންނެވެ. "އަޅުގަޑުގެ ހަދާންތައް" އެމަނިކުފާނު ލިޔުއްވީ ޙަޔާތްޕުޅުގެ ފަހުކޮޅުގައި އެމަނިކުފާނު އުޅުއްވި ބޮޑު އާލާސްކަންފުޅުގައި އުޅުއްވަމުންކަން މި ފޮތުގެ އެތައްތާކުން ދޭހަވެއެވެ. އެހެންކަމުން ފޮތް ލިޔުއްވިއިރު އެމަނިކުފާނުގެ ހަނދުމަފުޅަށްވަނީ އަސަރުކޮށްފައެވެ. ފޮތް ލިޔުއްވައިފައިވަނީ ހަނދުމަފުޅުގެ މައްޗަށް ކަމަށްވެސް ފެނެއެވެ. ކިޔަވައި ވިދާޅުވާން އުޅުއްވިއިރު ނޯޓުތަކެއް ކުރައްވައި އެ ނޯޓުތަކުގެ އަލީގައި ކަމަކަށް ނުފެނެއެވެ. ބައެއް ކަންކަމުގެ ތާރީޚު ނޯޓުކުރައްވައިފައި އޮތުމަކީ ވެދާނެ ކަމެކެވެ. އެހެންކަމުން ފޮތުގައި ސުވާލު އުފެދޭ އެތައް ކަމެއް ވެއެވެ. ފޮތުގައި އެންމެ އޮޅުން ބޮޑީ ޢަލީގަޅުގައި އުޅުއްވި ދުވަސްވަރާބެހޭ ގޮތުން ލިޔުއްވި ލިޔުއްވުންތަކުގައެވެ. 

ސެންޓް ޖޯސޮފްސް ކޮލެޖުން ވަކިވެވަޑައިގަތުމަށްފަހު ސެންޓް ޖޯންސް ކޮލެޖަށް ވެދެވަޑައިގަތީ ހަމަ އެދުވަހު – ސެންޓްސް ޖޯސޮފް ކޮލެޖުން ވަކިވެވަޑައިގަތް ދުވަހު – ކަމަށް ލިޔުއްވައެވެ. (އަޅުގަޑުގެ ހަދާންތައް، ޞ. 89، 90، 93) މިއީ ވެސް ސުވާލު ނުއުފެދުމަށްވުރެ އުފެދުން ގާތްކަމެކެވެ.
މުޙައްމަދު އަމީން ލިޔުއްވަނީ އެމަނިކުފާނު މެޓްރިކިޔްލޭޝަން ފާސްކުރެއްވީ އަލީގަޅު ޔުނިވަރސިޓީން ކަމަށެވެ. މިގޮތަށް ފޮތުގެ ދެ ތަނެއްގައި ލިޔުއްވައެވެ. (ޞ. 112، 118) އަދި އެމަނިކުފާނު ނެންގެވި މެޓްރިކިޔްލޭޝަނަކީ ލަންޑަން މެޓްރިކިޔްލޭޝަން ކަމަށްވެސް ލިޔުއްވައެވެ. (ޞ. 112).

އަލީގަޅު މުސްލިމް ޔުނިވަރސިޓީ، އެމް.އޭ.އޯ. ކޮލެޖް ގޮތުގައި އުފެދުނީ ..... ވަނަ އަހަރުއެވެ. ކޮލެޖް ފުރަތަމަ ހުރީ ކަލްކައްތާ ޔުނިވަރސިޓީގެ ދަށުގައެވެ. އެފިލިއޭޓްކޮށެވެ. ފަހުން ހުރީ އިލާހުއާބާދު ޔުނިވަރސިޓީގެ ދަށުގައެވެ. އެހެންކަމުން އެމް.އޭ.އޯ. ކޮލެޖުން އެއްވެސް އިރެއްގައި ލަންޑަނުގެ އިންތިހާނެއް ނުދެއެވެ. ލަންޑަންގެ ޔުނިވަރސިޓީއަކާ ގުޅިގެން އެ ކޮލެޖެއް ނުހިންގައެވެ.
މުޙައްމަދު އަމީން ވަދެވަޑައިގަތީ އެމް.އޭ.އޯ. ކޮލެޖަކަށް ނޫނެވެ. އެއިރު އެ ކޮލެޖުވަނީ ޔުނިވަރުސިޓީއަކަށް ބަދަލުވެފައެވެ. އަލީގަޅު މުސްލިމް ޔުނިވަރސިޓީގެ ނަމަށެވެ. އެއީ 1920 ޑިސެމްބަރ 1 ގައެވެ.

އެއްވެސް ޔުނިވަރުސިޓީއަކީ – އެހެން ޤައުމެއްގެ ވިޔަސް – އެހެން ޔުނިވަރސިޓީއެއްގެ އިންތިހާނު އެތަނަކުން ދޭ ތަނެއް ނޫނެވެ. ޔުނިވަރސިޓީއަކަށް ބަދަލުވުމުން އެތާނގެ ހައި ސްކޫލާއި އަދި ކޮލެޖް (އިންޓަރމީޑިއޭޓްގެ މަރުހަލާ) ހިނގީ އެ ޔުނިވަރުސިޓީގެ ދަށުންނެވެ. ހައި ސްކޫލުގެ މެޓްރިކިޔްލޭޝަނާއި (ދިހަވަނަ ކްލާސް) އަދި އިންޓަރމީޑިއޭޓު (11 އަދި 12 ވަނަ ކްލާސް) ގެ އިންތިހާނު ދެމުން އައީ ޢަލީގަޅު ޔުނިވަރސިޓީގެ ދަށުންނެވެ. އެ ދުވަސްވަރު އިންޓަރގެ މަރުޙަލާ ބަލަނީ ކޮލެޖްގެ ގޮތުގައެވެ.

މުޙައްމަދު އަމީން ސިލޯނުގެ ދެ ކޮލެޖްގައި (އެ ދެ ތާނގެ އިސްކޫލުގައި) އުޅުއްވީ 7 އަހަރުއެވެ. އިސްކޫލުގައި އުޅުއްވިއިރު ޑަބަލް ޕްރޮމޯޝަން ނެންގެވިއެވެ. އެއީ ސެންޓްސް ޖޯސޮފްސް ކޮލެޖުގައި އުޅުއްވިއިރުއެވެ (ޞ. 67). މިގޮތުން ދެ ފަހަރު ޑަބަލް ޕްރޮމޯޝަން ނެންގެވި ކަމަށް ފެނެއެވެ.
ސެންޓް ޖޯންސް ކޮލެޖަށް އެމަނިކުފާނު ވެދެވަޑައިގަތީ ފޯރމް ނުވަތަ ގްރޭޑް ނުވައަކަށެވެ. އެ ކޮލެޖްގެ އިސްކޫލަށް ވެދެވަޑައިގަތީ "ޕްރްލިމް ފޯމަށް" ކަމަށް އެ ވިދާޅުވަނީ (ޞ. 93) މެޓްރިކިޔްލޭޝަންގެ މަރުޙަލާގެ ފުރަތަމަ އަހަރު ނުވަތަ ފެށޭ އަހަރު (ޕްރެލިމިނަރީ) ކަމަށް ފެނެއެވެ.

ފޯރމް ނުވައެއް ކިޔަވައި ވިދާޅުވީ ޕާނަދުރާގައި ހުންނަ ސެންޓް ޖޯންސް ކޮލެޖުގެ އިސްކޫލުގައެވެ. އެތާނގައި – އެމަނިކުފާނު ލިޔުއްވައިފައިވާ ތާރީޚަށް ބަލާއިރު – ދެ އަހަރު އުޅުއްވިއެވެ. އެއީ 1926-1927 އަށް އަދި 1927-1928 އަށެވެ. ވީމާ ސެންޓް ޖޯންސް ކޮލެޖުގެ އިސްކޫލުން މެޓްރިކް އިންތިހާނަށް ފަހު ވަކިވެވަޑައިގަތީ 1928 ސެޕްޓެންބަރު ހައި ތާނގައެވެ.

މުޙައްމަދު އަމީން ޢަލީގަޅު މުސްލިމް ޔުނިވަރސިޓީއަށް ވަދެވަޑައިގަތީ ސިލޯނުން ލަންޑަން މެޓިކިއުލޭޝަން ނަންގަވައިގެންނެވެ. ސިލޯނުގައި އެ ދުވަސްވަރު ހިނގި ކޮލެޖުތަކަކީ ކްރިސްޓިއަން މިޝަނަރީތަކުން ހިންގި ތަންތަނެވެ. އެ ތަންތަން ހިންގީ އިނގިރޭސިވިލާތުގެ ކޮންމެވެސް ހައިސްކޫލް ބޯޑަކާ ނުވަތަ ޔުނިވަރސިޓީއަކާ ގުޅިގެންނެވެ.

އަލީގަޅު ޔުނިވަރސިޓީގައި (ޔުނިވަރސިޓީގެ ކޮލެޖްގައި) މުޙައްމަދު އަމީން 8 މަސް ނުވަތަ 9 މަސް ހޭދަކުރެއްވިއެވެ. ޚުދު އެމަނިކުފާނު ފޮތުގެ އެއް ތަނެއްގައި ލިޔުއްވަނީ "ދިހަވަރަކަށް މަސްދުވަހު އަލީގަޅުގައި އުޅުއްވި ކަމަށެވެ (ޞ. 118). ޢަލީގަޅު ޔުނިވަރސިޓީގައި "އަހަރަކާއި އެތަކެއް މަސްވަންދެން" (ޞ. 112) އެމަނިކުފާނު ނުއުޅުއްވައެވެ.

އަލީގަޅަށް ވެދެވަޑައިގަތީ އިންޓަރމީޑިއޭޓްގެ ފުރަތަމަ އަހަރަށެވެ. އެއީ 11 ވަނަ ކްލާހެވެ. އެ އަހަރުގެ އިންތިހާނު ދެއްވުމާއެކު ލިބިވަޑައިގަތީ އެމަނިކުފާނު ވިދާޅުވާ "ދިގު ޗުއްޓީ" (ޞ. 120) އެވެ. އެއިރު އޮތީ ހޫނު މޫސުން ފެށިފައެވެ. އެ ޗުއްޓީ ނިމޭނީ ދެ މަހެއްހައި ދުވަސް ފަހުންނެވެ. ޗުއްޓީވުމުން ވަޑައިގަތީ ލަކަނޫއަށެވެ. އެ ހިސާބުން އެމަނިކުފާނު ތަޢުލީމީ ޙަޔާތްޕުޅު ނިމުނީއެވެ. ދެން ވަޑައިގަތީ ރާއްޖެއެވެ.

އިންޓަރ އާރޓް (އިންޓަރމީޑިއޭޓް/އާރޓް) ކްލާހަށް ވެދެވަޑައިގެން އެ އިންތިހާނު ފާސްކުރެއްވި ކަމަށް ލިޔުއްވައެވެ (ޞ. 118). ރަނގަޅު ގޮތަކީ މިއީއެވެ. އިންޓަރމީޑިއޭޓް އާރޓަށް އެފް.އޭ. ވެސް ކިޔައެވެ. އިންޓަރމީޑިއޭޓް/ސައިންސަކީ އެފް.އެސްސީ އެވެ.
ފޮތުގެ އެހެން ތަނެއްގައި "އިންޓަރސައިންސް ކްލާހަށް ދާޚިލުވެ އެ އެގްޒެމިނޭޝަން" (ޞ. 112) ފާސްކުރެއްވި ކަމަށް ލިޔުއްވައިފައިވަނީ ހަނދުމަފުޅުގެ އޮޅުމަކުންނެވެ.

އަޅުގަނޑު އިބްރާހީމް ޙިލްމީ ދީދީގެ ފައިންޕުޅު ދުށް ފަހަރަކު އޭނަ – ޙިލްމީ – އުޅުއްވީ އިންޓަރ/ސައިންސްގައި ކަމަށާއި މުޙައްމަދު އަމީން އުޅުއްވީ އިންޓަރ/އާރޓްގައި ކަމަށް ވިދާޅުވިއެވެ.

ޚުލާސާ
މުޙައްމަދު އަމީން ނެންގެވި މެޓިކިލޭޝަނަކީ ލަންޑަން އިންތިހާނެކެވެ. މެޓްރިކް ނެންގެވީ ސިލޯނުންނެވެ. ޢަލީގަޅު ޔުނިވަރސިޓީއަކުން ނޫނެވެ. ޢަލީގަޅަށް ވަޑައިގެން މުޙައްމަދު އަމީން ވަދެވަޑައިގަތީ ޢަލީގަޅު މުސްލިމް ޔުނިވަރސިޓީގެ އިސްކޫލަށެވެ. ނުވަތަ ކޮލެޖަށެވެ. އިންޓަރމީޑިއޭޓް (އިންޓަރ)ގެ ފުރަތަމަ އަހަރަށެވެ. އެއީ 11 ވަނަ ކްލާހެވެ. އެއަހަރުގެ އިންތިހާނު ދެއްވުމަށްފަހު ޗުއްޓީ ލިބިވަޑައިގަތުމުން ވަޑައިގަތީ ލަކަނޫއަށެވެ. އެ ދުވަސްވަރު އިންޓަރމީޑިއޭޓަށް ފަހު ބީ.އޭ. ނުވަތަ ބީ.އެސްއީ އަށް އޮންނަނީ ދެ އަހަރު ދުވަހުގެ ކިޔެވުމެވެ. ވީމާ މުޙައްމަދު އަމީން ރާއްޖެ ވަޑައިގަތީ އިންޓަރމީޑިއޭޓްގެ ފުރަތަމަ އަހަރުގެ އިންތިހާނު ދެއްވުމަށްފަހުއެވެ. އިންޓަރމީޑިއޭޓްގެ ދެވަނަ އަހަރު ކިޔަވައި ވިދާޅުނުވެއެވެ.

ޙަވާލާ
އަޅުގަނޑުގެ ހަދާންތައް، މުސްކުޅި ޗާޕު

އަލީގަޅު ޔުނިވަރސިޓީގެ ތާރީޚާބެހޭ އެކިއެކި ފޮތްފޮތް
                      --------------------
މުޞަންނިފު: އަލްއުސްތާޛު މުޙައްމަދު ވަޙީދު ނަދްވީ