ތިންގަޑި ތިރީސް މިނެޓްއިރު ރޯދަހިފާ މީހުން އުޅޭ ރަށެއް












މި ރަމަޟާން ފެށުމާއެކު، ދުވާލަކު ކުޑަ އިރުކޮޅަކު ރޯދަހިފާ ބަޔަކު އުޅޭ ރަށެއް ނުވަތަ އަވަށްގަނޑެއްގެ ވާހަކަ ދެކެވެން ފެށި އެވެ. އެ އަވަށްގަނޑަށް ދިއުމަށް ގިނަ ބަޔަކު އުންމީދުކުރި އެވެ. ރަމަޟާންމަހު ކުރުކޮށް ރޯދަހިފުމަށްޓަކަ އެވެ. އެއާއެކު އެ އަވަށްގަނޑުގެ ގުދުރަތީ ރީތިކަން ވެސް ދެކިލުމަށްޓަކަ އެވެ. އެއީ، ދުނިޔޭގެ ދެކުނު ބިތުގައި ނުވަތަ އުތުރު ބިތުގައިވާ އަވަށްގަނޑެއް ކަމަށް ބައެއް ކިޔުންތެރިން ހީފުޅުކުރެއްވުމަކީ ދުރު ކަމެއް ނޫނެވެ. އެހެނަސް، ޙަޤީޤަތުގައި އެއީ، ޢަރަބި ޝިބުހު ޖަޒީރާގައި ވާ އަވަށްގަނޑެކެވެ. 


އެއީ، "ޤަރުޔަތު ވަކާން" އެވެ. ނުވަތަ "ވަކާން ވިލެޖް" އެވެ. އެ އަވަށްގަނޑު ވަނީ، ސުލްޠަނަތު ޢުމާންގެ ޖުނޫބުލްބާޠިނާ މުޙާފަޡާގެ ނަޚުލު ވިލާޔާގަ އެވެ. އެ އަވަށްގަނޑާ ޢުމާނުގެ ވެރިރަށް މަސްޤަޠާ ދެމެދުގައި ވަނީ، 150 ކިލޯމީޓަރެވެ. ކަނޑުގެ ލޮނުގަނޑުގެ މަތިން ފެށިގެން 2000 މީޓަރު އުހުގައި އޮންނަ އެ އަވަށްގަނޑުގެ ޚާއްޞަ މީޒާއަކީ، ދުވާލު އިރުގެ ދޯދިތައް ވާޞިލުވާ ވަގުތުކޮޅު ކުރުކަމެވެ. ޢުމާނު ގަޑިން ދުވާލު 11:00 ގައި އެ އަވަށަށް އަރާ އިރު އޮއްސެނީ، ދުވާލު 2:30 ގަ އެވެ. ބައެއް ހިސާބުތަކަށް 2:00 ގަ އެވެ. އެހެންކަމުން އެ އަވަށުގެ ދުވާލުގެ ދިގުމިނަކީ، 3 ގަޑި 30 މިނެޓް ކަމަށާއި، 3 ގަޑިއިރު ކަމަށް މީޑިއާގައި ޚަބަރު ފެތުރިފައި ވެ އެވެ.

ތިރީގައި މިވަނީ އެ އަވަށްގަނޑުގެ ބައެއް ފޮޓޯތަކެވެ.






          ---------------

މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން