މީހަކާއިން ރޭ މަންމަ ދިން ނަޞޭޙަތްޙާރިސުގެ ދި އުމާމާގެ އަންހެން ދަރިފުޅު، މީހަކާއިން ރޭ، އޭނާގެ ދަރިފުޅަށް ވަރަށް އަގުހުރި ނަސޭހަތުގެ ބަސްކޮޅެއް ހަދިޔާކުރި އެވެ. އެއީ، ދިރިއުޅުމެއް ފަށާ ކޮންމެ އަންހެން ކުއްޖަކަށްމެ ނުހަނު އަގުހުރި ޖަވާހިރުތަކެކެވެ. އުމާމާ އޭނާގެ ދަރިފުޅަށް ބުންޏެވެ.

ދަރިފުޅާ އެވެ! ތިބާގެ ގެއާ ތިބާ ވަކިވުމުގެ ވަގުތު ޖެހިއްޖެ އެވެ. މިއީ ތިބާ އުފަންވި ގެ އެވެ. މިއީ ތިބާ އުޅެ ބޮޑުވި ހާއްޔެވެ.
މި ހާލި ދޫކޮށް ތިބާ ދާން ޖެހެނީ، ތިބާ އޮޅުނުވާ އެހެން ހާއްޔަކަށެވެ. އެތާނގައި ތިބާގެ ބައިވެރިޔަކީ، ތިބާއަށް އޭނާގެ ގޮތް ނޭނގޭނެ މީހެކެވެ. ފަހެ، ތިބާއަކީ، އޭނާއަށް އިޚުލާޞްތެރި ޚާދިމެއް ކަމުގައިވާށެވެ! އޭރުން އޭނާ ތިބާގެ އަޅެއް ކަމުގައި ވާނެ އެވެ! އޭނާއަށްޓަކައި ދިހަކަމެއް ފުރިހަމައަށް އަދާކުރާށެވެ! އޭރުން އޭނާއަކީ ތިބާއަށް ނިމުމެއް ނެތް ޚަޒާނާއެއް ކަމުގައި ވާނެ އެވެ! 

ފުރަތަމަ ކަމަކީ، އޭނާގެ ހާލަތާމެދު ރުހިގެން އޭނާއާއެކު ދިރިއުޅުމެވެ.
ދެވަނަ ކަމަކީ، އޭނާއަށް ކިޔަމަންތެރިވެގެން ދިރިއުޅުމެވެ.
ތިންވަނަ ކަމަކީ، ތިބާއަކީ ރީތި ފަތްމިންޏެއްކަން އޭނާގެ ލޮލަށް ދެއްކުމެވެ.
ހަތަރުވަނަ ކަމަކީ، ތިބާއަކީ ވަސްމީރު މަލެއްކަން އޭނާގެ ނޭފަތަށް އެންގުމެވެ.
ރީތިކަން ދެއްކުމަށް އެންމެ ރަނގަޅު ކޮސްމެޓިކަކީ އަނދުނެވެ. ސާފު ތާހިރުވުމަށް އޮތް އެންމެ ރަނގަޅު ވަސީލަތަކީ ސާފު ފެނާއި ވަސްމީރު ސައިބޯންޏެވެ.

ދަންނާށެވެ! 
ފަސްވަނަ ކަމަކީ، ކާގަޑީގައި އޭނާއަށް ކާންދިނުމެވެ. ބަނޑުހައިހޫނު ކަމަކީ ބިޔަ އަލިފާންގަނޑެކެވެ.
ހަވަނަ ކަމަކީ، ނިދާގަޑީގައި އޭނާއަށް އުނދަގޫ ނުކުރުމެވެ. ނިދި ނަގާލުމަކީ، ބޮޑު މުޞީބާތެކެވެ.
ހަތްވަނަ ކަމަކީ، އޭނާގެ ގޮދޮރާއި މުދަލަށް ފަރުވާތެރިވުމެވެ.
އަށްވަނަ ކަމަކީ، އޭނާއާއި އޭނާގެ ދަރީން ބެލެހެއްޓުމެވެ.
ނުވަވަނަ ކަމަކީ، އޭނާގެ އަމުރާ ދެކޮޅުވެރި ނުވުމެވެ. ތިބާ ދެކޮޅުވެރިވެއްޖެނަމަ، ނުވަތަ އޭނާގެ މޫނުމަތީގައި ޒުވާބުކޮށްފިނަމަ، އޭނާ ހަމަހިމޭނުން ހުރެދާނެކަމަކަށް ނުބަލާށެވެ!
ދިހަވަނަ ކަމަކީ، އޭނާގެ ސިއްރެއް ބޭޒާރުނުކުރުމެވެ. ތިބާ އޭނާގެ ސިއްރެއް ބޭޒާރުކޮށްފިނަމަ، އޭނާގެ ޣަދަރުވެރިކަމުން ތިބާ ސަލާމަތްވެދާނެ ކަމަކަށް، ހީނުކުރާށެވެ!

މިކަންތައްތައްފަހު، ގަދަ ހަނދާނުން ހަނދާންކުރާށެވެ!
އޭނާ ހިތާމަކުރާ ހިނދު، ތިބާ އުފާ ފާޅުނުކުރާށެވެ!
އެއީ، ތިބާގެ ކިބައިން ފާޅުވާނެ ނުފޯރުންތެރިކަމެއް ކަމަށް ނޫނީ ނުވާނެ އެވެ.
އޭނާ އުފާކުރާ ހިނދު، ތިބާ ހިތާމަ ފާޅުނުކުރާށެވެ!
އެއީ، ތިބާގެ ކިބައިން ހިލޭނެ ކިލަނބުކަމެއް ކަމަށް ނޫނީ ނުވާނެ އެވެ.

ދަންނާށެވެ! ތިބާ އޭނާއަށް މާތްކޮށް ހިތިވަރަކަށް، އޭނާ ތިބާގެ މައްޗަށް ދީލަތިވެ އޯގާވެރިވާނެ އެވެ.
ތިބާއަށް އެކަން ކުރެވޭނީ، ތިބާގެ ރުހުމުގެ މައްޗަށް އޭނާގެ ރުހުން އިސްކޮށްގެންނެވެ.
ތިބާގެ މުހުތާދުގެ މައްޗަށް އޭނާގެ މުހުތާދު އިސްކޮށްގޮންނެވެ.

ތިބާ ރުހޭ ކަންތައްތަކާއި، ނުރުހޭ ކަންތައްތަކުގައި މިބުނެދިން ގޮތަށް ޢަމަލުކުރާށެވެ!
މާތް ﷲ ތިބާއަށް ހެޔޮ ގޮތްތައް މެދުވެރިކުރައްވާނީ އޭރުންނެވެ.
އެކަލާނގެ ޙަޟުރަތަށް ވަކީލުކުރާ ޙާލު، ތިބާއަށް ވަދާއުކިޔަމެވެ.
             ------------------

ތަރުޖަމާ: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން