ދިވެހީން މިދެކޭ ޑިމޮކްރަސީއާއި އިބްލީސް












މީގެ އެތައް އަހަރެއްގެކުރިން ފެށިގެން ދިވެހިރާއްޖެއިން ފެންނަމުންދިޔަ އިސްލާމީ އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމާއި ކުލުނާއި ލޯތްބާއި ހަމްދަރުދީއާއި ރިވެތި އަޚުލާގާއި ސުލޫކާއި ނެތިގެންމިދަނީ ޑިމޮކްރަސީގެނަމުގައި ޕާޓީ ފިކުރާއި ފައިސާއާއި ތަކެއްޗާއި ދުނިޔަވީ ދަހިވެތިކަން ދިވެހި މުސްލިމް ބަޔެއްގެ ހިތްތަކަށް ވަދެގެންނެވެ.  

ބައެއް މައިންބަފައިންނާއި އެމީހުންގެ ދަރިންގެތެރެއިންނާއި އެކިއެކި އަޚުންނާއި އުޚުތުންގެތެރެއިންނާއި ރައްޓެހިންނާއި ދޭދޭ ފަރުދުންގެ ތެރެއިންވެސް މިއަދު ފެންނަމުންދަނީ އިސްލާމީ ރިވެތިހަމަތައް ނެތިގެންދާތަނެވެ. މިއީ އިސްލާމީ ކޮންމެ ދިވެހިދަރިއަކުވެސް ހެޔޮހިތުން ވިސްނައިލުން މިއަދު ލާޒިމުވެފައިވާ ކަމެކެވެ. މިކަންކަމާމެދު އެބުނެވޭ ހެޔޮބަހަކީ ތިމާމެންގެ ދެދުނިޔޭގެ ސަލާމަތާއި ބާއްޖަވެރިކަން އޭގެތެރޭހިމެނޭ ބަހެއްނަމަ އެބަހެއް ބުނިމީހަކަށް ނުބަލައި އެމީހަކު އެބުނި ހެޔޮ ބަހަކަށް މިއަދު ވިސްނައި އެއަށް ޢަމަލުކުރަން ވެއްޖެއެވެ.

ޑިމޮކްރަސީގެ ނަމުގައި މަކަރުވެރިކަމާއި ޙީލަތްތެރިކަމުގެ ތެރެއިން ޕާޓީ ފިކުރާއި ފައިސާއާއި ތަކެއްޗާއި ދުނިޔަވީ ދަހިވެތިކަމުގެ އަވާގައި އަޅުގަނޑުމެން މުސްލިމް ދިވެހީންގެބަޔަކު ޖެއްސީ ޝައިޠޯނީ ބާރުތަކުގެ އެންމެކުރީގައި ހުދު ސުންދުސީ ފޭރާމުގައި ހަށިފޮޅައިލައި ޖަޑިބުހެދިގެން އިބްލީސުއްލަޢީން ހުރެގެންނެވެ. މުސްލިމު ދިވެހީންގެބަޔަކު ވާވައްދައި ޝައިޠާނީ ބާރުތަކުން ދައްކާ ހަވާނަފުސުގެމަގުން ދަތުރުކުރާ މުސްލިމު ދިވެހީންގެ މީހަކަށްފަހު މީހަކު އާޚިރުގައި ވެއްޓޭނީ ފުންމިން އެނގިގެންނުވާ އަނދިރި ވަޅަކަށެވެ. މިހެންވެއްޖެނަމަ ދެން އެވަޅުން އެރޭނޭ އެއްވެސްގޮތެއް ނޯންނާނެއެވެ.

އިބްލީސުއްލަޢީނުގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން އެކަލޭގެ ސުވަރުގެއިން ނެރެލެއްވި ވަގުތުން ފެށިގެން އާދަމުގެދަރިން މަގުފުރައްދައި ނުބައިކަމުގެ އެންމެހައި ދޮރުތަކުން އެބައިމީހުން ވެއްދުމަށްޓަކައި މިކަލޭގެ ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިކަމަކީ މިހެންއޮތް ކަމެއްކަން އަޅުގަނޑުމެން މުސްލިމް ކޮންމެމީހަކު ވިސްނައިލިނަމަވެސް ލަހެއްނުވެ އެނގިދާނެއެވެ. 

ކުރިންވެސް ދަންނަވައިލިހެން މީގެ އެތައް އަހަރެއްގެކުރިން ފެށިގެން ދިވެހިރާއްޖެއިން ފެންނަމުންދިޔަ އިސްލާމީ އުޚުއްވަތްތެރިކަން މިއަދު ނެތިގެންދަނީއެވެ. އެތައްގޮތަކުން އެތައް ކަމަކުންނެވެ. އޭގެ ފާޅުކަންބޮޑު އެއްކަމަކީ ތިމާމެންގެ ޕާޓީ ފިކުރުގެ މީހަކަށްނުވާނަމަ ތިމާމެންގެ މުސްލިމް އަޚާ ނުވަތަ އުޚުތު ދުނިޔެ ދޫކުރުމުން އެމައްޔިތާއަށް ކުރާ ހެޔޮދުޢާގައިވެސް ތިމާމެން ބައިވެރިނުވާކަމެވެ. ބައިވެރިވާންވެސް ބޭނުންނުވާ ކަމެވެ. އަދި ކީއްތޯއެވެ. އެމައްޔިތާގެ ކަށުނަމާދާއި އެމައްޔިތާއަށް ހެޔޮދުޢާކުރުމުގެ ވަގުތުކޮޅެއްގައިވެސް ތިމާމެން ބައިވެރިނުވާ ކަމެވެ. ބައިވެރިވާންވެސް ބޭނުންނުވާ ކަމެވެ. މިއީ ތެދެއްތޯ ނޫނީ ދޮގެއްތޯ ބަލަން ބޭނުންވާމީހަކަށް މިކަން ރަނގަޅަށް ފެންނާނެއެވެ. އެމައްޔިތާގެ ޖަނާޒާއާއި، ކަށުނަމާދާއި، އަދި އެމައްޔިތާއާއި ގުޅުންހުރި އެހެނިހެންވެސް ކަންކަމާއި ތަންތަނުންނެވެ.

މުސްލިމުން ދުނިޔެ ދޫކުރުމަށްފަހު އެމައްޔިތުންނަށް ދަރުމައާއި ސަވާބާއި ފައިދާކުރާނޭ ކަންކަމުގެ އެއްކަމަކީ އޭނާއަށް ހެޔޮ ދުޢާކުރުމެވެ. މިދެންނެވިގޮތަށް އެމައްޔިތާއަށް ކުރާ ހެޔޮދުޢާގެ ފައިދާ އޭނާއަށްކުރާނެކަމުގެ ދަލީލަކީ ކީރިތި ގުރުއާންގެ ވަޙީ ބަސްފުޅެވެ. 

މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅުގައިވެއެވެ.
وَالَّذِينَ جَاءُوا مِنْ بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ  (سورة الحشر - 10)
މާނައީ. "އަދި އެއުރެންގެ ފަހަތުން އަންނަމީހުން ބުނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ. އަޅަމެންނަށް ފާފަފުއްސަވައި މަޣުފިރަތު ދެއްވާފާނދޭވެ. އަޅަމެންނަށްވުރެ ކުރިން އީމާންކަންމަތީ ދެމިތިބި އަޅަމެންގެ އަޚުތަކުންނަށްވެސް ފާފަފުއްސަވައި މަޣުފިރަތު ދެއްވާފާނދޭވެ. އަދި އަޅަމެންގެ ހިތްތަކުގައި އީމާންވެއްޖެ މީސްތަކުންނަށް އެއްވެސްކަހަލަ ރުޅިވެރިކަމެއް އޮތަނުދެއްވާފާނދޭވެ. އަޅަމެންގެވެރި ރަސްކަލާކޮ. ހަމަކަށަވަރުން އިބަ އިލާހީ ނުހަނު އޯގާވެރި ރަޙީމުވަންތަ އިލާހެވެ."

ކީރިތި ރަސޫލު (ޞ.ޢ.ވ) ޙަދީސްކުރެއްވިއެވެ. 
"استغفروا لأخيكم واسألوا له التثبيت فإنه الآن يسأل
މާނައީ، ތިޔަބައިމީހުންގެ އަޚާގެ ފާފަފުއްސަވައި ދެއްވުމަށާއި، ސާބިތުކަން ދެއްވެވުމަށް ދުޢާކޮށްދޭށެވެ. މިހާރު އޭނާއާއި ސުވާލުކުރެވޭނެއެވެ. 
އަދިވެސް މާތް ރަސޫލު (ޞ.ޢ.ވ) ޙަދީސްކުރައްވާފައިވެއެވެ. 
"إذا صليتم على الميت فأخلصوا له الدعاء" 
މާނައަކީ، ތިޔަބައިމީހުން މައްޔިތާއަށްޓަކައި އިޚްލާޞްތެރިކަމާއި އެކު ދުޢާ ކޮށްދޭށެވެ.

ޑިމޮކްރަސީގެ ނަމުގައި ޝައިޠޯނީ ބާރުތަކުގެ މަކަރުވެރިކަމާއި ޙީލަތްތެރިކަމުގެ ތެރެއަށް އަޅުގަނޑުމެންގެ މުސްލިމް ދިވެހީންގެ ބަޔަކު ގެއްލި ހަލާކުވަމުންދާކަމީ، ނުހަނު ދެރަ ހިތާމަހުރި ކަމެކެވެ. ތިމާމެންގެ ޕާޓީ ފިކުރުގެ މީހަކަށްނުވާނަމަ ތިމާމެންގެ މުސްލިމް އަޚާ ނުވަތަ އުޚުތު ދުނިޔެ ދޫކުރުމުން އެމައްޔިތާއަށް ކުރާ ހެޔޮދުޢާގައި ވެސް ތިމާމެން ބައިވެރިނުވާކަމީ، ޝައިޠާނީ ބާރުތަކުގެ އަޅުންނަށް ތިމާމެން ވެއްޖެކަމުގެ އަލިގަދަ ހެއްކެކެވެ.
             ------------------

ޢަބްދުﷲ ޙަސަން ހުޅުދުމައިގެ
31 ޑިސެމްބަރ 2014މ.