ޒާހިދު އިމާމެއްގެ އަގުހުރި ބަސްފުޅެއް












އަލްއިމާމު އިބްރާހީމް ބްނު އަދުހަމަކީ ތާބިޢީއެކެވެ. އެކަލޭގެފާނަކީ ނުހަނު ތަޤުވާވެރި ޒާހިދު ބޭކަލެކެވެ. އެއްދުވަހަކު އެކަލޭގެފާނު ވިދާޅުވި އެވެ.

"
ތިމަންބޭކަލުންނަށް ލިބިވަޑައިގެންފައިވާ ބާއްޖަވެރިކަން، ރަސްކަލުންނާއި، ރަސްރަސްކަލުންގެ ދަރިދަރިކަލުންނަށް އެނގިވަޑައިގެންފި ނަމަ، އެމީހުން ތިމަންބޭކަލުންގެ މައްޗަށް ކަނޑިތައް އުފުލާލާނެކަން ކަށަވަރެވެ." 


މިބަސްފުޅުގެ މައްޗަށް ވާހަކަދައްކަވަމުން، އިބްނުލްޖައުޒީ ވިދާޅުވެފައިވެ އެވެ.

އިބްނު އަދުހަމު ވިދާޅުވެފައިވަނީ ތެދުފުޅެކެވެ. ރަސްކަލަކު އެއްޗެއް ފަރިއްކުޅުއްވާއިރު، ފަރިއްކޮޅަށް ޒަހަރު ލާފައިވެދާނެތީ ބިރުފުޅުގެން ވަޑައިގަންނަވާނެ އެވެ. އަވަހާރަފުޅު ލައްޕަވާއިރު، މީހަކު، އެމަނިކުފާނު ޤަތުލުކޮށްފާނެތީ ބިރުފުޅުގެން ވަޑައިގަންނަވާނެ އެވެ. ރަސްކަލަކު އުޅުއްވަން ޖެހިވަޑައިގަންނަވާނީ ތަޅުލައި ބަންދުކޮށްފައިވާ ތަންތަނުގެ ތެރޭގަ އެވެ. ބޭރަށް ނުކުމެވަޑައިގަތުމަކީ ފަސޭހަފުޅު ކަމަކަށް ނުވާނެ އެވެ. ބޭރަށް ނުކުމެވަޑައިގެންފިނަމަ، އެންމެ ކައިރީގައި ހުންނަ މީހާގެ ފުށުންވެސް އަނިޔާއެއް ލިބިވަޑައިގެންފާނެތީ ކަންބޮޑުވެވަޑައިގަންނަވާނެ އެވެ. ތާޒާކަމާއެކު ދުނިޔޭގެ ފޮނި މީރުކަން ރަސްކަލަކަށް ލިބިވަޑައެއް ނުގަންނަވާނެ އެވެ.

މީރު ބާވަތްބާވަތުގެ ކާބޯތަކެތި ހޯއްދަވަން އުޅުއްވާ ރަސްކަލަކަށް އެއިން ލައްޒަތާއި އަރާމު ލިބިވަޑައެއް ނުގަންނަވާނެ އެވެ. އޭގެ ބޮޑުބައިވާނީ، އެމަނިކުފާނުގެ ބަނޑުފުޅު ފަސާދަކޮށްލާ އެއްޗެއް ކަމަށެވެ. ޖާރިޔާއިން އިތުރުކުރެއްވި ވަރަކަށް، އެމަނިކުފާނުގެ ހަށިކޮޅުގެ ބާރު ދަށްވަމުން ދާނެ އެވެ. ދޭތެރެ ކާރިވުމުގެ ސަބަބުން އެއްދާންކުރުމުގެ ލައްޒަތު ލިބިވަޑައެއް ނުގަންނަވާނެ އެވެ. ހަމައެފަދައިން، މީހަކަށް ކާބޯތަކެތީގެ ލައްޒަތު ވެސް ލިބެނީ، ބަނޑުހައިވެފައިވާ ޙާލު ކައިބޮއިއުޅޭނަމަ އެވެ.

ބަނޑުހައި ނުވަނީސް ކައިބޮއި އުޅޭ މީހުންނަކަށް، އަދި ބޭނުން ނުޖެހެނީސް ތަންމަތީގެ އަރާމު ލިބިގަންނަ ބަޔަކަށް، ލައްޒަތެއް ނުލިބޭނެ އެވެ. ފަޤީރުންނާއި އަލަތު ކާވެނިކުރާ މީހުންނަށް އެކަންކަމުން ލިބޭ ލައްޒަތާއި އަރާމު، އެމީހުންނަކަށް ނުލިބޭނެ އެވެ. ނިކަން ދެކެވަޑައިގެން ބައްލަވާށެވެ! ރޭގަނޑު ދަންވަރު ފަޤީރުން އަމާންކަމާއެކު މަގުމަތީގައި ނިދާފައި ތިބޭއިރު، މުއްސަނދީން އެވަނީ އަމާންކަމުން މަޙުރޫމުވެފަ އެވެ. މުއްސަނދީންނަށް ލިބޭ އަރާމުން ވަނީ ބައެއް އުނިވެފަ އެވެ.

ޤަދަރު އުފުލިގެންވާ މީހުންގެ ތެރޭގައި ފުރިހަމަ ލައްޒަތާއި އަރާމު ލިބިވަޑައިގެންވާ ބަޔަކީ، އިޚުލާޞްތެރި ޢިލްމުވެރިންނެވެ. މިދުނިޔޭގައިވާ ހުރިހައި އެއްޗަކުން ލިބޭ ލައްޒަތާއި އަރާމަށްވުރެ، ޢިލްމުން ލިބޭ ލައްޒަތާއި އަރާމު މާ ބޮޑެވެ.
                 ---------------

ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން