ސަލާމްލެއްވި ޔޫސުފުގެފާނު، ފުރަތަމަ ފަސްދާނުލެވުނީ، މިޞްރުގެ ބިމުގަ އެވެ. އެއަށްފަހު، އެކަލޭގެފާނުގެ ހަށިކޮޅު، ސަލާމްލެއްވި މޫސާގެފާނު، މިޞްރުގެ ބިމުން ނަންގަވައިގެން ގެންދެވި އެވެ. އަލްމުސްތަދުރަކް ގައި ވާރިދުވެފައިވާ ޙަދީޘްފުޅެއްގައި، މިކަން ބަޔާންކުރައްވާފައި ވެ އެވެ. އެ ޙަދީޘްފުޅުގައި ވެ އެވެ.
"އެއްދުވަހަކު، ކީރިތި މާތް
ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ޢަރަބީންގެ ރަށްފުށު މީހެއްގެ ގާތަށް ވަޑައިގެން،
ޙަދީޘްކުރެއްވި އެވެ. (ޢަރަބީންގެ ރަށްފުށު މީހުންނަށް ކިޔަނީ، އަޢުރާބީންނެވެ.)
"ތިމަންކަލޭގެފާނުގެ އަރިހަށް
އައިސްބަލާށެވެ!"
ދެން އެ އަޢުރާބީ އެކަލޭގެފާނުގެ އަރިހަށް ދިއުމުން ޙަދީޘްކުރެއްވި އެވެ.
"ތިބާ ބޭނުންވަނީ ކޮން ކަމެއް
ހެއްޔެވެ؟"
ޢައުރާބީ ދެންނެވި އެވެ.
"ތިމަންގެ އަހުލުވެރިން ކިރުފެލާނެ
އަދި އެއަށް ސަވާރުވާނެ ޖަމަލެކެވެ."
އެހިނދު، އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ.
"ބަނޫއިސްރާއީލުބާގައިގެ މުސްކުޅި
އަންހެނާ އަށް ވީވަރު ވެސް މީނާއަކަށް ނުވި އެވެ."
އަރިހުގައި ތިއްބެވި އަޞްޙާބުބޭކަލުން ދެންނެވި އެވެ.
"ﷲ ގެ ރަސޫލާ އެވެ! ބަނޫއިސްރާއީލުބާގައިގެ މުސްކުޅި އަންހެނާގެ
ޚަބަރަކީ ކޮބައިތޯ އެވެ؟"
އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ.
"ބަނޫއިސްރާއީލުބާގައިގެ މީހުން
ގޮވައިގެން، މޫސާގެފާނު މިޞްރުން ނުކުމެވަޑައިގަންނަވަން އުޅުއްވި ހިނދު، އެކަލޭގެފާނުގެ
ލޯފުޅަށް މަގު ނިވާވި އެވެ.
އެހިނދު އެކަލޭގެފާނު، ބަނޫއިސްރާއީލުބާގައިގެ މީހުންނާ މުޚާޠަބުކުރައްވައި ވިދާޅުވި އެވެ.
"މިލައިގަތީ ކޮން ކަމެއް ހެއްޔެވެ؟"
ބަނޫއިސްރާއީލުބާގައިގެ ޢިލްމުވެރިން ދެންނެވި އެވެ.
"ޔޫސުފުގެފާނުގެ އަރިހަށް މަރު
އައި ހިނދު، އެކަލޭގެފާނު ﷲ ހެކިކުރައްވައި، ތިމަންމެންގެ ކިބައިން ޢަހުދުކަށަވަރެއް
ހިއްޕެވި އެވެ. އެއީ، އެކަލޭގެފާނުގެ ހަށިކޮޅު ތިމަންމެންނާއެކު ނުގެންދާހައި ހިނދަކު،
ތިމަންމެން މިޞްރުން ނުނުކުތުމެވެ."
މޫސާގެފާނު ވިދާޅުވި އެވެ.
"ޔޫސުފުގެފާނުގެ މަޤްބަރާ ވީ
ތަނެއް އެނގެނީ ތިޔަބައިމީހުންގެ ތެރެއިން ކާކަށް ހެއްޔެވެ؟"
ބަނޫއިސްރާއީލުބާގައިގެ ޢިލްމުވެރިން ދެންނެވި އެވެ.
"އެކަލޭގެފާނުގެ މަޤްބަރާ ވީ
ތަނެއް، ބަނޫއިސްރާއީލުބާގައިގެ މުސްކުޅި އަންހެނަކު ފިޔަވައި އެހެން އެއްވެސް މީހަކަށް
ނޭނގެ އެވެ."
ދެން މޫސާގެފާނު އެ މުސްކުޅި އަންހެނާ ގެންނަވާފައި ވިދާޅުވި އެވެ.
"ޔޫސުފުގެފާނުގެ މަޤްބަރާ ވީތަނެއް،
ތިމަންކަލޭގެފާނަށް ބުނެދީބަލާށެވެ!"
އެކަނބުލޭގެ ދެންނެވި އެވެ.
"ތިމަންގެ ޙުކުމް ދެއްވުމުން
މެނުވީ، އެ މަޤުބަރާ ވީތަނެއް ނުދަންނަވާނަމެވެ."
މޫސާގެފާނު ވިދާޅުވި އެވެ.
"ކަނބުލޭގެ ޙުކުމަކީ، ކޮބައިހެއްޔެވެ؟"
އެކަނބުލޭގެ ދެންނެވި އެވެ.
"ތިމަންގެ ޙުކުމަކީ، ސުވަރުގޭގައި
ކަލޭގެފާނުގެ އަރިހުގައި ވުމެވެ."
(އެކަމަކީ، މޫސާގެފާނަށް ކޮށްދެއްވޭނެ ކަމެއް ކަމުގައި ނުވާތީ) އެކަމާމެދު އެކަލޭގެފާނު ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވި އެވެ. އެހިނދު މާތް ﷲ ގެ ޙަޟުރަތުން އެކަލޭގެފާނަށް ނިދާއެއް އިއްވެވުނެވެ.
"އެކަނބުލޭގެއަށް، އެކަނބުލޭގެ
ޙުކުމް ދެއްވާށެވެ!"
ދެން އެކަލޭގެފާނު، އެކަނބުލޭގެ އެދުނު ކަންތައް އެކަނބުލޭގެއަށް ފުއްދަވައިދެއްވި އެވެ.
ދެން އެކަނބުލޭގެ، މޫސާގެފާނާއި، އަރިހުގައި ތިބި މީހުން ގޮވައިގެންގޮސް، ފެންގަނޑެއް ދައްކާފައި ބުންޏެވެ.
"ތިޔަބައިމީހުން، މިފެންގަނޑުން
ފެން ހުސްކުރާށެވެ!"
ދެން އެމީހުން އެ ފެންގަނޑުން ފެން ހުސްކުރުމުން އެކަނބުލޭގެ ބުންޏެވެ.
"ދެން ކޮންނާށެވެ!"
ދެން އެތަން ކޮނެ، އެމީހުން އެތަނުން ޔޫސުފުގެފާނުގެ ހަށިކޮޅު ނަގައިގެން މޫސާގެފާނުގެ އަރިހަށް ގެންދިޔަ އެވެ. އެހިނދު، މިޞްރުން ބޭރަށް ދާން އޮންނަ މަގު، ދުވާލުގެ އަލިކަން ފަދައިން މޫސާގެފާނަށް ފެނިވަޑައިގަތެވެ."
މިވާހަކައިން އެނގޭ ގޮތުގައި، މޫސާގެފާނު، ބަނޫއިސްރާއީލު ބާގައިގެ މީހުން ގޮވައިގެން މިޞްރުން ނުކުމެވަޑައިގެންނެވިއިރު، އެކަލޭގެފާނުވަނީ، ޔޫސުފުގެފާނުގެ ހަށިކޮޅު ވެސް މިޞްރުން ބޭރަށް ގެންދަވާފަ އެވެ. އެހެނަސް އެއަށްފަހު، އެ ހަށިކޮޅު ފަސްދާނުލެއްވީ ކޮންތާކުކަމެއް ސާފުކޮށް އެނގޭކަށެއް ނެތެވެ.
-----------------
މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން