ކާޅު – ހުތުރަކަސް މުހިއްމު


ކާޅަކީ އެސޮރުގެ ސިފަހުތުރުކަމަށްޓަކައި ދޫންޏެއްކަމުގައިވެސް ގިނަމީހުން ޤަބޫލުކުރަން ބޭނުންނުވާ ދޫންޏެކެވެ. މުޅިގައިގާ ކަޅުކުލައިގެ ފަތްހުރެފައި ކާނާގެގޮތުގައި ކޮންމެއެއްޗެއްވެސް ކަމުދާ ކާޅުގެ ހިނގުމާއި ގޮވެއްޔަކީވެސް އިންސާނުން އަހާބަލަން ޝައުޤުވެރިވާ ސިފަތަކެއްކަމަކަށް ނުވެއެވެ. ކާޅަކީ ނުހޮރުއްޕާނެއްގެގޮތުގައި ބެލުމުގެ އިތުރުން ނާމާންކަމާއިގުޅިފައިވާ އެއްޗެއްކަމުގައިވެސް ބަލާމީހުން މަދެއްނޫނެވެ. ދިވެހިބަހުގެ ރަދީފުގައި ކާޅު ސިފަކޮށްފައިވަނީ "ކަޅު ކުލައިގެ ދޫންޏެކެވެ. މިއީ އިންސާނުން ކައިބޮއި އުޅޭ އެއްޗެއްސާއި، ހަޑި ކުނި ބުންޏާއި، ފުޅަ ތަކެތިވެސް ކައި އުޅޭ، ދަހި، ލަދުކުޑަ އެއްޗެކެވެ. މީގެ ތުން ވަރުގަދަވެފައި ކަޅުވާނެއެވެ. ކާޅަކީ، އެއްސިފައަކަށް ހަރަކާތްތެރިވެއުޅޭ، އެކިއެކި ހިލަމަށްސިހޭ، ހޭބަލާ " ދޫންޏެއްގެ ގޮތުގައެވެ.
ކޮންމެއަކަސް އިންސާނުން މިބިންމަތީގައި އުޅެންފެށީއްސުރެ މިދެމެދުގައި އޮތީ ވަރަށް ހައިރާންކުރުވަނިވި ގުޅުންތަކެކެވެ. ކާޅުގެ ގެއްލުމާއި ފައިދާ ސީދާގޮތުންނާއި ނުސީދާގޮތުން އިންސާނުން ދިޔައީ ތަޖުރިބާކުރަމުންނެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުން ކާޅަކީ ވަރަށް ވިސްނުންތޫނުވެސް އެއްޗެކެވެ.

ކާޅު ރާއްޖެއައުން:

ބައެއް ތާރީޚުލިޔުއްވުންތެރިން ދެކެވަޑައިގަންނަވާގޮތުގައި، އިންޑިއާގެ ގުޖުރާތުގައި އުފެދުނު އިންޑަސް ވާދީ ރަށްވެހިކަމާއި ދިވެހިރާއްޖެ އާބާދުވުމާއިގުޅުންއެބަހުއްޓެވެ. އަދި ރާއްޖެއަށް ކާޅުއައީވެސް މިމީހުންގެ ނައުޒޯގު ފަހަރުގައެވެ. އެޒަމާނުގައި ކަނޑުދަތުރުފަތުރުގައި ހިކިފަސްތަނެއް އޮތްތޯބެލުމަށް ނައުގެ ކައްޕިތާނުން އޮޅުކޮށްގެން ގެންގުޅޭ ކާޅު އުދުއްސާލާކަމަށްވެއެވެ. ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް ހިމެނޭ ދޫނިކަމަށްވާ ކާޅު، އައްޑުއަތޮޅު ފިޔަވައި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައިހެން އަންނަނީ ދިރިއުޅެމުންނެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި 40 ބާވަތެއްގެ ކާޅުއުޅޭކަމަށް ރިކޯރޑްކުރެވިފައިވާއިރު ދިވެހިރާއްޖޭގައި މިއުޅޭކާޅަކީ، އިންޑިއާ އާއި ސިލޯނުންވެސް މިފެންނަ ކާޅު އާއިލާ (Corvus splendens)ގެ ސަބްކްލާސްއެއް ކަމަށްވާ (Corvus splendens maledivicus)އެވެ. އެގޮތުން ރާއްޖޭގެ ކާޅު އެތަންތަނުގެ ކާޅަށްވުރެ ތަންކޮޅެއް ބޮޑެތިކަމަށް ފާހަގަކުރެވެއެވެ. (ވިލްމޯރ، 1979) 

ދިވެހި މާހައުލުގައި ޒަމާނުންސުރެ ދައުރުވަމުންދާ މުސްކުޅި ބުނުންތަކާއި މިސާލުބަސްތަކުގެ ތެރޭގައިވެސް ކާޅަށް ނިސްބަތްކުރެވިފައި އެބަހުއްޓެވެ. މިސާލެއްގެ ގޮތުން، "ތެޔޮ ނާށި ކާޅު ގެންދިޔުން"، "ތިމާ އާއި ނުބެހޭ ކަމަކާ ކާޅުކެޔަސް ސޮއް ނުގޮވާށެވެ"، "ޔަހުޔާ ކާޅު ހިފިހެން" އަދި "ކާޅު ގުއި ބަންގާޅަށް ދިޔަހެން" ފަދަ އަދަބީ ބަސްތަކުގައެވެ. "ކާޅު ދެލޮލަ އެއް އޮށޭ، މުޅި ގާ ހުސް ކަޅަފަތޭ.." މިހެން ކިޔާފައި އޮންނަ ބަންޖެއް ޒާތުގެ އެއްޗެއްވެސް އަޅުގަނޑުމެން ކުޑައިރު އަހާ، ކިޔައި އުޅެމުއެވެ.
މަޝްހޫރު ދިވެހި ވާހަކަ "ދޮންހިޔަލަ އާއި އަލިފުޅު" އަދި "ބުރުނީ ކަމަނާ ރައިވަރު" ގައި އުޅޭފަދަ ހުދުކާޅަކީވެސް މަދުމަދުން ފެންނަ ކާޅެކެވެ. މިބާވަތުގެ ކާޅެއް 2011 ވަނަ އަހަރު މުލަކަތޮޅު ކޮޅުފުށިން އަޅުގަނޑުވެސް ދުށީމެވެ. އެސޮރުގެ ކުލަ ތަފާތުވުމުންވެސް ތޯއްޗެކެވެ. އެސޮރު ގޮނޑުދޮށުގައި އުޅުނުއިރު ގުރޫޮޕްގައި ހިމެނޭ އެހެން މެމްބަރުންނާ ވަރަށް ބޮޑަށް އެކަހެރިކޮށްލާފައި އިންނަކަމަށް ފާހަގަކުރެވުނެވެ.

ކާޅުގެ ވިސްނުންތެރިކަން:

ކީރިތި ޤުރުއާނުގައި ނަން ބަޔާންކޮށްދެއްވާފައިވާކަމަށްވަނީ 3 ދޫންޏެކެވެ. އެއީ ކާޅު، ސަލްވާ (ބަނީ އިސްރާޢީލްބާގާގެ މީހުންނަށް މަންނަ އާއެކު ފޮނުވުނު) އަދި (ސުލައިމާނުގެފާނުގެ) ހުދުހުދު އެވެ. އެންމެހާ އިންސާނުންގެ ބަފައިކަލުނަށަވި އާދަމް އަލައިހިއްސަލާމްގެ  ފުރަތަމަ ދަރިކަލުން ޤާބީލް އަނިޔާވެރިގޮތެއްގައި އޭނާގެ ކޮއްކޯފުޅު ހާބީލް ޤަތުލުކޮށްލުމަށްފަހު އެކުރެވުނު ނުބައިކަން ހިތަށްވަދެ، އަޚާގެ މުޅަ މަސްގަނޑާއިމެދު ކަންކުރާނެގޮތެއް ނުވިސްނި ފިކުރުބޮޑުވެފައި ވަނިކޮށް އެތަނަށް ދެކާޅު ފޮނުއްވެވިއެވެ. މިދެކާޅު ތަޅާފޮޅާ އެއްކާޅު މަރުވުމުން ތުންގަނޑުން ވަޅެއްކޮނެ މަރުވިކާޅު ވަޅުލުމުން ޤާބީލްއަށް ލިބުނު ފިލާވަޅު ކީރިތިޤުރުއާނުގެ ސޫރަތުލް މާޢިދާގެ 31 ވަނަ އާޔަތުގައި ބަޔާންކޮށްދެއްވާފައިއެވަނީއެވެ. އާދެ، މިއީ ކޮންފަދަ ބޮޑު ފިލާވަޅެއްތޯއެވެ؟
ކާޅުގެ ވާހަކަތަކުގެތެރެއިން އަޅުގަނޑުމެން ޝައުޤުވެރިކަމާއެކު އަޑުއަހާ ޢިބްރަތްތެރި އަނެއްވާހަކައަކީ، ކަރުހިއްކައިގަނެފައިވާ ކާޅެއް ފެންބުއިމަށް ހޯދި ޙައްލުގެ ވާހަކައެވެ. ތުންނުފޯރާ ހިސާބު ފުލުގައި ހުރި ފެންފޮދު ހޯދުމަށްޓަކައި ފަހަރަކު ގާކޮޅެއް އޭގެތެރެއަށް ވައްޓާލައިގެން ފެންފޮދު ހޯދިގޮތުގެ ވާހަކައެވެ. ބުނެވޭގޮތުގައި 2500 އަހަރަށްވުރެ ބޯދާ މިވާހަކައަކީ ޤަދީމީ ގްރީކްގެ ވާހަކަކިޔުންތެރިއެއް ކަމަށްވާ އީސޯޕް (Aesop ) ގެ އުފެއްދުމެކެވެ.

ކާޅުގެ ސަބަބުން ދަނޑުވެރިކަމަށާއި، ޢާންމު ދިރިއުޅުމަށްވެސް ދަތިވާފަދަ ކަންކަންކުރިމަތިލާންޖެހެއެވެ. ރާއްޖޭގައި ކާޅުމަރަނީ ބަޑިޖަހައިގެންނާއި ވިހަލައިގެންނެވެ. ބަޑިޖަހައިގެން ކާޅުމެރުމަކީ، ވަރަށް ކާމިޔާބު ނޫން މަސައްކަތެއްކަމުގައި ދެންނެވިދާނެއެވެ. ސަބަބަކީ ފުރަތަމަ ވަޒަން ގޮވުމާއެކު ކާޅުތައް އެކަން ދެނެގަނެ ނުރައްކަލުގެ ރަނގަބީލަކުން އެސޮރުމެންގެ އެންމެންނަށް އިންޒާރުކުރުވާތީއެވެ. ބަޑިޖަހާ މީހާއާއި، ގެންގުޅޭ ހަތިޔާރުގެ ސިފައަށްދާންދެން ދެނެގަނެއެވެ. ބައެއް ދަނޑުވެރިން ފާހަގަކުރާގޮތުގައި، ކާޅުމެރުމަށްޓަަކައި ވިހަލާފައި ބަހައްޓާ ކަރާ ކައިގެން ކާޅު މަރުވާންފެށުމުން، ކަނޑާފައި ހުންނަ ކަރަލުގެ ބަދަލުގައި ހަމައެކަނި ވެޔޮގަނޑުގައި ހުންނަ ކަރަލަށް ހަމަލާދިނުމަށް އެސޮރުމެން ސަމާލުކަންދެއެވެ. އެހެންކަމުން ކާޅަށް ހަމަލާ ދޭން ޖެހެނީ ތަފާތު އިސްތިރާޖީތައް ބޭނުންކޮށްގެންނެވެ.  

ކާޅު މަރާ ހުސްކޮށްފިނަމަ...

ކާޅަކީ އެސޮރުގެ ކެއުމަކަށް ކޮންމެ އެއްޗެއްވެސް ކަމުދާ ދޫންޏެކެވެ. އެގޮތުން ގަސްގަހާގެއްސަށް ގެއްލުންދޭ އެކި ފަނިފަކުސައާއި ސޫފާސޫފިވެސް އެސޮރުގެ ކާނާގެ ތެރޭގައި ހިމެނެއެވެ. މެލޭޝިޔާއާއި އޯމާނުގައި ކާޅު އާލާކުރުމުގެ ބޭނުމަކަށް ވެފައި އޮތީ ދަނޑުގޮވާންތަކަށް ގެއްލުންދޭ ބައެއް ކަހަލަ ސޫފާސޫފީގެ ކިބައިން ދަނޑުތައް ސަލާމަތްކުރުމެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ރުކުމަޑި އުފެދޭ ފަނި "ކާޅު ދޮންކެޔޮ" ނުވަތަ "މާރުއްފަނި" އަކީ ކާޅުގެ މީރު ކާނާއެކެވެ. އެހެންކަމުން ދިވެހިރުކަށް ވަރަށްބޮޑަށް ގެއްލުންދޭ ބާވަތެއްކަމަށްވާ ރުކުމަޑީގެ އާބާދީ ކޮންޓްރޯލްކުރުމުގައި ކާޅުގެ މުހިއްމު ދައުރެއް ހިމެނިފައި ވަނީއެވެ.

އިރުމަތީ އެފްރިކާގެ އައްސޭރީގައިވާ ޖަޒީރާ ޤައުމެއްކަމުގައިވާ ޒަންޒިބާރުގައި ކާޅު އާބާދުކުރުމުގެ މަޤުޞަދު ތަފާތެވެ. ޒަންޒިބާރަށް ކާޅު ގެނައީ އުކާލެވޭ ކުނިމަދުކުރުމަށެވެ. މިގޮތުން އަވައްޓެރި އިންޑިޔާގެ ލިޔުންތެރިއަކު ލަފާކޮށްފައިވާ ގޮތުގައި އަހަރަކު 1.15 މިލިޔަން ޓަނުގެ ކުނި ނައްތާލަނީ ކާޅެވެ. (ސުމިތު ސެން، 2011).

އެހެންކަމުން ދިރާސާއެއް ކޮށްފިނަމަ ކުނިނައްތާލުމުގެ އެކަށީގެންވާ ނިޒާމެއް ޤާއިމުކުރެވިފައި ނުވާ މިރާއްޖޭގައިވެސް ކުނިނައްތާލުމުގަޔާއި އެހެނިހެން ގޮތްގޮތުން ކާޅު އަދާކުރާ މުޙިއްމު ރޯލު ރަނގަޅަށް ވަޒަންކުރެވިގެންދާނެއެވެ.

ޚިޔާލުގެ ލަގަނަށް ދޫކޮށްލާއިރު..

އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުރި ތަފާތުކުރުންތަކާއި ނަސްލީ، ނަޞަބީ، ވަޠަނީ، ފިކުރީ އެކަހެރިކުރުންތަކަށް ވިސްނާ ނަޒަރު ހިންގާއިރު، ހީނުކުރާ ކިތަންމެ ކަމެއް ކިތަންމެ ގޮތަކަށް ބަދަލުވަމުން ފުރޮޅެމުން ދެއެވެ. ނިކަމެތިކުރުމުގެ ނަޒަރުން ދެކި ބާކީކޮށްލާ ކިތަންމެ ބަޔަކު ޤަދަރުވެރި، އާރާއި ބާރުހުރި ބަޔަކަށް ފަހުން ބަދަލުވެގެން ދެއެވެ. މީގެ އަނެއްކޮޅުވެސް މެއެވެ.  އެއް މުއައްސަސާއަކަށް ތަޞައްވުރު ނުފުދޭކަމަށް ދެކި ހޫރާލާ މީހުން އެފަދަ އެހެން މުއައްސަސާއެއްގެ ދެމިހުރުމަށް މުހިއްމު ތަނބުތަކަކަށް ވެގެންދެއެވެ. ބަޔަކު ނޫންކަމަށް މުޅިމުޖުތަމަޢު ދެކޭ މީހުންގެ އަގުނުކުރެވޭފަދަ ޚިދުމަތް ވަޒަންކުރެވެނީ އެބަޔަކު ނެތި ދިޔުމުންނެވެ. މިނިވަންކަމުގެ ފޮނިމީރުކަން އިހުސާސްކުރެވެން ފެށެނީވެސް އަޅުވެތިކަމުގެ ހިތިރަހަ ކަރުބުޑުގައި ލާންފެށުމުންނެވެ.  އެހެންކަމުން އެންމެހާ މަޚްލޫޤުންނަކީވެސް ގުޅި ލާމެހިފައިވާ ގުޅުންތަކަކުން ގުޅިފައިވާ ބައެއްކަން ޤަބޫލުކޮށްގެން، ވިސްނާ ފިކުރުކޮށްގެން،  ދިރިއުޅުމަށާއި ދިރިއުޅުނަދިނުމުގެ ފަލްސަފާ އިސްކުރަންޖެހޭކަން ކަށަވަރެވެ.
             ----------------------

ލިޔުއްވީ: ޠާހާ އަބޫބަކުރު

މައުލޫމާތުގެ މަސްދަރުތައް:
އަލްޤުރުއާނުލްކަރީމްގެ ދިވެހިތަރުޖަމާ
ސިލްވިއާ ބްރޫސް ވިލްމޯރ (1979). ކްރޯވްސް، ޖޭސް، ރޭވަންސް އެންޑް ދެއަރ ރިލޭޓިވްސް
ސުމިތު ސެން (2011). އިން ޕްރެއިސް އޮފް ކްރޯވްސް. 
ޔޫއާރްއެލް: http://birdsofindia-ssen.blogspot.com/2011/08/in-praise-of-crows.html