މިސްކިތް ފަރުމާކުރުމާ ބެހޭ ބައެއް އަސާސީ މަޢުލޫމާތު















މިސްކިތަކީ، ނަމާދުކުރުމަށް ޚާއްޞަކޮށްފައިވާ ތަނެވެ. އެތަން ކިތަންމެ އާދައިގެ ގޮތަކަށް ހަދާފައި ވިޔަސް އެތާނގައި ނަމާދުކުރާ ކަމަށް ވަނީނަމަ، އެތަން ވާނީ މިސްކިތަކަށެވެ.

މިސްކިތުގެ ތަޞްނީފު:

މިސްކިތުގެ ވައްތަރުތައް އެތައް ގޮތަކަށް ތަޞްނީފުކުރެވިފައި ވެ އެވެ. ބައެއް ތަޞްނީފުތަކުގައި ވަނީ، ތިން ބާވަތެއްގެ މިސްކިތެވެ. އެއީ، މަޙައްލީ މިސްކިތް (المساجد المحلية) އާއި، ޖާމިޢު މިސްކިތް (المساجد الجامعة) އާއި، ޢީދު މިސްކިތް (مسجد العيد) އެވެ. މަޙައްލީ މިސްކިތް ހުންނާނީ، މީހުން ދިރިއުޅޭ ޢިމާރާތްތަކެއްގެ ކައިރީގަ އެވެ. މި ބާވަތުގެ މިސްކިތް ޚާއްޞަކުރެވިފައިވަނީ، ފަރުޟު ފަސްނަމާދު ކުރުމަށެވެ. މި ބާވަތުގެ މިސްކިތާއި ގެދޮރާ ދެމެދުގައި ހުންނަންވާނީ، އެންމެ ދުރުވެގެން 200 މީޓަރާއި 300 މީޓަރާ ދެމެދުގެ ރާސްތާއެކެވެ. ޖާމިޢު މިސްކިތް ހުންނާނީ، އަވަށެއްގެ މެދުގައިވާ ލޭންޑްމާކެއްގެ ގޮތުގަ އެވެ. މި ބާވަތުގެ މިސްކިތް ޚާއްޞަކުރެވިފައިވަނީ، ފަރުޟު ފަސްނަމާދާއި ހުކުރު ނަމާދު ކުރުމަށެވެ. މި ބާވަތުގެ މިސްކިތާއި ގެދޮރާ ދެމެދުގައި ހުންނަންވާނީ، އެންމެ ދުރުވެގެން 300 މީޓަރާއި 500 މީޓަރާ ދެމެދުގެ ރާސްތާއެކެވެ. ޢީދު މިސްކިތް ހުންނާނީ ރަށުގެ އެއްފަރާތެއްގަ އެވެ. މި ބާވަތުގެ މިސްކިތް ޚާއްޞަކުރެވިފައިވަނީ، ފަރުޟު ފަސްނަމާދާއި، ހުކުރު ނަމާދާއި، ޢީދު ނަމާދު ކުރުމަށެވެ. އެއްލައްކަ އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެއްގައި، އެއް ޢީދު މިސްކިތަށްވުރެ ގިނަ ޢީދު މިސްކިތް ހުރުމަކީ އެދެވިގެންވާ ކަމެކެވެ. ޢީދު މިސްކިތާއި ގެދޮރާ ދެމެދުގައި ހުންނަންޖެހޭ ވަކި ދުރުމިނެއް ނެތެވެ. މިނޫން ގޮތްގޮތަށް ވެސް މިސްކިތް ތަޞްނީފުކުރެވިފައި ވެ އެވެ.


މިސްކިތުގެ ނަން:

އިނގިރޭސި ބަހުން މިސްކިތަށް ކިޔަނީ (Mosque) އެވެ. މި ލަފުޒުގެ އަޞްލަކީ، ފަރަންސޭސި ބަހުގެ (Mosquée) އެވެ. މި ލަފުޒުގެ އަޞްލަކީ، ބޯދާ ފަރަންސޭސި ބަހުގެ (Mousquaie) އެވެ. މި ލަފުޒުގެ އަޞްލަކީ، ބޯދާ އިޓަލީ ބަހުގެ (Moschea) އެވެ. މި ލަފުޒުގެ އަޞްލަކީ (Moscheta) އެވެ. މި ލަފުޒުގެ އަޞްލަކީ، ސްޕެއިން ބަހުގެ (Mezquita) އެވެ. މި ލަފުޒުގެ އަޞްލަކީ، ޢަރަބި ބަހުގެ (مسجد) އެވެ. ލެޓިން އަކުރުން "މަސްޖިދު" ލިޔަނީ (Masjid) މިހެންނެވެ.

ބައެއް މީހުންގެ ނަޒަރުގައި އިނގިރޭސި ބަހުގެ (Mosque) ގެ އަޞްލަކީ، އިނގިރޭސި ބަހުން މަދިރިއަށް ކިޔާ ނަން ކަމުގައިވާ (Mosquito) އެވެ. މަދިރީގެ ނަމުން މިސްކިތަށް ނަންދީފައިވަނީ، ފެންގަނޑެއްގެ ތެރޭގައި މަދިރިފަނި ތޮއްޖެހިފައިވާ ފަދައިން މިސްކިތުގެ ތެރެއަށް މުސްލިމުން އެއްވެ ޖަމާވާތީ އެވެ. އަދި އަންދަލުސް އިން މުސްލިމުން ބޭރުކޮށްލެވުނުއިރު، މަދިރިތަކެއް މަރާލާ ފަދައިން މުސްލިމުން މަރާލާނެ ކަމަށް ފަރޑިނަންޑް ރާޖާ (Ferdinand) ބުނެފައިވާތީ ކަމަށް ވެސް ބައެއް ލިއުންތެރިން ބަޔާންކޮށްފައިވެ އެވެ.

މިކަންކަން މިހެން ހުރުމާއެކު މިސްކިތުގެ ނަން އިނގިރޭސި ބަހުން ލިޔަންޖެހޭ ރަނގަޅު ގޮތަކީ، ލެޓިން ބަހުން ލިޔާ ގޮތް ކަމަށްވާ (Masjid) ކަމަށް މުސްލިމު މުފައްކިރުންނާއި ލިއުންތެރިން ޤަބޫލުކުރެ އެވެ.

މިސްކިތަށް އާންމު ނަޒަރެއް:

ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، މައްކާ އިން މަދީނާ އަށް ހިޖުރަކުރައްވައި، އިސްލާމީ ދައުލަތުގެ ބިންގާ އެޅުއްވިއިރު، އެންމެ ފުރަތަމަ ކުރެއްވި ކަމަކީ، މިސްކިތް ބިނާކުރެއްވުމެވެ. އެ މިސްކިތް ވެގެންދިޔައީ، މަދީނާ ޕްލޭންކުރުމުގެ އަސާސީ ނުކުތާ ކަމުގައެވެ. މަދީނާ އަކީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ޒަމާނުގައި އިސްލާމީ ދައުލަތުގެ ވެރިރަށެވެ.

ދިމަޝްޤު (دمشق) އާއި، ބަޣުދާދު (بغداد) އާއި އިސްލާމީ ދައުލަތުގެ އެނޫން އެހެން ވެރިރަށްތައް ވެސް ޕްލޭންކުރެވިފައިވަނީ، މިސްކިތުން ފެށިގެންނެވެ. ހުރިހައި އިސްލާމީ ޒަމާންތަކެއްގައި ވެސް، ރަށްތައް ޕްލޭންކޮށްފައިވަނީ، މިސްކިތަކީ، ރަށުގެ މައި މަރުކަޒު ކަމުގައި ބަލައިގެންނެވެ.

އިސްލާމީ ދައުލަތުގެ ތެރޭގައި ހިމެނޭ ސަރަހައްދު ފުޅާވެ، އިސްލާމީ ދައުލަތުގެ ޖޯގުރަފީ އޭރިޔާ އިތުރުވެގެން ދިއުމާއެކު، މިސްކިތް ފަރުމާކުރެވި، ޢިމާރާތްކުރެވެމުންދިޔައީ، ޢިމާރާތްކުރެވޭ ވެށްޓާ އެމުނިއެކުލެވިގެންނެވެ. އެހެންކަމުން، މިސްކިތުގެ އޮނިގަނޑާއި ސިފަ، ބައްޓަންވަމުން ދިޔައީ، ތިމާވެށްޓާ އެމުނިއެކުލެވިގެންނެވެ.


މިސްކިތުގައި ހިމެނޭ އުންސުރުތައް:

ތިރީގައި މިވަނީ، މިސްކިތުގައި ހިމެނޭ މުހިންމު އުންސުރުތަކާއި، އެއާބެހޭ ބައެއް މަޢުލޫމާތެވެ.


1. މުޞައްލާ (المصلى):

މުޞައްލާ އަކީ، ނަމާދުކުރާ ހޯލެވެ. އެތަނަކީ، މިސްކިތުގެ އެންމެ މުހިންމު ތަނެވެ. ނަމާދު ޤާއިމުކުރުމަށާއި، އެހެނިހެން ޢިބާދާތާއި އަޅުކަން ކުރުމަށްޓަކައި މީހުން ތިބޭ ތަނަކީ އެއީ އެވެ. އަދި ޚުޠުބާތަކާއި، ދަރުސްތައް އަޑުއެހުމަށްޓަކައި ވެސް މީހުން އާންމު ގޮތެއްގައި އެއްވެ ތިބޭ ތަނަކީ އެއީ އެވެ.

މުޞައްލާ ގެ އެންމެ ރަނގަޅު ބައްޓަމަކީ، ދިގު ހަތަރެސްކަން ގޮޅި އެވެ. އޭގެ ދިގު ފަރާތް ސީދާކޮށްފައިވާނީ ޤިބުލަ އަށެވެ. ޤިބުލައާ ކުރިމަތިކުރެވޭ ފާރާ ގުޅިފައިވާ އެންމެ މުހިންމު ދެ އުންސުރަކީ، މިޙުރާބުގެއާއި މިންބަރެވެ.

2. މިންބަރާއި މިޙުރާބު:

މިސްކިތުގައި ހިމެނޭ އުންސުރުތަކުގެ ތެރެއިން ޙަރާމާއި ޙަލާލުގެ ގޮތުން އެންމެ ބޮޑަށް ޖަދަލުކުރެވޭ ދެ އުންސުރަކީ، މިންބަރާއި މިޙުރާބެވެ. ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ މިންބަރުގައި ވަނީ އެންމެ ތިން ހަރުފަތެވެ. ޚުޠުބާ ވިދާޅުވުމަށްޓަކައި އިތުރުއެކަލޭގެފާނު އަރާވަޑައިގަންނަވަނީ ތިންވަނަ ހަރުފަތުގެ މައްޗަށެވެ.

ޒަމާންތަކާއެކު، މިންބަރާއި މިޙުރާބުގެ އެތައް ވައްތަރުތަކެއް ވަނީ ވުޖޫދަށް އައިސްފައެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، އެއިން ބައެއް އެއްޗިއްސަކީ އިސްލާމީ އިމުގެ ތެރޭގައިވާ މަޤުބޫލު އެއްޗިއްސެވެ. ބައެއް އެއްޗިއްސަކީ އިސްލާމީ އިމުން ބޭރުވެ، އިންފަހަނަޅާފައިވާ ނުޤަބޫލު އެއްޗިއްސެވެ.

އިސްލާމީ މިންބަރެއްގެ ފުރަތަމަ ޝަރުޠަކީ، މިސްކިތުގެ އެއްވެސް ސަފެއްގެ ތެރެއަށް ވަދެފައި ނުވުމެވެ. މިސްކިތުގެ އެއްވެސް ސަފެއް ބުރިކޮށްނުލާނެހެން މިންބަރު ފަރުމާކުރެވިދާނެއެވެ. ދެވަނަ ޝަރުޠަކީ، ޚުޠުބާކިޔާ މީހާ، މިސްކިތުގެ ހުރިހައި ހިސާބަކަށް ފެންނަ ވަރަށްވުރެ މިންބަރު އުސްނުކުރުމެވެ. މިންބަރުގެ ހައިބަތު އިތުރުކުރުމުގެ ގޮތުން އޭގެ ހަރުފަތްތައް އިތުރުކޮށް، އުސްކުރުމަކީ އެއިން އިސްލާމީ ވަންތަކަން ކެނޑިގެންދާ ކަމެކެވެ.

މިޙުރާބަކީ، އޭގެ ޒާތުގައި މިސްކިތަށް ޚާއްޞަ އުންސުރެއް ނޫނެވެ. އެކަމަކު އެއީ، އެއަށް މުހުތާދުވެގެން މިސްކިތަށް އިތުރުކުރެވިފައިވާ އުންސުރެކެވެ. އެއަށް މުހުތާދުވީ، އިމާމުމީހާ ހުރުމަށްޓަކައި، ސަފެއްގެ ޖާގަ މިސްކިތުން ގެއްލިގެންދާތީ އެވެ. ސަފެއްގެ ޖާގަ ނުގެއްލޭނެހެން މިސްކިތް ފަރުމާކުރެވިއްޖެނަމަ، އެދެވިގެންވަނީ، މިޙުރާބާ ނުލައި މިސްކިތް ފަރުމާކުރުމެވެ. މިޙުރާބު ހިމަނައިގެން މިސްކިތް ފަރުމާކުރާނަމަ، މިޙުރާބު ފަރުމާކުރަންވާނީ، މުހުތާދުވާ މިންވަރަށެވެ. ހައިބަތު އިތުރުކުރުމުގެ ގޮތުން ތަން ބޮޑުކުރުމާއި، އޭގެ ޖާގަ ބޮޑުކުރުމަކީ، އެދެވިގެންވާ ކަމެއް ނޫނެވެ. ޙަޤީޤަތުގައި މިޙުރާބަކީ، ޗާޗްގެ އުންސުރެކެވެ. މިހެންވެ، މިސްކިތުގައި މިޙުރާބު ނުހެދުމަށް ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘްކުރައްވާފަ އެވެ.

3. ވުޟޫކުރާތަން:

ވުޟޫކުރާތަން އުފެދިގެން އައީ، މިސްކިތާ ވަކިން، މިސްކިތުން ބޭރުގައި ހުންނަ ތަނެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހުން އެތަން ވަނީ، މިސްކިތުގެ އެތެރޭގައި ހިމެނޭ ބައެއް ކަމަށްވެފަ އެވެ. ވުޟޫކުރާތަން ހުންނަންވާނީ، މިސްކިތަށް ވަނުމަށްޓަކައި ދާ މަގު ހުރަސް ނުކުރާނެހެން އެއް ފަރާތެއްގަ އެވެ. އެތަން ފަރުމާކުރަންވާނީ، ރަނގަޅަށް އަލިކަން ވަދެ، ވައި ދައުރުކުރާނެހެންނެވެ. އެތަނުގެ ފިނިޝިންގ ހަދަންވާނީ، ފަސޭހައިން ސާފުކުރެވޭނެ ފަދަ މާއްދާތައް ބޭނުންކޮށްނެވެ. އެތާނގައި ހަދާ އެއްވެސް ފާޚާނާއެއްގައި ޤިބުލައަށް ކުރިމަތިލެވޭނެހެން ނުވަތަ ފުރަގަސްދެވޭނެހެން ފާޚާނާތަށި ބަހައްޓައިގެން ނުވާނެއެވެ.

4. މުންނާރު:

މުންނާރަކީ، މިސްކިތާއެކު ވުޖޫދަށް އައި އެއްޗެއް ނޫނެވެ. މިސްކިތާއެކު ވުޖޫދަށް އައީ އުސް ތަނަކަށް އަރާހުރެ ބަންގި ގޮވުމެވެ. ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، މަދީނާގައި ބިނާކުރެއްވި މަސްޖިދުއްނަބަވީ ގައި، އިތުރުއެކަލޭގެފާނު މުންނާރެއް ނަހައްދަވައެވެ. އަދި އެއަށްފަހު ޢަރަބިކަރައިގައި ބިނާކުރެވުނު މިސްކިތްތަކުގައި ވެސް މުންނާރެއް ހަދާފައެއް ނުވެ އެވެ. އޭރު މިސްކިތްތައް ބިނާކޮށްފައިވަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ބަންގި ގޮވާ މީހާ، ބަންގި ގޮވަނީ މިސްކިތު ފުރާޅަށް އަރާހުރެ އެވެ. ނުވަތަ މިސްކިތް ކައިރީގައިވާ އެހެން ޢިމާރާތެއްގެ ފުރާޅު މައްޗަށް އަރާހުރެ އެވެ.

އިސްލާމީ ތާރީޚުގައި ބިނާކުރެވުނު ފުރަތަމަ މުންނާރާމެދު މުއައްރިޚުންވަނީ ދެބަސްވެފަ އެވެ. ނަމަވެސް ހުރިހައި މުއައްރިޚުން އިއްތިފާޤުވާ ގޮތުގައި، އިސްލާމީ ތާރީޚުގައި އެންމެ ފުރަތަމަ މުންނާރެއް ބިނާކުރެވުނީ، އުމަވީ ދައުލަތުގެ ޒަމާނުގައެވެ. އިސްލާމީ ތާރީޚުގައި އެންމެ ފުރަތަމަ ބިނާކުރެވުނު މުންނާރު ކަމަށް "ފުތޫޙުލްބުލްދާން" (فتوح البلدان) ފޮތުގައިވަނީ، ހިޖުރައިން 45 ވަނަ އަހަރު (މީލާދީން 665 ވަނަ އަހަރު) އަލްބަޞްރާ (البصرة) ގައި ބިނާކުރެވުނު މުންނާރެވެ. އެ މުންނާރު ބިނާކުރީ، ޒިޔާދު ބްނު އަބީހި (زياد بن أبيه) އެވެ. އޭނާއަކީ، ބައްޕަ ކަށަވަރުނުވާ ހަރާންދަރިއެކެވެ.

މިސްކިތުގެ މުންނާރަށް ޢަރަބި ބަހުން ކިޔަނީ، "މިއުޛަނާ" (المئذنة) އެވެ. އިހުޒަމާނުގައި އޭގައި ބައްތި ދިއްލާފައިވާތީ، އެއަށް މަނާރާ (المنارة) ވެސް ކިއުނެވެ. ދިވެހި ބަހުގެ "މުންނާރު" ގެ އަޞްލަކީ، ޢަރަބި ބަހުގެ "އަލްމަނާރާ" އެވެ.

މުންނާރުގެ އެންމެ ޒަމާންވީ ވަޒީފާ އަކީ، ބަންގި ގޮވުމެވެ. އެއާއެކު ދަތުރުވެރިންނަށް މަގުދައްކައިދޭ މަނާރާއެއްގެ ވަޒީފާ ވެސް މުންނާރު ވަނީ އަދާކޮށްފަ އެވެ. މުންނާރުގެ އެންމެ މަތީގައި ޖަހާ ހަނދުފަޅި އަކީ، ޤިބުލަ ފަރާތް ދައްކައިދޭ ރަމްޒެކެވެ.

5. ކުޑަދޮރުތައް:

މިސްކިތުގެ ކުޑަދޮރުތައް ހުންނަންވާނީ، ނަމާދަށް ހުންނަ މީހާ އަށް، މިސްކިތުން ބޭރުގައި ހިނގާ ކަންތައްތައް ނުފެންނާނެ ހިސާބުގަ އެވެ. މިސްކިތަކީ، ގިނަ ބަޔަކު އެއްފަހަރާ ވަދެ ނަމާދުކުރާނެ ތަނެއް ކަމަށްވާތީ، ކުޑަދޮރުތައް ފަރުމާކުރަންވާނީ، ހުޅުވާފައި ބެހެއްޓޭނެހެންނެވެ. އަދި މިސްކިތުގެ ތެރޭގައި އުފެދޭ ހޫނުކަމާއި، އާވި ބޭރުވާނެހެން ފަރުމާކުރުމަކީ ވެސް ނުހަނު ބޭނުންތެރި ކަމެކެވެ. މިސްކިތަށް ވަންނަންޖެހޭ ފިނި ވައި ވައްދާނީ ތިރިންނެވެ. މިސްކިތުން ބޭރުވާންޖެހޭ ހޫނުވައި ބޭރުކުރާނީ މަތިންނެވެ. ވައިގެ ޠަބީޢަތަކީ، ހޫނުވައި މައްޗަށް އެރުމާއި، ފިނިވައި ތިރިއަށް ފޭބުމެވެ. ކުޑަދޮރުތައް ފަރުމާކުރުމުގައި ވައިގެ ޠަބީޢަތަށް ރިޢާޔަތްކުރަންވެސް ޖެހެ އެވެ.

6. އިތުރު އުންސުރުތައް:

މިޒަމާނުގައި މިސްކިތުގައި ހިމަނަންޖެހޭ އިތުރު އުންސުރުތަކެއް ވެ އެވެ. އެއީ:

(ހ) ފައިވާން ބަހައްޓާތަން: މިތަން ހަދަންވާނީ، އުސް ޢިމާރާތެއްހެން، އެއް ބަރި މަތީގައި އަނެއް ބަރި ހުންނާނެހެންނެވެ.
(ށ) ލައިބްރަރީއެއް: ނަމާދާއި އަޅުކަމާބެހޭ މަޢުލޫމާތު ހިމެނޭ ފޮތްތަކާއި، އެނޫން ޢިލްމީ ފޮތްތައް ވެސް މި ލައިބްރަރީގައި ބެހެއްޓިދާނެ އެވެ.
(ނ) ކުޑަ ގެއެއް ނުވަތަ ކޮޓަރިއެއް: މިތާނގައި ހުންނާނީ މިސްކިތް ބަލަހައްޓާ މީހާ އެވެ.
(ރ) ކުޑަ ކްލިނިކެއް: މިއީ، މާތް ﷲ ގެ ވަޖުހުފުޅަށްޓަކައި ހިލޭސާބަހަށް ބޭސްފަރުވާކޮށްދޭ ކްލިނިކެއް ކަމުގައި ވެއްޖެނަމަ، ވަރަށްވެސް ފުރިހަމަވާނެއެވެ.

މުހިންމު ބައެއް ކަންތައްތައް:

ތިރީގައި މިވަނީ، މިސްކިތް ފަރުމާކުރުމުގައި ބަލަންޖެހޭ މުހިންމު ބައެއް ކަންތައްތަކެވެ.

1. މިސްކިތުގެ އެންމެ މަޤުބޫލު ތަޅުމުގެ ޗާޓަކީ (ނުވަތަ ފްލޯރ ޕްލޭނަކީ)، ރެކްޓޭންގަލް ނުވަތަ ދިގު ހަތަރެސްކަން ގޮޅިއެއްގެ ބައްޓަމަށް ފަރުމާކުރެވޭ ތަޅުމުގެ ޗާޓެވެ. ރަނގަޅަށް ފަރުމާކުރެވިފައިވާ މިސްކިތްތަކުގެ ތަޅުމުގެ ޗާޓު ފަރުމާކޮށްފައިވާނީ އެ ބައްޓަމަށެވެ. އެ ބައްޓަމުގެ ދިގުފަރާތް ކުރިމަތިކުރަންވާނީ ޤިބުލައަށެވެ. އޭރުން މިސްކިތުގެ ތެރޭގައި ހަދާ ސަފުތައް ދިގުވާނެ އެވެ. އަދި ފަރުޟު ފަސް ނަމާދުގައި ގިނަ ބަޔަކަށް ފުރަތަމަ ސަފުން ޖާގަ ލިބުމުގެ ނަސީބު ވެސް ލިބޭނެ އެވެ.

2. މިސްކިތުގެ މުޞައްލާ (ނުވަތަ ނަމާދުކުރާ ހޯލް) ފަރުމާކުރާނީ އެތަނުގެ ދިގު ފަރާތް ޤިބުލައަށް ކުރިމަތިވާނެ ގޮތަށެވެ. މިސްކިތުގެ އެނޫން ބައިތައް ފަރުމާކުރާނީ، އެބައިތަކާ އެންމެ މުނާސިބު ފަރާތްތަކަށެވެ. މީގެ މާނައަކީ، މިސްކިތުގެ ހުރިހައި ބައިތަކެއް ޤިބުލައަށް ކުރިމަތިލެވިފައި ވާނެހެން ފަރުމާކުރާކަށެއް ނުޖެހެއެވެ. ނަމަވެސް މިސްކިތުގެ ވަޒީފާއަށް ހުރަސްއެޅޭ ފަދަ ގޮތަކަށް މިސްކިތުގެ އެއްވެސް ބަޔެއް ނުވަތަ ތަނެއް ފަރުމާކޮށްގެން ނުވާނެއެވެ.

3. މިސްކިތުގެ ޤިބުލަ ފަރާތުގެ ފާރުގެ ތިރީގައި ކުޑަދޮރު ހެދުމަކީ އެދެވޭ ކަމެއް ނޫނެވެ. އެ ފާރުން ކުޑަދޮރު ކަނޑަން ޖެހިއްޖެނަމަ، އެ ކުޑަދޮރުތައް ކަނޑާނީ ނަމާދަށް ހުންނަ މީހާގެ ލޮލަށް ފެންނަ ހިސާބަށްވުރެ މަތިންނެވެ.

4. ނަމާދުކުރުމަށްޓަކައި މީހަކަށް ބޭނުންވާނީ، ގާތްގަނޑަކަށް 1 (އެކެއް) އަކަމީޓަރެވެ. މީހަކަށް ބޭނުންވާނީ، ގާތްގަނޑަކަށް ފުޅާމިނުގައި 0.8 މީޓަރ، ދިގުމިނުގައި، 1.2 މީޓަރު ހުންނަވަރުގެ ޖާގައެކެވެ. މި މިންގަނޑުން ހިސާބުކުރާއިރު، މިސްކިތުގައި އެއްފަހަރާ ނަމާދުކުރެވޭނެ މީހުންގެ ޢަދަދު ދެނެގަތުމަށް ފަސޭހަވާނެ އެވެ. އެހެނީ، 100 އަކަމީޓަރުގެ މިސްކިތެއްގައި ވާނީ، 100 މީހުންނަށް ނަމާދުކުރެވޭނެ ޖާގައެވެ.

5. މިސްކިތުގެ ބާވަތުގެ ގޮތުން، މިސްކިތުގައި ނަމާދުކުރުމަށް ބޭނުންވާ ޖާގަ ބަދަލުވެ އެވެ. މައިގަނޑު ގޮތެއްގައި ފަރުޟު ނަމާދުތައް ކުރުމަށްޓަކައި ބިނާކުރެވޭ އާދައިގެ މިސްކިތެއްގެ މުޞައްލާގައި މީހަކު ނަމާދުކުރުމަށް ބޭނުންވާނެ އޭރިޔާ އަކީ، 1.2 އަކަމީޓަރެވެ. މައިގަނޑު ގޮތެއްގައި ގިނަ ބަޔަކު އެއްވެ އެއްތަނެއްގައި ނަމާދުކުރުމަށްޓަކައި ބިނާކުރެވޭ ޖާމިޢު މިސްކިތެއްގެ މުޞައްލާގައި މީހަކު ނަމާދުކުރުމަށް ބޭނުންވާނެ އޭރިޔާ އަކީ، 1.3 އަކަމީޓަރާއި 1.4 އަކަމީޓަރާ ދެމެދުގެ މިންވަރެކެވެ.

6. މިސްކިތުގެ ޖުމުލަ އޭރިޔާ ކަނޑައެޅޭނީ، މިސްކިތުން ދޭ ޚިދުމަތްތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. އެހެންކަމުން، ހުރިހައި މިސްކިތެއްގެ ޖުމުލަ އޭރިޔާ އެއްވަރެއް ނުވާނެ އެވެ.

7. މިސްކިތުގެ ޖުމުލަ އޭރިޔާ ކަމަށް ބަލަނީ، މިސްކިތުގެ ދައުރާއި ވަޒީފާ އަދާކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ބައިތަކުގެ ޖުމުލަ އޭރިޔާ އެވެ. އެހެންކަމުން، މިސްކިތުން ބޭރުގައި ހަދާ، ޕާކިންގ އޭރިޔާ އާއި، ހުސް ބިމުގެ އޭރިޔާ، މިސްކިތުގެ ޖުމުލަ އޭރިޔާގެ ތެރޭގައި ނުހިމެނޭނެ އެވެ. އަދި އާންމުކޮށް މިސްކިތުގައި ހިމަނަން ނުޖެހޭ، ކްލިނިކްތަކާއި، މެހްމާނުން ބައިތިއްބާ ކޮޓަރިތައް ފަދަ ތަންތަން ވެސް މިސްކިތުގެ ޖުމުލަ އޭރިޔާގެ ތެރޭގައި ނުހިމެނޭނެ އެވެ.

8. މިސްކިތުގެ މިންބަރު ފަރުމާކުރަންވާނީ، އެއަށް ބޭނުންވާނެ ޖާގަ ވީހައިވެސް ކުޑަވާނެހެންނެވެ. އަދި އެއްވެސް ސަފެއްގެ ތެރެއަށް މިންބަރުގެ ބައެއް ވަދެ، ސަފެއް ބުރިނުކުރާނެހެންނެވެ. މިންބަރުގެ އެންމެ މަޤުބޫލު ވައްތަރަކީ، މިޙުރާބުގޭ ތެރެއިންލާފައި އެރޭ ގޮތަށް، ޤިބުލަފާރާ ހަމައަށް ހަދާފައި ހުންނަ މިންބަރެވެ.

9. ވުޟޫކުރާ ތަނާއި ފާޚާނާތައް ފަރުމާކުރަންވާނީ، މިސްކިތުގެ ސާފުތާހިރުކަން ދެމެހެއްޓޭނެހެންނެވެ. މިސްކިތުގެ ޖާގައަށް ބަލައި، ކޮންމެ 40 މީހަކަށް ވުޟޫކުރާނެ 2 (ދޭއް) އިސްކުރާއި 1 (އެކެއް) ފާޚާނާ، މަދުވެގެން ހުންނަންވާނެ އެވެ.

10. މިސްކިތުގެ ދޮރުތައް ފަރުމާކުރަންވާނީ، ފަސޭހަކަމާއެކު މިސްކިތަށް ވަދެނިކުމެވޭނެހެންނެވެ. ފިރިހެނުން ވަންނަ ދޮރުތަކާއި، އަންހެނުން ވަންނަ ދޮރުތައް މުޅިން ވަކިކުރަންޖެހޭނެ އެވެ. ގިނަ ބަޔަކު އެއްފަހަރާ މިސްކިތުގައި ނަމާދުކުރުމަށްފަހު، އެމީހުންނަށް މިސްކިތުން އަވަހަށް ނިކުމެވޭނެހެން ދޮރުތައް ފަރުމާކުރުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.

11. މުޞައްލާ ނުވަތަ ނަމާދުކުރާ ހޯލްގައި ތަނބެއް ހުރުމަށްވުރެ ރަނގަޅީ ތަނބެއް ނެތުމެވެ. އިހުޒަމާނުގެ މިސްކިތްތައް ތަނބު ނުޖަހައި ހިޔާކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް މިޒަމާނުގައި ތަބެއް ނުޖަހައި މިސްކިތެއް ހިޔާކޮށްލުމަކީ ދަތި ކަމެއް ނޫނެވެ.

12. މިސްކިތުގެ ބޭރުފުށާއި އެތެރެފުށުގެ ފާރުތަކާއި އެހެނިހެން އުންސުރުތައް، އެކިއެކި ކުރެހުންތަކާއި ލިއުންތަކުން ޒީނަތްތެރިކުރުމުގައި އިސްރާފުކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. މިސްކިތް ފަރުމާކުރަންވާނީ، ސާފު ސާދާ ތަނެއްގެ ގޮތުގަ އެވެ. މިސްކިތަކީ އޭގެ އަމިއްލަ ޒާތުގައި މީހުންގެ ހިތްތަކަށް ރަހުބަތާއި ހައިބަތު ވައްދައިދޭ ތަނެއް ކަމުގައި ވެގެން ނުވާނެ އެވެ. މިސްކިތް ފަރުމާކޮށް، މިސްކިތުގެ ސިފަ ބައްޓަންކުރަންވާނީ، ސާފުކަމާއި، ޠާހިރުކަމާއި، ސާދާކަމާއި، މަތިވެރިކަމާއި، ސިޔާދަތު މާނަކޮށްދޭ ތަނެއްގެ ގޮތުގައެވެ.

13. މިސްކިތް ފަރުމާކުރަންވާނީ، އަޑާއި އަލިން ކިލަނބުނުވާނެ ތަނެއްގެ ގޮތުގަ އެވެ. އެހެންކަމުން، މިސްކިތުގައި އަޑު ހިނގާނެ ގޮތް ރަނގަޅަށް ދިރާސާކުރަންޖެހޭނެ އެވެ. ހަމައެފަދައިން މިސްކިތަށް އަލިވެއްދުމާއި، ބޮކި ފަދަ ތަކެތި ހަރުކުރަންވާނީ ވެސް ރަނގަޅަށް ދިރާސާކޮށްގެންނެވެ. ނަމާދަށް ހުންނަ މީހާގެ ލޮލަށް އުނދަގޫވާނެހެން މިސްކިތުގެ ބޮކިތައް ހުރެގެން ނުވާނެ އެވެ. އަދި މިސްކިތުތެރެ އަޑުން ކިލަނބުވުމަކީ ވެސް ވެގެންވާނެ ކަމެއް ނޫނެވެ. ނަމާދުގައި ކިޔަވާ ތަކެއްޗާއި، މިސްކިތުގައި ދެވޭ ޚުޠުބާ އާއި ދަރުސް ފަދަ ތަކެތީގެ އަޑު، މިސްކިތުގެ ހުރިހައި ހިސާބަކަށް ވެސް ސާފުކޮށް އަޑުއިވެންވާނެ އެވެ. އެކަމަކު އޭގެ އަޑު އެކޯވެ، އެއިން މިސްކިތުގެ އާބުހަވާ ތަޣައްޔަރުވުމަކީ ނޭދެވޭ ކަމެކެވެ.

14. މިސްކިތުގެ ކޮންމެ ތަނެއްގައި ވެސް ކީރިތި ޤުރުއާން ބަލައިގެން ފަސޭހަކަމާއެކު ކިޔަން އެނގޭ ވަރަށް އަލިކަން ހުންނަންވާނެއެވެ. އެހެންކަމުން، ފަނޑު އައްޔަކީ މިސްކިތާ އެކަށޭނަ އައްޔެއް ނޫނެވެ.

15. މިސްކިތުގެ ތެރޭގައި ބަހައްޓާ ކީރިތި ޤުރުއާނުގެ އާޔަތްތަކާއި، ޒީނަތްތެރިކުރުމުގެ ގޮތުން އަޅާ އިސްލާމީ ޒަޚުރަފާ ހުންނަންވާނީ، ނަމާދަށް ހުންނަ މީހާގެ ލޮލަށް ފެންނަ ހިސާބަށްވުރެ މަތީގަ އެވެ. އަދި އެފަދަ އެއްޗެހި ހަދަންވާނީ ފަސޭހައިން ސާފުކުރެވޭނެ ގޮތަކަށެވެ.

16. މިސްކިތުގެ ތެރޭގައި ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކާއި، ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތައް ލިޔެފައި ބަހައްޓަންޖެހޭ އިސްލާމީ ހަމަތަކެއް ވެ އެވެ. އެއިން އެއް ހަމައަކީ، އެތަކެތި ބަހައްޓަންޖެހޭ ހިސާބެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، އެފަދަ ތަކެތި ބަހައްޓަންޖެހޭނީ، ކޮޅަށް ހުންނަ މީހަކު މައްޗަށް އަތް އުފުލައިލީމާ އޭނާގެ އަތް ފޯރާ ހިސާބަށްވުރެ މަތީގަ އެވެ. ޢިމާރާތްކުރުމާބެހޭ ގޮތުން ވާރިދުވެފައިވާ ޙަދީޘްފުޅުތަކުން ވެސް މިކަން އެނގެ އެވެ.

ނިންމުން:

ނަންގަނެވިދިޔައީ، މިސްކިތް ފަރުމާކުރުމާބެހޭ ބައެއް އަސާސީ މަޢުލޫމާތެވެ. މީގައި ނަންގަނެވިފައިވާ އުންސުރުތަކުގެ މައްޗަށް ވަކިވަކިން ނަޒަރު ހިންގާލައިފިނަމަ، މިއަށްވުރެ މާ ދިގުކޮށް ލިޔެލެވިދާނެ އެވެ. ނަމަވެސް މި މަޒުމޫނުގައި އަލިއަޅުވާލާފައި މިވަނީ، އެންމެ މުހިންމު ކަމަށް ފެންނަ އަސާސީ މަޢުލޫމާތު މައްޗަށެވެ.
                    -------------------------
މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން