ޙަޔާތުގެ ދެ ގޯލު


އިންސާނާ ކުރަންޖެހޭ ދަތުރުގެ މެދުތެރޭ މަންޒިލަކީ، ދުނިޔެއޭ މިކިޔާ ތަނެވެ. ދަތުރުގެ އެމަންޒިލަށް ދާންޖެހެނީ މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުންނެވެ. އަދި އެ މަންޒިލުން އެނބުރި ދިޔުންއޮތީވެސް ހަމަ އެމަތިވެރި ޙަޟްރަތަށެވެ.

(ދުނިޔޭގައި އިންސާނާގެމިސާލަކީ ވައިގެމަގުން މާލެ/ގަން/މާލެއަށް ދަތުރުކުރަންޖެހޭ މީހަކު ގަމުގައި މަޑުކޮށްލުން ފަދަ ކަމެކެވެ. ފުރަންޖެހެނީ މާލެއިންނެވެ. ގަމަށްގޮސް އެނބުރި ދާންޖެހެނީވެސް މާލެއަށެވެ. ގަމަކީ ހަމައެކަނި ކުރަންޖެހޭ ދަތުރުގެ މެދުތެރޭގެ މަންޒިލެކެވެ. އިންސާނީ ޙަޔާތާއި ކުރިމަތިލައި ރަނގަޅު ނަތީޖާ ޙާޞިލްކުރުމަށް ޢަޒުމު ކަނޑައަޅަންވީ އެ މަންޒިލުގައެވެ. އިންސާނާގެ ދުނިޔެވީ ޙަޔާތުގެ ހުރިހާ ކުޅުމެއް ކުޅެންޖެހޭ ދަނޑަކީ އެމަންޒިލެވެ.)

ދުނިޔެވީ ޙަޔާތަށް އިންސާނާ ފޮނުއްވަނީ މަތިވެރި ﷲ އަށް އަޅުކަން ކުޅައުމަށެވެ. އެއަޅުކަމަކީ ދުނިޔެއާއި އާޚިރަތުގައި އެމީހަކަށް އޭގެ ފައިދާ ލިބެނެވި ހެޔޮ ބަހާއި ހެޔޮ ޢަމަލެވެ. ނުބައިކަމާއި ފާފަވެރިވުން ނެތް ބަހާއި ޢަމަލެވެ. ހެޔޮގޮތުގައި ދުނިޔެވީ ޙަޔާތާއި ކުރިމަތިލައި ތިމާއާއި ތިމާގެ މައިންބަފައިންނާއި އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި އަފުރާދުންނާއި ތަނަށް ކޮންމެހެން ބޭނުންވާނޭ މަންފާ ކުރަނިވި ހެޔޮ ކަންކަމަށްޓަކައި ދުނިޔެ ތަޢުމީރު ކުރުމަކީވެސް، އިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ މަގްޞަދުގެތެރޭ ހިމެނޭ ކަމެކެވެ. 

ދުނިޔެއާއި އާޚިރަތުގައި އިންސާނާއަށް މަންފާ ލިބެނެވި ކަންކަން ޙާޞިލްވުމަކީ، ދެދުނިޔޭގެ ބާއްޖަވެރިކަން(ނަޞީބުވެރިކަން) ލިބުމެވެ.
(މަންފާއަކީ ނަފާއެވެ. ފައިދާއެވެ. ލާބައެވެ. މަންފާ ކުރުމަކީ ފައިދާ ކުރުމެވެ. ލާބަ ވުމެވެ. ރަނގަޅު ކަމެއް ވުމެވެ. ނަފާ ވުމެވެ.)

ދުނިޔެއާއި އާޚިރަތުގެ މަންފާ ލިބިގަނެވެން އޮތީ، އިންސާނާ ދުނިޔޭގެ ދަނޑުގައި ކުޅޭއިރު ދެ ގޯލަށް ވެސް
 "ބޯޅަ" ވައްދައިލެވޭ ނިސްބަތެއްގައެވެ. ދުނިޔޭގެ ދަނޑަކީ ފުޓްބޯޅަ ފަދަ ކުޅިވަރުތަކުގެ ދަނޑުގެ ދެ ގޯލުން އެއް ގޯލަކީ އަމިއްލަ ބައިގެ ގޯލަށްވާ ގޮތަށް އޮންނަ ދަނޑެއްނޫނެވެ.

ދުނިޔޭގެ ދަނޑުގެ އެއްގޯލަކީ، ދުނިޔޭގެ ގޯލެވެ. ދުނިޔޭގެ ގޯލަށް ބޯޅަ ވެއްދުމުން ދަނޑުގެ ސިޑިބަރިންނާއި ގޮނޑިބަރިން ތަރުޙީބުގެ އަތްތިލަބަނޑި ޖަހާނެއެވެ. ހިނގަމުންދާ މެޗު ސީދާ ވަގުތުން ބަލައިގެން ގެނެސްދޭ ކޮމެންޓޭޓަރުން ހައްޓަކު ހެޔެއް ނުހުންނާނެއެވެ. ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ރަންބޫޓާއި ރިހި ފައިވާނާ އިނާމާ ދޭނޭ ބަޔަކުވެސް އުޅޭނެއެވެ. އެކަމަކު އެދަނޑުގެ ކުޅުން ނިމި އެނބުރި ދާއިރު، އެއިން އެއްވެސް އެއްޗެއް ނުގެންދެވޭނެއެވެ. ދާންޖެހޭ ފަހު މަންޒިލްގެ ކައުންޓަރުން އެންމެ ކުޑަމިނުން މީހާގެ އައިޑީކާޑު ވެސް، ގެންދިޔަކަ ނުދޭނެއެވެ
.
 
ދުނިޔޭގެ ދަނޑުގެ އަނެއް ގޯލަކީ، އާޚިރަތުގެ ގޯލެވެ. މީހަކު އެގޯލަށް ބޯޅަ ވެއްދިކަން ނޫންކަންވެސް، ސިޑިބަރިއާއި ގޮނޑިބަރީގައި ތިބޭ ބަޔަކަށް ގިނަފަހަރަށް ނޭނގޭނެއެވެ. ވަގުތުން މެޗު ގެނެސްދޭ ޓީވީ ރޭޑިޔޯ ކޮމެންޓޭޓަރުންނަށް ޢަމުދުން ރޭކާވެސް ނުލާނެއެވެ. އެކަމަކު މިގޯލަށް "ބޯޅަ" ވައްދާލެވޭތޯ ގަދައަޅައި މޮޅަށްކުޅެ އެކަން ވެއްޖެނަމަ، އެއޮތީ ފިސާރި ރަނގަޅަށް ކުޅެވިފައެވެ. އެމީހަކަށް ލިބޭނޭ އިނާމުގެ ވާހަކަ ދައްކައި ދުވަހަކު ކޮޅަކުން ނުލާނެއެވެ. އިންސާނެއްގެ ޚިޔާލަށްވެސް ނުގެނެވޭފަދަ ފުރިހަމަ ރަސްމިއްޔާތެއްގައި އެމީހަކަށް އެންމެ އަގުބޮޑު "ޖަވާހިރު"ގެ ބޫޓް ލިބޭނެއެވެ. އަދި އިންސާނެއްގެ ޚިޔާލަށްވެސް ނުގެނެވޭފަދަ އެންމެހައި ކަމެއް ފުރިހަމަ ދުވަހު، ވަކިވުމެއް ނެތް ދޫކޮށްލުމެއް ނެތް ލާމަސީލް "ކްލަބަށް" އެންމެ ބޮޑުއަގުގައި ދާއިމީ ޓްރާންސްފަރވެސް ވީއެވެ.

ދުނިޔޭގެ ދަނޑުގައި ކުޅޭއިރު މެޗް ކުޅުވާ ރެފްރީއާ ރޮނގު ބަލަހައްޓާ މީހުންނަށް ސިއްރުން ކުޅުމުގައި މަނާ ކަންކަމެއް ކުރެވިދާނެއެވެ. އެހެން ކުޅުންތެރިންގެ ގައިގައި ބޫޓުން ޖަހައި ލޮލަށް އިނގިލި ހެރިދާނެއެވެ. އަދި ރެފްރީއަށް ސިއްރުން ދަނޑުން ފައިބައި ސިޑިބަރި ދަށުގެ ފިހާރަތަކުން ސޭޓަށް ސިއްރުން އެއްޗެހިތަކެއް ނަގައި އަންބޮނޑީގައިވެސް ފޮރުވިދާނެއެވެ. އެކަމަކު ކުޅުންތެރިއަކު ކުރާ އެއްވެސްކަމެއް މުޅިދަނޑު ފެންނަ "ފަނޑިޔާރަށް" ސިއްރު ކުރެވޭކަށް ނޯންނާނެއެވެ. އެކަމެއް ނުކުރެވޭނެއެވެ. 

މިހެނީ، އެދަނޑު(ދުނިޔެ) ތައްޔާރުކޮށްފައި ވަނީ، ރޭގަނޑު ކަނު އަނދިރީގައި ބޮކި ނުދިއްލައި އެތާނގައި ބަޔަކު ކުޅުނު ނަމަވެސް މުޅި ދަނޑުމައްޗާއި ދަނޑުގެ އަރިއަރިމަތި ފިޔަވައި ދަނޑާއި ދިމާލުން މައްޗާއި ދަނޑުގެ އަޑީގައި ވިޔަސް މީހަކަށް ވިޔަސް ފަނިފަކުސައެއް ވިޔަސް އޮޔާއި ވަޔަށް ވިޔަސް ކުރާ އެއްވެސް ކަމެއް "ފަނޑިޔާރަށް" ކުޑަކޮށްވެސް ސިއްރު ނުކުރެވޭ ގޮތަށެވެ. އެހާ މޮޅަށެވެ. އެހާ ފުރިހަމަކޮށެވެ. ދަނޑުގައި ކުޅޭ އެއްވެސް ކުޅުންތެރިއަކަށް މިޙަގީގަތާއި ދެކޮޅު ހެދޭނޭ އެއްވެސް ގޮތެއް ނޯންނާނެއެވެ.

ދުނިޔެވީ ޙަޔާތުގެ ދަނޑުގައި ކުޅެމުން ދާއިރު ދުނިޔޭގެ އެދުމާ ހުރެ ހޭބޯނާރައި ދުނިޔެވީ މަންފާގެ ބޮނޑިބޮނޑި ބަނދެ، ކޮނޑަށްލައި ހިފޭ ނުހިފޭ ވަރުން އުޅެނިކޮށް އެދަނޑުގައި ކުޅުމުގެ ވަގުތު ހަމަވެ، "ރެފްރީ" ކަށިގަނޑު ފުމެލުމާއެކު ދަނޑުން ފައިބަންވީއެވެ. އެދަނޑުގައި ކުޅުނުއިރު ދުނިޔޭގެ ގޯލަށް ޖެހި ގޯލުގެ ސަބަބުން ލިބުނު ރަންބޫޓާއި މެޑެލާއި ތައްޓާއި އިނާމާއި ސަނަދާއި ލިބިފައި ހުރި ފައިސާތަކާއި ރެފްރީއަށް ސިއްރުން ދަނޑުން ފައިބައި ސިޑިބަރިދަށުގެ ފިހާރަތަކުން ސޭޓަށް ސިއްރުން ނެގި އެއްވެސް އެއްޗެއް ނުގެންދެވި ބޭނުމެއް ނުފުދި ބޭކާރުވީއެވެ. ދަނޑުން ފޭބުމުން މަންފާ ކުރަނިވި އެއްޗަކަށް އޮންނަނީ ހަމައެކަނި އާޚިރަތުގެ ގޯލަށް ވެއްދި ބޯޅައެވެ. ޖެހި ލަނޑެވެ. މިޙަގީގަތާއި ދެކޮޅު ހެދޭނޭ އެއްވެސް ގޮތެއް ނޯންނާނެއެވެ.
              --------------
 ޢަބުދުﷲ ޙިލްމީ
7 އޯގަސްޓް 2012މ.