ޕްރިންސް ދީދީގެ ވާހަކަ - 2










އެދުވަސްވަރި ސިލޯނެ ބޮނޑަވަޒީރަކައް ހިށީ ޔުނައިޓެޑް ނެޝަނަލް ޕާޓީގެ ލީޑަރު ޑީއެސް ސެނެނާޔަކަ. ޕްރިންސް ދީދީގެ އިނގިރޭސި މަޒްމޫނުތަކުގެ ފެންވަރަ ރަނގަޅަކަމާއި ކެއިދިނުން ކުރުކަމާއި ފުރިހަމަކަމުން ޔޫއެންޕީގެ ޕްރޮޕަގެންޑާ ޑިޕާޓްމަންޓައް  ޕްރިންސް ދީދީ ވަރައް މުހިއްމުވެގެ. އެހެންވެގެން ބޮނޑަވަޒީރުގެ އޮފީހައް ޕްރިންސް ދީދީ ގިނިގޮސް ޑީއެސް ސެނެނާޔަކަ ކޭފި، ތިމާގެ ސަރުކާރުން ހިނގުވާ މަޝްރޫއުތައް ރައްޔިތުންގެ އެތެރުން ކިޔަވަގެންތިބި މުޅު މީހުންގެ ބޮލައް ވަންނަ ޒާތުގެ މަޒްމޫނުތައް ސަރުކާރުގެ ނޫސްތަކި ލޭއި ދޭއްކެއި. އަދި ސަރުކާރަކީ ތަސައްރަފު ފުދޭ ސަރުކާރައްކަން ފަރަންޖީންނަށަސް މޭރުންވޭ ކަހަލެއި މަޒްމޫނުތައް އިނގިރޭސިބަހުން ލޭއި ދޭއްކެއި. ޕްރިންސް ދީދީ މިކަމައް އެއްބަސްވީ އެދީދީ ހިއުއެދޭ ވަޒީފާއް ހަަމަޖައްސައިދިނުން ޝަރުތުކޮއްފެއި. ސެނަނާޔަކަ ކޭފި، ދީދީ ހިތާއިވޭ ވަޒީފާކި ޓައިޓަލް އަނގުވާއްކެއި. މަޑަސް ނިޖަހައި ދީދީ ކޭފި،ތިމާ ރުހެނީ ފުލުސް ސާޖަންޓުކަމާއު. 


ކޮންމިޔަކަސް ފުލުސް ސާޖަންޓަކާގެ ޔުނިފޯމާއި އައިޑީ ކާޑާއި ފިސްތޯލާކާއި އެދުވަހުން ފެށިގެން ޕްރިންސް ދީދީއައް ލިބިގެ. އެކަމަކި ވަޒީފާއް ނުކުންނެއި ބޮނޑަވަޒީރުގެ އޮފީހައް. ކެރާކަމަކީ ލެތުން ލޭފެއި ލޭކްހައުސްއައް ފެނޑުވުން. ލޭކްހައުސްއަކީ ސަރުކާރުގެ ރަސްމީ ބޮނޑަ ޗާޕުޚާނާ. ސަރުކާރުގެ ކޮންޓްރޯލް އޮންނެ ހުށިހެއި ނޫސް މަޖައްލާ ނުކުންމަނީ އެތަނުން. ބޮނޑަވަޒީރު ޑީއެސް ސެނެނާޔަކާގެ އޮފީހައް މިލެކައް ނުކުމި ލެތުން ލެއްކޯ ވަޒީރުންގެ އެތެރުން ޕްރިންސް ދީދީ އެއި އެންމެބޮނޑަ ރަހުމައްތެރިކަމުގެ ގުޅުމައް ބޭވި މީހަކީ އެސްޑަބްލިއާރްޑީ ބަންޑާރަނައިކަ. އަހަރަކަސް ނިވޭތިކޮއް ޑީއެސް ސެނެނާޔަކަ މަރަވެގެން ދެން ސިލޯނެ ބޮނޑަވަޒީރުކަމައް އައި އެޔެގެ ކަލޯ ޑަޑްލީ ސެނެނާޔަކަ.

ކަލޯގެ ބޮނޑަވަޒީރުކަމި ދުވަސްވަރި ޔުނައިޓެޑް ނެޝަނަލް ޕާޓީ ދެބައިވެގެ. ޕްރިންސް ދީދީގެ ރަހުމައްތެރި އެސްޑަބުލިޔުއާރްޑީ ބަންޑާރަނައިކަ ހަދަގައް ފްރީޑަމް ޕާޓީއައު ކޭ އައު ޕާޓީއައް. ޑަޑްލީ ސެނެނާޔަކާގެ ދައުރެ ޔޫއެންޕީ ރޫޅިގޮސް އޮއްވޭލެއި މުހައްމަދު އަމީނުގެ ދައުވަތަކައް ސިލޯނެ ސީނިއަރ ވަޒީރަކާއް ހިށި ސާރ ޖޯން ކޮޓެލެވަލަ 1952 ވަނަ އަހަރި މާލެ ބާއި. ސަރ ޖޯން ކޮޓެލެވަލަ މާލެ އާސް ދިވެހި ސަރުކާރާއި އެކީ ދެއްކި ވާހަކައި އެތެރެ ޕްރިންސް ދީދީގެ ވާހަކަ ކޮންމިޔަސް ވަރަކައް ދެކެވިގެ. ޕްރިންސް ދީދީއަކީ ރާއްދޭގެ ޕްރިންސައް ނުންކަމަށާއި އޭ ވައްކަމުގެ މައްސަލާކި މާލެ ގިނޭވޭލެއި ފިލަގެން ގޮސް ލަންކާއި ވޭނޑޭ އައްޑޫ މީހަކާކަން އަނގުވަލިޔެ. މާގިނަ ދުވަހައް ނިވެ ޑަޑްލީ ސެނެނާޔަކަ މަގާމުން ވަކިވެގެ. ދެން ބޮނޑަވަޒީރުކަމައް އައި އެއްކަލަ ސާރ ޖޯން ކޮޓެލެވަލަ. އެކޯ ޕްރިންސް ދީދީ ހިށީ މާބޮނޑަށަސް އެސްޑަބްލިޔުއާރްޑީ ބަންޑާރަނައިކަ ކެޑެ.

ވަރައް ކުރިން ފެށިގެން ދިވެހި ސަރުކާރައް ފާޑަކޭފެއި ލެތުމާއި އަދި އެކޯ ސާރ ޖޯންގެ ސަރުކާރަށަސް ފާޑަ ކޭ މީހަކާއް ޕްރިންސް ދީދީ ވޭހެދި މި ދީދީ ސިލޯނުން ބޭރެކޮއް ރާއްދެ ފެނޑުވަލިއުމުގެ ވިސްނުމައް ސަރ ޖޯން ގިނިވޭނޑޭކަން އެނގިގެ. ބަލާކައް ނިހިށެ ޕްރިންސް ދީދީ ވަގުތުން ކޮޅުނބެ ހައިކޯޓައް މައްސަލާއް ވަދުވަލި. މި މައްސަލައި ޕްރިންސް ދީދީ ކޭފެއިއޮތީ ތިމާގެ ބައްޕާއި ކާފާކީއަސް ރާއްދެ ރަސްކަން ކެޑެ މީހުންނާއު. މިކޯ ތިމާއް އެނގުވުމައް ނެތި މުހުއްމަދު ފަރީދުއައު ކޭ މީހަކާ ރަސްކަމައް އިސްކޮއްލިޔައު. ތިމާގެ ޖިސްމައް ގެއްލުންވޭހެއް ކަމައް ފެނޭތި ރާއްދެ އޭކައް ނިއެދެމާއު. އެހެންވީމެއި ތިމާގެ ސިލޯނެ ރައްވެހިކަމި ފަނޑިޔާރަގެން ސިއްކަ ޖަހައިދެރެ ތިމާކީ ޕްރިންސައް ކަމައް ނިންމައި އަބުރުވެރިކަމާއި އެކީ ސިލޯނެ ހިށޭލެއް ހަދައި ދޭއްކެއި. ފެބްރުއަރީ 28،1954 ވަނަ ދުވެހި ކޯޓައް ވެދުވި މައްސަލައި ވަރައް ދިގިކޮއް ވާހަކަދެކެވި އެންމެފަހުން ކޯޓުން ނިންމައިދިނީ ޕްރިންސް ދީދީ ހިތާއިވޭ ލެކައް.

ހައިކޯޓެ ނިންމުމާއި ވިދިގެން ކޮޓެލެވަލަށަސް އަދި މާލޭ ސަރުކާރަށަސް ޕްރިންސް ދީދީ އޭއި ހަމާއް ނިގީ ތިބިވޭލެއި 1956 ވަނައަހަރި ސިލޯނެ ބޭވި އިންތިޚާބުން ކުރިހޯދީ އެދީދީގެ ރަހުމައްތެރި އެސްޑަބްލިޔުއާރްޑީ ބަންޑާރަނައިކަގެ ފްރީޑަމް ޕާޓީ. ބޮނޑަވަޒީރަކައް ބަންޑާރަނައިކަ އައުމާއި އެކީ ޕްރިންސް ދީދީ ގިނިގޮސް ކޭފި، އެންމެ އިހަށަސް ދީދީ ކެޑެ މަސައްކައް އަލުން ފަށައިދޭއްކެއި. ސަރުކާރުން ޝާއިއުކެރާ ނޫސް މަޖައްލާތަކި އިނގިރޭސި ބަހުން ސަރުކާރަ ނަގަހައްޓައިދޭއްކެއި. މިފަހަރަސް މަސައްކައް ކެޑުން އޮތީ ތިމާގެ އޮފީހެޔައު. އެކަމަކި ކުރިން ހިށި މަގާމައްވަނި ހެއު މަގާމަކައް މިފަހަރަ އެދޭއް ވޭށިޔައު. ޕްރިންސް ދީދީ ކޭފި، މިފަހަރަ ރަންގަޅައި ސީނިއަރ ސީއައިޑީ އިނިސްޕެކްޓަރު ކަމާއު.

އެދުވަހުން ފެށިގެން ޕްރިންސް ދީދީއައް ފިސްތޯލާކާއި އިނިސްޕެކްޓަރަކާގެ ޔުނިފޯމާއި އައިޑީ ކާޑު ލިބިގެ. މަސައްކަތައް ނުކުންނެއި ބޮނޑަވަޒީރުގެ އޮފީހައް. އެކޯ އެދީދީގެ ސިލޯނެ އަނބިމީހާ ފާތިމާ ބީބީ ބަނޑުން އެވެރިންގެ ދޭށެ ކޮއްޔާ ޚައިރު ބީބީ ލިބިގެ. އައްޑޫން ފުރިކޯ އިނދެގެން ހިށި ކުއްދައިތާގެ މަރިޔަމް ދީދީ ނާއިބުގެއް ގޮސް ކާވެނި ރޫޅުވަގެން އެހެން މީހަކާއި އިނދަގައް. ދީދީގެ ދޭށެ ދިޔެ ދޮންދީދީއަސް ރަށި ހިށަގެން ބޮނޑަވެމުން ތެބެއެއި.

ބަންޑާރަނައިކާގެ ދައުރެ ޕްރިންސް ދީދީ ހިށީ ވަރައް އިއްޒަތި. ގޭދޮރެޔަސް ސިކިއުރިޓީ އޮވެއި. މާލޭ ވަޒީރު ބެއިފުޅުން ކޮޅުނބައް ގެޔަސް އެދީދީ އެކަހައް އެތާ. ހިތަދޫ ވެޑިފަހަރުން ކޮޅުނބައް އޭ ހިތަދޫ ބޮނޑުންނަސް ދީދީ އެކަހައް އެތާ. ކަސްޓަމްސް އެއި ބައެއް ތަންތަނުން މައްސަލަ ޖެހިގޭފެހޭ އެ ދީދީގެ އެހީތެރިކަން ހޯދަތާ. ކޮޅުނބެ ހިންނެ ދިވެހިދައުލަތުގެ ސަފީރައްވަނިޔަސް ޕްރިންސް ދީދީގެ ހައިބަތާއި އިއްޒައް ބޮނޑަ.

މިލެކައް ކަންތެތި ހިނގަމުން އާސް އައްޑޫ ގަމި މައްސަލައި ރާއްދޭގެ ބޮނޑަވަޒީރުކަމުން އިބްރާހިމް ފާމުލަދޭރި ކިލެގެފާނު ވަކިވެ ވެލާނާގޭ އިބްރާހިމް ނާސިރު ބޮނޑަވަޒީރުކަމާއި ހަވާލަވެގައް. މާގިނަދުވަހައް ނިވެ ހުވަދޫ އެއި ފުވައްމުލަކާއި އައްޑޫ ހިމެނޭ ގޮތުން ސުވާދީބު ޖުމްހޫރިއްޔާއު ކޭފެއި ހިތަދޫ ފިނިފެންމާގޭ އަބްދުﷲ އަފީފު ވަކި ދައުލަތައް 1959 ވަނަ އަހަރަ ފެށުމާއިއެކީ އިއުލާން ކޮއްލި. މިކަމާއި ގުޅިގެން ސިލޯނެ ނޫސްތަކި މައިގަނޑަ ގޮތަކި ހިންނެއި މާލޭ ސަރުކާރައް ލަކި ޖަހަފެއި. ވަކި ދައުލަތައް ހަދާއް މެދެވެރިވީ މާލޭ ސަރުކާރުގެ ވިޔާއިނިވެގޭ ސިޔާސަތުގެ ސަބަބުން ކަމަށަސް ލޭފެއި ހިށެއި.

މާލޭ ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދެ ސިލޯނު މެދެވެރިވެގެން ދެކެވޭ ވާހަކަތަކާއި ކެރާ ސިއްރު މުއާމަލާތި ވާހަކާސް ސިލޯނެ ނޫސްތަކައް ތެބެއަރައި. ސުވާދީބު ތިން އަތެޅެ ރައްޔިތުން އެދިގެންތިބީ އިންސާނީ ކަރާމާތާއި އެކީ ވޭނޑުމުގެ ފުރުސަތުކަމަށަސް ލޭފެއި ހިށެއި. ޓައިމްސް އޮފް އައްޑޫގެ ނަމި ސުވާދީބު ސަރުކާރުން ހިތަދޫލެއި ނުކުންމި ނޫހައް ވަނި ސިލޯނެ ބައެއް ނޫސްތަކި ލޭނަ މަޒްމޫނުތަކުން ސުވާދީބުގެ އަސަރަ މާބޮނޑަށަސް ފައުޅުވެއި. ރާއްދެ ބޮނޑަވަޒީރު ވެލާނާގޭ އިބްރާހިމް ނާސިރު މިމައްސަލާއި ރިޑިއަރަގެން މީ ކެހެނައްކައްވޭ ކަމައްތޯ ބެލިކޯ މިކަމި ފަހަތި މިހިންނެއި ޕްރިންސް ދީދީ.

މާގަދަކޮއްފެއި ކޮޅުނބެ ހިށަގެން ދިވެހި ސަރުކާރައް ތުރާއު ކެރަނީ ކޮން ޕްރިންސް ދީދީއަކާކަން ނާސިރު ބެލިކޯ މީ ހިތަދޫ ވާރަގޭ އިބްރާހިމް ދީދީގެ މުހުއްމާދި. މިމީހާގެ ހުށިހެއި މައުލޫމާތައް ކަރުދާހައް ނަގުވައި ބޮނޑަ ފައިލައް ތައްޔާރަކޮއްފެއި ކޮޅުނބެ ހިންނެ ދިވެހި ސަފީރައް ފެނޑުވަލާއި ނާސިރު ކޭފި، ޕްރިންސް ދީދީއައު ކޭގެން މިވޭނޑޭ އައްޑޫ މީހާ އަތި ޖައްސައި ދޭއްކެއި. ސިލޯނެ ސަރުކާރާއި ގަޑަގެން އެމީހާ މާލެ ގިނެވޭލެއް ހަދާއްކެއި. މެހެން ކޭފެއި ނާސިރު އަމެއްލާށަސް ސިލޯނެ ބޮނޑަވަޒީރު ބަންޑާރަނައިކައް ތެލެގްރާމު ފެނޑުވަފެއި މިމީހާ ދިވެހި ސަރުކާރާއި ހަވާލަކޮއްދޭއް އެދިގައް.

ސިލޯނެ ރައްޔިތަކާ ތެހެން ނިފެނޑުވޭށިޔައު ކޭފެއި ބަންޑާރަނައިކަ މިކަމާއި އަޅާއްނިލި. ބަންޑާރަނައިކަގެ ވެރިކަމި ދީދީއައް ބޯނޑައް ނިދިޔޭހެއް ކަމައް ނާސިރު ނިންމަގެން ހިށިވޭލެއި އެއަހަރި ފަހިކެޑެ ބަންޑާރަނައިކަ ގާއް ކޮންމިޔަސް މީހައް ފިސްތޯލަ ޖަހައި މަރަފި. ތިން ހަތަރަމަހައް ފަހުން ދެން ބޮނޑަވަޒީރުކަމައް އެނީ ބަންޑާރަނައިކަގެ ހުވަފައް އަންހެނުން ސްރީމާވޯ ބަންޑާރަނައިކަ. މީ އެއްވެސް ތަޖުރިބާއް ނެއް އަންހެނަކާ ކަމައް ބަލަގެން މިމީހާ ބޮލައް ޗިޕު ޖަހަގެން ޕްރިންސް ދީދީ ގިނެވިޔޭހެއް ކަމައް ނާސިރު ވިސްނަފި. މެހެން ވިސްނަފެއި ދުނިޔޭގެ ގައުމަކި ބޮނޑަވަޒީރުކަމައް އެންމެ ފެރުތަމަ އިސްވި އަންހެނަކީ ސްރީމާވޯ ކަމައްވޭހެދި މަރުހަބާ ކިޔުމުގެ ނަމި ނާސިރު ދަތެރެ ހަދަގެން ކޮޅުނބައް އެބެގެ.

ނާސިރު ކޮޅުނބައްގޮސް ސްރީމާވޯއައް ތަހުނިޔާ ކޭފެއި ވައިޖަހަފެއި ޕްރިންސް ދީދީގެ ވާހަކަ ދައްކަލި. އަޑައަހާއް ހިށަފެއި ސްރީމާވޯ ކޭފި، ދީދީއަކީ ސިލޯނެ ސަރުކާރި ވަޒީފާކި ހިށި ސިލޯނެ ރައްޔިތަކާއު. އަނބިމީހާސް އަދި ކުދިންނަކީއަސް މިތަނި މީހުންނާއު. ދީދީގެ މައްސަލައި ކޮޅުނބެ ހައިކޯޓުން މީގެ ހަ އަހަރަ ކުރިން ކޮއްފެއި އޮއް ހުކުމެ ދިވެހި ސަރުކާރާއި ދީދީ ހަވާލަ ނިވޭހެއް ކަމައް ނިންމަފެއިޔަސް ތެބޯތާއު. ވީމެއި ތެކަމި ތިމާއް ވޭހިށި އެއްވެސް ކަމައް ނެތާއު. ތޭ ޕްރިންސް ދީދީ އެއި ދިވެހި ސަރުކާރާއި ދޭތެރެ އޮއް މައްސަލާކާއު. ވީމެއި ތެގޭ ދެފަރާތުން ވާހަކަ ދައްކަގެން ތެ މައްސަލަ ހައްލުކޮއްގަންނައްކެއި. ތެކަމި އެތެރައް ސިލޯނެ ސަރުކާރަ ވަދުވާއް ނިހިނގާއްކެއި.

ދީދީގެ ސިލޯނެ ކުދިންނާއު ސްރީމާވޯ ކޭފެއިހިށީ އެއަހަރި ދީދީގެ ސިލޯނެ ދެވަނަ ކޮއްޔާ ވެހިމެއި. އެކޮއްޔާއް ނަންދިނީ ޖައްނަތު ބީބީގެ ނަމުން. ކޮންމިޔަކަސް ޕްރިންސް ދީދީ މިމަގުން ބަލިނިވީކަން ކަށަވަރަވީމެއި ނާސިރު އެހެން ރޭވުމައް ރާވަލި. ދިވެހިރާއްދޭގެ ބޮނޑަވަޒީރުގެ އަބުރާއި ކަރާމާއް ނަގަލީކަމުގެ ތުހުމަތު ބޮލެ އެޑުވަފެއި ސިލޯނެ ސަރުކާރައް ޕްރިންސް ދީދީ ހައްޔަރަ ކެރާއް މަޖުބޫރުވޭ ކަހަލެއި ސަބަބައް އުފައްދަގަންނައް ރާވަލި.

ނާސިރު ކެޑެ ބުއްދަކީ ޕްރިންސް ދީދީ ކޮޅުނބެ ހިންނެ ދިވެހި އެމްބަސީއައް ގިނާސް ނާސިރުއެއި ޒުވާބަ ކެރުވަފެއި ގޮޅިއަކައް ފައްތާއް. މެހެން ވިސްނަފެއި ސަފީރު އެކެހޭ ކޭފި، މިވޭނޑޭ ޕްރިންސް ދީދީ ނިކަން އަވަހައް ސަފީރުގެ އޮފީހައް ގިނާސްދޭއްކެއި. ދެން މިކަމާއި މެދެ ސައްލާކޮއްފެއި ލޭކްހައުސްއިން ނުކުންމާ ކޮންމިޔަސް ނޫހަކި ސަފީރުގެ ނަމި އިޝްތިހާރައް ޖަހަލިޔެ. މިޔާއި ލޭފެއި އޮންނެނި ޕްރިންސް ދީދީ ދިވެހި އެމްބަސީއައް އާސްދިނުމަކީ ސަފީރުގެ އެދުމަކާއު. ލޭކްހައުސްއައް ފެނޑުވީ ޕްރިންސް ދީދީއައް ފެނުން ކަވެރި ލެހަކީ އޭކަމައް ޔަގީންކޮއްފެއި.

އެނެއް ދުވެހި މެންދިރެއި ކޯޓުފަޓުލޫނު ލާގެން ހިށި ނިކަން ހައިބަތު ހިށި ނަލަ ފިރިހެނައް ދިވެހި އެމްބަސީއައްގޮސް ފަސޭހަ އިނގިރޭސި ބަހުން ކޭފި، މީކަންކާކަން އެނގޭތައު. އެވެރިޔެ ކޭފިޔެ ނިއެނގެއްޔައު. މިމީހައް ކޭފި، ތިމާކީ ޕްރިންސް ދީދީމާއު. މިއައި ނޫސް މެދެވެރިކޮއް ދިވެހި ސަފީރު ތިމާއް ދައުވަތު ދެރެގެނާއު. ދެން މިވެރިން އުދުރައް ނާސިރު ހިށި ކޮޓަރިޔައް ގޮސް އެއްކަލަ ޕްރިންސް ދީދީ އާސް ހިށިވާހަކަ އަނގުވަލިޔެ. ނާސިރު ކޭފި، ތެކަލޭގެ އަވަހައް މިތާން ގިނޭއްކެއި. މިވެރިން ނުކުމި ޕްރިންސް ދީދީ ބެނޑުއަގެން އެތެރައްވެދެ ނާސިރު އެކެހެ ބާއިނދުވިޔެ.

ނާސިރު ވަރައް ފުންކޮއް ޕްރިންސް ދީދީއައް ބަލަގެން ހިށެ ކޭފި، ބަލަފެލާއްކެއި ޖަހާ ވައްތަރަ. ތިމާ ކޮޅުނބައް މިއައި ތަ މާލެ ގިނޭއްވެގެނާއު. ފިލަގެން ފުރެއި ދުވަހި ހިށަފިނުންތައު. އަދުން ފެށިގެން ތެހިށީ ތިމާގެ ކޮންޓްރޯލް ދަށިޔައު. ދިވެހި ސަރުކާރު ބަދުނާމުކޮއްފެއި ފުރެއި ލިޔުން ސިލޯނެ ނޫސްތަކި ލޭލިނުންތައު. ވަގަކާއް ހާސްދުވަހާއު. ވެރިޔަކާއް އެއްދުވަހާއު. ދިވެހި ދައުލަތި އާރާއި ބާރަ ހިށިކަން ތައް އެނގޭކައް ދެން މާލަހައް ނިވޭށިޔައު. އައްޑޫލައި ވަކި ސަރުކާރައް ހަދަގެން މިކޯ އެތިބި ތަގޭ ތިމާގެ މީހުންނަށަސް އޮތީ ހަމަ މިހުކުމާއު.

ޕްރިންސް ދީދީއައު ކޭގެން ނަން އޮޅަވަގެން ތެހިނގަނީ ތަކީ ކޮން ޕްރިންސަކާތައު. ތަގޭ ބައްޕަކީ ހިތަދޫ ވާރަގޭ އިބްރާހިމް ދީދީއައު. އަމަކީ ހިތަދޫ ކޮރަވަލިގޭ އާމިނާދިއައު. ތަގޭ ކާފަކީ ހިތަދޫ ވާރަ އަހައްމާދިއައު. އެކަމަކި މި ކޮޅުނބެ ހައިކޯޓެ ތަ ކޭފި ނުންތައު ތިމާގެ ކާފާކީޔަސް އަދި ބައްޕާކީޔަސް ރާއްދެ ރަސްކަން ކެޑެ މީހުންނާއު. ތިމާކީ ރާއްދޭގެ ރަސްކަމުގެ ހަގީގީ ވާރިސުމާއު. ތައް ރަސްކަމުގެ ވާރިސުން މިފަހަރަ ދައްކާށުމާއު. ބަލަ ތަކީ ރަން ވަގައް ނާގެން ވައްކަންކޮއް ވަތެލި ކޭހިމެއި ޝަރީއަތުން ކުއްވެރިވެ އަދަބުދޭއްވެގެން މާލެ ގިނޭވޭލެއި ތަގޭ ޅިޔަނު އަބްދުﷲ ދީދީ އެހީވެގެން ވެޑިބެހިގެޔައު ކޭފެއި ކޮޅުނބައް އާސް ފިލި ވަގަކަލޭގެ ނުންތައު. ތަހީކެޑެއި ދިވެހި ސަރުކާރައް މީން އެއްވެސްކަމައް ނިއެނގޭ ކަމައްތައު.

ނާސިރު މި ހުށިހެއި އެއްތައްކީކޯ ޕްރިންސް ދީދީ ހަމަ އެއްބަހަސް ނިކެއި. ނާސިރު ވަރަބަލިވެގެން ހުއްޓިމެއި ޕްރިންސް ދީދީ ކޭފި، މިކޯ ނިމިގެދީޔައު. ނިމިގޭފެހޭ ދެން ތިމާ މިދައްކާ ވާހަކަ އަޑަ އަހާއް ހިންނައްކެއި. ތިމާސް ހިށިލެކައް ބަހައް ކޭގެން ނިވޭށިޔައު. ތަ ކޭފެއިހިށީ ހެއުކޮށާއު. ތިމާކީ އައްޑޫ ހިތަދޫ މީހަކާމާއު. ބައްޕަކީ ވާރަގޭ އިބްރާހިމް ދީދީއައު. އަމަކީ ކޮރޮވަލިގޭ އާމިނާދި އައު. ތަކީފެހޭ ވަކި މުޅު މީހަކާތައު. ތަކީ ފުވައްމުލަކައް ވެހަފެއި ހިށި މުލަކި މީހަކާއު. ތަ ބައްޕާއު ކޭނީ ވެލާނާގޭ އަހައްމާދިއަށާއު. އަމަކީ ފުވައްމުލަކި އައިސާދިއައު.

ތިމާގެ ބައްޕާކީ ހުށިހެއި ލެހަކުނަސް އަބުރުވެރިއަކާއު. އެކަމަކި ތަގޭ ބައްޕާ ވެލާނާގޭ އަހައްމާދިގެ ވާހަކަ އިވިގޭފެހޭ އިބިލީހާސް ބިއްދަރައް އެނބެރިގަންނަށިޔައު. ވެށެ އަލިވޭ ތާނކި އެވާހަކަ ދައްކާއް ތިމާށަސް ނިކެރޭށިޔައު. ތިމާކީ އައްޑޫ މީހަކާއްވިޔަސް ތިމާކީ ރާއްދޭގެ ދެރަސްކަލަކާގެ ޚާންދާނުން އާއްސެއި ހިށި މީހަކާމާއު. އެހެކަކީ އިސްދޫ ޚާންދާނެ އެންމެ ފަހި ރަސްގެފާނު ދެހަވަނަ ހަސަނު އައު. އެނެހަކީ ދިޔަމިގިލީ ޚާންދާނެ އެންމެ ފަހި ރަސްގެފާނު ގިޔާސުއްދީނާއު. ވީމެއި ތަ ޕްރިންސް ވޭލެކައް، އަތިރީގޭ މީހުން ޕްރިންސް ވޭލެކައް ތިމާ ޕްރިންސް ނިވޭއްވީ ލެކައް ތަ ދައްކަފެލާއްކެއި.

ތަ ތެބެ ކިޔައު ތިމާ ރަން ވަގައް ނެގީޔައު. ބަލަ ތިމާ ނެގީ ތިމާގެ އަމެއްލަ ރަނާއު. ތިމާގެ ބައްޕާގެ ފަރާތުން ތިމާއް ލިބިފެއި ތިބި ރަނާއު. އެޔަކީ އެހެން އެއްވެސް ޚަލްގަކާގެ އެއްވެސް ހައްގައް އޮއް މުދަލައް ނުނާއު. ތިމާކީ ތެކަހަލެއި ފައްފަޑަފެއި ހިށި ވަގަކާ ނުންމާއު. ތަފިރިން އެހެންތައު. ދިވެހި ރައްޔިތުން ބަނޑައް ތިބިވޭލެއި ދައުލަތި ޚަޒާނާ ހުސްކޮއްގެން ކާޑު ގަންނަށާއު ކޭފެއި މި ސިލޯނައް އާ މީހާ ގަތީ ކެންޑީން ގަނޑަވަރަކާއު. ވައްކަމަކީ އޭ ނުންތައު.

ބޮނޑަ ހަނގަރާމައި އެތެރެ ހިތަދޫ ޔާހުންބަރާހާއި ދާންދޫ މުދިންތައްކާނުގެ ވެޑި ޖަޕާނެ މީހުން ފައްތަލީމެއި އޭގެ ބަދަލި ޖަޕާނެ މީހުން އަތުން އިނގިރޭސިން މެދެވެރިވެގެން ހޯދައިދިން ފާއިސާއް ތަފިރިން ހެދިލެއް ދިވެހި ރައްޔިތުންނާއި އޭނުގެ ވާރިސުން ދޭނަތަސް ތިމާ ދެނެހިއްމާއު. ތިމާގެ ބައްޕާމެން ވެޑި ދިއްވީ ހަލާލު ފާއިސާއިނާއު. ރައްޔިތުންގެ މާލިއްޔާއި އަބަ އެޑަގެން ބޮމްބޭ ފިލްމުސްޓާރުންގެ ނަން ދެރެގެން އާގުބޯޓު ދިއްވި މީހުން ތައް ނިއެނގޭތައު. ވައްކަމަކީ އޭޔައު. ފެށި ފެޑުމަކީ އޭޔައު. ވަތެލި ކޭހުމަކީ އޭޔައު. ވަގުން ތިބޭލެއް ބަލާފެހޭ ތަފިރިންގެ އަމެއްލަ ސޫރަ ބަލާއްކެއި.

ތިމާގެ މިޅި އައުލާދެޔަސް މީހުން މަރަފެއި ތިބި ގާތިލުން ނިތިބޭށިޔައު. ތަންތަނި ހުޅުޖެހި މުޖުރިމުން ނިތިބޭށިޔައު. ޖިންސުއޮޅި މުޑުފެރެޑިގޮސްތިބި މީހުން ނިތިބޭށިޔައު. ހިތަދޫ ވާރަގޭ ބަދިގޭލެއި ކެޑެއި މައްޔިތުންކޭހަފެއި މެއިގަނޑަ ނާގެން ތެއު ހިޔުމައް ނުނާއު. އެ މަންޒަރަ ދިށި މީހުން ބެޅައު މަރާލެކައް މަރަފެއި ވަޑިލީ ވާރަގޭ ބިތަކި ނުނާއު. މިކަންކަން ކެޑެއި ކޮންބާކިން ކޮންތާކިލެއިކަން ދޭނައް ދިވެއްސަކާ ހިންނެހެއްތައު.

ބަގާވާތާއު ބާގީންނާއު ކީކޯ ލަދަ ކޮބާތައު. ވެރިކަން ފޭރޭއް ޕިޗޯރީން ގިނައި އަފަގެ ކާފާތައު. ވެރިކަމި ހިށި މީހާއި ދެކެޑައް ބަގާވާއްކޮއް އެމީހާ ހަވަރައްދެރެ އެންމެފަހުން މެރީ އަފަގެ ބޮނޑަބޭބޭ ތައު. ވެރިކަން ހޯދައިދިންމެއި ބޮނޑަބޭބޭ ވަޒަނުން ފައްސަލީ މަމާތައު. އެބޭބޭ ކޮޅުނބެ ހިށަގެން ކެރާ ކަންތެތީގެ ވާހަކަ އިހައި އިހަފެއި ސިންގަޅައިންނަސް ތެބެ ދައްކައްޔައު. މީ އަފަގެ މީހުންގެ ވާހަކާއް ނުނާއު. މީ ތަގޭ މީހުންގެ ވާހަކާއު.

ތިމާ ރާއްދެ ދޫކޮއްލީ ތެކަހަލެއި މީހުން ވެރިކަމި ތިބަގެން ބަލާވެރިކަން ކެރާހެދި އެކަމާއި ދެކެޑައް ވަކާލާތު ކެރާއް ވެގެނާއު. ރާއްދެ ހިށަގެން އެކަން ނިވޭހެދީޔައު. ތަފިރިންގެ އައްދަށި ނިވެ ގޮންޖަހާށާއު. އެކަމާއު މިތެއި ހިށެ މިކެރަނީ. ވަރައް މެއި ތެބެ ކަރައި ދީޔައު. އިންސާނީ ހައްގާއި ޑިމޮކްރަސީއަކީ ރައްޔިތުން މަސައްކަތް ކޮއްލީފެހޭ ހޯދޭ އެއްތައްކަމާއި އެކަން ކެރާއްޖެހޭ ގޮތުގެ މިސާލާއު މިތާން އާސް ދެއްކީ ތިމާ މިދެއްކި މިސާލުން ހިއްވަރަ ލިބިގެން ތެކަހަލެއި ވެރިންނާއި ދެކެޑެ
ހަދާ އެތައް ބާކިން އަދި ނުކުންނަށިޔައު. މި ސިލޯނަށާއި އެހެން ތަންތާށަސް ގޮސް ތިބެ ތަފިރިންނައް ނިފޮރޮއްޕާން ކެރާށިޔައު.

ރައްޔިތުންނައް އަނިޔާވެރިވޭ ފެހޭ ދެން ކަންތެތި ކެރާއް އޮއްލެކާއު ދިވެހިންނައް ތިމާ މިދެއްކީ. މީ ތަފިރިން ވަރައް މެއިކަރާ ބިރިގަންނަ ކަމައްކަން ދެނުމާއު. އެހެންވެ ނުންތައު ތިމާ އަތިވޭތޯ ނިހުއްޓައި ތެމަސައްކައް ކެރަނީ. ބަލަ ތިމާ މިތެއި ހިންނެއި ރައް ކުދުވެގެން ހިންނައް ޖެހޭ ގޭ ކުދުވެގެން ނުނާއު. ތިމާގެ މީހުންނާއި ހެއު އެދޭ މީހުން މަދަވެގެން ދުނިޔެ ދަތިވެގެން ނުނާއު. ތިމާ އައި އަނިޔާވެރިކަމުން ދިވެހިރައްޔިތުން މުންޖިކެރާއް މަގަ ފަހި ކެރާށާއު. އެކަމައްޓަކައިޔައު ރަށިހިށި އަނބިމީހާއި އުފަން އަމެއްލަ ކޮއްޔާގެ ލޯބި ގުރުބާންކޮއްފެއި އާސް މިތެއި މިހިށީ. މީ ދިވެހި ރައްޔިތުންނައްޓަކައި ވޭ ގުރުބާނީ އަކާއު. މިކަން އަދި ފާފުކަ ކެރާ މީހުން ދިވެހިންގެ އެތެރުން ނުކުންނެށިޔައު. (ނިނިމެއި)
              -----------------
ލިޔުއްވީ: އަލްފާޟިލް ޢިމާދު ލަޠީފު
19 ފެބްރުއަރީ 2017މ.