އިސްފަހާނުގެ އިސް ޤާޟީ ޢަބްދުއްރަޙުމާނުލް އަޤްލީގެ "ޝަރީޢަތުގެ މަޖިލީހަށް ބަޔަކުމީހުން މަސްއަލައެއް ހުށަހަޅައިފި އެވެ. އެމީހުން މި މަސްއަލައެއް ހުށަހެޅީ ޢަބްލްޙަސަނުއްތަންތަހާނީގެ މައްޗަށެވެ. ދަޢުވާގެ ސީޣާ އަކީ، މިދެންނެވި އަބުލްޙަސަނު އެމީސްމީހުންގެ ޖިފުޓިތަކުގައި ހުޅުޖަހައި އަންދާލާފައިވާތީވެ، އެކަމުގެ ބަދަލު ހޯއްދަވައި ދެއްވުމެވެ. މި ދަޢުވާ އާއި ގުޅިގެން އަބްލްހަސަނު ހާޟިރުކޮށް ދަޢުވާގެ އަޑު އޭނާއަށް އިއްވައި، އެކަމާމެދު އޭނާގެ ބަހަކީ ކޮބައިތޯ ޤާޟީ ސުވާލުކުރެއްވުމުން، އެމީހުން އެދެންނެވި ބަސްތަކަކީ، ތެދު ބަސްތަކެއްކަމަށް ޤާޟީ އަރިހުގައި އަބުލްހަސަނު ދެންނެވި އެވެ.
ޤާޟީ އާއި، ޢަބްލްޙަސަނު:
ޤާޟީ:
އެކަންކުރީ ކީއްވެތޯ؟
ޢަބުލްޙަސަނު:
ޢިއްޒަތްތެރި ޤާޟީ އެވެ! އަޑުއައްސަވާށެވެ! އަޅުގަނޑަކީ ކަދުރު ރުއްދަނޑެއް ހައްދާ
މީހަކީމެވެ. ކޮންމެ ދުވަހަކުވެސް އެ ދަނޑުގައި އަޅުގަނޑު މަސައްކަތްކުރަމެވެ.
އެގޮތުގެމަތީން އެއްދުވަހަކު ޅަރުއްތަކެއް ރުވަންވެގެން ވަޅުގަނޑުތަކެއްް ކޮންނަނިކޮށް
އެއިން ވަޅުގަނޑަކުން ފެނުނު ގަދަނޫކުލައި ހިލަގަނޑެއް އަވައްޓެރީންނަށް
ދެއްކުމުން އެމީހުން ބުނީ އެއީ "ބިރާގަމެއް" ކަމަށާއި، އެ އެތި އަވަހަށް
ރަސްގެފާނު އަރިހަށް ގެންދިއުމަށެވެ. ނުގެންގޮސްފިނަމަ ކުށްވެރިވާނެ ކަމަށް ވެސް
އެމީހުން ބުންޏެވެ. އެހެންކަމާއެކު، އަވަސްއަވަހަށް ތައްޔާރުވެގެން ދަތުރުކޮށް
ރަސްގެފާނުގެ ގަނޑުވަރާއި ހަމައަށް ދެވުނީ އަނެއް ދުވަހު ހެދުނުގެ ވަގުތެއްގަ
އެވެ. އޭރު ރަސްގެފާނު އިންނެވީ އެ މަނިކުފާނުގެ ބާރާދަރީގައި ބޮޑެބޮޑެތި
ޢިއްޒަތްތެރީންއެކު މަޖިލިސްކުރައްވާށެވެ. ހައިބަތުން ފުރިގެންވާ އެ ދަރުބާރުގެ
އެއްފަރާތަކަށް ހުއްޓި، ވަރަށް މަސައްކަތުން މިޚަބަރު ރަސްގެފާނުގެ އަރިހަށް
ގެންގޮސްފީމެވެ.
ކޮންމެއަކަސް އަޅުގަނޑާއި އެ ހިލަގަނޑު އެ ދަރުބާރުގައި މޭޒެއްގެ
މަތީގައި ބޭއްވުމަށްފަހު، ޝަހަރު އެންމެ މުއްސަނދި ތާޖަރުން ހާޟިރުކޮށް އެ އެންމެންގެ
މެދުގައި ދެ ދުވަސްވަންދެން މަޝްވަރާކޮށް، އެ އެންމެން ނިންމީ އެއީ ހަމަ
ބިރާގަމެއްކަމުގަ އެވެ. ކޮންމެއަކަސް އަޅުގަނޑުގެ ނަސީބު ވަރަށް ރަނގަޅެވެ. އެ އެންމެންގެ
ޚަޒާނާތަކުގައި ހުރި ހުރިހާ މުދާ އަގުމަގުމަގުކޮށް އެއިން އަގު ދިނުމުންވެސް އަގު
އަދާކުރެވޭ ވަރެއް ނުވި އެވެ. އެހެންކަމާއެކު ރަސްގެފާނުގެ ދަރުބާރުން ނިންމެވީ،
ރަސްގެފާނުގެ ގަނޑުވަރުތަކުގެތެރެއިން ގަނޑުވަރެއް ދެއްވައި، އެގަނޑުވަރުގައި
އަޅުގަނޑު ބެހެއްޓުމަށާއި، ބޭނުންވާ ޢަދަދަކަށް ދާއިމީކޮށް ފައިސާ ލިބޭނެ ގޮތަކަށް
ހަމަޖައްސަވާފައި އެގަނޑުވަރުގައި އަޅުގަނޑުގެ ޢާއިލާ ބެއިތިއްބުމަށެވެ. އެއަށްފަހު
އަޅުގަނޑުގެ ދާއިމީ މަސައްކަތެއްކަމަށް ހެެދީ ޝަހަރުގެ ތާޖަރުން ބޭނުވާވަރަކަށް
ކޮންމެދުވަހަކުވެސް ފައިސާ ދިނުމަށެވެ. މިގޮތްމަތީން މިކަންކަން ހިނގަމުންދަނިކޮށް
މިދެންނެވި ތާޖަރުން ސައްލާކޮށް އެންމެފަހުން ރަސްކަންވެސް އަޅުގަނޑާއި
މަތިކޮށްފިއެވެ. ފައިސާވެރިކަން އަޅުގަނޑު ވަށާލާފައިވާލެއް ބޮޑުކަމުން އެކަމަކީ،
އަޅުގަނޑުފަދަ މީހަކާއި އަރާއަރަފޯދިގެންވާ ކަމެއް ނޫންކަން އަޅުގަނޑުގެ ހިތަކަށް
ނޭރި އެވެ. ވާނީވެސް އެހެންތާއޭ ދަވްލަތުގެ ބައިތިލްމާލަށް ވުރެ އަޅުގަނޑުގެ މުއްސަނދިކަން
މާބޮޑެވެ. މުދާވެރިކަމާއި، ޢިއްޒަތާއި، ޤަދަރުވެރިކަން އަޅުގަނޑުގެ މައްޗަށް
ބާރުފޯރުވާން ފެށުމާއެކު، އެކަހަލަ މީސްމީހުން ގާތްކޮށް އެމީހުންނަށްޓަކައި ޚަޒާނާތައް
ހުޅުވައި އަދި އެ މީހުންގެ ދައްކާންފެށި ޢައްޔާޝީ މަގުން ހިނގަން ފަށައިފީމެވެ.
ނިކަމެތީންގެ
މަތީން ހަދާންނެތިއްޖެ އެވެ. ރަސްކަމުގައި ދެމިހުރެވޭނެ އެންމެހައި ވަޞީލަތްތައް
ފިޔަދަމާލާފައިވަނީ އަޅުގަނޑުގެ ބޯމަތީގައިކަމަށް އަޅުގަނޑަށް ޤަބޫލުކުރެވިއްޖެ
އެވެ. ބޯމަތީގައި އެނޫން ބާރެއް ވާނެ ކަމެއް ކުޑަކޮށްވެސް ނުވިސްނުނެވެ. މިދެންނެވި
ކިބުރުވެރިކަން ކުރިއަށްނެރެ، ގާތްމީހުންނަށް އެކަނި ކަންކަން ކޮށްދޭން ފެށުމުން،
ޝަހަރުގެ ފަޤީރުން އެ ވަހާކަތައް ދައްކަން ފެށުމުން އަޅުގަނޑުގެ ނާރުތަކުގައި
ހިނގަން ފެއްޓި ރުޅިވެރިކަމުގެ ހޫނުކަން ގަދަވެ، ރަސްކަމުން އަޒުލުވެ، ގެއަށް
އައިސް އޮށޯތްތަނާހެން ކުއްލިއަކަށް ނިދީން ހޭލެވުމުން މިއީ މިތިބަ ފަޤީރުންގެ ނޮފޮރޮއްޕާނޭ ކިޔައި އަޑުގަދަކޮށް އެދިޔަގޮތަށް ގޮސް މިތިބަ
ފަޤީރުންގެ ޖިފްޓިތައް ލޫޓުވާލީ އެވެ.
ޢިއްޒަތްތެރި
ޤާޟީ އެވެ: މިކަން މިގޮތަށް މެދުވެރިވާންޖެހުނު ސަބަބަކީ، އަވަށްޓެރިއެއްގެ ގޭގައި
ފާތިޙާއަކަށް ކައްކައި އަވަށްޓެރީންނަށް ޚައިރާތކުރުމުގެ ތެރޭގައި އޮޅިގެން
އަޅުގަނޑުމެންގެ ގެއަށް 4 ތަށި ކާނާ އާއި 4 ތަށި ގަހުވަ ފޮނުވުމުން އެތަނުން ތަށީގައި
ހުރި ބޮނޑިބަތާއި، ގިނަ ޢަދަދެއްގެ ޖަމަލުމަސް ކައި 3 ތަށި ގަހުވަ ބޮއިގެން
ބަނޑަށް އެވީ ވާނެއްގައި ތަންމައްޗަށް ވެއްޓިގަތްތަނާހެން ނިދުނީ އެވެ. ކެއި
އެއްޗެތީގެ ގިނަކަމާއި، ބުއި އެއްޗެތީގެ ގިނަކަމުން، އެ ފެނުނު ހުވަފެނެއްގެ
ތެރޭގައި އިސްވެ މިދެންނެވި ކަންކަން ހިނގީ އެވެ. މިކަމުގައި އަޅުގަނޑުގެ ކުށެއް
ނެތެވެ. ކުށްކުރީ އަޅުގަނޑުގެ އަނބިމީހާ އެވެ. އަޅުގަނޑަކީ އެކަނިވެރި ފަޤީރަކީމެވެ.
ޤާޟީގެ ނިޔާ:
އިރުގަނޑެއްވަންދެން
ހިމޭންކަމާއެކު އިންނެވުމަށްފަހު، ޤާޟީގެ ބަރު އަޑުފުޅުން އެ ވިދާޅުވަނީ އެވެ. "ކަލޭގެއާ
އެވެ. ތިއީ ކެއިންބުއިމުގައި ހައްދުފަހަނަޅައި ދިއުމުގެ ސަބަބުން ނިދީގައި ފެނުނު
ހުވަފެނެކެވެ. ނަމަވެސް އަވަށްޓެރީންގެ ޖިފުޓިތައް އަންދާލީ ނިދީން ހޭލެވުނު
ފަހުން ކަމަށްވީތީ، އެ އެންމެންނަށް ޝަރުޢީ ބަދަލު ދިނުމާއެކު 15 އަހަރަށް
ހުރަގޭގައި ބަންދުކުރުމަށް އަހުރެން ޙުކުމް ކޮށްފީމެވެ. (ނިމުނީ)
ނޯޓް: ބިރާގަމަކީ، ބިމުގެ ބަނޑުގައި ވަޅުލެވިފައި ހުންނަ އަގުބޮޑު މަޢުދަނުގެ ބާވަތެކެވެ.
ނޯޓް: ބިރާގަމަކީ، ބިމުގެ ބަނޑުގައި ވަޅުލެވިފައި ހުންނަ އަގުބޮޑު މަޢުދަނުގެ ބާވަތެކެވެ.
--------------------------
ލިޔުއްވީ:
"ގަލަންދޫ"
27 ޖުލައި
2014މ.