މިސްކިތުން ބޭރަށް އަޑުފެތުރުމަކީ ޢާންމު އުނދަގުލެއް














އަޅުކަންކުރުމަކީ، އެކަމުން އަނެކުންނަށް އުނދަގުލެއް ފޯރައިގެންވާނެ ކަމެއް ނޫނެވެ. އަނެކުންނަށް އުނދަގޫވާ ގޮތަށް މިސްކިތުން ބޭރަށް އަޑުފެތުރުމަކީ ނަހީކުރައްވާފައިވާ ކަމެކެވެ.

 ޙިމާރު ހޭރޭ ގޮތަށް އަޑުގަދަނުކުރުމަށް ކީރިތި ޤުރުއާނުގައި އިރުޝާދުދެއްވާފައިވެ އެވެ. ނަމަވެސް މިސްކިތްތަކުގެ ބައެއް މުދިމުންނަށާއި އިމާމުންނަށް އެކަން ނޭނގޭ ކަހަލަ އެވެ. ބައެއް މިސްކިތްތަކުގައި، ނަމާދުކުރާއިރުގައްޔާއި، ދީނީ ވާހަކަތައް ދައްކާއިރު، އަޑުގަދަކުރާ ވަސީލަތްތަކުން ރަށުތެރެއަށް އަޑުފަތުރަ އެވެ. އެކަންވެފައިވަނީ، ރަށުތެރެއަށް ފެތުރިގެންދާ ކިލަނބުކަމެއް ކަމަށެވެ. އެހެނީ، އެއީ ކިޔާނުކިޔާ އެއްޗެއް ދޭހަނުވާ ގޮތަށް ފެތުރިގެންދާ އަޑުފަށްގަނޑެކެވެ. މިސްކިތް ކައިރީގައި ތިބޭ މީހުންނަށް ސާފުވިޔަސް އެއަޑުފަށްގަނޑު ގެދޮރަށް ވާޞިލުވަނީ ބޮލަށްތުރާވާ ހަޅޭއްފަޅޭއްޖެހުމެއްގެ ސިފައިގަ އެވެ. އޭގެ ސަބަބުން މުޖުތަމަޢުގެ އަފުރާދުންގެ ކަންފަތްތަކަށް އުނދަގޫވެ، ބޮލުގައި ރިއްސާ މީހުންނާއި މައިގްރޭން ހުންނަ މީހުންގެ ބަލި ބޮޑުވެ އެވެ. 

ކިޔާނުކިޔާ އެއްޗެއް ދޭހަނުވާ ގޮތަށް، މިސްކިތްތަކުން އަޑުފެތުރުމުގެ ސަބަބުން، ޖައްވު ކިލަނބުވުމުގެ މައްސަލަ ކުރިމަތިވެފައިވާ އެއް ގައުމަކީ ސަޢޫދީ ޢަރަބިއްޔާ އެވެ. އެކަން ހުއްޓުވުމަށްޓަކައި، އެގައުމުގެ، އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީއިން ވަނީ، އަޑުގަދަކުރާ ވަސީލަތްތައް ބޭނުންކޮށްގެން މިސްކިތުން ބޭރަށް އަޑުއިވޭ ގޮތަށް ތަރާވީޙު ނަމާދުކުރުން ވެސް ބައެއް މިސްކިތްތަކަށް މަނާކޮށްފަ އެވެ. ނަމަވެސް ބައެއް މިސްކިތްތަކުގެ އިމާމުން މިނިސްޓްރީގެ އެންގުމަކަށް އިޖާބައެއް ނުދެ އެވެ. އާންމު ގޮތެއްގައި ގަވާއިދާ ޚިލާފަށް ޢަމަލުކުރަމުން ގެންދަނީ ކުދި މިސްކިތްތަކުގެ މުދިމުންނާއި އިމާމުންނެވެ.

ސަޢޫދީ ޢަރަބިއްޔާގައި ކުރިމަތިވެފައިވާ މި މައްސަލައާމެދު ވާހަކަދައްކަވަމުން، އައްޝައިޚު މުޙައްމަދުލް ޖަޒްލާނީ ވިދާޅުވި އެވެ. (އޭނާއަކީ ދީނީ ކަންތައްތަކާ ބެހޭ ގޮތުން ލިއުއްވާ ލިއުންތެރިއެކެވެ.) އޭނާ ވިދާޅުވީ، "ސަޢޫދީ ޢަރަބިއްޔާގައި، އަޑުގަދަކުރާ ވަސީލަތްތައް ބޭނުންކޮށްގެން މިސްކިތުން ބޭރަށް އަޑުއިއްވަން ސަރުކާރުން ހުއްދަދީފައިވަނީ، ބަންގިއާއި ގަމަތް އެކަނި ކަމަށެވެ. އެއީ ނަމާދުވަގުތު ޖެހިއްޖެކަން މީހުންނަށް އެންގުމަށްޓަކަ އެވެ. އޭގެ އިތުރު އެއްޗެއް މިސްކިތުން ބޭރަށް އިއްވުމަކީ ހުއްދަދީފައިވާ ކަމެއްނޫނެވެ. ފަރުޟު ފަސްނަމާދާއި، ތަރާވީޙު ނަމާދުގައި ކިޔަވާ ތަކެތީގެ އަޑު އިވެންޖެހޭނީ ހަމައެކަނި މިސްކިތުގައި ތިބޭ ބަޔަކަށެވެ. މިސްކިތުން ބޭރުގައިވާ ބަޔަކަށް އެތަކެތި އިއްވާކަށް ނުޖެހެ އެވެ."

މި މޭރުމުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވި އެވެ. "އަޑުގަދަކުރާ ވަސީލަތްތައް ބޭނުންކޮށްގެން މިސްކިތުން ބޭރަށް އަޑު ނުފެތުރުމަށް މިނިސްޓްރީއިން އަންގަވާފައިވަނީ އެތައް ކަމަކަށް ރިޢާޔަތްކުރައްވައިގެންނެވެ. އޭގެތެރޭގައި، މިސްކިތާ ކައިރީގައިވާ ގެތަކުގައި އުޅޭ މީހުންނަށް އުނދަގޫ ނުކުރުން ހިމެނެ އެވެ. އެ ގެތަކުގައި ނިދާފައިވާ ކުޑަކުދިންނާއި ބަލިމީހުންނާއި މިސްކިތަށް ނުދާ އަންހެނުން އުޅެ އެވެ. އަދި ޝަރުޢީ އުޒުރެއް މެދުވެރިވެގެން މިސްކިތަށް ނުދާ މީހުން ވެސް ތިބޭނެ އެވެ. ކައިރިކައިރީގައިވާ މިސްކިތްތަކުން އެއްފަހަރާ ގިނައަޑުތަކެއް އިވުމުން ކިޔާނުކިޔާ އެއްޗެއް ވެސް ނޭނގެ އެވެ. މިސްކިތުން ރަށުތެރެއަށް އަޑު ނުފެތުރުމަށް މިނިސްޓްރީ އިން އަންގަފައިވަނީ މިފަދަ އެތައް ކަމަކަށް ރިޢާޔަތްކުރައްވައިގެންނެވެ."

ސަޢޫދީ ޢަރަބިއްޔާގެ ބައެއް މުދިމުންނާއި އިމާމުން ދެކޭ ގޮތުގައި، މިސްކިތުން ރަށުތެރެއަށް އަޑުފެތުރުމަކީ، ދީނާ ޚިލާފު ކަމެއް ނޫނެވެ. ނަމަވެސް، ޝައިޚު ޖަޒްލާނީ ވިދާޅުވަނީ، އަޅުކަންކުރުމަކީ، އެކަމުން އަނެކުންނަށް އުނދަގުލެއް ފޯރައިގެންވާނެ ކަމެއް ނޫންކަމަށެވެ. އަދި އަނެކުންނަށް އުނދަގޫވާ ގޮތަށް މިސްކިތުން ބޭރަށް އަޑުފެތުރުމަކީ ނަހީކުރައްވާފައިވާ ކަމެއްކަން ދޭހަވާ ޝަރުޢީ ދަލީލުތައް ވެސް ވާކަމަށެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ، ކުޑަކުއްޖަކު ރޯއަޑު އިވިވަޑައިގެންފިނަމަ، ފަރުޟު ނަމާދުގައި ވެސް ކިޔަވާވިދާޅުވާ އަޑު މަޑުކުރައްވާފަ އެވެ. އަދި ކީރިތި ޤުރުއާން ކިޔަވާއިރު، އެކަކު ކިޔަވާ އަޑު އަނެކަކު ކިޔަވާ އަޑާއެކުވެގެންދާ ގޮތަށް ހަރުއަޑުން ކިޔެވުން ވެސް އިތުރުއެކަލޭގެފާނު ވަނީ، ނަހީކުރައްވާފަ އެވެ.

އާންމުންނަށް އުނދަގޫވާ ގޮތަށް މިސްކިތްތަކުން ރަށުތެރެއަށް އަޑުފެތުރުމަކީ، ހަމައެކަނި ސަޢޫދީ ޢަރަބިއްޔާގައި ކުރާ ކަމެއް ނޫނެވެ. އެއީ އިސްލާމީ ގައުމުތަކުގެ ވަރަށް ގިނަ މުދިމުންނާއި އިމާމުން ކުރާ ކަމެކެވެ. އެއިން ބައެއް މީހުން އެކަންކުރަނީ އެމީހުންގެ މޮޅުކަމާއި އަޑުރީތިކަން އަނެކުންނަށް އަންގައި، ކަންދެއްކުމުގެ މަގުސަދުގަ އެވެ. ބައެއް މީހުން އެކަންކުރަނީ ސާފުސީދާ އިސްލާމްދީން ރަނގަޅަށް އޮޅުންފިލާފައި ނުވާތީ އެވެ. އަދި އަޑުގަދަވުމުގެ ސަބަބުން މީހުންނަށް ވާނެ އުނދަގުލާއި ލިބޭނެ ގެއްލުން ވެސް އެނގިފައި ނުވާތީ އެވެ.

މިސްކިތްތަކުން އަޑުގަދަވިޔަނުދިނުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީއިން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެ މައްސަލަވަނީ ހައްލުނުކުރެވިފަ އެވެ. އެ މައްސަލަ ޙައްލުކުރުމަށްޓަކައި، އެންމެ ފަހުން ހުށަހެޅިފައިވާ އެއް ޚިޔާލަކީ، ކޮންމެ މިސްކިތަކަށް ފާރަލާނެ ފާރަވެރިޔަކު ބެހެއްޓުމެވެ.
                -------------------

މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން