ވަޒީރުލްއަޢުޡަމް މާލޭގެ މިސްކިތްތައް ބެއްލެވުން











ވަޒީރުލްއަޢުޡަމް ޞދ. އަލްފާޟިލް އިބްރާހީމް ނާޞިރު މާލޭގެ ހުރިހާ މިސްކިތްތަކަށް 23 ޖޫން 1963މ. 1 ޞަފަރު 1383ހ. އާދީއްތަ ދުވަހު މެންދުރުކުރިން ވަޑައިގެން ހަމަ ހުރިހާ މިސްކިތެއްގެ އެތެރެއާއި ބޭރު ބެއްލެވިއެވެ. ވަޒީރުލްއަޢުޡަމްގެ އަރިހުގައި ގެންދެވީ އައްޝައިޚު މުޙައްމަދު ޖަމީލު އުއްތަމަފަނޑިޔާރު މަނިކުފާނާއި މަޙުކަމަތުއް ޝަރުޢިއްޔާގެ ވެރިޔާ ޞސ. އަލްފާޟިލް އަޙުމަދު ޒަކީ އާއި ވަޒީރުއްދާޚިލިއްޔާ ޞސ. އަލްފާޟިލް އިބްރާހީމް ރަޝީދެވެ. 


މިގޮތުން ވަޒީރުލްއަޢުޡަމް ވަޑައިގެން ބެއްލެވި ބެއްލެވުމުގައި މިސްކިތްތައް ތިންބައަކަށް ބެއްސެވިއެވެ. އެއީ އެންމެރަގަޅަށް ބެލެހެއްޓިފައިވާ މިސްކިތާއި އާދައިގެވަރަކަށް ބެލެހެއްޓިފައިވާ މިސްކިތާއި ހަޑިކަމާއި ނުސާފުކަމާއި ނުބެލެހެއްޓުމުގެ ސަބަބުން މުދިމުންނަށް އިންޒާރުކުރައްވަން ޖެހޭ ދަރަޖައަށް ގޮސްފައިވާ މިސްކިތްތަކެވެ. މިމިސްކިތްތައް ތިރީގައި މިވަނީއެވެ.

އެންމެ ރަގަޅަށް ބެލެހެއްޓިފައިވާ މިސްކިތް:
ގަލޮޅު ހަދީބީ މިސްކިތް (މުދިމު އަލްމުޙުތަރަމް ބޮއި ދޮންމަނިކު)

(ހަދީބީ މިސްކިތް ރޫޅާލީ 13 ޑިސެމްބަރ 1977މ. ގަ އެވެ. އޭގެފަހުން އެ ތާނގައި ޢިމާރާތްކުރި މިސްކިތުގެ ނަމަކީ މަސްޖިދު މުޙައްމަދު ޢިމާދުއްދީން (1) އެވެ. ހަދީބީ މިސްކިތް ރޫޅާލިއިރު އެ މިސްކިތުގެ ދެބައިކުޅަ އެއްބައިވަރުގެ ކުޑަ މިސްކިތެއްގެ ރޭނުންގަނޑު ހަދީބީ މިސްކިތް ތެރެއިން ފެނުނެވެ.)


އާދައިގެވަރަކަށް ބެލެހެއްޓިފައިވާ މިސްކިތް:
1- ހ. ހުކުރުމިސްކިތް
2- ހ. ދަރުމަވަންތަ ރަސްގެފާނު މިސްކިތް
3- ހ. ކަޅުވަކަރު މިސްކިތް
4- ހ. ދަންނަ މުޙައްމަދު ރަސްގެފާނު މިސްކިތް
5- ހ. އިބްރާހިމީ މިސްކިތް
6- މއ. ބާމިސްކިތް
7- މއ. ބޮޑުގަލު މިސްކިތް
8- މއ. މާވެޔޮދޮށު މިސްކިތް
9- މ. ޓަކިބޭ މިސްކިތް
10- މ. މާފަންނު އާމިސްކިތް

ހަޑިކަމާއި ނުސާފުކަމާއި ނުބެލެހެއްޓުމުގެ ސަބަބުން މުދިމުންނަށް އިންޒާރުކުރައްވަން ޖެހޭ ދަރަޖައަށް ގޮސްފައިވާ މިސްކިތް:
1- ހ. ދަންނަ މުޙައްމަދު ރަސްގެފާނު މިސްކިތް
2- މ. ފަރީދީ މިސްކިތް
3- މ. ޢީދުމިސްކިތް
4- މ. ޒިޔާރަތް މިސްކިތް
5- މ. ފައިފޮހޭ މިސްކިތް
6- މ. ފަޑިޔާރު މިސްކިތް
7- މ. ގަސްދޮށު މިސްކިތް

ރަގަޅުނޫންކަމުން ނަޞީޙަތްދެއްވަން ޖެހޭ:
މިމިސްކިތްތައް ނޫން ދެންހުރި މިސްކިތްތަކަކީ އެމިސްކިތްތައް ބެލެހެއްޓޭލެއް ރަގަޅުނޫން ކަމުން މުދިމުންނަށް ނަޞޭޙަތްދެއްވަން ޖެހޭ ހިސާބަށް ގޮސްފައިވާ މިސްކިތް މިސްކިތެވެ.

މިސްކިތްތަކުގެ މުދިމުންނަށް މަޙުކަމަތުއް ޝަރުޢިއްޔާއިން އިންޒާރުކުރެއްވުން:
ވަޒީރުލްއަޢުޡަމް މާލޭގެ މިސްކިތްތައް ބައްލަވައި ބައިބައަށް ސާފު ނުސާފުކަމުގެ މައްޗަށް ބެއްސެވެމުގެ ނަތީޖާއެއްގެ ގޮތުން 24 ޖޫން 1963 ގައި މިސްކިތްތަކުގެ މުދިމުން މަޙުކަމަތުއް ޝަރުޢިއްޔާއަށް ގެންދަވައި މިސްކިތްތައް ސާފުކޮށް ބެހެއްޓުމުގެ މައްޗަށް އުއްތަމަފަޑިޔާރު މަނިކުފާނު ވާހަކަފުޅުދައްކަވައި އިންޒާރުކުރެއްވިއެވެ.
                ------------------
"ގަލެހިރި"

މަޢުލޫމާތުގެ ޙިއްޞާ:
ދިވެހިރާއްޖޭގެ އެކިއެކި ކަންކަން ހިނގިގޮތް – (ފޮތް)
މާލޭގެ މިސްކިތްތައް - (ފޮތް)