ދިވެހިރާއްޖޭގެ ތައުލީމުގެ އައު ބާބެއްގެ ފެށުން - 1








އައު ބާބަށް ތަންގީދީ ނަޒަރަކުން ތަން ހޯދައިލުން

ދިވެހި ތާރީޚަކީ ވަކި ބައެއްގެ ހައްގެއް ނޫނެވެ. އެއީ އެންމެންގެ ހައްގެކެވެ. ދިވެހި ތާރީޚަކީ މާލޭގެ ވެރިކަމުގެ ތާރީޚު އެކަންޏެއް ނޫނެވެ. އެއީ މުޅި ދިވެހިރާއްޖެއާއި އެންމެހައި ދިވެހިންގެ ތާރީޚެވެ. އެހެންނަމަވެސް ހިތާމައަކީ ތާރީޚުގެ އަސާސީ މި ސިފައަށް ބައެއް މީހުން އިންކާރުކުރާ ކުރުމެވެ. އިރު އަރައި އޮއްސޭ ކޮންމެ ދުވަހަކީ ދުނިޔޭގެ ހަޔާތުން އަދި އުމުރުން ފާއިތުވެގެންދާ ދުވަހެކެވެ. ފާއިތުވެގެންދާ ބަޔަކީ ތާރީޚެވެ. އެބައި ވަކި ކުލަޔަކާއި ވަކި ރަހަޔަކުން ގެނައުން ލާޒިމުކުރެވޭނަމަ އެއަށް ތާރީޚޭ ކިޔަން އެކަށީގެނެއް ނުވެއެވެ. 

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީ ގޮތުން ތާރީޚު ލިޔާން ފެއްޓެވީ ދިޔަމިގިލީ ޚާންދާނުގެ ސުލްތާން މުޒައްފަރު މުހައްމަދު އިމާދުއްދީން ދެވަނައިގެ އަމުރުފުޅަށް މީލާދީން 1705 ގައި އަލްގާޒީ ހަސަން ތާޖުއްދީނެވެ. އަސްލަކަށް ބެއްލެވީ އެކި މިސްކިތްމިސްކިތުގެ ވަކަރުތަކާއި ފިލާތަކާއި ފާރުތަކުގައި ހުރި ލިޔުންތަކާއި އޭރުގެ ގަނޑުވަރުގައި ހުރި ރާދަވަޅިތަކާއި ދޫދޫމަތިން ތަވާތިރުކޮށް ކިޔަމުން އައި ވާހަކަތަކެވެ. އެހެންނަމަވެސް މާބޮޑު ހަވާލާ ދިނުމެއް ނެތެވެ. ހަވާލާ ދިނުމަކީ މިޒަމާނުގައި މިއޮންނަ ގޮތަށް މާބޮޑު މުހިއްމުކަމެއް ދެވިގެން އެޒަމާނުގައި އޮތްކަމަކަށްވެސް ނުވާތީއެވެ. ހަގީގަތަކީ މިއީކަމަށްވިޔަސް މިއަދު ތާރީޚު ލިޔާންކަމަށް އުޅޭ ބައެއް މީހުން ތާޖުއްދީނަށްވެސް ފާޑު ކިޔައި ތާޖުއްދީނުގެ ވާހަކަތައް ނަފީކޮށް ތާޖުއްދީނުގެ ތާރީޚުގައި ހަވާލާ ދިނުމެއް ނެތޭ ކިޔައިގެން ހާސަރުތަކެއް އަމުނާތީ އެބަފެނެއެވެ.

ހިލާލީ ދަރިކޮޅުގެ ރަސްކަން ފެށުނު ގޮތާއި ނިމުނު ގޮތާއި ޕޯޗުގީޒުންގެ އަޅުވެތިކަމާއި އުތީމު ބޮޑުތަކުރުފާނުގެ ވާހަކަ އާއި އުތީމު ދަރިކޮޅުގެ ރަސްކަން ފެށުނު ގޮތުގެ ވާހަކަ ދިވެހި ތާރީޚުގައި ލިޔެވިގެންވަނީ އަނެއްކާވެސް ދޫދޫމަތިން ކިޔަމުން އައި ވާހަކައެއް އަސްލަކަށް ބަލައިގެންނެވެ. ހުސައިން ސަލާހުއްދީނުގެ ގަލަމުން ބޮޑުތަކުރުފާނުގެ ވާހަކަ ލިޔުއްވީ ބުރާރު މުހައްމަދުފުޅު ކިޔުނު މީހަކު ކިޔަމުން އައި ވާހަކަ އަސްލަކަށް ބައްލަވައިގެންނެވެ. އެހެންވީމާ މިޒަމާނުގެ އުސޫލުން ލިޔާ ދިރާސާތަކުގައި ބޭނުންކުރާ ހަވާލާދިނުމަށް އޭގައި ޖާގަ ދެވިފައެއް ނުވެއެވެ. އެހެންވިޔަސް އެއީ ހަގީގީ ތާރީޚުކަމަށް އެންމެންވެސް މިތިބީ އެއްބަސްވެގެންނެވެ.

މި އުސޫލުން ބަލާއިރު ޔޫސުފު ނާއިބު ދެކުނުގެ އަތޮޅުތައް އިސްލާމް ކުރެއްވި ވާހަކަ އާއި ދޮއްތޮޑަފި އެދުރު ކަލޭގެފާނުގެ ވާހަކަ ދެކުނުގެ ތާރީޚުގައި އަޅުގަނޑުމެން ހިމެނީމާ ބަލަގަ ތިޔައީ ކޮންއެއްޗަކަށް ހަވާލާދީގެން ލިޔާ ލިޔުމެއްހޭ ތިޔައިގެ ސައްހަ ކަމަކީ ކޮބައިހޭ ކިޔައިގެން ސުވާލު އުފެއްދުމަށް ޖާގައެއް އޮތްކަމަށް އަޅުގަނޑުމެންވެސް ނުދެކެމެވެ. މި ބާބުތަކުގައި ލިޔަމުން މިދަނީ ސައްހަ ތާރީޚެވެ. ތަވާތިރުކޮށް ދޫދޫމަތިން ކިޔަމުން އަންނަ ވާހަކަތަކާއި އިހުގެ ލިޔުންތަކަށް ރިއާޔަތް ކޮށްގެންނެވެ.
އަޅުގަނޑުމެންގެ ލޯ ހުޅުވުނީ އިހުގެ ތާރީޚީ ނޯޓުތަކުގެ ތެރެއަށެވެ. ހާޖީ ބަންޑާރައިން ނުވަތަ ސުލްތާން މުހައްމަދު ގިޔާސުއްދީނަށް މުނިކާފަ ވިދާޅުވާ އައްނާއިބު ގަނޑުވަރު ހަސަން ދީދީގެ ދަރިކަލުން އައްނާއިބު އެޅެގޭ އިބްރާހިމް ދީދީގެ ފޮތްތަކާއި ނޯޓުތައް ދުށީމެވެ. އިސްދޫ ދިހަ ވަނަ ހަސަން ރަސްގެފާނަށް ހޫރު ކާފަ ވިދާޅުވާ ހުޅުދުމައިގޭ އިބްރާހިމް މަނިކުފާނުގެ ފޮތްތަކާއި ނޯޓުތައް ވެސް ދުށީމެވެ.  އަދި މި އިބްރާހިމް މަނިކުފާނުގެ އަލި ދީދީގެ އަބްދުﷲ ދީދީ (ކުބެއްޔާގެ އަބްދުﷲ ދީދީ)  ލިޔުއްވާފައި ހުރި ފޮތްތަކުގެ އަސްލު މިއަދުވެސް އަޅުގަނޑުމެންގެ އަތުގައި އެބަހުއްޓެވެ.

ތާރީޚީ ގޮތުން މަޝްހޫރު ގެއެއް ކަމުގައިވާ ކަޅިހާރުގައި ހުރި ނޯޓުތަކާއި އެނޫންވެސް ކަރުދާސްތައް އަޅުގަނޑުމެން ދުށީމެވެ. ލައްކަ ގިނަ ލިޔުންތައް ހުއްޓެވެ. މިތަކެތި އަޅުގަނޑުމެން ހޭލައިގަތް އިރު ބެހެއްޓިފައި ހުރީ އެފަދަ އެއްޗެއް ބަހައްޓަން ޖެހޭ ގޮތަކަށް ނޫނެވެ. އެތަކެތި ހުރީ ގޯނި ގޯންޏަށް އަޅާފައި ބަޔަކަށް ފޮރުވާން ވެގެން ގޭގޭގެ މަތިވަޑާން ގަޑުގެ މަތީގައި ނުވަތަ އެފަދަ ކޮންމެވެސް ދަތި ހިސާބެއްގައެވެ. މިއީ މުހައްމަދު އަމީނުގެ ވެރިކަމުގައި ހުވަދޫ އާއި ފުވައްމުލައް އަދި އައްޑޫއަށް މާލެއިން މީހުން ފޮނުވައިގެން ހުރިހާ ފޮތްތަކެއް އަތުލައި ނައްތާލުމުގެ މަސައްކަތް ފެށީމާ އެމީހުންނަށް ފޮރުވާން ވެގެން ކޮށްފައި ހުރި ކަމެކެވެ.

މުޅި ދެކުނުން ފޮތްތައް ނައްތާލުމަށް މުހައްމަދު އަމީނު އަމުރު ކުރެއްވީ ހުވަދޫ ނިލަންދޫ ހަކީމު ދީދީ ކިޔާމީހަކު މުހައްމަދު އަމީނު އަވަހާރަކޮށްލަން ފަންޑިތަ ހެދީއޭ ކިޔައިގެން ރޯ ބުހުތާން ދޮގު ވާހަކަތަކެއް އުފައްދައިގެން ހުރިހާ ފަންޑިތަ ފޮތްތައް ނައްތާލުމުގެ ނަމުގައެވެ. މިފޮތްތައް ހޯދާން ރަށްރަށަށް އެރި މާލޭ ޓީމުގައި ގިނައީ އަރަބި ތާނަވެސް ވަކިކުރަން ނޭގޭ މީހުންނެވެ. އެމީހުންނަށް އޭގެ އެކޮޅު މިކޮޅު ނޭގޭ ކޮންމެ ފޮތެއް އެއީ ފަންޑިތަ ފޮތްކަމުގައި ބަލައިގެން އެތައް ސަތޭކަ ފޮތެއް ނައްތައިލި އެވެ. މިގޮތުން ދަރިކޮޅު ފޮތްތަކާއި ދީނީ އިލްމުގެ ފޮތްތަކާއި ނިޔަމިކަމާއި ފަލަކީ އިލްމުގެ ފޮތްތަކާއި މިހެން ގޮސް ވަރަށް ގިނަ ފޮތްތައް އަންދައިލިއެވެ. ބައެއް ފޮތްތައް މާލެވެސް ގެންދިޔައެވެ. އަންދާލެވުނު ފޮތްތަކުގެ ތެރޭގައި ގުރުއާނުގެ ބޯދާ މުސްހަފުތައް ވެސް ހިމެނުނެވެ. މުހައްމަދު އަމީނުގެ މި އެންދުމުން ސަލާމަތްވި ފޮތެއް ކަރުދާހެއް ވިއްޔާ އެއީ ބަޔަކު ފޮރުވައިގެން ސަލާމަތްވި އެއްޗެކެވެ.

މުހައްމަދު އަމީނު އެ ޚާންދާނަކަށް ނިސްބަތްވާ ހުރާގޭ ޚާންދާނަކީ ފޮތްތައް އެންދުމުގެ ދިގު މާޒީއެއް ލިބިގެންވާ ޚާންދާނެކެވެ. އައްސުލްތާން މުހައްމަދު ގިޔާސުއްދީން ކަނޑުފައްތައި އަވަހާރަކޮށްލުމަށްފަހު ހުރާގޭ މުހައްމަދު މަނިކުފާނު ކުރެއްވި ކަމަކީ ގިޔާސުއްދީނުގެ ތިމާގެ އެންމެހައި ބޭފުޅުންގެ ގޭގޭގައި ހުރި ފޮތްތައް އަތުލައި އެންދުމާއި އެބޭބޭފުޅުން ކިޔަވައި ވިދާޅުވުން މަނާ ކުރުމެވެ. އަތިރީގޭ އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދެވަނަ ދަރިކަލުން ހަސަން ފަރީދު ދިވެހި ދައުލަތް ހިންގެވި ދުވަސްވަރު އޭނާވެސް ވަނީ ފޮތްފޮތް އަތުލައި ކަނޑު ފެއްތުމުގެ ހަރަކާތެއް ހިންގަވައިފައެވެ.

މިކަހަލަ މިކަހަލަ ވާހަކަ ތާރީޚުން ފެންނާތީ މުހައްމަދު އަމީނު ކުރެއްވި ކަމަކީ އެޒާތުގެ ވާހަކަތައް ހިމެނޭ ސަފުހާތަކުގައި ރޮނގު ދެންމެވުމެވެ. މުހައްމަދު އަމީނު ދެކެވަޑައިގެންނެވި ގޮތުގައި ތާރީޚުގައި ހުންނަން ޖެހޭނީ މުހައްމަދު އަމީނާއި ހުރާގޭ ދަރިކޮޅު ރުހޭ ވާހަކަތަކެވެ. އެނޫން އެއްޗަކީ ތާރީޚެއް ނޫނެވެ. މިހެންވެ ތަންގީހު ކުރެވުނު ތާރީޚޭ ކިޔައިގެން ފޮތަކާއި މިކަހަލަ އިތުރު ފޮތްތަކެއް ލިޔެ ދިވެހި ތާރީޚު އޮޅުވައިލުމަށް މުހައްމަދު އަމީނު ވަނީ ލައްކަ ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އޭގެތެރެއިން ބައެއް ވާހަކަތައް ކުރީގެ ބާބުތަކުގައި އިސްވެ ހިގާއްޖެއެވެ.

ހަމައެކަނި މުހައްމަދު އަމީނެއް ނޫނެވެ. އޭނާގެ އަރިހުގައި އުޅުއްވި ބައެއް ވަޒީރުންވެސް ހަމަ މިފަދައެވެ. އޭގެ ތެރެއިން އެއްބޭފުޅަކީ މީރުބަހުރުގޭ މުހައްމަދު އިސްމާއީލް ދީދީއެވެ. މީނާގެ ފުށުން ތާރީޚަށް ވެވިފައިވާ ޚިޔާނާތްވެސް ވަކި ކުޑައެއް ނޫނެވެ. ކަލާފާނުގެ ރަސްކަމުގެ ދުވަސްވަރު މާލޭގައި ހައްޔަރުވެފައި ހުރި ފަރަންސޭސި ސައްޔާހު ޕިރާޑުގެ ފޮތް ދިވެހި ބަހަށް ތަރުޖަމާކޮށް ނެރުނީ މި މުހައްމަދު އިސްމާއީލް ދީދީއެވެ. މި ފޮތުގައި ޕިރާޑު ލިޔެފައި ނުވާ ވާހަކަވެސް ގެނެސްފައި ހުއްޓެވެ. އެގޮތުން އެއްވާހަކައަކީ ރާއްޖޭގެ އެންމެ ދެކުނުގެ މީހުންނަކީ ހަންކަޅު ސިފަ ހުތުރު ބަސްމަގު ކުރަކި ބައެއް ކަމުގެ ވާހަކައެވެ. ޕިރާޑުގެ ފޮތުން މުހައްމަދު އިސްމާއީލް ދީދީއަށް ފެނުނީ އިނގިރޭސި ތަރުޖަމާއެކެވެ. އޭގައި އޮތީ ޓުވާރޑްސް ސައުތު މިހެންނެވެ. ސައުތެކޭ ނޫނެވެ. ޓުވާރޑްސް ސައުތަކީ ދެކުނަށް ދާއިރު އެންމެ ފުރަތަމަ ޖެހޭ އަތޮޅުތަކެވެ. ދެކުނަކީ ހުވަދޫން ފެށިގެން ދެކުނެވެ. މިއީ މުހައްމަދު އިސްމާއީލް ދީދީ ގަސްތުގައި ކުރެއްވި ކަމެކެވެ. ނުވަތަ އިނގިރޭސި މޭރުންވުން ކުޑަކަމުން ވީ ގޮތެކެވެ.

ދޮންތުއްކަލާގެ އައްޑޫ ދަތުރޭ ކިޔައިގެން ސައްޔާހެއްގެ ފޭރާމުގައި މުހައްމަދު އިސްމާއީލް ދީދީ ލިޔުނު ފޮތަކީވެސް ބަޔަކު ހިނިއައުން އެކަށީގެންވާ ޒާތުގެ އުފެއްދުމެކެވެ. މާލެއަކީ ޕެރިހާއި ލަންޑަނާއި ނިއުޔޯކު ފެންވަރުގެ ތަނެއްކަމަށް ދެއްކުމާއެކު ދެކުނުގައި ހަނޑަސް ބުރިއަށް ހާޖަތަށް ދިއުމާއި އަންނައުނު ދޮވެފައި ހިއްކާން ރޯނުގައި އެޅުމަކީވެސް ވިޔާނުދާކަމާއި ޖާހިލުކަމުގެ ކޮޅުނެތްކޮޅުކަމަށް މުހައެްމަދު އިސްމާއީލް ދީދީ ބަޔާން ކުރިއިރު ދިވެހިންގެ އާއްމު ދިރިއުޅުމުގައި އެކަން އޭރުވެސް އަދި މިހާރުވެސް އޮތް ގޮތާއި މެދު ފިކުރު ހިންގައިލުން އެދެވިގެންވެއެވެ.

އެޒަމާނަށްފަހު ދެންވެސް މިބާވަތުގެ ކަންކަން ވަކި ރަގަޅުކަމަކަށް ނުފެނެއެވެ. ދިވެހި ތާރީޚަށް އައު އަލިކަމެއް މިނަމުގައި ބައްތި ޖަހައިގެން ދިވެހި ތާރީޚު އަލިކުރުމުގެ ބަހަނާގައި 1958، 1966 އަދި 1990 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ޗާޕު ކުރި ފޮތަކީ މިކަމުގެ ހެއްކެކެވެ. އޭގައި ތީމުގޭ ދަރިކޮޅާއި ހިލާލީ ދަރިކޮޅުގެ ރަސްރަސްކަލުންގެ ވާހަކަ ގެނެސްފައި ޕޯޗުގީޒުން އެރިވާހަކަ ވެސް ގެނެސްފައި ދެން ފަށާފައި އޮތީ ދޮން ބަންޑާރައިންނާއި ހަމައިންނެވެ. މާނައަކީ އުތީމު ދަރިކޮޅާއި އިސްދޫ ދަރިކޮޅާއި ދިޔަމިގިލީ ދަރިކޮޅުގެ ރަސްރަސްކަލުން ދިވެހި ތާރީޚުން ފުހެލާފައި އޮތުމެވެ. ދިވެހިރާއްޖޭގެ ތާރީޚުން 201 އަހަރު އެއޮތީ އަލިކުރުމުގެ ނަމުގައި އަނދިރި ކޮށްފައެވެ.

އައު އަލިކަމެކޭ ކިޔައިފައި މިއޮތީ މިމަސައްކަތަށް ކަމަށް ހީކުރެވެއެވެ. މާރަންދޫ ގަނޑުވަރު ދޮށީމަނިއްޕުޅު އިންޑިޔާގެ ލަކަނޫގައި ހުންނަވައި ބޭސްކޮޅު ކުރައްވައި މާލެވަޑައިގަތް ވާހަކަ އެ ފޮތުގައި ހިމަނާފައި އުތީމު ބޮޑު ތަކުރުފާނު ކާފަރުންގެ ކިބައިން މިދިވެހި ގައުމު ސަލާމަތް ކުރެއްވި ވާހަކަ ހިމަނާފައި ނެތުމަކީ މި ފޮތުން ދޭން އުޅުނު އަލިކަމުގެ ގޮތާއި ބާވަތް ވަރަށް ރީއްޗަށް ހާމަވާ ކަމެކެވެ. މިކަން މިމަގުން ނިންމައިލައިފައި މިއީ ތިމަންނާމެން ކުރިކަމެއް ނޫނޭ ބުނާ ބީދައިން މިއީ އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު ތިންވަނައިގެ ރަސްކަމުގައި ފެނުނު ބޯދާ ފޮތެއް އަކުރުން އަކުރަށް ނަކަލު ކުރީއޭ ލިޔެފައި އޮތެވެ.

އައްޑޫ މީދޫގައި ޒަމާނުއްސުރެ ދެމިގެން އައި އިލްމު ފެތުރުމުގެ ސިލްސިލާގެ ތެރެއިން ގާއިމު ކުރެވިފައިވާ މަދަރުސާ ނުވަތަ ޝަމްސުއްދީން ސްކޫލުގެ ފުރިހަމަ ތާރީޚު ބަޔާންކޮށް އެ ސްކޫލުގެ ތާރީޚަށް ރަސްމީ ހައިސިއްޔަތު ދިނުމަށް ރަށު އޮފީހުގެ ފަރާތުން ހުށައެޅި ހުށައެޅުމަށް ރަސްމީ އިދާރާތަކުން އަމަލު ކުރި ގޮތަކީވެސް މިސާލެކެވެ. މީދޫ މާމިސްކިތުގައި ހިންގަމުން އައި އިލްމު ފެތުރުން މިސްކިތުން ނެރުއްވައި މިސްކިތާއި ޖެހިގެން އުތުރަށް އޮތް ހުސްބިމުގައި މިސްކިތުގެ ހަރުގެ އަޅުއްވައި އެއީ ރަސްމީ މަދަރުސާ ކަމުގައި އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނު ހަމަޖެއްސެވީ މީލާދީން 1650 ވަނަ އަހަރުއެވެ. އޭގެ ފަހުން މެދުނުކެޑި މަދަރުސާ ހިންގަމުން އާދެއެވެ. މަދަރުސާއަށް މިހާރު 366 އަހަރު ވެއްޖެއެވެ. މިހެންވެ ރަސްމީ ދެނެގަތުމެއް ދެއްވާށޭ ރައްޔިތުން އެދުނީމާ 1993 ގައި މަދަރުސާއަށް ފަންސާސް އަހަރު ފުރުވުމުގެ އިޒުނަ ލިބުނެވެ. އެކަންވެސް ކޮށްފައި އެއޮތީ މަދަރުސާގެ ހަޔާތުން 293 އަހަރު އުނިކޮށްފައެވެ.

ދިވެހި ތާރީޚު ލިޔާ ގިނަ މީހުން މިހާރު ލިޔަނީ އަލްއުސްތާޒު އަލްމަރުހޫމް މުހައްމަދު އިބްރާހިމް ލުތުފީގެ ދިރާސާތަކަށް ހަވާލާދީފައެވެ. މުހައްމަދު އިބްރާހިމް ލުތުފީއަކީ ތާރީޚުގެ މިޒަމާނުގެ އުސްތާޒު ކަމަށް ބަލައިފައެވެ. މި މުހައްމަދު އިބްރާހިމް ލުތުފީއަކީ މީދޫ އައްނާއިބު ގަނޑުވަރު ހަސަން ދީދީގެ ފިޔޯރީ ދޮންދީދީގެ އިބްރާހިމް ލުތުފީގެ ދަރިކަލުންނެވެ. މުހައްމަދު އިބްރާހިމް ލުތުފީގެ ހަޔާތުގެ ފަހު ދުވަސްތަކުގައި އައިޖީއެޖްއެޗާއި އަދި އޭނާގެ ގެއިންވެސް އަޅުގަނޑުމެން ބައްދަލުވެ ވާހަކަ ދައްކައިލާން ފުރުސަތު ލިބުނެވެ. އެވާހަކަތަކުގައި ލުތުފީ ވަރަށް ސާފުކޮށް ވިދާޅުވީ އޭނާއަށް ދިވެހި ތާރީޚު ލިޔުމުގެ ފުރުސަތު ލިބިފައިވަނީ ސިޔާސީ ގޮތުން ކުށްވެރިނުވާ ބީދައަކުން ކަމަށެވެ. ރަސްމީ އިދާރާތަކަށް އެއްބަސްވެވޭ އުސޫލަކުން ކަމަށެވެ.

އެވިދާޅުވި އުސޫލު ވަރަށް ސާފެވެ. އެއީ ހުރިހާކަމެއްގެ ނާރެހަކީ މާލެކަމަށް ބުނުމެވެ. ދެން މާލެއަކީ ބޮޑު ސޯބުވީމާ ދެން ތިބި ސޯބުތައް ވެސް މާލެއާއެކު ހަމަ އެއްފަހަރާ އެނބުރި ގަތުމެވެ. ރާއްޖެ އިސްލާމްވުމުގެ ތިއަރީވެސް ފެތެނީ މި އުސޫލަށެވެ. ރާއްޖޭގެ އަތޮޅުތައް ބެހިފައި އޮތް ގޮތުން ދަތުރުފަތުރަށް 70 އަހަރު ކަނޑާލާފައި މުޅި ރާއްޖެ އިސްލާމްވެ ނިމުނީ މާލެ އިސްލާމްވިތާ 70 އަހަރު ފަހުން ކަމަށް ކަނޑައެޅުނީ މިއުސޫލުގެ ދަށުންނެވެ. މިތިއަރީ މިގޮތަށް ލިޔެފައި އޮތް އިރު އިހުގެ ރަސްމީ ބައެއް ލިއުންތަކުން މާލެ އިސްލާމްވިތާ 150 އަހަރު ފަހުންވެސް ރާއްޖޭގެ ބައެއް ހިސާބުތަކުގައި ބުދުދީނުގެ މީހުން އުޅުނުކަން ހާމަވެއެވެ. އެކަމަކު އެއީ ރަސްމީ އިދާރާތަކުގެ ވިސްނުމާއި ފުށު އަރާ ކަމަކަށްވާތީ ތާރީޚު ލިޔާއިރު އެއަށް ރިއާޔަތް ކުރެވޭނެ ގޮތެއް ނެތެވެ.

އަޅުގަނޑުމެންގެ ކިބައިން ލުތުފީ ކަމަކަށް އެދިވަޑައިގަތެވެ. އެއީ ދިރާސާކޮށްގެން ތާރީޚު އަލުން ލިޔުމަށެވެ. އޮޅުވާލެވިފައިވާ ބައިތައް އިސްލާހު ކޮށްދިނުމަށެވެ. ލުތުފީގެ ދިރާސާތަކުގެ ތެރެން ޝާއިއު ނުވެހުރި ބައެއް ބައިތައް އަޅުގަނޑުމެންނަށް ދެއްވިއެވެ. ނަސީމާ މުހައްމަދު ކަލޭގެފާނުގެ އަތުންވެސް އެފަދަ ބައެއް ލިޔުންތައް ހޯއްދަވައި ދެއްވިއެވެ. އަދި ގައުމީ މަރުކަޒުގައި ކުރިން މަސައްކަތް ކުރެއްވި އަދި މީދޫ އައިސާބީގެދަރު އައްޝައިޚު އަލި ތަކުރުފާނުގެ ދަރިކޮޅަށް ނިސްބަތްވާ ހުޅުދޫ މުހައްމަދު ތައްޚާނުގެ ފެރިދޫ އަލީ މުހައްމަދުގެ ފަރުހަތު އަލީގެ އަތްޕުޅުގައި އޮތް އައްޑޫ ފުވައްމުލަކުގެ ދަރިކޮޅާއި ތާރީޚު ހިމެނޭ ފޮތެއް ހޯދާށޭ ވެސް ވިދާޅުވިއެވެ. މިއީ ލުތުފީ ގެންގުޅުއްވި ފޮތެކެވެ.

ދިވެހި ތާރީޚަށް ޚިދުމަތް ކުރުމުގެ ނަމުގައި ތާރީޚު އޮޅުން ފިލުވާން މާލެއިން ވަޑައިގަންނަވާ ބޭފުޅުން އައްޑޫ އާއި ފުވައްމުލައް އަދި ހުވަދޫގައި ގެންގުޅުއްވި އުކުޅުތަކުގެ ވާހަކަ ބަޔާން ނުކޮށް މިޒާތުގެ ވާހަކައެއް ނިންމައިލުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެއެވެ. އެފަދަ ބޭފުޅުން ވަޑައިގެން ގަބުރުސްތާނުތަކުގައި ހުންނަ ބޯދާ މަހާނަ ގާތަކުގެ ލިޔުންތައް ބަލައި ނޯޓު ކުރުމަށްފަހު ދެން ކުރެއްވި ކަމަކީ މަހާނަ ގާ އިތުރަށް ސާފުކުރުމުގެ ބަހަނާގައި ކްލޮރިން ކަހަލަ ކެމިކަލެއް ޖަހައިލަނީ އެވެ. މިހެން ހެދީމާ އަހަރެއް ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި މަހާނަގާ ފީވެ އަމްދުން އެއްވެސް ލިޔުމެއް ކިޔަން ނޭގޭ ވަރަށް ގިރި ހަލާކުވެދެއެވެ.

މިއީ ޖާހިލުކަމުން ކުރިކަމަކަށް ވުރެ އެނގި ތިބެ ގަސްތުގައި ކުރި ކަމެއް ކަމަށް ގަބޫލު ކުރެވެއެވެ. އޭރުން މިމީހުން ލިޔާ ވާހަކަތައް ނަފީ ކުރެވޭނެ އެހެން ވަސީލަތެއް އެއްވެސް ބަޔަކަށް ނުލިބޭނެއެވެ. މިއީ ވަކިގޮތަކަށް ތާރީޚުގައި ކުލަ ޖެއްސުމަށް ކުރި މަސައްކަތުގެ ތެރެއިން ވަކި ބައެއްގެ ތާރީޚު ނައްތައިލުމެކެވެ. ތާރީޚަށް ޚިދުމަތް ކުރުމަކީ މިއެއް ނޫނެވެ. މިއަދު ރަސްމީ ގަބޫލުކުރުންތަކާއި ފުށު އަރާ ގޮތަށް އެހެން ބަޔަކު އެއްޗެއް ލިޔެ ނެރުނީމާ ހޯހޯއޭ ތިޔައީ ކޯޗެއްހޭ ތިޔައިގެ ސައްހަ ކަމަކީ ކޮބައިހޭ އަހައި ސުވާލު މިކުރަނީ ތާރީޚުގައި ކްލޮރިން ޖެހި މީހުންނެވެ.

އެހެންވީމާ އިހުމާލު ކުރެވުނު ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން މި ނަމުގައި ލިޔެ ނިމުނު ބާބުގެ ލިޔުންތަކާއި މިހިސާބުން ދިވެހިރާއްޖޭގެ ތައުލީމުގެ އައުބާބެއްގެ ފެށުން މި ނަމުގައި ލިޔަން ފަށާ ބާބުގައި ބޮޑުދެކުނުގައި ދޫދޫމަތިން ތަވާތިރުގެ މަގުން އައިސްފައި ހުރި ވާހަކަތަކާއި ދެކުނުގެ ގަބުރުސްތާނުތަކުގައި ހުރި މަހާނަ ގައުތަކުގެ ލިޔުންތަކާއި މިސްކިތްތަކުގެ ވަނަވަރު ފޮތްތަކާއި ދަރިކޮޅު ފޮތްތަކާއި މުދާ ބެހުނު ގޮތުގެ ފަތްތަކާއި ނާއިބު ބޭކަލުންނާއި ޚަތީބުން ލިޔުއްވާފައި ހުރި ލިޔުންތަކާއި މިނޫންވެސް އިހުގެ ލިޔުންތަކުގެ ތެރެއިން އަޅުގަނޑުމެންނާއި ހަމައަށް ފޯރާފައި ހުރި ލިޔުންތަކަށް ބިނާކޮށްގެން ކުރެވިފައިވާ ދިރާސާތަކުގެ އަސަރު އެކުލެވޭނެއެވެ. (ނުނިމޭ)
                    ----------------------

ލިޔުއްވީ: ޢިމާދު، މުޖުތަބާ
Meedhoo.com
23 ޖެނުއަރީ 2016މ.