ދިވެހިބަހުގެ ރަދީފުގެ މައްސަލަ ފަނޑިޔާރުގެއަށް

ދިވެހިބަހުގެ ރަދީފުގެ މައްސަލައެއް ފަނޑިޔާރުގެއަށް ހުށަހެޅުނު ވާހަކައެއް މީހަކު ބުނާތީވެސް މިހާތަނަށް އަޑުނީވި ވަނިކޮށް އެފަދަ މައްސަލައެއް ފަނޑިޔާރުގެއާއި ހަމައަށް ދާނަމަ އެމައްސަލައިގެ ގޮތްބާވަތް ނޭނގޭ ބަޔަކަށް އެއީ ކުޑަކަމަކަށް ނުވާނެއެވެ. އެކަންވާނީ ބޮޑު ކަމަކަށެވެ. 

ފަނޑިޔާރުގެއަށް ހުށަހެޅޭ ދިވެހިބަހުގެ ރަދީފުގެ މައްސަލައަކީ، ގައުމީ އޮޅުވާލުމުގެ ރެކްޓަރ މިންގަނޑުން ބަލައިގެންނޫނީ އޭގެ ކުޑަބޮޑުމިން އަންދާޒާ ނުކުރެވޭނޭ ގައުމީ އޮޅުވާލުމެއްގެ މައްސަލައެކެވެ. މިއޮޅުން އުފެދެން ޖެހެނީ، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށުގެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކަކީ "ރާއްޖެތެރެ" ކަމަށް ދިވެހިބަހުގެ ރަދީފުގައި ނުހަނު ސާފުކޮށް ކަޅާއި ހުދުން ލިޔެފައި އޮތީމައެވެ.

މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށުގެ ސަރަހައްދަކީ ރާއްޖެއިން ބޭރުގެ ސަރަޙައްދެއް ކަމަށް ބެލެވުމުގެ ފުރުޞަތު ލިބިދެއެވެ. މިކަން މިހެން އޮތުމުން ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް އޮތީ ތިމާމެންގެ ގައުމުގެ ސަރަހައްދުގެ ތެރޭ ކަމަށް ރާއްޖެއިން ބޭރުގެ ކޮންމެވެސް ބަޔަކު ނުބުނާނެކަން އެނގެނީ ކާކަށްހެއްޔެވެ. އަދި މިހެން ބުނެ އެބުނުމަށް ޢަމަލީ ސިފައެއް ގެންނަން އުޅެފިނަމަ އެއީ ގައުމީ ބިރަކަށް ނުވާނެކަން އެނގެނީވެސް ކާކަށްހެއްޔެވެ. 

ރާއްޖޭގެ އެތެރެއާއި ރާއްޖޭގެ ބޭރާއި މިއީ ތަފާތު ދެ ތަނެކެވެ. "ރާއްޖޭގެ އެތެރެ" އަކީ "ރާއްޖެތެރެ" އެވެ. "ރާއްޖެތެރެ" އަކީ "ރާއްޖޭގެ އެތެރެ" އެވެ.  އޭގެ ހެއްކަކީ، "އަތޮޅުގެ އެތެރެ" އަކީ، "އަތޮޅުތެރެ" އަށް ވުމެވެ. ނޫނީ "އަތޮޅުތެރެ" އަކީ، "އަތޮޅުގެ އެތެރެ" އަށް ވުމެވެ. އެއީ، "ކޮޓަރީގެ އެތެރެ" އަކީ "ކޮޓަރިތެރެ"އަށް އެވާ ގޮތަށެވެ. ކޮޓަރީގެ އެތެރެއަކީ ކޮޓަރީގެ ބޭރުކަމަށް ނުވާ ގޮތަށެވެ. މިއީ ދެބަސްވެވޭނޭ ކަމެއްނޫނެވެ. މިހެންވީމާ ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށުގެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކަކީ "ރާއްޖެތެރެ" ކަމަށް ދިވެހި ބަހުގެ ރަދީފުގައި ލިޔެފައިވުމުން ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށުގެ ސަރަހައްދު އެވަނީ ރާއްޖެއިން ބޭރުގައި ކަމަށް ބެލެވި އަދި މިސަރަހައްދު ހިމެނެނީ ތިމާމެންގެ ގައުމުގެ ސަރަހައްދުގެ ތެރޭ ކަމަށް ރާއްޖެއިން ބޭރުގެ ކޮންމެވެސް ބަޔަކު ނުބުނާނެކަމުގެ ޔަގީންކަމެއް ނޯންނާނެއެވެ.

"ރާއްޖެތެރެ" އަކީ، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށުގެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތައް ކަމަށް ދިވެހިބަހުގެ ރަދީފުގައި ލިޔުނީ އެ ސަރަޙައްދުތައް ރަށްފުށަށް ބަދަލުކޮށް އެ ތާނގައި އުޅޭ މީހުން ދެރަކޮށް ނިކަމެތިކުރަންހެއްޔެވެ. މި ސަރަޙައްދުގައި އުޅެންޖެހެނީ ބީރައްޓެހި ފަސްކުޅަނދު މަދު މީހުންހެއްޔެވެ. އަދި އެ މީހުންގެ ވެރިންނަށް ތިބެންޖެހެނީވެސް ގަބުޅި ކަތީބުންހެއްޔެވެ.

ދިވެހި ބަހުގެ ރަދީފުގައި "ރާއްޖެތެރެ" އަކީ، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށުގެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތައް ކަމަށް ލިޔެފައިވަނީ ދިވެހިންގެ ބަޔަކުތޯއާއި މިހެންމެ އެގޮތަށް ލިޔުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފެދެއެވެ. މިހެނީ، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށުގެ ސަރަހައްދަކީ، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ނުހިމެނޭ ބޭރުގެ ސަރަޙައްދަކަށްވާނަމަ އާދަނުގެ ހަށިގަނޑުގައިވާ އަތްފައި ފިޔަވައި އޭނާގެ ހަށިގަނޑުގެ އެހެން ހުރިހާ ތަނަކީ އައިމިނަގެ ހަށިގަނޑުގެ ތަންތަނަށްވުމަކީ ވެސް ދުރުކަމަކަށް ނުވާނެއެވެ. މިހެންވެއްޖެނަމަ މިތަންތަން ހޯދުމަށް އައިމިނަ ފަނޑިޔާރުގެއަށް ނުދާންވީ ވަކި ސަބަބެއް ވެސް ނެތެވެ. ހަމަ ދާންވީއެވެ.
                -------------------

ލިޔުއްވީ: މީމު ނޫނު