ފުރަ މާލެއިން މީހުން ނުބޭލުން
ފުރަ މާލެއިން މީހުން ބޭލުމުގެ ސަބަބުން ނާމާން ބިޔަ ފަޅުރަށެއްގެ ގޮތުގައި އެރަށް ފެނިފައިނުވަނީ އެރަށުގެ ބިމުގައި ދިރިއުޅުނު އަދި ދިރިއުޅެމުންދާ އިންސާނުން ދިވެހިސަރުކާރުގެ އަމުރާއި ސިޔާސަތަށް ބޯލަނބައި ކިޔަމަންތެރިކަން އަދާނުކޮށްފިނަމަ އެކަން ހަމަޖައްސަވާނޭ ބޭފުޅަކު، ފުރަމާލެ ފިޔަވައި އެހެން ރަށްރަށުގެ ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހާއި ރަދުން ކަނޑައަޅުއްވާފައި ނެތުމުންކަމަށް ބެލެވެއެވެ. އެހެންނޫންނަމަ އެތައްފަހަރަކު ނާމާން ބިޔަ ފަޅުރަށެއްގެ ގޮތުގައި ފުރަމާލެ ފެނުނީހެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅެމުންދާ ރަށެއްގެ ބަޔަކު އެދުވަސްވަރެއްގެ ވެރިކަމުގެއަމުރާއި ސިޔާސަތަށް އެއްފަހަރު ނުވަތަ ދެފަހަރު ނުވަތަ ސަތޭކަފަހަރު ވިޔަސް ކިޔަމަންތެރިކަން އަދާނުކުރިނަމަ އޭގެ ނަތީޖާއަކަށްވާނީ ވެރިކަމުގެފަރާތުން އަމުރުކުރައްވާތާ ދެތިންގަޑިއިރު ތެރޭ އެބައިމީހުންގެ ގޯތިގެދޮރާއި ރަށް ދޫކޮށްފައި އެމީހަކު ދާނެތާކަށް ދިޔުން ނަމަ، އަދާއި ހަމައަށް ދިވެހިރާއްޖޭގައި އެންމެގިނަފަހަރު މީހުންބޭލުމުން ފަޅުރަށަކަށްވެ އަދި އެންމެގިނަފަހަރު މީހުން ވަޒަންވެރިވެފައި ވާނެ ރަށަކަށްވާނީ ފުރަމާލެއެވެ.

ނާމާން ބިޔަ ފަޅުރަށެއްގެ ގޮތުގައި ފުރަމާލެ ފެނުމާއި ނުފެނުމުގެ ވާހަކަ ދަންނަވައިލީ މިވެނި ޒަމާނެއް ދުވަސްވަރެއް ނެތި ހުރިހާ ޒަމާނެއް ހުރިހާ ދުވަސްވަރެއްގައި ވެސް ދިވެހިވެރިކަމުގެ އަމުރާއި ސިޔާސަތަށް ބޯލަނބައި ކިޔަމަންތެރިކަން އަދާނުކުރުމުގެ ފުރިހަމަ ރެކޯޑަކީ އެރަށުގައި ދިރިއުޅެމުންދާ އިންސާނުންގެ ކޮންމެވެސްބަޔެއްގެ ތެރޭ އޮންނަ އެއްޗަކަށްވާތީއެވެ. ދިވެހިރާއްޖޭގައި ވެރިކަންކުރެއްވި އެކިއެކި ރަސްކަލުންނާއި އެކިއެކި ރައީސުންގެ ދުވަސްވަރު އެބޭފުޅުންގެ ފުރާނަފުޅާއި އަމުރާއި ސިޔާސަތާއި ދެކޮޅަށް ފުރަމާލޭގައި ދިރިއުޅެމުންދާ އިންސާނުންގެ ކޮންމެވެސްބަޔެއްގެ ތެރެއިން ސިއްރާއި ފާޅުގައި ފެނިފައިވާ ފާފަވެރިކަމާއި ނުބައިކަންބޮޑު ކަންކަމާއި ނުލަފާކަން ކުޑަނޫން ކަންކަމާއި ހައްދުފަހަނަޅައިފައިވާ ނޭއްގާނިކަން ދިވެހިތާރީޚުގެ ފަތްފުށްތަކުން އެހުރީ ހާމަޔަށް ފެންނާށެވެ.

ވެރިކަމުގެއަމުރާއި ސިޔާސަތަށް ބޯލަނބައި ކިޔަމަންތެރިކަން އަދާނުކޮށްގެން ސަރުކާރުން އަމުރުކުރައްވާތާ ދެތިންގަޑިއިރު ތެރޭ ފުރަ މާލޭގައި ދިރިއުޅެމުންދާ އެންމެހައި އިންސާނުން އެބައިމީހުންގެ ގޯތިގެދޮރާއި ރަށް ދޫކޮށްފައި އެމީހަކު ދާނެތާކަށް ދާންޖެހުމުން އެބައިމީހުން އުފުލާންޖެހޭ ވޭނާއި ހިތާމައާއި އަދި ތަކުލީފުން ސަލާމަތްވުމުގެ އިތުރުން މީހުން ބާލާފައިވާ ނާމާން ބިޔަ ފަޅުރަށެއްގެ ގޮތުގައި އެރަށް ފެނިފައިނުވުމަކީ ދިވެހި އެންމެހައި މުސްލިމު އަޅުތަކުންނަށް ލިބުނު ވަރަށްބޮޑު ނަޞީބެކެވެ. މިއީ އެރަށުގައި ދިރިއުޅުނު އަދި މިހާރުވެސް ދިރިއުޅެމުންދާ އަޅުތަކުން ފިޔަވައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ އެހެން ރަށްރަށުގެ އަޅުތަކުންވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރަންޖެހޭ ކަމެކެވެ.

ދެކުނުގެ ހަމަނުޖެހުމުގެ ދުވަސްވަރު 31 ޖެނުއަރީ 1962މ. އާއި ހަމައަށް ހުވަދުއަތޮޅު ހަވަރުތިނަދޫގެ ބިމުގައި ދިރިއުޅެމުން ދިޔަ ޅަދަރިންނާއި މުސްކުޅިންނާއި އަންހެން ފިރިހެން އިސްތިސްނާއެއް ނެތި ހަމަ އެންމެތަކުން ދެތިންގަޑިއިރު ތެރޭ އެބައިމީހުންގެ ގޯތިގެދޮރާއި ރަށް ދޫކޮށްފައި ދާނެތާކަށް ދިޔުމަށް ދިވެހިސަރުކާރުން އަމުރުކުރައްވައި އެއަމުރު ތަންފީޒުކުރައްވާފައި ވަނީ ދެކުނުގެ ހަމަނުޖެހުމުގެ ކަންތައް ހަމަޖައްސަވާނޭ ބޭފުޅަކު، ފުރަމާލެ ފިޔަވައި އެހެން އަތޮޅުތަކުގެ ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހާއި ރަދުން ކަނޑައަޅުއްވާފައި ހުންނެވުމުން އެބާރާއި އިޚްތިޔާރުގެ ތެރެއިންނެވެ.

މިކަން ކުރައްވާފައިވަނީ އެދުވަހާއި އޭގެ ކުރީ ދުވަހު ހަވަރުތިނަދޫގެ ބިމުގައި ދިރިތިބި އިންސާނުން ދިވެހިސަރުކާރުގެ އަމުރާއި ސިޔާސަތަށް ބޯލަނބައި ކިޔަމަންތެރިކަން އަދާނުކުރުމުން ކަމަށް އޭރުގެ ދިވެހިސަރުކާރުން ހާމަކުރައްވާފައިވެއެވެ. ނަމަވެސް ދިވެހިސަރުކާރުގެ އަމުރާއި ސިޔާސަތަށް ބޯލަނބައި އެދުވަހު ކިޔަމަންތެރިކަން އަދާނުކުރީ ކޮންބައެއްތޯ ނުބައްލަވައެވެ. ކިޔަމަންތެރިކަން އަދާކުރަންޖެހެނީ ކޮންބައެއްތޯ ނުބައްލަވައެވެ. އެންމެން ހަމަހަމައެވެ. މަންމަގެ ބަނޑުގައި އޮތް ދަރިއާއި މަންމަގެގާތުން ކިރުދޭ ދަރިއާއި ހިރިނުލެވި ވާގިނެތިފައި ބަލި އެނދުގައިއޮތް މުސްކުޅިއާއި ވެސް ހަމަހަމައެވެ. ހަމަ އެންމެން ރަށުން ފައިބައިގެންދާންވީއެވެ.  

އެފަހަރެއްގެ ވެރިކަމުގެއަމުރާއި ސިޔާސަތަށް ބޯލަނބައި ކިޔަމަންތެރިކަން އަދާނުކުރާ ބަޔަކު ދިވެހިރާއްޖޭގެ ތަނެއްގައި ދިރިއުޅޭނަމަ އެކަން ޙައްލުކުރުމަށްޓަކައި ދިވެހިރައްޔިތުންގެ ގިނަމީހުންނާއި ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގެ އެންމެމަތީ ވެރިޔާގެ ފަރާތްޕުޅުން ބޭފުޅަކަށް އިޚުތިޔާރެއް ނުވަތަ ބާރެއް ދެއްވުމުގެ މަފުހޫމަކީ އެބާރުގެ ދަށުން އެބޭފުޅަކު ބޭނުންފުޅުވާހާ ކަމެއް ބޭނުންފުޅުވާހާ ގޮތަކަށް ކުރެއްވުމެއްނޫނެވެ. ލިބިވަޑައިގެންފައިވާ އިޚުތިޔާރެއް ބާރުގެ ދަށުން ބަޔަކު ދިރިއުޅެމުންދާ ވަޒަނުން އެމީހުންނެރިލައްވައި އެތަންމިތަނަށް އުކައިލެއްވުމެއްނޫނެވެ. އެއީ ޢަދުލުވެރިކަމާއި އިންޞާފަށް ބަލާނަމަ އެބޭފުޅެއްގެ އިޚުތިޔާރުގައި އޮންނާނޭކަމެއް ނޫނެވެ. އޮންނަންޖެހޭނޭ ކަމެއްވެސްނޫނެވެ. 

މިހެންވުމާއެކު އިސްލާމީ އުޞޫލުތަކާއި ހަމަތަކާއި ޚިލާފު އެފަދަ ނިންމެވުމަކީ ދިވެހި އިސްލާމީ ރައްޔިތުންނާއި ދިވެހި އިސްލާމީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގެ އިތުރަށް ދިވެހި އިސްލާމީ ރާއްޖޭގެ އެންމެމަތީ ވެރިޔާ ބޭނުންފުޅުވާގޮތަށް ވެސް ނުވާނެއެވެ. މިކަން ޢާއްމުކޮށް ފެންނަފަށަށް އިވޭފަށަށް ތިލަނުވުމަކީ އެގޮތް އެބޭފުޅުން ބޭނުންފުޅުވާކަމުގެ ހެއްކެއްނޫނެވެ. ދަލީލެއްނޫނެވެ. މިއީ ކަންހިންގެވި ބޭފުޅެއްގެ ބާރުވެރިކަމާއި ނުފޫޒުގެ ގަދަކަން އެދުވަސްވަރެއްގައި ހުރި ނިސްބަތަށް ބަލާއިރު ވެދާނެކަމެކެވެ. ވީކަމެކެވެ.
                      ------------------

ޢަބުދުﷲ ޙިލްމީ
02 އޯގަސްޓް 2015މ.