ދެކުނުގެ އަތޮޅުތަކާއި މާލެ މުޑިއެރުމުގެ ސިއްރުތައް - 4


 







އިނގިރޭސިންގެ އަޅުވެތިކަމުގެ ދަށަށް ވަނުން

އަތިރީގޭ އަހުމަދު ދޮށިމޭނާކިލެގެފާނަކީ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ދޮށީ ދަރިކަލުންނެވެ. އެކަމަކު އެއީ ކަކާގެ އާއިލާއާ ވެސް ގުޅިފައިވާ ބޭފުޅެކެވެ. ކަކާގެ އާއި އަތިރީގެއާ ދޭތެރޭގައި ޒަމާނުއްސުރެ ހިނގަމުން އައި ކޯޅުންތަކުގައި އަތިރީގޭ ފަރާތަށް ކާމިޔާބު ހޯދުމުގެ ހަތިޔާރެއްގެ ގޮތުން އިބްރާހިމް ދޮށިމޭނާކިލެގެފާނު އެންމެ ފުރަތަމަ ކައިވެނި ކުރެއްވީ ދޮންބަންޑާރައިންގެ މުއިއްޒުއްދީނުގެ ކަކާގޭ ކަޅު ގޮމާގެ ކަކާގެ އަލީ ރަންނަބަނޑޭރިކިލެގެފާނުގެ މަރިޔަމް ދީދީ އާއެވެ. އަތިރީގޭ އަހުމަދު ދޮށިމޭނާކިލެގެފާނުގެ މައިކަމަނާއަކީ އެއީ އެވެ. މިހެންވުމުން ކަކާގޭ ފަރާތުން އަހުމަދު ދޮށިމޭނާކިލެގެފާނު ވަނީ ހުރަވީ ޚާންދާނުގެ އިތުރަށް ދިޔަމިގިލީ ޚާންދާނާވެސް ގުޅިވަޑައިގެންފައެވެ. އާއިލާއެއް މައިތިރި ކުރުމަށްޓަކައި ކައިވެނީގެ ގޮތުން ގުޅި އެއާއިލާއެއް ބައިބައިކޮށްލުމުގެ ކުޅިވަރަކީ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ކާފަ އަތިރީގޭ ދޮން އަހުމަދު ދީދީ ވަރަށް މޮޅަށް ތަމްސީލު ކުރައްވާފައިވާ ކުޅިވަރެކެވެ.

ކުރީގައިވެސް ރޭވިފައި އޮތްގޮތަށް އަތިރީގޭ އަހުމަދު ދޮށިމޭނާކިލެގެފާނު މަސައްކަތް ކުރައްވައިގެން ވޯރާއިންވެސް އެހީތެރިވެދީގެން އިނގިރޭސި މަނަވަރެއް މާލެ ގެނެސްފިއެވެ. އެޗްއެމްއެސް ބްރިޓަން ކިޔާ މަނަވަރު މާލެ އައީ 22 ފެބްރުއަރީ 1887 ގައެވެ. ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރުގެ ޚާއްސަ މަންދޫބެއްގެ ގޮތުން މަނަވަރުން ވަޑައިގަތީ ރިއަރ އެޑްމިރަލް ފްރެޑެރިކް ރިޗަޑް އެވެ. އޭނާއާއިއެކު އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ދަރިކަލުން އަހުމަދު ދޮށިމޭނާކިލެގެފާނާއި ވޯރާއިންގެ އިސް ބައެއް މީހުންވެސް އައެވެ. މިޓީމު މާލެއަށް ފައިބައި ލަސްތަކެއް ނުވެ ދިޔައީ ރަސްކަމުގެ ގަނޑުވަރަށެވެ. 

ރަދުން އާއްމުގޮތެއްގައި އިއްޒަތްތެރިންނާ ބައްދަލުކުރައްވާ ތަނަކީ މަތިގެއޭ ކިޔުނު ޗެމްބަރެވެ. އެތަނުގައި މަނަވަރުގެ ވަފުދާއި މުއީނުއްދީނު ރަދުން ބައްދަލުކުރައްވައިފިއެވެ. މިދަރުބާރުގައި ބޮޑުވަޒީރު ކަކާގޭ މުހައްމަދު ރަންނަބަނޑޭރި ކިލެގެފާނާއި ފަނޑިޔާރު ތަކުރުފާނު ނާއިބު ތުއްތުވެސް އިންނެވިއެވެ. ބޮޑުވަޒީރު ކަކާގޭ މުހައްމަދު ރަންނަބަނޑޭރިކިލެގެފާނަކީ އަތިރީގޭ އަހުމަދު ދޮށިމޭނާކިލެގެފާނުގެ މަންމާގެ ފަރާތު ބޮޑުބޭބެއެވެ. އެކަމަކު މިދަރުބާރުގައި އަހުމަދު ދޮށިމޭނާކިލެގެފާނު ބޮޑުވަޒީރާއި މުޚާތަބު ކުރެއްވީ ވަރަށް ހުތުރުކޮށެވެ.

ދިވެހިދައުލަތް އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް ބުނެ އަދި ރަދުންނަށް ދިވެހިރާއްޖޭގެ ސުލްހަ މަސަލަސްކަން ނުބެލެހެއްޓެވޭކަމަށް ބުނެ އެއްވެސް ޝަރުތަކާނުލައި އިނގިރޭސިންގެ އިސްތިއުމާރު ގަބޫލުކޮށް އިނގިރޭސި ވެރިކަމުގެ ދަށަށް ދާން އެއްބަސްވެ އެކަމުގެ ލިޔުމެއްގައި ސޮއިކުރުމަށް އަހުމަދު ދޮށިމޭނާކިލެގެފާނު އެދިވަޑައިގަތެވެ. ފަނޑިޔާރު ނާއިބު ތުއްތުގެ ރައުޔަކީ އެއްކައުވަންތަ އިލާހު ފިޔަވައި އެހެން ފަރާތެއްގެ ހިމާޔަތާއި ރައްކާތެރިކަމަށް އެދުމަކީ މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އަމްދުން އިސްލާމީ ދައުލަތަކުން އިގުރާރުވެގެންވާނެ ކަމެއްވެސް ނޫންކަމަށެވެ. ރަދުންވެސް މިރައުޔު ގަބޫލު ކުރައްވައި އަހުމަދު ދޮށިމޭނާކިލެގެފާނަށް ނޫނެކޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ބަސް އިއްވުމުން ލަސްނުވެ މަނަވަރު ފުރައިގެން ކޮޅުނބަށް ހިގައްޖެއެވެ. އެފަހަރުގޮސް ކޮޅުނބުގައި ހުންނަވާ އިނގިރޭސި ގަވަރުނަރާއި އަހުމަދު ދޮށިމޭނާކިލެގެފާނު މަޝްވަރާ ކުރައްވައިގެން ނިންމެވީ ކުރިއަށްވުރެ ވަރުގަދަ ބާރާއެކު އެގްރީމަންޓެއްވެސް ލިޔެގެން މާލެ ގޮސް މަޖުބޫރުން ސޮއިކުރުވުމަށެވެ. މިގޮތަށް ނިންމުމަށްފަހު ވޯރާއިންގެ ތެރެއިން އަރަބި ދަންނަ އަބްދުއްރަހުމާން އާލިމް ސާހިބު ކިޔުނު މީހަކު ލައްވައި އަރަބި ބަހުން އެގްރިމަންޓެއް ލިޔުއްވައިފިއެވެ. މިއެގްރިމަންޓުގައި ލިޔެފައި އޮތީ ރަސްގެފާނު އަމިއްލަފުޅަށް އެދިގެން އަދި ދިވެހިރައްޔިތުންވެސް އެދިގެން އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދާން އެއްބަސްވާ ވާހަކައެވެ.

އެގްރިމަންޓު ލިޔެގެން އަހުމަދު ދޮށިމޭނާ އާއި އިނގިރޭސިން އަދި ވޯރާއިންގެ ޓީމު މާލެ އައީ ކުރިއާ ޚިލާފަށް އެންމެ ބޮޑެތި މަނަވަރުގެ ތެރޭން ދެ މަނަވަރެއްގައެވެ. އެގްރިމަންޓަށް އުނިއިތުރު ގެންނަން ޖެހިދާނެކަމަށް ބަލައިގެން އެގްރިމަންޓު ލިޔުނު އަބްދުއްރަހުމާނު އާލިމް ސާހިބުވެސް ގެނައެވެ. މިޓީމު މާލެ ފައިބައި މަތިގެއަށް ގޮސް މުއީނުއްދީނު ރަދުންނާއި ވަޒީރުންނަށް އެގްރީމަންޓު ދައްކައި ސޮއިކުރާށޭ ބުނީމާ އަނެއްކާވެސް އެކަމަށް ރަދުން އިންކާރު ކުރައްވައިފިއެވެ. މިފަހަރު ރަދުންނާއި ބޮޑުވަޒީރު މިކަމުން ރެކިވަޑައިގަތީމާ އަހުމަދު ދޮށިމޭނާކިލެގެފާނު ވަރަށް ކޯފާ އިސްކުރައްވައި މަނަވަރަށް ވަޑައިގެންފިއެވެ. ޖެހިގެން އައިދުވަހު މާލޭގެ ރައްޔިތުންނަށް ފެނުނީ ދެ ދިމާލަކުން މި ދެމަނަވަރުގެ ބަޑިތައް މާލެއަށް އަމާޒުކޮށް ބަޑިޖަހަން ތައްޔާރުކޮށްފައިވާ މަންޒަރެވެ.

ރައްޔިތުން ބިރުން ތިއްބައި އަހުމަދު ދޮށިމޭނާކިލެގެފާނު މާލެއަށް ފައިބައިވަޑައިގެން ގަނޑުވަރަށް ވަޑައިގެންފައި ރަދުންނަށް އެންގެވީ އެގްރިމަންޓުގައި ސޮއިނުކޮށް ދެން އެންމެ ދުވަހެއް ލަސްކުރިޔަސް މާލެ ފުނޑުފުނޑުކޮށްލާނެ ކަމަށެވެ. މިކަމާއިމެދު ރަދުން މާލޭގެ ބޮޑުންނާ މަޝްވަރާ ކުރެއްވީމާ އެންމެނަށް ވެސް ފެނުނީ މަރުން ސަލާމަތްވުމަށްޓަކައި އެގްރިމެންޓުގައި ސޮއިކުރުމަށެވެ. އެކަމަކު އެކެއްގެ ޚިޔާލުތަފާތު ވެއްޖެއެވެ. ފަނޑިޔާރު ތަކުރުފާނު ނާއިބު ތުއްތު ވިދާޅުވީ ކާފަރުންގެ އަތުން ޝަހީދުވުންވެސް ތިޔަކަހަލަ އަޅުވެތިކަމަކަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމަށެވެ.

ކުރީ ބާބެއްގައި ބަޔާން ކުރެވުނު ފަދައިން މި ނާއިބު ތުއްތުއަކީ މުހައްމަދު ޖަމާލުއްދީނެވެ. ފުވައްމުލަކު އީސާ ނާއިބުގެ ދަރިކަލުންނެވެ. ކިޔަވައި ވިދާޅުވީ އައްޑޫ މަޖްދުއްދީނު ފަނޑިޔާރު ތަކުރުފާނުގެ އަރިއަހުންނެވެ. ނާއިބު ތުއްތު މިހެން ވިދާޅުވިއަސް ގިނަ މީހުންނަށް ފެނުނީ އެގްރިމަންޓުގައި ސޮއިކުރަން ކަމުގައިވާތީ އެންމެފަހުން ސުލްތާނު މުހައްމަދު މުއީނުއްދީން ދެވަނަ އިނގިރޭސިންގެ ހިމާޔަތުގެ އެގްރިމަންޓުގައި ސޮއިކުރައްވައިފިއެވެ. މިކަމެއް ހިގީ 1887 ގައެވެ. ދިވެހިންގެ ސިޔާދަތާއި ފުރިހަމަ މިނިވަންކަން ގެއްލި އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދާން ޖެހުނު އެގްރިމެންޓަކީ އެއީއެވެ.

އެގްރިމަންޓަށް ފަހު އަހުމަދު ދޮށިމޭނާކިލެގެފާނު ދެން އެދިވަޑައިގަތީ ބައްޕާފުޅު އިބްރާހިމް ދޮށިމޭނާކިލެގެފާނު މިނިވަންކޮށް ހުޅުދޫން ގެނެސް ބޮޑުވަޒީރުކަން އަލުން ދިނުމަށާއި މުއީނުއްދީނު ދެވަނަ ރަސްކަމުން ފައިބައިވަޑައިގެން ކުރިން ހުންނެވި ރަދުން އިބްރާހިމް ނޫރައްދީނަށް އަލުން ރަސްކަން ދިނުމަށެވެ. އަހުމަދު ދޮށިމޭނާކިލެގެފާނު ހުންނެވީ އިނގިރޭސި މަނަވަރެއްގައެވެ. އަރިހުގައި ތިބެނީ އިނގިރޭސިންނެވެ. އެހެންކަމުން މިކަންވެސް މަޖުބޫރުވެގެން މުއީނުއްދީނު ތަޚުތު ދޫކޮށްލައްވައި އިބްރާހިމް ނޫރައްދީނު އަލުން ރަސްކަމަށް ގެންނަވައިފިއެވެ. އިބްރާހިމް ދޮށިމޭނާކިލެގެފާނު މާލެ ގެންނަވައި ބޮޑުވަޒީރުކަންވެސް ދެއްވައިފިއެވެ. މިހުރިހާކަމެއް ނިމެންދެން އިނގިރޭސި މަނަވަރު މާލޭ ބަނދަރުގައި އޮތެވެ.

ބޮޑު ހުޅުގެ މަގްސަދު ކާމިޔާބުވީއެވެ. އިނގިރޭސިން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނީއެވެ. ދޮން އަހުމަދު ދީދީ އިނގިރޭސިންނާއެކު ގާއިމު ކުރެއްވި ގުޅުން އޭނާގެ ކާފަ ދަރިކަލުން އާ އުސްމިނަކަށް ގެންދެވީއެވެ. އިނގިރޭސިންގެ ރުހުން ނެތި އެއްވެސް ކަމެއް ކުރުމުގެ މިނިވަންކަން ރާއްޖެއަށް ގެއްލުނީއެވެ. ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރަށް ޖަވާބުދާރީވާ ގޮތަށް ރާއްޖޭގައި ހުރިހާކަމެއް ކުރެއްވުމުގެ ފުރިހަމަ އާރާއި ބާރު އަތިރީގޭ ބޭފުޅުންނަށް ލިބިވަޑައިގަތީ އެވެ. އަބަދަށްޓަކައި ކަކާގޭ އާއިލާގެ ބާރު ލުހިގެން ދިޔައީއެވެ. އަތިރީގޭ ބޭފުޅުންގެ ވާރުތަ މުދާގަޑަކަށް ދިވެހިރާއްޖެ އާއި ދިވެހި ރައްޔިތުން ވެގެން ދިޔައީއެވެ. ހިލާލީ ދަރިކޮޅުގެ ނުވަވަނަ ހަސަން ރަސްގެފާނަށް ފަހު ދިވެހިރާއްޖެއާއި ދިވެހިންނަށް އެންމެ ބޮޑަށް ޚިޔާނާތްތެރިވުމުގެ ލަގަބު ވެސް އަތިރީގޭ ބޭފުޅުން ހޯއްދެވީއެވެ. އެކަމަކު އާޒީންގެ ފޭރާމުގައި ތިއްބަވައިގެންނެވެ.

ފަނޑިޔާރު ނާކޮޅު ފޭރިގަތުން

އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނު މާލޭގައި ބޮޑުހުޅު ޖެއްސެވިއިރުވެސް އަދި އެއާވިއްދައިގެން އިބްރާހިމް ދޮށިމޭނާކިލެގެފާނު އައްޑޫއަށް އަރުވައިލިއިރާއި އޭގެފަހުން އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ދޮށީ ދަރިކަލުން އަތިރީގޭ އަހުމަދު ދޮށިމޭނާކިލެގެފާނު އިނގިރޭސިން ގޮވައިގެން ވަޑައިގެން ދިވެހިރާއްޖޭގެ މިނިވަންކަން ނަގައިލެއްވިއިރު މުއީނުއްދީނު ރަދުންގެ ވަށައިގެން ލަފާއަރުވައި ވެރިކަން ހިންގަވާން ތިއްބެވީ ކަކާގޭ ބޭފުޅުންނެވެ. ބޮޑުވަޒީރަކީ ކަކާގޭ މުހައްމަދު ރަންނަބަނޑޭރިކިލެގެފާނެވެ. އޭނާގެ ކަނާތަކީ ހެންވޭރުގަނޑުވަރު ހަސަން ހަކުރާމަނިކުފާނެވެ. މި ހަކުރާމަނިކުފާނާއި ކަކާގޭ ބޭފުޅުންނަކީ ވެސް އަނިޔާވެރިކަމުގައި ވަކިން ސަހަލު ބައެއް ނޫނެވެ. ކަކާގޭ ބޭފުޅުންގެ ފަރާތުން ބާރުލިބިވަޑައިގެން ހުންނަވައި ހަސަން ހަކުރާމަނިކުފާނު ރައްޔިތުންނާ ދެކޮޅަށް ވަރަށް ގިނަ ޖަރީމާތައް ހިންގެވިއެވެ. އޭގެ ތެރެއިން އެއްޖަރީމާއަކީ އައްޑޫ މީދޫ ދެށިނާގެ އާއިލާގެ މިލްކެއް ކަމުގައިވާ ފަނޑިޔާރު ނާކޮޅު ފޭރިގަތުމެވެ.

މިނާކޮޅަކީ މީދޫ އިބްރާހިމް މަޖުދުއްދީނާއި އޭނާގެ ދަރިކަލުން އިސްމާއީލް ބަހާއުއްދީނުގެ ނަވެކެވެ. މިއީ ރާއްޖެއާއި ބަންގާޅާއި ދެމެދު އެދުވަސްވަރު ދަތުރުކުރާ ނާފަހަރުގެ ތެރެއިން އެންމެ ދުވެލިބާރު އެންމެ ބޮޑު އަދި އެންމެ ރީތި އެއްނަވެވެ. މިނަވުގެ ކަންތަކާ ހަވާލުވެވަޑައިގެން ތިއްބެވީ މަޖުދުއްދީނުގެ ބޭފުޅުންގެ ތެރެއިން ދެށިނާގެ އަހުމަދު މަނިކާއި އެގޭ ތުއްތު މަނިކާއި އިސްމާއިލް ބަހާއުއްދީނުގެ ދަރިކަލުން ދޮންމަނިކެވެ. މި ދޮންމަނިކު ފަހުން މަޝްހޫރުވެފައިވަނީ ހުޅުދޫ އެޅަހިށިގޭ ދޮންމަނިކުގެ ނަމުންނެވެ. ނަވުން ގެންނަ މުދަލުން ވިޔަފާރި ކުރައްވައި ފަޅުވެރީންނަށް މުސާރަ ދެއްވައި ހައްދަވަނީ ދެށިނާގެ ހުރިހާ ކުދިންގެ ފަރާތުން އަހުމަދު މަނިކެވެ. އޭނާ މާލެވަޑައިގަންނަވަނީ ކޮންމެފަހަރަކުވެސް ނާކޮޅު ބަންގާޅުން މާލެއަށް އައުމުންނެވެ. އެހެންނޫނިއްޔާ އެމަނިކު ހުންނަވަނީ އައްޑޫގައެވެ. ބައެއްފަހަރު މިނާކޮޅު އައްޑޫއަށްވެސް ދަތުރުކުރެއެވެ.

މުއީނުއްދީން ދެވަނަ ނުވަތަ ކުޑަބަންޑާރައިންގެ ރަސްކަމުގެ ފުރަތަމަ އަހަރު އިސްމާއިލް ބަހާއްދީން ފަނޑިޔާރު ތަކުރުފާނު އަވަހާރަވީއިރު ފަނޑިޔާރު ނާކޮޅު އޮތީ ބަންގާޅުގައެވެ. އަވަހާރަވީ ޚަބަރު އައްޑޫއަށް ހަމަލިބުމާއެކު ފަނޑިޔާރު ތަކުރުފާނުގެ ކޮއްކޯފުޅު ދެށިނާގެ އަހުމަދު މަނިކު މާލެއަށް ވަޑައިގެންފިއެވެ. އޭރު އަދި ނާކޮޅު މާލެއަކަށް ނާދެއެވެ. ނާކޮޅު އައީ އަހުމަދު މަނިކު މާލޭގައި ހުންނަވަނިކޮށެވެ.

ނާކޮޅު އައުމާއެކު އަހުމަދު މަނިކު ގަސްތުކުރެއްވީ ނާކޮޅުގައި ހުރި މީސްމީހުންގެ މުދައު އޭގެ ވެރީންނަށް އަދާކުރައްވައި މާލޭގައި ހުރި ފަނޑިޔާރު ތަކުރުފާނުގެ މުދައު ނަންގަވައިގެން ނަވާއެކު އައްޑޫއަށް ވަޑައިގަތުމަށެވެ. މިވާހަކަ ހަސަން ހަކުރާމަނިކުފާނަށް ހަމަލިބިވަޑައިގަތުމާއެކު އަހުމަދު މަނިކަށް އެންގެވީ ނާކޮޅަކީ އަދަށްފަހު ސަރުކާރުގެ އުޅަނދެއް ކަމަށާއި ނާކޮޅުގައި ހުރި އެންމެހައި މުދާ ހުސްކުރުުމަށްފަހު ލަސްނުކޮށް ސަރުކާރާއި ހަވާލުކޮށްފައި ފެއްސިގަތުމަށެވެ. ކޮންމެއަކަސް ކަކާގޭ ބޭފުޅުންނާއި ހަސަން ހަކުރާމަނިކުފާނާއި ކުރިމަތިލުމަކަށް ގޮސްފައި ނޫނީ ދޫނުކުރާން އަހުމަދު މަނިކު ގަސްތުކުރައްވައި އެންމެފަހުން ފަނޑިޔާރުގެއަށް ވަޑައިގެންފިއެވެ. މިކަމުގައި އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ފަރާތުން އަހުމަދު މަނިކަށް ހިތްވަރުވެސް ލިބިވަޑައިގަތެވެ.

ޝަރީއަތުން މައްސަލަ ވަކިގޮތަކަށް ނުނިމި ވަރަށް ދިގުލައިގެން ދިޔައެވެ. އެންމެފަހުން ބޮޑުވަޒީރު ކަކާގޭ މުހައްމަދު ރަންނަބަނޑޭރިކިލެގެފާނު ސަރިޔަތަށްވެސް އުނދުޅި ބާނުއްވައިގެން ފަނޑިޔާރު ތަކުރުފާނު ނާއިބު ތުއްތުއަށް މަޖުބޫރު ކުރުވައިގެން އަހުމަދު މަނިކާއި ދެކޮޅަށް މައްސަލަ ނިންމުވައިފިއެވެ. މިކަން މިމަގުން ހިނގުމުގެ އެއްސަބަބަކީ ނާއިބު ތުއްތުއަކީ ކަކާގޭ ބޭފުޅުންގެ ފަރާތަށް ހުންނަވާ ބޭކަލަކަށްވެސް ވުމުންނެވެ.

ފަނޑިޔާރުގެއިން ހުކުމްކުރީ ނާކޮޅަކީ ސަރުކާރުގެ މުދަލެއް ކަމަށާއި ނާކޮޅުގައި ހުރި ހިފާގެންގުޅޭ ތަކެއްޗަކީ ފަނޑިޔާރު ތައްކާނުގެ މުދައު ކަމުގައެވެ. އެހެންކަމުން ނާކޮޅުގައި ހުރި މުދަލާއި ހިފާގެންގުޅޭ ތަކެއްޗާއި ނިޔަމިކަމުގެ ސާމާނުވެސް ބާލައި ނާކޮޅު ހުސްކުރުމަށް ހުކުމްކުރިއެވެ. މިކަމާ އަހުމަދުމަނިކު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައި ނުގެން ފަނޑިޔާރުގެއިން ނުކުމެވަޑައިގެންފައި ބަދު ދުއާއެއް ކުރެއްވިއެވެ.

އަހުމަދު މަނިކު ދުއާކުރެއްވިއެވެ. ހައްދަވައި ބޮޑުކުރެއްވި ކަލާނކޯއެވެ. އިބަސުވާމީންގެ ދެނެވޮޑިގަތުން މާބޮޑެވެ. މިއަޅާގެ ބޭބެ ފަނޑިޔާރު ތައްކާނު ގެންދެވިފަދައިން ފަނޑިޔާރު ނާކޮޅުވެސް ގެންދަވައިފާދޭވެ. އަހުމަދު މަނިކުގެ ދުއާ އިޖާބަކުރެއްވިކަމުގައިވިއެވެ. މިދުއާއަށް ފަހުގައި ނާކޮޅުގައި އިހަށް ތިބި ފަޅުވެރިންގެ ތެރެއިން އެކަކަށްވެސް ނާކޮޅުގައި ދެމިހުންނާކަށް ނުކެރުނެވެ. އެހެންކަމުން ހަސަން ހަކުރާމަނިކުފާނަށް ޖެހިވަޑައިގަތީ އަލުން ބަލުން ފަޅުވެރިން ހޯއްދަވައިގެން ނާކޮޅަށް ލެއްވުމަށެވެ. މިފަދައިން ކަންކުރެއްވުމަށްފަހު ނާކޮޅު ބަންގާޅަށް ފޮނުއްވައިފިއެވެ. ބަންގާޅުން ވިޔަފާރިކޮށްގެން ނާކޮޅު ބަރުކޮށްގެން މާލެ ދާން ފުރިފަހުން ނާކޮޅަށް ވީގޮތެއްވެސް އޭގައި ތިބި ފަޅުވެރިންނާއި މުދަލަށްވީގޮތެއްވެސް ދެނެތިބި ބަޔަކު ނެތެވެ. ނާކޮޅު ވަނީ ގެއްލިފައެވެ. އޭގައި ގިނައިން ހުރީ ކަކާގޭ ބޭފުޅުންގެ މުދަލެވެ.

ފަނޑިޔާރު ތައްކާނުގެ ދަރިކަލުން ދޮންމަނިކުވެސް ދުއާއެއް ކުރެއްވިއެވެ. އެދުއާގައި އެދިވަޑައިގެންނެވީ ހަސަން ހަކުރާ މަނިކުފާނުގެ ބާރާއި އާރު ނެތިކުރެއްވުމަށެވެ. މިދުއާއެއް ކުރައްވާފައި ދޮންމަނިކު ސިލޯނަށް ފުރާވަޑައިގެންނެވީ ހަސަން ހަކުރާމަނިކުފާނުގެ ގޭގައި ހުރި ހަކުރުގެ ތާޒާކަމާއި ފޮނިކަން ކެނޑި އޭނާގެ އާރާއިބާރު ލުހިގެން ނުދަނީސް ރާއްޖެއަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ފަނޑިޔާރު ނާކޮޅު ފޭރިގަތުމަށް ހަސަން ހަކުރާމަނިކުފާނު ނިންމެވިއިރު ބޮޑުހުޅެއް އަދި ނާދެއެވެ. އެހެންކަމުން އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނު އައްޑޫ ހުޅުދޫއަކަށް އޭރު އަދިއަރުވައެއް ނުލައެވެ. ބޮޑުހުޅަށްފަހު ސަރުކާރުން އިބްރާހިމް ދޮށިމޭނާ ހުޅުދޫއަށް އަރުވައިލުމުން ފަނޑިޔާރު ތައްކާނުގެ އާއިލާގެ ބޭފުޅުންގެ ކެރިފޯރުންތެރިކަމާއި މުއްސަނދިކަން އިބްރާހިމް ދޮށިމޭނާއަށް ރަނގަޅަށް ފެނިވަޑައިގެންނެވިއެވެ. މި އަރުވައިލެއްވުމާއި ގުޅިގެން ފަނޑިޔާރު ތައްކާނުގެ އައުލާދާއި ގުޅުން ގާއިމުވުމުގެ އިތުރަށް އަހުމަދު މަނިކާއި ދޮންމަނިކު ކުރެއްވި ދުއާ އިޖާބަވެ ހަސަން ހަކުރާމަނިކުފާނާއި ކަކާގޭ ބޭފުޅުންގެ ބާރު ނެތިގޮސް އަތިރީގޭ ބޭފުޅުންގެ ބާރު އަލުން ގާއިމުވީމާ ފަނޑިޔާރު ތައްކާނުގެ އައުލާދަށް ކަމޭހިއްތެވީ ވަކިވަރަކަށް ނޫނެވެ.

އަތިރީގެ އާއި އައްޑޫގެ ގުޅުން

މި ހާދިސާ ހިނގިފަހުން ދެށިނާގެ ބޭފުޅުންނަށް ސަރުކާރުން ވަރަށް ބޮޑަށް ކަމޭހިތައި ދަރަޖަ މަތިވެރިކުރިއެވެ. އިސްމާއިލް ބަހާއުއްދީން ފަނޑިޔާރު ތައްކާނާއި އެތައްކާނުގެ ދަރިކަލުން ދޮންމަނިކާއި އެތައްކާނުގެ އެއްބަނޑަށް ތިބި އެންމެހައި ބޭފުޅުންނަކީވެސް ވަލީވެރިންކަމުގައި ދެކެންފަށައިފިއެވެ. އަތިރީގޭ އާއިލާގެ ނަސީބުގެ ތަރި އަނެއްކާވެސް މެދުއުޑުގައި ޖެހުނީ ކަކާގޭ އާއިލާއަށް މިބޭފުޅުން ކުރެއްވި ބަދު ދުއާގެ ސަބަބުންކަމަށް ވެސް ހިއްތަވައިފިއެވެ.

އެހެންކަމުން އިބްރާހިމް ދޮށިމޭނާކިލެގެފާނު ދެން ބެއްލެވީ އިތުރު ބަދު ދުއާއެއް ނުކުރައްވައި އެބޭފުޅުން ރުހިވަޑައިގެން ތިއްބަވާނެ ގޮތެއް ތަނަވަސްކޮށް ދެއްވުމަށެވެ. މިގޮތުން ދޮންމަނިކަށް ވަރަށް ކުޑަކުޑަ ވަރުވާއަކަށް ހުޅުދޫ ހެރަތެރެއާއި ހިތަދޫ ނިމުނުކޮޅުން މާމެންދޫން ފެށިގެން މަރަދޫއާ ހަމައަށް ހުރި އެންމެހައި ފަޅުރަށްރަށާއި ހިންނަތައް ސަރުކާރުން ދީފިއެވެ. އަދި ހުވަދުއަތޮޅުން ކިތަންމެ ކިތަންމެ ފަޅުރަށެއް ވެސް ދީފިއެވެ. އަހުމަދު މަނިކަށް މީދޫގެ ހިންނަތައެް ދީފިއެވެ. ތުއްތު މަނިކަށް ތިލަދުންމަތީ ހަތިފުށީގެ ވެރިކަމާއި އެއަތޮޅު މަތީރަށްފުޅު ކިޔުނު ރަށް ވެސް ދީފިއެވެ.

ލިބުނު މިފުރުސަތުގައި ދޮންމަނިކު މުއްސަދިވެވަޑައިގެން ވަރަށް އަވަހަށް ކުރިއަރާވަޑައިގެންފިއެވެ. ބޭރަށް ދަތުރުކުރާ ތިން ހަތަރު އޮޑި ބެންނެވިއެވެ. އެތަކެއް މަސްދޯނި ބެންނެވިއެވެ. ބޭރުމީހުންނަށް ޖަވާހިރު ވިއްކެވުމުގެ ކުޅަދާނަ ޖައުހަރީއަކަށް ވެވަޑައިގަތެވެ. އުޅުއްވުން ހުރީ އިންޑިޔާގެ ހައިދަރުއާބާދުގެ ނަވާބެއް ފަދައިންނެވެ.

ދެށިނާގެ ތުއްތު މަނިކު ފަހުން ކައިވެނި ކުރައްވައިގެން ހުންނެވީ ތިލަދުންމަތީ ހަތިފުށީ ބޭކަނބަލަކާއެވެ. ހަތިފުށީގެ ވެރިކަން ދެއްވައި ކައިރީގައި އޮންނަ މަތީރަށްފުޅު ތުއްތު މަނިކަށް ދިނުމުގެ އިތުރަށް ތުއްތު މަނިކުގެ ހަތިފުށީ ބަނޑުގެ ދޮށީ ދަރިކަލުން ދޮންމަނިކަށް މުޅި ތިލަދުންމަތީގެ ނާއިބުކަން ދިނުމާއި އުތުރުގެ މުހިންމު ފަޅުރަށްތަކެއް ދިނުމުގެ ފަހަތުގައި އޮތީވެސް ދެށިނާގެ އައުލާދަށް އަތިރީގޭ ބޭފުޅުން ވެވަޑައިގެންނެވި އިއުތިރާފު ކަމަށް ނިންމިދާނެއެވެ.

އިބްރާހިމް ދޮށިމޭނާކިލެގެފާނު ހުޅުދޫއަށް އަރުވާލެވިފައި ހުންނެވީ އެޅެގެދަރު ކިޔާގެއެއްގައެވެ. އެގޭ ފާތިމާ މަނިކެ އަކީ ގިޔާސުއްދީނު ރަދުންގެ ކިލެގެފާނަށް މުނިކާފަ ވިދާޅުވާ މީދޫ އެޅެގޭ އިބްރާހިމް ދީދީގެ އަނބިކަމަނާއެވެ. މިދެކަނބަލުންގެ ދަރިކަލުން ކަޅު އަބްދުﷲ ދީދީއަށް ފަހުން މީދޫގެ ނާއިބުކަން ލިބުމުގައިވެސް އިބްރާހިމް ދޮށިމޭނާގެ ދައުރެއް އޮތެވެ. އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދައުރުގައި ކަޅު އަބްދުﷲ ދީދީއަކީ އެކިލެގެފާނާއި ވެސް ގުޅުން ވަރަށްބޮޑު ބޭފުޅެކެވެ. ދެށިނާގެ އަހުމަދު މަނިކު ކައިވެނި ބައްލަވައިގެން ހުންނެވީ ކަޅު އަބްދުﷲ ދީދީގެ އެއްބަނޑު އެއްބަފާ ދައްތަ އައިމިނަތު ދީދީއާއެވެ.

އަހުމަދު މަނިކުގެ ބޭފުޅުންގެ ތެރެއިން ފެންނާމަނިކުފާނަށް މީދޫ ވެރިކަން މިލްކުކޮށްދިނީވެސް މި ގުޅުމުގެ ތެރެއިން ކަމަށް ބެލިދާނެއެވެ. އަދި ދެށިނާގެ އިބްރާހިމް ދީދީ އާއި އަބްދުﷲ ނާފިޒަށް މަގާމުތައް ދިނީވެސް މި ގުޅުމުގެ ތެރެއިންކަމަށް ބެލިދާނެއެވެ. އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ކާފަ ދަރިކަލުން މުހައްމަދު އަމީނުގެ ވެރިކަމުގެ ދުވަސްވަރު ރާއްޖޭގެ އެކިއަތޮޅުތަކުން ހަތް މީހަކު މާލެ ގެންގޮސް ކަންގަތިކޮލި ލީއިރު އެންމެންނަށް ކަލޭގެފާނު ކިޔައިފައި ފެންނާމަނިކުފާނަށް އެކަނި މަނިކުފާނު ކިޔައި ދަރަޖަ މަތިކޮށްދިނީވެސް މި ގުޅުމުގެ ތެރެއިންކަމަށް ބުނެވިދާނެއެވެ.

ފަހުން މުހައްމަދު އަމީނު ވިދާޅުވީ ފެންނާމަނިކުފާނަކީ ދެށިނާގެ މުހައްމަދު ދީދީ ކަމަށްވެފައި އެއީ ދިޔަމިގިލީ ޚާންދާނުގެ ރަސްމަތިފުށުގެ ބޭފުޅެއްވީމާ މަނިކުފާނު ކީކަމުގައެވެ. އެކަމަކު ހުވަދުއަތޮޅު އަތޮޅުވެރިކަމުގައި ހުންނެވި އައްޑޫ ހުޅުދޫ މާލިމީގޭ މޫސާ މަނިކުފާނަށް މޫސާ ހިރިހަމައިދިކަލޭގެފާނޭ ކީއިރު އެ މޫސާ މަނިކުފާނަކީ އިސްދޫ ރަސްކަމުގެ ޚާންދާނާއި ގުޅިފައިވާ ބޭފުޅެކެވެ. އެކަން މުހައްމަދު އަމީނަށް ވެސް އެނގިވަޑައިގަންނަވައެވެ. އެކަމަކު އޭނާއަކަށް މަނިކުފާނެކޭ ނުކިޔައެވެ.

ބަނޑޭރި ހަސަން މަނިކުފާނުގެ ވާހަކަ

ހުރަވީ ޚާންދާނުގެ ރަސްކަމުގައި ދިޔަމިގިލީ ޚާންދާނުގެ ބޭފުޅުންނަށް ކޮންމެވެސް މިންވަރެއްގެ ގަދަރެއް އޮތެވެ. އެކަން އިސްވެ ދިޔަ ބާބުތަކުގައި ބަޔާން ކުރެވިފައިވާނެއެވެ. އިސްދޫ ޚާންދާނުގެ ބޭފުޅުންނަށް އެގަދަރެއް ދެނެގަތުމެއް ނެތެވެ. އެކަމަކު ދޮންބަންޑާރައިންގެ ކާފަދަރިކަލުން މުއީނުއްދީނު އެއްވަނައިގެ ރަސްކަމުގެ ތެރޭގައި ގަނޑުވަރުގެ ބަނޑޭރިކަން ދެއްވައިގެން އިސްދޫ ޚާންދާނުގެ ބޭފުޅަކު ގެންގުޅުއްވިއެވެ. އެއީ މަޝްހޫރު ބަނޑޭރި ހަސަން މަނިކުފާނެވެ. އޭނާއަކީ އައްޑޫ ހިތަދޫ ބޭފުޅެކެވެ. އެއީ އިސްދޫ ޚާންދާނުގެ ދިހަ ވަނަ ހަސަން ރަސްގެފާނުގެ ދަރިކަލުން އަލިމަނިކުފާނުގެ ހަސަން މަނިކުފާނެވެ. އެހެންކަމުން އެއީ ރަސްކަލެއްގެ ކާފަދަރިކަލެކެވެ. ބަނޑޭރި ހަސަން މަނިކުފާނުގެ މަންމައަކީ މީދޫ މުހައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ގާޒީ ހުސައިން ގުތުބުއްދީނުގެ އަލްވަޒީރުލް ކަބީރު މުހައްމަދު ބޮޑުފުތް ތަކުރުފާނުގެ ހައްވާބީފާނުގެ ފާތުމާފާނެވެ.

މުއީނުއްދީނު އެއްވަނައިގެ ރަސްކަމުގައި އެތެރެކޮއިލުގެ މަތިގެ ހެއްދެވިއިރު މަތިގޭގެ ބަނޑޭރި ކަމުގައި ހުންނެވީ ބަނޑޭރި ހަސަން މަނިކުފާނެވެ. މަތިގެ ބިނާ ކުރެވުނީ މީލާދީން 1832 ވަނަ އަހަރުއެވެ. ބަނޑޭރި ހަސަން މަނިކުފާނު މަޝްހޫރުވެ ވަޑައިގަތީ އޭނާ ހެއްދެވި ދިވެހި އަރުމާދު ރައިވަރު ފޮތާއި ދިޔޯގެ ރައިވަރު ފޮތުގެ ސަބަބުންނެވެ. މި ދެފޮތްވެސް ހެއްދެވީ މުއީނުއްދީނު އެއްވަނައިގެ ރަސްކަމުގައެވެ. ދިވެހި އަރުމާދު ނުވަތަ އަރިއަތޮޅު އަރުމާދު ގައި ވަނީ 169ރައިވަރެވެ. ދިޔޯ ނުވަތަ ރީތި އަންހެނާ ރައިވަރު ފޮތުގައިވަނީ 331 ރައިވަރެވެ.

މުއީނުއްދީނު އެއްވަނަ އަރިއަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ބަނޑޭރި ހަސަން މަނިކުފާނު ބައިވެރި ކުރެއްވިއެވެ. އެދަތުރުފުޅުން މާލެވަޑައިގަތްތާ ތިންވަނައަށް ވީ ދުވަހު ރަދުންގެ އަރިއަހަށް ހަސަން މަނިކުފާނު ހުށަހެޅުއްވި ރައިވަރު ފޮތަކީ އަރުމާދު ފޮތެކެވެ. އެފޮތުގައި ސިފަކުރައްވާފައިވަނީ ދަތުރުފުޅެވެ. ދަތުރުފުޅުގައި ކަން ހިނގި ގޮތެވެ. މިފޮތްދެކެ ވަޑައިގެންފައި ރަދުން ވިދާޅުވިއެވެ. ކަމެއްވާ ވާއިރު އެކަމެއް ދެކޭން ހުރި ކުޅަދާނަ ޅެންވެރިއަކަށް އެކަމެއް ހިނގި ގޮތަށް ކިތަންމެ ރީތިކޮށް ވެސް ޅެން ހަދައި ކިޔުމަކީ އުނދަގޫ ކަމެއް ނޫނެވެ. ހަސަން މަނިކުފާނު ދެންނެވިއެވެ. ނުހިނގާ ކަމެއް ހިތް މައްޗަށް ގެނެސްގެން ޚިޔާލުން އެކަމެއް ނެރެގަތުން މާ ފަސޭހަވާނެއެވެ. ރަދުން ވިދާޅުވިއެވެ. ހަސަން ބޭބެއަށް މިރައިވަރު ފޮތް ހެދުނު ކަމުގައި ވަނީ ދޮޅު މަހެއްހައި ދުވަހުގެ ތެރޭގައެވެ. ތިޔަހެން ވިއްޔާ ނުވާ ކަމެއްގެ ވާހަކަ މި ހައި ރިވެތިކޮށް ތިންމަސް ދުވަހުގެ ތެރޭގައި ހަދައިގެން ގެނެސްދީ ބަލާށެވެ.

ދެން ހަސަން މަނިކުފާނު ފަނަރަ ދުވަހުގެ ތެރޭގައި ދިޔޯގެ ރައިވަރު ފޮތް އެކަށަ އަޅުއްވައި ލިޔުއްވައިގެން ގެންދަވައި ރަދުންނަށް ހުށަހެޅުއްވިއެވެ. ދިޔޯގެ ރައިވަރުގައި ބަނޑޭރި ހަސަން މަނިކުފާނު ގެންގުޅުއްވާފައި ވަނީ ދެ ޝަޚްސިއްޔަތެކެވެ. އެކަކީ ދައިތާފުޅު ދިޔޯ އެވެ. އަނެކަކީ ކޮއްކޯފުޅު ދިޔޯއެވެ. މި ދެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ދުނިޔޭގެ ވެރިކަން ހޯއްދެވޭތޯއެވެ. އެއީ މާސީނު (ޗައިނާ) ގެ ރަނިކަމެވެ. ނުވަތަ ސިޔާމު (ތައިލޭންޑް) ގެ ރަނިކަމެވެ. ދައިތާފުޅު ދިޔޯ އިންނަވަނީ އިންޑިޔާ ގައެވެ. ކޮއްކޯފުޅު ދިޔޯ އިންނަވަނީ މޮޒަމްބީކުގައެވެ. މިފޮތް ބައްލަވައިފައި ރަދުން ވިދާޅުވިއެވެ. ޅެން ބަހާއިމެދު ބަހަކީ ހަސަންބޭބެގެ ބަހެވެ. މިހެން ވިދާޅުވެފައި ދެފޮތަށް ވަރަށް ބޮޑު އިނާމެއް ދެއްވިއެވެ.

މިވާހަކައިން އެނގެނީ އިސްދޫ ޚާންދާނުގެ ބޭފުޅަކަށްވީމާ ރަދުން ހަސަން މަނިކުފާނަށް ބޭބެ ވިދާޅުވެފައިވާ ކަމާއި ކަމޭ ހިއްތެވިކަމެވެ. އެކަމަކު މުހައްމަދު އަމީނުމެންނާ ހަމައަށް ދިޔައިރު އެ ދެނެގަތުމެއް ނެތެވެ. މޫސާ ހިރިހަމައިދިކަލޭގެފާނަށް ހިރިހަމައިދި މަނިކުފާނޭ ކިޔައިފައި ނެތުމަކީ މިކަމުގެ ހެއްކެކެވެ.

ނޫރައްދީނު ބަންޑާރައިން ދެއްވި ފަތްކޮޅާއި އެހެނިހެން ވާހަކަ

މީދޫ ދެށިނާގެ އައުލާދަށް އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނު ދެއްވި އިނާޔަތާއި ގަދަރުގައި ރަދުން ސިއްކަ ޖައްސަވައި ފަތެއް ދެއްވިއެވެ. އޭގައި އޮތީ މަޖުދުއްދީން ފަނޑިޔާރު ތަކުރުފާނާއި ހަމައިން ފެށިގެން އެއައުލާދުގެ ހަތްދަރިކޮޅު ނިމެންދެން މިރިމިރީންނަށް ސަތޭކަ ފަޅުރަށް ދެއްވައިފި ކަމަށެވެ. މިއީ އިނގިރޭސިން މަޖުބޫރުކޮށްގެން މުއީނުއްދީނު ދެވަނަ ރަސްކަމުން ބޭލުމަށްފަހު ދެން ރަސްކަމަށް ވަޑައިގެންނެވި އިބްރާހިމް ނޫރައްދީނު ދެއްވި ފަތެކެވެ. މިފަތް ލިޔެ ދެއްވީ 1888 ގައެވެ.

ފަނޑިޔާރު ތައްކާނުގެ ދޮންމަނިކު އަވަހާރަވީ 1932 ގައެވެ. އެހާތަނަށް މިފަތްކޮޅު އޮތީ އޭނާގެ އަތްޕުޅުގައެވެ. ދޮންމަނިކު އަވަހާރަވުމުން ދެން މިފަތްކޮޅު އޮތީ ދޮންމަނިކުގެ ދަރިކަލުން މުހައްމަދު ތައުފީގުގެ އަތްޕުޅުގައެވެ. މާލެއިން ކޮލި ހަސަން މަނިކާއި އެންދެރިމާގޭ އައްބާސް އިބްރާހިމް އައްޑޫއަށް ވަޑައިގެންފައި ތިޔަފަތް ނަކަލުކޮށްފައި ދޭނަމޭ ވިދާޅުވެފައި ގެންދެވިފަހުން އެފަތުގެ ޚަބަރު ދެނަހުރި މީހަކު ނެތެވެ. އެފަތުގައި ރަދުން ވިދާޅުވެފައިވާ ސަތޭކަ ފަޅުރަށް ހަމަވިކަމެއް އަދި ހަމަކުރީ ކޮންގޮތަކުން ކަމެއް ވެސް ނޭގެއެވެ.

ދެށިނާގެ އައުލާދު އޮތީ ފަހުން ވަރަށް ބޮޑަށް ގިޔާސުއްދީނު ރަދުންގެ ކިލެގެފާނުގެ ދަރިކޮޅާއި ގުޅި މަސްހުނިވެފައެވެ. ކިލެގެފާނަށް މުނިކާފަ ވިދާޅުވާ މީދޫ އެޅެގޭ އަބްދުﷲ ދީދީ ކައިވެނި ބެއްލެވީ މަޖްދުއްދީން ފަނޑިޔާރުތަކުރުފާނަށް ފުވައްމުލަކު ބަނޑަކުން ލިބިވަޑައިގެންނެވި ކަތްދާމަނިކެއާއެވެ. އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ދެވަނަ ދަރިކަލުން އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަން ފެށިގެން އައިކޮޅު މި އަބްދުލްމަޖީދު ބޭނުންފުޅުވީ ދެށިނާގެ އައުލާދާއި ކައިވެނީގެ ގޮތުން ގުޅިވަޑައިގަތުމަށެވެ. އެއީ ބަދު ދުއާއެއްގެ ފުރުސަތު ހަނިކުރެއްވުމުގެ ގޮތުންނެވެ. ސިޔާސީ އަދި އާއިލީ ހަތިޔާރަކަށް ވަރިކައިވެނި ހެދުމަކީ އަތިރީގޭ ބޭފުޅުން ވަރަށް ކުޅަދާނަ ކަމެކެވެ.

އެޅެގޭ އަބްދުﷲ ދީދީގެ ތިންވަނަ އަދި އެންމެ ހަގު ދަރިކަނބަލުން އައިމިނަތު ދީދީ އަދި ރަނގަޅަށް ބޮޑުވެސް ނުވަނީސް އެދީދީގެ ކައިވެންޏަށް އެދިވަޑައިގެން އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނު ފަތްކޮޅަކާއެކު މީހަކު އައްޑޫއަށް ފޮނުއްވިއެވެ. މިމީހަކު ގޮސް މިފަތްކޮޅު އަބްދުﷲ ދީދީއަށް އެރުވީމާ އެއަށް ބައްލަވާފައި އަބްދުﷲ ދީދީ ވިދާޅުވިކަމަށްވެއެވެ. އަހަރެން ހަމަހޭގައި ހުރެގެން ތިޔަކަމަށް އެއްބަހެއް ނުވާނަމެވެ. ގަނޑުވަރުތެރޭގެ އަނބީން އުޅޭ ހާލު އަހަރެންނަށް އެނގެއެވެ. އެހެންވީމާ އަހަރެންގެ ދަރިޔަކު އެކަހަލަ ނަރަކައަކަށް ވައްޓާލަން ބޭނުމެއް ނޫނެވެ. ކަލެއަށް މިއިވުނު ވާހަކަ ގޮސް އަބްދުލްމަޖީދަށް ދަންނަވާށެވެ.

މިމީހަކު ވަރަށް ހައިރާންވެގެން ހުރެ އެނބުރި މާލެއަށްގޮސް އިތުރު ވާހަކަތައް ހަދަހަދައިގެން އެޅެގޭ އަބްދުﷲ ދީދީ ކުށްވެރިވާނޭ މަގުން އަބްދުލްމަޖީދަށް މިވާހަކަ ދަންނަވައިފިއެވެ. މިއަޑުއައްސަވައިފައި އަބްދުލްމަޖީދު ވިދާޅުވިއެވެ. އެބޭފުޅުންގެ ގޮތް އެބޭފުޅުންނަށެވެ. ދަރިއެއްގެ ކައިވެނީގެ ކަންތަކުގައި ބަފައި މީހާގެ ބަހަކީ ފަހު ބަހެވެ. އެހެންވީމާ ތިޔަކަމުގައި ދެން ކުރެވޭނެ ކަމެއް ނެތެވެ. އަޅާނުލާށެވެ. މިހެން ވިދާޅުވެފައި އަބްދުﷲ ދީދީއާ ދޭތެރޭ ފިޔަވަޅެއްވެސް ނާޅުއްވައި ބަލި ގަބޫލު ކުރައްވައިފިއެވެ. މިކަން މިމަގުން ހިނގުމުގައިވެސް ދެށިނާގެ އައުލާދުގެ ނުރުހުމެއް އަޔަނުދޭން އަތިރީގޭ ބޭފުޅުން ގަދައެޅުއްވި މިންވަރު ހާމަވެއެވެ. އަދިވެސް މިޒާތުގެ ދެތިން ވާހަކަ އެ އައުލާދުގެ މީހުން ކިޔައިއުޅޭތީ އަޑުއަހަމެވެ. އެކަމަކު ވާހަކަ މާބޮޑަށްވެސް ދިގުވާތީ އެބައި ކުރުކޮށްލީއެވެ.

އިބްރާހިމް ދޮށިމޭނާކިލެގެފާނު އަރުވައިލުމުގެ ތެރޭން ހާދިސާއެއް

ކުރީގައިވެސް ބަޔާން ކުރެވިފައިވާ ފަދައިން ބޮޑުހުޅަށްފަހު އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނު އަރުވައިލެވުނީ އައްޑޫ ހުޅުދޫއަށެވެ. އިބްރާހިމް ދޮށިމޭނާކިލެގެފާނާއިގެން އައްޑޫއަށް ދަތުރުކުރި އޮޑި ވިއްސާރަވެގެން ހުވަދު އަތޮޅު ހަވަރުތިނަދޫ ބަނދަރުގައި ދެތިން ހަފުތާއަކަށް އޮތެވެ. މާލެއިން ކަކާގޭ ބޭފުޅުން އަންގަވާފައި އޮތީ އިބްރާހިމް ދޮށިމޭނާކިލެގެފާނާއި ދޭތެރޭ ވީހާވެސް އިހާނެތިކޮށް ހިތުމަށެވެ. އެހެންނަމަވެސް ތިނަދޫ ބަނދަރުގައި އިބްރާހިމް ދޮށިމޭނާކިލެގެފާނާއި ދޭތެރޭ ތިނަދޫގެ ވެރިކަމުގައި ހުންނެވި ހާޖީ މުހައްމަދު ކަލޭގެފާނު ކަންތައް ކުރެއްވީ ރަސްކަލަކާދޭތެރޭވެސް ކަންތައް ކުރައްވާނެ ގޮތަށެވެ. އާލާސްކަންފުޅާ އޮންނެވި އިބްރާހިމް ދޮށިމޭނާއަށް ފަރުވާ ދެއްވައި ގަދަކުރެއްވީވެސް ހާޖީ މުހައްމަދު ކަލޭގެފާނެވެ.

ހާޖީ މުހައްމަދު ކަލޭގެފާނުގެ ފަރާތްޕުޅުން އިބްރާހިމް ދޮށިމޭނާކިލެގެފާނަށް ނުހަނު މަތީ ދަރަޖައަށް އަޅައިލުމާއި އެހީތެރިކަން ލިބިވަޑައިގަތެވެ. މިކަމުގެ އަގު އިބްރާހިމް ދޮށިމޭނާކިލެގެފާނު އަވަހާރަވުމާ ހަމައަށް ވަޒަން ކުރެއްވިއެވެ. ހުވަދު އަތޮޅުގައި ހާޖީ މުހައްމަދުކަލޭގެފާނަށް ހުރިހާކަމެއް ފަހިކޮށްދެއްވައި ވެރިކަމުގައި ބެހެއްޓެވިއެވެ. އެހެންނަމަވެސް ފަހުން އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ކާފަ ދަރިކަލުން މުހައްމަދު އަމީން ކަންތައް ކުރެއްވީ ވަރަށްވެސް ވިޔާނުދާ ގޮތަކަށެވެ. އައްޑޫ ފުރަތަމަ ގަޑުބަޑުގެ ތެރޭގައި 1944 ވަނަ އަހަރު މުހައްމަދު އަމީން އައްޑޫއަށް ވަޑައިގަތީ ހުވަދޫގައި މަޑުކުރެއްވުމަށްފަހު ހާޖީ މުހައްމަދު ކަލޭގެފާނުގެ ދެ މަސްދޯންޏެއްގައެވެ. އެދަތުރާއި މެދު މުހައްމަދު އަމީން ލިޔުއްވާފައިވަނީ ދޯނީގެ ފަޅުވެރިންނެކޭ އަތޮޅުވެރިޔާއެކޭ ތަފާތެއް ނެތްކަމަށާއި އަތޮޅުވެރިޔާގެ ހައިސިއްޔަތެއް ބާރެއްވެސް ނުހިނގާކަމުގައެވެ.

މުހައްމަދު އަމީން މިހެން ލިޔުއްވިއިރު ހާޖީ މުހައްމަދު ކަލޭގެފާނަކީ އޭގެ އެތައް އަހަރެއްކުރިން އިބްރާހިމް ދޮށިމޭނާކިލެގެފާނު މަރުން ސަލާމަތް ކުރެއްވި އެހީތެރިޔާކަމާއި އަޅާލުން ދެއްވި މަދަދުގާރު ކަމާއި ތިމަން މިދަތުރުކުރަނީ ހާޖީ މުހައްމަދު ކަލޭގެފާނުގެ އަމިއްލަ ދޯންޏެއްގައި ކަމާއި އެދޯނީގެ މައްޗަށް އެކަލޭގެފާނުގެ ފުރިހަމަ ބާރު ހިނގާނެކަން ހަނދުމަފުޅެއް ނެތެވެ. އޭގެ ބަދަލުގައި ހިތްޕުޅަށް ވެރިވެފައި އޮތީ ކިބުރުވެރިކަމާއި ބޮޑާކަމާއި މީހުންނީ މީހުންކަމުގައި ނުބެއްލެވުމުގެ އޮއިވަރެކެވެ. ހަގީގަތުގައި ހުވަދޫ އަތޮޅު ފަހުން ގަޑުބަޑުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ކަންކަމުގެ ތެރޭގައި މުހައްމަދު އަމީނުގެ މިފިކުރު ހިމެނިގެންވެއެވެ. (ނުނިމޭ)
                          --------------------
ލިޔުއްވީ: ގަދަކަލޭގެފާނު