ދެކުނުގެ އަތޮޅުތަކާއި މާލެ މުޑިއެރުމުގެ ސިއްރުތައް - 1










ވާހަކައަށް ތަން ހޯދުން
މިފަހަރު ލިޔާން މިއުޅެނީ ދިގު ވާހަކައެކެވެ. ވަރަށް ދިގު ވާހަކައެކެވެ. އެހެންވީމާ ލިޔާނީ އެކި ބައިތަކަށް ބަހާލައިގެންނެވެ. ވާހަކައިގެ މައިގަޑަކީ ވެރިންނާ ދެކޮޅަށް ރައްޔިތުން ތެދުވުމާއި ވެރިކަން އިންގިލާބު ކުރުމެވެ. ވެރިންނަށް ހަރާންކޯރުވެ ބަގާވާތް ކުރުމާއި އެކަމުގެ ތާރީޚުތަކެވެ. ވެރިންގެ އަނިޔާވެރިކަމާއި ދެކޮޅަށް ހައްގު ބަސް ބުނުން ބަގާވާތަކަށް ވުމާއި އުގޫބާތަށް ހުށައެޅިގެންދާ ގޮތުގެ ވާހަކައެވެ. ޖުމްލަ ގޮތެއްގައި ވެރީންނާއި ރައްޔިތުންގެ ވާހަކައެވެ. ވާހަކަ ގެނެސްދޭނީ ތަހުލީލު ކުރުމުގެ ތިލަފަތަކުން މިނެކިރައިގެންނެވެ. ވަކިއަތަކަށް ނުޖެހި ހުރެވޭތޯ ގަދައަޅާ ހާލުގައެވެ.

އިރުއަރައި އިރުއޮއްސޭނަމަ ދުނިޔެއިން ދުވަހެއް އުމުރުން ދުވަހެއް ފާއިތުވަމުން ދާނެއެވެ. ފާއިތުވެގެންދާ ބަޔަކީ ތާރީޚެވެ. ތާރީޚު ބަލައި ހާވައިގެން މިކަހަލަ ވާހަކައެއް ލިޔުމުގެ ބޭނުމަކީ ވެރިކަމާއި ތޮޅުމާއި ހައްގުބަސް ބުނުން ފަދަ ކަންކަމަކީ ވަކިބަޔަކަށް ނުވަތަ ވަކި ސަރަހައްދަކަށް އޮތް ކަމެއް ނޫންކަމާއި އެއީ ހާލަތާއި ވަގުތުގެ ގޮތުން ހަމަ ކޮންމެ ބަޔަކުވެސް ކޮށްފައިވާ އަދި ކުރަމުންދާ ކަމެއްކަން އަންގައިދިނުމެވެ. ކަންކަމުގެ އެކޮޅުމިކޮޅު ނުބަލައި ވާހަކަ ދައްކާ މީހުންނަށް ތާރީޚުން ފިލާވަޅެއް ނުވަތަ ފިލާވަޅުތަކެއް ބުނެދިނުމެވެ.

ވެރިކަން އިންގިލާބުކުރުމާއި ވެރިންނަށް ނުކިޔަމަންތެރިވުމާއި ވެރިންގެ އަނިޔާވެރިކަމާއި ބަގާވާތް ކުރުމުގެ ދިގުވެގެންވާ ތާރީޚެއް މި ދިވެހިރާއްޖޭގައި އެބައޮތެވެ. ރަސްކަމުގައި ހުންނަވާ ބޭފުޅަކު ހާޖަތަކަށްޓަކައި ތަޚުތާ ފޭއަށް ޖެހިވަޑައިގަންނަވާއިރަށް ތަންވަޅު ބަލާން ހުރެފައި އެންމެ އަރިސް މީހުންގެ ތެރެއިން މީހަކު ތަޚުތަށް އިސްވެ ވެރިކަން ފުރޮޅައިލުމަކީ އެންމެ އިހުވެސް އެންމެ ގިނައިން ފެނިފައިވާ ކަންތަކެވެ. މީލާދީން 1388 ވަނަ އަހަރުން ފެށިގެން 1573 އާއި ހަމައަށް ހިލާލީ ދަރިކޮޅުގެ ރަސްރަސްކަލުން ވެރިކަން ކުރެއްވިއިރު އެބޭފުޅުންގެ ތެރޭގައިވެސް މިއީ އާއްމު ކަމެކެވެ. އޭގެފަހުން އިސްދޫ ދަރިކޮޅުގެ ރަސްކަމާއި ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަމާއި އަދި ހުރަވީ ދަރިކޮޅުގެ ރަސްކަމުގައިވެސް މިއީ ތަކުރާރުވަމުން އައި ކަންތަކެވެ.

އަލި ރަސްގެފާނުގެ ވެރިކަން ވައްޓާލައި މިރާއްޖެ ހިފަން ޕޯޗުގީޒުން ފޮނުވީވެސް ދިވެއްސެކެވެ. އެއީ ކުރިން ވެރިކަން ކުރެއްވި ނުވަވަނަ ހަސަން ރަސްގެފާނެވެ. މިކަމެއް ހިނގާފައި އޮތީ މީލާދީން 1558 ގައެވެ. އުތީމު ދަރިކޮޅުގެ ރަސްކަމުގައި ކަލާފާނު ތަޚުތުގައި އިންނަވަނިކޮށް މުހައްމަދު ރަންނަބަނޑޭރި ތަކުރު ނުރުހިގެން ގޮސް ފާދިއްޕޮޅު މާފިލާފުށީގައި ވަކިރަސްކަމެއް ގާއިމުކޮށް ފާދިއްޕޮޅުން ފެށިގެން އުތުރުގެ ހުރިހާ އަތޮޅުތަކެއްގައި ބާގީ ވެރިކަމެއް ހިންގިއެވެ. މީލާދީން 1600 ވަނަ އަހަރުން ފެށިގެން 1622 އާ ހަމައަށް ކުރިއަށް ގެންދިޔަ މި ބަގާވާތް ނިމުމަކަށް ގެންނެވީ ބޮޑު ރަސްގެފާނެވެ.

އެންމެ ބޮޑު ބަގާވާތަށް މަގު ފަހިވުން
ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަމުގައި 1752 ގައި ހޮޅީން ރާއްޖެ ގެނެސް ދިވެހިން އަޅުވެތި ކުރުވުމުގެ މޭސްތިރިންނަކީ ވެސް ދިވެހިންނެވެ. އެއީ ގާޒީ ހަސަންތާޖުއްދީނުގެ ދެބެއިންނެވެ. އެންމެފަހުން އެ ދެބެއިންވެސް ކަނޑުފައްތައި ރަސްގެފާނު ރަހީނުކޮށް ލަކްޝަދީޕަށް ގެންގޮސް މިރާއްޖޭގައި ހަތަރު މަހެއްހާ ދުވަހު ހޮޅީން ދެމިތިއްބެވެ. އެ އަޅުވެތިކަމުން ދިވެހިން މިންޖުކޮށްދެއްވީ ހުރާގޭ ދޮން ހަސަން މަނިކުފާނެވެ. ފަހުން އެއީ ދޮން ބަންޑާރައިންނެވެ. އެމަނިކުފާނު އެފަދަ ޖިހާދެއް ކުރެއްވީ އަމިއްލަފުޅަށް ރަސްކަން ހޯއްދަވާކަށް ނޫނެވެ. ޖިހާދު ކުރެއްވީ ދިވެހި ރައްޔިތުންނާއި ދިވެހި ރަސްކަމުގެ ހައްގުވެރިންނަށްޓަކައެވެ. އެކަން ތާރީޚު ފޮތް ބަލައިލީމާ ޝައްކެއް ނެތި އެނގޭނެއެވެ.

ހޮޅީން ރާއްޖެ ހިފިއިރު ތަޚުތުގައި އިންނެވީ ދިޔަމިގިލީ ޚާންދާނުގެ ސުލްތާނު އިބްރާހިމް އިސްކަންދަރު ދެވަނައިގެ ކޮއްކޯފުޅު ސުލްތާން މުހައްމަދު އިމާދުއްދީން ތިންވަނަ އެވެ. ހޮޅީން ދިޔައީ ރަސްގެފާނާއި ގަނޑުވަރުތެރޭގެ ވަރަށް ގިނަ ބޭފުޅުން ރަހީނުކޮށްގެން އެބޭފުޅުންނާއެކުގައެވެ. އިމާދުއްދީން ރަދުން 1752 ގައި ލަކްޝަދީޕަށް ގެންގޮސް ހައްޔަރުކޮށްފައި ބެހެއްޓީ ކަވަރައްޓިއޭ ކިޔުނު ރަށުގައެވެ. އެރަށުގައި ހުންނަވާތާ ހަ އަހަރު ފަހުން އެރަދުން އަވަހާރަވީ 1757 ގައެވެ.

ހޮޅީންނަށް މާލޭގައި ވެރިކަން ކުރެވުނީ ހަތަރު މަހެއްހާ ދުވަހުއެވެ. ގައުމަށާއި ރަސްކަމަށް ވަފާތެރި ބަޔަކު ގޮވައިގެން ނިކުމެވަޑައިގެން ދޮންބަންޑާރައިން ހޮޅީން މަރުއްވައި ބާކީތިބިބަޔަކު ފައްސާލައްވައިފިއެވެ. ރާއްޖެ މިނިވަން ކުރެއްވުމަށްފަހު ދޮންބަންޑާރައިން ވެރިކަންކުރެއްވީ ކަރަވައްޓީގައި މަލަބާރީންގެ ގައިދުގައި ހުންނެވި ސުލްތާން މުހައްމަދު އިމާދުއްދީނު ތިންވަނައިގެ ނަންފުޅުގައެވެ. އުއްމީދަކީ އެރަދުން މިނިވަންވެވަޑައިގެން މާލެއަށް ވަޑައިގަތުމެވެ.

މިގޮތަށް ވެރިކަން ކުރައްވަމުން ވަޑައިގަންނަވަނިކޮށް އިމާދުއްދީން ރަދުން އަވަހާރަވެއްޖެ ކަމުގެ ޚަބަރު 1757 ގައި ލިބިވަޑައިގެންފިއެވެ. އެ ޚަބަރު ލިބިވަޑައިގަތުމުން ދެން ދޮންބަންޑާރައިން ވެރިކަން ބަދަލު ކުރެއްވީ އަވަހާރަވި ރަދުންގެ ހަމައެކަނި ދަރިކަނބަލުން އާމިނާ ރަނިކިލެގެ ނަންފުޅަށެވެ. އާމިނާ ރަނިކިލެގެ ނަންފުޅުގައި ވެރިކަން ކުރެއްވީ 1759 އާ ހަމައަށެވެ. އަންހެން ބޭފުޅެއްގެ ނަންފުޅުގައި ވެރިކަން ކުރެއްވުމަށްވުރެ ދޮންބަންޑާރައިން އަމިއްލަފުޅަށް ރަސްކަން ކުރެއްވުން އައުލާކަން ބޮޑުކަމަށް ފެނިވަޑައިގެން ސުލްތާން ހަސަން އިއްޒުއްދީނުގެ ނަންފުޅުގައި ދޮންބަންޑާރައިން ތަޚުތަށް އިސްވެވަޑައިގަތީ 1759 ގައެވެ.

ދޮންބަންޑާރައިންގެ ރަސްކަމުގެ މެދުތެރޭގައި ސުލްތާނު އިބްރާހިމް އިސްކަންދަރު ދެވަނައިގެ ދަރިކަލުން އަދި ރަހީނުކޮށްގެން ގެންދިޔަ ރަދުން މުހައްމަދު އިމާދުއްދީނަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު ގިޔާސުއްދީން ހޮޅީންގެ އަތްދަށުން މިންޖުވެވަޑައިގެން މާލެއަށް ވަޑައިގެންފިއެވެ. އެމަނިކުފާނަކީވެސް ހޮޅީން ރަހީނުކޮށްގެން ގެންދިޔަ ބޭފުޅެކެވެ. އޭރު ދިޔަމިގިލީ ޚާންދާނުގެ ރަސްކަމުގެ ފިރިހެން ވާރިސަކަށް ހުންނެވި ހަމައެކަނި ބޭފުޅަކީ ގިޔާސުއްދީނެވެ.

މިސަބަބަށްޓަކައި ދޮންބަންޑާރައިން އެމަނިކުފާނު ގެންދެވީ ސީދާ ރަސްކަމުގެ ގަނޑުވަރަށެވެ. ނުހަނު އިއްޒަތުގައި ބޭންދެވީ ވަލީއަހުދުގެ މަގާމުގައެވެ. ދޮންބަންޑާރައިންގެ ވަސިއްޔަތަކީ އެމަނިކުފާނަށްފަހު ދެން ދިވެހި ރަސްކަން ގިޔާސުއްދީނާއި ހަވާލުކުރުމަށެވެ. ދިވެހިރަސްކަމަކީ ދިޔަމިގިލީ ޚާންދާނުގެ ހައްގަކަށްވާތީ އަމާނާތްތެރިކަމާއި އެކު އެ ހައްގު އަދާކުރުމަށެވެ.

މަތީގައި ޚުލާސާ ކުރެވުނީ އެޒަމާނުގެ ހާދިސާތަކެވެ. ފަހުގެ ތާރީޚުގައި ހަރާންކޯރުވުމާއި ބަގާވާތް ކުރުމުގެ ފެށުމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ދިޔަމިގިލީ ޚާންދާނުގެ ރަސްކަން ފޭރިގަނެ ގިޔާސުއްދީން ރަދުން ކަނޑުފައްތައި ހުރަވީ ޚާންދާނުގެ ރަސްކަން ފަށައިގަތުމެވެ. އެ ރަސްކަމަކީ ރާއްޖޭގެ އަތޮޅުތަކާއި މާލެ ތަފާތުކޮށް ބޭފުޅުންނާއި އެނޫން މީހުން ތަފާތުކޮށް ތިރި ގޮނޑިގޮނޑި އާއި އުސް ގޮނޑިގޮނޑީގެ އިމްތިޔާޒު ތައާރަފްކުރި ރަސްކަމެވެ. ރާއްޖެ ބައިބައިކުރި ރަސްކަމެވެ. އިނގިރޭސިންނަށް ރާއްޖޭގެ މިނިވަންކަން ވިއްކައިލި ރަސްކަމެވެ. ދިވެހިރާއްޖެ އާއި ދިވެހިންނަކީ ތިމަންނާމެންގެ އާއިލީ ތަރިކަ ކަމުގައި ބަލަންފެށި ރަސްކަމެވެ.

ބަގާވާތުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަދި އެންމެ ނަޖިސްކަން ބޮޑު ބަގާވާތަކީ މިދެންނެވި ރަސްކަން ގާއިމުކުރެވުނު ބަގާވާތެވެ. ބައެއްގެ އަނިޔާވެރިކަމާއި ގޮތެއް ފޮތެއް ނެތްކަން އެންމެ ބޮޑަށް ހާމަވެގެންދިޔަ ހާދިސާއަކީވެސް އެއީ އެވެ. އެހެންވީމާ ބަގާވާތުގެ ލިސްޓު ފަށައިގަންނާނީ އެންމެހައި ބަގާވާތްތަކުގެ ބައްޕަ ކަމަށް އަޅުގަނޑު ގަބޫލުކުރާ އަނިޔާވެރިޔާއާ ހަމައިންނެވެ.

އެމީހަކީ ހުރާގޭ މުހައްމަދު މަނިކުފާނެވެ. ދިވެހި ތާރީޚުން ސާބިތުވާ ގޮތުގައި ޖާހިލުކަމާއި ޖައްބާރު ކަމަށް އަރައިހުރި އެންމެ ބޮޑު ދައްޖާލަކީ އެއީއެވެ. އެފަދަ ނުބައި ނުލަފާ މީހެއްގެ ސަބަބުން ބަދަލުވި ވެރިކަމެއްގެ ގާނޫނީ ހައިސިއްޔަތު ގަބޫލުކޮށްގެން އެހެން މީހުންނާ ދިމާލަށް ބަގާވާތުގެ އިގިލި ދިއްކުރާ މީހުންނަށް އެތިބެވެނީ ބޮޑުވެގެންވާ އޮޅުމެއްގެ ތެރޭގައެވެ. އެއީ ހުރަވީ ޚާންދާނުގެ ވެރިންނަށް ވިޔަސްއެވެ. މުހައްމަދު އަމީނާއި ހަސަން ފަރީދު އަދި ނާސިރު ކަމަށްވިޔަސް އެވެ.

ބާގީންނާއި ޚާއިނުންގެ ބައްޕަ ހުރާގޭ މުހައްމަދު މަނިކުފާނު
މި މީހަކީ ދޮންބަންޑާރައިންނާ އެއްބައްޕާފުޅު ހުރާގޭ ހުސައިން މަނިކުފާނުގެ ފިރިހެން ދަރިއެކެވެ. ދޮންބަންޑާރައިންނަށް ބޮޑުބޭބެ ކިޔާ މީހެކެވެ. މީނާގެ ބައްޕަ ހުސައިން މަނިކުފާނަކީ ދޮންބަންޑާރައިން ވެސް ފަދައިން ގައުމާއި ވެރިންނަށް އިޚުލާސްތެރި އެކެވެ. އެކަމަކު މިސިފަ މުހައްމަދު މަނިކުފާނަށް ލިބިގެނެއް ނުވެއެވެ.

ދޮންބަންޑާރައިންނަށް ފަހު ދެން ރަސްކަމަށް އިސްކުރާނީ ދިޔަމިގިލީ ޚާންދާނުގެ މުހައްމަދު ގިޔާސުއްދީން ކަމަށް ދޮންބަންޑާރައިން އޮތީ ވަސިއްޔަތް ކުރައްވައިފައެވެ. މިއީ އެއްކަމަކަށްވުރެ ގިނަ ކަންކަމަށް ވިސްނެވުމަށްފަހު ދޮންބަންޑާރައިން ނިންމެވި ނުހަނު ހިކުމަތްތެރި ހަރުދަނާ ނިންމެވުމެކެވެ. ދޮންބަންޑާރައިން ކުރެއްވި ރަސްކަމަކީ އެމަނިކުފާނުގެ އަމިއްލަފުޅު ރަސްކަމެއް ނޫންކަމާއި ރަސްކަމުގެ ހައްގުވެރިޔަކީ ގިޔާސުއްދީން ކަމަށް ދޮންބަންޑާރައިން އިއުތިރާފު ވެވަޑައިގަންނަވައެވެ.

ދޮންބަންޑާރައިންގެ އަމިއްލަފުޅު ދެބޭފުޅުން ކަމަށްވާ މުހައްމަދު މުއިއްޒުއްދީނާއި ހަސަން ނޫރައްދީނަކީ ރަސްކަމެއް ކުރެވޭހާ ސިކުނޑީގެ ލާއިގުކަން ލިބިގެންވާ ބައެއް ނޫން ކަމަށް ވެސް ދޮންބަންޑާރައިން ގަބޫލު ކުރެއްވިއެވެ. ތިމަންނާއަށް ފަހު ރަސްކަން ގިޔާސުއްދީނަށޭ ތިމަންގެ ދަރިން މާތްކަލާގެއާ ވަކީލޭ ވިދާޅުވެ ދޮންބަންޑާރައިން ވަސިއްޔަތް ކުރެއްވުމުގެ ސިއްރަކީ އެއީއެވެ.

ދޮންބަންޑާރައިންގެ ވަސިއްޔަތާ އެއްގޮތަށް ދިޔަމިގިލީ ޚާންދާނުގެ މުހައްމަދު ގިޔާސުއްދީން ތަޚުތަށް އިސްކޮށްފިއެވެ. މިކަމެއް ހިނގީ މީލާދީން 1766 ގައެވެ. މިއީ ހުރާގޭ މުހައްމަދު މަނިކުފާނަށް ހަޖަމު ކުރެވުނު ކަމަކަށް ނުވިއެވެ. އެހިސާބުން ބަގާވާތް ކުރުމުގެ ތަފާތު ރޭވުންތައް ރާވަން ފަށައިފިއެވެ. ގިޔާސުއްދީން ގަތުލުކޮށް ރަސްކަން ފުރޮޅައިލުމަށް 1767 ގައި މުހައްމަދު މަނިކުފާނު އަޑީގައި ހުރެގެން ރޭވި ރޭވުމެއް ފަޅާއަރައި މުހައްމަދު މަނިކުފާނު ނޫން އެކަމުގައި ބައިވެރިވި އެންމެން އަރުވާލައިފިއެވެ.

ހުރާގޭ މުހައްމަދު މަނިކުފާނު ކަމަށްވާތީ އެފަހަރު ކަމެއް ނުކޮށް ދޫކޮށްލީއެވެ. އޭނާގެ ބައްޕަ ހުސައިން މަނިކުފާނާއި ބޮޑުބޭބެ ދޮންބަންޑާރައިންގެ އިޚުލާސްތެރިކަމާއި ވަފާތެރިކަމުގެ ހައްގަށްޓަކައި ދޫކޮށްލީއެވެ. ގިޔާސުއްދީން ރަދުންގެ ހެޔޮފުޅުކަން ދާދިއަވަހަށް ހަނދާން ނައްތާލައި އަނެއްކާވެސް ބަޔަކު ގޮވައިގެން ގަނޑުވަރު ތެރެއަށް ވަދެ ރަސްކަން އަތުލާނޭ ގޮތަކާއިމެދު މުހައްމަދު މަނިކުފާނު ސައްލާކޮށްފިއެވެ.

އެފަހަރު ނިންމީ ގަނޑުވަރާއި ގާތުހުރި ގެއެއްގައި ހުޅުޖަހާފައި އަލިފާން ނިވާން ރަސްގެފާނު ނިކުމެވަޑައިގަތީމާ އެ ދަނޑިވަޅުގައި ގަނޑުވަރުގެ ތެރެއަށް ވަދެގަތުމަށެވެ. މިރޭވުމުގެ ދަށުން ގަނޑުވަރާއި ދާދިގާތުގައި ހުރި ބަޑިބޭސް ގެއެއްގައި ހުޅުޖައިފިއެވެ. އެކަމަކު ކާމިޔާބެއް ނުލިބި މިކަންވެސް ފަޅާއަރައިފިއެވެ. ކުރީފަހަރު މައާފު ދެއްވިއަސް މިފަހަރު މުހައްމަދު މަނިކުފާނަށް މާފުދެއްވަން ގިޔާސުއްދީން ބޭނުންފުޅެއް ނުވިއެވެ. ބަގާވާތުގެ ކުށުގައި މުހައްމަދު މަނިކުފާނު އަރުވައިލެވުނީ ހައްދުންމަތީ ކަޅައިދުއަށެވެ. އެރަށަށް އަދި ނުފޯރަނީސް މާލެއިން އޭނާ ގޮވައިގެންދާން ފޮނުވި ހަނގުބޭކަލަކާއި ދެކޮޅުވެ އެމީހާ ބަނދެ އޮޑިޔާއިގެން ރާއްޖެ ދޫކޮށް ނިކުމެގެންދާން ވެސް އުޅުނެވެ.

މިކަންވެސް ކާމިޔާބެއް ނުވިއެވެ. މާލެއިން އިތުރު އޮޑިއެއްގޮސް މުހައްމަދު މަނިކުފާނު ހައްޔަރުކޮށްގެން ކަޅައިދުއަށް ގެންގޮސްފިއެވެ. ގިޔާސުއްދީނަކީ މާފުކުރެއްވުން އަވަސް ބޭފުޅަކަށްވީމާ އަހަރެއްހާ ދުވަހު ކަޅައިދޫގައި ބެހެއްޓެވުމަށްފަހު މުހައްމަދު މަނިކުފާނު މާލެ ގެންނަވައި ދެން އެފަދަކަމެއް ނުކުރާން ކަމަށް ހުވައި ކުރުވުމަށް ފަހު އަނެއްކާވެސް ޝަރަފުވެރިކަމާއެކު މާލޭގައި ބަހައްޓަވައިފިއެވެ.

ދެންވެސް މުހައްމަދު މަނިކުފާނުގެ ސިކުނޑި ސާފެއް ނުވިއެވެ. ދަނޑިވަޅެއް އާދޭތޯ އިންތިޒާރުގައި އެބަހުރެއެވެ. މިހެން ހުއްޓާ 1773 ގެ ފަހުކޮޅު ގިޔާސުއްދީން ރަދުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްޓަކައި ފުރާވަޑައިގެންފިއެވެ. ހަމަފުރާވަޑައިގަތުމާއެކު މީނާ އަޑީގައި ހުރެގެން މާލެ ގަޑުބަޑުކޮށްފިއެވެ. ބައިވެރިވާން ތިބި ބަޔަކު ގޮވައިގެން ބޮޑުކޯއްޓޭ ބުރުޒަށް އަރައި ގޮވައިފިއެވެ. މަލާބާރީން ރާއްޖެ ހިފައި ރާއްޖެ ދަރަނިވެރިވެ ހަފުސްވެފައި ވަނިކޮށް ރާއްޖެ ހިއްޕަވައި ދަރަނިދެއްވައި ރާއްޖެ މިނިވަންކުރެއްވީ ތިމަންގެ ބޮޑުބޭބެއެވެ. އެހެންވީމާ ރާއްޖޭގެ ރަސްކަން ދެން އެހެން މީހަކަށް ނުދޭނަމެވެ. ރަސްކަން ހައްގުވެގެން ވަނީ ތިމަންނައަށެވެ.

ރަސްކަމާއިހުރެ މަރުދޭނަމޭ ބުނެފައި ގަނޑުވަރަށް ވަދެ ތަޚުތު ފޭރިގެންފިއެވެ. މިކަމެއް ހިނގީ 1774 ގައެވެ. އެންމެފަހުން ބަގާވާތް ކާމިޔާބުވެ ތަޚުތުގައި އިށީދެވުނީމާ ސުލްތާން މުހައްމަދު ޝަމްސުއްދީން ދެވަނައިގެ ނަމުގައި މުހައްމަދު މަނިކުފާނު އަނިޔާވެރިވެގެންވާ ރަސްކަމެއް ފަށައިގެންފިއެވެ. ދިވެހިރާއްޖޭގައި އެންމެފަހުން ރަސްކަންކުރި ހުރަވީ ޚާންދާނުގެ ރަސްކަމުގެ ފެށުމަކީ މިއީއެވެ. އެ ރަސްކަމުގެ ބިންގާ އަޅައިދިނީ މި ޖާހިލު ކަލޭގެއެވެ. އެއީ އެއްގޮތަކަށްވެސް ދޮންބަންޑާރައިން އަޅުއްވައިދެއްވި ބިންގަލެއް ނޫނެވެ. އެވާހަކަ އިސްވެ ހިނގާއްޖެއެވެ.

އެންމެ ފުރަތަމަވެސް މި މުހައްމަދު މަނިކުފާނު ކުރިކަމަކީ ދިޔަމިގިލީ ޚާންދާނުގެ އެންމެހައި ބޭފުޅުން ހުޅިޔަންދޫ އާއި އެނޫންވެސް ދަތި ރަށްރަށަށް އަރުވާލައި ބައެއް މީހުން މަރައި ރަސްކަމުގެ ކޮއިލުގައިހުރި ގިޔާސުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލައި އެތާގައިހުރި ތަކެއްޗާއި ދިޔަމިގިލީ ދަރިކޮޅުގެ ބޭބޭފުޅުންގެ ގޯތިގޯއްޗާއި ވަގުފު ކުރައްވައިފައި ހުރި ތަކެއްޗާއި ދިޔަމިގިލީގައި ހުރި ގެއެއް ނޫން އެހެން އެއްވެސް އެއްޗެއް ދޫނުކޮށް ހުރިހާއެއްޗެއް ފޭރިގަތުމެވެ. މުދާ ފޭރުމުގެ އިތުރަށް މިބޭބޭފުޅުން އިލްމު އުނގެނުންވެސް މަނާ ކުރިއެވެ. ފޮތްފޮތައް ފޭރިގަތުމަށްފަހު އަންދައިލީއެވެ. ގިޔާސުއްދީނުގެ ރަސްކަމުގެ ދުވަސްވަރު ކަންތަކާއި ހަވާލުވެ އުޅުނު އެންމެންގެ މުދާތައްވެސް ފޭރި ރަށްރަށަށް އަރުވައިލިއެވެ. އެކަކުވެސް އިސްތިސްނާއެއް ނުކުރެއެވެ. އަންހެނެއް ފިރިހެނެއް ކުޑަކުއްޖެއް މުސްކުޅިއެއް ތަފާތެއް ނުކުރެއެވެ.

ދިވެހިރާއްޖޭގައި ފުރަތަމައަށް ގޭގެ ތަޅައި މުގުރައި ކިޔެވުން މަނާކޮށް ފޮތްތައް ފޭރުނު ވެރިޔަކީ މުހައްމަދު ޝަމްސުއްދީން ދެވަނަ އެވެ. އޮޅުން ނާރާވަރަށް ދިވެހިތާރީޚުގައި އެކަން ވަނީ ބަޔާންވެގެންނެވެ. އެހެންވީމާ މީނާގެ ފަހަތުން ވެރިކަން ކުރި ހުރަވީ ޚާންދާނުގެ މީހުންގެ ތެރެއިން ހަސަން ފަރީދު ރާއްޖޭގައި އިލްމު ފެތުރުން ހުއްޓުވައި މީސްމީހުންގެ އަތުން ފޮތްތައް އަތުލައި ކަނޑު ފެއްތި ފެއްތުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އެޚާންދާނުގެ ވެރިކަން ފެށިފައި އޮތީވެސް އެމަންޒަރު ދައްކަމުންނެވެ. އިލްމާއި ދެކޮޅު ހަރަކާތްތަކުގެ ދެ ވަނަ ދޭން ޖެހެނީ ހަސަން ފަރީދަށެވެ.

މުހައްމަދު މަނިކުފާނު ހިތްހަމަޖެހޭ ވަރަށް ބަދަލު ހިފައި ނިމުނީ އަހަރެއްހާ ދުވަސް ފަހުންނެވެ. މީނާ ބުނަމުން ދިޔައީ މިއީ ދޮންބަންޑާރައިންގެ ރަސްކަމެއް ކަމުގައެވެ. އެކަމަކު ދޮންބަންޑާރައިންގެ ދެބޭފުޅުން ގަދަވެ ހެޔޮ ހާލުގައި ތިއްބަވަނިކޮށް މީނާ ކުރަމުންދިޔަ ރަސްކަމުގެ ހައިސިއްޔަތާ މެދު މީސްތަކުން ސުވާލު އުފައްދަން ފެށީމާ ދެން ހެދިވަޑާމަކީ ދޮންބަންޑާރައިންގެ ދެ ބޭފުޅުންގެ ތެރެއިން މުހައްމަދު މުއިއްޒުއްދީނާއި ތަޚުތު ހަވާލުކޮށްފައި މީނާ ރަސްކަމުން ފޭބީއެވެ. މިކަމެއް ހިނގީ 1774 ގެ މެދުތެރޭގައެވެ. ރަސްކަމުން ފޭބިޔަސް ހަގީގީ ބާރުވެރިޔަކީ މީނާއެވެ. މުއިއްޒުއްދީން ހުންނަވަނީ ނަމެއްގައެވެ. މިގޮތުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިފިއެވެ. ރަސްކަމުން ފައިބައިފައި ތިމަން މިއީ މީގެފަހުން މުހައްމަދު ފާށަނާކިލެގެއޭ ބުނެ އަމިއްލައަށް ކިލެގެ ވެގެންފިއެވެ.
ގިޔާސުއްދީން ރަދުން ހައްޖު ދަތުރުފުޅުން އެނބުރި ވަޑައިގެން ރާއްޖެއަށް ވަދެވަޑައިގެންނެވުނީ މާލެއަތޮޅު ގުރައިދޫ ކައިރިންނެވެ. އެތާގައި ބަނދަރުކުރެއްވުމުން މުހައްމަދު މަނިކުފާނުގެ ބަގާވާތުގެ ޚަބަރު ލިބިވަޑައިގެންފިއެވެ. އާ ރަސްކަލަކީ މުއިއްޒުއްދީން ކަމާއި ހަގީގީ ބާރުވެރިޔަކީ މުހައްމަދު މަނިކުފާނުކަން ވެސް އެނގިވަޑައިގެންފިއެވެ. މިހެންވެ ރަސްގެފާނަށާއި މުހައްމަދު މަނިކުފާނަށް ފަތްކޮޅެއް ފޮނުއްވައި އެދެ ބޭފުޅުންގެ އަރިހުން އަމާންކަން އެދިވަޑައިގެން މާތްކަލާނގެ ކުރެއްވި ނިޔާފުޅާއި މިންވަރުފުޅަށް ރުހިވަޑައިގެން ހުންނެވިކަން ބަޔާން ކުރައްވައިފިއެވެ.

ގިޔާސުއްދީން ފޮނުއްވި ފަތްކޮޅު ބަލައި މިގޮތާއި ރުހެމޭ ބުނެ ގިޔާސުއްދީން ހުންނެވި އުޅަނދަށް މުހައްމަދު މަނިކުފާނު ހަނގުބޭކަލުންގެ ބަޔަކު ފޮނުވައިފިއެވެ. އޭގެ ތެރެއިން ތިން މީހަކު ޚާއްސަ ކުރެވުނީ ސީދާ ގިޔާސުއްދީނަށެވެ. ގިޔާސުއްދީނުގެ ދޯނިން ދަތުރުކުރަން ޖެހޭނީ ގިޔާސުއްދީނުގެ އިތުރުން މި ތިން މީހުން އެކަނިކަމަށްވެސް އޮތީ އަމުރުކޮށްފައެވެ. ހައްޖު ގާފިލާގައި ތިބި މީހުން އެކި ދޯނި ދޯންޏަށް އަރުވައިގެން މާލެދާން ދަތުރުކުރިއިރު ގިޔާސުއްދީން އިންނެވި ދޯނި ދުއްވަމުން ދިޔައީ އެންމެ މަޑުންނެވެ.

މިހެން ދަތުރުކުރަމުންގޮސް ވާދޫކަނޑާއި ހަމަވިއިރު އެހެން ހުރިހާ ދޯންޏެއް ކުރިއަރައިގެން ގޮސް އޮބާލައިފިއެވެ. އެ ދަނޑިވަޅުގައި ދޯނީގައި ތިބި ތިން މީހުން ގިޔާސުއްދީނުގެ ހަށިކޮޅުގައި ބަރު ބަނދެފައި ވާދޫކަނޑުގެ މެދަށް ފައްތާލައިފިއެވެ. މިއީ މުހައްމަދު މަނިކުފާނު އަމުރުކޮށްފައި އޮތް ގޮތެވެ. ސުލްތާން މުހައްމަދު ގިޔާސުއްދީން ވާދޫކަނޑަށް ފައްތައި ޝަހީދުކުރީ 07 އޮކްޓޫބަރ 1774 ވީ ހުކުރުދުވަހު އެވެ.

ގިޔާސުއްދީނާއި ނުލައި މި ތިންމީހުން މާލެ ފޭބިއިރު ގިޔާސުއްދީނުގެ އިންތިޒާރުގައި ރައްޔިތުން ތިއްބެވެ. މި ދެމީހުން ލެފީ މާލޭގެ ދެކުނު ފަރާތަށެވެ. ދެން މިކުރިކަންތައް އޮއްބާލަންވެގެން މުހައްމަދު މަނިކުފާނުގެ ރޭވުމުގެ ދަށުން މި ތިން މީހުން ބުނީ ރަންޖެހި ގަނޑުވަރަށް ގިޔާސުއްދީން ފައިބައިވަޑައިގެންފި ކަމުގައެވެ. ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މިދޮގު ފަޅާއަރައިފިއެވެ. އެއަށްފަހު މީސްތަކުން އަޖާއިބުވެގެން ކުދިކިޔަން ފެށީމާ މުހައްމަދު މަނިކުފާނު ބުނީ އަދިމާވަރުގަދަ އެއްޗެކެވެ. އެހާތަނަށް ދިވެއްސަކު ހެދިކަން އެނގިފައި ނުވާވަރުގެ ބޮޑު ދޮގެކެވެ.

މުހައްމަދު މަނިކުފާނު ރައްޔިތުންނަށް އެންގީ ގިޔާސުއްދީނާއި މެދު ކަންތައް ކުރަންވީ ގޮތަކީ ކޮބައިތޯ ފަނޑިޔާރު ކަލޭގެފާނު ކުރެން އެހީމާ ފަނޑިޔާރު ކަލޭގެފާނު ބުނުއްވީ ގަތުލުކޮށްލާށެވެ. އެހެންވެ ފަނޑިޔާރު ކަލޭގެފާނަށް ތަބާވުމުގެ ގޮތުން ގިޔާސުއްދީން ރަދުން ގަތުލުކޮށްފީމެވެ. މިބޮޑު ދޮގުގެ ވާހަކަ ފަނޑިޔާރު ކަލޭގެފާނު އައްސަވައިފައި މިއީ އެއްގޮތަކަށްވެސް އެކަލޭގެފާނު ދެނެވަޑައިނުގަންނަވާ ކަމެއް ކަމަށް ހުވައި ކުރެއްވިއެވެ.

ހެއްދެވި ފަރާތަށް އެއްވެސް ބިރެއްނެތި ނުބައިކަމާއި ނުލަފާކަމާއި ފާފަވެރިކަން ބޮޑު ޖަރީމާއެއް ހިންގައި އެކަން މަތިޖެހުމަށް ފަނޑިޔާރު ކަލޭގެފާނުގެ ބޮލަށް ޖަހައި އެކަންވެސް ދިވެހިރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވީމާ މި މުހައްމަދު މަނިކުފާނާއި ދޭތެރޭ ދެން ލިޔަންވީ ކީކޭ ބާވައެވެ. ބާގީންނާއި ޚާއިނުންގެ ބައްޕައޭ ލިޔުމަށްވުރެ އެކަށީގެންވާ އެހެން އެއްޗެއް ނެތެވެ. މިހުރިހާ ކަމެއް މީނާ ކުރިއިރު ގޮނޑިކޮއްކޮއެއްގެ މިސާލުގައި މުހައްމަދު މުއިއްޒުއްދީން ތަޚުތުގައި އިންނެވިއެވެ.

ގިޔާސުއްދީން ޝަހީދުކޮށްލިއިރު އެރަދުންގެ ހުންނެވީ އެންމެ ދަރިކަލެކެވެ. ދަރިކަލުން އަބްދުﷲ އަށް އޭރު އަށެއްކަ އަހަރެވެ. ނުބައިކަމާއި ނުލަފާކަމަށް އަރައިހުރި މުހައްމަދު މަނިކުފާނު ގަސްތުކުރީ އެދަރިކަލުންވެސް ގަތުލު ކުރުމަށެވެ. މިކަން ނުކުރެވުނީ އެދަރިކަލުން ތުއްޕުޅުކަމާއި އަދި އެދަރިކަލުން ބެލުމުގެ ޒިންމާއާ ހަވާލުވެގެން ތިބި ފުވައްމުލަކު ދެމަފިރިއެއްގެ ހުޝިޔާރުކަމާއި ހިކުމަތްތެރިކަމުގެ ސަބަބުންނެވެ. މުހައްމަދު މަނިކުފާނަށް ވަރަށް އާދޭސްކޮށްގެން އެދަރިކަލުން ފުވައްމުލަކަށް ގެންދިއުމުގެ އިޒުނަ އެންމެފަހުން ދީފިއެވެ. އެދަރިކަލުން ފުވައްމުލަކަށް ގެންދަވައި ގެންގުޅުއްވީ ދައިގަޑު ގަނޑުވަރު އަހުމަދު މަނިކުފާނާއި އޭނާގެ އަނބިކަނބަލުން ފުވައްމުލަކު ދިގަލެގެދަރު އާމިނާ މަނިކުފާނެވެ.

ހުރާގޭ މުހައްމަދު މަނިކުފާނު އެންމެ ފުރަތަމަ ބޭނުންވި ގޮތަށް ގިޔާސުއްދީނުގެ ދަރިކަލުން އަބްދުﷲ ގަތުލުކޮށްލެވުނު ނަމަ މި ލިޔުން ލިޔާ މީހާވެސް މިދުނިޔެއަކަށް ނާންނާނެއެވެ. އެހެނީ އެ އަބްދުﷲ އަކީ މިލިޔުން ލިޔާ މީހާގެ ބައްޕަގެ ފަރާތުން ފަސްވަނަ ކާފައެވެ. މަންމަގެ ފަރާތުން ހަ ވަނަ ކާފައެވެ.

މަންޒަރު ބަދަލުވުމާއި ހުރާގޭ މުހައްމަދު މަނިކުފާނު މަރުވުން
ތުއްޕުޅު އަބްދުﷲ ގެ އުމުރުފުޅުން ސާދަ އަހަރާއި ހަމައަށް އެމަނިކުފާނު ހުންނެވީ ފުވައްމުލަކުގައި އަރުވައިލެއްވިފައެވެ. ބަންދުވެފައެވެ. އެހެން ރަށަކަށް ވަޑައިގަތުމުގެ ހުއްދައެއް ނެތެވެ. އިއްޒަތެއް ހިމާޔަތެއް ނެތެވެ. މިހެން ހުންނަވަނިކޮށް 30 މާޗް 1779 ގައި ހުރާގޭ މުހައްމަދު މަނިކުފާނު މަރުވެއްޖެއެވެ. މީނާ މަރުވިތާ ދެތިން މަހެއްގެ ތެރޭގައި ހަމައެއަހަރު ސުލްތާން މުހައްމަދު މުއިއްޒުއްދީން ވެސް އަވަހާރަވެއްޖެއެވެ. މުއިއްޒުއްދީން އަވަހާރަވީމާ ދެން ތަޚުތަށް އިސްކުރެވުނީ މުއިއްޒުއްދީންގެ ކޮއްކޯފުޅު ހަސަން ނޫރައްދީނެވެ. އެއީ ދޮންބަންޑާރައިންގެ ދެވަނަ ދަރިކަލުންނެވެ.
އާ ރަސްގެފާނު ހަސަން ނޫރައްދީނު އެއްވަނަ އަކީ މުއިއްޒުއްދީނާއި މުހައްމަދު މަނިކުފާނާއި ވަރަށް ތަފާތު ބޭފުޅެކެވެ. ހަމަޔާއި އިންސާފު ގަބޫލު ކުރެއްވި ބޭފުޅެކެވެ. ދޮންބަންޑާރައިންގެ ވަސިއްޔަތުގެ މަތިން ހަނދުމަ ކުރެއްވި ބޭފުޅެކެވެ. އެހެންކަމުން ރަސްކަމަށް އިސްވެވަޑައިގެންފައި އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ ފުވައްމުލަކަށް އޮޑިއެއް ފޮނުއްވައިގެން ގިޔާސުއްދީނުގެ ދަރިކަލުން އަބްދުﷲ މާލެ ގެންނެވުމެވެ. ގެންނަވާފައި ހަސަން ނޫރައްދީން ބޭނުންފުޅުވީ ރަސްކަމުން ވަކިވެވަޑައިގެން އަބްދުﷲ އަށް ރަސްކަން ދެއްވުމަށެވެ.

ރަސްކަން ހުށައެޅުއްވީމާ އަބްދުﷲ ވިދާޅުވީ ފުވައްމުލަކު ދިގަލެގެދަރު އާމިނާ މަނިކުފާނު ފެނުކައްކައި ނުކައި އެއްލާލައިފައި އޮންނަ ކަހަނަލަކޮޅެއް ވެސް ދިވެހި ރަސްކަމަށްވުރެ ތިމަން މަނިކުފާނަށް މާ ރަނގަޅެވެ. މިހެން ވިދާޅުވެފައި ރަސްކަން ކުރެއްވުމަށް އުޒުރުވެރި ވެވަޑައިގެންފިއެވެ. މިކަމުން ރެކިވަޑައިގަތީމާ ދެން ހަސަން ނޫރައްދީނު ކުރެއްވި ކަމަކީ ފާމުލަދޭރިކިލެގެ ކަމަށް ކޮލި ލައްވައިފައި ފުވައްމުލަކާއި އައްޑު އަތޮޅާއި ހުވަދު އަތޮޅުގެ ވެރިކަން ދެއްވާފައި ފުވައްމުލަކަށް ފޮނުވައިލެއްވީއެވެ. ކިލެގެ ކަމަށް ކޮލި ލެއްވުމުން އަބްދުﷲ ގެ ނަންފުޅުވެސް ބަދަލުވެއްޖެއެވެ. އެއަށްފަހު ނަންފުޅަކީ އިބްރާހިމް ފާމުލަދޭރިކިލެގެފާނެވެ. އާއްމު ނަންފުޅަކީ ކިލެގެފާނެވެ.

ކިލެގެފާނު އަވަހާރަ ވަންދެން ފުވައްމުލަކުގައި ހުންނެވީ ރަސްކަލެއް ފަދައިން އިއްޒަތުގައެވެ. އާރާއިބާރުގައެވެ. އެމަނިކުފާނަކާއި މާލެއިން ނުބެހެއެވެ. ނޫރައްދީން ބަންޑާރައިން އަވަހާރަވުމަށް ފަހު އެރަދުންގެ ދަރިކަލުން މުހައްމަދު މުއީނުއްދީން އެއްވަނަ ވެސް ކިލެގެފާނާއި ދޭތެރޭ ބެހެއްޓެވީ ހެޔޮފުޅުކަމެވެ. ހަމައެގޮތަށް މުއީނުއްދީނުގެ ދަރިކަލުން މުހައްމަދު އިމާދުއްދީން ހަތަރެއް ރަސްކަމަށް އިސްވެވަޑައިގެންފައިވެސް ކިލެގެފާނާއި އަދި ކިލެގެފާނުންގެ ބޭފުޅުންނާއި މެދު މި ހެޔޮކަމާއި ދެނެގަތުން ބެހެއްޓެވިއެވެ.

ކިލެގެފާނުގެ އާއިލާ ދާދި އަވަހަށް މުޅި ދެކުނަށް ފެތުރިގެން ހިނގާއްޖެއެވެ. އެއާއިލާއަށް ޒަމާނުއްސުރެ އޮތް އިމްތިޔާޒުތަކާއި ދެނެގަތުން އުވާލައި ހުރަވީ ޚާންދާނު ނޫން އެހެން ބަޔަކަށް އިއްޒަތެއް އަބުރެއް މިނިވަންކަމެއް ނެތުމުގެ ސިޔާސަތު ގެންގުޅެން ފެށީ އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ އާރާއި ބާރު ރަސްކަމުގެ ތެރޭގައި ގަދަވި ހިސާބުންނެވެ. އެއީ މުހައްމަދު އިމާދުއްދީން ހަތަރެއް އަވަހާރަވެ އެމަނިކުފާނުގެ ދަރިކަލުން އިބްރާހިމް ނޫރައްދީން ތަޚުތަށް އިސްވި ހިސާބުން 1882 އިން ފެށިގެންނެވެ. އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނަކީ މުހައްމަދު އަމީނާއި ހަސަން ފަރީދުގެ ކާފައެވެ. އެހިސާބުން ދެން އޮތީ ރަސްގެފާނުގެ ބާރަށް ވުރެ ބޮޑަށް ބޮޑުވަޒީރުގެ ބާރެވެ. ރަސްކަންވެސް ބޮޑުވަޒީރުކަންވެސް ކުރަމުން ދިޔައީ ހުރަވީ ޚާންދާނުގެ ގޮފިތަކުންނެވެ. (ނުނިމޭ)
                         ----------------------                         
ލިޔުއްވީ: ގަދަކަލޭގެފާނު