މުޒާހަރާކުރުމުގެ ޙުކުމް


މިހާރު އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް ކުރެވޭ މުޒާހަރާތަކަށް ބަލާއިރު، އެއިން ޙާޞިލުވާ ރަނގަޅު ކަންތަކަށްވުރެ، އެއިން ލިބެމުންދާ ގެއްލުމާއި ހަލާކު މާ ބޮޑުކަން އެނގެ އެވެ.

ޢަރަބި ބަހުގައި މުޒާހަރާ (المظاهرة) އައިސްފައިވަނީ، ތަޒާހުރު (التظاهر) އިންނެވެ. ތަޒާހުރުގެ މާނައަކީ، ތަޢާވުނު (التعاون) އެވެ. ތަޢާވުނަކީ އެހީތެރިވުމާއި ވާގިވެރިވުމެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.

(وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللهَ هُوَ مَوْلاهُ) އައްތަޙުރީމު: 4

މާނައީ، "އަދި ތިޔަ ދެބޭކަނބަލުން އެކަލޭގެފާނާ ދެކޮޅަށް އެކަކު އަނެކަކަށް ވާގިވެރިވާނަމަ، ފަހެ، ހަމަކަށަވަރުން ﷲ އީ އެކަލޭގެފާނުގެ އެހީތެރިވަންތަ ރަސްކަލާނގެ އެވެ."

މީހަކު އެހެން މީހަކު ކުރާ ކަމަކަށް އެހީތެރިވެ އެކަމަށް ވާގިވެރިވުމަކީ، މުޒާހަރާކުރުމެކެވެ. މި މާނައިގެ އަލީގައި ބަލާއިރު، ދެ ބާވަތެއްގެ މުޒާހަރާ ވެ އެވެ. އެއް ބާވަތަކީ، ހެޔޮކަމާއި ތަޤުވާގެ މައްޗަށް ބިނާވެފައިވާ މުޒާހަރާ އެވެ. އަނެއް ބާވަތަކީ، ފާފަކުރުމާއި އަނިޔާވެރިވުމުގެ މައްޗަށް ބިނާވެފައިވާ މުޒާހަރާ އެވެ.

ހެޔޮކަންތައް ކުރުމަށާއި ތަޤުވާވެރިވުމަށް އެހީތެރިވުމަކީ މާތްވެގެންވާ އިސްލާމްދީން ގޮވާލާ ކަމެކެވެ. އެހެންކަމުން، ހެޔޮކަމާއި ތަޤުވާގެ މައްޗަށް ބިނާވެފައިވާ މުޒާހަރާއެއް ކުރުން ހުއްދަވާނެ އެވެ.

ފާފަކުރުމަށާއި އަނިޔާވެރިވުމަށް އެހީތެރިވުމަކީ މާތްވެގެންވާ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން، ފާފަކުރުމާއި އަނިޔާވެރިވުމުގެ މައްޗަށް ބިނާވެފައިވާ މުޒާހަރާއެއް ކުރުން ޙަރާމްވާނެ އެވެ.

ޝަރުޢީ ހަމަތަކުގެ މަތިން ވެރިއަކު އިންތިޚާބުކޮށްގެން އުފައްދާފައިވާ އިސްލާމީ ސަރުކާރުތަކާ ދެކޮޅަށް ކުރެވޭ މުޒާހަރާތަކަށް ބަލާއިރު، އެއިން ޙާޞިލުވާ ރަނގަޅު ކަންތަކަށްވުރެ، އެއިން ލިބެމުންދާ ގެއްލުމާއި ހަލާކު މާ ބޮޑުކަން އެނގެ އެވެ. އެފަދަ މުޒާހަރާތަކުގައި އެތައް ބަޔެއްގެ ލޭ އޮހޮރުވެ އެވެ. ކުށެއް ނެތް އެތައް ބަޔެއްގެ ބޮލުގައި އެތައް ތުހުމަތެއް އެޅުވި، އެމީހުން ބަދުނާމުކުރެވެ އެވެ. މުޒާހަރާކުރެވޭ ރަށްރަށުގައިވާ ފިހާރަތަކާއި އެފަދަ އެހެނިހެން ތަންތަން ވެސް ލޫޓުވާލެވެ އެވެ. މުޒާހަރާތަކުގައި އަންހެނުންނާއި ފިރިހެނުން އެއްތަނަކަށް އެއްވެ، ނަހަމަ ގޮތުގައި ގައިގޯޅިވެ އުޅުމަކީ ވެސް ހިނގާ ކަމެކެވެ. މިހުރިހައި ކަމެއް ހިނގަމުންދަނީ ރައްޔިތުންގެ މަޞްލަޙަތަށްޓަކައެއް ނޫނެވެ. އެކަމަކު، މީހުން ލައްވައި މުޒާހަރާތައް ކުރުވަން ފަރުދާގެ ނިވަލުގައި ނިވާވެގެން ތިބޭ މަދުބަޔެއްގެ މަޞްލަޙަތަށްޓަކަ އެވެ. (މުޒާހަރާތަކުން ފައިދާލިބެނީ އެމީހުންނަށެވެ. މުޒާހަރާތައް ކުރަން ނިކުންނަ އާންމު ރައްޔިތުންނަކަށް ނޫނެވެ.)

މިކަންތައްތަކުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު ބުނަންޖެހެނީ، މިޒަމާނުގައި ޝަރުޢީ ހަމަތަކުގެ މަތިން އުފެދިފައިވާ އިސްލާމީ ސަރުކާރަކާ ދެކޮޅަށް ކުރެވޭ މުޒާހަރާތަކުން އެއްކިބާވެގެން ތިބުމަށެވެ. މީހެއްގެ ދީންވެރިކަމާއި އޭނާގެ އަބުރާއި ޢިއްޒަތް ބޮޑަށް ރައްކާތެރިކުރެވޭނީ އޭރުންނެވެ. އަދި ތަޤުވާވެރިކަމާ ގާތްކަން ބޮޑު ގޮތަކީ ވެސް (އިސްލާމީ ގައުމެއްގެ ސަރުކާރާ ދެކޮޅަށް) ވަކި ބަޔެއްގެ މަޞްލަޙަތަށްޓަކައި ކުރެވޭ މުޒާހަރާތަކުގައި ބައިވެރި ނުވުމެވެ. އެފަދަ މުޒާހަރާތަކުގައި ބައިވެރިވުމަކީ، ވަގުތާއި ހަކަތަ، ބޭކާރު ގޮތުގައި ގެއްލިގެންދާނެ ކަމެކެވެ. ނަމަވެސް މުސްލިމުންގެ ޙައްޤުތައް ހޯދައި، ޝަރުޢީ ހަމަތަކުގެ މަތިން ޤައުމުގެ ވެރިކަން ޤާއިމުކުރުމަށްޓަކައި ކުރާ މުޒާހަރާތަކުގައި އަންހެނުންނާއި ފިރިހެނުން ބައިވެރިވުމަކީ ހުއްދަ ކަމެކެވެ.
                       -------------------

މުޞަންނިފު: ފަޟީލަތުއްޝައިޚު މުޞްޠަފާ އަލްޢަދަވީ
ޚުލާޞާ ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން
މަޞްދަރު: حكم المظاهرات في الإسلام