ކާތިބޫން އެސޯސިއޭޝަން އުފެއްދުން









ހުޅަގުއަވަށު ބޮޑު ނިކަގަސްދޮށު ކުރިންހުރި ހޮޅުއައްޓަށް މިހައިރު މައިދާނެކޭކިޔަސް އެތަނަށް ހޮޅުއަށިކިޔާމީހުންވެސް މަދެއްނޫނޭ. މިނަންގަނެވުނު ހޮޅުއަށީގައި މިއަދު ބޮޑުވެގެންވާ މުޝާވިރެއް އެބަހީ ސައްލާއެއް ކޮށްފޫވޭ. މިސައްލާގެ ބެއިނުމީ ދިރިދުނިޔޭގައި މިތިބަ އެންމެހައި ދިވެހިއަޅުތަކުންކުރެ އެބަޔެއްގެ މުހުތާދުތައް ބޮލަރުވައި އެބަޔަކަށް މަންފަޢަކުރާ ޒާތުން ކަންކަން ހަމަޖެއްސޭނެ މަގުތައް ހޯދައިބަލައި އެމަގުމަގުން ހިގުންކަމުގައި ވިޔޭ. ނިކަގަސްދޮށު ހޮޅުއަށީގައި މިސައްލާއަށް ޖަމަޢަވި މީސްތަކުންގެ އަޑުއަހާންތިބި މީސްތަކުންކުރެ ބުއްދިވެރިޒާތުގެ ބެއިކަލަކު އެއަޑުތައް އެއްސެވުމަށް ހުންނެވުމަށްފަހު ބުނުއްވިޔޭ.

"ކުދީނޭވޭ ތިބާއީ މިކަރައިގައި ތިބި ތިޔަބައިމީހުންގެ ފިރިހެނުންނާއި އަންހެނުންނަށް އުހައުފާގަތިކަން ހޯދުމަށްޓަކައި ކުރެވޭ ސައްލާތަކުންކުރެ މޮޅުވެގެންވާ ސައްލާއެއްކަމުގައި ނޫނީ ނުވާހުއްޓޭ. ކިޔެއްހޭ ތިޔަކަންވާހުށީ ފަހުތިބީނަށްވެސް ނުހަނު ލާބަހުށި ކަމަކަށޭ. ތިޔަބައިމީހުންގެ ވާހަކަތަކުން އަހުރެންނަށް އިވުނުނަމަ އިވުނު އެއްޗަކުން އަހުރެންނަށް ކަށަވަރު ބަޔާންވަނީ މިދިވެހިރާއްޖޭގައި މިތިބަ ރައްޔިތުންނަށް މޮޅުމޮޅު ލުއިގޮތްތައް ހޯދައި އެގޮތްތައް އެއުރެންނަށް ވާސިލުކޮށްދިނުމަށް އެއުރެންގެ ލޮލުންބޮލުން ރުހި ގަބޫލުގައި ހޮވައިތިބި ވެރީންނަށްވުރެ އެމަގުގައި އިސްވެ އަރައިތިބިކަމަށް ބުނެވޭ އެހެންބަޔަކު މިރާއްޖެއިން ފައުޅުވެ އެއުރެންގެ މަސައްކަތުގައި އަތުކުރި އޮޅައިފިކަމޭ. މަޢުނައީ މިހައިއިރު އަހުރެމެންގެ ކުދި ދަރީންނަށް ކިޔަވައިދީ އުގަންނައިދިނުމުގެ ހެޔޮކަންބޮޑު މަސައްކަތުގައި ދެމިތިބި ހަމަ އަހުރެމެންގެ ބަޔެއްގެ އުޖޫރަތައް ބޮޑުކޮށްދޭން މިބަޔަކު ހިތުގައި އަޅަފިކަމޭ. މިކަމެއްގައި އިސްވެނުކުތް ބަޔެއްގެ މަގާސިދަކީ މިއީކަމަށްވާނަމަ އެއުރެންނަށް ދަރުމަހުއްޓޭ. އެކަމަކު މިއުރެންގެ މަގާސިދުގައި އެނޫންގޮތެއްވާނަމަ ތަވައްކަލްތު ޢަލަﷲ އޭ. މާތްކަލާގެއާއި ވަކީލޭ.

ކުދީނޭވޭ ދެންއޮތީ ތިޔަބައިމީހުން އިސްވެ ކުރާން މިހައިރު ހިތުއަޅައިގެން އުޅޭ ކަމޭ. އެކަމަކީ ހަމަ އަހުރެމެންގެ ކުދި ދަރީންނަށް ކިޔަވައިދީ އުގަންނައިދިނުމުގެ ހެޔޮކަންބޮޑު މަސައްކަތުގައި ދެމިތިބި ހަމަ އަހުރެމެންގެ ބަޔެއްގެ އިތުރަށް ހަމަ އަހުރެމެންގެ ކަންކަމުގައި ނުހަނު ބުރައުފުލާންޖެހޭ އެހެންމީސްމީހުންގެ އުޖޫރަތައް ބޮޑުކޮށްދޭން އިސްވެ ޖަމާޢަތެއް ހެދުމަށް ތިޔަބައިމީހުންވެސް ހިތުގައި އަޅައިފިކަމޭ. މިކަމަކީވެސް ނުހަނު ބެއިނުންބޮޑު ކަމެކޭ. އެހެންނާ މިރާއްޖޭގައި އަހުރެމެންނަށްޓަކައި މަސައްކަތްކުރާން ތިބި އެކިބާވަތުގެ އެކިގިންތީގެ އެކިޒާތުގެ ނަންކިޔާމީހުންވެސް މަދެއްނޫނޭ. މިއުރެންނަކީވެސް މިއުރެންގެ އުޖޫރަބޮޑުވާން މިއުރެންނާއި މިއުރެންގެ ބެލުމުގެ ދަށުގައިތިބި މައިންބަފައިންނާއި ޅަދަރީންނާއި ތިޔަބައިމީހުންނާއި އަދި އަހުރެންވެސް ނުހަނު އެދޭބަޔެކޭ. ހެޔޮކަންހުށި ތިޔަބައިމީހުންގެ މިމަގާސިދުގައި ކާތިބޫނޭ ނަންގަނެވޭ ޖަމާޢަތެއް ހެދުމަށް ތިޔަފެއްޓި މަސައްކަތުގައި ބަރަކާތްލައްވާނެތޭ. ތިޔަމަގުގައި އިސްވެ އަވަހަށް ކުރިއަރައިދާހުށި ކަމޭ.

ކުދީނޭވޭ. އަހުރެންގެ ފުށުން ތިބާ ކުދީންނަށް އިއްވާން ދެންއޮތް ވާހަކައާމެދު ތިބާކުދީންކުރެ ބައެއްބައެއް ކުދީންގެ ހިތުގައި އަހުރެންނާމެދު ކުޑައިމީސްކަމެއް ނުބޭއްވުން އެދެވިގެންވެޔޭ. އެވާހަކައީ މިރާއްޖޭގައި މިފަހަކަށްއައިސް ރައްޔިތުންނަށް އެހެންނޫނީ ރައްޔިތުންގެ ބަޔަކަށް މަންފާއާއި ލާބަހޯދައިދިނުމުގެ ނަމުގައި އެކިބާވަތުގެ ބައެއްބައެއް މީސްމީހުން ޖަމާޢަތްތަކާއި އިދާރާތަކާއި މަކުތަބު މަދަރުސާތައް އުފައްދައި އެތަންތާގެ ނަމުގައި ބޭރު ކަރަތަކާއި ކިޔެއްހޭ އަދި މިރާއްޖޭގައިވެސް ކުރާ މަސައްކަތުގެ ތެރޭ އެހެންބަޔެއް ފިޔަވައި ހަމަ އެއުރެންގެ އަމިއްލަ ފައިދާއާއި އަމިއްލަ ލާބައާއި އަމިއްލަ މަންފާއަށްޓަކައި ވަންނިވަންނީގެ މަދުނޫން މަސައްކަތްކުރާ ކަމުގެ އެކިއަޑުތައް ތިޔަބައިމީހުންވެސް އަހާނޫއޭ. އެއިގެއިތުރަށް މިރާއްޖެއަށް އައިކަމަށްބުނެވޭ ދިމިގްރާތީއޭ ކިޔުނުއެއްޗެއްގެ ސަބަބުން ވަކިބަޔެއްގެ ސިޔާސީ ބެއިނުންތަކަށްވެސް އިހުނަންގަތް ޖަމާޢަތްތަކާއި އިދާރާތަކާއި މަކުތަބު މަދަރުސާތަކުގެ ބެއިނުންހިފައި ނުބައިކަންބޮޑު މިމަސައްކަތްވެސް އެބަކުރެޔޭ. މިއަޑުތަކީވެސް އަހުރެންނަށްވުރެ ބޮޑަށް ތިޔަބައިމީހުންވެސް އަހާނެ އަޑުއަޑޭ. ކިޔެއްހޭ މިފަދަކަންކަމުގެ ނުބައިކަން ބޮޑުކަމާއި ޢަޒާބުގެ ގަދަފަދަކަން ތިޔަބައިމީހުންވެސް ހަމަ ރަގަޅަށް ދަންނާނޫއޭ. މިހެންމެ ރައްޔިތުންނަށް އެހެންނޫނީ ރައްޔިތުންގެ ބަޔަކަށް މަންފާއާއި ލާބަހޯދައިދިނުމުގެ ނަމުގައި ތިމަތިމާމެންގެ އަމިއްލައެދުމާއި މަސްލަޙަތަށް އެކުރާ އެންމެހައިކަމެއްވެސް ބައްލަވައި ދެނެވޮޑިގެންވާ މަތިވެރި ފަރާތްޕުޅެއް ދާއިމަށް ވޮޑިގެންއެބަވެޔޭ.

ކުދީނޭވޭ. ކަންހުށިމަގީ މިއޭ. ތިބާކުދީން މިއަދު އުފައްދާން ތިޔައުޅޭ ކާތިބޫން ޖަމްޢިއްޔާ އުފެއްދުމަކީ ހަމަ އެންމެރަގަޅުކަމެކޭ. ހެޔޮކަންހުށި މިކަހަލަ ކޮންމެކަމެއްގައިވެސް ޝަރުޠުތަކެއްވާހުއްޓޭ. އެއިގެތެރެއިން އަހުރެންނަށް އެގޭ މަދު މިންވަރެއް ބަޔާންކުރާހުށީމޭ.

ކުދީނޭވޭ. ތިބާކުދީން ކުރާންއުޅޭ ތިޔަކަމެއްގެ މަގާސިދުގައި ޙީލަތްތެރި މަކަރުވެރިކަމެއްނެތުމީ ހަމަކޮންމެހެން ލާޒިމުކަމެކޭ. ކިޔެއްހޭ ސިޔާސީ ބެއިނުމާއި މިރާއްޖޭގެ ކަންހިންގާންތިބި ބަޔަކަށް ނުފޮރުއްޕާން ކުޅައުމާއި އަދި އަހުރެމެންގެ ނިކަމެތި ރައްޔިތުންގެ ބައިތުލްމާލު ނޮޅައި ހަފުސްކޮށްލާނޭ ލުއްޗާ އިޔަހޫދި ވިސްނުން ނެތުމީވެސް ހަމަކޮންމެހެން ތިޔައިގެތެރޭ އޮންނާންޖެހޭ ޝަރުޠެކޭ. މިއަށްވުރެވެސް ބޮޑުވެގެންވާ ޝަރުޠަކީ އަހުރެމެންގެ ޅަދަރީންނާއި އަދި އަހުރެމެންގެ އެހެން މީސްތަކުންނަށްވެސް ހުތުރުކަމާއި އެއިގެސަބަބުން ލިބޭނޭ ގެއްލުންތައްބޮޑު އެންމެހައި ކަންކަމާއި މުޖުތަމަޢަށް ނުބައިއަސަރު ފޯރާނޭފަދަ ކަންކަމާއި މިސާލުތަކުން ރައްކައުތެރިވެ ތިބެ ތިޔަ އުފައްދާ ކާތިބޫން ޖަމާޢަތް އުފެއްދައި ކުރިޔަށްދިޔުމޭ. އަހުރެން މިބުނި ކަންކަމުގެ އެއްމިސާލީ ތިޔަބައިމީހުން ތިޔަ އުފައްދާ ކާތިބޫން ޖަމާޢަތުގައި ހިމެނޭ އެއްބަޔެއްކަމަށްވާ އިންސާނިއްޔަތަށް ބޭސްފަރުވާކުރާ ތަންތާގައި މަސައްކަތްކުރާ މީހުންގެ އުޖޫރަބޮޑުކުރުމަށް ކުރާ ހަޅުތާލެއްގެ ނަމުގައި އިންސާނިއްޔަތަށް ބޭސްފަރުވާކުރާ ތަންތާގައި މަސައްކަތްކުރާ މީހުންގެ މަސައްކަތްހުއްޓުވައި އެބައިމީހުން ވަކިކަހަލަ ހެދުމެއް ނޫނީ މޫނުމައްޗެއް އަޅުވައިގެން އުޅެފިއްޔާވާނީ ދެންވާނީ ކިހިނެއްހޭ. އެއިގެ ސަބަބުން ފުރާނަދޫކޮށްލާން ޖެހޭނީ އަހަރެއަހަރެމެންގެ ތެރެއިން ކިތައްމީހުންހޭ. އެހެންކަންކަމުގެ ވަކި މިސާލެއް އަހުރެން ނުދެއްކިކަމަށްވިޔަސް އެކަމެއްގެ ސަބަބުން ދެން ވާނޭކަންކަމާއި ވާންޖެހޭ ކަންކަންވެސް ތިބާކުދީން ހަމަ ރަގަޅަށްދަންނާނޫއޭ.

ކުދީނޭވޭ. އަހުރެންގެ ވާހަކަ ދިގުވިޔަތީ މިހިދަށް މިހިސާބަށް ކުރުކޮށްލައި މިނިމުނީއޭ. އަދާމަﷲއޭ. އަހުރެން މިދަނީއޭ. ތިބާކުދީންގެ މަގާޞިދުގައި ބަރަކާތްލައްވާނެތޭ."
        ------------------------
ފޮނުއްވީ: މީމު ނޫނު